ސޭފް އިޒް އޯޕެން…" އޭގެން އަޑު އިވުނެވެ. އޭނާ ދޮރު ހުޅުވާލާފައި އޭގެ އެތެރެ ބަލައިލިއެވެ. އޭގައި ހުރި ލިޔުންތަކާއި ފައިލްތައް އޭނާ ނެގިއެވެ.

އިރުކޮޅަކު އެތަކެއްޗަށް ބަލަހައްޓައިގެން ހުރުމަށްފަހު ޒާހިދު، އެ ހިފައިގެން ގޮސް މަޑުކޮށްލީ މޭޒުކައިރީގައެވެ. އެ ޑޮކިއުމެންޓްސްތައް މޭޒުމަތީގައި ބަހައްޓަމުން އޭނާ ފަހަރަކު ޑޮކިއުމެންޓްތަކެއް ބަލަން ފެށިއެވެ. އެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. ޒާހިދުގެ ހަނދާންތައް ގުޅިފައިވަނީ މީގެ އެތައް އަހަރެން ކުރިޔާއެވެ. އޭނާއާއި ޝާކިރާ ދެމެދު ދެކެވުނު ވާހަކަތައް އިއްޔެ ދެކެވުނު ވާހަކަތަކެއްފަދައިން އޭނާގެ ސިކުނޑީގައި މިއަދުވެސް ހަރުލާ އެބަހުއްޓެވެ. ޝާކިރުގެ ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޝާކިރުގެ ހުރިހާ ސިއްރެއް އޭނާއަށް އެނގެއެވެ. ހުރިހާ ކަމެއް އޭނާއާ ހިއްސާކުރެއެވެ. އާއިލާގެ އެހެން މީހުންނާއި ޝާކިރުގެ އަންހެނުންނަށް ނޭނގޭ ސިއްރުތައްވެސް ޝާކިރުވަނީ އޭނާއާ ހިއްސާކޮށްފައެވެ. އެކަމުން އެކަނިވެސް ޝާކިރު އޭނާއަށް ކުރާ އިތުބާރު ހާމަވެއެވެ. ނިތުގައި އަތް ހިންގައިލުމާއެކު ޒާހިދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އިރުކޮޅަކު އެ އެއްޗެއްސަށް ބަލަން ހުރުމަށްފަހު އޭނާ ގެންގޮސް އެ އިހު ހުރިތަނަށް ލުމަށްފަހު ސޭފް ލައްޕާލިއެވެ. ރަނގަޅަށް ތަޅުލެވުނުކަން ޔަޤީންކޮށްލުމަށްފަހު އޭނާ ކަބަޑު ވަތްގަނޑުވެސް ދަމާލާފައި ސޭފް ފޮރުވާލިއެވެ. އެއަށްފަހު ފޮތް ހަރު ކުރިން ވެސް ހުރި ގޮތައް ބެހެއްޓިއެވެ.

އެޕާރޓްމެންޓުގެ ހުރިހާ ލައިޓްތަކެއް ނިއްވާލާފައި އެތަނުން ނުކުމެ އޭނާ ދޮރު ޖެހުމާއެކު އޮޓޯއިން ދޮރު ލެއްޕުނެވެ. ޒާހިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އުމުރުން ދުވަސްވަމުން ދިޔުމުގެ ސަބަބުންނާ އޭނާ ދާއިމީ ގޮތެއްގައި ކާން ޖެހޭ ބޭސްތަކާއި، ސިއްޙީ ޙާލަތުގެ ސަބަބުން މިހާރު ޒާހިދުވެސް ބޭނުންވަނީ ގޭގައި މަޑުކޮށްލާށެވެ. އޭނާ ބޭނުންވަނީ އޭނާގެ ޒުވާން ދަރިފުޅު މާހިލްއަށް އޭނާގެ ޒިންތާއް ހަވާލުކުރާށެވެ. އެހެންނަމަވެސް، ޖެހިލުންވަނީ ފޮރުވިފައިވާ ސިއްރުތަކެއްގެ ސަބަބުންނެވެ. އިތުބާރުކުރާނީ ކާކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ހަޤީގަތުގައި އޭނާގެ ހިތުގައި ބިރުވެރިކަން ވެއެވެ. ނުތަނަވަސްކަން ވެސް ވެއެވެ. މިރޭ އޭނާ ހުޅުވި ސޭފްގައި އެ ހުރި ލިޔެ ކިޔުންތަކަކީ ހުރިހާ ކަމެއް އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލާފައި އޭނާ ދާން ޖެހިލުންވާ ސަބަބެވެ.

ނިތުގައި އަތް ހިންގާލުމާއިއެކު އޭނާ އަނެއްކާވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. އޮފީހުން ނުކުމެގެން ކާރަށް އަރަން ދާންވެގެން ބިލްޑިން ތިރީގައި ހަދާފައިވާ ޕާކިން އޭރިޔާއާ ދިމާލަށް ހިނގައިގަތް ވަގުތު، އޭނާ ސިހުނީ މީހަކު އޭނާގެ ނަމުން ގޮވައިލުމާ އެކުގައެވެ.

ފަހަތަށް އެނބުރުނުއިރު އޭނާގެ ލޮލުގައި އަޅައިގަތީ މީގެ ކުރިންވެސް އޭނާއާ ބައްދަލުކުރި މީހާއެވެ.

"އަހަރެން އޭރު ދެއްކި ވާހަަކައާ މެދު ވިސްނިންތަ؟" އެމީހަކު ސުވާލުކޮށްލިއެވެ.

"އަހަރެން ވިސްނަން ޖެހޭ ވަރު ކަމެއް އެބައޮތްތަ؟" ޒާހިދު ހަމަޖެހިލާފައި ބުނެލިއެވެ. ކުރިމަތީގައި ހުރި މީހެއްގެ ސަބަބުން އޭނާގެ މޫޑު އެކީ ޚަރާބުވިއެވެ.

"އަހަރެމެން ދެމީހުންނަށްވެސް ފައިދާ ވާނެ އެ ގޮތް. ނޫންތަ؟ ޝާކިރަށް ވަފާތެރިވެގެން ކަލޭއަށް އުފަލެއް ލިބުނުތަ؟" އެމީހަކު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"އަހަރެން ކަންތައްކުރަން ޖެހޭނެ ގޮތް އެނގޭނީ އަހަންނަށް." ޒާހިދު އަނެއްކާވެސް ބުނެލިއެވެ.

"އެކަނި މުދާގަނޑު ކާލާނަމޭ ހިތާތަ ތިއުޅެނީ؟" އެމީހަކު ސުވާލުކޮށްލިއެވެ.

"އަހަރެން ނެތިން ވާހަކަ ދައްކާކަށް. ދަނީ…" އެ ސުވާލަށް ޖަވާބު ދިނުމަކީ މުހިންމު ކަމެއްކަމުގައި ޒާހިދު ނުބަލައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރާ ދުއްވާލިއެވެ.

*****

"މައާލް! އަހަންނާ ވާހަކަ ނުދައްކަން ހިތު ލައިގެންތަ ތީއިނީ؟" ރާދިން ވާހަކަ ދެއްކުމުން ވެސް މައާލް އަނގައިންނެއް ނުބުންޏެވެ. ސޯފާގައި އިން ގޮތަށް އޭނާ އިނީއެވެ. ރާދިން ގޮވާ އަޑު އިވުނު ނަމަވެސް، މައާލް ގަސްތުގައި ނީވޭ ކަމަށް ހަދަނީއެވެ.

"ލޯ އަނދިރިވީގޮތަށް ކަންފަތްވެސް ބިރުވީތަ؟" ރާދިންގެ ހަރުކަށިއަޑުން އެހެން ބުނެލުމާއެކު، މައާލްއަށް އިޙްސާސްވީ ރާދިން އޭނާއަށް މަލާމަތް ކުރަނީ ހެންނެވެ. ި އެ އަޑުގައިވަނީ ނުުރުހުމާއި ރުޅިވެރިކަމެވެ. އެވަރުންވެސް މައާލް އެއްޗެއް ނުބުންޏެވެ. އެނދުގައި އިށީދެލައިގެން މައާލްއަށް ބަލަހައްޓައިގެން އިން ރާދިންގެ ރުޅިގަނޑު ހިލެން ފެށިއެވެ. އެންމެފަހުން ކެތްނުކުރެވުނު ރާދިން އެނދުން ތެދުވިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކު ގޮސް މައާލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

"ރާދިން!" މައާލް ވެސް ބާރަށް ބުނެލިއެވެ.

"އަަހަރެން ވާހަކަ ދެއްކީމަ ކީއްވެ އަނގައިން ނުބުނަނީ؟ މާފަށް އެދެފިން މިހާރު…"

"ތީ އަހަރެން ބުނާ ވާހަކަ! މާފަށް އެދިފައި ދެވަނަ ސިކުންތުގައި އައިސް ތި އަނިޔާވެރިވަނީ…" މައާލް ރާދިންގެ އަތް ފޮޅުވާލިއެވެ.

"މައާލް! މާ މައްޗަށް ތި ދަނީ…"

"ކޮބާ އަހަރެން މައްޗަށް ގޮސްފަ! ރާދިން! އަހަރެންގެ ލޮލަށް ނުފެނުނު ނަމަވެސް، ހިތެއް އެބައޮތް. ތަދުވޭ، އިޙްސާސް ވެސް ވޭ. އަހަރެން މީ ރާދިންގެ އަނބިމީހާއޭ. ފިރިމީހާގެ ފަރާތުން މިވަރު ކަމަކަށް އުންމީދު ކުރުމަކީ އަހަންނަށް ލިބިގެންވާ ހައްޤެއް ނޫންތަ؟" މައާލް އަތުގެ އިނގިލިން ތަންކޮޅެއް ރާދިންއަށް ދައްކައިލިއެވެ.

"މައާލް ބޭނުންވަނީ ކޮން ކަމެއްތަ؟ މަގޭ ކުރިމަތީގައި ޖަދަލުކުރުން އެއީ މަ އެންމެ ރުޅި އަންނަ ކަންތައް. މަ ހެދިހާ ގޮތެއް ވަރިހަމަވާކަށްނު މައާލް މަށާ އިނީ…" ރާދިން މައާލްގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަަމައިލިއެވެ.

"ހެދިހާ ގޮތެއް ވަރިހަމަވާން އޭރު އެއްބަސްވެވުނީ އަހަރެންގެ މޮޔަކަމުން. އޭރު ނުވިސްނުނީ. ހީކުރީ ރާދިން ބަދަލުވާނެކަމަށް. އަހަންނަށް އަނތްބެއްގެ ދަރަޖަ ދޭނޭކަމަށް. އެކަމަކު އެއީ ކުށް ހީއެއްކަން ރާދިން ތި ސާބިތުކޮށްދެނީ. ބައްޕަ ރާއްޖޭން ބޭރަށް ދިޔައިމަ އަދި ވަކިން ހީވޭ…"

"އޭތް ކީކޭ! އަދި އެއްފަހަރު ބުނެބަލަ.." ރާދިން މައާލްގެ އަނގައިގައި ހިފާ އެ އަނގަޔަށް ފުތާލުމާއެކު މައާލް ތެޅީގަނެފައި ރާދިންގެ އަތް ފޮޅުވާލިއެވެ.

"ރާދިން!...އަހަރެންމީ ރާދިންގެ އަނބިމީހާއޭ! އެ ދަރަޖަ ނުދިނެއްކަމަކު އަންހެނަކަށް ވީތީ އަހަންނަށް އިޙްތިރާމްކޮށްބަލަ ހެޔޮނުވާނެ!" ދެރަވިނަމަވެސް މައާލް ހިތްވަރުކުރިއެވެ.

"ވަރަށް އަނބިމީހާއަށް ވާހިތްވޭތަ؟ އާދޭ އެހެންވިއްޔާ! ކީއްވެ ދުރުވީ… އަހަރެންގެ އިންޒާރުގެ މަތިން ހަނދާން ނުނެތޭ ދޯ. މަށަށް މައާލްއަށް ކޮންމެ ކަމެއް ވެސް ކުރެވޭނެ!"

ރާދިން އެހެން ބުނުމުން މައާލް ކުޑަކޮށް ޖެހިލުންވިއެވެ. އޭނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރާދިން އައިސް އޭނާ ގާތަށް ދަމާލާފައި ކޮށްލި ކަމަކުން މައާލްއަށް ޝޮކެއް ލިބިގެން ދިޔައެވެ. ރާދިންގެ މޭމަތީގައި އަތް އަޅާފައި ކޮށްޕަން މައާލް މަސައްކަތް ކުރިނަމަވެސް ރާދިންގެ ބިޔަ ހަށިގަނޑު ދުރުކޮށްލުން ވީ މައާލްއަށް ނުކުރެވުނު ކަމަކަށެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ދެ ކޯތާފަތް މަތިން ފައިބަން ފެށުމާއެކު އެ ކައުނައިގެ ބީހުން ރާދިންއަށް އިޙްސާސްވުމާއެކު، އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެ ދަނޑިވަޅު މައާލް، ރާދިން ދުރުކޮށްލިއެވެ. ހަމައެއާއެކު އޭނާ އަތް މަޅައިލީ ރާދިންގެ ކޯތާފަތުގައި ޖަހަން ނަމަވެސް، ހަމަލާ އަމާޒުވީ ރާދިންގެ ލޮލާ ދިމާލަށެވެ.

"އައްދޯތް!" ރާދިންއަށް ބުނެވުނެވެ. މައާލްއަށް ބަލާލިއިރު، މައާލް ރޮމުން ދިޔައިރު، ބިރުގަތްފައި ހުރި އަސަރުތައް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ރާދިންގެ ރުޅި އިންތިހާ ގަދަ ވުމާއެކު އޭނާ ދެވަނަ ފަހަރު އެ އަމަކު ތަކުރާރުކޮށްލާފައި މައާލް ގެންގޮސް އެނދުމައްޗަށް އެއްލާލިއެވެ.

"ހެޔޮނުވާނެ ރާދިން!" މައާލްގެ އާދޭސްތަކުގެ އަޑާ އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ސަބަބުން، ރާދިންއަށް ގިނައިރު، އެ ހަރުކަށިކަމުގައި ނުހުރެވުނެވެ.

"ސޮރީ…" އެހެން ބުނެލާފައި ރާދިން ނުކުމެ ބަންލާފައި ދޮރުޖެހިއެވެ. މައާލް ރޮމުން ރޮމުން އެނދުން ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ. މޫނު ދޮންނަ ތަށީގެ ކައިރީގައި ހުއްޓި ހުރެ ފެން އިސްކުރު ދޫކޮށްލާ އޭނާ މޫނަށް ފެންޖަހަން ފެށިއެވެ. މިރޭ ރާދިންގެ އަނިޔާވެރިކަން ހައްދުފަހަނަ އެޅީއެވެ. ރާދިން އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަކަށް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ މިރޭ އޭނާއަށް ޔަޤީންވީ ރާދިން، ކައިވެނީގެ ކުރިން ދެއްކި ހުރިހާ ވާހަކައަކާއި އިންޒާރުތަކަކީ ހަޤީގަތެއް ކަމެވެ. ކިތަންމެ ހިތްވަރުކުރިނަމަވެސް، މައާލްއަށް އޭނާގެ ކަރުނަތަކެއް ނުހިފެއްޓުނެވެ. އެތައް އިރަކު އެގޮތުގައި އޭނާ ހުއްޓެެވެ.

އެދިޔަ ގޮތަށް ރާދިން އެރީ ޓެރެސްއަށެވެ. ރެއިލިންގެ ކައިރިއަށް ޖެހިލުމަށްފަހު، ގޮށް މުށްކަވާފައި ރެއިލިންގެ ދަގަނޑުގައ އޭނާ ޖެހިލިއެވެ. އަތަށް ތަދުވިނަމަވެސް، އެކަމަށް ސަމާލުކަމެއް އޭނާއަކަށް ނުދެވުނެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ރާދިން މިހާރު ހުރީ އޭނާގެ އަމިއްލަ ނަފްސު ދެކެވެސް ރުޅި އައިސްފައެވެ. ހެދުނީ ގޯހެކެވެ. ކުރެވުނީ ކުށެކެވެ. މައާލްއަށް އެގޮތަށް އަނިޔާކޮށްގެން ނުވާނެއެވެ. ކުރާނެ ކަމެއް ނޭނގި އޭނާއަށް އެތަނުގައި ވިސްނުންތަކުގައި އެތަކެއް އިރަކު ހުރެވުނެވެ.

ޖީބުގައި އޮތް ފޯނު ރިންގްވުމާއެކު ރާދިން ބަލައިލިއެވެ. ގުޅަނީ ސަޖާއެވެ. އެވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ރާދިން ބޭނުމެއް ނުވިއެެވެ. ޚާއްސަކޮށް ސަޖާއާއެވެ. އެހެންކަމުން އޭނާ ފޯނު ކަނޑާލީއެވެ. ފޯނު ނިއްވާލަން އުޅެނިކޮށް ސަޖާ ކުރި މެސެޖް އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަރަށް އަވަހަށް އޭނާ އެއްހާސް ރުފިޔާ ބޭނުންވާކަަމަް ބުނެއެވެ. އެވަގުތު ރާދިން ހުރީ އެއްކަމެއް ވެސް ކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ސަޖާ ގުޅަން ފެށުމުން އޭނާ އަތުގެ ކޮޅަށް ފޯނު ހޫރާލިއެވެ. އެވަގުތު އޭނާ ބޭނުންވީ އެކަނި ހޭދަކޮށްލާށެވެ.

ރެއިލިންގެ ކައިރީގައި ހުރެ ހުރެ ވަރުބަލިވެގެން ރާދިން ގޮސް އެތަނުގައި ހުރީ ކޮފީޓޭބަލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ބޭނުންވީ ކޮފީއެކެވެ. ފޯނު ނަގަން ވެގެން ޖީބަށް އަތްލޯ ގްރޭސީއަށް ގުޅާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ކުރެވުނު ކަންތައް ހަނދާންވެ ތެޅިފައިވާ ފޯނަށް އޭނާއަށް ބަލައިލެވުނެވެ. އެއާއެކު ދަތް ކުނޑި ވިކައިލަމުން މޭޒުގައި ރާދިންއަށް ޖަހައިލެވުނެވެ. ގޮސް މުށްކަވާލުމާއެކު އޭނާ ގޮނޑީގައި ލެނގިލާފައި މައްޗަށް ބަލާލިއެވެ.

*****

އަނޫފްއާއި ނަސީފްއާ ދެމީހުން ތިބީ ކެފޭއެއްގައެވެ.

"ރާދިން އޯކޭތަ؟"ކޮފީ ތަށި މޭޒުމަތީގައި ބަހައްޓަމުން ނަސީފް ސުވާލުކޮށްލިއެވެ.

"އާނ. އޭނަ އޯކޭ…"

"ކަލޭއަށް އެނގިއްޖެ ދޯ މަ މި އެހީ ކީއްވެގެންކަން." ނަސީފް ސުވާލުކޮށްލިއެވެ.

"އާނ…" އަނޫފް ބުނެލިއެވެ.

"ރާދިންްއަށް ސަޖާ ދުލެއް ނުކުރެވޭނެ! އޭނަ ހުންނަނީ މޮޔަވެފަ، މަ ހަނދާންވޭ އެއްފަހަރެއްގަ ސަޖާ ފިރިހެން ކުއްޖަކާ އެކީ ދަނިކޮށް ފެނުނޭ ބުނީމަ ރާދިން މަ ދެކެ ރުޅި އައިވަރު. " މާޒީގެ ހަނދާނެއް އާ ކުރަމުން ނަސީފް ބުނެލިއެވެ.

"އާނ! ހަނދާން އެބަހުރި."

"މިހާރު ސަޖާ ރަނގަޅު ދޯ!" ނަސީފް ބުނެލިއެވެ.

"ތިކަން އެންމެ ރަނގަޅަށް އެނގޭނީ ސަޖާއަށް. ހަހަ" އަނޫފް ހިނިގަނޑެއް ޖަހާލިއެވެ.

ދެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބާ އެތަނަށް ވަދެގެން އައި ސަޖާ އެންމެ ފުރަތަމަ އަޅައިގަތީ އަނޫފްގެ ލޮލުގައެވެ. ސަޖާ ހުރީ ފިރިހެނެއްގެ އަތުގައި ހިފާލައިގެންނެވެ. މޭކަޕްކޮށްލައިގެން ކަަކުލާ ހިސާބަށް އަންނަ ހެދުމެއްގައި ސަޖާ ހުރިއިރު، އޭނާގެ ރީތިކަން ފާޅުވަމުން ދިޔައެވެ. އޭނާ ހުރި ގޮތުން އެ ފިރިހެންމީހާއާއި ސަޖާއާ ދެމެދު އޮތް ގުޅުމާ މެދު އަނޫފްއަށް ޝައްކުވިއެވެ. އޭނާ މާ ވަރަކަށް އެ ދިމާލަށް ބަލަން ފެށުމުން ނަސީފްވެސް ބަލާލައިފިއެވެ.

"މަގޭ ބަސް އަނބުރާ ގެނެސްފިން…" ނަސީފް ބުނެލިއެވެ. ފަރި ހިނގުމެއްގައި ހިނގާލާފައި ގޮސް ސަޖާ ވަނީ އެތެރެއަށް ވަކިން ވަދެވެން ހުންނަ ކޮޓަރިއަކަށެވެ. އަނޫފް އެއްޗެއް ނުބުނެ ކޮފީ ތަށި ތުމުގައި ޖެހިއެވެ. މީގެ ކުރިންވެސް އޭނާއަށް ސަޖާ ފިރިހެނަކާއި އެކީގައި ފެނިފައިވެއެވެ. އޭރު ސަޖާގެ ކައިރީގައި ހުރީ މިރޭ އޭނާގެ ކައިރީގައި ހުރި ފިރިހެންމީހާއެއް ނޫނެވެ. ހަމަ ޔަޤީންނުންވެސް އެއީއެހެންމީހެކެވެ.

ކަލޭ ބަސް ހުސްވީތަ؟" ނަސީފް އަނޫފްއަށް ބަލައިލިއެވެ.

"ފެންނަމުން މިދާހާ މަންޒަރަކުން އަނގައިންބަސްހުސްނުވާ ވަރެއް ނޫނެއްނު." އަނޫފް ބުނެލިއެވެ.

ކޮމެންޓް 0