އޭނާ ރާދިންއާ ކައިވެނިކުރާނެއެވެ. އޭނާގެ މައިންބަފައިންގެ ހައްޤުގައެވެ. އެ ދެމީހުން އޭނާ ދެކެ ވީ ލޯބީގެ ހައްޤުގައެވެ.

*****

ނިދިފައި އޮތް މައާލްއަށް ހޭލެވުނީ ފިނިވެގެންނެވެ. ހޭލެވުނުތާ މާ ގިނައިރެއްނުވެ, ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަތް އެމާ މައާލްއަށް ގޮވައިލިއެވެ. އޭނާ އެމާގެ އެހީގައި އޭސީ މަޑުކޮށްލިއެވެ. އެއަށްފަހު, ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމުނުތަނާ ބޯކޮށް ވާރޭ އޮއްސައިލި އަޑު މައާލްގެ ކަންފަތުގައި ޖެހުނެވެ.

"އެމާ... އަަހަރެން ކުޑަ ކުޑަ ދޮރުކައިރިއަށް ގެންގޮސްދީބަލަ!" މައާލް ބުނެލިއެވެ. މައާލް އެހެން ބުނުމުން އެމާ ކުޑަކޮށް ހައިރާންވިނަމަވެސް، އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ މައާލް ގޮވައިގެން ގޮސް ކުޑަދޮރުކައިރީގައި ބެއިންދުމަށްފަހު، ކުޑަ ދޮރު ހުޅުވައިލިއެވެ. އެއާއެކު ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތައް ކޮންމެވެސް ވަރަކަށް މައާލްއަށް ހަމަލާދޭން ފެށިއެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކާއި އެކުވެގެން އެ އަންނަ ވާރޭގެ ތިކިތައް ގައިގައި ބީހިލާއިރު މައާލްގެ ގައިން ހީބިހި ނަގައިގެންދެއެވެ. ވާރޭގެ އަޑު ލުއިލުއި މިއުޒިކެއްފަދައިން މައާލްގެ ކަންފަތުގައި ގުގުމަމުންދިޔައިރު، އޭނާގެ ހިތުގައި އުފެދެމުން ދިޔަ އެންމެ ބޮޑު ޝަކުވާއަކީ އެ ހިތްގައިމު މަންޒަރު ފެނުމުގެ ނަސީބު މިއަދު އޭނާގެ އަތުގައި ނެތީތީއެވެ. މައާލް އޭނާގެ މެއާ ދިމާލުގައި ދެއަތް ހުރަސްކޮށްލުމާއެކު، އެ ފިނިކަމުން ސަލާމަތްވާން މަސައްކަތްކުރިއެވެ. ފެންނަމުންދިޔަ އަނދިރިކަމުގެ ތެރެއިން މައާލްއަށް ހިތްހަމަޖެހުން ލިބުނު ހަމައެކަނި ކަމަކީ ވަމުން ދިޔަ އިޙްސާސްއެވެ. ވެހެމުންދިޔަ ވާރޭގެ ހިތްގައިމުކަމާއި އެ މިއުޒިކީ ލުއިލުއި އަޑެވެ.

"އެމާ... އޯކޭ ދޮރު ލައްޕާލިޔަސް." ހިތް ފުރޭވަރުވުމުން މައާލް ބުނެލިއެވެ. އެމާ ދޮރުލައްޕާލާފައި މައާލް ގޮވައިގެން އެނދާ ދިމާލަށް ދާން މިސްރާބުޖެހިއެވެ.

"އައުޓްސައިޑްއަށް ދާނީތަ؟" އެމާ ސުވާލުކޮށްލީ ބައެއް ދުވަސްދުވަހު ފަތިސްނަމާދަށްފަހު، މައާލް ބޭރަށް ނުކުމެލަން ބޭނުންވާތީއެވެ.

"ނޫން. މިރޭ ނުދާނަން. ހެނދުނު ސައިބޯން ވީމަ ގޮވާލާ..."

މައާލް އެނދުގައި ބާއްވާފައި ރަޖާ އަޅާލަދީފައި އެމާ ނުކުމެގެން ދިޔުމުން މައާލް ރަޖާއަށް ބާރުކޮށްލިއެވެ. މާޒީގެ ދުވަސްތައް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. އެއީ އުފާވެރި ދުވަސްތަކެކެވެ. އޭނާއަކީ ލަންޑަނުގެ އެކި އެކި މަންޒިލްތަކަށާއި، ކުރާ ދަތުރުތަކުގައި ވެސް ތަންތަނަށް ގޮސް އެތަނުގެ މަންޒަރުތައް އޭނާގެ ކުލަފިހީގެ އެހީގައި ރައްކާކުރަމުން ދިޔަ އަންހެން ކުއްޖެކެވެ. ކޮންމެ ތަނަކަށް ދިޔަކަމުގައިވީނަމަވެސް، ކުރަހަން ބޭނުންކުރާ ސާމާނުކަތަކީ އަބަދުވެސް އޭނާ ގެންދާ ތަކެއްޗެވެ. ކުރެހުމާ ދުވަހަކުވެސް ދުރުވާން ޖެހިދާނެ ކަމުގައި މީގެކުރިން މައާލްއަށް ވިސްނިފައެއް ނެތެވެ. އުންމީދަކަށްވީ ކުރެހުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މަތީ ހަރުފަތަކަށް ވާސިލްވުމެވެ. އެހެންނަމަވެސް ކިހާ ދެރަހެއްޔެވެ؟ އެކްސިޑެންޓަށްފަހު، ދެކެމުންއައި އެ ހުވަފެނުގައިވެސް މިއަދު މިވަނީ ސިއްކަޖަހަން މަޖުބޫރުވެފައެވެ. ހިތާ ދެކޮޅަށް ނަމަވެެސް، ހިތާ އެހާ ގާތްކަމެއް ދޫކޮށްލަން ޖެހިފައެވެ. ވެހެމުން އެ ދިޔަ ވާރޭގެ މަންޒަރު އެފަދަ ގޮތަކަށް ކުރަހާލެވުނު ނަމަ ކިހާ ރީިތި ވީސްހެއްޔޭ މައާލްގެ ހިތަށް އަރަމުން ދިޔައެވެ. ދެރައީ މިއަދު އެއިން އެއްވެސް ކަމެއް ކުރުމުގެ ޤާބިލްކަން އޭނާގެ ނެތީތީއެވެ. ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާއިރު، މިއަދު އޭނާ އެވަނީ ކުޑަކުޑަ ކަމަކަށްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންޖެހިފައެވެ. އެންމެ ބޭނުންވި ދުވަހު އޭނާގެ މައިންބަފައިން ދުނިޔެއަކު ނެތެެވެ. މިއަށްވުރެ ބޮޑު އިމްތިޙާނެއް މި ދުނިޔެމަތީގައި މީހަކަށް ކުރިމަތިވާނެހެއްޔެވެ؟

****2 ހަފްތާ ފަސް ******

މުނީރު އިނީ ސޯފާގައެވެ. ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައިރު، އެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

"އަހަރެން މައާލްގެ ކައިރީގައި ބުނާނަން އިނގޭ. މިވަގުތު ހޮސްޕިޓަަލަށް ދާންވެގެން މިއުޅެނީ... މިއަދު މީ މައާލްގެ ޕްލާސްޓަރުތައް ވެސް ނައްޓާލާ ދުވަސް." މުނީރު އެހެން ބުނެލުމަށްފަހު، ފޯނު ބޭއްވިއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ މައާލް އަންނަން ދެނެވެ.

"މައާލް!" އެމާ މައާލް ގޮވައިގެން އައިސް ބޮޑުކޮޓަރީގައި މަޑުކޮށްލުމުން މުނީރު މައާލްއަށް ގޮވައިލިއެވެ. އެމާ އެ ދެމީހުންނަށް ފުރުސަތު ދީފައި ދުރަށް ހިނގައިގަތެވެ.

"މައާލް ރަޒީނައްތަގެ ވާހަކަ ކުރީދުވަހު އެހީމެއްނު މުނީރުބޭ ކައިރީގައި. ރަޒީނައްތައާއޭ މި ވާހަކަ ދަައްކާލީ ދެންމެ..."

"ކީކޭ... ކީކޭ ރަޒީނައްތަ ބުނީ؟" މައާލް ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.

"ރަޒީނައްތަ ބުނީ އެ އާއިލާ މީހަކު ގޮވައިގެން އިންޑިޔާގައި ހުރިވާހަކަ. އަދި ވަރަށް ބޮޑުކަންތައްތަކެއް ދިމާވެގެން ޚަބަރެއް ނުވެވުނު ވާހަކަ."

"ދެން ކޮން އިރަކުން ރަޒީނައްތަ އަންނަނީ؟"

"އާދެވޭނެ ދުވަހެއް ނޭނގޭކަމަށް ބުނީ. ރަޒީނާއްތަގެ އެއްބަނޑު އެއްބަފާގައި ހުރި ހަމަ އެކަނި ފިރިހެންމީހާއަށް ކެންސަރު ޖެހި އިނޑިޔާއަށް ދިޔަކަމަށް ބުނި. ދެން އިންޑިޔާގައި އަހަރެއްހާ ދުވަހު މަޑުކުރަން ޖެހިދާނެކަމަށް. އެ ހުރިހާކަމަކާ ހުރެ މައާލްއާ ބައްދަލުނުކުރެވުނީ... އެކަމަކު މައާލް މަތިން ވަރަށް ހަނދާންވާ ވާހަކަ ވެސް ބުނި. އަދި މައާލްއަށް ނުގުޅުނީތީ އެކަމާ ދެރަވާ ވާހަކަވެސް ބުނި. ކިތަންމެ ބޭނުންވިޔަސް އާއިލާގެ މީހަކަށް އެފަދަ ކަމެއް ދިމާވީމާ ނާދެވޭނެއެއްނު." މުނީރު މައާލްއަށް ފުންނަޒަރަކުން ބަލައިލިއެވެ. މައާލް ބޯ ޖަހާލާފައި އިތުރު އެއްޗެއް ނުބުނި ނަމަވެސް، ރަޒީނާ ކުޑަ މިނުން ފޯނުން ވެސް އޭނާއާ ވާހަކަ ނުދައްކާލާތީ މައާލްގެ ހިތުގައި ޝަކުވާ އުފެދިފައިވެއެވެ.

"އެމާ!... އެމާ!" މުނީރު އެމާއަށް ގޮވައިލުމާއެކު، އަވަސް ފިޔަވަޅުތަކެއްގައި އައި އެމާ ސުވާލުކޮށްލިއެވެ.

"ޔެސް ބޮސް..."

"ރާދިން ކޮބާތޯ ބަލައިލަބަލަ!' މުނީރު ބުނެލިއެވެ. އެހެން ބުނެލުމާއެކު، އެމާ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ރާދިންގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު، މަޑުކޮށްލިއެވެ އެތެރެއިން ރާދިންގެ ޚަބަރެއް ނުވުމާއެކު އަނެއްކާވެސް އެމާ ޓަކި ޖަހައިލިއެވެ. ރުޅިވެރިކަމާއެކު ރާދިން ދޮރުހުޅުވައިލީ އެއީ މުނީރު ނޫންކަން އެނގޭތީއެވެ.

"ކިހިނެއްވީތަ؟" ރުންކުރުރާގަކަށް ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ބޮސް... ގޮވަނީ..." ރާދިންގެ ރުޅިވެރިކަން ފެނި އެމާ ހާސްވިއެވެ. އެހެން ބުނެލާފައި އެމާ ދިޔުމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހުރީ މުނީރު ދެކެ ހިތްހަމަނުޖެހިފައެވެ. މައާލްއާއެކު އޭނާ ދާންޖެހޭނެކަމަށް ބުނެ މަޖުބޫރުކުރަން ޖެހޭހެއްޔެވެ؟ ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު، ރާދިން، ތިރިއަށް ދާން މިސްރާބުޖެހިއެވެ. ބޮޑު ކޮޓަރިއާ އަރާ ހަމަވުމާއެކު މުނީރު ތެދުވެލިއެެވެ.

"ރާދިން! މައާލް ގޮވައިގެން ހިނގާބަލަ!" އެމާ މައާލް ގޮވައިގެން ހިނގައިގަންނަން އުޅުމުން މުނީރު ބުނެލިއެވެ. އެމާ ދުރަށް ޖެހިލުމުން ވެސް ރާދިން ހުރި ގޮތަށް ހުންނަން ފެށުމުން މުނީރު ދެވަނަ ފަހަރު ރާދިންއަށް ގޮވައިލިއެވެ. ހިތްހަމަނުޖެހި ހުރެވެސް ރާދިން މައާލްގެ ގޮނޑި ދުއްވައިލިއެވެ. ކާރާ ހިސާބަށް ދިޔުމުން މުނީރު ބުނީ މައާލް ކާރަށް އަރުވަން އެހީތެރުވެދިނުމަށެވެ. ޑްރައިވަރު މުނީރު އެރުމަށް ދޮރު ހުޅުވައިލަދިނުމުން އޭނާ ކާރަށް އަރާ އިށީނެވެ. އެއަށްފަހު ޑްރައިވަރު ކައިރީގައި ވެސް ކާރަށް އެރުމަށް މުނީރު ބުންޏެވެ.

"މީހުސް ކަލޭގެ ކަންތައް." މައާލް ކާރަށް އަރުވަން އުޅެމުން މައާލްގެ ކަންފަތް ދޮށުގައި ރާދިން ބުނެލުމާއެކު، މައާލް ނުތަނަވަސްވިއެވެ. ރާދިންގެ ނަފްރަތު ދުވަހެއް ދުވަހަކަށް އޭނާއާމެދު ބޮޑުވަމުންދިޔަކަން މައާލްއަށް އެނގެއެވެ. އެކަން އެގޮތަށް ވާނަަމަ ރާދިންއާއެކު ދިރިއުޅުމެއް އުޅޭނީ ކިހިނެއްބާއޭ މައާލްގެ ހިތަށް އެރިނަމަވެސް، އެ ކައިވެންޏާ ދެކޮޅުހަދާކަށް އޭނާ ބޭނުމެއް ނޫނެވެ.

މައާލް ކާރަށް އެރުވުމަށްފަހު، ރާދިން ދޮރުލައްޕައިލީ ފުދޭވަރަކަށް ބާރަށެވެ. އެއަށްފަހު އޭނާ ގޮސް އަރާ ކާރަށް އަރާ އިށީނުމާއެކު، އެކަމާ ބެހޭގޮތުން ހިތްހަމަނުޖެހިފައި މުނީރު ސުވާލުކޮށްލިއެވެ.

"މައާލްއާ އެކީ ހޮސްޕިޓަލަށް ދާކަށްނު މިދަނީ. ވަޓް އެލްސް ޑޫ ޔޫ ނީޑް؟" ރާދިން ލޯގަނޑުން މޫނު ބަަލައިލިއެވެ.

"ރާދިން ކިހިނެއްތަ ތި ވާހަކަ ދައްކަނީ؟ އަދިވެސް ތި ރުޅި މަޑުކުރާކަށް ނުވޭތަ؟" މުނީރު ބުނެލިއެވެ.

"ސޮރީ.. އޯކޭ އައި އެމް ސޮރީ..." ރާދިން އެހެން ބުނެލިނަމަވެސް، އެ އަޑުގައި ވި ހަރުކަށިކަން މުނީރުގެ އިތުރުން މައާލްއަށްވެސް ފާހަގަވިއެވެ. މައާލްގެ ނުތަނަވަސްކަމަށް އިތުރުވި ބޮޅެއްކަމުގައި އެކަންތައްވިއެވެ. ހިތުގައި އުފެދެމުންދިޔަ ހާސްކަން ވަންހަނާކުރަން މައާލް މަސައްކަތްކުރަމުންދިޔައެވެ. ރާދިން މައާލްއަށް އަވަސް ނަޒަރެއް ދިނެވެ. މައާލްގެ ހާސްކަން ރާދިންއަށް ފަހުމްވިއެވެ.

ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާ މައާލްގެ ޕްލާސްޓަރ ނައްޓާލުމަށްފަހު، ޕިޒިއޯ ތެރަޕީގެ ސެޝަންއެއް ނެގުނެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު، ކާރާ ދިމާލަށް ދިޔައީވެސް ތިން މީހުން އެކީގައެވެ. ހަޤީގަތުގައި މުނީރު ބޭނުންވަނީ ރާދިންއާއި މައާލްއާ ދެމީހުން އެކަނި ވަގުތުކޮޅެއް ހާދަކޮށްލަން ކަމުގައިވީނަމަވެސް، ރާދިންގެ އަމަލުތައް ހުންނަ ގޮތުން މައާލް ރާދިންއާއެކު އެކަނިކޮށްލަން އޭނާ ޖެހިލުންވަނީއެވެ.

ކާރަށް އެރުމުން ޑްރައިވަރު ކާރު ދުއްވައިލިއެވެ. ގެއަށް އާދެވުމުން މައާލްއަށް އެހީވުމަށް މުނީރު ރާދިންގެ ކައިރީގައި ބުނެލިއެވެ. ރާދިންގެ އެހީއާއެކު، މައާލް ގެއާ ދިމާލަށް ހިނގައިގަތެވެ. އެހާ ދުވަސްފަހުން މީހެއްގެ އެހީގައި ނަމަވެސް އެގޮތަށް ކޮޅަށް ތެދުވެވުމުން މައާލްއަށް ކުޑަ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. އަނދިރިކަމުގެ ތެރެއިން ރާދިންގެ އަތުގެ ހިމާޔަތުގެ އިޙްސާސް މައާލްއަށް ކޮންމެވެސް ވަރަކަށް ކުރެވުނެވެ. ރާދިން ހުރީ މައާލްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ކަމުން މައާލްގެ ފައި އަރި އަޅައިލުމާއެކު ބޭއިޚްތިޔާރުގައި ނަމަވެސް، ހުޝިއާރުކަމާއެކު، ރާދިން މައާލް ހިފެއްޓިއެވެ.

"ކެއާރފުލް..." އޭނާއަށް ބުނެވުނެވެ. ރާދިންގެ އެ އޯގާތެރި އަޑު ކައިވެނީގެ ވާހަކަ ދެއްކިފަހުން މައާލްއަށް އަޑު އިވުނީ އަލަށެވެ. އެހެންކަމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. އޭނާއާ އެންމެ ފުރަތަމަ ދިމާވި ރާދިން މަތިން މައާލް ހަނދާންވިއެވެ.

"އަދި ވީކް އެއްވަރު ވާނެ ކުޑަކޮށް އޯކޭވާން...." ކަންބޮޮޑުވެފައި ހުރި މުނީރަށް ވީ ގޮތް ކިޔައިދެމުން ރާދިން މައާލްއަށް ބަލައިލަމުން ބުނެލިއެވެ.

ރާދިން މައާލް ގޮވައިގެން ކޮޓަރިއަށް ދިޔުމަށްފަހު، މައާލް އެނދުގައި ބައިންދައިލިއެވެ. މައާލްއަށް ބަލައިލުމަށްފަހު، ހިތްހަމަނުޖެހުމުގެ ބަހެއް ބުނަން ރާދިން ބޭނުންވިނަމަވެސް، އެކަމަށް އޭނާގެ ޒަމީރު މިފަހަރު ތަނެއް ނުދިނެވެ.

"ތެންކިއު ރާދިން." މައާލްގެ އަޑު އިވި ރާދިންއަށް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެވުނެވެ.

"އެބަހުރިންތަ ރާދިން؟" މައާލް ސުވާލުކޮށްލިއެވެ.

"ކަމެއް ބޭނުންވީތަ؟"

"ނޫން! ކަމެއް ބޭނުންވީއެއް ނޫން. އެކަަމަކު ވާހަކައެއް ބުނަން ބޭނުންވީ..." މައާލްގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވިކަން ރާދިންއަށް ފަހުމްވިއެވެ.

"ކިހިނެއްވީ؟" އޭނަ ސުވާލުކޮށްލިއެވެ.

"ނޫން... ކަމެއް ނުވޭ އަޅާނުލާ!" މައާލް ބުނެލިއެވެ.

"އުހުމް. ތިހެން ބުނީމަ އަހަރެން މިހާރު އިނގެން ބޭނުންވެއްޖެ މައާލް ބުނަން އުޅޭ ވާހަކައެއް.؟" ރާދިން އެހެން ބުނެލިއިރު، އޭނާގެ ހިތުގައި ކުޑަކުޑަ އުންމީދެއްވިއެވެ. މައާލް އެކައިވެންޏާ ދެކޮޅު ހަދާނެނަމައެވެ. އެއީ ނާދިރުކަމެއްކަން އެނގުނުނަމަވެސް، އިންސާނަކަށްވީތީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ރާދިންގެ ހިތުގައި އެ އުންމީދުގެ ކުޑަކުޑަ ކަންޏެއް ވިއެވެ.

"އަހަންނަކަށް ނޭނގެ މީ އަހަރެން ބުނަން އެންމެ ރަނގަޅުވާހަކައެއް ކަމެއް ނޫނީ ނޫންކަމެއްވެސް، އެކަމަކު... ރާދިން، މުނީރުބޭއާ ތިގޮތަށް ވާހަކަ ނުދައްކަބަލަ! މުނީރުބޭ ކިހާ ދެރަވާނެ. ޝަމްލާއްތަ ނިޔާވުމަށްފަހު، މުނީރުބޭއެއްނު ރާދިންމެންނަށް ހުރިހާކަމެއް ކޮށްދިނީ... މުނީރުބޭ ރާދިންދެކެ ވަރަށް ލޯބިވޭ. ފާޅުނުކުރިޔަސް މުނީރުބޭވެސް ދެރަވާނެ އެހެންމީހުންގެ ކުރިމަތީގައި އެގޮތަށް ވާހަކަ ދެއްކީމަ. އަހަންނާ އަދި ޑްރައިވަރުވެސް އިންދާ..." ނުބުނަން ހުރެފައިވެސް މައާލް ބުނެލިއެވެ.

"އެއީ މައާލްއާ ބެހޭކަމެއް ނޫން. އަހަރެން ދަނީ." މައާލްގެ ވާހަކައިގެ ސަބަބުން ރާދިން ހިތްހަމަނުޖެހުނެވެ. އޭނާގެ އުންމީދުގެ ހުޅުކޮޅު ނިވުން ނޫންކަމެއް ނުވިއެވެ. އޭނާއަށް ނަސޭހަތް ދޭން މައާލްއަކީ ކާކު ހެއްޔެވެ؟ އޭނާ އެގޮތަށް ބަދަލުވާން މަޖުބޫރުވި ސަބަބަކީ މައާލްއެވެ. ވީިއިރު އޭނާއަށް ނަސޭހަތް ދިނުމަށް މައާލްއަށް އޮތީ ކޮން ހައްޤެއްހެއްޔެވެ؟ ކޮޓަރިން ނުކުތުމަށްފަހު، ރާދިން ބާރަށް ކޮޓަރީގެ ދޮރުލައްޕައިލިއެވެ. މައާލްއަށް ސިހުން ލިބުނެވެ. އޭނާގެ ވާހަކައާއި ރާދިން ވަރަށް ނުރުހިއްޖެކަމުގައި މައާލްއަށް ޔަޤީން ކުރެވުނެވެ.

އެރޭގެ ކެއުމުގެ ވަގުތުގައި މުނީރުއާއެކު ރާދިންއާއި މައާލްވެސް ބައިވެރިވިއެވެ.

"ބައްޕަ މިދައްކާ ވާހަކަ ދެ ކުދިންވެސް ވަރަށް ރަނގަޅަށް އަޑު އަހާލާތި." މުނީރު އޭނާގެ ވާހަކަ ފެށުމުން ރާދިން މުނީރަށް ބަލައިލިއެވެ. މުނީރު އެ ދައްކަން އުޅެނީ އޭނާއާއި މައާލްގެ ކައިވެނީގެ ވާހަކަކަން ރާދިންއަށް އެނގޭފަދައެވެ. މައާލްގެ ހިތް ވެސް ބާރުބާރަށް ތެޅިގަތެވެ. މުނީރުގެ މޫނުމަތީގައިވީ އަސަރުތައް ނުފެނުނެއްކަމަކު އެ އަޑުގައިވީ ސީރިއަސްކަން އޭނާއަށް ފަހުމްވެއެވެ.

"މި ހަފްތާގައި ރަންކިޔުމަށްފަހު އަންނަ ހަފްތާގައި ތި ދެކުދިންގެ ކައިވެނިކުރުވާގޮތަށް ބައްޕަ ނިންމައިފިން." މުނީރު އެހެން ބުނެލުމާއެކު، ރާދިންއަށް ސިހުމާއެކު މުނީރަށް ބަލައިލެވުނެވެ. އެއީ މުނީރު ބުނެފާނެކަމަށް އޭނާ ފަހަރެއްގައިވެސް އުންމީދުކުރި ވާހަކައެއް ނޫނެވެ. މައާލްއަށް ވެސް ސިހުންލިބުނެވެ. އޭނާ ލައިލައި އިންނޭވާވެސް އަރުތެރޭގައި ތާށިވިފަދައެވެ. މުޅި މީހާ ފިނިވެގެން ދިޔުމާއެކު، ސިކުނޑީގެ މަސައްކަތްވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ހަށިގަނޑުގެ ހުރިހާ ނާރަކަށް ވާންވެލާ ހަށިގަނޑުގައި ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުވަމުން ދިޔައެވެ. މައާލްއަށް ހިތްދިރުވައިލެވުނީވެސް އުނދަގުލުންނެވެ.

ނަގަނަގާ އިން ފެންބޯތަށި ބަންލާފައި މޭޒުމަތީގައި ރާދިން ބެހެއްޓި އަޑު މުޅި އެތަނުގައި ގުގުމާލިއެވެ.

"ތިކަމެއް ނުވާނެއޭ ބައްޕާ... އަހަރެން ތިކައިވެންޏަކަށް އެއްބަހެއް ނުވަން. އަދި ތިހާ ކުއްލިއަކަށް...."

"ކުއްލިއަކަށް ނޫނެއްނު މި ވާހަކަ މި ބުނީ. ތިން ހަފްތާ ވަނީ މީ މިވާހަކަ ދައްކާތާ؟ ބައްޕަގެ ނިންމުން ބަދަލެއް ނުވާނެ. އަންނަ ހަފްތާގައި ކައިވެނި ކުރެވޭނެ. އެންޑް ދެޓްސް ފައިނަލް."

ކޮމެންޓް 0