"ކަލޭ ތިއުޅެނީ މަ އަނދަވަޅަކަށް ވައްޓާލަންތަ؟" އަނޫފްގެ ޚިޔާލު ރާދިންއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.

"ވިސްނަބަލަ މަ، މި ދައްކާ ވާހަކައަށް... އޭރުން…"

"ވިސްނާށޭ ބުނާއިރު ކަލޭ ތީ މަގޭ ދުޝްމަނެއްތަ؟ މަ ކިހިނެއްތަ އާ ބަސް ދޭނީ…"

"ކަލޭއަށޭ އެކަމުން ފައިދާ ވާނީ ހަމަ. ބައްޕަ އެ ބުނީ ބޭނުންހާ ކަމެއް ކުރާކަށް ފައިސާއެއް ނުދޭނަމޭ… މާ ރަނގަޅެއްނު އަމިއްލައަށް ތަނެއްގެ ހިންގުމާ ހަވާލުވިއްޔާ. މައާލްގެ ބައްޕަގެ ކުންފުންނެއްނު. އެއާ ތަޅާފޮޅާކަށް މީހަކު ނުވެސް އަންނާނެއެއްނު. ކަލޭ ބައްޕަގެ ކުންފުންޏަށް ވުރެ އެ ކުންފުނި ބޮޑެއް ނުވާނެއެއްނު. ހިންގަން އެހާ އުނދަގުވާނެތަ؟ އަނެއްކޮޅުން ކަލޭ ތި ބުނަނީ ވަކިން ބަދަލުވާ ވާހަކަ. އެހެންވިއްޔާ ހުރިހާ ގޮތަކުންވެސް ކަލޭއަށް ފައިދާއޭ… ބޭނުން ވަރަކަށް ފައިސާ ލިބޭނެ ދޯ."

އަނޫފް އެ ދައްކާ ވާހަކައެއް ރާދިންއަށް ފަހުމްވީ ދެނެވެ. އެ ވާހަކަތަކާ މެދު ފުންކޮށް އޭނާއަށް ވިސްނައިލެވުނެވެ. އަނޫފްއަށް އަރާފައިވާ އޮޅުން އޭނާ ފިލުވާލާ ޚިޔާލެއް ނުކުރެއެވެ. އޭނާގެ ބައްޕަގެ ކުންފުންޏަށްވުރެ މައާލްގެ ބައްޕަގެ ކުންފުނި މާ މޮޑެވެ. އޭނާއަށް ވުރެ މައާލްގެ އާއިލާ މާ މުއްސަންޖެއެވެ. އަދި މިއަދު އެ ހުރިހާ މުއްސަނދިކަމެއްގެ ވެރިއަކީ މައާލްއެވެ. ރާދިން ހައިރާންވެއެވެ. އެއްވެސް ބޮޑާކަމެއް ނެތް އެ އަންހެން ކުއްޖާއާ މެދުގައެވެ. އެފަދަ ހިތެއް މައާލް ހޯދީ ކޮންތަނަކުން، ކިހިނެއްހެއްޔެވެ؟ މީހަކާ ދެތޭރެ މައާލްގެ ހިތުގައި ނަފްރަތުކަމެއް، ރުޅިވެރިކަމެއް ނުވެއެވެ. މުނީރުގެ ކޮންމެ ނިންމުމަކަށް ކިޔަމަންވެއެވެ. އެ މުއްސަނދިކަން އަތުން ބީވެދާނެކަމަށް ކުޑަވެސް ބިރުވެރިކަމެއް މައާލްގެ ހިތުގައި ހަމަ ނުވަނީހެއްޔެވެ؟

"އޭތް… ކޮން ޚިޔާލަކަށް ގެއްލިފަ؟ ކަލޭއަށް މަމިކިޔާ އެއްޗެއް އެބަ އިވޭތަ؟" އަނޫފް ރާދިންގެ ސަމާލުކަން ހޯދައިލިއެވެ.

"މަށަށް ގެޓުވެޔޭ… އެކަމަކު…."

"އެކަމަކު އެއް ނޫން. މިހާރު ތިއުޅޭހެން އުޅެން ބޭނުންވަންޏާ ތިކަންތައް ކުރޭ. ކަލޭ ހަމައެކަނި މޭޒު ކައިރީގައި އިނީމަ ނިމުނީނު. ދަށުން ތިބޭ މީހުން ކަންތައްތައް ކުރާނެއެއްނު. ބަދަލުގަ ބޭނުން ވަރަށް ކަލެއަށް ފައިސާ ލިބޭނެ. އެކަކަށްވެސް ނޭނގޭނެ." އަނޫފް ބުނެލިއެވެ. އަނޫފުްގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލުމަށްފަހު، ރާދިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ހަމަޖެހިލުމުން، އަނޫފް އެ ދައްކަނީ ތެދު ވާހަކަތަކެއްކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް، އެވަގުތު އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. އެއީ މައާލްގެ ބައްޕަގެ ކުންފުންޏެވެ. ވަރަށް އުންމީދާއެކު ބިނާކުރި ކުންފުންޏެކެވެ. އެތަކެއް ފޮނި އުންމީދު ތަކާއެކުވެސް މެއެވެ. ވީއިރު މައާލް ނިކަމެތިވެ، ކުންފުނީގެ އެއްވެސް ކަމެއް ނުކުރެވޭ ޙާލަތެއްގައި ހުރިއިރު، ރާދިން ބޭނުން ގޮތަކަށް ކުންފުނީގެ ފައިސާ ބޭނުން ކުރުމަކީ އިންސާފެއްހެއްޔެވެ؟

އަނޫފް އާ އެކު ކޮފީގައި އެތައް އިރެއް ހޭދަކުރުމަށްފަހު ރާދިން، ގެއަށް ދާންވެގެން ނުކުމެ ޕާކުކޮށްފައިވާ ސައިކަލާ ދިމާލަށް ހިނގައިގަތް ވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. ސަޖާގެ ފޯނެއްކަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ރާދިން… ކޮންތާކުތަ؟ އަހަރެން ހާދަ ހަނދާންވެޔޭ…" ސަޖާ ދެރަވެލާފައި ބުނެލިއެވެ.

"އަހަރެންވެސް ހަނދާންވޭ… އެބަ ދަން އިނގޭ…" އެހެން ބުނެލާފައި ފޯނު ބާއްވާފައި ރާދިން، ސައިކަލަށް އަރާ ސަޖާގެ އެޕާރޓްމެންޓަށް ދިޔުމަށް ސައިކަލު ދުއްވައިލިއެވެ.

އެޕާރޓްމެންޓަށް އަރާ ބެލް ޖަހައިލުމާއެކު ސަޖާ ދޮރު ހުޅުވައިލިއެވެ. އޭރު އޭނާ ހުރީ ކުރު ކުރު ސޯޓުކޮޅަކާއި އަތްކެނޑި ޓީޝާޓްކޮޅެއްގައެވެ. ރާދިންއަށް ސަޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލެވުނެވެ. ރާދިންގެ އެ ނަޒަރާއެކު، ސަޖާގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.

"އައި މިސް ޔޫ…" އިސްވެ ކުރިއަށް ޖެހިލާ ރާދިންގެ ގައިގައި ބައްދާލުމާއެކު، ސަޖާ ބުނެލިއެވެ.

"ކީއްވެ އެއްޗެއް ނުބުނީ… ރާދު…" ސަޖާ ރާދިންއަށް ގޮވައިލުމާއެކު، އޭނާވެސް ސަޖާ މަތިން ހަނދާންވާކަމުގައި ރާދިން ބުނެލިއެވެ.

"ރާދު…"

"ކިހިނެއްވީ ސަޖޫ؟ ކަމެއް ބޭނުންވީތަ؟" ރާދިން ސުވާލުކޮށްލީ، ސަޖާ ކަމެއް ބޭނުންވެގެން އުޅޭހެން ހީވެގެންނެވެ.

"އަހަރެން ބައެއް އެއްޗެހި ގަންނަން ބޭނުން." ސަޖާ ބުނެލިއެވެ.

"ކިހާ ވަރެއް ބޭނުމީ؟ ދެހާސް ރުފިޔާ މިވަގުތަށް އޯކޭ ވާނެ ދޯ…" ސަޖާ ދުރުކޮށްލާފައި، ރާދިން ވޮލެޓް ނަގަން އުޅުނު ވަގުތު ސަޖާ އެ އަތުގައި ހިފެއްޓިއެވެ.

"ފައިވް ތައުޒަން ލިބޭނެތަ؟ ހެދުންތައްވެސް ކުޑަކޮށް ބާވެެއްޖެ. އަދި ރީތިވާ އެއްޗިސްވެސް ހުސްވެފަ… އަހަންނަށް އެނގޭ ރާދިން ކައިރީގައި ކިޔުން މީ ރަނގަޅުކަމެއް ނޫންކަންވެސް. އެކަމަކުވެސް. އަހަރެން ޖޮބް ދޫކޮށްލިފަހުން އެއްޗެއް ދޭން ކިޔާނެ އިތުރު މީހަކު ނެތް…" ސަޖާ މޫނުމައްޗަށް ދެރަވެފައިހުރި ކަމުގެ އަސަރުތައް ވެރިކޮށްލުމާއެކު، އިސްޖަހައިލިއެވެ.

"ފައިވްއެއް ދީފާނަން. ސަޖޫއަށްޓަކާ.، ދެން ދެރަ ނުވޭ. އެކަމަކު މި ދުވަސްކޮޅު ކުޑަކޮށް ލާރިއަށް ބަލަން އެބަޖެހޭ. އެނގެއެއްނު ބައްޕަ…"

"އައި ނޯ. ރާދިން ދެން ކޮންމެވެސް ގޮތެއް ހަދާބަ ތިކަމަށް. އެ މައާލްއަށް ހުރިހާ މުދަލެއް ދޭންތަ ބައްޕަ އެ އުޅެނީ؟" ސަޖާ ހިތްހަމަނުޖެހުނެވެ.

"ޑޯންޓް ވޮރީ. އޭނަ އަހަރެންގެ މުދާ ބޭނުމެއް ނުވާނެ، ކުޑަ ދުވަސްކޮޅަކުން ސަޖޫ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް." ރާދިން ބުނެލި ވާހަކަ ސަޖާއަށް ފަހުމެއް ނުވިއެވެ

"މާދަން އަހަރެން އަންނާނަން އިނގޭ!" ސަޖާގެ ކޯތާފަތުގައި ފިރުމައިލުމަށްފަހު، ރާދިން ދާން އުޅުމުން ސަޖާ ރޯންފަށާފައި ރާދިން ހުއްޓުވިއެވެ. ސަޖާ ކައިރިން ސަލަމަތްވެގެން ރާދިންއަށް ގެއަށް ދެވުނުއިރު، މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އޭނާ ކޮޓަރިއަށް ވަތްއިރު، މައާލް އިނީ މުސައްލަމަތީގައެވެ. މައާލް ދަމު ނަމާދުކުރަނީކަން ޔަޤީންވެ ރާދިން، ގޮސް އެނދުމަތީގައި އިށީދެލިއެވެ.

ކޮޓަރީގެ ދޮރުލައްޕާލި އަޑު ނަމާދަށް ހުރި މައާލްއަށް އިވުނެވެ. އޭނާ ސަލާމްދީފައި ދުޢާކޮށް ނިންމާލުމަށްފަހު، ރާދިންއަށް ގޮވައިލިއެވެ.

"ހޫމް…" ރާދިން ހޫމް އެއް ލައްވައިލިއެވެ. މައާލް ނަމާދުކޮށް ނިމިގެން ގޮސް ސޯފާގައި އިށީނދެލިއެވެ.

"އަހަރެން ގޮތެއް ނިންމައިފިން. އަހަރެން މައާލްގެ ބައްޕަގެ ކުންފުންޏާ ހަވާލުވެދާނަން." ރާދިން އެހާ ހަމަހެިފައިހުރުމުންނާއި، ކުއްލިއަކަށް އެހެން ބުނުމުން އެއަށް ދޭނެ ޖަވާބެއް މައާލްއަކަށް ނޭނގުނެވެ. އޭނާ އެއްޗެއް ނުބުނެ އިންދާ އަނެއްކާވެސް ރާދިން ވާހަކަ ދައްކަން ފެށިއެވެ.

"އެ ގަޑީގައި ވިސްނާ ނުލާ އަހަންނަށް އެހެން ބުނެވުނީ… ބައްޕަ އެ ޒިންމާ އަހަންނާ ހަވާލުކުރުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަދި އެއް ވާހަކަ. އަހަރެން މާދަމާ ބައްޕަ ކައިރީ ބުނާނަން މައާލްގެ ބައްޕަމެން ގެއަށް ބަދަލުވާ ވާހަކަ މައާލް އަހަރެންގެ ކައިރީގައި ދެއްކިކަމަށް. މައާލް ޖެހޭނެ އަހަންނަށް އެއްބާރުލުން ދޭން." ފަހު ޖުމްލަ ބުނެލިއިރު، އަމުުރުވެރި ރާޖެއް އެ އަޑުގައި ހުރިނަމަވެސް، އެހެންޏާ ހުންނަ ރުންކުރުގޮތެއް ނެތެވެ. ރުޅިވެރިކަމެއް ނެތެވެ.

"އަހަރެން ބައްޕަ ކައިރީގައި ވާހަކަތައް ބުނާނެނަމަ މިހާރު ބުނެފަ ހުންނަނީ. ފިރިމީހާގެ ނޭދެވޭ ސިފަތަކާ ފިރިމީހާގެ ސިއްރުތައް ބޭޒާރުކުރާހާ ކެތްތެރިކަން ކުޑަ އަންހެން ކުއްޖެއް ނޫން އަހަންނަކީ. އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވުނީ ކޮން ޙާލަތެއްގަ، ކޮން ކަހަލަ ގޮތަކަށްކަން އަހަންނަށް އެނގޭ. ކަންތައްތައް ހަމައަކަށް އެޅެން ވަގުތު ނަގާނެކަންވެސް އަހަންނަށް އެނގޭ. އެހެންވީމަ ރާދިން ހާސްވާކަށް ނުޖެހޭނެ. އަހަންނެއް، އަހަރެންގެ ފިރިމީހާގެ ސިއްރުތައް އެއްވެސް މީހެއްގެ ކައިރީގައި ބޭޒާރެއް ނުކުރާނަން. އަހަންނަށް ކެތްކުރަން އެނގޭ. އެކަމަކު، އަހަރެން ރާދިންގެ ފަރާތުން އެންމެ ކަމަކަށް އެދެން ބޭނުން. ބައްޕަ ރާދިން ކޮބާހޭ އަހާ ކޮންމެ ފަހަރަކު ދޮގު ހަދާކަށް އަހަންނަކަށް ފަސޭހަ އެއް ނޫން. އެހެންވީމަ އެކަމަށް ވިސްނާލުމަށް ހަމައެކަނި އަހަރެން އެދެނީ. ބައްޕަ އަހަންނާ ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރާއިރު، ކޮންމެ ފަހަރަކު ޖަވާބުދޭކަށް އަހަންނަށް ފަސޭހައެއް ނޫން. ރާދިންގެ އުޅުމާ މެދު އަހަރެން ސުވާލު ނޫފެއްދިނަމަވެސް، އެކަމާ ސުވާލު އުފައްދާ ނެ މީހުން މިގޭގެ ތެރޭގަ އުޅޭނެކަން ރާދިން ވިސްނާލަންވާނެ. ކޮންމެ ގޮތެއް ވިނަމަވެސް، ތީ އަހަރެންގެ ފިރިމީހާ. މަޖުބޫރުން ކައިވެނި ކުރިނަމަވެސް، އަދި ރާދިން ދާހާތަނެއް ނުބެލިނަމަވެސް އެއީ ކޮންމެހެން އަހަރެން އެއްވެސް ކަމަކާ އަޅާނުލާތީކީ ނޫން، އަހަރެމެން ދެމެދުގަ އޮތް ގުޅުމަކީ ދެމަފިރިންގެ ދޭތެރޭގައި އޮންނަންޖެހޭ ގުޅުމެއް ނޫންކަން އެހެން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނޫން."

މައާލްގެ ވާހަކަ ހުރި ގޮތުން ރާދިންއަށް މައާލް އާ މެދު އިތުރަށް ޝައުގުވެރިކަން އުފެދުން ނޫން ގޮތެއް ނުވިއެވެ. އެ އަންހެން ކުއްޖާއާމެދު ވިސްވި ވަރަކަށް އިތުރު ކަންތައްތަކެއް އެނގެން ބޭނުން ވުން ނޫންކަމެއް ނުވެއެވެ. މައާލްގެ ވިސްނުން ހާދަ ތަފާތެވެ. ސަޖާގެ ވިސްނުމާ މައާލްގެ ވިސްނުމުގެ ފަރަގު އުޑާ ބިމާހާ ތަފާތެވެ. ރާދިންއަށް މައާލްއަށް ބަލަހައްޓައިގެން އިނދެވުނީ އެ ފަދަ ވިސްނުންތަކަކުން އޭނާގެ ސިކުނޑި ބަނދެވި ހައްޔަރުވަމުން ދިޔުމުގެ ސަބަބުންނެވެ. އެ ހުރިހާ ވާހަކައެއް މައާލް ދެއްކުމުންވެސް ރާދިން އެއްޗެއް ނުބުނުމުން މައާލް ކުޑަކޮށް ކަންބޮޑުވިއެވެ. ރާދިންގެ މޫނުމަައްޗަށް އަރާ ފައިބަމުން ދާ ކުލަވަރެއް އޭނާއަކަށް ނުފެންނާނެއެވެ. ވީއިރު އޭނާއަށް ކަމެއް ދޭހަވާނީ ރާދިންގެ އަމަލުތައް ހުންނަ ގޮތުންނެވެ. ނުވަތަ ރާދިންގެ އަޑުންނެވެ. އޭނާ އިންތިޒާރުކުރީ އެކަމަށެވެ.

"ރާދިން ކީއްވެ އެއްޗެއް ނުބުނީ؟ މިތާ އެބަ އިނިންތަ؟… ރާދިން…"

"އާނ… އެބަ އިނިން.."

އެހެންޏާ ހުންނަ ހަރުކަށިކަން ނެތުމުން ރާދިންއާ އިތުރަށް ވާހަކަ ދައްކަން މައާލްއަށް ހިތްވަރު ލިބިގެން ދިޔައެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ ކުރިމަތީގައި ރާދިންގެ އަގު ވައްޓާލާކަށް. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މިގޮތަށް ކަންތައް ކޮށްދީ… ތި ރުޅިވެރި މޫނު އެހެން މީހުންނަށް ނުދައްކާ ރާދިން. ވަކިން ބަދަލުވީމަ ބައްޕައަށް މި މަންޒަރުތަކެއް ނުފެންނާނެ. ސޯ ޕްލީޒް… އަހަންނަށްޓަކާ ނޫނަސް، ރާދިން އަމިއްލަ ނަފްސުގެ ގަދަރާ އިއްޒަތަށްޓަކާ ވެސް ތިކަން ތިގޮތަށް ނުކުރޭ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަންނަށް ތީ ހަމަ އަހަރެންގެ ފިރިމީހާ. އެކަން ރާދިން ގަބޫލުނުކުރިޔަސް އެއީ ހަޤީގަތަކީ. ވަރިނުކުރާހާ ހިނދަކު އަހަރެން ވާނީ ރާދިންގެ އަނބިމީހާއަށް. ވިއިރު އަހަރެންގެ މިވަރު ކުޑަ ކުޑަ ބަހެއް ރާދިންއަށް ގަބޫލުކޮށްލެވިދާނެތަ؟" މައާލް ވާހަކަ ދައްކަމުން ދިޔައީ ކިތަންމެ މަޑުން ނަމަވެސް، މައާލްގެ ވިސްނުންތޫނުކަމާއި ހަރުދަނާކަން އޭނާގެ ކޮންމެ ވާހަކައަކުން ދޭހަވަމުން ދިޔައެވެ.

"މައާލް ތީ ކޮން ކަހަލަ އަންހެން ކުއްޖެއްތަ؟" ރާދިންއަށް ހިތާ ހިތާ ކުރެވެމުން ދިޔަ ސުވާލު ދުލުން ބޭރުކޮށްލެވުނުކަން ރޭކާލީ އެ އަޑު އިވި މައާލް އޭނާއާ ވާހަކަ ދެއްކުމުންނެވެ.

"އަހަންނަނީ އާދައިގެ އަންހެން ކުއްޖެއްނު. ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިބުނު ހުރިހާ އުފަލެއް އަތުން ބީވި ނިކަމެއްޗެއް. މީހެއްގެ އެހީއާ ނުލާ އެއްވެސް ކަމެއް ނުކުރެވޭފަދަ، ގޮތްހުސްވެފައިވާ އަންހެން ކުއްޖެއް. ކޮންމެވެސް މީހެއްގެ އަތުގެ ފިރުމުންތަކާ އޯގާތެރިކަމާއި، ހިތްވަރުގެ ބަސްތައް ބޭނުންވެފައިވާ އަންްހެން ކުއްޖެއް." މައާލް އެހެން ބުނެލިއިރު، އޭނާގެ ހިތުގެ އެދުމަކީ ރާދިންގެ ފަރާތުން އޭނާއަށް އޯގާތެރިކަން ލިބުމެވެ. އެހީތެރިކަން ލިބުމެވެ. ކައިވެނި މިއޮތީ ކުރެވިފައެވެ. ވީއިރު ނުރުހުނު ނަމަވެސް، ރާދިން އޭނާއަށް އަދާކޮށްދޭން ޖެހޭ ހައްޤުތަކެއް ހުންނާނެ އެއް ނޫންހެއްޔެވެ؟

މައާލްގެ ވާހަކަތަކުން ރާދިންގެ ބަސްހުއްޓުން ނޫންކަމެއް ނުވެއެވެ. އެ އަންހެން ކުއްޖާގެ އަޑުގައި އެ ހުންނަ ވޭޒީ އަސަރު އެއީ މީގެ ކުރިން އެއްވެސް އަންހެން ކުއްޖެގެ ފަރާތުން އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ. ރާދިންއަށް ބޭއިޚްތިޔާރުގައި ސަޖާއާ މައާލްއާ އަޅާ ކިޔާލެވުނެވެ. ސަޖާގެ ދެލޮލުން އޭނާއަށް ކަރުނަ ފެނުނެވެ. މައާލްގެ ދެލޮލުންވެސް މެއެވެ. މައާލްގެ، ދެލޮލުގައި އެ ހުންނަ ވިދުމާއި، އެ ހިތްދަތި އަސަރުތައް އޭނާއަށް ސަޖާގެ ދެލޮލުން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.

"ޕްލީޒް ރާދިން…" މައާލް ބުނެލިއެވެ.

"ވަރަށް ލަސްވެއްޖެ… އަހަރެން ބޭނުންވަނީ ނިދާލަން." މައާލްގެ އެ އެދުމަށް ފުރަގަސްދޭން ރާދިންއަށް ނުކެރުމާއެކު، އޭނާ އެހެން ބުނެލިއެވެ. މައާލްވެސް އިތުރު އެއްޗެއް ނުބުނެއެވެ.

މައާލް ނިދީ ފަތިސްނަމާދުވެސް ކޮށްލައިގެންނެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި، ރާދިން އެމީހުން މައާލްގެ ބައްޕަގެ ގެއަށް ބަދަލުވާން އުޅޭ ވާހަކަ މުނީރުއާ ހިއްސާކުރިއެވެ.

"މައާލް އެ ވާހަކަ އަޅުގަނޑާ ދެއްކުމުން އަޅުގަނޑު ވެސް ދެކޮޅެއް ނުހަދަން. މައާލް ބޭނުންވާ ގޮތަށް އެކަން ކުރަން އަޅުގަނޑު ބޭނުން ފުރުސަތު ދޭން…"

ދެކުދިން ދިޔައިމަ ބައްޕަ ވަރަށް އެކަނިވާނެ އަސްލު. އެކަމަކުވެސް މައާލް އެހާ ބޭނުންވަންޏާ ހުއްޓުވާކަށް ނެތިން. ބައްޕަ މައާލްއަށް އިތުބާރުކުރަން. އަދި ދަރިފުޅަށްވެސް. އަދި ދެ ކުދިން ބައްޕަ ކައިރިއަށް އަންނާނެކަން ބައްޕައަށް އެނގޭ…" މުނީރު ބުނެލިއެވެ.

"އަޅުގަނޑުމެން ވަކިން އުޅުނަސް، ބައްޕަ ކައިރިއަށް އަންނާނަން. އަނެއްކާ ބައްޕައަށް ވެސް ހަމަ ބޭނުން ވަގުތަކު ދެވޭނެ އަޅުގަނޑުމެން ކައިރިއަށް. ދޯ މައާލް!" ރާދިންއަށް ފުން ނަޒަރަކުން މުނީރު ބަލައިލިއެވެ. އެއަށްފަހު އޭނާ މައާލްއަށް ވެސް ބަލައިލިއެވެ.

"ދަރިފުޅުމެން ދެކުދިންނަށް ފެންނަ ގޮތެއް… އެކަމަކު ވަކިން ބަދަލުވިޔަސް، މައާލްއަށް އެހީތެރިވާން ކުއްޖަކު ހުންނަން ޖެހޭނެ. ގޭގެ މަސައްކަތްތައް ކުރަންވެސް ކުއްޖަކު ހޯދަން ޖެހޭނެ. އެގެ ނުލާހިކު ބޮޑުވާނެ. ފޮޅާ ސާފުކޮށް ކައްކާ ހަދަންވެސް ކުއްޖަކު ހޯދަން ޖެހޭނެ." މުނީރު ބުނެލިއެވެ.

"އަޅުގަނޑު އެކަންތައްތައް ހަމަ ޖައްސާނަން." ރާދިން އަވަސް އަވަހަށް ބުނެލިއެވެ. މުނީރު ހޯދާ ކުއްޖަކު އޭނާ ބޭނުމެއް ނޫނެވެ. ގޭގެ އެއްވެސް ކަމެއް މުނީރުއަށް އެނގެން ރާދިން ބޭނުންނުވާތީއެވެ. އެނާ ބޭނުންވަނީ ރާއްޖޭން ބޭރުން ކުއްޖަކު ގެންނާށެވެ.

"އެންމެ ރަނގަޅު…" މުނީރު ބުނެލިއެވެ.

 

"އަދި އެއްވާހަކަ ބައްޕާ! އަޅުގަނޑު މައާލް ބައްޕަގެ ކުންފުންޏާ ވެސް ހަވާލުވާނަން. ބައްޕަ އެދޭ ގޮތަށް ކަންތައް ކުރާނަން." ރާދިން އެހެން ބުނެލުމާއެކު، މުނީރު ހައިރާންވީ ނަމަވެސް، އެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ހިތްހަމަޖެހުން އޭނާ އުފާވިވަރު ދޭހަކޮށްދެއެވެ. އޭނާގެ ޒުވާން ދަރިފުޅު ޒިންމާދާރު ވާން އުޅޭކަމުގެ މަލަމަތި ފެންނަން ފެށުން ވެގެން ދިޔައީ މުނީރުއަށް ލިބުނު ބޮޑު އުފަލަކަށެވެ. އޭރު އޭނާއަށް ނޭނގުނީ ރާދިންގެ އެ ނިންމުމުގެ ފަހަތުގައި ވީ ސަބަބެވެ.

 

ކޮމެންޓް 0