ސަޖާގެ މޫނުމަތިން ފެނުނު އަސަރުތަކުން ހުރިހާ މަންޒަރެއް އޭނާއަށް ފެނުނުކަން ރާދިންއަށް ޔަޤީން ކުރެވުނެވެ. ސަޖާ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގި އޭނާގެ ހިތުގެ ތެޅުން އިންތިހާ އަވަސްވެލިއެވެ.
ރާދިން އެންމެ ކަންބޮޑުވީ ސަޖާ މައާލްއަށް ބަލަހައްޓައިގެން ހުރި ނަޒަރުގެ ސަބަބުންނެވެ. އެ ނަޒަރުން ނަފްރަތު ނޫން އެއްޗެއް ރާދިންއަކަށް ނުފެނެއެވެ. ސަޖާގެ މިޒާޖު އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. އަންނަ ރުޅީގައި ކޮންމެ ފަދަ ކަމެއް ވެސް ކޮސްފާނެއެވެ. ބުނަން ނުޖެހޭއެއްޗެއް އެ ދަނޑިވަޅުގައި އެންމެންގެ ތެރޭގައި ސަޖާ ބުނެފާނެތީ، ރާދިންވަނީ އިންތިހާ ހާސްވެފައެވެ.
"މައާލްތަ؟" ދަތްކުނޑި ވިކާލައިގެން ކަހަލަ ގޮތަކަށް ހުރެ އެހެން ބުނެލާފައި، ސަޖާ މައާލްގެ އަތުގައި ހިފައިލީ ނުގޮތަކަށް ރާދިންއަށް ބަލަން ހުރުމަށް ފަހުއެވެ. ސަޖާގެ އެ ބެލުން ރާދިންއަށް ސިފަވީ އިންޒާރެއް ފަދައިންނެވެ.
"މީ... ރާދިންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. ރާދިންގެ ކައިވެންޏަށް އާދެވޭ ގޮތަކަށް ވެސް ނޫން އަސްލުހުރީ. އެކަމަކު އަހަރެން ކިހިނެއް އެހާ ގާތް މީހެއްގެ ކައިވެންޏަށް ނައިސް ހުންނާނީ. އަދި އެވެސް ރާދިން ޚާއްސަކޮށް އަހަރެން ކައިރީގައި ބުނީމަ. ބައިދަވޭ އަހަންނަކީ......" އެހިސާބަށް ބުނެލާފައި ސަޖާ މަޑުޖެހިލުމަށްފަހު، ރާދިންއަށް ބަލައިލިއެވެ.
"ނޫރާ... ވަރަށް އުފާވެއްޖެ މައާލްއާ ބައްދަލުވީމަ." ސަޖާ މައާލްގެ އަތަށް ކުޑަކޮށް ބާރުކޮށްލަމުން ބުނެލިއިރު، އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރުން ވީ އުނދަގޫކަމަކަށެވެ. ރާދިންގެ މޫނުމަތިން ސަޖާއަށް ފެނުނީ އޭނާ ބޭނުންވި ފަދަ އަސަރުތަކެވެ. އޭނާ ރާދިންއަށް އަންގައިދޭން ބޭނުންވީ އޭނާއަށް ކުރެވޭނެ ބައިވަރު ކަންތައްތައް ހުރިކަމެވެ. ރާދިންއަކީ އޭނާގެ މައިންބަފައިންގެ އިއްޒަތް އެފަދަ ގޮތަކަށް މީހުންގެ ތެރޭގައި ވެއްޔާ މޮޑެލަން ކެރޭނެ ޒުވާނެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާ އެ ހަފްލާއަށް ގެންނަން ރާދިން ޖެހިލުންވީ އެ ސަބަބާ ހެދިކަން ވެސް ސަޖާއަށް އެނގެއެވެ. މައާލްގެ އަތުން ދޫކޮށްލުމަށްފަހު، ސަޖާ ޖެހިލުމެއްނެތި ރާދިންގެ އަތުގައި ހިފައްޓައިލުމާއެކު، ރާދިން ދިޔައީ ސިހިގެންނެވެ. ވަށައިގެންވީ މާހައުލަށް އޭނާއަށް އަވަސް އަވަހަށް ބަލައިލެވުނީ އެއްވެސް މީހެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައިހުރިތޯ ބަލައިލުމުގެ ނިޔަތުގައެވެ. ނަސީބަކުން އެންމެންވެސް ތިބީ އެމީހުންގެ އަމިއްލަ ކަންތަކުގައި މަސްއޫލުވެއެވެ. ރާދިން އޭނާގެ ލޮލުން ސަޖާއަށް އިޝާރާތްކޮށްލީ އޭނާގެ އަތުން ދޫކޮށްލުމަށެވެ. އެހެންނަމަވެސް، ސަޖާ ހުރީ އޭނާގެ ގޮތުގައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު، ސަޖާ ރާދިންއާ ސަލާމްކޮށްލީ އެ ދިމާލަށް އަންނަމުން ދިޔަ މުނީރު ފެނުމުންނެވެ. މުނީރު ފެނި ރާދިން އިތުރަށް ހާސްވުން ނޫންކަމެއް ނުވިއެވެ. އޭނާ ސަޖާގެ އަތުތެރެއިން އަތް ދަމައިގަތުމަށްފަހު، ޖީންސްގެ ޖީބަށް ޖަހައިލިއެވެ.
"ވަރަށް އުފާވެއްޖެ ރާދިންގެ ކައިވެނި ކުރެވުނީމަ. އަދިވެސް އެއްފަހަރު ކޮންގްރެޗުލޭޝަންސް." އެ ހިސާބަށް އަރާ ހުއްޓުނު މުނީރަށް އަޑު އިވޭވަރަށް ސަޖާ ބުނެލިއެވެ. އެއަށްފަހު ،އޭނާ ހިނިތުންވުމެއް މުނީރަށް ހަދިޔާކޮށްލުމަށްފަހު، ދުރަށް ހިނގައިގަތެވެ.
"ދަރިފުޅުގެ އެކުވެރިއެއްތަ؟ މީގެ ކުރިން ދުވަހަކުވެސް ފެނުނު ހަނދާނެއް ނުވޭ..." މުނީރު ރާދިންއާ ސުވާލުކޮށްލިއެވެ.
"އަަ... އާނ... ލައްބަ!"
ރާދިންއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައި ގަންނަމުންނެވެ. އިރުއިރުކޮޅަކާ، އޭނާއަށް ބެލެނީ ސަޖާއާ ދިމާލަށެވެ. ރާދިންއަށް ބަލަން ހުރުމަށްފަހު، ސަޖާ ގެއިން ނުކުންނަން ހިނގައިގަތެވެ. ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
"އެެހެންތަ؟ ދެ ކުދިންވެސް އެއްޗެއް ކާލަން ހިނގާ ދެން. ދެން އިތުރު ބަޔަކު ނާންނާނެއެއްނު." މުނީރު އެހެން ބުނެލާފައި އޭނާއާ އެކު އައުމަށް އިޝާރާތްކޮށްލިއެވެ. ރާދިންގެ އެހީތެރިކަމާއެކު، މައާލް ހިނގައިގަތް އިރުވެސް އޭނާގެ ބޮލަށް ކޮންމެވެސް ވަރަކަށް އެނބުރުން އަރަމުން ދިޔައެވެ. ބޮލުގައި ކޮންމެވެސް ވަރެއްގެ ބަރުކަމެއް ހުރުމުގެ އިތުރުން މަޑުމަޑު ރިހުމެއްވެސް ހުއްޓެވެ. އެހެންނަމަވެސް، ހިތްވަރުކޮށްފައި މައާލް ރާދިންއާ އެކު ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ. ކާއެއްޗެހި ގެނައުމުން މައާލްއަށް އެހީތެރިވުމަށް ރާދިންއަށް މަޖުބޫރުވިއެވެ. މުނީރުގެ އިތުރުން ބައެއް މީހުންގެ ނަޒަރުތައް ވެސް އަމާޒުވެފައިވަނީ އެ ދެމަފިރިންނަށެވެ.
ކައިނިމިގެން ވެސް މައާލް ރާދިންގެ ކައިރީގައި ހުރިހާ މެހެމާނުންތައް ދަންދެން އިނެވެ. އުނދަގޫވަމުން ދިޔަނަމަވެސް، އޭނާ ކެތްތެރިވިއެވެ.
އެންމެފަހު ބަޔަކަށް އެތަނުގައި ތިބީ ހެކިވެރިއަކަށް އައި ރާޒީގެ އިތުރުން، ސަޢީދުގެ ދެމަފިރިންނާއި އެ ދެމީހުންގެ ދަރިފުޅު ސާދާއާއި، ލޯޔަރު ޒާހިދެވެ. ޒާހިދާ ރާޒީވެސް މުނީރާ ސަލާންކޮށްފައި، އެތަނުން ނުކުންނަން ހިނގައިގަތުމުން ސަޢީދުވެސް އެމީހުންވެސް ގޮސްލަނީ ކަމުގައި މުނީރުގެ ކައިރީގައި ބުނެލިއެވެ. ރީނާވެސް މައާލްގެ ބޮލުގައި ފިރުމައިލުމަށްފަހު، ދާން ހިނގައިގަތުމުން ސާދާ ގޮސް މައާލްގެ ގައިގައި ބައްދައިލިއެވެ. މައާލްއާ އެކުވެރިކަން ބާއްވަން ސާދާ ބޭނުމެވެ. މައާލްގެ އެއްވެސް ރަޙްމަތްތެރިއެއް ރާއްޖޭގައި ނެތްކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. މައާލްއަށް ދިމާވި ހިތާމަވެރި ހާދިސާ އޭނާގެ ބައްޕަވަނީ އޭނާއަށް ކިޔައިދީފައެވެ.
"އަދިވެސް ވަރަށް އަވަހަށް ބައްދަލުވާނެކަމަށް އުންމީދުކުރަން މައާލް... ގޮސްލަނީ އިނގޭ..." ސާދާ ހިތްހެޔޮކަމާއެކު އެހެން ބުނެލުމުން، ސަޢީދުގެ އިތުރުން މުނީރުގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. މައާލްއަށް އާއެކުވެރިއެއް ލިބުމުން މުނީރު އުފާވިއެވެ. މައާލްގެ އެކަނިވެރިކަމަށް އެކަމުން ކޮންމެވެސް ކަހަލަ ލުޔެއް ލިބޭނެކަމަށް މުނީރު އުންމީދުކުރިއެވެ.
އެންމެން ގޮސް އަވަދިވުމުން މުނީރު ރާދިންއަށް ބަލައިލިއެވެ.
"މިއަދުގެ ފަހުން މައާލްގެ ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ދަރިފުޅު... ރާދިން އެދުނު ގޮތަށް މައާލްގެ އެއްޗެހި މިހާރު ހުންނާނީ މައްޗަށް ގެންގޮސްފައި. މައާލްއަށް ފަސޭހަވީސް ތިރިއަށް ދަރިފުޅު ބަދަލުވިނަމަ. އެކަމަކުވެސް ދަރިފުޅަށް ކަމުދާ ގޮތެއް ބައްޕައަށް ވެސް އެންމެ ރަނގަޅު." މުނިރު އެންމެ ފުރަތަމަ އެ ވާހަކަ ރާދިންއާ ދެއްކުމުން ރާދިން ބުނީ އޭނާ ބަދަލުނުވާނެކަމުގައެވެ. މައާލްއަށް ތިރީ ކޮޓަރީގައި އުޅެވޭނޭ ކަމަށެވެ. އޭނާ އުޅޭނީ މަތީގައިކަމަށެވެ. އެކަމާ މުނީރު އެއްބަސްނުވީ އެއީ ދެމަފިރިންކަމުގައި ރާދިންއަށް ވިސްނައިދެމުންނެވެ. ރާދިން އެގޮތާ އެއްބަސްވީ އިތުރު ގޮތެއް ނެތިގެންކަމުގައި ވިނަމަވެސް، އޭނާގެ ރޭވުން މާ މޮޅުވާނެއޭ އެ ހިތް ބުނެލިއެވެ. މުނީރު އެ ވާހަކަ މައާލްއާ ވެސް ދެއްކިއެވެ. މައާލް ހުރީ ރާދިން އެދޭ ގޮތަކާ އެއްބަސްވެގެންނެވެ.
މައާލްގެ ހިތް އަވަސްވިއެވެ. ވިސްނުންތަކުން ސިިކުނޑި ތޮށްޖެހެމުން ދިޔަނަމަވެސް، ޚިޔާލީ ދުނިޔެއިން އޭނާއަށް ނުކުންނަން މަޖުބޫރުކުރުވީ މުނީރުގެ އަޑެވެ.
"ދެން ކޮޓަރިއަށް ގޮސް އަރާމުކޮށްލާ! ރާދިން މައާލްއަށް އެހީތެރިވެދީ." މުނީރު ބުނެލިއެވެ. ރާދިން މައާލްގެ އަތުގައި ހިފައްޓައިލުމާއެކު، މައާލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މައާލްއަށް އައި ބަދަލުތައް ރާދިންއަށް ފަހުމްވިއެވެ. ރާދިން މައާލް ގޮވައިގެން ސިޑިން އަރައިގެން ގޮސް ލޯމަތިން ގެއްލެންދެން މުނީރު ބަލަން ހުއްޓެވެ. އެއަށްފަހު އޭނާ، ލުއި ހިނިތުންވުމަކާއެކު ކޮޓަރިއާ ދިމާލަށް ހިނގައިގަތީ އެ ދެމަފިރިންގެ މުސްތަޤްބަލް އުޖާލާކޮށްދިނުން އެދި ﷲ ގެ ހަޟްރަތަށް ދުޢާ ދަންނަވާ ޙާލު ގައެވެ.
ކޮޓަރީގެ ދޮރުފަތް ހުޅުވައިލުމާއެކު، ރާދިން މައާލް ގޮވައިގެން އެތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެވުނުކަން އެނގުމާއެކު، މައާލްގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ކޮޓަރި ތެރޭގައި ލުއި ލުއި މީރުވަހެއް ހިފާލާފައި ހުއްޓެވެ. ހިތްގައިމު ވަހެއް ނަމަވެސް، އެވަހުން މައާލްގެ ސިކުނޑީގެ ހާސްކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މިހާރު އޭނާއަކީ މީހެއްގެ އަނތްބެކެވެ. ދެން އޭނާ އުޅެން ޖެހޭނީ ރާދިންއާ އެއް ކޮޓަރިއެއް ހިއްސާކޮށްގެން ހެއްޔެވެ؟ ރާދިންގެ އިންޒާރުތައް މަތިން ހަނދާންވުމާއެކު ނޭވާލާންވެސް ދަތިވިއެވެ. މައާލްއަށް ވީ ގޮތް ރާދިންއަށް ރަނގަޅަށް އެނގުނެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ.
"ކިހިނެއްވީ؟ ބިރުގަތީތަ؟ ހާދަ ފިނޑިއޭ ދޯ. މި ޑެޒިޝަން ނެގީ ހުރިހާކަމެއް މައާލްއަށް އެނގި ހުރެއެއްނު. އެހާ އަވަހަށް ބިރުން ފަހަތަށް ޖެހެނީތަ؟" މަލާމާތުގެ ރާގަކަށް ރާދިން ބުނެލިއެވެ. މައާލް އިތުރު އެއްޗެއް ނުބުނުމުން ރާދިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަހަރެން އޭރުވެސް ބުނިން އަހަރެންގެ ފަރާތުން ފިރިއެއްގެ ފަރާތުން މައާލް އުންމީދުކުރާ އެއްވެސްކަމަކަށް އުންމީދު ނުކުރައްޗޭ. އަދި އެބައޮތް އަހަރެންގެ ޝަރުތުވެސް." ކަމެއް ހަނދާންކޮށްލަދޭ ފަދަ ގޮތަކަށް ރާދިން ބުނެލިއެވެ.
"ކޮން... ކޮބާ ޝަރުތަކީ؟" މައާލްއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.
"ޝްޝްޝް... ވަގުތު ޖެހުނީމަ ބުނާނަން." މައާލްގެ މޫނަށް އޭނާގެ ހޫނު ނޭވާތައް އެޅޭހާ ކައިރިވެލާފައި، މައާލްގެ ތުންފަތުގައި އޭނާގެ ކަނާއަތުގެ ޝާހާދަތް އިނގިލި ޖައްސައިލަމުން ރާދިން ބުނެލުމާއެކު، އިތުރު އެއްޗެއް ބުނަން އުޅުނު މައާލްގެ ދޫ ބަންދުވިއެވެ. ހީވީ ދުލުގައި ތަޅެއް ލެވުނުހެންނެވެ. އިތުރު އެއްޗެއް ބުނަން އޭނާ ނުކުޅެދުނުއިރު، ރާދިންގެ އެ ގާތްކަމުން މައާލްގެ ވިންދު އަވަސްކުރުވިއެވެ. އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓާ، މައާލްގެ ތުންފަތުގައި ރާދިން އޭނާގެ އިނގިލިތައް ކާއްތާލުމާއެކު، މައާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ރާދިންގެ މޭގައި އަތް އަޅާކޮށްޕާލަން އުޅުނު ނަމަވެސް، އެ ފުރުސަތު ރާދިން މައާލްއަކަށް ނުދިނެވެ. އޭނާ އުޅުނީ ކޮންމެހެން މައާލްއަށް ކަމެއް ކުރާކަށް ނޫނެވެ. އެހެންނަމަވެސް، އޭނާ ބޭނުންވީ މައާލް ބިރުގަންނުވާލާށެވެ.
"ކައިވެނިކުރީމަ އަހަރެމެންވެސް އުޅެންވާނީ ދެމަފިރިން އުޅޭހެނެއްނު.... އެހާވަރުން ކައިވެންޏަށް އެއްބަސްވީގޮތަށް މިހާރުވެސް ގަޓުކަން ދައްކާލަބަލަ!" ރާދިން ހިނިގަނޑެއް ޖަހައިލިއެވެ. މައާލް ބިރުގަތެވެ. ރާދިންއަށް މިވަނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ ރާދިން މޮޔަވީހެއްޔެވެ؟ އެއްފަހަރު މިއީ ކައިވެންޏެއް ނޫނޭ ބުނެފާނެއެވެ. އަނެއްފަހަރު ވާހަކަ މިހުންނަނީ އެހެން ގޮތަކަށެވެ.
"ރާ... ރާދިން... ދޫކޮށްލާ..." މައާލްގެ އަޑު ނުކުތްލެއް މަޑުކަމުން އެ އަޑު ރާދިންއަށްވެސް އިވުނީ ކިރިޔަ ކިރިޔާއެވެ.
"އޯހް މައާލް.... އަހަންނަށް މައާލްއަށް ކޮންމެ ކަމެއްވެސް ކުރެވޭނެ. ހަނދާންވޭތަ އަހަރެން ދެއްކި ވާހަކަ މަތިން..." ރާދިން މައާލްއަށް ކަމެއް ހަނދާން ކޮށްލަދިނެވެ. ބިރުވެރިކަމާ، ހިތްދަތިކަން އެކުވެގެން ގޮސް މައާލްގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ މަންޒަރު ރާދިންއަށް ފެނުމާއެކު، އޭނާ މައާލްގެ އަތުން ދޫކޮށްލިއެވެ. މައާލް އެ ހުރިތާ ބަހައްޓާފައި، ރާދިން އޭނާގެ ސޫޓް ބޭލުމަށްފަހު، ސޯފާމައްޗަށް އެއްލައިލިއެވެ. އެއަށްފަހު އަލަމާރިން ނިދަންލާ ޓްރެކްޝޫޓެއް ނަގައިގެން ވަނީ ފާޚާނާއަށެވެ.
ހިމޭންވެފައިވާ އެކޮޓަރިތެރެއަށް ރާދިން ޝަވަރ ދޫކޮށްލި އަޑު އިވިގެން ދިޔައެވެ. އޭރުވެސް މައާލް ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ރާދިން ބެހެއްޓި ހިސާބުގައެވެ. ދެލޮލަށް ކަރުނަތައް ޖަމާވެ ކޯތާފަތްމައްޗަށް ފައިބަން ފެށުމުން، މައާލް އެ ކަރުނަތައް ފުހެލިއެވެ.
ދިހަވަރަކަށް މިނެޓް ފަހުން ރާދިން ފާޚާނާ ދޮރު ހުޅުވާލާފައި ނުކުތެވެ. އެއަޑަށް މައާލް ދިޔައީ ސިއްސައިގެންނެވެ. ރާދިން މައާލްއަށް ބަލައިލުމަށްފަހު، އިތުރު އެއްޗެއް ނުބުނެ ގޮސް އެނދުގައި ޖައްސައިލިއެވެ. އޭނާ މައާލްއަށް ބަލަން އޮވެފައި ގަޑި ބަލައިލިއެވެ. މެންދަމު ބާރަ ޖަހައިފިއެވެ. މައާލްއަށް އެހީތެރިވާން ހިތަށް އެރި ރާދިންގެ ސިކުނޑިއަށް ސަޖާގެ ޚިޔާލުތައް ވެރިވުމާއެކު، އޭނާ ފޯނު ނެގިއެވެ. އެއަށްފަހު އޭނާ މިރޭ ސަޖާގެ ކައިރިއަށް ދާނެކަމުގައި ބުނެ މެސެޖެއް ކުރިއެެވެ. ރާދިން ނިންމީ ތަންކޮޅެއް ދަންވުމުން ދާށެވެ. ސަޖާގެ ޚިޔާލުތައް ހިތަށް ވެރިވުމާއެކު، މައާލްއަށް އެހީތެރިވެދޭން ރާދިންގެ ޒަމީރު ދެކޮޅު ހެދިއެވެ.
އޭނާ މައާލްއަށް ބަލައިލިއެވެ. މައާލް އޭރުވެސް އެހުރިތަނުގައި ޖެހި ބުދެއްހެން ހުއްޓެވެ. ރާދިން ދެލޯ މަރައިލުމަށްފަހު ވެސް ކެތްނުވެގެން އެންމެ ފަހުން މައާލްއަށް ބަލައިލިއެވެ.
"އެއްޗެހި ބަދަލުކޮށްގެން ނިދަން އުޅޭ މައާލް." މައާލްއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އެނގިހުރެވެސް ރާދިން އެހެންބުނެލިއެވެ. ހަޤީގަތުގައި މައާލްއަށް އެހީތެރިވާން ބޭނުންވިނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ ރާދިން ފަސްޖެހެނީއެވެ. ހަމައެއާއެކު ކޮންމެ ކަމެއްގައި އޭނާ މައާލްއަށް އެހީތެރިވާން ޖެހޭނެއޭ ހިތަށް އެރުމާއެކު ފޫހިވިއެވެ. އެނދުން ތެދުވެގެން އައިސް އަލަމާރި ހާވާލާފައި، މައާލްގެ ހެދުމެއް ހިފައިގެން އައިސް މައާލް އަތަށް ދީފައި ރާދިން ވާހަކަ ދެއްކިއެވެ.
"މިއޮތީ ހެދުން." ފަރުވާކުޑަގޮތަކަށް އެހެން ބުނެލުމަށްފަހު ރާދިން، ގޮސް އަނެއްކާވެސް އޮށޯތީ އެނދުގައެވެ. ރާދިން ހީވަނީ ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި ކަންތައް ކުރަންވީ ގޮތެއް ނޭނގިގެން އުޅޭ މީހެއްހެންނެވެ. އޭނާ ލޯ މަރައިލީ އިރުކޮޅަކުން ލޯ ހުޅުވައިލުމުގެ ބޭނުމުގައި ނަމަވެސް، ވެފައި ހުރި ވަރުބައްޔާއެކު، ރާދިންގެ ދެލޮލަށް ނިދި ސަވާރުވިއެވެ. އިސާހިތަކު ހުވަފެނީ އާލަމަށް އޭނާ ޣަރަގުވެގެން ދިޔައެވެ.
"ރާ.. ރާދިން... ފާޚާނާ..." މައާލް ހިތްވަރުކޮށްފައި ރާދިންއަށް ގޮވައިލިއެވެ. ރާދިންގެ ޚަބަރެއް ނުވުމުން އޭނާ އެކަނިކޮށްލާފައި ރާދިން ނިދީކަން މައާލްއަށް ޔަޤީންވިއެވެ. އެއާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ރޮވެން ފެށުނެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް މައާލް ލައްވީ ފާރުގައެވެ. އެހުރިގޮތަށް އޭނާ އެތަނަށް ތިރިވިއެވެ. އަތުގައި އޮތް ހެދުން ބޮޑިކޮށްލަމުން އޭގައި ބާރަށް ހިފައްޓައިލި މައާލްއަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިސާހިތަކު އޭނާއަށް ގިސްލާފައި ރޮވެން ފެށުނެވެ. އަނގަމަތީގައި އަތް އަޅައިލަމުން މައާލް ރުއިން މަޑުކުރަން މަސައްކަތް ކުރަމުން ތުންފަތުގައި ދަތް އަޅައިލިއެވެ.
*****
އެނދުގައި ބަނޑުން އޮށޯވެލައިގެން ސަޖާއޮތްއިރު، އޭނާ ދިޔައީ ރޮމުންނެވެ. އެނދުގައި އަޅާފައި އޮތް ބެޑް ޝީޓްވެސް އޮތީ ނަގާ ހޫރާލިގޮތަށް ޓައިލްސްތަކު މަތީގައެވެ. ބާލީސްތައްވެސް އެތަން މިތަނުގައެވެ. ޑްރެސިންޓޭބަލްމަތީގައި ހުރިއްޔާ ހުރި ހާއެއްޗެއް ވެސް ވަނީ އުކާލެވިފައެވެ. ބިއްލޫރި ފުޅިއެއްވިއްޔާ އެ އޮތީ ތަޅައިގެން ގޮސްފައެވެ. އަލަމާރި ދޮރުފަތް ހުޅުވާލާފައި ހުރިއިރު އޭގެ ތެރޭގައި ހުރި ހުރިހާ އެއްޗެއްވެސް ހުރީ ބިންމަތީގައެވެ. ކޮޓަރިތެރެއަށް ކުޑަވަރެއްގެ ތޫފާނެއް އަރާފައިވާ ފަދައެވެ. ދެފައި އެނދުން ބޭރަށް އެލުވާލައިގެން އޮތްއިރު، ފައި ކަފައިގެން ގޮސް ކޮންމެވެސް ވަރަަކަށް ލޭ އަންނަމުން ދިޔައެވެ. ހީވަނީ ތެޅިފައިވާ ބިއްލޫރި ތަކަށް އެރިފައިވާހެންނެވެ. ރާދިންގެ މެސެޖަށް ބަލައިލުމާއެކު، ފޯނުވެސް އަތުގެ ކޮޅަށް ހޫރައިލައިފިއެވެ.
"އައި ހޭޓް ޔޫ ރާދިން. އައި ހޭޓް ޔޫ..." ސަޖާ ކިޔަމުން ދިޔައެވެ. މިރޭ ރާދިންއާ މައާލް ހިއްސާކުރާނީ އެއް ކޮޓަރިއެއްކަން އެނގި އޭނާގެ މުޅި ނަފްސުވެސް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ.