"އަނެއްކާ ކިހިނެއްވީ؟" ރާދިން ސުވާލަށް މާހިލް ދިން ޖަވާބާއެކު، ރާދިންގެ މޫނުމަތިންވެސް ހާސްކަން ފެނިލިއެވެ.

"ނެތްތަ ވަގުތުކޮޅެއް ހޯދާލައިގެސް އާދެވޭކަށް. މިއުޅެނީ އެއްކަލަ ކެނެޑާ ކުންފުންޏާއެކު ހެދި އެއްބަސްވުމާ ގުޅިގެން މައްސަލައެއް ދިމާވެގެން. އެމީހުން ބޭނުންވަނީ އެގްރީމެންޓް ބާތިލްކުރަން. އެކަން ކޮށްފިނަމަ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުން ވާނެ." މާހިލްގެ ވާހަކައާއެކު، ރާދިން ކަންބޮޑުވިއެވެ.

"އެގޮތަށް އެގްރީމެންޓް ބާތިލް ކުރެވޭތަ؟ އެމީހުން ކޮންގޮތެއް ބޭނުންވަނީ؟" ރާދިންއަށް ބުނެވުނެވެ.

"އަހަރެން ވާހަކަ ދެއްކި އެއްގޮތަކަށްވެސް އެއްބަހެއް ނުވި. އެމީހުން ބުނީ އިތުރަށް އެ ޕްރޮޖެކްޓްކުރިއަށް ގެންދެވޭނީ ރިވިއުކުރުމަށްފަހުކަމަށް. އަހަންނަށް ހީވަނީ ރާދިން އެކޮޅަށް ދާން ޖެހޭނެހެން." މާހިލްގެ ވާހަކައާއެކު، ރާދިންއަށް ބަލައިލެވުނީ މައާލްއަށެވެ.

"އިތުރު މީހަކު ގޮސްގެން ނެތްތަ ތިކަން ވާކަށް؟ އެއްވެސް އިތުރު ގޮތެއް ހަމަ ނެތީތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެމެންނަށް އެއްވެސް ޗޮއިސްއެއް އެމީހުން ނުދޭ…އަނެއްކޮޅުން މި ޕްރޮޖެކްޓަކީ މައާލްގެ ބައްޕަ އޭރުއްސުރެ އެކޮޅުގައި ހިންގަން ނިންމާފައި އޮތް ޕޮރޮޖެކްޓެއް." އެކޮޅުން މާހިލް ވާހަކަ ދެއްކިއެވެ.

"ކިހާ ދުވަހަކަށް ދާންޖެހެނީ…" ރާދިންއަށް ސުވާލުކޮށްލެވުނެެވެ.

"ހަފްތާއެއްހާ ދުވަސް ވެދާނެ ކަންނޭނގެ." މާހިލް ބުނެލިއެވެ. "ދެން ރިސޯޓް ކަންތައްވެސް އަދި އެބައޮތް. އެކަންތައް ވެސް ފަސްކުރާތާ ދެ ހަފްތާ ވަނީ. އަހަންނަށް އެނގޭ ރާދިން އެތަނަށް ދާން ބޭނުންވާކަން. އެކަަމަކު މިވަގުތަށް ރާދިން ދިޔުން އެންމެ މުހިންމީ ކެނެޑާއަށް."

ވިސްނޭމީހަކު ފަދައިން މާހިލް ދެއްކި ވާހަކަތަަށް ރާދިންއަށް ގަބޫލުކުރެވުނެވެ. ރާދިން ފޯނު ބޭއްވީ ކައިގެން އެކަމުގައި ގޮތެއް ނިންމަން އޭނާ މާހިލްގެ ކައިރިއަށް ދާނެކަމަށް ބުނެފައެވެ. އޭނާ މައާލްއަށް ބަލައިލިއެވެ. ރާދިން ފޯނު ބޭއްވިކަން ޔަޤީންވެ މައާލްއަށް ސުވާލުނުކޮށެއް ނީނދެވުނެވެ. އޭނާ ހީކުރީ ރިސޯޓްއަށް ދާން ޖެހުނީކަމަށެވެ. އެހެނީ މީގެ ކުރިން ރާދިން އޭނާގެ ކައިރީގައި ދައްކާފައިވަނީ އެ ވާހަކަ ކަމަށް ވީތީއެވެ.

"ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟" މައާލް ރާދިންގެ އަތުގައި ހިފައްޓާލިއެވެ.

"މާލް… މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެން. ބައްޕަ ނިޔާވުމުގެ ކުރިން ކެނެޑާގައި ހިންގަން ނިންމި ޕްރޮޖެކްޓެއްގެ ވާހަކަ އަހަރެން ބުނީމެއްނު. އޭގަ އިޝޫ އެއް ދިމާވެގެން މިއުޅެނީ.. " ރާދިން އޭނާގެ އަނެއް އަތުން މައާލްގެ އަތުގައި ހިފައްޓާލިއެވެ.

"ދެން… އެހެންވީމަ ރާދިން ކެނެޑާއަށް ދާންޖެހެނީތަ؟" މައާލްގެ އަޑުން ނުތަނަވަސްކަން ފާޅުވިއެވެ. ރިސޯޓަކަށް ދާން އެއްބަސްވިނަމަވެސް، ކެނެޑާއަށް ރާދިން ދާ ޚިޔާލުން އޭނާ ކަންބޮޑުވިއެވެ. އެހާ ދުރަށް ރާދިން ފޮނުވަން އޭނާގެ ހިތް ނުރުހުނީ ކީއްވެގެންކަމެއް މައާލްއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ހިތަށް އުނދަގޫވިކަމެވެ.

"އާނ… " ރާދިންގެ ޖަވާބު ކުރެވެ. މައާލްގެ މޫނުމަތިން ފާޅުވި އަސަރުތަކުގެ ސަބަބުން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.

"ކިހާ ދުވަހަކަށް؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ހަފްތާއެއް ވަރު.." ރާދިން ބުނެލިއެވެ.

ރާދިންއާ ނުލާ އުޅުމަކީ އުނދަގޫވާނެކަމެއްކަން މައާލްއަށް އެނގުނުނަމަވެސް، ރާދިން ދިޔުމުގެ މުހިންމުކަން އޭނާއަށް އިޙްސާސްވެއެވެ. އެހެންކަމުން މައާލް ރާދިންގެ ގާތުގައި އެދުނީ އޭނާއާ މެދު ނުވިސްނާ އެ މައްސަލަ ހައްލުކުރުމަށް ރާދިން ކެނެޑާއަށް ދިޔުމަށެވެ.

"އާރ ޔޫ ޝުއަރ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ޔެސް. އަބަދު ފިރިމީހާ ނުހުންނާނެއެއްނު ކައިރީގައެއް. ކަންތައްތަކުގެ ދާން ޖެހޭނެއޭ ކުރިންވެސް އަހަރެން ބުނީމެއްނު. އޯކޭވާނެ. އޭވާ މެންވެސް ތިބޭނެއެއްނު. ހަމަ އެކަނި ހިތަށް އެރީ ރާދިންއާއެކު އުޅުނުއިރު ރާދިން އަހަރެންގެ ހުރިހާކަމެއް ކޮށްދީފަ ކުއްލިއަކަށް ދިޔައިމަ އުނދަގޫވާނެޔޭ.. އެހެންވެ ހާސްވީ…" މައާލް ބުނެލިއެވެ. ރާދިން މައާލްގެ ކޯތާފަތުގައި އަތް ޖައްސާލުމާއެކު އޭނާގެ ހިތާ އެންމެ ގާތުގައި އަބަދުވެސް ވާނީ މައާލްކަމުގައި ބުނެލިއެވެ.

"އަހަރެން ރާދިންއަށް އިތުބާރުކުރަމޭ. އަހަންނަށް އެނގޭ ރާދިން އަހަރެންދެކެ ވަރަށް ލޯވިވާކަން." މައާލްގެ ޖުމްލައާއެކު ރާދިންގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފަނޑުވިއެވެ. މައާލްއަށް ބަލަހައްޓައިގެން އެއްޗެކޭ ނުބުނެ އޭނާއަށް އިނދެވުނުއިރު ސަޖާއާއެކު ހޭދަކުރި ރޭގެ ހަނދާންތައް އޭނާއަށް ގޯނާކުރަން ފެށިއެވެ. އެ ހަނދާންތަކުން މިންޖުވާން ކިތަންމެ ބޭނުންވިނަމަވެސް، އަދި ސަޖާގެ ހަބަރެއް ނުވި ނަމަވެސް، ދުވާލުހަތަރުދަމު އެ ހަނދާންތައް އޭނާއަށް ގޯނާކުރަމުން ދަނީ ދުވަހަކު ހަނދާންނެތުނަ ނުދޭނަމޭ ބުނާފަދައަކުންނެވެ. ސިކުނޑި އެ ހަނދާންތައް އަބަދާ އަބަދު ތަކުރާރުކުރަމުންދަނީ އޭނާގެ ނަފުސުގެ ހަމަޖެހުން ނަގާލަމުންނެވެ. މައާލްއާއެކު ހުންނަ ވަގުތުތަކުގައި ވެސް ކުށްވެރި އިޙްސާސްއެއް ކުރެވި އިސްޖަހާލަން ރާދިންއަށް މަޖުބޫރުކުރުވައެވެ. މައާލްއާ މައާލްގެ ތެދުވެރި ލޯތްބާއި ވަފާތެރިކަން އޭނާއަށް ހައްޤުބާއޭ ރާދިންގެ ހިތަށް އަރަމުންދިޔައެވެ.

އެ ހުރިހާކަމެއްގެ ސަބަބުން ރާދިން ހީވަނީ މަގުގެއްލިފައިވާ މުސާފިރެއް ހެންނެވެ. މައާލްއަށް އެ ހަޤީގަތް ނޭނގުނުނަމަވެސް، އޭނާ އެ ވަނީ ކުށެއް ކޮށްފައެވެ. އެ ކަމުން އޭނާގެ ނަފްސަށް ހަމަޖެހުމެއް ނެތެވެ. އޭނާ ކުށްވެރި ނުވާނެ އެއްގޮތެއް ވެސް ނުވެއެވެ. އެ ހުރިހާކަމެއް މައާލްއަށް ސިއްރުކޮށްލައިގެން ހުރުމަކީ ރާދިންއަށް ފަސޭހަކަމަކަށް ނުވިނަމަވެސް، މަޖުބޫރީ އެ ޙާލަތުގެ ސަބަބުން އިތުރު ގޮތެއް އޭނާއަކަށް ނެތެވެ. އެ ހުރިހާކަމެއް އަމިއްލަ ނަފްސަށް އޮޅުވާލަން ރާދިން މަސައްކަތް ކުރަނީ އެ ހަޤީގަތް ގަބޫލުކުރަން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސުގައި އެޅިފައިވާ ބޭވަފާތެރިކަމުގެ "ޓެގުން" ދުވަހަކު އޭނާއަށް މިންޖުވެވޭނެހެއްޔެވެ؟

"އައި ލަވްޔޫ… އައި އެމް ސޮރީ މާލް…" އަމިއްލަ ޟަމީރުގެ މަޖުބޫރީ ޙާލަތުގެ ސަބަބުން ރާދިންއަށް އިސްޖަހާލެވުނުއިރު މައާލްއަށް ހީވީ ރާދިން މާފަށް އެދެނީ ދުރަށް ދާން ޖެހޭތީކަމުގައެވެ.ކައިވެންޏަށް ފަހު އަލަށް އޭނަ ދޫކޮށްލާފައި މާ ދުރަށް ދާން ޖެހޭތީކަމުގައެވެ. ރާދިންގެ އަޑޫން ފާޅުވި މާޔޫސްކަމުގެ އަސަރުތަކުގެ ސަަބަބުން ރާދިން ހިތްހަމަޖައްސައިދޭން މައާލް ވާހަކަ ދެއްކިއެވެ.

"އެކަމާތަ ތި ވިސްނަނީ… އެ އޯކޭ ވާނެޔޭ… ދެން ނުވިސްނަބަ… އަވަހަށް ކައިގެން ދޭބަލަ މާހިލްއާ ބައްދަލުކުރަން. އެހެން ގޮތެއްވެސް އޮވެދާނެއެއްނު. މާ އަވަހަށް މާޔޫސްވާ އެއްޗެއް ނޫނޭ." މައާލް ބުނެލިއެވެ. ރާދިން އާއެކޭ ބުނެލިނަމަވެސް، އޭނާއަށް އިތުރަށް ކެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން މައާލް ކައި ނިމުމުން އޭވާ ގެނެސްފައި އޭނާ ނުކުތީ އޮފީހަށް ދިޔުމަށެވެ. ސައިކަލުގައި ގޮސް އޮފީހަށް ވަތްއިރު މާހިލް ތިރީގައި ހުއްޓެވެ. ރާދިން ފެނުމާއެކު އޭނާ އައިސް ރާދިންގެ ކައިރިއަށް ހުއްޓި ވާހަކަ ދެއްކިއެވެ. ވާހަކަ ދައްކަމުން ދެމީހުންދިޔައީ ލިފްޓާ ދިމާލަށެވެ. ލިފްޓުން ރާދިންގެ ކެބިންއަށް އެރުމަށްފަހު، ބޭނުންވާ ލިޔުންތައް މާހިލް ރާދިންއަށް ދެއްކިއެވެ. އެއަށްފަހު ޖެހިގެން އުޅޭ މައްސަލަ ސާފުކޮށްލަދިނެވެ. ގޮސްގެން ނޫނީ ހައްލުނުކުރެވޭ ކަމަކަށް ވުމާއެކު، ކެނެޑާއަށް ދިޔުމަށް ރާދިން ނިންމިއެވެ. ވީ އެންމެ އަވަހަކަށް ދާން ޖެހޭތީ މާދަންނޫން އަނެއް ދުވަހަށް ޓިކެޓް ހަމަޖެއްސުމަށް މާހިލް ލަފާ ދިނެވެ. ރާދިންވެސް ދެބަހެއް ނުވެއެވެ. ޝާކިރު ގެ އެ އުންމީދީ ޕްރޮޖެކްޓް އެމީހުން އަތުން ގެންލިގެންދާކަށް ރާދިން ބޭނުމެއް ނުވެއެވެ.

މާހިލްއާއެކު ވާހަކަ ދައްކާ ހަދާފައި ހުރިހާކަމެއް ހަމަޖައްސާލާފައި ރާދިންއަށް ހަމަޖެހިލެވުނުއިރު، އިޝާނަމާދަށް ވެސް ގޮވައިފިއެވެ. އެހެންކަމުން އޭނާ ގެއަށް ދިޔައީ މިސްކިތަށް އަރާ އިޝާނަމާދުވެސް ކޮށްލައިގެންނެވެ. މައާލްގެ ފަރާތުން ރާދިންއަށް ދަސްވި އެންމެ މުހިންމު ކަމަކީ ނަމާދުތައް ބަރާބަރަށް ކުރުމެވެ. ފަތިސް ނަމާދު ކުރަން ފެށި ދުވަސްކޮޅު ހޭލުމަކީ އޭނާއަށް އުނދަގޫކަމެކެވެ. އެހެންނަމަވެސް، ހޭލަން އާދަވަމުން ދިޔަ ވަރަކަށް އެކަންތައް ކުރަންވެސް އޭނާއަށް ފަސޭހަވެގެން ދިޔައެވެ. މިހާރަކަށް އައިސް ނަމާދެއް ނުކޮށް ހުންނަންވެސް އުނދަގޫވެއެވެ. މައާލް އޭނާގެ ޙަޔާތަށް އައުމަކީ އޭނާއަށް ލެއްވި ރަޙްމަތެއް ކަމުގައި ރާދިން ގަބޫލުކުރެއެވެ. އޭނާގެ އުޅުން ބަދަލުކޮށްލީ އެ އަންހެން ކުއްޖާއެވެ. މައާލްގެ ކެތްތެރިކަމާއި ނިޔަނެތިކަން އޭނާގެ ހިތާ ހަމައަށް ވާސިލްވެގެން ދިޔައީ އޭނާ މުޅިން އެހެން މީހަކަށް ބަދަލުކޮށްލާފައެވެ. އެކަމާ މިއަދު އޭނާ ﷲ ހަޟްރަތަށް އެތަކެއް ފަހަރު ޙަމްދުކުރެއެވެ. އެ ގޮތުގައި ސާބިތުވާން ރާދިން ބޭނުންވެއެވެ. އެހެންނަމަވެސް ދެރައީ އެ އަންހެން ކުއްޖާއަށް ބޭފަވާތެރިވެވުނީތީއެވެ. ނަމާދުގައި އެތަކެއް ފަހަރު އޭނާ ތައުބާވިއެވެ. ކަރުނަ އެޅިއެވެ. އެ އުނދަގޫތަކުން ސަލާމަތްކޮށްދޭން އެދި ދުޢާ ކުރިއެވެ.

އޭނާ ގެއަށް ދިޔައިރު، ދިޔައިރު މައާލް އިނީ ނަމާދަށެވެ. އޭވާ ސޯފާގައި އިނދެފައި ރާދިން ވަނުމުން ނުކުތެވެ. ސޯފާގައި އިށީނދެލި ރާދިން މައާލް ނިމެންދެން މަޑުކޮށްލިއެވެ. ނަމާދުކޮށް ނިމިގެން ދޮޅި ބާލަމުން މައާލް ރާދިންއަށް ގޮވާލުމާއެކު، ރާދިން އައިސް މައާލްއަށް އެހީތެރިވާން އަވަސްވެގަތް ވަގުތު އޭނަ ވާހަކަ ދެއްކިއެވެ.

"ކިހިނެއްކަންތައް ދިޔައީ؟ ކޮން އިރަކުން ފުރުން އޮތީ؟" މައާލް ސުވާލުކޮށްލީ ހަމަޖެހިލާފައެވެ.

"މާލްއަށް ކިހިނެއް އެނގުނީ ފުރަން ޖެހޭކަމެއް؟" ރާދިންއަށް ހައިރާންކަމާއެކު ބުނެވުނެވެ. މައާލް ހަމަޖެހިފައި ހުރުމުން އޭނާ ސަމާސާކޮށްލާ ހިތްވީއެވެ.

"އެހާ އަވަހަށް ގޮތް ނިންމައިގެން ދޯ ތިހުރީ އަހަރެން ފުރަން ޖެހޭކަމަށް. އަނެއްކާ ސްޕައި ކެމެރާއެއް ކަހަލަ އަޑު އިވޭ ޑިވައިސްއެއް އަހަރެންގެ ގަމީހުގަ ހަރުކޮށްގެންތަ ތިއުޅެނީ؟

"ރާދިންގެ ކަންތައްތައް އެނގެން ސްޕައިކެމެރާއެއް ހަރުކުރާކަށް ބޭނުމެއް ނުވާނެއެއްނު. މިހިތަށް އެނގޭނެ ހުރިހާކަމެއް." މައާލް އެހެން ބުނެލުމާއެކު ރާދިންއަށް ވެސް ހިނިތުންވެވުނެވެ. ޖެހި ކުއްލި ލުތްކާއެކު މައާލްގެ ދެއަތުގައި ހިފާ އޭނާއާ ކައިރިއަށް ދަމާލަމުން ރާދިން މައާލްގެ އަތް ގެންގޮސް އޭނާގެ މޭގައި ޖައްސާލިއެވެ.

"އިޙްސާސްވޭތަ؟ މައާލްއެކޭ އެއްގޮތަށް އަހަރެންގެ މިހިތުގައި ޖަހާ ކޮންމެ ވިންދެއްގައިވެސް މާލް ނޫނީ އެހެން އަންހެން ކުއްޖެއް ނުވޭ. ޔޫ އާރ މައިން… އޮންލީ މައިން… ދުވަހަކު ދުލެއް ނުކުރާނަން." ރާދިންގެ މަސްތީ ބެލުމަކުން މައާލްއަށް ބަލަން ހުއްޓެވެ. އެ ދެލޮލަށް ނަޒަރު ހުއްޓާލުމާއެކު، އަބަދުވެސް އޭނާއަށް ކުރުވާ އަސަރުތައް ކުރުވިއެވެ. މައާލްއާ އިތުރަށް ގާތްވެލުމާއެކު މައާލްގެ ތުންފަތަށް ލޯބިވެތި ހަދިޔާއެއް ރާދިން ދިނެވެ.

"އަހަރެންގެ މި އުނިކަމާއެކު ރާދިން އަހަރެން ގަބޫލުކުރީމަ ހަމަ ހަޤީގަތުގައިވެސް އަހަރެން ވަރަށް އުފާވޭ.. އަހަންނަކަށް ނޭނގެ…"

"ޝްޝްޝް… އަހަރެން ބުނީމެއްނު ތިފަދަ ވާހަކަތައް ނުދައްކަން. ނުބުނަންތަ؟ އަހަރެން މާލް ގަބޫލުކުރީ މާލްގެ ޙާލަތު އެނގިގެން. މާލްގެ ކުރިމަތީގައި މިހުރި ރާދިންއާ މެދު ވިސްނާލަބަލަ. ޔޫ ޗޭންޗްޑް މީ. އަހަރެންގެ ކުރީގެ އުޅުން ބަދަލުވީ މާލްގެ ސަބަބުންނޭ…" މައާލްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލަމުން ރާދިން ބުނެލިއެވެ. އޭނާ މައާލް ގެނެސް އެމޭގައި ޖައްސާލިއެވެ. އަދި އޭނާ މައާލްދެކެ އިންތިހާއަށް ލޯބިވާކަމުގައި ރާދިން ބުނެލިއެވެ.

ރާދިންގެ ބަހާ އަމަލުން އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން މައާލްއަށް އެނގެއެވެ. ކޮންމެ ދުވަހަކު ވެސް އޭނަ ދެކެ ލޯބިވާވާހަކަ ރާދިން ބުނެއެވެ. އެކަމުން އެ ހިތަށް އުފާވެރިކަން ލިބެއެވެ. އަމިއްލަ އުނިކަމާއި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރި އިތުބާރު ގެއްލިފައިވަނިކޮށް އޭނާއަށް އަލުން އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރަން ދަސްކޮށްދިނީ ރާދިންއެވެ.

"އަހަންނެއް ނޫނޭ ރާދިން ޗޭންޖް ކުރީ. ރާދިން ޗޭންޖް ވީ އަމިއްލައަށް. އަހަންނަށްޓަކާ ވިޔަސް ބަދަލުވާން އަޒުމެއް ކަނޑައަޅައިގެން އެކަން ކުރީ ރާދިންއޭ. ހަރުދަނާ މީހަކަށް ވެ ނަމާދަށް ފަރުވާ ބަހައްޓާ… އައި އެމް ޕްރައުޑް އޮފް ޔޫ… އައިއެމް ޕްރައުޑް ޓު ހޭވް ޔޫ… އައި ލަވްޔޫ ސޯ މަޗް..." މައާލް ރާދިންގެ އުނަގަނޑުގައި ވަށާލާފައި ވާ އަތަށް ބާރުކޮށްލިއެވެ.

ދެން ބުނެބަލަ ކޮން އިރަކުންތަ ފުރަނީ؟ މައާލް އެ ހުރި ގޮތަށް ހުރެ ސުވާލުކޮށްލިއެެވެ.

"މާދަން ނޫން އަނެއްދުވަހު. އަހަންނާއެކު ދާނަންތަ؟" ހަޤީގަތުގައި މައާލް ގޮވައިގެން ދިޔަޔަސް މައާލްއަށް ވަގުތު ނުދެވޭނެކަން ރާދިންއަށް އެނގެއެެެވެ. މައާލް ގެންދަން ބޭނުންނުވަނީ އެހެންވެެގެންނެވެ.

"ހަމަ އެންމެ ހިނދުކޮޅަކުވެސް ވަކިން ނުހުރެވޭނީތަ؟" މައާލްގެ އަޑުގައިވަނީ ސަމާސާގޮތެވެ. މައާލްގެ އެ ސަމާސާގައި ބައުވެރިވެލުމުގެ ގޮތުން ރާދިންވެސް ލާނެތް އެއްޗެއް ބުނެލިއެވެ.

*****

އަނޫފް ގުޅުމުން ރާދިން ބޭރަށް ދާން ވެގެން ނުކުންނަނިކޮށް ގްރޭސީ އޭނާއަށް ގޮވާލުމަށްފަހު، ސާދާ ކިޔާ މީހަކު އައިސްގެން ދޮރުވާނަކަށް ހުރި މީހާ ގުޅި ވާހަކަ ބުނެލިއެވެ. އޭނާ އެތެރެއަށް ވައްދަން ބުނެލާފައި ރާދިން ގެއިން ނުކުމެލިއެވެ. ސައިކަލު ކައިރީގައި ރާދިން މަޑުކޮށްލީ ސާދާ އެ ހިސާބަށް އަންނަން ދެނެވެ. ސާދާ އައިސް ރާދިންއަށް ބަލައިލި ނަޒަރާއެކު ރާދިންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއްޗެއް ނުބުނެ ސާދާ އެތެރެއަށް ވަންނަން ހިނގައިގަތުމާއެކު، ރާދިން ސާދާއަށް ގޮވައިލިއެވެ.

"ސާދާ…"

ފިޔަވަޅުތައް މަޑުޖައްސާލަމުން ސާދާ ރާދިންއަށް ބަލައިލާ ބުމަ އަރުވައިލިއެވެ. އެރޭ އޭނާއަށް ފެނުނު މަންޒަރު ހަނދާން ނައްތާލަން އަދިވެސް އޭނާއަށް އުނދަގުލެވެ. އަދި ކުރިން ދުވަހު ފެނުނު މަންޒަރުގެ ސަބަބުން އޭނާގެ ހިތުގައި ވި ޝައްކު ދިޔައީ އިތުރުވަމުންނެވެ. ރާދިން އެ ނުކުތީ އެ އަންހެން ކުއްޖާގެ ގެއިންނޭ އޭނާގެ ހިތް ބުނަނީއެވެ. ރާދިންގެ ރޫޖެހިފައިވާ ގަމީހާއި އޭނާގެ ހުރި ގޮތުން ނުކުތީ ނިދާފައިކަން ސާދާއަށް ޔަޤީންވެއެވެ.

"މީ… އަހަރެން މާދަން ނޫން އަނެއް ދުވަހު ކެނެޑާއަށް ފުރަން މިއުޅެނީ. ސާދާއަށް މައާލް ކައިރިއަށް ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް އާދެވިދާނެތަ؟ ރާދިން ސުވާލުކޮށްލިއެވެ. ސާދާ އިތުރު އެއްޗެއް ނުބުނެ މިފަހަރުވެސް ބޯ ޖަހައިލިއެވެ. ރާދިންއާ މެދު ހިތްހަމަ ނުޖެހިފައި ހުރިވަރުން އަނގައިން ބުނަންވެސް އޭނާ ބޭނުންނުވާފަދައެވެ. ރާދިންއާ ފަސްއެނބުރިފައި ސާދާ އަނެއްކާވެސް ހިނގައިގަންނަން އުޅުނު ވަގުތު، މިފަހަރުވެސް އޭނާ ހުއްޓުވީ ރާދިންގެ އަޑެވެ.

"ސާދާ… އެ ވާހަކަ... ޕްލީޒް. މައާލް ގާތު ނުބުނާތި. އެއީ އަހަންނަށް ހެދުނު މިސްޓޭކެކޭ. އޭނައާ އަހަންނާއެއްވެސް ގުޅުމެއް މިހާރު ނޯންނާނެ. ޕްލީޒް…" އާދޭހުގެ ރާގެއްގައި ރާދިން ބުނެލިއެވެ.

"އިތުރު އެއްޗެއް އެބަ އޮތްތަ؟ އަހަރެން އެކަމާ ގުޅުވާފަ އެއްވެސް އެއްޗެއް ނުބުނަމެއްނު. " ސާދާ އެހެން ބުނެލާފައި އެތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު، ރާދިން ސައިކަލަށް އަރާ ދުއްވާލީ އަނޫފް އޭނާއަށް ގުޅުމުންނެވެ. އަނޫފްއާ ދިމާކޮށްފައި އޭނާ ފުރަން އުޅޭ ވާހަކަ ރާދިން ބުނެލިއެވެ.

"ކަލޭ ހަމަ ރަނގަޅަށްވެސް ތިހުރީ ޒިންމާދާރުވެވިފަ އިނގޭ. ހަމަ މައާލްގެ ބާރުގަ؟" ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު، އަނޫފް ވާހަކަދެއްކިއެވެ. ރާދިންވަނީ އޭނާ ސަޖާއާ އޮތް ގުޅުން ނިންމާލި ވާހަކަ އަނޫފްގެ ގާތުގައި ބުނެފައެވެ. އެކުވެރިޔާގެ އެ ނިންމުމަށް އަނޫފް ތައުރީފްކުރިއެވެ.

"މީހަކުގެ ބާރުގަ ވާކަންތައްތަ މީ؟" ލުއި ހީނލުމަކާއެކު ރާދިން ބުންޏެވެ.

"އާނ. ލޯބިވަންޏާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. އުޑުން ތަރިވެސް ބާލަދޭވަރު ވެޔޯ މީހުން ކިޔާ. އަނެއްކާ ކަލޭއަށް އެވަރު ވިތަ؟" އަނޫފް ދިމާކޮށްލިއެވެ.

"އަނުއްޕެ ކަލޭ އަނގައިން ދެރައެއް ނުވާނެ. އެކަމަކު ބުނަންތަ؟ އަނބިމީހާ ވީމަ އުޑުން ތަރި ބާލަދިނަސް މައްސަލައެއް ނޫނެއްނު." ރާދިންވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމަށްފަހު، އެ އެންމެން އެކުގައި ދިމާނުވިއެއްކަމަކު ރާދިންއާ އަނޫފް ވަކިން ދިމާވެ ވާހަކަ ދެކެވިފައިވެއެވެ.

"މަ ރޭގަ ނަސީފްއާ ދިމާކުރިން. އެގޮލާ ބުނި ދެ ދުވަހަކު ކަލޭ އޮފީސް ކައިރި ކެފޭއަކުން ފެނުނު ވާހަކަ. އިތުރު މީހަކު ހުރި ވާހަކަ ބުނި. ދުރުގަ ހުރީމަ ވާހަކަ ދައްކާލެވޭ ގޮތެއް ނުވިއޭ ބުނީ. އަދި އެރޭގެ ވާހަކަތައްވެސް ވަރަށް އެހި. މަ ބުނިން ރާދިން އެވަރު ވާނީ ސަބަބެއް އޮތީމައޭ." އަނޫފް ބުނެލިއެވެ.

"ދެން އެއްޗެއް ނުބުނޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ނޫން. ވަރަށް އެއްޗެހި އެހި. ކަލޭ ވެސް ނުގުޅައޯ… އަނެއްކާ އެހާ ރުޅިއައިސްގެން އެރޭ އެންމެން ނެރުނީމަ ކިހިނެއްހޭ ގުޅާނީ ބުނީ. ދެން މަކައިރީ އެހި ސަޖާގެ ކަމެއް ހޯ؟" ސަޖާގެ ނަން އިވުމާއެކު، ރާދިންގެއަށް ބަދަލުތަކެއް އައެވެ. އެހެންނަމަވެސް އެ އަސަރުތައް އޭނާ ފޮރުވައިލީ ރުޅިވެރިކަމާއެކު، ވާހަކަ ދެއްކަމުންނެވެ.

"އޭނަގެ ނަންވެސް ނުކިޔާތި…"

"އޯކޭ މޭން. ރިލެކްސް…" އަނޫފް ގާތަށް ހިނިއަންނަގޮތްވުމާއެކު ދެ އަތް ނަގަމުން އޭނާ ބުނެލިއެވެ.

އެރޭ ރާދިން ގެއަށް ދިޔައިރު މައާލްއަށް ނިދިފައި އޮތުމުން ގޮވާކަށް ރާދިން ނުހަދައެވެ. އޭނާ ވެސް ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯވެލިއެވެ.

***

ޖެހިގެން އައި ދުވަހު ހެނދުނު އޮފީހަށް ދިޔަ ރާދިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ހުރުމުން އެކަންތައްތައް ނިންމުމުގައި ބިޒީވުމާއެކު އޭނާ ބޭރަށް ކޮފީ ބޯން ދާ ޚިޔާލުދޫކޮށްލިއެވެ. މާހިލް އައުމުން ވެސް އޭނާ ދެކޮޅު ހެދިއެވެ. މާހިލް ރާދިންގެ ކެބިިންއިން ނުކުމެގެން ތިރިއަށް ދާން ލިފްޓަށް އެރިތަނާ ފައިނޭންސްގެ މެނޭޖަރ ކޮފީއަކަށް ދާން ދައުވަތު ދިނުމާއެކު، މާހިލް ދެކޮޅެއްނުހެދިއެވެ. ދެމީހުން ގޮސް ކެފޭއަށް ވަތްވަގުތު، މާހިލްގެ ލޮލުގައި އެތަނުގައި އިން ފުއާދު ލޮލުގައި އަޅައިގަތެވެ. އޭނާއާއެކު އަިއ މެނޭޖަރު ކޮފީ ނިންމާލާފައި ދާން ތެދުވުމުން އޭނާ ދިޔުމަށް މާހިލް އެދުނެވެ. މެނޭޖަރ ގޮސް ނިކުތުމުން މާހިލް ގޮސް ފުއާދު އިން މޭޒުގެ ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނދެލިއެވެ.

"ދެން ކިޔާބަލަ. ކޮން ކަމަކާތަ ބައްދަލުކުރަން ބުނީ؟" މާހިލް ސުވާލުކޮށްލިއެވެ.

"މާހިލްގެ ބައްޕަ ޝާކިރުގެ ކައިރީގައި އުޅުމުން ލިބުނު މޮޅެއް އެބަ އޮތްތަ؟" ފުއާދުގެ ސުވާލާއެކު، މާހިލްއަށް ދެބުމަ ގާތްކޮށްލެވުނެވެ.

"ތިބުނީ…"

"އަހަރެން މިބުނީ… ޝާކިރަކީ ވަރަށް ބޮޑާ ކިބުރުވެރިމީހެކޭ. އަހަންނަށް ދޯ އެކަން އެންމެ ރަނގަޅަށް އެނގޭނީ. ތިމާގެމީހެއް، އާއިލާއެއް ދަންނަ މީހެއް ނޫން އޭނައަކީ. ޒާހިދުވެސް އޭނަ ގެންގުޅުނީ ކައިރީގައި ގެންގުޅުނު ނޯކަރެއްހެން. ކަމެއް ކުރަން ބޭނުންވީމަ ސަލާންޖަހުވާ އުސޫލު ގެންގުޅޭ މީހެއް ޝާކިރަކީ… މާހިލްއަށް ނޭނގުނު ނަމަވެސް، މާހިލްގެ ބައްޕައާ މެދު ވެސް އޭނަ ކަންތައް ކޮށްފަ ހުންނާނީ އެހެން. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އަހަރެން. އޭނަގެ އެއްބަފާ މީހެއް ނަމަވެސް، އެކަންވެސް ބަލައިގަންނާކަށް އޭނާއަކަށް ނޭނގުނު." ފުއާދުގެ އަޑު މަޑުނަމަވެސް އެ އަޑުން ނަފްރަތުގެ އަސަރު މާހިލްއަށް ދެނެގަނެވުނެވެ.

"ތި ވާހަކަތައް އަހަރެންގެ ގާތުގައި ދެއްކުމުގެ ބޭނުމަކީ ކޮބާ؟" މާހިލްއަށް ސުވާލުކޮށްލެވުނެވެ. ފުއާދުގެ ބޭނުން އޭނާގެ ދުލުން އަޑު އަހަން މާހިލް ބޭނުންވެއެވެ.

"އެ މުދާގަނޑު. އެއީ ޝާކިރުގެ އެކަނި ހައްޤެއް ނޫން. މަގޭވެސް ހައްޤެއް އެއީ…"

ކޮމެންޓް 0