"އާނ. އަދި އެއްވާހަކަ!" އެހެން ބުނެލާފައި މުނީރު ހަމާކޮށްލި ވާހަކައާއެކު ރާދިންއަށް ޝޮކެއް ލިބުނެވެ.

އޭނާއަށް ވެސް މުނީރަށް ބަލަހައްޓައިގެން ހުރެވުނީ އެ ވާހަކަ ގަބޫލުކުރަން ދަތިވެފައިވާ ފަދަ ގޮތަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ރާދިންއަށް ހުރެވުނުއިރު، އޭނާގެ ސިކުނޑީގެ ހުރިހާ ނާރަކަށްވެސް ވާންވަމުން ދިޔަ ފަދައެވެ.

"ބައްޕަ ތި ބުނުއްވީ ދެން ދުވަހަކުވެސް…" އެ ހިސާބުން ޖުމްލަ މެދު ކަނޑައިލި ރާދިން އަނެއްކާވެސް މުނީރަށް ބަލައިލިއެވެ. ހީވާކަހަލައެވެ. އޭނާ އަދިވެސް މުނީރުގެ ދުލުން އެ ބަސްތައް ތަކުރާރުކުރަން ބޭނުންވަނީއެވެ.

"އާނ. ބައްޕަ އެ ރިޕޯޓްތައް ފޮނުވައިގެން ބަލައިފިން. އެއްވެސް އުންމީދެއް ނެތްކަމަށް ބުނަނީ… ބައްޕައަކަށް ނޭނގެ މިވާހަކަ މައާލްއާ ހިއްސާކުރާނެ ގޮތެއް. އެހާ ހިތްވަރު ދައްކައިގެން އުޅުނުނަމަވެސް، މައާލްއަށް އެގޮތަށް އެ އުޅެވެނީ އަދިވެސް އެހިތުގައި އުންމީދު ވާތީ… އެ ނޫނީ މައާލްއަށް އެހެންނެއް ނުހުރެވޭނެ! އިންސާނަނަށްވީތީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އުންމީދު ކުރެވޭނެތާ!.... ބައްޕަ ދިޔަޔަސް، ރާދިން މައާލްއަށް އަޅާލާ އޯގާތެރިވާން ވާނެ! އަހަރެމެންގެ އަތުގައި ޑޮކްޓަރުންނަށް ވުރެ ބާރުގަދަ ހަތިޔާރެއް ވޭ. ދުޢާ. އިރާދުކުރެއްވިއްޔާ އެންމެ ހީނުކުރާ ގޮތަކަށްވެސް އަލިމަގެއް ފެނިދާނެ. ދިިރިއުޅޭހާ ދުވަހަކު އުންމީދު ކުރެވެނީ އެހެންވެ."

މުނީރު ރާދިންއަށް ބަލައިލިއެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު ވެސް މި ޚަބަރު ލިބުމުން ދެރަވާނެކަން. މައާލްއަށް ވަގުތު ދީ ރާދިން. މި ވާހަކަ ރަނގަޅު ވަގުތެއް ހޯދައިގެން މައާލް ކައިރީގައި ވެސް ބުނަން ޖެހޭނެ. ކަންތައްތައް ސިއްރުކޮށްގެން އަބަދަކު ނުތިބެވޭނެ! ބައްޕަ ބޭނުމެއް ނޫން ރާދިންގެ ފަރާތުން މައާލްއަށް ލިބޭ ސަމާލުކަން ކުޑަވާކަށް. މައާލް ދެރަވާނެ އިތުރުކަމެއް ކުރާކަށް. ބައްޕައަށް މިހިސާބަށް އާދެވުނު ސިއްރަކީ މައާލްގެ ބައްޕަ ޝާކިރު. ރާދިންއަށް ނޭނގުނު ނަމަވެސް، ބައިވަރު ބައިވަރު ކަންތައްތައް ހިނގާފަ ހުންނާނެ! އެ ހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ވެސް ނެތް. މައާލްއާ އެކީ އުޅުން ފަސޭހަކަމެއް ނޫންކަން ބައްޕައަށް އެނގޭ. އަދިވެސް ބައްޕަ ބަލާނަން އިތުރަށް ފަރުވާ ކުރެވޭނެ ގޮތެއް ވޭތޯ." މުނީރު ރާދިންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. ބުނާނެ ބަހެއް ރާދިންގެ ދުލު ކުރިއަކަށް ނައެވެ. އޭނާއަށް ހިމޭންކަން ޚިޔާރުކުރެވުނީ އެހެންވެއެވެ.

ކޮފ ބޮއިގެންވެސް އެތައް އިރަކު މުނީރު ރާދިންއާ ވާހަަކަ ދައްކަން ހުއްޓެވެ. މުނީރު ދިޔުމުން ރާދިންވެސް ގޮސް ކޮޓަރިއަށް ވަނެވެ. އޭނާއަށް ބަލައިލެވުނީ އެނދުގައި ނިދިފައި އޮތް މައާލްއަށެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް، ހުއްޓިލުމަށްފަހު، އޭނާ މައާލްގެ މޫނުމައްޗަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ރީތިކަމުގެ ވެސް އިންތިހާއެވެ. އެތަނުގައި ހުރި ގޮނޑި ކައިރިކޮށްލުމަށްފަހު، ރާދިން އިށީނދެލިއެވެ. އެއަށްފަހު މައާލްއަށް ބަލަހައްޓައިގެން އެތަކެއް އިރަކު އިނެވެ. ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ.

ރާދިން ހުރީ މައާލް ވަރިކުރަން ނިންމައިގެންނެވެ. ސަޖާގެ ޖުމްލަތައް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން އޭރުވެސް ދިޔައެވެ. މައާލް ވަރިނުކުރާހާ ހިނދަކު ސަޖާ އޭނާއާ އެކީ ނޫޅެނެކަން ރާދިންއަށް އެނގެއެވެ. އެހެންނަމެސް ބައްޕަގެ ވާހަކަތަކަށްފަހު، އޭނާއަށް މައާލް ވަރިކުރާކަށް ނުކެރޭނެއެވެ. މައާލްގެ ކުށެއްނެތި އެންމެ ބޭނުންޖެހުނު ދުވަހު މައާލްއަށް ނިކަމެތިކަން ދޭކަށް އޭނާއަކަށް ނުކެރޭނެއެވެ. މައާލްއަކީ މިއަދު މުނީރުގެ އިތުރުން އޭނާގެ ވެސް އަމާނާތެކެވެ. ރާދިންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.

މައާލް ފުރޮޅި ލުމާއެކު، ރާދިންއަށް ސިހިފައި ގޮނޑިވެސް ދުރަށް ޖައްސައިލެވުނެވެ. މައާލް ހަމަޖެހިލިކަން ޔަޤީންވެ އޭނާ ތެދުވެގެން ގޮސް ސޯފާގައި އޮށޯވެލިއެވެ. ނިތްމަތީގައި އަތް ނުފުށުން ބާއްވާލައިގެން ރާދިން އޮތެވެ. އެހެން އޮތްއިރު، އިރުއިރުކޮޅަކާ އޭނާ މައާލްއަށް ބަލައިލައެވެ.

"ޖެހިގެން އައި ދުވަހު ރާދިން ސަޖާގެ ކައިރިއަށް ގޮސް އޭނާއަށް އަދި ވަގުތުދޭން އާދޭސްކުރިއެވެ. ރާދިންގެ ވާހަަކަތަކަށްފަހު، ސަޖާވެސް އެގޮތާ އެއްބަސްވީ، ރާދިން އޭނާ ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން ކޮންމެވެސް ވަރަކަށް އެހިތުގައި އޮތީތީއެވެ. އެހެންވެއްޖެނަމަ ރާދިންގެ މުއްސަނދި ކަމުގެ ކުޑަވެސް މިންވަރެއް އޭނާއަކަށް ނުލިބޭނެއެވެ. އޭގެ ހައްޤުވެރިއަކަށް ވާނީ މައާލްއެވެ. ހަމަހިލާ އެހެންވިޔަކަ އޭނާ ނުދޭނެއެވެ.

ސަޖާގެ ކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ރާދިން ގެއަށް އައިސް ފެންވަރާލައިގެން ނުކުތްއިރު، ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ.

"އަހަރެން އަންނާނަން އިނގޭ އަނުއްޕެމެންނާއެކީ ކޮފީއަކަށް ގޮސް…" ރާދިން ބުނެލިއެވެ. އޭރު މައާލް އެނދުކައިރީގައި ކޮޅަށް ހުއްޓެވެ. އޭނާ އައިސް މައާލްގެ ކައިރީގައި ހުއްޓުނެވެ. ރޭގައި އެހާ ރުޅި އައިސް މައާލްއާ ވާހަކަ ދެއްކުނުކަން ހަނދާންވެ ރާދިން މައާލްގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ. އޭނާ ގޮސް މައާލްގެ ކައިރީގައި ހުއްޓުމާއެކު، އެކަން މައާލްއަށް އެނގުނީ އޭނާގެ ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުންނެވެ.

"ރާދިން!" މަޑުމަޑުން މައާލް ރާދިންއަށް ގޮވައިލިއެވެ. އޭނާ ހުރީ އިސްޖަހާލައިގެންނެވެ. ރޭގެ ފަހުން ރާދިން ރުޅިއައިސްގެން އޭނާއާ ދިމާލަށް އެއްޗެއް ނުބުނާތީ މައާލް ހުރީ ހިތްހަމަ ޖެހިފައިނަމަވެސް، އޭނާ ހާސްވަނީ ކޮންމެ ވަގުތަކުވެސް ރާދިންގެ މިޒާޖު ބަދަލު ވެދާނެތީއެވެ. އެހެންނަމަވެސް، ދެންމެ ބޭރަށް ދާ ވާހަކަ ބުނެލިއިރު އެ އަޑުގައި ވީ އަސަރުން އެ ހުރިހާ ޝަކުވާއެއް ވެސް ހީވީ ހިނދުކޮޅެއްގެ ތެރޭގައި ފިލާ ދިޔައީހެންނެވެ. ރާދިންގެ ފަރާތުން އޭނާއަށް އިންތިޒާރުކުރެވެނީ އެފަދަ އޯގާތެރިކަމަކަށެވެ. އެފަދަ މަޑުމައިތިރިކަމަކަށެެވެ. އެ ހިތުގައި ރާދިންއާ މެދު އުފެދެމުންދާ ޖަޒުބާތުތަކަށް ދޭނެ ނަމެއް ނޭނގުނު ނަމަވެސް، އޭނާއަށް އެނގޭހާވެސް އެއްޗަކީ އެއީ މީގެކުރިން އޭނާއަށް ކުރުވި އިޙްސާސެއް ނޫންކަމުގައެވެ. ރާދިންއާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ދެމި ނުހުންނަނީ ކީއްވެހެއްޔެވެ؟ ރާދިންގެ އެންމެ އޯގާތެރި ފިރުމުމަކުން ހުރިހާ ޝަކުވާއެއް ފިލާ ދަނީ ކީއްވެހެއްޔެވެ؟ އެ އަތުގެ އެންމެ ބީހިލުމަކުން، އެ ހިތަށް ލިބިފައިވާ ޒަޚަމްތަކުގައި ގަނޑުފެން އަޅާލަދޭހެން ހީވަނީ ކީއްވެހެއްޔެވެ؟ ރާދިން ގޭގައި ނޫޅޭ ވަގުތު ތަކުގައި ފަޅުކަން އިޙްސާސްވަނީ ކީއްވެހެއްޔެވެ؟ އެކަނިވެރިކަން އެހާ ބޮޑަށް އޭނާއަށް އިޙްސާސް ވާންވީ ކީއްވެހެއްޔެވެ؟ ރާދިންގެ އަޑު ޖެހޭ ކޮންމެ ފަހަރަކު އެ ހިތް އުފަލުން ނަށާލައެވެ. ރާދިންގެ ސޫރަ ރާދިއު އާ ވައްތަރުކަން އެނގި ހަމަ ލޮލުން އެ ސޫރަ ދުށުމުގެ އެދުންވެރިކަން މައާލްގެ ހިތުގައި ގަދަވެގަންނަން ފެށިއެވެ.

"އައި އެމް ސޮރީ…" އިސްޖަހާލައިގެން ހުރި މައާލްއަށް ބަލަހައްޓައިގެން ހުރުމަށްފަހު، ރާދިން ބުނެލިއެވެ.

"ކޮން ކަމަކަށް؟" މައާލްއަށް ސުވާލުކޮށްލެވުނެވެ. އޭރުވެސް އޭނާ ހުރީ އިސްޖަހާލައިގެންނެވެ.

"ރޭގައި އަހަންނަށް މައާލްއާ ވާހަކަ ދެއްކުނީ ދައްކަން ޖެހޭ ގޮތަކަށް ނޫން. އެ ގަޑީގައި ރުޅިއައިސް ހުރީމަ އެހެން ވީ. އައި އެމް ސޮރީ…" ރާދިން މައާލްގެ ދަތް ދޮޅީގައި ހިފާ އިސްއުފުލުވާލުމަށްފަހު، މައާލްގެ ދެލޮލަށް ނަޒަރުހުއްޓާލިއެވެ. އެވަގުތު ރާދިންގެ ހިތާ ނަފްސުވެސް ގޮވާލީ މައާލްގެ އެ ދެލޮލުގެ މަހިނޫރުގެ ތެރޭގައި ޤަރަގުވެގެން ދިޔުމަށެވެ. މައާލްގެ އެ ދެލޮލުގެ ތޫނުކަން ރާދިންގެ ހިތާ ހަމައަށް ވާސިލްވަމުން ދިޔައީ ޚުދު އޭނާއަށް ވެސް އެނގުމަކާ ނުލައެވެ.

ރާދިންގެ އިނގިިލިތައް މައާލްގެ ކޯތާފަތުގައި ބީހިލުމާއެކު، މައާލްގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތުގެ ތެޅުން އިންތިހާ އަވަސްވެ ނޭވާ ފުންވިއެވެ. މައާލްއަށް އަންނަމުން ދިޔަ ބަދަލުތައް ރާދިންއަށްވެސް ފަހުމްވަމުން ދިޔައެވެ. ޚުދު އޭނާއަށް ވެސް އަމިއްލަ ޖަޒުބާތުތައް ކިޔަމަން ކުރުވުން ވެގެން ދިޔައީ އުނދަގޫކަމަކަށެވެ. އިޚްތިޔާރަކާ ނުލާ ރާދިންއަށް މައާލްއާ އޭނާއާ ދޭތެރޭ ވީ ދާއިރާ ހަނިކުރެވެން ފެށިއެވެ.

މައާލްގެ މޫނަށް ރާދިންގެ ހޫނު ނޭވާ އެޅޭހާ ގާތް ވިފަހުން މައާލްއަށް އޭނާގެ އަތް މުށްކަވާލެވުނެވެ. އެހެންނަމަވެސް އޭނާ ރާދިންއާ ދުރަށް ދާކަށް ނޫޅުނެވެ. ދެލޯ މަރާލައި ފިއްތާލި މައާލް ހުރި ގޮތުން ރާދިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އައި އެމް ސޮރީ…" މައާލްގެ ކަންފަތް ދޮށުގައި ރާދިން ވައި އަޑުން ބުނެލަމުން ކުޑަކޮށް ދުރަށް ޖެހިލިއެވެ.

"އިޓްސް… އިޓްސް އޯކޭ…"

"ބްރީތް!..." ރާދިން މައާލްއަށް ފުންކޮށް ބަލައިިއެވެ. ހިފައްޓާލައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލަންވެސް މައާލްއަށް ހަނދާންވީ ދެނެވެ. އޭނާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. އިސްޖަހާލަން ވެގެން އުޅުނު ވަގުތު ރާދިން އެ ފުރުސަތެއް އޭނާއަކަށް ނުދިނެވެ. މައާލްގެ ކޯތާފަތުގައި ހިފައްޓާލަމުން އޭނާ މައާލްގެ ނިތަށް ބޮސް ދިނެވެ. ރާދިންގެ އެ އަމަލުން މައާލް ހައިރާންވި ނަމަވެސް އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ރާދިންގެ ފަރާތުން ފެނުނު އަމަލެއް ނޫނެވެ. އެހެންނަމަވެސް، އެ އަމަލުން ރާދިން އޭނާއާ މެދު ވިސްނާކަން މައާލްއަށް ފަހުމްވެގެން ދިޔައެވެ.

"ތެންކިއު…" ރާދިން މައާލްއާ ދުރުވެލިއެވެ. އެއަށްފަހު އޭނާ ފަހަތަށް ޖެހިލިއެވެ.

"އަހަރެން ދަނީ…" ދެންމެ ކަންތައް ކުރެވުނު ގޮތުން ޚުދު ރާދިންގެ ހިތުގެ ތެޅުންވެސް ވަނީ އަވަސްވެފައެެވެ. ބިރުވެރިކަން އެހިތުގައި އުފެދުނީ ދެނެވެ. ސަޖާ ބުނިހެން އޭނާއަށް މައާލްދެކެ ލޯބިވެވުނީ ހެއްޔެވެ؟ އޭނާގެ ހިތުގައި މައާލްއާ މެދު އިޙްސާސްތަކެއް ވަނީ ހެއްޔެވެ؟ ދެންމެ އޭނާގެ ފުށުން އެ ފެނިގެން ދިޔައީ ހަމަ އެކަނި ހަމްދަރުދީގެ އަމަލުތަކެއް ނޫނެވެ.

ކޮޓަރިން ނުކުމެ ދޮރުފަތުގައި ލެނގިލަމުން ރާދިން އޭނާގެ މޭގައި އަތް ޖައްސާލިއެވެ. އޭނާ ހިތާ އެ ސުވާލުތައް ތަކުރާރުކޮށް ކުރަމުން ދިޔައެވެ. އެގޮތުގައި ހުއްޓާ ޖީބުގައި އޮތް ފޯނުގެ ރިންގްގެ އަޑާއެކު ރާދިން ސިހުނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލީ ގުޅީ ލީވާން ކަމަށްވީތީއެވެ.

"އާނ. މަމި ނައްޓާލީ… ކޮނާ އަނުއްޕެމެން؟ އެންމެން ތިތާ ދޯ… އާ އޯކޭ!" ފޯނުން ވާހަކަ ދައްކާ ނިންމާލާފައި ރާދިން ތިރިއަށް ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ.

*****

ނުވައެއް ޖަހާއިރު، ޒާހިދު ލިޔުންތައް ހިފައިގެން އައި އިރު ރާދިން ގޭގައި އުޅެއެވެ.

"އަންނަ ހަފްތާގައި އޮފީހަށް ނުކުތީމަ ދެން އެހެން ކަންތައްތައް ބްރީފްކޮށްދޭނަން…" ޒާހިދު ރާދިންއަށް ބުނެލިއެވެ. ކަންތައްތައް އޮޅުން ފިލުވަދީފައި ޒާހިދު ދިޔުމުން ރާދިންއާ މައާލް ވަނީ ކޮޓަރިއަށެވެ.

"އަހަރެން މައާލްގެ ބައްޕަގެ ކުންފުންޏާ ހަވާލުވެގެން ވަރަށް ރަނގަޅަށް ކުންފުނި ބަލާނަން." ސޯފާގައި މައާލް ބައިންދަމުން އެއްފަރާތުގައި އިށީނދެލާފައި ރާދިން ވާހަކަ ދެއްކިއެވެ.

"އަހަރެން ރާދިންއަށް އިތުބާރުކުރަން." މައާލް ބުނެލިއެވެ.

"އަހަންނަށްތަ އިތުބާރުކުރަނީ؟ ނޫނީ ބައްޕައަށްތަ؟" ރާދިން އެހެން ބުނެލީ ސަމާސާ ގޮތަކަށެވެ.

"އަހަރެން އަހަރެންގެ ފިރިމީހާއަށް އިތުބާރު ނުކުރަންޏާ ދެން އެހެން ކާކު ރާދިންއަށް އިތުބާރު ކުރާނީ. ރާދިންއަށް ނޭނގުނަސް އަހަރެން ރާދިންއަށް އިތުބާރުކުރަމޭ. ރާދިންގެ މިޒާޖު އަހަންނާ ހާސްބައި ތަފާތު ވިނަމަވެސް، ކުންފުނީގެ ކަންތަކުގައި ރާދިން މަކަރު ނުހަދާނެކަން އަހަންނަށް ޔަޤީން ވޭ. ރާދިންއަށް ހީވަނީތަ އަހަރެން ކުންފުނި ރާދިންއާ ހަވާލު ކުރަން ނިންމީ ހަމަ އެކަނި ބައްޕަ އެކަމަށް އެދި ލެއްވީމަ ކަމަށް. ނޫނޭ… އަހަރެން އަހަރެންގެ ފިރިމީހާއަށް އިތުބާރު ކުރާތީ އޭ އެކަން އެގޮތަށް ކުރީ…" މައާލް ބުނެލިއެވެ.

"އަހަރެން ގޯނި ފުލަށް ލަނީތަ؟"

"ނޫން! ގޯނި ފުލަށް ލެވޭވަރަށް ވުރެ ރާދިން މާ ވިސްނުންތޫނު ވާނެ! ހެހެ…" އެހެން ބުނެލާފައި މައާލްގެ ތުންފަތް މައްޗަށްވެރިވި ހިނިތުންވުމާއެކު، ލުއި ހުނުމެއްގެ އަޑު ވެސް ރާދިންއަށް އިވިލިއެވެ. އެއީ މައާލްގެ ފަރާތުން އޭނާއަށް އަލަށް ފެނުނު އަމަލެކެެވެ. އާޝާހުވެފައިވާ މީހަކު ފަދައިން މައާލްއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ އެހެންވެެގެންނެވެ.

"ކިހިނެއްވީ؟"

"އަހަރެން ކަމެއް ހަނދާންވީީ…"

"ކޮން ކަމެއް؟" ރާދިން ޝައުގުވެރިވިއެވެ.

"ގޯނި ފުލަށް ލަނީ އޭ އެއީ ރާދިއުވެސް އަހަރެން ގާތު ވަރަށް ބުނާ އެއްޗެއް. ރާދިން ވެސް ތި ބޭނުން ކުރީ ހަމަ އެ އިބާރާތް، ހަމަ އެގޮތަކަށް. ރާދިއުއާ އެކީ އުުޅުނު ދުވަހެއްގެ ހަނދާންވީމަ ހެވުނީ." މައާލް ބުނެލިއެވެ.

"ތެންކިއު ރާދިން.. ހުރިހާ ކަމަކަށް. އަހަރެން ރާދިންގެ އަނތްބެއްގެ ގޮތުގައި ބަހައްޓާތީ. އަހަންނަށް އެހާ ކެއަރ ކުރާތީ." މައާލް ބުނެލިއެވެ. ރާދިން ހިނިތުންވެލިއެވެ.

*****

މުނީރު ބޭރަށް ފުރުމުން، ރާދިން ނިންމީ އޭނާގެ އެކުވެރިން އެގެއަށް ގެނައުމަށެވެ. އޭނާ ސަޖާގެ ކައިރީގައި ނުބުނީ ސަޖާ އަދިވެސް ހިތްހަމަނުޖެހިފައި ހުރީތީއެވެ.

ރާދިން އެންމެން ގޮވައގެން އައިސް ގޭޓުން ވަނުމާއެކު، ކޮންމެ މީހަކުވެސް ހައިރާންކަމާއެކު، ސުވާލުތައް ރާދިންގެ ކުރިމައްޗަށް އޮށްސާލިއެވެ. އެމީހުން ހީކުރީ ރާދިން އެ ގެ ގަތީ ކަމަށެވެ. އަނޫފްގެ އިތުރުން ރާދިންގެ އިތުރު އެކުވެރިއެއް ފިޔަވާ އެހެން ހުރިހާ އެކުވެރިން ވެސް އައީ އެމީހުންގެ ލޯބިވެރިން ގޮވައިގެންނެވެ.

އެގެއަށް ވަދެފައިވެސް އެމީހުން ތިބީ ހައިރާންވެފައެވެ. ހަޤީގަތް އެނގެނީ ހަމައެކަނި އަނޫފްއަށެވެ. އަނޫފް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރިއިރު، އޭނާ ހުރީ އެމީހުން އުޅޭ ގޮތުން މަޖާވެފައެވެ. ހަޤީގަތް އެނގުމުން ވާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވެއެވެ. އެންމެން ސޯފާތަކުގައި އިށީނދެ ހަމަޖެހިލިއެވެ. އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ރާދިންއަށް ސިހުނީ ލީވާންގެ ލޯބިވެރިޔާ ސުމާއާއެކު އައިސް ވަތް ސަޖާ ފެނުމުންނެވެ.

ކޮމެންޓް 0