"އަނެއްކާ އެގެއަށް ބަދަލުވާން ބޭނުންވެގެން މައާލް ތިއުޅެނީ ރާދިން އެއްޗެކޭ ބުނީމަތަ؟" މުނީރުގެ އަޑާއެކު، ރާދިންއަށް މަޑުޖެހެވުނެވެ. ރޭގައި މައާލް ބުނި ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމައިލިއެވެ.
އެއާއެކު ރާދިންގެ ހިތް ތެޅިލިއެވެ. މައާލް މުނީރުގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދީފިނަމަ، މުނީރު އޭނާ ދެކެ ރުޅި އަންނާނެކަން ރާދިންއަށް އެނގެއެވެ. ހަމައެއާއެކު އެގޮތަށް ކަންތައްކުރަން، މުނީރު އެއްގޮތަކަށްވެސް ހުއްދައެއް ނުދޭނެއެވެ. ކިތަންމެ ގޮތް ދޫނުކުރިޔަސް މުނީރުއާ ޖަދަލުކުރުމަށްފަހު، ގެއިން ނުކުމެގެން ދާކަށް ރާދިންއަކަށް ނުކެރޭނެއެވެ. ރުންކުރުގޮތެއް ހުރިނަމަވެސް، އޭނާ، އޭނާގެ ބައްޕައަށް އިޙްތިރާމްކުރެއެވެ. މައާލް ބުނާނެ އެއްޗެއް ނޭނގި ރާދިންއަށް ނިތުގައިވެސް އަތް ޖައްސައިލެވުނެވެ. ފާރުގައި ލެނގިލައިގެން އޭނާ ހުއްޓެވެ.
މުނީރުގެ އެ ސުވާލާއެކު މައާލްއަށް ތެޅިގަނެވުނެވެ.
"ނޫން..."
"ބައްޕަގެ ހިތަށް ހަމައަރަނީ ދަރިފުޅު ތިފަދަ ވާހަކައެއް ބުނާނީ ރާދިން ކޮންމެވެސް އެއްޗެއް ބުނީމައޭ… ނޫންތަ؟" މައާލްގެ މޫނުމަތިން ފެނުނު އަސަރުތަކުން މުނީރަށް ރާދިންގެ އަތެއް އެކަމުގައިވާކަމުގައި ޝައްކުވިއެވެ.
"ނޫން ބައްޕާ…" މައާލް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހުރި ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ދެން ކީއްވެ؟" މުނީރު މައާލްގެ ވާހަކަ ޤަބޫލުކުރަން ބޭނުންނުވާ ފަދައެވެ. އެންމެ ފުރަތަމަ އޭނާ ހީކުރީ މައާލް ބޭނުންވެގެން ދާން އުޅެނީ ކަމުގައެވެ. އެހެންނަމަވެސް، ފަހުން ވިސްނައިލުމުން އެކަމުގައި ރާދިންގެ އަތެއް ވާކަމުގައި އޭނާގެ ހިތް ހަމަ ބުނަނީއެވެ.
"އެއީ… އަޅުގަނޑު… އަޅުގަނޑު ބޭނުންވަނީ…. އެގެއަށް ދާން…. ހަތް އަހަރުގައި މާލެއައިސް މަންމަމެންނާ އެކީ އެގޭގައި އުޅުނު ހަނދާން ކޮންމެވެސް ވަރަކަށް ހުރޭ… އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރު އައި ފަހަރު އެއީ... ބައްޕަގެ ގެ ވީމަ އެގޭގައި އުޅެން ބޭނުންވަނީ… އެ ގެއަކީ ބައްޕައަށް ޚާއްސަތަނަކަށް ވީތީ… އަޅުގަނޑު ބޭނުންވަނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެގޭގައި މަޑުކޮށްލަން. މިކަމަށް ހުއްދަދެއްވާ ބައްޕާ! ރާދިން އެއްވެސް އެއްޗެއް ނުބުނޭ…" މައާލް ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެއެވެ. އެ ނިންމުމަކީ ރާދިންގެ ނިންމުމެއް ކަމަށް އޭނާ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟ ބައްޕަ އުމުރުން ދުވަސްވަމުން ދާއިރު، އަދި އެކަނި ވެރިވީ ދުވަހު އެ ބައްޕައާ ދަރިފުޅު ވަކި ކުރަން އުޅެނީ އޭނާއަށް ނޫނެވެ. އެއީ ޚުދު ރާދިންގެ އަމިއްލަ ނިންމުމެކެވެ. އެހެންނަމަވެސް އެހެން ބުނެ އެ ބައްޕަގެ ހިތް ހަލާކުކޮށްލާނެހާ ހިތްވަރެއް މައާލްގެ ނެތެވެ.
"ތިކަމަށް ހުއްދަ ދޭނީ އެކަމަކު ކިހިނެއް؟"
"ބައްޕާ! އެގޭގައި އުޅެ އެ ހަނދާންތައް އަލުން އާކޮށްލުމަށް ފުރުސަތެއް ދީ… މަންމަމެންގެ ހިތާ އެހާ ގާތް ތަނެއްގައި އަލުން އުޅެލުމުގެ ފުރުސަތު ދީ…" މައާލް އެކި ގޮތްގޮތަށް މަސައްކަތްކުރީ އެއީ ރާދިންގެ ކަމެއް ނޫންކަން މުނީރަށް ޔަޤީން ކޮށްދޭށެވެ. މައާލް ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް އޭނާއަށް ޝައްކުވިއެވެ. އެހެންނަމަވެސް، އޭނާ މައާލްއަށް އިތުބާރުކުރިއެވެ. ރާދިންއަކީ ޒިންމާދާރު ޒުވާނެއް ނޫން ނަމަވެސް، މައާލްއަކީ ހަރުދަނާ އަންހެން ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ރާދިންއަށް ބޭނުންވަނީ ވެސް އެ ފަދަ ކުއްޖެކެވެ. އޭނާ މައާލްއަށް ފުރުސަތެއް ދޭން ބޭނުމެވެ. އެ ނިންމުން ނިންމަން މައާލްއަށް މަޖުބޫރުކުރީ ރާދިން ނަމަވެސް އެވެ.
ރާދިންއަށް އެ ވާހަކަތައް އަޑު އަހަން ހުރެވުނުއިރު އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. މައާލްގެ ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ސިފައާ މެދު އޭނާއަށް ވިސްނައިލެވުނެވެ. މައާލް ބޭނުންވި ނަމަ ހުރިހާ ވާހަކައެއް މުނީރާ ހިއްސާ ކުރެވުނީސްއެވެ. މުނީރު އެ ހުރީ މައާލް ބުނާ ކޮންމެ އެއްޗެއް ޤަބޫލުކުރާށެވެ. އެހެންނަމަވެސް، މައާލް ޚިޔާރުކުރީ މުޅިން އެހެން މަގެކެވެ. އެއީ ކޮން ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟
"ބައްޕަ ވަރަށް ދެރަވާނެ. އެކަމަކު މައާލްގެ ތި އެދުން ވެސް ބައްޕަ ފުއްދައިދޭނަން. މައާލް ބުނީތީ ހަމައެކަނި." މުނީރު މައާލްގެ ބޮލުގައި ފިރުމައިލިއެވެ. މައާލްއަށް ހިނިތުންވެލަން ވެސް ނޭނގި ހުރެ އިސްޖަހައިލެވުނެވެ.
"އިރާދުކުރެއްވިއްޔާ ބައްޕަ ދޫކޮށެއް ނުލާނަން. އަދި ބައްޕަ ކައިރިއަށް އަޅުގަނޑުމެން އަންނާނަން. އަޅުގަނޑަށްވެސް އެނގޭ އުމުރުން ދުވަސްވީ ދުވަހު ބައްޕަގެ ކައިރިން މި އެދެވެނީ ވަރަށް ބޮޑުކަމަކުކަން. އެކަމަކުވެސް…" މައާލްގެ ސިކުނޑިއަށް ހުސްކަމެއް ވެރިވުމާއެކު އޭނާގެ ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް އޭނާއަށް ނޭގުނީއެވެ. މުނީރުގެ ހިތްހަމަ ޖައްސައިދޭން އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟
"ރާދިން ދަރިފުޅަށް ރަނގަޅުތަ؟" މުނީރުގެ އެ ސުވާލާއެކު ނުތަނަވަސްވީ މައާލް އެކަންޏެއް ނޫނެވެ. އެވާހަކަތައް އަޑު އަހަން ހުރި ރާދިންވެސް ހާސްވިއެވެ. މައާލް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި އޭނާގެ ހިތުގެ ތެޅުން އަވަސްވެލި ނަމަވެސް، ހިތުގެ ކަނަކުން މައާލް އޭނާގެ ސިއްރު މުނީރުގެ ކުރިމަތީގައި ބޭޒާރު ނުކުރާނެކަމުގައި ބުނަމުން ދިޔައެވެ.
މައާލް ބޯ ޖަހައިިލިއެވެ.
"ބައްޕައަށް އެނގޭ ރާދިންގެ ފަރާތުން ހިތްހަމަނުޖެހުމެއްގެ އަސަރު ފެންނާނެކަން. އޭނަ ބޭނުންނުވާ ގޮތަކަށް ކަމެއް ނުވެއްޖެއްޔާ އެތަކެއް ދުވަހަކު އެކަން ހިތުގައި ލައިގެން އުޅޭނެ. އެކަމަކު އެ ހިތް އަސްލު ވަރަށް މަޑުވާނެ. ރުޅި އައިސްގެންވެސް އަނިޔާވެރި ވާނެ ޒުވާނެއް ނޫން ރާދިންއަކީ." މުނީރު ބުނެލިއެވެ. މައާލް ގަދަކަމުން ހިނިތުންވެލިއެވެ.
"ރާދިން ރަނގަޅު… ބައްޕަ އެކަމާ ކަންބޮޑުނުވޭ…" މައާލް އެހެން ބުނެލިނަމަވެސް، އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އެ ޚިޔާލުތަކުގެ ތެރެއިން ރާދިން އޭނާއަށް އޯގާތެރިވީ ބައެއް ދުވަސްތަކުގެ ހަނދާންތައް ވެސް އާވިއެވެ.
އެ ދެމީހުންގެ ވާހަކަތައް އަޑު އަހަން ހުރުމަށްފަހު، ރާދިން ތިރިއަށް ދާން މިސްރާބުޖެހިއެވެ. މައާލްގެ ވާހަކަތަކުން އޭނާގެ ހައިރާންކަންވަނީ ދެގުނަވެފައެވެ. އެ ފަދަ މަޑުމައިތިރި ހިތެއް މައާލްއަށް ލިބުނީ ކިހިނަކުންހެއްޔެވެ؟ ވިސްނި ވަރަކަށް އެ އަންހެން ކުއްޖާއާ މެދު އޭނާގެ ހިތް ސާފުވަމުން ދަނީ ކީއްވެހެއްޔެވެ؟ ނަފްރަތު ކުރަން ބޭނުންވި ނަމަވެސް، އެ ދެލޮލުގެ އެންމެ ވިދުވަރަކުން އެ ހިތް މަޑުކަފަކޮޅަކަށް ވަނީ ކީއްވެހެއްޔެވެ؟ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި އޭނާގެ މުޅި ހިތާ ހަށިގަނޑު ގައިދުވެގެން ދަނީ ކީއްވެހެއްޔެވެ؟ ކައިރިވާ ކޮންމެ ފަހަރަކު އެ ދެމެދުގައިވާ ދާއިރާ އިތުރަށް ހަނިކޮށްލަން ބޭނުންވަނީ ކީއްވެހެއްޔެވެ؟ އެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން ބޭނުންވަނީ ކީއްވެހެއްޔެވެ؟ މީ ހައްތަހާވެސް ރާދިންގެ ހިތުގައި އުތުރި އަރަމުންދާ ސުވާލުތަކެވެ. ޖަވާބު ލިބުނެއް ނެތް އަރަތްތަކެކެވެ. މައާލްއާ މެދު ނަފްރަތުކުރަން އެ ހިތް ދެކޮޅު ހަދަމުންދާހެން އޭނާއަށް ހީވަނީ ކީއްވެހެއްޔެވެ؟
ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި އޭނާގެ ނަފްސު އޮޔާ ބެހިގެން ގޮސްދާނެ ކަމުގެ ބިރުހީވި ރާދިން އެ ދިޔަ ގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. ސޯފާ މައްޗަށް ވެއްޓިގަނެފައި، އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. މައާލްއާ މެދު އެހިތުގައި އެ ހިނގަމުންދާ އިޙްސާސްތަކަކީ އޭނާއަށް ވެސް އެ އިޙްސާސްތަކަށް ދޭނެ ނަމެއް ނޭނގޭ އިޙްސާސްތެކެކެވެ. އެއީ ޙަމްދަރުދީހެއްޔެވެ؟ ނޫނެކެވެ. މައާލްއާ ދޭތެރޭ ޙަމްދަރުދީގެ އިޙްސާސް ވެސް އެ ހިތުތެރޭގައި ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އެހިތަށް އޭނާއަށް ބާރު ނުފޯރުވިގެން މިއުޅޭ ސަބަބަކީ ކޮބާހެއްޔެވެ؟ މައާލް ގެ ކެތްތެރިކަން ހެއްޔެވެ؟ ގަބޫލުކުރަން ބޭނުން ނޫނަސް އެ މޫނުމަތިން ފެންނަ މައުސޫމްކަން ހެއްޔެވެ؟ ނޫނީ މައާލްގެ ބަސް މަދުކަމާއި ހިތްތިރިކަން ހެއްޔެވެ؟ ތިމާގެ ފިރިމީހާ އޭނާއަށް ވަގުތު ނުދޭކަން އެނގި އެކަމާ ޝަކުވާއެއް ކޮށްނުލާ ހުންނާނީ ހާދަ ކެތްގަދަ ވީމަތާއެވެ. ދާތަނަކާ ބެހޭގޮތުން ސުވާލުކޮށް ޖަދަލުކުރުމުގެ އެއްވެސް ސިފައެއް އޭނާއަށް މައާލްގެ ކިބައިން ނުފެނެއެވެ. އެކަމަކު ސަޖާ ތަފާތެވެ. ރާދިންގެ ކޮންމެ ހަރަކާތަކަށް ސަޖާ ފާރަވެރިވެއެވެ. ރާދިން ވީތަނެއް ނޭނގިއްޖެ ނަމަ ސަޖާ އެކަމާ ރުޅިއާދެއެވެ. އަބަދުވެސް ރާދިން އޭނާގެ ކައިރީގައި ހުރުމަށް ސަޖާ ބޭނުންވެއެވެ. މައާލްއާ ސަޖާއާ އަޅާކިޔަމުން ދިޔަ ރާދިން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނީ އޭނާ ދެކެ ހަޤީޤީ ލޯބިވަނީ ސަޖާކަމުގައެވެ. ލޯބިވާނަމަ އުޅޭ ނޫޅޭ ގޮތް ބަލާނެއެވެ. ނުފެންނަ ނަމަ، ހަނދާންވެ ގުޅާނެއެވެ. އެ ހުރިހާ ސިފައެއް ސަޖާގެ ކިބައިން ފެނިގެންދެއެވެ. މައާލް ވެސް އެ ކައިވެނި ކުރީ މަޖުބޫރުވެގެންކަމުގައި ވާތީ އެ ސިފަތައް މައާލްގެ ކިބައިން ނުފެންނަނީ ކަންނޭނގެއެވެ.
މައާލް ރޯޒް އާއެކު ކޮޓަރިއަށް އައިސް ވަނީ ރާދިން ސޯފާގައި އޮއްވައެވެ. ރޯޒް މައާލް ކޮޓަރިއަށް ވައްދާފައި، ރާދިން ފެނުމުން ނުކުމެލީ ރާދިންއަށް ސަލާމް ގޮވާލުމަށްފަހުއެވެ. ރާދިން އެތަނުގައިި ހުރިކަން މައާލްއަށް އެނގުނީ ރޯޒްގެ އަޑުންނެވެ. ރޯޒް ނުކުމެ ދޮރު ލައްޕައިލުމުން ވެސް މައާލްއަށް ހުރިތަނުގައި ހުރެވުނީއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލާކަށްވެސް އޭނާއަކަށް ނޭނގުނެވެ.
މައާލްއަށް ބަލަން އިނުމަށްފަހު ރާދިން ތެދުވެލިއެވެ. އޭނާ އައިސް މައާލްއާ ދާދިގާތުގައި ހުއްޓިލާފައި މައާލްއަށް ގޮވައިލިއެވެ.
"ރާދިން! އަހަރެން… އަހަރެން ރާދިން ބުނި ކަންތައް ކޮށްފިން… ބައްޕަ އެއްބަސްވެއްޖެ… އެކަމަކު…"
"ޝްޝްޝް…" ރާދިން މައާލްގެ ޖުމްލަ ފުރިހަމަވިޔަ ނުދީ މައާލްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ.
"ތިވީ… ތިވަރުކަމެކޭ… އަހަންނަށް އޭރުވެސް އެނގޭ މައާލް ބުނެފިއްޔާ ބައްޕަ އެއްބަސްވާނެކަން. ދެން ވެސް މައާލް ހަދަންޖެހޭނީ އަހަރެން ބުނާ ގޮތް. އެނގިއްޖެތަ؟ ޑޫ ޔޫ އަންޑަސްޓޭންޑް؟" ރާދިންގެ ވާހަކައަށް މައާލް އެއްޗެއް ނުބުނުމުން، ފަހު ޖުމްލަ އޭނާ ބުނެލީ އަޑަށް ބާރުލާފައެވެ. މައާލް އިސްޖަހައިލިއެވެ. އިތުރު ގޮތެއް ނެތް މީހަކު ފަދައިންނެވެ.
"ގުޑް… ނައު ގޯ…" ރާދިން އަމުރުވެރި ރާގަކަށް ބުނެލިއެވެ.
"ކޮންތާކަށް؟"
"އޮށޯންނާކަށް ނޫންތަ ތިއައީ؟" ރާދިން މައާލްއާ ދުރަށް ޖެހިލިއެވެ. އޭނާއަށް އަދިވެސް ވިސްނެނީ ދެންމެ މައާލްއާ މުނީރާ ދެމެދު ދެކެވުނު ވާހަކައާ މެދުގައެވެ. މައާލް އެވަނީ އޭނާ ދިފާޢު ކޮށްފައެވެ. އޭނާ ގެ ސިއްރު ހިފައްޓާފައެވެ. ވިސްނަން ބޭނުން ނޫނަސް އެ ކަންތައް އޭނާގެ ސިކުނޑިން ފޮހެލަން ރާދިންއަށް ވީ އަުނދަގޫކަމަކަށެވެ.
"އަހަރެން ދެން ދާނީ ތިރިއަށް… މިގަޑީގައި ދެން ނުނިދާނަން…" މައާލް ބުނެލިއެވެ. މައާލް ސޯފާއާ ދިމާލަށް ހިނގައިގަތުމުން ރާދިން މައާލް ގެންގޮސް ސޯފާގައި ބެއިންދިއެވެ. އެއަށްފަހު، އޭނާ ވެސް ސޯފާގެ އަނެއް ފަރާތުގައި އިށީނދެލާ މައާލްއަށް ބަލައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މައާލްގެ އެ މޫނުމަތިން ކަމެއް ދެނެގަންނަން ރާދިން ބޭނުންވީއެވެ.
"އަހަރެން އެއްޗެއް އަހާލަންތަ؟" ރާދިންގެ ސުވާލާއެކު، މައާލްއަށް ބޯ ޖަހައިލެވުނެވެ. ރާދިން އެހާ މަޑުމައިތިރިކޮށް ސުވާލުކޮށްލުމުން، ރާދިން އަހަން އެ އުޅޭ އެއްޗެއް އެނގެން މައާލް ޝައުގުވެރިވިއެވެ.
"ލަންޑަންގައި އުޅުނުއިރު މައާލް ވަރަށް ކުރާހިތުން ކުރިކަމެއް ދޯ ކުރެހުމަކީ؟ އަހަރެން ދުށިން މައާލްގެ މަންމައާއި ބައްޕަގެ އިތުރުން ރާދިއުއާ އެކީގައި ކުރަހާފައި އިން ކުރެހުމެއް…" ރާދިން ބުނެލިއެވެ.
"ކިހިނެއް ރާދިންއަށް؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.
"ހަނދާންވޭތަ ލަންޑަނުން އައުމުގެ ކުރިން މައާލް ކުރަހާ ކޮޓަރިއަށް އަހަންނާއެކު ވަތްކަން؟" ރާދިން ހަނދާންކޮށްލަ ދިނެވެ.
"އާނ… އަހަންނަށް އެ ފޮޓޯގަނޑު އެއްކޮށް ނިންމައެއް ނުލެވުނު. އެއީ އަހަރެމެން އެންމެން އެކުގައި ދިޔަ އެންމެ ފަހު ދަތުރު. ދަތުރު ނިމިގެން އައިސް އަހަރެން އެ ކުރެހުމުގެ މަސައްކަތް ފެށީ. އެއްކޮށް ނުނިމެނީސް އެކްސިޑެންޓްވީ…" މައާލްގެ އަޑުގައި ވޭނީ އަސަރެއް ވެއެވެ.
"އަހަންނަށް އެ ފޮޓޯގަނޑު ވަރަށް ޚާއްސަ. ރާދިއު އަކީ އަހަރެންގެ ވާން އުޅުނު ފިރިމީހާ. އަހަންނާ ރާދިއު އާ ދިމާވެ ވަރަށް ގިނަ ކަންތައް ހިއްސާކުރެވުނު ދަތުރެއް އެއީ… އަހަރެމެން އެ ދަތުރުގައި ވަރަށް ބައިވަރު ފޮޓޯ ނެގިން. އެނެގި ހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް އަހަންނަށް އެންމެ ކަމުދިޔަ ފޮޓޯގަނޑު އަަހަރެން ކުރެހީ. އަހަރެން ކިހާ ބަދުނަސީބު. އެ ހުރިހާ އުފަލެއް ބީވިއިރު، އެންމެ ކުރަހާހިތުން ކުރެހި ފޮޓޯގަނޑުވެސް ފުރިހަމަ ކޮށްލުމުގެ ނަސީބެއް ނުލިބުނު. އަހަންނަށް ވަރަށް މުހިންމު އެ ކުރެހުން. އަހަރެންގެ އަތުން ކުރެހި އަހަރެންގެ އާއިލާ އެއީ… ރާދިއު މާލެ އަންނައިރު ކައިވެނީގެ ކަންތައް ނިންމަން މަންމަމެންވެސް އުޅުނީ މާލެ އަންނަން. އެކަމަކު ތަޤުދީރު އެ ހުރިހާކަމަކަށް ހުރަސްއެޅީ…"
"އަހަރެން އޭރު ބުނިން ހުރިހާ ކުރެހުމެއް ގެންނަން. ދެން އެކަމަށް ކީއްވެ މައާލް އެއްބަސްނުވީ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"އެ ގެނެސްގެން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީތީ. އަހަންނަށް މިހާރު އެނގޭ އަހަރެންގެ ދެލޮލުގެ ފެނުން ދުވަހަކުވެސް ނުލިބޭނެކަން. ކުޑަވެސް ގޮތެއް އޮތްނަމަ ބައްޕަ ދެ އަތް އުރާލައިގެން ނުހުރީސް. މިއަދާ ހިސާބަށް ވެސް ޑޮކްޓަރުގެ ސީދާ ޖަވާބެއް އަހަންނަކަށް ނޭނގެ. އަބަދުވެސް ބައްޕަ ބުނަމުން އެ އަންނަނީ އިރާދުކުރެއްވިއްޔާ އަހަންނަށް ފެންނާނެޔޭ. އަހަންނަށް އެނގޭ އަހަރެންގެ ހިތް މާޔޫސްކޮށްލަން ބޭނުން ނުވީމަކަން އެހެން އެ ބުނަނީ…" އެހެން ބުނެލާފައި މައާލް ހިމޭންވިއެވެ. ރާދިންވެސް އެއްޗެއް ނުބުނެއެވެ.
"އައި އެމް ސޮރީ،. ރާދިން!" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، މައާލް ބުނެލިއެވެ.