"ޝްޝްޝް! ސަޖޫ. އަހަރެން ސަޖޫ ދެކެ ވަރަށް ލޯބިވޭ... އެކަމަކު... މައާލްއާ ކައިވެނި ނުކޮށް އަހަންނަށް ވާކަށް ނެތް. އަހަރެން މިއައީ އެކައިވެންޏަށް އެއްބަސްވެފަ."

ރާދިންގެ އެ ނިންމުން އަޑު އިވި ސަޖާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އޭނާ ރުޅިވެރިކަމާއެކު، ރާދިންގެ އަތް ފޮޅުވާލާފައި, އެތަނުން ދާން ތެދުވިއެވެ. ސަޖާއަށް އެ ބަދަލުތައް އަންނާނެކަން މާކުރިންވެސް ރާދިންއަށް އެނގެއެވެ. އެއީ ކީއްވެކަން ވެސް ރާދިންއަށް އެނގެއެވެ. އޭނާ ސަޖާ ދެކެ ލޯބިވާވަރަށް ސަޖާވެސް އޭނާ ދެކެ ލޯބިވެއެވެ. ވީއިރު އެފަދަ ބަދަލުތަކެއް ސަޖާއަށް އައުމުން ހައިރާންވާނެކަމެއް ނެތެއް ނޫންހެއްޔެވެ. އޭނާ އެ ހުރި މަގާމުގައި މިއަދު ސަޖާ ހުރިނަމަވެސް އޭނާއަށްވެސް ވާނީ އެފަދަ ގޮތެކެވެ.

ސަޖާގެ ދެލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ރާދިންގެ ލޮލުގައި އަޅައިގަތުމާއެކު، ސަޖާ އެ ޙާލަށް ދޫކޮށްލަން ރާދިންގެ ޒަމީރު އޭނާއަށް ތަނެއް ނުދިނެވެ. ސަޖާގެ އެ ކަރުނަތައް އޭނާގެ ހިތުގައި ވެސް ކޫރުން އަޅުވާލައިފިއެވެ. އެހިތަށްވެސް ތަދުކޮށްލައިފިއެވެ. އޭނާގެ ސަބަބުން އެންމެ ކަރުނަތިއްކެއްވެސް ސަޖާގެ ދެ ލޮލުން ވެއްޓޭތަން ބަލާކަށް ރާދިން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިއަދު އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. މައާލްއާ ކައިވެނިކުރުން ނޫން އިތުރު ގޮތެއް އޭނާއަކަށް ނެތެވެ.

ރާދިން ސޯފާއިން ތެދުވިއެވެ. އޭނާ ސަޖާގެ އަތުގައި ހިފާ ސަޖާ އޭނާއާ ގާތްކޮށްލިއެވެ. ސަޖާ ދުރަށް ޖެހިލަން ގަދަ ހަދާލާފައިވެސް މަޑުޖެހިލިއެވެ. ރާދިން ގެއްލިދާނެކަމުގެ ބިރު އޭނާގެ ހިތުގައި ގަދަވެގަތެވެ.

"ސަޖޫ. އަހަރެން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހާލަބަލަ! ސަޖޫ ނޫން އެހެން އަންހެނެއް އަހަރެންގެ އަނތްބަކަށް ވުމަކީ އަހަރެން ހުވަފެނުންވެސް އުންމީދު ކުރި ކަމެއް ނޫން. އަހަރެންގެ މަޖުބުރީ ޙާލަތު ސަޖޫއަށް އެނގެއެއްނު. އިނެއް ކަމަކު އޭނައަށް އަހަރެންގެ އަނތްބެއްގެ މަގާމެއް ދުވަހަކުވެސް ނުލިބޭނެ. ސަޖޫ އަހަންނަށް އިތުބާރުކުރަންތަ؟" ރާދިން ސުވާލުކޮށްލީ ސަޖާގެ މޫނުގައި ދެއަތުން ހިފައްޓާލަމުންނެވެ. ރާދިންގެ އެ ސުވާލާއެކު، ނިކަން އަވަހަށް ސަޖާ ބޯ ޖަހައިލިއެވެ. ރާދިން އޯގާތެރިކަމާއެކު، ސަޖާގެ ކަރުނަތައް އޭނާގެ އަތުން ފުހެދިނެވެ.

"ސަޖޫ ބޭނުންވަންޏާ އަހަރެންގެ އަނތްބެއްގެ މަގާމުވެސް ސަޖޫއަށް ދީފާނަން. އެކަމަކު އަހަރެން ސަޖޫ އާ ކައިވެނި ކުރި ނަމަވެސް އެކަން ކުރަން ޖެހޭނީ ދުނިޔެއަށް ސިއްރުން. އެގޮތާ ސަޖޫ ގަބޫލުތަ؟" ރާދިން ސަޖާގެ ނިތުގައި ބޮސް ދީފައި ދުރުވެލިއެވެ.

"އަހަރެން ބޭނުމެއް ނޫން ރާދިންގެ ދެވަނަ އަނތްބެއްގެ ގޮތުގައި ހުންނާކަށް. ސިއްރުން ކުރެވޭ ކައިވެންޏެއްގެ ބޭނުމަކީ ކޮބާ؟ އަހަންނަށް އޮތީ ކޮން އުފަލެއް. ރާދިންގެ އަނތްބެއްގެ މަޤާމުގައި ހުރެ ރާދިންގެ ގޭގައި ހުރެ ހުރިހާ އުފަލެއް އެ މައާލް ހޯދާއިރު، އަހަރެން ހުންނަންވީ މި ކުޑަގޮޅީގަތަ؟ އަހަންނަށް ބޭނުންވާ ޚަރަދުކުރަން ރާދިންގެ ބައްޕަ އެއްބަސްވާނެތަ؟ އެކަމަށް ހުރަސް ނާޅާނެތަ؟ ނަމެއްގައި ރާދިންގެ އަނތްބެއްގެ ގޮތުގައި އިންނާކަށް އަހަރެން ބޭނުމެއް ނޫން، ކައިވެނިކުރާނަމަ އަހަރެން ބޭނުންވަނީ ރާދިންއާއެކު ރާދިންގެ ކައިރީގައި އުޅެން. އެނޫން ގޮތެއް ބޭނުމެއް ނޫން. އަދި އަމްދުން ދެ އަނތްބަށް އިނުމަކީ ހުވަފެނުގަވެސް އަހަރެން ކުރާނެކަމެއް ނޫން." ސަޖާ އެހެން ބުނެލީ އެއީ އޭނާގެ އެންމެ ފަހުގެ ނިންމުމޭ ބުނާފަދަ ގޮތަކަށެވެ.

"އަހަރެން މައާލް ވަރިކުރާނަން. އެކަމަކު ކައިވެންޏަށްފަހު، އެކަން ކުރަން ސަޖޫ އަހަންނަށް ވަގުތުކޮޅެއް ދޭންވާނެ. ކައިވެންޏަށްފަހު ކަންތައް ކުރާނެ ގޮތުގެ ޕްލޭންއެއް މިހާރު އަހަރެން ވާނީ ރާވާފަ." ރާދިންގެ އަޑުގައި ސިއްރުވެރިގޮތެއް ހުއްޓެވެ. ސަޖާ އެކަމާ ސުވާލުކުރުމުން، ރާދިން އޭނާ ކަންތައްކުރަން ރާވާފައިވާ ގޮތް ސަޖާއާ ހިއްސާކުރަން ވެސް ދެކޮޅު ހެދިއެވެ. އޭނާ ބުނީ ވަގުތު އައިސް ޖެހުމުން ހުރިހާކަމެއް ސަޖާއާ ހިއްސާކުރާނެ ކަމުގައެވެ. އެހުރިހާކަމެއްގެ ފައިދާ ވާނީ އެ ދެމީހުންނަށް ކަމުގައެވެ.

ރާދިންގެ އެ ވާހަކަތަކުން ސަޖާއަށް ކުޑަ ނަމަވެސް އުންމީދެއް ލިބުނެވެ. ރާދިން އެހާ ފަސޭހައިން އޭނާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަންް އޭނާއަށް ލިބިގެން ދިޔައެވެ.

އެ ދުވަހު ހަތަރު ދަމު ކަހަލަ ގޮތަކަށް ރާދިން ހޭދަކުރީ ސަޖާގެ ކައިރީގައެވެ. ސަޖާގެ ހުރިހާ ކުށްހީތަކެއް އޭނާ ފިލުވައިދިނެވެ. ސަޖާ ދޫކޮށް ނުލާނެކަމަށް ބުނެ ސަޖާގެ ހިތް ފުރޭންދެން ރާދިން ވައުދުވިއެވެ.

މުސްތަޤްބަލަށްޓަކައި ރާދިން ރާވާފައިވަނީ ކޮންފަދަ ވަރުގަދަ ރޭވުންތަކެއް ހެއްޔެވެ؟ މައާލްގެ ކިބައިން ބަދަލުހިފަން އޭނާ ބޭނުންކުރާނީ ކޮންފަދަ އުކުޅުތަކެއް ހެއްޔެވެ؟ އެ މައުސޫމް އަންހެން ކުއްޖާއަށް ރާދިން ދޭނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ކޮންފަދަ އަނިޔާއެއްހެއްޔެވެ؟ އެކަމުގައި މައާލްގެ ކުށެއް ނެތްކަން ރާދިންއަށް ދުވަހަކު އިޙްސާސް ވެދާނެހެއްޔެވެ؟ ނޫނީ ރާދިން އެވަނީ ބަދަލު ހިފުމުގެ ރޫޙުގައި އެ ހިތާ ޖިސްމު ބެހިގެންދާން ދޫކޮށްލާފައިހެއްޔެވެ؟

*****

ބޮޑު ކޮޓަރީގައި އިން މައާލްއަށް ހަމަ ވިސްނެނީއެވެ. ރާދިންއާ މެދުގައެވެ. ކުރެވެން މިއުޅޭ ކައިވެންޏާ މެދުގައެވެ. އަދި ޚުދު އޭނާއާ މެދުގައިވެސް މެއެވެ. އޭނާގެ މުސްތަޤްބަލާ މެދުގައެވެ. މިއަދު އޭނާއަކީ އެހެން މީހެއްގެ އެހީތެރިކަމާއެކުގައި މެނުވީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫނެވެ. ވީއިރު ކައިވެންޏަށްފަހު އޭނާއަށް ރާދިންގެ ފަރާތުން އެހީތެރިކަން ލިބިދާނެހެއްޔެވެ؟ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ފިރިއެއްގެ ވާޖިބު އަދާނުކުރާނެކަމުގައި ރާދިން ބުނާއިރު، އޭނާއަށް ކުޑަވެސް ސަމާލުކަމެއް ރާދިން ދީފާނެހެއްޔެވެ؟ އޭނާގެ ޙާލަތާ މެދު ރާދިން ކުޑަވެސް ހަމްދަރުދީއެއް ވެދާނެހެއްޔެވެ؟ ހިތުގައި ބިރުވެރިކަން ވަނީ ރާދިންގެ މަޤްސަދު ނޭނގޭތީއެވެ. ރާދިން އޭނާއަށް ކުރިމަތި ކުރުވާނޭ ޝަރުތެއް ނޭނގޭތީއެވެ. މައާލްއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ޚިޔާލުތަކުގެ ކަނޑަކަށް ޣަރަގުވަމުން ދިޔަ މައާލްއަށް އޭނާއަށް، މުނީރު ގޮވައިލިއިރުވެސް ރޭކާނުލިއެވެ.

"މައާލް! ދަރިފުޅާ!..." މުނީރު މައާލްއާ ކުޑަކޮށް ކައިރިއަށް ޖެހިލާފައި ގޮވައިލުމާއެކު، މައާލް ސިހިފައި ވާހަކަ ދެއްކިއެވެ.

"މުނީރުބޭ...." މައާލްއަށް ބުނެވުނެވެ.

"ކޮންކަމަކާ މައާލް ހާސްވަނީ؟ ތި ވިސްނަނީ ރާދިންއާ މެދުތަ؟" މުނީރު ސުވާލުކޮށްލިއެވެ. ނުބުނަން އިނދެފައިވެސް މައާލް ބޯ ޖަހައިލިއެވެ. އެ ހިތުގައިވީ ނުތަނަވަސްކަން ފޮރުވައިގެން ހުރެހުރެ އޭނާ ވަރުބަލިވެއްޖެއެވެ. ކޮންމެވެސް މީހަކާ އެ އިޙްސާސްތައް ހިއްސާކުރަން އޭނާ ބޭނުންވެއެވެ. ކުޑަ ނަމަވެސް ތަސައްލީއެއް އޭނާ ބޭނުމެވެ. ހަމަޖެހުމެއް ބޭނުމެވެ. ނޫނީ އެ އުދާސްކަމާ ހިތްދަތިކަމުގައި އޭނާ މޮޔަވެދާނެއެވެ.

"މުނީރުބޭ ކައިރީގައި ބުނެބަލަ! ކޮންކަމަކާ މައާލް ހާސްވަނީ؟ ކަންބޮޑުވަނީ؟ ކައިވެންޏަށްފަހު ރާދިންގެ ފަރާތުން އެއްވެސް ވަރަކަށް އަޅާލުމާ އޯގާތެރިކަން ނުލިބިދާނެތީތަ؟ މައާލްއަށް އެއްވެސް އެހީތެރިކަމެއް ނުދީފާނެތީތަ؟" ސަބަބު އެނގި ހުރެ މުނީރު ސުވާލުކޮށްލީ، މައާލްގެ އަނގައިން އެ ޖުމްލަތައް އަޑު އަހާލަން ބޭނުންވީތީއެވެ. މިފަހަރުވެސް މައާލް ބޯ ޖަހައިލިއެވެ.

"ރާދިން މި ކައިވެންޏާ އެއްބަަސްވީ މަޖުބޫރުންނެއްނު. އެހާ ދެކޮޅު... އެހެންވީމަ އަޅުގަނޑުގެ ހިތް ހަމަ ނުތަނަވަސްވަނީ؟ ކައިވެންޏަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެއްނު. ބިރުގަނޭ. އަޅުގަނޑަކީ ނުކުޅެދޭ މީހެއް. އަޅުގަނޑާ ރާދިން ފަދަ ޒުވާނަކު އެކަށީގެނެއް ނުވޭ. ރާދިންގެ ދިރިއުޅުން ބަރުބާދުކޮށްލާ މީހަކަށް ވާކަށް އަޅުގަނޑު ބޭނުމެއް ނޫން. ރާދިންވެސް ބޭނުންވާނެ ރާދިންއާ އެކަށީގެންވާ މީހަކާ ގުޅެން." މައާލް ތުންފަތުގައި ދަތް އަޅައިލިއެވެ.

"މައާލް ހުރިހާ ގޮތަކުންވެސް ރާދިންއާ އެކަށީގެންވޭ. މައާލްގެ ލޮލަށް ނުފެނުމުން މައާލްއަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެ. އެކަމަކު އޭގެ މާނައެއް ނޫނެއްނު މައާލް ރާދިންއާ އެކަށީގެންނުވަނީއޭ... ރާދިން ކައިވެންޏަށް އެއްބަސްވުމަކީވެސް ހެޔޮ ފާލެއްކަމުގައި މުނީރުބޭ ދެކެން. މަޑުމަޑުން އޭނަގެ ވިސްނުން ބަދަލުވާނެ. ހަރުކަށި، ގޮތްދޫނުކުރާ ގޮތެއް ހުރިނަމަމެސް، ރާދިންއަކީ އެހާ ހިތްހަރު ޒުވާނެއް ނޫން. މުނީރުބޭއަށް އިތުބާރުކުރޭ..." މުނީރު އެކިގޮތްގޮތުން މައާލްއަށް ވިސްނައިދިނެވެ. ރާދިން އެއްބަސްވީއިރު އަނެއްކާ މައާލް އެކައިވެންޏާ ދެކޮޅު ހަދާފާނެތީ އޭނާ ކަންބޮޑުވިއެވެ.

އެރޭ ރާދިން ގެއަށް އައުމުން މުނީރު ރާދިން އަދި މައާލްއާ ބައްދަލުކުރިއެވެ.

"ބައްޕަ މި ގަސްދުކުރަނީ މާދަން ނޫން އަނެއް ދުވަހު ރަންކިޔުމުގެ ކަންތައްތައް ހަމަޖައްސަން." މުނީރު އެހެން ބުނެލުމަށްފަހު، އެކަމަށް އިތުރު އެއްޗެއް ބުނަން ބޭނުންވޭތޯ ރާދިންއާ މައާލްގެ ކައިރީގައި އެހިނަމަވެސް، އެއިން އެކަކުވެސް އެކަމާ ދެކޮޅެއް ނުހަދައެވެ. ދެމީހުންވެސް ބުނީ މުނީރުއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް އެކަންތައް ކުރުމަށެވެ.

"ރަންކިޔުމުގެ ހަފްލާ މާ ކުލަގަދަކޮށް ނުބޭއްވިޔަސް ކައިވެނިކޮށްފަ ވާނެ ކުޑަ ޕާޓީއެއް ބާއްވަން." މުނީރު ބުނެލިއެވެ. ރާދިންއާ މައާލް ވެސް މާ ބޮޑުކޮށް ކައިވެނީގެ ހަފްލާ ބާއްވަން ބޭނުންނުވާކަން މުނީރުއަށް އެނގެއެވެ. އޭނާ އެގޮތް ބޭނުންވިނަމަވެސް، އެކަމަށް އޭނާ ދަރީންނަށް މަޖުބޫރުކުރުވާކަށް ބޭނުމެއް ނޫނެވެ.

"ތަނެއް ނުހިފިޔަސް ގޭގައިވެސް ގާތް މީހުންނަށް ކުޑަ ކެއުމެއް ދެވިދާނެ. އަޅުގަނޑު ބޭނުންވަނީ އެ ގޮތް." ރާދިން ބުނެލިއެވެ. ހަޤީގަތުގައި އެ ގޮތަށް ހަފްލާއެއް ބާއްވަން ވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެގޮތަށް ރާދިން ބުނީ މުނީރު އެހެން ގޮތެއް ޚިޔާރުކޮށްފާނެތީއެވެ. މުނިީރު އެކައިވެނި ވަރަށް ކުލަގަދަކޮށް ބާއްވަން ބޭނުން ވާކަން ރާދިންއަށް އެނގެއެވެ. މުނީރު މައާލްއާ ސުވާލުކުރުމުން މައާލްވެސް ދިނީ ރާދިން ދިން ޖަވާބެވެ.

އޭގެ ދެ ދުވަސްފަހުން ރަން ކިޔުނެވެ. އެއަށްފަހު، ޖެހިގެން އަންނަ ހަފްތާގައި ކައިވެނިކުރާނޭ ތާރީޚެއްވެސް ކަނޑައެޅުނެވެ. ރަންކިޔުމަށްފަހު، ވެސް މައާލްއަށް ރާދިންގެ އިންޒާރުތައް ލިބެމުން ދިޔައެވެ. މައާލްގެ ކޮންމެ ނުތަނަވަސްކަމަކުން ރާދިންއަށް އުފާވެރިކަން އިޙްސާސްވަމުން ދިޔައެވެ.

ރާއްޖޭގެ މަޝްހޫރު ޑިޒައިނަރެއް ލައްވާ ރާދިންގެ އިތުރުން މައާލްގެ ކައިވެނީގެ ހެދުން މުނީރު ފެއްސިއެވެ. އެކަމުގައި އޭނާ އެހީތެރިކަން ހޯދީ އޭނާގެ އެކުވެރި ސައީދުގެ އަންހެނުން ކަމުގައިވާ ރީނާގެ ފަރާތުންނެވެ. ރީނާއަކީ އެފަދަ ކަންތައްތަކަށް ކުޅަދާނަމީހެކެވެ. އޭނާއަކީ ފެޝަނަށް ލޯބިކުރާ މީހެކެވެ. މައާލްގެ ހެދުމުގެ މިންނަގާ ހެޔޮވަރުކުރުމާ ހެދުމާ ގުޅޭ ގަހަނާއާއި އެހެނިހެން އެއްޗެހިވެސް ހޯދަން އެހީތެރިވެދިނީ ރީނާއެވެ. ރީނާގެ އަންހެން ދަރިފުޅު ސާދާ އަކީ މޭކަޕް އާޓިސްޓެއްކަމުން މައާލްގެ މޭކަޕާ ހަވާލުވީ ސާދާއެވެ.

އަގުބޮޑެތި އެއްޗެހި ކައިވެންޏަށް ގަތުމަކީ މައާލް ބޭނުންވިކަމެއް ނޫނެވެ. ކިތަންމެ ރީތިވިނަމަވެސް އަމިއްލަ ސޫރަ އޭނާއަށް ފެންނާނީކީ ނޫނެވެ. އެފަދަ ގޮތަކަށް މައާލް މުނީރުއާ ވާހަކަ ދެއްކުމުން މުނީރު ބުނީ މައާލްގެ ކައިވެނި އެންމެ ފުރިހަމައަށް ކުރަން އޭނާ ބޭނުންވާކަމުގައެވެ. މައާލްގެ ލޮލަށް ފެންނަ ދުވަހަކުން ބަލާލަންވެސް ފޮޓޯތައް ހުންނާނެ ކަމުގައެވެ. އަދި މައާލްގެ މައިންބަފައިން މައާލްގެ ކައިވެންޏަށްޓަކައި ދެކެމުން އައި ހުވަފެން އޭނާ ހަޤީގަތަކަށް ހަދައިދޭން ބޭނުންވާ ކަމުގައެވެ.

*****

ދުވަސްތައް ވެސް ހީވަނީ މާ އަވަހަށް ފާއިތުވެގެން ދާ ހެންނެވެ. މައާލްއާ ރާދިންއާ ދެމީހުންވެސް ތިބީ ނުތަނަވަސްވެފައެވެ. އެންމެ ފަހުން ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ.

ރޭގަނޑު އަށެއް ޖަހައިފިއެވެ. މައާލް ރީތިކުރުމުގައި ރީނާއާއި ސާދާ ހަރަކާތްތެރިވަމުން ދިޔައެވެ. މޭކަޕްކޮށް ނިމުނު ތަނާ މައާލްގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އިރުކޮޅަކުން އިވުނީ މައާލްގެ ގިސްލުމުގެ އަޑެވެ. ރީނާއަށް މައާލްއަށް ބަލައިލެވުނުއިރު، ސާދާ ކަންބޮޑުވީ ވާނުވާ ނޭނގުމުންނެވެ.

"މައާލް! ކިހިނެއްވީ؟" ރީނާ ކަންބޮޑުވިއެވެ.

"މަންމަ.... ބައްޕަ...." މައާލްގެ އަނގައިން ވޭނީ އާހްއެއްގެ އަޑާއެކު ނުކުތެވެ. އެއާއެކު ރީނާއާއި ސާދާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ރީނާ މައާލްގެ ބޮލުގައި ފިރުމައިލަމުން ހިތްވަރު ދިނެވެ. މުނީރުގެ ފަރާތުން އޭނާއަށް އޮތީ މައާލްގެ މާޒީ އެނގިފައެވެ.

"އަވަހަށް ހުއްޓާލާ މައާލް! މާކަޕްވެސް އެކީ ހަޑިވެދާނެ..." އެތަކެއް ނަސޭހަތެއް ދީފައި ރީނާ ބުނެލިއެވެ. މައާލް ހުއްޓައިލުމުން، ސާދާ މައާލްގެ މޭކަޕް ރީތިކޮށްލިއެވެ. ސާދާއަކީ މައާލްއާ ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ހިތްހަމަ ޖެހޭވަރަށް މައާލް ރީތިކޮށްލަމުން ސާދާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ރީނާއަށް ބަލައިލުމަށްފަހު، ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

މާޝާ ﷲ" ރީނާ ބުނެލިއެވެ.

"ބޮސް ގޮވަނީ..." ކޮޓަރި ދޮރު ހުޅުވާލާފައި، އެމާ ބުނެލިއެވެ.

"ބުނޭ މިދަނީއޭ..." ރީނާ ބުނެލިއެވެ. އެއަށްފަހު، އޭނާ މައާލްގެ އަތުގައި ހިފާލާ ގޮނޑިން ނެގިއެވެ. ސާދާއާއި ރީނާގެ އެހީގައި މައާލް ކޮޓަރިން ނުކުމެގެން ބޮޑު ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެތަނުގައި ތިބީ ސައީދުގެ އިތުރުން މުނީރުއާ ރާދިންއެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

މުނީރުއާ ސައީދުވެސް މައާލް އަންނަމުން ދިޔަ ދިމާލަށް ބަލައިލުމުން ރާދިންއަށް ވެސް އެ ދިމާލަށް ނަޒަރު ހިންގައިލެވުނެވެ. ފުރިހަމައަށް ޒީނަތްތެރިވެގެން ހުރި މައާލް ފެނި ރާދިންއަށް މައާލްއާ ނަޒަރު ވަކިކޮށްލަން ނުކުޅެދުނެވެ.

ކޮމެންޓް 0