"އަދިވެސް ނުނިމޭތަ؟ ސާދާ ކޮން ކަހަލަ މޭކަޕެއްތަ އެ ކުރީ؟" މައާލްއަށް ބުނެވުނެވެ. ރާދިންގެ އެ ގާތްކަމުން މައާލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައިރު، އޭނާ ބިރުގަންނަން ފެށިއެވެ. ރާދިންގެ ފަރާތުން އޯގާތެރިކަމަށް އުންމީދު ނުކުރުމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

އެހެންނަމަވެސް، ރާދިން އަމިއްލައަށް އޯގާތެރިކަން އިސްކުރާނަމަ މީހެއްގެ އެހީއަކާ ނުލާ އުޅެވޭނެ މަގެއް ތަނަވަސްވެފައި ނެތް، އޭނާއަށް ވެސް ރާދިންއާ މެދު އުންމީދުތަކެއް ކުރެވޭނެއެއް ނޫންހެއްޔެވެ؟ އަދި ޚާއްސަކޮށް އެއީ އޭނާގެ ފިރިމީހާ ކަމަށްވާއިރުއެވެ. ރާދިންވެސް އެ ވަނީ ގާޒީއާ ދެ ހެކިންގެ އިތުރުން އެތަކެއް ބަޔެއްގެ ކުރިމަތީގައި އޭނާއަކީ ރާދިންގެ އަނތްބެއްކަމުގައި ބުނެފައެވެ. ޤަބޫލުކޮށްފައެވެ. އެ ގުޅުމަކީ މަޖުބޫރީ ގުޅުމެއްކަމަށާއި، އޭނާއަށް އަނތްބެއްގެ މަޤާމުނުދޭނެކަމުގައި ރާދިން ބުނާއިރު، އެ ހިތަށް އަރާ ފައިބާނެ ޝުޢޫރުތަކާމެދު ވެސް ރާދިން ވިސްނާލާނެނަމައެވެ. އެހިތަށް ވާނެ ގޮތަކާ މެދުވެސް ވިސްނާލާނެ ނަމައެވެ. އެހިތުގެ ނާޒުކުކަންވެސް ވަޒަންކޮށްލާނެ ނަމަ އެވެ.

މައާލްގެ ދެލޮލުން ނަޒަރު ވަކިކޮށްލަން ނުކުޅެދިފައިހުރި ރާދިން، ހަމަބިމަށް އާދެވުނު ފަދައަކުން ކުއްލިއަކަށް މައާލް ދޫކޮށްލިއެވެ. ދެކޮނޑުގައި ހިފާ ބާރަށް މައާލް ދުރުކޮށްލުމާއެކު، އަތުގައި އޮތް ޓިޝޫވެސް ޑަސްބިނާ ދިމާލަށް ހޫރާލާފައި ރާދިން ނުކުމެ ބަންލާފައި ދޮރު ޖެހިއަޑަށް މައާލް ދިޔައީ ސިއްސައިގެންނެވެ. ރާދިންގެ މިޒާޖު ދަސްކުރުމަކީ، ކިހާ އުނދަގޫކަމެއްކަން އެ ހިނދުކޮޅު އެކަނިވެސް މައާލްއަށް ފަހުމްވެގެން ދިޔައެވެ. އެއާއެކު، އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އުނދަގުލެއް އިޙްސާސް ކުރެވިގެން ދިޔައެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ރާދިންގެ މޫނުމަތިން ނުތަނަވަސްކަމާއި، ރުޅިވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މައާލް ހީކުރަނީ ކީކޭހެއްޔެވެ؟ މައާލްގެ އެ ރީތިކަން ދައްކައިގެން އޭނާގެ ހިތް ބަދަލުކުރެވިދާނެކަމަށް ހެއްޔެވެ؟ މައާލްގެ ސަބަބުން އޭނާގެ ދިރިއުޅުން ބަރުބާދުވިކަން ހަނދާން ނައްތާލާނެކަމަށް ހެއްޔެވެ؟ މައާލްގެ އެ ރީތިކަމުގެ ޖާދޫގައި އޭނާގެ ހިތާ ނަފްސު އޮޔާ ގެންދެވޭނެކަމަށް ހެއްޔެވެ؟ އެ ހިތުގެ މިލްކުވެރިއަކީ ސަޖާއެވެ. ހަމައެކަނި ސަޖާއެވެ. މާޒީއާއި މުސްތަޤްބަލުގައިވެސް އޭނާގެ ހިތަށް ހަމައެކަނި ބާރުފޯރުވޭނޭ އަންހެން ކުއްޖަކީ ސަޖާއެވެ. އެ ހިތުގެ ޙާލު ޚުދު އޭނާއަށް ނޭނގޭހެން ހީވާ ކޮންމެ ފަހަރަކު އެ އުދާސްތައް ރާދިންއަށް ބޭރުކުރެވެނީ ރުޅީގެ ސިފައިގައެވެ. ރުޅި އާދެވެނީ މައާލްދެކެއެވެ. ގަބޫލުކުރަން ބޭނުން ނޫން ޝުއޫރުތަކެއް ހިތަށް އަރާ ފައިބާތީ ކަމުގައިވެސް ވެދާނެއެވެ.

މައާލް ނުކުތުމުން ރާދިން އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އެހެންނަމަވެސް، އޭނާ ގޮސް ފާޚާނާއަށް ވަދެ ބާރަކަށް ދޮރު ލައްޕައިލިއެވެ.

ދެމަފިރިން ތައްޔާރުވެގެން ނުކުތެވެ. މައާލްގެ އަތުގައި ހިފައިގެން ތިރިއަށް ދާން ރާދިންއަށް މަޖުބޫރުވިއެވެ. ސިޑިއާ ހިސާބަށް އައިސް ރާދިން ބުނުމުން މައާލްވެސް ކުޑަކޮށް ސަމާލުވެލިއެވެ. އޭނާ ރާދިންގެ އެހީތެރިކަމާއެކު, ތިރިއަށް ފޭބިއެވެ. ކާކޮޓަރިއަށް ގޮސް ވަތްއިރު، މުނީރު މޭޒު ދޮށުގައި އިނެވެ. އޭނާ އަތުކުރީ ގަޑިއަށް ބަލައިލުމަށްފަހު، ރާދިންމެންނަށް ބަލައިލިއެވެ. މުނީރުގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެކުގައި އުޅެން ފެށުމުން ރާދިންގެ ހިތް މައާލްއާ ދޭތެރޭ ބަދަލުވާނެކަމުގެ ފުރިހަމަ ޔަޤީންކަން މުނީރަށް އޮތެވެ. މިވީ ދުވަސްތަކުގައި އޭނާއަށް ވެސް ވަނީ މައާލްގެ މިޒާޖު ދަސްވެފައެވެ. މައާލްއަކީ މަޑުމައިތިރި, މީހުންނަށް އިޙްތިރާމް ކުރަން ދަންނަ, ހިތްވަރުގަދަ ކުއްޖެކެވެ. މައާލްގެ ކެތްތެރިކަމާއި, މަޑުމައިތިރިކަމުގެ ސަބަބުން އިސާހިތަކު ރާދިންގެ ހިތް މައާލްއާ ދިމާލަށް ދީލާލައިގެން ހިނގައިދާނެއެވެ.

"އަވަހަށް އިށީނދޭ..." މުނީރު އުފަލާއެކު, ބުނެލިއެވެ.

ކެއުން ކުރިއަށް ދިޔައިރު ވެސް މައާލްއަށް އެހީތެރިވުމަށް މުނީރު ރާދިންއަށް އިޝާރާތްކުރަމުން ދިޔައީތީ އެމާއަށް ގޮވާފައި މައާލްއަށް އެހީތެރިވާން ބުނަން އުޅެފައިވެސް ރާދިން އެ ޚިޔާލު ދޫކޮށްލިއެވެ.

"މައާލް! މައާލް ބައްޕަގެ އޮފީހުގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކައިލަން ބޭނުންވާ ވާހަކަ ޒާހިދު ބުނި. މައާލް އަޅެ ބުނެބަލަ!" މުނީރު ބުނެލިއެވެ.

"މުނީރުބޭއަށް ފެންނަ ގޮތެއް ރަނގަޅުވާނެ!" މައާލް އެހެންޏާވެސް ބުނާ މަޑުމައިތިރި ރާގުގައި ބުނެލުމާއެކު، މުނީރުގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ.

"މީ މިހާރު ރާދިންގެ އިތުރުން މައާލްގެ ވެސް ބައްޕައޭ... މީގެ ފަހުން މައާލްވެސް ކިޔަންވާނީ ބައްޕަ އިނގޭ..." މުނީރު ބުނެލިއެވެ. މައާލް މަޑުމަޑުން ބޯ ޖަހައިލިއެވެ.

"އެހެންވީމަ ޒާހިދާ ވާހަކަ ދައްކާލާފަ ބައްޕަ މައާލްގެ ކައިރީގައި ބުނާނަން." މުނީރު ބުނެލިއެވެ. އޭނާ ޖޫސް ތަށިން އެތި ފޮދެއް ބޮއިލުމަށްފަހު، ރާދިންއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. މައާލްއާ ރާދިންގެ މޫނުމަތިން ވެސް އޭނާ ހީކުރި ކަހަލަ އުފާވެރިކަމެއް ނުފެނެއެވެ. ޚާއްސަކޮށް ރާދިންއެވެ. ރާދިންގެ މޫނުމަތީގައި އަދިވެސް ރުޅީގެ އަސަރު އެބަހުއްޓެވެ.

"ދެ ކުދިންގެ ކައިވެނި ކުރެވުނީމަ ބައްޕަ ވަރަށް އުފާވެއްޖެ. މައާލްގެ މައިންބަފައިންނާ އަދި ރާދިންގެ މަންމަ ހުރިނަމަވެސް، ވަރަށް އުފާވާނެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. އެއީ ވަރަށް މާތް ގުޅުމެއް. ޚުތުބާގަވެސް އަޑު އެހީމެއްނު ދެމީހުންވެސް އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ހައްޤުތަކެއް ވާ ވާހަކަ. އެ ހައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވުމަކީ ފަހުން ފާފަވެރި ވެދާނެކަމެއް. ކުއްލިއަކަށް ކުރެވުނު ކައިވެންޏެއް ނަމަވެސް، މި ކައިވެނިން އިންޝާ ﷲ ތި ދެކުދިންނަށް ވެސް އުފާވެރިކަން ލިބޭނެ. ބޭނުންވަނީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކު، އެކަކު އަނެކަކު ދަސްކޮށް އެކުގައި އުޅެން މަސައްކަތްކުރުން. ބައްޕައަށް އެނގޭ ދެ ކުދިންނަށްވެސް މިކައިވެނި ވާނީ އިމްތިޙާނަކަށްކަން. ޚާއްސަކޮށް ރާދިންއަށް. ދަރިފުޅު ޖެހޭނެ މައާލްއަށް ވީހާވެސް ބޮޑަކަށް އޯގާތެރިވާން." ހެނދުނުގެ އެވަގުތު އެ ކައިވެންޏާ ބެހޭގޮތުން ބައްޕަ ދައްކަން ފެށި ވާހަކައަކުން ރާދިންގެ ބޮލުގައި ރިއްސާ ގޮތްވިއެވެ. އޭނާ މިގަޑީގައި ބައްޕަގެ ފަތުވާ އަޑު އަހާކަށް ބޭނުމެއް ނޫނެވެ. ވީހާވެސް އަވަހަށް ސަޖާގެ ކައިރިއަށް ދާން ރާދިން އިނީ ބޭނުންވެފައެވެ.

ކާން އިންއިރުވެސް، ރާދިން އިރުއިރުކޮޅަކާ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައެވެ. އުންމީދު ކުރެވެނީ ސަޖާގެ ފަރާތުން ކޮންމެވެސް މެސެޖެއް ނަމަވެސް ލިބޭނެކަމަކަށެވެ. ރާދިން ހައްތަހާ ހާސްވާ ގޮތްވިއެވެ.

"ކަމެއް އޮތީތަ ދަރިފުޅާ!" މުނީރަށް ވެސް ރާދިންގެ ހަރަކާތްތައް ފާހަގަވުމާއެކު، ސުވާލުކޮށްލިއެވެ.

"ލައްބަ... މީ... ރައްޓެއްސެއް ހޮސްޕިޓަލުގައި ބާއްވައިގެން މިއުޅެނީ... އެކްސިޑެންޓެއް ވިއްޔޯ. އެހެންވެ ގޮސްލަންކަމަށް." ރާދިން ވާހަކަ ދެއްކީ ހަމަޖެހިގެން ނަމަވެސް، އެހެން ބުނެލިއިރު އޭނާގެ އަޑުގައި ނުތަނަވަސްކަން ވިއެވެ. މުނީރު ހީކުރީ ގާތްކޮށް އުޅުނު އެކުވެރިއަކަށް ކަމެއް ދިމާވުމުން ރާދިންއަށް ވީ ގޮތެއް ކަމުގައެވެ.

"އެހެންތަ؟ އެހެންވިއްޔާ ދަރިފުޅު ގޮސްލަންވާނެއެއްނު." މުނީރު އަވަސް އަވަހަށް ބުނެލިއެވެ. އެ ދަރިފުޅާ މެދު ޝައްކުކުުރުމަކީ މުނީރު ހުވަފެނުގައިވެސް ކުރަން ބޭނުން ނުވާ ފަދަ ކަމެކެވެ. އޭނާ އޭނާގެ ދަރިފުޅަށް އިތުބާރުކުރެއެވެ. ރާދިންގެ ގޮތްދޫނުކޮށް، ބޯ ހަރުގޮތެއް ހުރިނަމަވެސް، ރާދިންއަކީ އޭނާގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލާނެ ޒުވާނެއް ނޫންކަން މުނީރަށް އެނގެއެވެ.

"ނިމުނީތަ؟" ހުއްދަ ލިބުމާއެކު، ރާދިން އެއްނޭވާއިން ފެންތަށި ދަމައިލުމާއެކު، މުނީރަށް ސުވާކޮށްލެވުނެވެ. އޭރު އޭނާ ކާންވެގެން ތައްޓައް އެޅި އެއްޗެހިވެސް ހުސްނުވެ ހުއްޓެވެ.

"ލައްބަ ބައްޕާ! މިހާރު އަޅުގަނޑު ނުގޮސްގެން އެކުވެރިއެއް ވެސް މެސެޖްކޮށްފި." ރާދިން ބުނެލިއެވެ.

"ދަނީ ބައްޕާ!" މައާލްއަށް އަވަސް ނަޒަރެއް ދީފައި ރާދިން ގޮނޑިން ތެދުވަމުން ބުނެލިއެވެ. އޭނާ ވާހަކަ ދެއްކީ މުނީރުއާ ނަމަވެސް، ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ އޭނާ ދާކަން މައާލްއަށް ވެސް އަންގާށެވެ. ރާދިން އަވަސްއަވަހަށް މޭޒުމަތީގައި އޮތް ފޯނު ނަގާ ޖީބަށް ލަމުން ހިނގައިގަތެވެ. ފަސް އެނރުރުމެއްނެތި ބާރުބާރަށް ގޮސް ރާދިން ގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވައިލިއެވެ.

***

"މައާލް! ދަރިފުޅު އެއްވެސް ކަމެއް ބޭނުންވަންޏާ ބައްޕަ ކައިރީގައި ބުނަން ވާނެ. މި ކައިވެނި ކުރެވުނީ ރާދިންގެ ނުގަބޫލުގައި ވީމަ އޭނައަށް ވަގުތު ބޭނުންވާނެ. އެކަމަކު އޭނައަކީ އެހާ ހިތް ގޯސް ޒުވާނެއް ނޫން. ކުޑައިރުވެސް ރާދިއު ދެރަވާ ގޮތަށް ކަންތައް ކޮށްފައި އައިސް ފަހުން ވަރަށް މާފަށް އެދެނޭ. ރާދިއު މާފުކުރީމަ ނޫނީ ރާދިން ހުއްޓާވެސް ނުލާނެ. މާފު ނުކުރަން ހުރެފައިވެސް ރާދިއު މާފުކުރާނެ. ވިސްނާ ނުލާ ބައެއްފަހަރު ކަންތައް ކުރިނަމަވެސް، ފަހުން ރާދިން މާ ދެރަވާނެ." މުނީރު ރާދިންގެ މިޒާޖު މައާލްއަށް ކިޔައިދެމުން މާޒީގެ ދުވަސްތައް ހަނދާންކުރަމުން ދިޔައެވެ.

"ހަޤީގަތުގައި މަންމަ ނިޔާވުމުން ރާދިއުއަށް ވުރެ ބޮޑަށް އަސަރުކުރިތަންވެސް ބައްޕަމެންނަށް ފެނުނީ ރާދިންއަށް. ފަހަރުގައި ވެދާނެ ރާދިއު އިޙްސާސްތައް ފޮރުވައިލަން މޮޅީކަމަށް. އެކަމަކު ރާދިން ތިން ދުވަސް ވަންދެން އެއްޗެއް ނުކައި ނުބޮއި އުޅުނީ. އޭރު ގައިގަނޑަކަށް އެ ދެބެންގެ އުމުރުން ވާނީ އެންމެ ހަތްވަރަކަށް އަހަރު. ރާދިއުއަށް ވުރެ ބޮޑަށް ވިސްނައިދޭން އުނދަގޫވީވެސް ރާދިންއަށް. އޭނާ ހަމައަަކަށް އެޅެން ވަރަށް ގިނަ ދުވަސް ނެގި. ވަރަށް ހިތްވަރުގަދަކަމަށް ދައްކައިގެން އުޅުނަސް ހަޤީގަތުގައި ރާދިއުއަށް ވުރެ ރާދިން މާ ޖަޒުބާތީވާނެ. މަންމަގެ މަރުން އަރައިގަންނަން ރާދިންއަށް ވަރަށް އުނދަގޫވި. މައާލްއަށް އެނގޭތަ؟ މަންމަ ނިޔާވުމުން ވަރަށް ގިނަ މީހުން ބައްޕަގެ ކައިރީގައި ކީ އިތުރު މީހަކާ އިންނަން. ދަރީންނަށް ރަނގަޅު ދޮންމަންމައިން ވެސް އުޅޭކަމުގައި ބުނި. އެ ވާހަކަ އެގޮތަށް ދެއްކި އެކަކު މައާލްގެ ބައްޕައަކީ. ބައްޕަ އެކަމަށް ދުވަހަކުވެސް އެއްބަސްނުވަން. ބައްޕަ އެކަންތައް ނުކުރާނެކަން އެނގޭތީ ފަހުން ފަހުން އައިސް ޝާކިރު އެވާހަކަ އެއް ނުދައްކާ. ފަހުމާވެސް އެ ވާހަކަ ދެއްކުން މުޅީން ހުއްޓައިލި. އެކަމަކު މަދުންނަމަވެސް ރައްޓެހިންގެ ފަރާތުން އެ ވާހަކަތައް އަޑު އަހަން ޖެހުނު. ހުށައެޅުންތައް ވެސް ލިބުނު. ޙަޔާތުގެ ބާކީބައި އެކަނިވެރިކަމާއެކު ހޭދަކުރާނީ ކިހިނެއްހޭ ވަރަށް ގިނަ މީހުން ސުވާލުކުރި. ބައްޕަ އެ އެންމެނަށްވެސް ދޭ ޖަވާބަކީ ދަރީންނަށް ދޮން މަންމައެއް ހޯދައިދޭން ބޭނުން ނުވާކަމަށާއި، އަމާނާތެއްގެ ގޮތުގައި ޝަމްލާ ހަވާލުކުރި ދެ ދަރިން ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަށް އިތުރު މީހެއްގެ އެހީތެރިކަން ބޭނުންނުވާކަމުގައި. އަދިވެސް ޝަމްލާގެ ކޮންމެ ހަނދާނެއް މިހިތުތެރޭގައި ވޭ. އެކަން މިގޭގެ ބޭރުގައި އެ ހުރި މާގަސްތަކަށް ބަލައިލުމުން އެކަނިވެސް ދޭހަވާނެ. ޝަމްލާ ލޯބިކުރި ކޮންމެ ކަމަކަށް ލޯބިކުރަން. އަދި ކުރިއަށް އޮތްތަނުގައި ކުރާނަންވެސް މެ." އެހިސާބަށް ބުނެފައި މުނީރު ފުންނޭވާއެއް ދޫކޮށްލިއެވެ. މައާލްއަށް ބުނާނެ އެއްޗެއް ނޭނގުމުން އޭނާ ބޯ ޖަހައިލީ، ވާހަކަ އަޑު އަހަން އިންކަން އަންގައިލުމުގެ ގޮތުންނެެވެ.

"ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބައްޕަގެ ދެ ދަރިންވެސް ބޮޑުވަމުން ދިޔަ. ބައްޕަ ގިނަ ވަގުތު އުޅެން ޖެހެނީ މަސައްކަތުގައި. ރާދިއު އަށާއި ރާދިންއަށް ދެވެނީ މަދު ވަގުތުކޮޅެއް. ހަޤީގަތުގައި ސިކުނޑިއަށް ބުރަކޮށް އުޅެން ބައްޕަވެސް ބޭނުންވީ. އެކަމާ އެންމެ ގިނައިން ސުވާލުކުރީ ރާދިން. ރާދިއުއަކީ މާ ގިނަ ވާހަކަ ދައްކާ ކުއްޖެއް ނޫން. ގިނަ ފަހަރަށް، ކުޑައިރުވެސް ރާދިއު އެދޭ ކަންތައްތައް ބައްޕައާ ހިސާބަށް ގެންނާނީ ރާދިން. އެ ހިސާބުން ބައްޕަ ހިތަށް އެރީ އިތުރު މީހަކާ ކައިވެނި ކުރަން ވިއްޔޭ. އެއްދުވަހު މައާލްގެ ބައްޕައާ އެ މައުލޫއަށް ވާހަކައެއް ދައްކާ ޚިޔާލު ހޯދައިލިން. ޝާކިރަށް އެ ޚިޔާލު ކަމުދިޔަނަމަވެސް، އިއްތިފާގަކުން އެ ވާހަކަތައް ރާދިންއަށް އަޑު އިވުނީ. އެ ދުވަހުގެ ހަނދާން އަދިވެސް ބައްޕަ ހަނދާން ނުނެތޭ. އިތުރު މަންމައެއް ޚާއްސަކޮށް ދޮންމަންމައެއް ބޭނުން ނުވާކަމަށް ބުނެ ވަރަށް ބޮޑާހޭކި. އެހިސާބުން އަނެއްކާވެސް ބައްޕަ އެ ޚިޔާލު ދޫކޮށްލިން. ރާދިއު އާ ރާދިންގެ ހިތުގައި ޖެއްސުމަކީ ޝަމްލާގެ އަމާނާތަށް ޚިޔާނާތްތެރިވުން ކަމުގައި ބައްޕައަށް ފެނުނީތީ. އޭގެފަހުން ދުވަހަކުވެސް އެ ވާހަކައެއް ނުދައްކަން. ދުލުން ނުބުނި ނަމަވެސް ބައްޕައެކޭ އެއްގޮތަށް ރާދިން ވެސް އޭނަގެ މަންމަ މަތިން ހަނދާން ކުރޭ. މައާލް! ކެތްތެރިކަމާއެކު، ރާދިންއާ އެކީ ހުރެދީ. އޭނަ މައާލްއަށް ގެއްލުމެއް ވާހެން، ނޫނީ ދެރަވާހެން އެއްވެސް ކަމެއް ކުރަންޏާ ވަގުތުން ބައްޕަ ކައިރީގައި ބުނަން ވާނެ. ރާދިން އެކޭ އެއްގޮތަށް މައާލްއަކީ ވެސް މިއަދު މި ބައްޕަގެ އަމާނާތެއް." މުނީރު އޭނާގެ ޙަޔާތުގެ ބައެއް ޞަފުހާ ތައް މައާލްގެ ކުރިމަތީގައި ނިއުޅައިލިއެވެ. ޚާއްސަކޮށް ރާދިންގެ ވާހަކަތެކެވެ. މައާލް އެ ހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން އިނެވެ.

"ލައްބަ ބައްޕާ!" އޭނާ މުނީރަށް ޖަވާބު ދިނެވެ.

'ބައްޕަ ވަރަށް އުފާވެއްޖެ. މައާލްއާ އެކު އުޅެން ފެށުމުން އިރާދުކުރެއްވިއްޔާ ރާދިންގެ ހުރި ހުރިހާ ނޭދެވޭ ސިފައެއް ރާދިންއާ ދުރުވާނެ. ކުރީގައި ބައްޕައަށް ރާދިންއަށް ވަގުތު ނުދެވުނީމަ ކަންނޭނގޭ އެ ސިފަތަކުން ރާދިން ދުރުނުކުރެވުނީ." މުނީރުގެ އަޑުގައި ވި ހިތްދަތިކަން މައާލްއަށް ވެސް ފާހަގަވިއެވެ. ލޮލަށް ނުފެނުނެއްކަމަކު، ދެންމެ އެ ދެއްކި ވާހަކަތަކުން މުނީރަށް ކޮށްފައިވަނީ ފުން އަސަރުތަކެއްކަން މައާލްއަށް އެނގުނެވެ. މުނީރު އޭނާގެ ލޮލުގައި އަތް ޖައްސައިލާ ވެއްޓުނު ކަރުނަ ތިކި ފުހެލިއެވެ. އޭނާ އަކީ ހިތްވަރުގަދަ ފިރިހެނެއް ނަމަވެސް، ޝަމްލާގެ ކޮންމެ ޚިޔާލަކުން އޭނާގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ކުޑަ ދެ ކުދިންނާއެކު އޭނާ އެކަނިކޮށްފައި ޝަމްލާ ދިޔުން ވެގެން ދިޔައީ އޭނާއާ ކުރިމަތި ކުރެއްވި ވަރުގަދަ އިމްތިހާނަކަށެވެ. އޭގެފަހުން އޭނާ އުޅުނު ޙާލު ދެނެވޮޑިގަންނާނީ ﷲ އެވެ. ކައި ނިންމާލައިގެން މައާލް އެމާއާއެކު ކޮޓަރިއަށް ދިޔައިރު މުނީރުވަނީ ސްޓަޑީއަށެވެ.

***

އެޕާރޓްމެންޓުގައި ބެލް އަޅައިލި އަޑަށް އެނދުމަތީ އޮތް ސަޖާ ތެދުވިއެވެ. އެއީ ރާދިންކަން އޭނާއަށް އެނގުނެވެ. އައިސްފަައި ހުރި ރުޅީގައި ގޮސް ރާދިންއާ ދިމާލަށް ހަޅޭއްލަވައިގަންނަން ސަޖާ ހުރީ ބޭނުންވެފައެވެ. އެނދުން ތެދުވެގެން ހިނގައިގަތް ވަގުތު ފަޔަށް ބިއްލޫރިކޮޅު ހެރިފައިވާ ތަނަށް ތަދުވުމާއެކު، އެ ފަޔަށް ސަޖާ ބަލައިލިއެވެ. އެއާއެކު، އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލެއް ވެރިވިއެވެ. ތުންފަތް މައްޗަށް ވެރިވި ވިހަ ހިނިތުންވުމާއެކު، އޭނާ ބަލައިލީ ޓައިލްސްތަކު މަތީގައި ހުރި ބިއްލޫރިތަކަށެވެ. ސަޖާ އެ ދިމާލަށް ހިނގައިގަތެވެ. ވިސްނަން ހުރެފައި ފައިން ބިއްލޫރިކޮޅަކަށް އެރިއެވެ. އެއާއެކު ވީ ތަދުން ފައި ދަމައިގަނެވުނު ނަނަވެސް، ދެވަނަ ސިކުންތުގައި ސަޖާ އެއަށް ފައިން އަރާ ހިނގަންފެށިއެވެ. ހީވަނި ކޮންމެ ފަދަ ކަމެއް ކޮށްގެންވެސް އޭނާގެ މަޤްސަދު ހާސިލް ކުރަން ބޭނުންވެފައި ވާހެންނެވެ. ހިތް ފުރޭވަރުވުމުން ގޮސް އެނދުމައްޗަށް ވެއްޓިގަތްއިރު ވެސް ކެނޑި ނޭޅި ބެލް އަޅަމުން ދިޔައެވެ. އޭރު ސަޖާގެ ފައިން ލޭ ފައިބަމުން ދިޔައެވެ. އެނދުމަތީގައި ބަންޑުން އޮތްއިރު، އޭނާގެ ތުންފަތްމަތީގައިވަނީ ވިހަ ގަދަ ހިނިތުންވުމެކެވެ.

ރާދިން ސަޖާގެ އެޕާރޓްމެންޓުގައި އެތައް އިރެއް ވަންދެން، ބެލް އެޅި ނަމަވެސް ހުޅުވާގޮތެއް ނުވިއެވެ. ރާދިން ސަޖާގެ ފޯނު ނަންބަރަށް އެތަކެއް ފަހަރު ގުޅިއެވެ. ސަޖާ ފޯނު ނުނެގުމުން ރާދިން ހާސްވާގޮތްވިއެވެ. އޭނާ އެޕާރޓްމެންޓުގެ ވެރިފަރާތާ ގުޅިއެވެ. ވެރިފަރާތުން ބުނީ އެހެން މީހަކު ހަމައައިސް ބުނާއިރަށް އެޕާރޓްމެންޓް ނުހުޅުވޭނޭކަމުގައެވެ. އެހެންނަމަވެސް ރާދިންއަކީ އެޕާރޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތްކަން އެނގި އޭނާ ސުވާލުކުރުން ހުއްޓާ ލިއެވެ. އެއަށްފަހު އޭނާ ބުނީ މީހަކު އެބަ ފޮނުވަން ކަމުގައެވެ. އޭގެ ދިހަ ވަރަކަށް މިނެޓް ފަހުން ބަންގްލަދޭޝް މީހަކު ޑަބަލް ކީ ހފައިގެން އައިސް ދޮރު ހުޅުވާލަ ދިނެވެ. އޭނާ ފޮނުވާލާފައި ރާދިންއަވަސް އަވަހަށް އެޕާރޓްމެންޓަށް ވަނެވެ. އެދިޔަގޮތަށް ގޮސް ސަޖާގެ ކޮޓަރި ދޮރުހުޅުވާލާފައި ވަތް ރާދިންގެ ލޮލުގައި އަޅައިގަތް މަންޒަރާއެކު، އޭނާއަށް ސަޖާގެ ނަން އެ ދުލުން ބޭރުކޮށްލެވުނެވެ.

"ސަޖާ..."

ކޮމެންޓް 0