" ރާދިން ތި ސުވާލުކުރީމަ މި ބުނަނީ… ޝައްކުވާ މީހަކު އެބަ ހުރި."

އެހެން ބުނެލާފައި ޒާހިދު ދެން ހާމަކޮށްލި ނަމާއެކު، ރާދިންއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޒާހިދު ކަންތައްތައް ތަފްސީލްކޮށްލަދޭން ފެށިއެވެ. އެގޮތުން ޝާކިރުމެންގެ މަރަށްފަހު، އެމީހަކު އޭނާއަށް ފޯނުން ގުޅާ އެކިއެކި ވާހަކަތައް ދެއްކިކަމުގައި ބުންޏެވެ. އަދި އޭގެފަހުން އޭނާއާ ބައްދަލުކުރަން އައުމާއި، އޮފީސްކައިރިން ވެސް އެމީހަކު ފެނުނުކަމުގައި ޒާހިދު ބުންޏެވެ.

"އޭނަ އަހަރެން ގާތު ބުނަންވެސް ބުނި، އޭނައަށް މުދާގަނޑު މިލްކުކުރެވިއްޖެއްޔާ އޭގެން ހިއްސާއެއް އަހަންނަށް ވެސް ދޭނެ ވާހަކަ. އެކަމަކު އަހަރެން އެގޮތާ އެއްބަހެއް ނުވަން. އެހާ އަވަސް އަރުވާލާފައި މައާލްގެ ނަން މައްޗަށް ހުރިހާ އެއްޗެއް ބަދަލުކުރުމުގެ ބޭނުމަކީވެސް އެއީ. އަހަރެން ބޭނުންނުވީ އޭނާއަށް އެއްވެސް ފުރުސަތެއް ދޭން. ކުންފުނީގެ ޒިންމާތަކަކީ ޝާކިރު އަހަންނާ ހަވާލުކޮށްފައިވާ އަމާނާތެއް. އެ އަމާނާތައް އަހަރެން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރައްކާތެރިވާނަން. ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ނަފްސު ވިއްކާލާނެ މީހެއް ނޫން އަހަންނަކީ…" ޒާހިދު ބުނެލިއެވެ.

"އޭނަ މާލޭގަ އެބައުޅޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ވަރަށް ފަހުން ދުވަހަކުވެސް ދިމާވި. އެހެންވީމަ އެބަ އުޅޭހެން ހީވަނީ… " ޒާހިދު ބުންޏެވެ.

"އަހަރެން ތިކަންތައް ބަލާނަން. ކުރިން ކަންތައް ކުރެވުނުގޮތުން ހަޤީގަތުގައިވެސް އަހަރެން މިހުރީ ވަރަށް ދެރަވެ ލަދުގަނެފައި. ހަޤީގަތް ބަލާނުލާ، އަހަންނަށް ޒާހިދުގެ ބޮލުގައި އެޅުވުނީ ދޮގު އިލްޒާމެއް."

"އެއީ މައްސަލައެއް ނޫން. އެކަމާ ދޭތެރޭ އަހަރެންގެ ހިތުގައި ރުޅިވެރިކަމެއް ނެތް." ޒާހިދުގެ ހިތް ރާދިންއަށް ސާފެވެ. އޭނާވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ރާދިން އެ ހަޤީގަތް ހޯދުމަށެވެ.

"ޝާކިރަކީ ވަރަށް ރަނގަޅު މީހެއް. ކުދިންތައް ގޮވައިގެން ގެ ބަހައިގެން ލިބުނު ތަންކޮޅުގައި އުޅެން ދަތިވުމުން އެޕާރޓްމެންޓެއް ގިނަ ދުވަހަށް ކުއްޔަށް ހިފަން ވެސް އެހީވީ ޝާކިރު. އަހަރެން އެ ލާރިވެސް ނެގީ ލޯނެއްގެ ގޮތުގައި. ކޮންމެ މަހަކު ޝާކިރަށް ލާރި ފޮނުވިން. " އެހެން ބުނެލާފައި ޒާހިދު ޝާކިރުގެ ރަނގަޅު ވާހަކަތައް ރާދިންގެ ކައިރީގައި ދެއްކިއެވެ.

"ރަނގަޅުވެގެން އޮފީހަށް ނުކުތީމަ، މަސައްކަތަކާ ބެހޭގޮތުން ވާހަކައެއް ދައްކާލަންވެފަ ވެސް އެބައޮތް." ރާދިން ބުނެލިއެވެ.

ރާދިން…" ޒާހިދު ރާދިންއަށް ގޮވައިލީ އޭނާ ކަމެއް ބޭނުންވެގެން އުޅޭފަދަ ގޮތަކަށެވެ. ރާދިން އޭނާގެ ސަމާލުކަން ދިނުމުން ޒާހިދު ވާހަކަ ދައްކަން ފެށިއެވެ.

"މިހާރު ދެން އަޅުގަނޑު ބޭނުންވަނީ އަރާމުކޮށްލަން. ސިއްޙީ ހާލަތުވެސް އެހާ ބުރަކޮށް މަސައްކަތުގަ އުޅޭކަށް ތަނެއް ނުދޭ… އެކަމަކު ރާދިން ބޭނުން ކޮންމެ ވަގުތަކުވެސް، އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އަޅުގަނޑު ހުންނާނަން." ޒާހިދު ބުނެލިއެވެ. އޭނާ ބޭނުންވަނީ މަސައްކަތުން ރިޓަޔަރ ކުރަންކަމުގައި ބުނެލުމުން ރާދިންއަށް ހައިރާންކަން ލިބުނުނަމަވެސް، އެއީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ.

"އޭރުން ވަރަށް އުނދަގޫވާނެ.. އަނެއްކޮޅުން މިކަންތައް ހަމައަކަށް ނޭޅި އުޅެނިކޮށް ވަކިވެއްޖެއްޔާ ވެސް…" އެހާ ހިސާބަށް ބުނެލާފައި ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.

"މިހާ ދުވަހު މި މަޑުކުރީވެސް، ކުންފުނީގެ ކަންތައްތައް ބަލަހައްޓަން އިތުބާރު ހިފޭ މީހަކު އަންނަންދެން. ރާދިން އައިމަ މިހާރު ހިތްހަމަޖެހުން ލިބިއްޖެ." ޒާހިދު ބުނެލިއެވެ.

"ކުންފުންޏަށް ލޯޔަރެއް ހަމަޖެއްސުމަކީވެސް ފަސޭހަކަމަަކަށް ނުވާނެ…"

އެއްވެސް ކަމަކީ ފަސޭހަކަމެއް ނޫނެއްނު، އެކަމަކު ކުންފުންޏަށް މީހަކު ނަގަންވާނީ އިތުބާރުހިފޭ މީހަކު. ފައިސާއަށް ހެއްލޭކަހަލަ މީހަކު ނަގައިގެން ކަމަކު ނުދާނެ. ޚާއްސަކޮށް މައާލްގެ މުދާގަނޑަށް ބަޔަކު ދަހިވެތިވެގެން އުޅޭއިރު." ޒާހިދު އޭނާގެ ދުރުވިސްނޭ ސިކުނޑިއަށް ވެރިވަމުން ދިޔަ ވާހަކަތައް ރާދިންއާ ހިއްސާކުރިއެވެ. ޚުދު އޭނާއަށްވެސް އެ ވާހަކަތައް ޤަބޫލުކުރެވެއެވެ. ކޮންމެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ ވަރަށް ވިސްނާފައެވެ. އެހެންކަމުން އޭނާ ނިންމީ މީހަކު ނެގުމުގެ ކުރިން ޒާހިދާވެސް މަޝްވަރާކުރުމަށެވެ. ވަގުތުގެ ނާޒުކުކަމުން ޒާހިދު ކުންފުނީގައި ހުންނަން ރާދިން ކިތަމްމެހާވެސް ބޭނުމެވެ. އެހެންނަމަވެސް، ޒާހިދުގެ ސިއްޙަތު ތަންނުދޭތީއާވެސް އެކު، އޭނާ އެކަމަށް މަޖުބޫރުކުރާކަށް ބޭނުމެއް ނޫނެވެ.

ދެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބާ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި މީޒާއާއި މާހިލް އެތެރެއަށް ވަނެވެ.

"ބައްޕަ ކިހިނެއް؟ ޑޮކްޓަރު ފަހުން އެއްޗެއް ބުނިތަ؟" މާހިލްއަށް ސުވާލުކޮށްލެވުނެވެ. އެތެރޭގައި އިން ރާދިން ފެނުމާއެކު، އޭނާ ޒާހިދަށް ބަލައިލުމާއެކު، މާހިލް ތަޢާރަފްކޮށްލަދިނެވެ.

"ރާދިން ދޯ..ބައްޕަ ރާދިންގެ ވާހަކަ ދެއްކި ކުރިން ދުވަހަކު. އުފާވެއްޖެ ދިމާވީމަ." މާހިލް ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ރާދިންވެސް އެ އަތުގައި ހީލަމުން ސަލާމަށް ޖަވާބު ދިނެވެ.

"ޑޮކްޓަރު ބުނީ ބަލައިގެން އުޅެން. އެހާ ބުރަކޮށް ވެސް ނޫޅެން ބުނި. ދެން ގަޑިން ގަޑިއަށް ބޭސް ކައި، އިންސުލިން ޖަހަންވެސް ބުނި. ހީކުރިވަރަށް ވުރެ ޙާލަތު ދަށްކަމަށް ބުނަނީ..އިތުރު މައްސަލައެއް ހުރިތޯ ޓެސްޓްކުރާ ވާހަކަޔާ ހަކުރު މަތިވާތީ އެނބުރުން އަރާ ބޮލުގަ ރިއްސަނީކަމުގައި ބުނީ.. އެހެންވީމައޭ މަންމަ މި ބުނަނީ ބައްޕަކައިރީގައި އެހާ ބުރަކޮށް ނޫޅެން. އެކަަމަކު ބައްޕަ އެ އަޑެއް ނާހާ… އެތައް ފަހަރަު ބުނެފިން މާހިލްއާ…" ރާދިން ހުރިނަމަވެސް، މީޒާއަށް އޭނާގެ ޒުވާން ދަރިފުޅުގެ ގާތުގައި ޝަކުވާ ކުރެވުނީ ޒާހިދާ މެދު ކަންބޮޑުވީ ވަރުންނެވެ. ފިރިމީހާ އެ ޙާލުގައި ވާތަން ބަލަން އޭނާއަށް ކެތެއް ނުކުރެވެއެވެ. އެހެންކަމުން ޖަޒުބާތުގައި ޖެހި ވާހަކަ ދެކެވުނީއެވެ. އެހެންނަމަވެސް، ވަކި ހިސާބަކުން އޭނާ އެ ވާހަކަ މަޑުޖައްސާލީ ބުނެވެން އުޅުނު ވާހަކައިގެ އޭނާއަށް އަންދާޒާ ކޮށްލެވުމުންނެެވެ. އެފަދަ ވާހަކައެއް ރާދިން ހުއްޓާ ބުނާކަށް ނުވާނެއެވެ. ފަހަރެއްގައިވެސް ޒާހިދު ލަގުގަންނުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ޚިޔާލެއް ނަމަވެސް، ގޮތް ނިންމާނީ ޒާހިދެވެ. އެއީ އޭނާ ކިތަންމެ ބޭނުންވާކަމެއްކަމުގައިވިނަމަވެސް، ފިރިމީހާގެ ނިންމުމަށް އޭނާ އިޙްތިރާމްކުރާނެއެވެ.

ވަކިހިސާބަކުން މީޒާ ވާހަކަ ހުއްޓާލުމުން، ރާދިންއަށް އެ ބުނަން އުޅުނު އެއްޗެއް ކޮންމެވެސް ވަރަކަށް ދޭހަވިއެވެ.

"ރާދިން… އަހަރެން ބޭނުން ވާހަކައެއް ބުނެލަން." މީޒާ މިހާރަކަށް އައިސް އަބަދު ދައްކާ ވާހަކަ ރާދިންއާ ހިއްސާކޮށްލަން ޒާހިދު ބޭނުންވިއެވެ. ކުންފުންޏާމެދު އޭނާއަށް ވިސްނެއެވެ. އޭނާ ނެތް ނަމަވެސް ކުންފުނީގެ ގާނޫނީ ކަންތައްތަކާ ހަވާލުވާންވާނީ އިތުބާރު ހިފޭ މީހެކެވެ. ބޭނުންވަގުތަކު ވާހަކަ ދައްކާލެވޭ މީހެކެވެ. ކުއްލިއަކަށް ވަކިވުމަކީ ވެސް ފަސޭހަކެމެއް ނޫނެވެ. "ހޭންޑްއޯވަރ" ކުރަން ޖެހޭ ބައިވަރު ކަންތައް ހުންނާނެއެވެ. މާހިލް އެ ކުންފުނީގައި މަސައްކަތްކުރަން ފެށުމުން، އޭނާއަށާއި ރާދިންއަށް ވެސް ފަސޭހަވާނެއެވެ. އަނެއްކޮޅުން މާހިލްއަކީ އިތުބާރު ހިފޭ ފަރާތެއްކަމުން، ހުރިހާގޮތަކުންވެސް އެންމެ ރަނގަޅުވާނީ މާހިލް އޭ ޒާހިދުގެ ހިތަށް އެރިނަމަވެސް، އެއްވެސް ކަމަކަށް އޭނާ ރާދިންއަށް މަޖުބޫރެއް ނުކުރާނެއެވެ. އޭނާ ދޭނީ ހަމައެކަނި ޚިޔާލެކެވެ. ރާދިން ބޯ ޖަހައިލުމާއެކު، ޒާހިދު ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެންގެ ދަރިފުޅު މާހިލްއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ޒުވާނެއް. ޑިގްރީ ނިންލާ މިހާރު މާސްޓާރސް ނިމެނީ… ކުރިއަށް އޮތް ދެތިން ހަފްތާތެރޭ އެކީ ނިމޭނެ." ސީދާ ސީދަލަށް ބުނުން ޒާހިދަށް ވީ އުނދަގޫކަމަކަށެވެ. އެެހެންނަމަވެސް، ޒާހިދު އެ ބުނަން އުޅޭ އެއްޗެއް ރާދިންއަށް ފަހުމްވިއެވެ.

"އަޅުގަނޑަށް ޔަޤީން މާހިލްވާނީ ޒާހިދުފަދައިން ޒިންމާދާރު ތެދުވެރި، ވަފާތެރި ޒުވާނަކަށްކަން." ރާދިންގެ ވާހަކައިން ޒާހިދަށް ޔަޤީންވީ އޭނާގެ ޚިޔާލު ރާދިންއަށް ކަމުދިޔަކަމެވެ. އެ ދެމީހުން އެ ދައްކާ ވާހަކަ މާހިލްއަށް ފަހުމްވިއެވެ. އޭނާގެ ކައިރިން ވަޒީފާއަކަށް ދިޔުމާ މެދު ޚިޔާލު ހުރިގޮތެއް ބައްޕަވަނީ ބަލާފައެވެ. އޭނާ ބުނީ ރަނގަޅު ވަޒީފާއެއް ލިބޭނަމަ ދާން ތައްޔާރަށް ހުރިކަމުގައެވެ. އޭނާ މީޒާއަށް ބަލައިލުމާއެކު، މީޒާ ބޯ ޖަހައިލިއެވެ.

"ވެލްކަމް މާހިލް…" ރާދިން އިސްވެ މާހިލްއާ ސަލާމްކޮށްލިއެވެ. މާހިލްއާ ރާދިންގެ ފުރަތަމަ ބައްދަލުވުމުންވެސް، އެ ދެމެދުގައި އެކުވެރިކަން އުފެދިގެން ދިޔައެވެ. ޒާހިދާ ތަފާތު އެކި އެކި ވާހަކަތައް ދައްކާލަން ތިބެފައި، މާހިލް ޒާހިދުގެ ބޭހެއް ނަގަން ދާން ނުކުތްވަގުތު ރާދިން ވެސް ގެއަށް ދާން ވެގެން ނުކުމެލިއެވެ.

ހޮސްޕިޓަލުން ނުކުމެގެން ގޮސް ސައިކަލަށް އަރައިގެން ރާދިން ގެއާ ދިމާލަށް ދުއްވައިލި ވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. މަގުގެ އެއްފަރާތުގައި މަޑުކޮށްލަމުން އޭނާ ޖީބުގައި އޮތް ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ އަނޫފްއެވެ.

"އޯތް ކީކޭ…" ފޯނު ނެގި ގޮތަށް ރާދިން ބުނެލިއެވެ.

"ކަލޭ އޮފީހުން ސަލާމަތް ނުވޭދޯ… ދިމާވެލަން ވީނު…" އަނޫފް ބުނެލިއެވެ. ރާދިން ހުރީ ހަމަޖެހިފައިކަން އެނގުމުން އޭނާ ބޭނުންވީ ދިމާކޮށްލާށެވެ.

"މިގަޑީގަ ދިމާކޮށްލެވިދާނެ… ދާންވީތަން ބުނޭ. އޭރުން މަ ގޮސްފާނަން…" އަނޫފް އޭނާ އިންތަނުގެ ނަން ބުނެލުމާއެކު، ރާދިން ސައިކަލުގެ މިސްރާބު އެދިމާލަށް އަނބުރާލިއެވެ. އޭނާ ގޮސް ކެފޭގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްލިއެވެ. ފޯނު އަނެއްކާވެސް ރިންގްވީ އެވަގުތެވެ. އޭނާ ހީކުރީ އަނޫފްކަމަށެވެ. އެހެންނަމަވެސް ސްކްރީނުން ފެނުނު ސަޖާގެ ނަމާއެކު، ވަގުތުން އޭނާގެ މޫޑު އޮފްވިއެވެ. ފޯނު ސައިލެންޓަށް ލަމުން ކެފޭއަށް ވަދެ އޭނާ އަނޫފް ހޯދައިލިއިރު އޭނާ އިނީ މީހުންނާ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި އެކަންޏެވެ. ރާދިން އައިސް ގޮނޑިއެއް ދަމާލާފައި އިށީނުމާއެކު، އަނޫފް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ.

"ކަލޭ މަ ގެނައީ އެއްޗެއް ނުބުނެ ހަތަރު ދަމު މަށަށް ބަލަން އިންނަންތަ؟"

"އެނީ އެކްސްޕްލެނޭޝަންސް؟" ރާދިން އިނީ ހަމަޖެހިފައިކަން ޔަޤީންވެ އަނޫފް ބުނެލީ ހަމައެކަނި އެހެންނަމަވެސް، އެ ބުނަނީ ކީކޭކަން ރާދިންއަށް ފަހުމްވިއެވެ.

"ކީކުރަން ދައްކާ ވާހަކައެއް…"

"ބުނީމަ ދޯ އެނގޭނީ… ވިޝާމްވެސް ފޯނެއް ނުނަގާ. ބޮޑުކަމެއް ވީކަން މަށަށް އެނގެނީ…" އަނޫފް ބުނެލިއެވެ.

"ރަނގަޅީ ކަލޭވެސް އޭނައާ ވާހަކަ ނުދެއްކިއްޔާ…" ރާދިންގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ.

"ތި ރުޅިމަޑުކޮށްބަލަ. ވީގޮތެއް ކޮންމެވެސް ވަރަކަށް ކިޔައިދީބަލަ."

"އަންހެނެއް ނުފެނިފަ ހުންނަ ފިރިހެނެއް. އެންމެންގެ ތެރެއިންވެސް އޭނައަށް ފެނުނީ މަގޭ އަންހެނުންތަ؟ ނަސީބެއް މަށަށް ދެވުނުކަން. " ދަތްކުނޑި ވިކައިގެން އިނދެ ރާދިން ބުނެލުމާއެކު، އަނޫފްއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އިތުރު ތަފްސީލެއް ދޭކަށް ބޭނުމެއް ނޫން. އެވަރުން ފުދޭނެ." ރާދިން އެހެން ބުނުމުން އަނޫފަށް ހުރިހާކަމެއް އޮޅުން ފިލިއެވެ.

"މަ ހީނުކުރަން އޭނަ މައާލްއާ ފޮށުނުނަމަވެސް، އެ ދަރަޖައަށް ވެއްޓިދާނެކަމަށް. އެމްމެ ފުރަތަމަ ދިން އިންޒާރާއެކު މަ ހީކުރީ ދެން އެކަހަލަ ކަމެއް ނުވާނެކަމަށް." އަނޫފްއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.

"އެކަކު ކައިރީގައިވެސް މި ވާހަކަ ނުުދައްކާތި." ރާދިން އެހެން ބުނުމާއެކު، އަނޫފް އޭނާ އެކަން ސިއްރުކޮށްދޭނެކަމުގައި ޔަޤީންކަން ދިނެވެ.

"މައާލް ކިހިނެއް؟"

"ރަނގަޅު"

"ދެން… ސަޖާ ކީއްވެ ބޭރުގަ ހުރީ؟ އޭނަގެ މޫނުމަތިން ހިޔެއް ނުވޭ ކަންތައްތައް ރަނގަޅުހެންނެއް." އަނޫފް އިރުކޮޅަކަށްފަހު ސުވާލުކޮށްލިއެވެ.

"އެހެންވާނީ އަލިފާނަށް ދަރުއަޅަން ހުންނަންޏާ. އޭނަ ފިރިހެނުން ފަހަތުން ދުވުނެއްކަމަކު މައާލްއެއް ނުދާނެ." ރާދިން އެހެން ބުނުމުން ކަމެއް ގޯސްވެއްޖެކަން އަނޫފްއަށް އެނގުނެވެ. އެހެންކަމުން އޭނާ އެކަމާ އިތުރަށް ސުވާލުކުރިއެވެ. ރާދިން ސަޖާއާ ބެހޭގޮތުން އޭނާއަށް އިވިފައިހުރި ވާހަކަތައް އަނޫފްއާ ހިއްސާކުރިއެވެ. ދަނޑިވަޅުބަލާފައި އަނޫފް އޭނާގެ ފޯނު ނެގިއެވެ.

"މި ބަލާބަލަ. އެމީހުން އެދައްކަނީ ހަމަ ތެދު ވާހަކަ." އަނޫފް ރާދިންގެ އަތަށް ފޯނު ދިނުމާއެކު، ރާދިން އެ ފޮޓޯތަކަށް ރަނގަޅަށް ބަލައިލިއެވެ.

"ތީ މަ މި ދެލޮލުން ދުށް މަންޒަރެއް. މި ނުދެއްކިގެން އަދި މިއުޅެނީ…" އަނޫފް ބުނެލިއެވެ. ރާދިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވަގުތުން ސަޖާއަށް ގުޅާފައި، އެ ގުޅުން ނިންމާލިކަމުގައި ބުނަން ބޭނުންވިއެވެ. ސަޖާގެ މަކަރުވެރިކަން ފަލާއަރަމުން ދިޔަ ވަރަކަށް ރާދިންގެ ހިތުގައި އޭނާއާ މެދު އިންތިހާ ފޫހިކަން އުފެދެން ފެށިއެވެ.

"ކޮފީއެއް ނުބޯނަންތަ؟" ރާދިން އަނޫފް އަތަށް ފޯނު ދިނުމުން އަނޫފް ސުވާލުކޮށްލިއެވެ. އޭނަ ބޭނުންވީ މައުޟޫ އަނބުރާލާށެވެ.

"ނޫނޭ، ކޮފީއެއް ބޭނުން. ސިކުނޑި ގޮވާފަ މިހުރީ. އެންޑް ތި ފޮޓޯތައް އަހަންނަށް ފޮނުވާފަ ބަހައްޓާތި." ރާދިން ބުނެލިއެވެ. ކޮފީއަކަށް އޯޑަރު ދިނުމާއެކު، ލަސްތަކެއްނުވެ ވެއިޓަރު ކޮފީ ގެނެސްދިނެވެ. ވާހަކައިގައި ތިބެ ކޮފީ ނިންމާލާފައި ރާދިން ގެއަށް ދިޔުމުގެ ކުރިން ފިހާާރައަކަށް ވަދެ މައާލްއަށް ހަދިޔާއެއް ގަތެވެ. ގެއަށް ގޮސް އެ އެއްޗެހި ކޮޓަރިއަށް ލާފައި ރާދިން ބޭރަށް ނުކުމެލީ މައާލް ނެތުމުންނެވެ. ގްރޭސީގެ ފަރާތުން މައާލްވީ ބަގީޗާގައިކަން އެނގުމުން އޭނާ އެދިމާލަށް ނުކުމެލިއެވެ. މައާލް އިނީ އޭވާއާއެކު، ކޮންމެވެސް ވާހަކައެއް ދައްކާފައި ހޭށެވެ. އެ ހުނުމުގެ އަޑު އިވުމާއެކު ރާދިންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހިތަށް ފިނިކަން ލިބުނެވެ. އިރުކޮޅަކު އެ މަންޒަރު ބަލަން ހުރުމަށްފަހު، އޭނާ ގޮސް، މައާލްމެން ކައިރީގައި ހުއްޓުނެވެ. އަބަދުވެސް މައާލްގެ އެ ހިނިތުންވުން އެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ހިތުން ދުޢާކޮށްލެވުނެވެ.

"މާލް…"

"ރާދިން، ހާދަ ލަސްވީ…"

"އާނ ކަމެއް ޖެހުނީމަ… ކީކުރަނީތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ފޫހިވެގެން އިނީ ހަމަ…" މައާލް ބުނެލިއެވެ.

"މިރޭ ބޭރަށް ދާން ހިނގާބަލަ.؟" ފުރަތަމަ ފަހަރަށް ރާދިން މައާލްއާއެކު ބޭރަށް ދާން އިސްވެ އެދުމާއެކު، މައާލް އުފަލުން އެކަން ބަލައިގަތެވެ.

"މިދަނީ ފެންވަރާލަން. ފެންވަރާލައިގެން އަންނާނަން." ރާދިން އެހެން ބުނެލާފައި ގޮސް ފެންވަރާ ތާޒާވެލައިގެން ވިއްސަކަށް މިނެޓް ތެރޭގައި އައުމުން އޭވާ އެތަނުން ދިޔައެވެ.

*****

އެ ދުވަހު ސަޖާ ރާދިންއަށް ފަންސާހަކަށް ފަހަރު ގުޅިއެވެ. އެހެންނަމަވެސް ރާދިން ފޯނެއް ނުނަގައެވެ. ސަޖާ ޝަކުވާ ކުރުމުން ރާދިން ބުނީ ބިޒީކަމުން ނުނެގުނީކަމުގައެވެ. އެކަމުން ސަޖާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނުނަމަވެސް، އެކަމަކާ ރާދިން މާބޮޑަށް އަޅައެއް ނުލައެވެ. މަޢްރިބް ނަމާދަށް ގޮވުމުން ނަމާދުކުރަން އަވަސްވެގަތް މައާލް ރާދިންއަށް ގޮވާލިއެެވެ.

"ނަމާދަށް ނުދާނަންތަ؟"

"ނޫން. މިދަނީ…" މަޖަލާއި ސަކަރާތުގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ރާދިން ނަމާދަށް ފަރުވާ ކުޑަކަން މައާލްއަށް ވެސް އެނގެއެވެ. މަޑުމަޑުން އޭނާ ދަނީ އެކަންތައް ރަނގަޅުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މައާލްގެ އެދުމަށް ދެކޮޅު ހަދާކަށް ރާދިންވެސް ބޭނުމެއް ނޫނެވެ. މައާލް ގަވައިދުން ނަމާދުކުރާއިރު، އޭނާ ފަރުވާކުޑަ މިންވަރު އަމިއްލައަށް ވެސް އަންދާޒާކޮށްލެވެއެވެ.

އިޝާނަމާދަށްފަހު، ގެއަށް އައިސް ވަތް ރާދިން ކޮޓަރިއަށް ދިޔައިރު އޭވާ އުޅެއެވެ.

"އަހަރެން މި އަންނަނީ ބޭރަށް ގޮސްލާފަ. އަންނަންވާއިރަށް ތައްޔާރުވެލައްޗޭ. ވޯކިންގ ކްލޯސެޓްގައި އޮންނާނެ ހަދިޔާއެއް…" އެހެން ބުނެލާފައި ރާދިން ބޭރަށް ނުކުމެލިއެވެ. މައާލް އަވަސްވެގަތީ އޭވާ ލައްވާ އެއީ ކޯންޗެއްތޯ ބެލުމަށެވެ.

*****

ރާދިން ބޭނުންވީ ސަޖާއާ ދުރުވާށެވެ. މައާލްއާއެކު އާ ފެށުމަކުން ފަށާށެވެ. އެގޮތަށް ކަންތައްކުރެވޭނީ ސަޖާއާއެކު އޮތް ގުޅުން އެކީ އެކައްޗަކަށް ނިންމާލައިގެންކަން ރާދިންއަށް ވިސްނެއެވެ.

އޭނާ ދިޔައީ ސަޖާ އެ ފިރިހެން ކުއްޖާއާއެކު ދިޔަ ރެސްޓޯރެންޓަށެވެ. ރިޒާވްކުރީވެސް ހަމަ އެ މޭޒެވެ. ދެމީހުން ގޮސް އެތެރެއަށް ވަދެ އިށީނދެލިއެވެ. އެއްޗެއްސަށް އޯޑަރު ދިނީ ސަޖާއެވެ. ކާއެއްޗެހި އައުމުން ސަޖާ ކައި ނިންމާލިއެވެ. ރާދިން ހަމައެކަނި ފެންފޮދަކުން ފުއްދައިލީއެވެ. އެކަމާ ސަޖާ ސުވާލުކުރުމުން ރާދިން އެއްޗެއް ނުބުނެއެވެ.

"ފޯނު ބަލާލަބަލަ…" ބިލް ދައްކާފައި ތެދުވުމުގެ ކުރިން އަނޫފް އޭނާއަށް ފޮނުވި ފޮޓޯތައް، ސަޖާގެ ފޯނަށް ފޯވާރޑްކޮށްލާފައި ރާދިން ބުނެލިއެވެ.

"ކޯންޗެއްތަ؟"

"ސަޕްރައިޒްއެއް. ރާދިން އެހެން ބުނުމުން ސަޖާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ.

"އާނ… ބަލާބަލަ." ރާދިންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ވައިބާއިން ފޯވާޑްކޮށްލި މެސެޖް ބަލއިލުމާއެކު، ސަޖާއަށް ލިބުނު ޝޮކާއެކު، ދެލޯ ބޮޑުކޮށްލަމުން ރާދިންއަށް ބަލައިލެވުނެވެ.

ކޮމެންޓް 0