"އެ މުދާގަނޑު. އެއީ ޝާކިރުގެ އެކަނި ހައްޤެއް ނޫން. މަގޭވެސް ހައްޤެއް އެއީ…"
"އެއްބަފާ ކޮއްކޮއަށް ވާ ހައްޤު މުދާ ނުދިން މީހަކު ކިހިނެއް މުވައްޒަފުންނާމެދު ހިތް ސާފުވާނީ. އަހަންނަށް ހައްޤު މިންވަރު ހޯދަން ޝާކިރުކައިރިއަށް ދިޔައިމަ މޫނުމައްޗަށް ދޮރު ޖެހި ހަނދާން އަދިވެސް އެބަހުރި. މިހާރު އަހަރެން ބޭނުންވަނީ އެ މުދާގަނޑު އެއްކޮށް. ހަޤީގަތުގައި މައާލްއަށް ހައްޤު އެއްޗެއް ނޫނޭ އެއީ…" ފުއާދު ބުންޏެވެ.
"ދެން އަހަރެން ކީކޮށްދޭންވީ؟" މާހިލް އިނީ އަސަރެއް ނެތް ގޮތަކަށް ފުއާދަށް ބަލަހައްޓައިގެންނެވެ.
"މި ބުނި ގޮތަށް ކަންތައް ކުރަން އަހަންނަށް އެއްބާރުލުން ދޭންވީ. އޭރުން އަހަރެން މާހިލްއަށް ވެސް ބައި އަޅާނަން." ފުއާދު ކުޑަކޮަށް އޭނާގެ އުނަގަނޑު ސީދާކޮށްލުމާއެކު، މާހިލްއަށް ބަލައިލިއެވެ. މާހިލްއަކީ ޒުވާނެއްކަމުން އެ ސިކުނޑިއާ ކުޅެލެވުމަކީ ފަސޭހަކަމެއްކަމުގައި ފުއާދު ހީކުރިއެވެ.
"ކިހާވަރެއް އަހަންނަށް ލިބޭނެ؟" މާހިލް ސުވާލުކޮށްލުމާއެކު، ފުއާދުގެ ތުންފަތް މައްޗަށް ވެރިވީ ނުލަަފާ ހިނިތުންވުމެކެވެ. "އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން ފުއާދު ތިހާ ބޮޑަށް އެމީހުންނަށް ނަފްރަތު ކުރާ ސަބަބު އެނގެން."
"މައްސަލައެއް ނެތް. ބޭނުން ސުވާލެއް އަހަންނާ ކޮށްލާ. އަހަރެން ޖަވާބު ދޭނަން." ފުއާދު އެހެން ބުނެލި ވަގުތު އޭނާއަށް ފޯނެއް އައެވެ.
"އާނ، މިދަނީ…" ކުއްލިއަކަށް ދާން ޖެހުމާއެކު ފަހުން ދިމާވާނެކަމަށް ބުނެ އޭނާގެ ނަންބަރު މާހިލްއަށް ދީފައި ފުއާދު އެތަނުން ދާން ވެގެން ހިނގައިގަތެވެ. އެ މަންޒަރު ބަލަން އިން މާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ޚިޔާލު ދޫކޮށްލާފައި މާޙިލްވެސް ދިޔައީ އޮފީހަށެވެ. ފުއާދުގެ ވާހަކަ އެކީގައި އަޑުއަހަން ބޭނުންވިޔަސް އެކަންތައް ވެވެން އޮތީ އަލުން ބައްދަލުވެގެންނެވެ. އެހެންކަމުން ފަހުން އޭނާ އަމިއްލައަށް ފުއާދަށް ގުޅަން މާހިލް ނިންމިއެވެ. އޮފީހަށް ގޮސް، ކެބިންއަށް ވަދެ ގޮނޑީގައި އިށީނުމާއެކު، އޭނާއަށް ނިތުގައި އަތް ޖައްސާލެވުނެވެ. އެގޮތުގައި އެތައް އިރަކު ވިސްނަން މާހިލްއަށް އިނދެވުނެވެ.
***
ފުރުމުގެ ކުރިން ނިންމަން ޖެހޭ ހުރިހާކަމެއް ނިންމާލާފައި ރާދިންއަށް ގެއަށް ދެވުނުއިރު، ރޭގަނޑު އަށެއް ޖަހާ ބޮޑުވެއްޖެއެެވެ. އޭރު މައާލް ކޮޓަރީގައި އުޅެއެވެ. އޭނާ ގޮސް މައާލްގެ ގައިގައި ބައްދާލުމާއެކު، އެ ނިތަށް ބޮސް ދިނެވެ.
"ކިހާއިރަކު ފުރުން އޮތީ؟" މައާލް ސުވާލުކޮށްލިއެވެ.
"މާދަމާ ހެނދުނު ދިހައެއް ޖަހާއިރު. ޗެކިން ފެށޭ ހަތްގަޑިބައިގަ." މައާލް އެމޭގައި ބޮނޑިކޮށްލައިގެން ހުރެ ރާދިން ބުނެލިއެވެ.
"އެހެންތަ؟ މިސްވާނެ ދިޔައިމަ." މައާލްގެ ހިތުގައި އޭނާއާ މެދު ވާ ލޯބި އެ އަޑުން އެކަނިވެސް ރާދިންއަށް އިޙްސާސްކުރެވުނެވެ.
"އަހަރެން އަދި މާ ބޮޑަށް މިސްވާނެ. ހިނގާ ބޭރަށް ދާން…" ފުރުމުގެ ކުރިން މައާލްއާއެކު ވަގުތު ހޭދަކޮށްލަން ރާދިން ބޭނުންވެއެވެ. އެހެންކަމުން އޭނާ މައާލް ގާތު އަހާލިއެވެ. މައާލްވެސް ހުރީ އެގޮތް ބޭނުންވެފައިކަމުން އޭނާ އަވަސްއަވަހަށް އެއްބަސްވަމުން ބޯ ޖަހައިލިއެވެ.
ރީތިވެލައިގެން ދެމީހުންނަށް ނުކުމެވުނުއިރު ނުވަގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ކާރުގައި ހުޅުމާލެއަށް ގޮސް ފޭސްޓޫގެ ބީޗްގައި ތިބެ ދެމީހުން ޖޫގޯއެއް ބުޔެވެ. ތަފާތު އެކި އެކި ވާހަކަތައް ދައްކަމުން ދިޔަ ރާދިން މައާލްގެ ލޮލުގެ ޓެސްޓްތައް އަލުން ހެދުމަށް ލަންޑަނަށް ދާވާހަކަ ބުންޏެވެ. ކުއްލިއަކަށް އެ ފަދަ ވާހަކައެއް ބުނުމުން މައާލް ހައިރާންވިއެވެ. އެ މޫނުމަތިން ފެނުނު ހައިރާންކަން ދުރުވީ ރާދިންގެ ޖަވާބުންނެވެ. އޭނާ އެތައް ބަޔަކާ މައާލްގެ ރިޕޯޓްތައް ހިއްސާކުރިކަމަށް ރާދިން ބުނި ނަމަވެސް، އެއިން އެއްވެސް ބަަޔަކު އުންމީދު ނުދިން ވާހަކަ އޭނާ ސިއްރުކުރިއެވެ. މައާލްގެ ހިތް މާޔޫސްކުުރުވަން ބޭނުންނުވީތީއެވެ. އޭނާގެ ލޮލަށް ފެންނާނެކަމާއެކު އެއްވެސް އުންމީދެއް ނެތް މައާލްގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އެމޫނުމަތިން ހާސްކަން ފެނިލިއެވެ. ރާދިން މައާލްގެ އަތުގައި ހިފައްޓާލަމުން ވީ ގޮތާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. މައާލް އޭނާގެ ހިތުގައިވީ ނުތަނަވަސްކަން ރާދިންއާ ހިއްސާކޮޮށްލިއެވެ.
"މިފަހަރުވެސް އެއްވެސް އުންމީދެތް ނެތްކަމަށް ބުނެފިއްޔާ... އަހަންނަށް ފެންނާނެކަމުގެ އެއްވެސް އުންމީދެއް ނެތިއްޔާ ދެން ކިހިނެއްވާނީ؟ މައާލްއަށް ބުނެވުނެވެ.
"މާ ބޮޑަށް ތި ވިސްނަނީ. އިރާދުކުރެއްވިއްޔާ އެހެންނެއް ނުވާނެ." އެހާ ދުރަށް ވިސްނާކަށް ރާދިން ބޭނުމެއް ނުވިއެވެ. ހިތުގެ ކަނެއްގައި މައާލްގެ ލޮލަށް ފެންނާނެކަމުގެ އުންމީދު ވާތީއެވެ. މައާލް ރާދިންއަށް ޝުކުރު އަދާކުރިއެވެ. އޭނާ ރާދިންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ޖޫގޯ ބޮއި ނިންމާލައިގެން ބީޗްގައި ދެމީހުން ހިނގާލަން ދިޔައެވެ. މައާލް އޭނާގެ ފައިވާން އަތަށް ނެގުމުން ރާދިން އެ އަތުލަމުން އޭނަވެސް ފައިވާން އަތަށް ނެގިއެވެ. އެއްއަތުން ދެފައިވާން ހިފައްޓައިގެން ހުރެ ރާދިން އަނެއްއަތުން މައާލްގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތްކޮށްލިއެވެ.
"އަހަރެން ވަރަށް ބޭނުންވިކަމެއް މީ… " މައާލްގެ ތުންފަތްމަތީގައި ހިނިތުންވުމެވެއެވެ.
"ބީޗްގައި ހިނގާލުންތަ؟ ނޫނީ އަހަންނާއެކީ މިގޮތަށް މިހާ ރޮމޭންޓިކް ވަގުތުކޮޅެއް ހޭދަކޮށްލުންތަ؟" ރާދިން މައާލްގެ ކަންފަތްދޮށަށް ގުދުވެލާ ބުނެލުމާއެކު، މައާލްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ.
"ދެކަންތައްވެސް. ރާއްޖެ އައިސް ކުރަން އެންމެ ބޭނުންވި އެއްކަންތައް މިއީ. ބީޗްގަ ފައިވާނަށް ނާރާ ހިނގާލުން. އަދި ރާދިން ހުރީމަ މިހާރު މާ ފުރިހަމަވެއްޖެ."
ޖެހެމުންދިޔަ ފިނި ވައިރޯޅިތަކާ މައާލްގެ އިސްތަށިގަނޑު ސަމާސާކުރަމުން ދިޔައެވެ. ފަޅިހަނދެއް ފެންނަން އިންއިރު، އުޑުމަތިން ތަރިތަކުގެ ބެބުޅުން ކޮންމެވެސް ވަަރަކަށް ފެނެއެވެ. ގޮނޑުދޮށުގައި އެމީހުންގެ އިތުރަށް ވެސް ޒުވާން ޖޯޑުތައް ހަރަކާތްތެރިވަމުންދިޔަ މަންޒަރު ރާދިންއަށް ފެނުނެވެ. ހިނގަމުންދިޔަ މައާލްގެ ފައިކައިރިން އެއްޗެއް ދުވެލި ހެން ހީވުމާއެކު، އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ތެޅިގަނެވުމާއެކު، ރާދިންގެ ނަމުންވެސް އޭނާއަށް ގޮވާލެވިއްޖެއެވެ.
"ކޯންޗެއްތަ އެއީ؟" ނޭވާ އަވަސްވި މައާލް ބުނެލިއެވެ.
"ބަރަވެއްޔެއް… އެ ނުކުރާނެޔޭ ކަމެއް." އެއަށް ބަލާލުމާއެކު ރާދިން ބުނެލިއެވެ.
'"ކިރިޔާއެއްނު ބިރުން ހަލާކުނުވީ…" މޭގައި އަތް އަޅާމުން މައާލް ބުނެލިއެވެ.
"އުރާލަންވީތަ؟" މަޖަކަލަށް ރާދިން ބުނެލިއެވެ. އޭނާ މައާލްގެ ފައިގައި ހިފާ ނަގަން އުޅުމުން މައާލް ރާދިންގެ އަތުގައި ޖަހާލިއެވެ.
"ކޮންމެ ތާކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން ދޯ…" މައާލް ހެމުން ބުނެލިއެވެ.
"ކީއްތަވީ؟ އަހަރެންގެ އަންހެނުންނޭ ތީ." ރާދިން އަނެއްކާވެސް މައާލްއާ ސަމާސާއެއްކޮށްލިއެވެ. އެގޮތުގައި އިރުކޮޅަކު ގޮނޑުދޮށުގައި ހިނގާލުމަށްފަހު ދެމީހުން، ކާރާ ދިމާލަށް މިސްރާބުޖެހިއިރުވެސް ދިޔައީ ހެމުންނެވެ.
ގެއަށް އައުމަށްފަހު، ރާދިން ހުރިހާ އެއްޗެއް ތައްޔާރުކޮށްލިއެވެ. އެއްވެސް އެއްޗެއް މަދުތޯ ބަލާ ގެންދަންޖެހޭ ލިޔެކިޔުންތައްވެސް ފޮއްޓަށް އެޅިއެވެ. ގްރޭސީ ގާތު މާދަމާ ރާދިން ދިޔުމުގެ ކުރިން ނާސްތާ ތައްޔާރު ކުރަން ބުނެފައި، ލަސްނުކޮށް ދެމީހުންވެސް ނިދާލީއެވެ.
ފަތިސްނަމާދަށް ހޭލުމަށްފަހު، އެކަކުވެސް ނިދާކަށް ގަސްތެއް ނުކުރިއެވެ. ޓެރެސްއަށް އަރާލުމަށްފަހު އިރު އަރަންދެން ވާހަކަ ދައްކަން އެމީހުން ތިއްބެވެ. އެއަށްފަހު، ތިރިއަށް ދިޔައީ ނާސްތާކޮށްލުމުގެ ބޭނުމުގައެވެ. އޭރު ގްރޭސީއާއި މޭރީ ކާއެއްޗެހި މޭޒުމައްޗަށް އެރުވުމުގައި އަވަދި ނެތި އުޅެއެވެ. ރާދިންއާ މައާމްއާ ދެމީހުން އިށީނުމާއެކު، ގްރޭސީ އޭނާގެ އަތްމަތި އަވަސްކޮށްލިއެވެ.
ނާސްތާކޮށްލައިގެން ރާދިންއާ މައާލްއާ ދެމީހުން ދިޔައީ ކޮޓަރިއަށެވެ. ލަސްނުކޮށް ރާދިން ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު އޭނާ މައާލް ގޮވައިގެން ނުކުމެލިއެވެ. ކޮޓަރީގެ ބޭރުގައި ފޮށި ބަހައްޓަމުން ގޭގައި ގެންގުޅޭ މީހަކަށް ގޮވާލާފައި އެ އެއްޗެހި ބޭރަށް ނެރެދިނުމަށް އެދުނެވެ.
"މިސްވާނެ… ލަވް ޔޫ…" މައާލްގެ ނިތުގައި ބޮސް ދެމުން ރާދިން ބުނެލިއެވެ. މައާލް އެއަށް ރައްދުދެމުން އެކޮޅަށް ގޮސްފައި އޭނާއަށް ގުޅާލަން އެދުނެވެ. ރާދިން އޭވާއަށް ގޮވާ ގެނެސްފައި މައާލްގެ ހުރިހާކަމެއްވީ އެންމެ ފުރިހަމައަކަށް ކޮށްދިނުމަށް އަންގާފައި ކަމެއް ބޭނުންވެއްޖެނަމަ އޭވާ ގާތު ބުނުމަށް މައާލްގެ ކައިރީގައި އެދުނެވެ. އަދި އޭނާ ކޮންމެ ދުވަހަކުވެސް މައާލްއަށް ގުޅާނެކަމުގައި ރާދިން ބުނެލިއެވެ.
ގޭމައި ދޮރުން ބޭރަށް ނުކުމެފައި އޭނާ އަދިވެސް އެއްފަހަރު މައާލްދެކެ ލޯބިވާހަކަ ބުނެލިއެވެ. ފަހު ފަހަރަށް މައާލްއާ ސަލާމްކޮށްލުމަށްފަހު ރާދިން ގޮސް ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ސްޓާރޓްކޮށްލިއެވެ. މައާލް އެތެރެއަށް ވަނީ ކާރު ގޯތިތެރެއިން ބޭރަށް ނުކުތްކަން އެނގުމުންނެވެ. އޭވާއާއެކު ގޮސް ސޯފާގައި އިށީން މައާލްގެ ހިތަށް ހުސްކަމެއްވެރިވިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ހިތް ހަމަޖައްސައިލީ ރާދިން ނެތަސް އޭނާގެ ކަންތައްތައް ކޮށްދިނުމުން މީހުން ތިބީމައެވެ. އެއާރޕޯޓަށް ގޮސްފައި ގުޅާނެކަމަށް ރާދިން ބުނެފައިވާތީ މައާލް އިންތިޒާރު ކުރީ ރާދިންގެ ފޯނު ކޯލަށެވެ. ގައިގަނޑަކަށް ވިއްސަކަށް މިނެޓްފަހުން ރާދިންގެ އެ ފޯނު ކޯލު އޭނާއަށް ލިބުނެވެ.
ރާދިން އޭނާ ޗެކިންވާން ކިއުއަށް އެރި ވާހަކަ މައާލްގެ ކައިރީގައި ބުނެލިއެވެ. އަދި އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނެކަމުގައި އަދިވެސް އެއްފަހަރު މައާލްކައިރީގައި ބުނެލާފައި ފޯނު ބޭއްވިއެވެ.
ދިގު ދަތުރަކަށްވެފައި ޓްރާންސިޓް ފްލައިތަކަށް ވާތީ ކެނެޑާއަށް ފްލައިޓް ޖެއްސީ ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފްލައިޓުން ފޭބުމަށްފަހު، ފޮށިތައް ހިފައިގެން ރާދިން އިމިގްރޭޝަން ކައުންޓަރާ ކައިރިވެލިއެވެ. ޕާސްޕޯޓް ދެމުން އޭނާ ފުންނޭވާއެއް ދޫކޮށްލާ އުނަގަނޑަަށް ވާންކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އިނިގްރޭޝަން އޮފިސަރ އަނބުރާ ޕާސްޕޯޓް ދިނުމުން ރާދިން ދެން އަވަސްވެގަތީ ސިމެއް ގަތުމަށެވެ. އެކަންތައް ކޮށް ނިމިގެން ބޭރަށް ނުކުތްއިރު، އޭނާގެ ހޮޓެލްގެ ވޭން އެތަނުގައި އޮތެވެ. ރާދިން އަތުން އިޝާރާތްކޮށްލުމާއެކު ހޮޓެލް ބޯއީ އައެވެ. އޭނާ ރާދިންގެ ނަން ޔަޤީންކުރުމަށްފަހު ރާދިންގެ ފޮށިތައް ޓްރޯލީއިން ނަގާ ވޭނަަށް އަރުވަން ފެށިއެވެ. އެވަގުތު ރާދިން މައާލްއަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު، މައާލް ފޯނު ނަގާ ވާހަކަދެއްކިއެވެ. ހީވީ ރާދިންގެ ފޯނަށް އޭނާ އިންތިޒާރުކުރަމުން ދިޔަހެންނެވެ. މައާލްގާތު އޭނާ ހޮޓެލްއަށް ދަނީކަމުގައި ބުނެފައި ރާދިން ފޯނު ބޭއްވިއެވެ. ހުރިހާ އެއްޗެއް ވޭނަށް އަރުވާ ނިމުމުން ރާދިން ވެސް ވޭނަށް އަރާ އިށީނެވެ. އޭނާ ހުންނަން ހަމަޖެހުނު ހޮޓެލް ހުންނަނީ އެއާރޕޯޓާ ފުދޭވަރަކަށް ދުރުގައެވެ. އެ ހިސާބަށް ދާންވެސް ދެގަޑިއިރު ނަގައެވެ.
ހޮޓެލްއާ ހިސާބަށް އާދެވުނުއިރު ރާދިންހުރީ ނިދިއައިސްގެންވެސް ހަލާކުވާން ކައިރިވެފައެވެ. އެހެންކަމުން ހޮޓެލަށް ޗެކިންވެލުމަށްފަހު، ރާދިން އޭނާގެ ކޮޓަރިއަށް ދިޔަ ދިޔައެވެ. ފައިވްސްޓާރ ހޮޓެލުގެ ފަނަރަ ވަނަ ފަންގިފިލާގައި ހުރި އެ ކޮޓަރިއަކީ ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ތަނުގައި ހުރި ފަރުނީޗަރުތައް ހުރީ ހުދާ މުށި ކުލައެއްގައެވެ. އެނދުގައި އަޅާލާފައި ހުދު ބެޑްޝީޓްއާ ކުއިލްޓް ގެ އިތުރުން، ލާފައިވާ ހުދުކުލަ ތަނުގެ ސާފުތާހިރުކަން ރަންޒުކޮށްދެމުން ދިޔައިރު އެނދުގެ ކުރިމަތީގައި ހުރި ބިއްލޫރިގަނޑު ނިވާކޮށްކާލަފައިވާ ދޮރުފޮތިތައް ކަހާލުމާއެކު، އުސް އިިމާރާތްތައް ފެންނަން ފެށިއެވެ. މޯޅިއަކަށް ދެމިލުމާއެކު، ރާދިން ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެލިއެވެ. ދަމާލި ބޯ ފަރުދާތަކާއެކު ކޮޓަރިތެރެއަށް އަނދިރިކަން ފެތުރިގެން ދިޔައެވެ. އެނދުގައި ޖައްސާލުމާއެކު އެ އެނދުގެ އަރާމުކަމުގެ ސަބަބުން އިސާހިތަކު ރާދިންއަށް ނިދޭގޮތްވިއެވެ. އޭނާއަށް ހޭލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަސްރު ނަމާދު ނުކޮށް ހުރިކަން ހަނދާންވުމާއެކު ފާޚާނާއަށް ވަދެ ފެންވަރާލުމަށްފަހު، ވުޟޫކޮށްލައިގެން ނުކުމެ ރާދިން ނަމާދުކޮށްލަން އަވަސްވެގަތެވެ. ފޯނުން ގިބްލަ ހޯދާލުމަށްފަހު، މުސައްލަ ފަތުރާލާ އޭނާ ނަމާދުކޮށްލިއެވެ. އެއަށްފަހު، ނުކުތީ އެއްޗެއް ކާލުމުގެ ބޭނުމުގައެވެ.
ހޮޓެލުގެ އެންމެ މަތީގައި ހުރި ރެސްޓޯރެންޓަށް ދިޔުމަށްފަހު، ރާދިން ނެގީ އިޓާލިއަން ޕާސްތާއެކެވެ. ހޮޓެލަށް އައި ވަގުތު ރިފްރެޝަނުން ޖޫސް ތައްޓެއް ބޮއިގެން ހުރި ނަމަވެސް، ހަރު އެއްޗެއް ނުކައި ހުރި ރާދިންއަށް އަވަސް އަވަހަށް ކާން ފެށުނީ ބަނޑުހައިވެފައި އިންލެއް ބޮޑުކަމުންނެވެ. ކައި ނިންމާލާފައި، ހިންދެމިލުމަށްފަހު އޭނާ ދިޔައީ އަނެއްކާވެސް ކޮޓަރިއަށެވެ. އިޝާނަމާދުގެ އެލާރމް އޭނާގެ ފޯނުން އެޅީ އެވަގުތެވެ. ނަމާދުކޮށްލައިގެން ރާދިން ފޮށިހުޅުވާލާފައި ނެގީ ޕްރޮޖެކްޓްގެ ލިޔުންތަކެވެ. ޕްރޮޖެކްޓާ ބެހޭގޮތުން އޮތް މީޓިން މާދަމާއަށް ހަމަޖެހިފައި އޮތުމުން ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު އެ ހުރިހާއެއްޗަކަށް ބަލައިލާ ތައްޔާރުވެލަން ރާދިން ބޭނުންވިއެވެ. އެހެންކަމުން ހެދިފައިވާ އެގްރީމެންޓްގެ އިތުރުން އެކަމާ ބެހޭ ހުރިހާ ލިޔުންތައް ރާދިން ކިޔެވެ. ސްޓަޑީ ޓޭބަލްގެ ކަައިރީގައި އެ މަސައްކަތުގައި އިން ރާދިން އެކަންތައް ނިންމާލުމަށްފަހު ހިންދެމިލާ ގަޑި ބަލައިލިއިރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. މާދަން ހެނދުނު ހެނދުނާ ހޭލަން ޖެހޭތީ ރާދިން ނިދަން އޮށޯވެލާފައި މައާލްއަށް ގުޅައިލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި ރާދިން ފޯނު ބޭއްވީ މާދަމާ ބިޒީ ދުވަހެއްކަމުން ފަހަރެއްގައި ހަބަރެއް ނުވެވިދާނެކަމަށް ވެސް ބުނެފައެވެ.
ރާދިންގެ ފޯނު ބޭއްވުމަށްފަހު، މައާލް ނިދަން އުޅުނު ނަމަވެސް، ރާދިން ނެތުމުގެ ފަޅުކަން އޭނާއަށް އިޙްސާސްވިއެވެ. ރާދިންގެ ސަމާސާ ތަކާ ގޯނާތައް އޭނާގެ ހަނދާނަށް އަންނަން ފެށުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވުމެއް އެ ތުންފަތް މައްޗަށް ވެރިވިއެވެ. މައާލްއަށް ނިދުނީވެސް ރާދިންގެ ޚިޔާލުތަކުގައި އެ ނަފްސު އޮޔާދާން ދޫކޮށްލައިގެން އޮއްވައެވެ.
***
ހަފްތާއެއް ފަސް
ޕްރޮޖެކްޓްގެ ކަންތައްތައް ހަމަޖެއްސުން ހީކުރިވަރަށް ވުރެ އުނދަގޫވުމާއެކު އެ ހަފްތާރެރޭގައި ރާދިންއަށް ރާއްޖެ ދެވޭ ގޮތެއް ނުވިއެވެ. މިއަދު އޮތް އެންމެ ފަހު ބައްދަލުވުމުގައި އެމީހުން އެއްބަސްވުން އުވާނުލުމަށް ނިންމާ ހޮސްޕިޓަލަކާއި ރިހެބިލިޓޭޝަން ސެންޓަރ އެއް އިމާރާތްކުރެވޭ އެ ޕްރޮޖެކްޓްގެ އާރކިޓެކްޗަރ އާއި ކޮންސްޓްރަކްޝަން މަސައްކަތް ރާދިންމެންނާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގެންދަން ނިންމުމާއެކު ހޮޓެލަށް އައިސް ރާދިން އެންމެ ފުރަތަމަވެސް ބެލީ އެންމެ އަވަހަށް ރާއްޖެ ދެވޭ ފްލައިޓުން ޖާގައެއް ލިބޭތޯއެވެ. ނަސީބަކުން ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ފްލައިޓުން ޖާގަ ލިބޭ ގޮތްވިއެވެ. އެކަމާ ހިތްހަމަޖެހުނު ރާދިން އެ ވާހަކަ މައާލްއާ ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މައާލްއަށް ސަޕްރައިޒެއް ދޭށެވެ. ގުޅާފައިވެސް އޭނާ އެވާހަކަ ނުބުނީ އެހެންވެގެންނެވެ.
ރޭގަނޑުގެ ބޭރުގައި އުޅެފައި ރާދިން އައިސް ހޮޓެލަށް ވަތްއިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. އޭނާ ކޮޓަރިއަށް ވަނުމަށްފަހު ގަނެގެން ގެނައި އެއްޗެހި ތައް ޕެކްކޮށްލާފައި ކޮފީ މެޝިނުން ކޮފީއެއް ހަދާލައިގެން ބެލްކަންޏަށް ނުކުމެލިއެވެ. ކުރިމަތިން ފެންނަމުންދާ އުސް އިމާރާތްތައް ދިއްލާފައިވާއިރު ހީވަނީ ކުދި ކުދި ޖަވާހިރުތަކެއް ވިދަމުންދާހެންނެވެ. ދިއްލާފައިވާ އަލިގަދަ ބޮކި ތަކުގެ ސަބަބުން ތަރިތަކުގެ ވިދުން ފަނޑުނަމަވެސް، ހަނދު ފެންނަމުން ދިޔައެވެ. މާހައުލު ފިނިނަމަވެސް، އެ ފިނިން ރާދިންއަށް އަރާމުވިއެވެ. ގިނައިރު ވާން ފެށުމުން ފިނީގެ އަސަރު ހަށިގަނޑަށް ކުރަން ފެށިއެވެ. އިރުއިރުކޮޅަކާ އޭނާ އަތުގައި އޮތް ކޮފީ ޖޯޑުން އެތިފޮދެއް ބޯލައެވެ. މާލެ ދެވޭތީ އެކަމާ ހިތްހަމަޖެހިފައި ހުރި ރާދިންގެ ފޯނަށް މެސެޖެއް އައުމާއެކު، ރެއިލިން މަތީގައި ކޮފީ ޖޯޑު ބަހައްޓަމުން ޖީބުގައި އޮތް ފޯނު ނަގާ އޭނާ ބަލައިލިއެވެ.
ވައިބާއިން ސަޖާ ފޮނުވި މެސެޖާއެކު ރާދިންއަށް ހައިރާންކަމެއް ލިބުނުއިރު، ހިތަށް ނުބައި ގޮތެއްވެ މީހާ ނުތަނަވަސްވިއެވެ. ހުޅުވަން ނުހުޅުވަން ހުރެފައި އޭނާ އެ މެސެޖް ހުޅުވާލިއެވެ. ފެނުނު ފޮޓޯތަކެއްގެ ސަބަބުން ރާދިންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ.