"އަދި އެއްވާހަކަ ބައްޕާ! އަޅުގަނޑު މައާލް ބައްޕަގެ ކުންފުންޏާ ވެސް ހަވާލުވާނަން. ބައްޕަ އެދޭ ގޮތަށް ކަންތައް ކުރާނަން." ރާދިން އެހެން ބުނެލުމާއެކު، މުނީރު ހައިރާންވީ ނަމަވެސް، އެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ހިތްހަމަޖެހުން އޭނާ އުފާވިވަރު ދޭހަކޮށްދެއެވެ. އޭނާގެ ޒުވާން ދަރިފުޅު ޒިންމާދާރު ވާން އުޅޭކަމުގެ މަލަމަތި ފެންނަން ފެށުން ވެގެން ދިޔައީ މުނީރުއަށް ލިބުނު ބޮޑު އުފަލަކަށެވެ. އޭރު އޭނާއަށް ނޭނގުނީ ރާދިންގެ އެ ނިންމުމުގެ ފަހަތުގައި ވީ ސަބަބެވެ.

* * * * *

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މައާލްގެ ބައްޕަގެ 'ގެ' ކަމުގައިވާ "ޕެލެސް ވެލީ" ގައި ދިރިއުޅެމުން ދިޔަ ޢާއިލާ ޖަރުނަމަށް ބަދަލުވުމާއެކު، ރާދިން އަވަސްވެގަތީ ވީހާވެސް އަވަހަކަށް އެ ގެއަށް ބަދަލުވުމަށެވެ. އޭނާ މުނީރުގެ ވެސް ހުއްދައާއެކު، އެ ގެ ބަލައިލަން ދިޔައީ ބަދަލުވުމުގެ ކުރިން އެއްވެސް ބަދަލެއް ގެންނަން ޖެހޭތޯ ބަލާލުމުގެ ނިޔަތުގައެވެ. އެ ގޭގެ ބޮޑު ގޭޓު މީގެ ކުރިންވެސް ރާދިންއަށް ފެނެއެވެ. ކުޑައިރު، އެގެއަށް އައިސް އުޅޭ ހަނދާންކޮންމެވެސް ވަރަކަށްވެސް ވެއެވެ.

ގޭޓުން އެތެރެއަށް ވަތް ރާދިންއަށް އެގެއަށް އައިސްފައި ހުރި ބަދަލުތައް ފާހަގަކުރެވުނެވެ. ކާރު މަޑުކޮށްލީ ގޭގެ މައި ދޮރުގެ ކުރިމައްޗަށެވެ. އެއީ ބޮޑު ގޯއްޗެކެވެ. ބަލާބެލުމަށް އެމީހުންގެ ގެއަށް ވުރެ އެ ގޯތި ދެގުނަ ބޮޑެވެ.

ކާރުން ފޭބުމަށްފަހު ރާދިން، ވަށައިގެން ގޯތި ތެރެއަށް ބަލައިލިއެވެ. ގޯތިތެރޭގައި ހައްދާފައިވާ ވިނަގަނޑު ބޯވެފައި ފެހިކުލަ ގަދައެވެ. ކާރު ބާއްވާފައި އޮތް ދިމާ ފަހަތުގައި ހިތްގައިމު ފައްވާރެއް ހުއްޓެވެ. އޮހެމުން ދިޔަ ފެނުގެ އަޑުން ތަނުގެ ހިމޭންކަން ފޫދުއްވަމުން ދިޔައިރު، ގޯތިތެރޭގައި ހަވީރު ސައި ބޮވޭފަދަ ގޮތަކަށް މޭޒެއް ބެހެއްޓިފައިވާއިރު، އެއްފަރާތުގައި އުނދޯއްޔެއް ހުއްޓެވެ. ވަށާ ފާރުގެ އިތުރުން މައި ދޮރާ ދިމާލުގައި ހުރި ބޮޑެތި ތަނބުތަކުގައި ވި ޑިޒައިނުގައި ހިތްގައިމުގޮތެއް ހުއްޓެވެ. ދެ ސިޑީގެ ހަރުފަތް ގިރާ ކުރުމަށްފަހު، އޭނާ މައި ދޮރު ކުރިމައްޗަށް ހުއްޓުނެވެ. އެތަނުގައި ވެސް އަޅާފައިވަނީ އަގު ބޮޑު ކާޕެޓެކެވެ. ބޮޑު، އުސް ދޮރެކެވެ. ދެ ފަރާތަށް ހުޅުވޭ އެ ބޮޑު ދޮރާ އެ ތަނުގެ ޑިޒައިނާއި އޮފު އަރާ ތަޅުމުން ރާދިންއަށް އެގޭގެ ފުރިހަމަކަން އަންދާޒާކޮށްލެވުނެވެ. އޭނާ ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ.

ގޭތެރެއިން ސާފުތާހިރުކަން ފެންނަމުން ދިޔައެވެ. ރަނާއި ހުދުގެ އިތުުރުން ކޮންމެވެސް ވަރަކަށް ކަޅާ ރަރްކުލަ ހިމެނޭ އިންޓީރިއަރ ޑިޒައިން ހިތްގައިމެވެ. ގެއަށް ވަދެގެން ހިނގައިގަތްނައިރު މައްޗަށް އެރޭހެން ދެ ފަރާތުގައި ބޮޑު ދެ ސިޑި ހުރިއިރު، އެތަނުގެ ކުރިމަތީގައި ރަތާއި، ރަން، އަދި ކަޅު ކުލަ ހިމެނޭ ކާޕެޓެއް އަޅާފައިވެއެވެ. ހަމަ އެ ޑިޒައިނުގެ ކާޕެޓެއް މައްޗަށް އެރެން ހުރި ދެ ސިޑީގައިވެސް ފަރުރާލާފައިވެއެވެ. ސިޑި ހުރަސްކޮށްފައި ގޭގެ ބޮޑުކޮޓަރިއަށް ވަދެވޭއިރު، އެތަނުގައި ހުރި ޝާހީ ސޯފާތަކާއި ގޭތެރޭގައި ހުރި އެހެނިގެން ފަރުނީޗަރުތައް ވެސް ހުރީ ރަނާ، ހުދު އަލި މަޑުމަޑު މުށިކުލައެއްގައެވެ. މުޅި ހިސާބުގައިވެސް ހިތްގައިމު ޑިޒައިނެއްގެ ކާޕެޓެއް އަޅާފައިވާއިރު، ކުޑަދޮރުތަކުގައި ދަމާލާފައިވާ ފަރުދާތައް ވެސް ހުރީ ފަރުނީޗަރާ ގުޅުވާލާފައެވެ. މަތީގައި އެލުވާފައިވާ ޗާނދަލިޔާތަކާއި، ގޭތެރޭގެ އިންޓީރިއަރގެ ހިތްގައިމުކަމުގެ ސަބަބުން، އެ ގެ ހީވަނީ ޝާހީ ގަނޑުވަރެއްހެންނެވެ.

ގޭގެ އެއްފަރާތުގައި ވަކިން ޚާދިމުންގެ ކުއާޓާއެއް ވެސް ހަދާފައި ހުއްޓެވެ. ރާދިން އެތަން ވެސް ބެލިއެވެ. އެއާއެކު އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ގޭގެ ޚާދިމުންނަށް ވަކީން ތަނެއް ހުރުން ވެގެން ދިޔައީ އެގެއިން އޭނާއަށް އެންމެ ހިތްހަމަ ޖެހުނު އެއްކަންތަކަށެވެ.

ރާދިން ކުޑައިރު ހަނދާން ހުންނަން ފެށި އިރަށްވުރެ އެގެ މާ ރީތިވެފައި ޝާހީއެވެ. ބަލައިލި ކޮންމެ ދިމާލަކުން ގޭގެ ހައިބަވަންތަ ކަމާއި މުއްސަނދިކަން ފެންނަމުން ދިޔައެވެ. އެގޭގެ ފަރުމާ އަކީ މީހުން އާޝޯހުކުރުވާފަދަ ތަފާތު ފަރުމާއެކެވެ. ރާދިން އެގޭގެ ހުރިހާތަނެއް ވެސް ބެލިއެވެ. ބަދަލުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް އޭނާ ނޯޓުކުރިއެވެ. އެގޮތުން ޓީވީއާއި، އެހެނިހެން އިލެކްޓްރޯނިކް ބައެއް ސާމާނާއި، ވައިފައިގެ އިތުރުން ދެން ބޭނުންވާ މުހިންމު ތަކެތި އެނާ ނޯޓުކުރިއެވެ. ގެއަކީ ދެ ބުރިއަށް ނަގާފައިވާ ބޮޑު ގެއެއްކަމުން މުޅި ގެ ބަލާލަން އިރުކޮޅެއް ނެގިއެވެ. ބޭނުންވާ ހުރިހާކަމެއް ނޯޓުކޮށް ނިންމާލުމަށްފަހު، ރާދިން އެގެއިން ނުކުމެގެން އެންމެ ފުރަތަމަވެސް ދިޔައީ މުނީރުގެ އޮފީހަށެވެ. އެމް.އެސް ޕްރައިވެޓް ލިމިޓެޑްގެ މައި އޮފީސްހުރި އިމާރާތުގެ ތިރީ ޕާކިސް ޒޯނުގައި، ސައިކަލު ޕާކުކުރަން ޚާއްސަކޮށްފައިވާ ތަނުގައި ސައިކަލު ޕާކުކޮށްލުމަށްފަހު، ރާދިން ގޮސް އޮފީހަސް ވަނެވެ. އޭނާ ފެނުމުން ރިސެޕްޝަނުގައި ތިބި އަންހެން ކުދިންވެސް ތުއިވެލާފައި އެއްކުއްޖަކު އަނެއް ކުއްޖަކުގެ ކަންފަތް ދޮށުގައި ސިއްރުން އެއްޗެއް ބުނެލައިފިއެވެ. އެ މަންޒަރު ފެނި ރާދިންގެ ތުންފަތް މައްޗަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ.

"އޭތް… ތިވަރަށް ނުބަލަބަލަ! ބައިދަވޭ، އޭނަ އަދި މީހަކާ ނީނދެޔޭ ބުނި އަޑު އެހިން… ޗާންސް އެއް އޮވެދާނެ…" ރިސެޕްޝަން ކައިރިން ލާފައި ދިޔަ ވަގުތު، އެތަނުން ކުއްޖަކު ބުނެލި އަޑު ރާދިންއަށް އިވުނެވެ. ހަމަ އެއާއެކު، ދެން ހުރި ކުއްޖާ ވާހަކަ ދެއްކިއެވެ.

"އަޑުއިވިދާނެ…"

ރާދިންގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާއަށް އެ ވާހަކަތައް އަޑުއިވުނުކަން އަންގާލުމުގެ ގޮތުން ރާދިން އެނބުރިބަލާލުމާއެކު، އެ ދެކުދިން ހާސްވިކަން އެނގުނީ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުންނެވެ. އެތެރެ އެތެރެއިން ހެވެމުން ދިޔަ ރާދިން ހިނިގަނޑު މަތަކޮށްލީ ވެސް އުނދަގުލުންނެވެ. އެ ކުދިންގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރު އޭނާއަށް މަޖާވީއެވެ. އޭނާ ލިފްޓުން މައްޗަށް ދާންވެގެން ބަޓަނަށް އޮބާލިތަނާ ސަޖާ ގުޅައިފިއެވެ. އަވަސް އަވަހަށް ފޯނު ނެގުމަށްފަހު، އޭނާ އެބަ ގުޅަން ކަމުގައި ބުނެ ރާދިން ފޯނު ބޭއްވިއެވެ. ސަޖާ ކެނޑިނޭޅި ގުޅަން ފެށުމުން ރާދިން، އޭނާ ބިޒީކަމަށް ބުނެ މެސެޖެއްކޮށްލިއެވެ. އެހެންނަމަވެސް، ސަޖާ ގުޅުމެއް ނުހުއްޓިއެވެ. ރާދިން އޭނާގެ ބައްޕަގެ ކެބިންއަށް ވަނީ ފޯނު ސައިލެންޓަށް ލުމަށްފަހުއެވެ.

ޓަކި ޖަހާލާފައި ރާދިން އެތެރެއަށް ވަތްއިރު، މުނީރު އިނީ ރާދިންގެ އިންތިޒާރުގައެވެ. ތަނަވަސް އެ ކެބިންގައި ގަދަ ޗޮކްލެޓްގެ ލެދަރ ސޯފާތަކާ ދިމާލަށް އިޝާރާތްކޮށްލަމުން މުނީރުވެސް ގޮނޑިން ތެދުވެލިއެވެ.

"މުނީރު އިށީނުމާއެކު ރާދިންވެސް ވަކިން ހުރި ސޯފާގޮނޑިއެއްގައި އިށީނެވެ.

"އެ ގެ ބަލާލައިފިންތަ؟" މުނީރު ރާދިންއާ ސުވާލުކޮށްލުމާއެކު، ރާދިން ބޯޖަހައިލިއެވެ.

"ލައްބަ. ގޭގެ ފަރުނީޗަރާއި، އެހެނިހެން އެއްޗެހި ބަދަލުކުރާ ޚިޔާލެއް އަޅުގަނޑުގެ ނެތް. ވަރަށް އާ ވަރަށް ރީތި ހުރިހާ އެއްޗެއްވެސް. އެކަމަކު ޓީވީ އެއްޗެހި ގަންނަން ޖެހޭ. ގެ ބޮޑުވީމަ ގޭގެ މަސައްކަތްތައް ކުރަންވެސް ދެ ކުދިން ވަރު ގެންނާނަން." ރާދިން ބުނެލިއެވެ.

"ދެން މައާލްގެ ގާތުގައި…"

"މައާލްގެ ގާތުގައި ހުންނަން ވެސް ބޭރު ކުއްޖަކު ގެންނަން މި ވިސްނަނީ. މައާލްގެ ކަންތައްތައް ބަލަައްޓަން ވަކިން ކުއްޖަކު ބަހައްޓަން..." ރާދިން އޭނާ ކަންތައްތައް ރާވާފައިވާ ގޮތް މުނީރާ ހިއްސާކުރިއެވެ.

"މައާލްގެ ގާތުގައި ހުންނަން ދިވެހި ކުއްޖެއް ހޯދުން ކިހިނެއްވާނީ؟ އޭރުން މައާލްވެސް މާ ހިތްހަމަޖެހޭނެހެން ބައްޕައަށް ހީވަނީ. ނޫންތަ؟ ބައްޕަ ކުއްޖަކު ހޯދަދީފާނަން. މައާލްގެ ކައިރީގައި ކޮންމެ ކޮންމެ މީހަކު ބަހައްޓާކަށް ބައްޕަ ބޭނުމެއް ނުވޭ. މިއަދު ރަޒީނައްތައަށް ވެސް ގުޅާލިން. ބުނީ އަދިވެސް ރާއްޖެ އާދެވޭނެ ދުވަހެއް ނޭނގޭކަމަށް. އައިމަ ދެން ރަޒީނައްތަ ގެންދާނީ.." މުނީރު އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.

"ބޭރުކުއްޖަަކު ގެނަޔަސް މައާލްއަށް އުނދަގުލެއް ނުވާނެ ކަންނޭނގެ ބައްޕާ! އަޅުގަނޑުވެސް ހޯދާނީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް." ރާދިން އެއްގޮތަކަށްވެސް މުނީރު ހޯދާ ކުއްޖަކު އެގެއަށް ވައްދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ އެއްވެސް ސިއްރެއް ބޭޒާރުވާކަށް ރާދިން ބޭނުމެއް ނުވެއެވެ.

"ބައްޕައަށް ފެންނަ އެންމެ ރަނގަޅު ގޮތް މި ބުނީ… ދެން ދަރިފުޅަށް ފެންނަ ގޮތަކަށް ކަންތައް ކުރިޔަސް އެންމެ ރަނގަޅު." މުނީރު އެހެން ބުނެލި ނަމަވެސް، އޭނާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވެއެވެ. މައާލްއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. މައާލްގެ ޒިންމާ އޭނާ އެ ނަގަނީ އަމިއްލަ އަންހެން ދަރިއެއް ހުރިނަމަވެސް، ޒިންމާ ނަގާނެހާ ފުރިހަމައަށެވެ.

"އަންނަ ހަފްތާތެރޭފައި ބަދަލުވާންވެގެން މި ވިސްނަނީ. އޭރަށް ވާއިރަށް ކުދިންވެސް ހޯދާ ކަންތައްތައް ހަމަޖައްސާލާނަން އަޅުގަނޑު" ރާދިން ބުނެލުމާއެކު، މުނީރު ބޯ ޖަހައިލިއެވެ.

"އެކަމަކު، ވަކިން އުޅުނެއްކަމަކު، މައާލްއަށް އެހީތެރިވާން އެންމެ ގާތުގައި ހުންނަން ޖެހޭނީ ރާދިން! ކުއްޖަކު މި ހޯދަނީ ރާދިން ގޭގައި ހުންނަ ވަގުތު މައާލްގެ ކަންތައްތައް ކޮށްދޭކަށް ނޫން. އެއީ ރާދިން އޮފީހުގައި އުޅޭވަގުތު މައާލްއަށް ދަތިވާ ކަންތައްތައް ކޮށްދޭން. ވަގުތުވެސް ދޭންވާނެ! އަޅާލަންވެސް ވާނެ. އޯގާތެރިވެސް ވާންނާނެ. އެކުގަ އުޅެން ފެށީމަ ލޯބިވެސް ވެވޭނެ. ރައްޓެހިންނަށް ވަގުތު ނުދޭށެކޭ އެއް ފަހަރުވެސް ބައްޕަ ނުބުނަން. އެކަމަކު މި ޙާލަތުގައި ރާދިންގެ އެހީތެރިކަން މައާލްއަށް މުހިންމު."

މުނީރުގެ ވާހަކަތަކަށް ރާދިން ބޯ ޖަހައިލިއެވެ. އޭނާ އެއަށް އިތުރު އެއްޗެއް ނުބުނެއެވެ.

"އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ؟" މުނީރު ވާހަކަ ދައްކާ ނިމުމުން ރާދިން ސުވާލުކޮށްލުމާއެކު، މުނީރު ބޯ ޖަހައިލިއެވެ. ރާދިން ނުކުންނަން ހިނގައިގަތުމާއެކު، މުނީރު އަނެއްކާވެސް ގޮވައިލިއެވެ.

"މައާލްގެ ތެރަޕީ ކަންތައްތައް ފަރުވާ ކުޑަނުކޮށް ކުރިއަށް ގެންދާތި. ކޮންމެ ހަފްތާއެއްގައި މައާލްގެ ތެރަޕީއަށް މައާލް ގޮވައިގެން ދާންޖެހޭނީ ރާދިން." މުނީރު ބުނެލުމާއެކު، ރާދިން ބޯ ޖަހައިލިއެވެ.

މުނީރުގެ ކެބިންއިން ނުކުތުމަށްފަހު، ރާދިން ކަމެއް ކުއްލިއަކަށް ހަނދާންވާ މީހަކު ފަދައިން ޖީބުން އަވަސް އަވަހަށް ފޯނު ނަގާ ބަލައިލިއެވެ. ސަޖާގެ ތިރީހަކަށް މިސްކޯލު އޮތެވެ. އެތައް މެސެޖެއް ކޮށްފައި އޮތެވެ. ރާދިން އަވަސް އަވަހަށް ސަޖާއަށް ގުޅައިލިއެވެ. ސަޖާ ފޯނު ކަނޑައިލުމާއެކު، ތަކުރާރުކޮށް ރާދިން ގުޅިއެވެ. ކޮންމެ ފަހަރަކުވެސް ސަޖާ ކަންތައްކުރީ އެގޮތަށެވެ. އޭނާ މާފަށް އެދިފައި މެސެޖެއް ކޮށްލިއެވެ. ރިޕްލައި ނައުމުން ރާދިން އަވަސް އަވަހަށް ގޮސް އޮފީހުން ނުކުމެ، ސަޖާ ކައިރިއަށް ދާން މިސްރާބުޖެހިއެވެ.

އެ ގެއަށް ގޮސް އެޕާރޓްމެންޓުގައި ބެލްޖަހަޖަހާވެސް، ސަޖާ ދޮރެއް ނުހުޅުވިއެވެ. އޭނާ އެންމެ ފަހުން ސަޖާއަށް ގޮވަން ފެށިއެވެ. ކުރިން ކުރި ފަދަ މޮޔަ ކަމެއް ސަޖާ ކޮށްފާނެތީ އޭނާ ހާސްވިއެވެ. އެތައް އިރަކު ބެލް ޖެހިފަހުން ސަޖާ ދޮރު ހުޅުވައިލިއިރު، އޭނާ ހުރީ ރުޅިއައިސްގެން ހަލާކުވާން ކައިރިވެފައެވެ. ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ދެންމެ ދެންމެ ހީވަނީ ރާދިންގެ ގައިގައިވެސް ޖަހާފާނެ ހެންނެވެ.

"ކީއްކުރަން މަގޭ ކައިރިއަށް ތި އައީ؟ ދޭބަލަ އެ މައާލްގެ ކައިރިއަށް ވަދެ އޮންނަން. މިހާރު އެ އަންހެނާ ފޫބުޑުން ނުނެއްޓޭ…" ސަޖާ ހަޅޭއްލަވައިގަތެވެ.

"އަހަރެން ބައްޕަ ކައިރީގަ ހުރީމައާ ފޯނު ނުނެގުނީ. މުހިންމު ވާހަކައެއް ދައްކަންވެގެންނޭ. އަހަަރެން ހުރިހާކަމެއް މިކުރަނީ ހަމަ ސަޖާއަށްޓަކައެއް ނޫންތަ؟" ރާދިން ސަޖާގެ އަތުގައި ހިފައްޓަން މަސައްކަތްކުރުމާއެކު، ސަޖާ ރާދިންގެ މޭގައި ގޮށްމުށުން ޖަހާފައި ދުރުވިއެވެ.

"ރުޅިމަޑުކޮށްފަ އަހަރެން ދައްކާ ވާހަކައެއް އަޑު އަހާބަލަ ސަޖޫ. އަހަންނާ މައާލްއާ އެ ފަދަ ގުޅުމެއް ނެތޭ. ބައްޕަ ކައިރީގައި ހުރެ ކިހިނެއް އަހަރެން ފޯނު ނަގާނީ. އަހަރެން ހުވާކޮށްފާނަން އަހަރެން ހުރީ ބައްޕަ ކައިރީގައިކަމަށް." ރާދިން ބުނަމުން ދިޔައެވެ.

"އޭނަގެ ކޮން ސިފައެއް ރާދިންއަށް ކަމުދާތީތަ ވަރިކުރަން ނުކެރިގެން ތިއުޅެނީ. ދެން ބުނާނެ ވަރިކުރުމަކީ ފަސޭހަކަމެއް ނޫނޭ. ފަސޭހަ ކަމެއް އެއީ. ހަމައެކަނި އަނގައިން ބުނެލަން ޖެހޭނީ ތީނީ ވަރިކޮށްފައޭ. އެ ނިމުނީ. އެ ބާރުވެސް އޮންނާނީ ރާދިން އަތުގަ. ދެން ކީއްވެ ނުވާންވީ. އަބަދު ބައްޕަ ބައްޕަ ބައްޕަ. އަހަރެންގެ ބޯ ގޮވާ. އަހަންނަކަށް ހިޔެއް ނުވޭ ރާދިންއަށް ދުވަހަކުވެސް މައާލް ވަރިކޮށްފަ އަހަންނާ އިނދެވޭނެހެން." ސަޖާ ވާހަކަ ދެއްކީ ރޮމުން ބާރަށެވެ. ވީހާވެސް ދެރަވެފައިހުރިކަމަށް ދައްކަން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ރާދިން ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރަން ސަޖާ ހުރީ އަތުކުރި އޮޅާލާފައެވެ.

"އަހަރެން ލޯބިވެޔޭ ސަޖާ ދެކެ. މައާލް ދެކެއެއް ނޫނޭ ލޯބިވަނީ… އޭނަ ދޫކޮށްލާފަ ސަޖާ ކައިރިއަށް އައުން ހެއްކަކަށް ނުފުދޭތަ؟" ރާދިން ސަޖާ ގަދަކަމުން ގެނެސް މޭގައި ޖައްސާލިއެވެ. މައާލްގެ ކަމުދާ ސިފަތަކުގެ ވާހަކަ ސަޖާގެ ކައިރީގައި ދައްކާކަށް ރާދިން ބޭނުމެއް ނޫނެވެ.

"އަހަރެން ދޫކޮށްލާފައި ނުދައްޗޭ. އަހަރެން ބޭނުމީ ރާދިންއާ އެކު އުޅެން." ސަޖާ ރާދިންގެ މޭގައި މޫނު ފޮރުވައިލައިގެން ހުރެ ބުންޏެވެ. އެގޮތުގައި އިރުކޮޅަކު ދެމީހުން ތިއްބެވެ. ރާދިން ސަޖާ ދުރުކޮށްލުމަށްފަހު، ސަޖާގެ ކަރުނަތައް ފުހެދިނެވެ. އެއަށްފަހު، އޭނާ ސަޖާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ.

އެގޭގައި ވަގުތުތަކެއް ހޭދަކޮށްލާފައި އޭނާ ގެއަށް ދާން ނުކުތްއިރު، ފަހެއް ޖަހަނީއެވެ. ސައިކަލު ބަހައްޓާފައި ދުވެލާފައި ކަހަލަ ގޮތަކަށް ރާދިން ގޮސް ގެއަށް ވަނެވެ. މައްޗަށް އަރާ އޭނާ ކޮޓަރިއަށް ދިޔައީ މައާލްގެ ގާތުގައި އޭނާ މައާލްގއ ބައްޕަގެ ގެއަށް ދިޔަ ވާހަކަ ވެސް ބުނެލަން ހިތުލައިގެން ހުރެއެވެ. ކޮޓަރީގައި މައާލް ނެތުމުން ރާދިން ފާޚާނާވެސް ބެލިއެވެ. ތިރީގައި ވެސް މައާލްއެއް ނެތެވެ. ރާދިން ދެން އެރީ ޓެރެސްއަށެވެ. އޭރު މައާލް އެކަނި މާއެކަނި ޓެރެސްގައި އިން ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. މައާލް އިނީ ރާދިންއަށް ފުރަގަސްދީގެންނެވެ. އޭނާ މަޑުމަޑުން ގޮސް މައާލްގެ ފަހަތުގައި ހުއްޓުނެވެ.

"ކޮފީ…" ކައިރިއަށް މީހަކު އައިސް ހުއްޓުނުކަން އެނގުނު މައާލް ހީކުރީ އެމާ އޭނާއަށް ކޮފީ ހިފައިގެން އައީ ކަމުގައެވެ.

"ކީއްކުރަނީ ޓެރެސްގައި؟" ރާދިން ސުވާލުކޮށްލުމާއެކު، މައާލްއަށް ހައިރާންކަމެއް ލިބުނެވެ.

"ކަމެއް ނުކުރަން. ފޫހިވާތީ ޓެރެސްއަށް އަރާލީ… މިގަޑީގައި ވަރަށް އަރާމު ވައި ވެސް ޖެހޭއެބަ މިތަނަށް." މައާލް ބުނެލިއެވެ.

"މީހަކުނެތަސް އެކަނިވެސް ފޫހިފިލާތަ؟" ރާދިން ސުވާލެއްކޮށްލިއެވެ.

"ކިތަންމެ ހާވެސް ފޫހިވޭ… ކުރަހަން ބޭނުންވަނީ. އެކަމަކު އެ ފުރުސަތެއް ނެތް. އެހެންވީމަ ކިރިޔާވެސް ހިތްހަމަޖެހެނީ މިހެން މަޑުކޮށްލީމަ. ނުފެނުނު ނަމަވެސް، ގުދުރަތީ ހުރިހާކަމަކަށް އަހަރެން ލޯބިކުރަން. ޖެހޭ ވައިރޯޅިތަކުގެ ބީހުމަކީ އަހަންނަށް ލިބޭ އުފަލެއް." މައާލް ބުނެލިއެވެ.

"ކީއްވެތަ މައާލް މާ ފުން މާނަ އެކުލެވޭ ޖުމްލަތައް ބުނަނީ އަބަދު." ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ފުންތަ؟ ހެހެ..." މައާލް ލުއިކޮށް ހީލިއެވެ. ރާދިން އޭނާއާ އޯގާތެރިކަމާއެކު، ވާހަކަ ދައްކާތީ އޭނާ ހުުންނަނީ ހަމަޖެހިފައެވެ. ރާދިންއަށް އަންނަމުން އެ ދާ ބަދަލަކީ ރަނގަޅު ބަދަލެއްކަން އޭނާއަށް އެނގެއެވެ. އެމާ ކޮފީ ހިފައިގެން އައުމުން ރާދިން އޭނާއަށް ވެސް ކޮފީއެއް ގެނެސް ދިނުމަށް އެދުނެވެ. އެމާ ދިޔުމުން ދެމީހުން ވާހަކައިގެ އިރުކޮޅަކު، ތިއްބެވެ. މައާލް އޭނާގެ ކުރީގެ ދިރިއުޅުމުުގެ ވާހަކަތައް ކަޔައިދެމުން ދިޔައެވެ. ދިމާވި ބައެއް މަޖާ ކަންތަކުގެ ވާހަކަ ދައްކާއިރު، މައާލްގެ ތުންފަތް މައްޗަށް ވެރިވާ ކޮންމެ ހިނިތުންވުމަކާއެކު، ރާދިންއަށް އެމޫނަށް ބަލަހައްޓައިގެން ކަޅިވެސް ޖަހާ ނުލާ އިނދެވެއެވެ. އެ އަންހެން ކުއްޖާ ހިނިތުންވެލުމުން އެ ރީތިކަން އިންތިހާ އިތުރުކޮށްދެއެވެ. އެ ހިނިތުންވުން ދެކެން އޭނާ ބޭނުންވާން ފެށިއެވެ.

*****

މުނީރު ގެއަށް އައިސް ވަނުމަށްފަހު، ފެންވާރާލައިގެން ނުކުމެ ސްޓަޑީއަށް ވަދެލިއެވެ. މޭޒު ދޮށުގައި އިށީނދެ އޭނާ މެއިލް ހުޅުވައިލިއެވެ. ދާދި ދެންމެ އަކު އޭނާއަށް ލިބިފައިވާ މެއިލް ފެނުމާއެކު، ހިތް އަވަސްވެފައިވާ ޙާލު އޭނާ އެމެއިލް ހުޅުވައިލިއެވެ. އެއާއެކު، ވެރިވި މާޔޫސްކަން އޭނާގެ މޫނު މައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން އެކަނިވެސް ހާމަވާން ފެށިއެވެ. ނިތުގައި އަތް ހިންގާލުމާއެކު، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ވެސް އަތް މަހާލެވުނެވެ. އެ މެއިލްއަށް ބަލަން އިނުމަށްފަހު، ފުންނޭވާއެއް ދޫކޮށްލުމަށްފަހު، މުނީރު ތިރީގައި ލިޔެފައިވާ ނަންބަރަށް އަވަސް އަވަހަށް ޑައިލްކޮށްލިއެވެ.

ކޮމެންޓް 0