ފޯނު ނެގުމަށްފަހު، މުނީރު ވާހަކަ ދެއްކިއެވެ. އެކޮޅުން ބުނެލި ވާހަކައަކުން އޭނާގެ ފައިދަށުން ބިންގަނޑުވެސް ހީވީ ދެމިގެން ދިޔަހެންނެވެ.

"ކީކޭ؟ ކިހިނެއްވިއްޔޭ؟" އޭނާގެ މުޅި ދުނިޔެވެސް ހުއްޓުނު ފަދައެވެ. އެ ޚަބަރާއެކު އޭނާގެ ހުރިހާ ހިއްސުތައްވެސް ހީވީ މަޑުޖެހިލިހެންނެވެ. ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހުނުއިރު، ސިކުނޑީގެ މަސައްކަތްވެސް ހީވީ ހުއްޓުނު ހެންނެވެ. އެއީ މިފަހުން އޭނާއަށް ލިބުނު އެންމެ ހިތް ހަލާކުވާ ޚަބަރެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން އިތުރު އެއްޗެއް ބުނަން ނޭނގި ހުރެވުނުއިރު، ފުއާދު ދެފަހަރަކު އޭނާއަށް ގޮވައިވެސް ލައިފިއެވެ.

"ރާދިއު ހަމަ މި ދުނިޔެ ދޫކުރީތަ؟ ޝާކިރުއާ ފަހުމާއާ ވެސްތަ؟. މައާ.. މައާލް ރަނގަޅުތަ؟" ހިނދުކޮޅަކު އެހެން ހުރުމަށްފަހު، މުނީރު ވާހަކަ ދެއްކިއެވެ.

"މައާލް ވެސް އައި.ސީ.ޔޫގައި. ޑޮކްޓަރުން ވަކި އެއްޗެއް ނުބުނޭ!" ފުއާދު އެހެން ބުނެލިއެވެ. އޭނާ އެދުނީ ވީ އެންމެ އަވަހަކަށް ލަންޑަކަށް އައުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. ފުއާދު ފޯނު ބޭއްވުމުން މުނީރަށް އޭނާގެ ނިތުގައި އަތް ޖައްސައިލެވުނެވެ. ކޮޅަށް ހުންނާނެހާ ހިތްވަރު ނުލިބި އޭނާއަށް ސޯފާގައި އިށީނދެވުނެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއިރު އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ރާދިންއަށް ގުޅަންވެސް ހަނދާންނެތްފަދައެވެ.

*****

ގޭޓުން ރާދިން ނުކުތީ އޭނާގެ ސައިކަލުގައެވެ. ކާރެއް އޮތް ނަމަވެސް، އޭނާ އާއްމުކޮށް އުޅެނީ ސައިކަލުގައެވެ. ވަކި ހިސާބަކަށް ދިޔަތަކާ އޭނާއަށް ވޮލެޓް ނުލާ ނިކުމެވުނުކަން ހަނދާންވެ ަގެއާ ދިމާލަށް އަނބުރައިލިއެވެ. ގޭޓުން ވަނުމަށްފަހު، ސައިކަލު ދޮރުމަތީގައި ބަހައްޓާފައި އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނުމާއެކު، ސޯފާގައި އިސްޖަހާލައިގެން އިން މުނީރު އޭނާގެ ލޮލުގައި އަޅައިގަތެވެ.

"ބައްޕާ!" މުނީރު އިންގޮތުން ރާދިން ގޮވައިލިއެވެ. ދެ ތިން ހަތަރު ފަހަރު ގޮވައިލިއިރުވެސް، މުނީރު ޖަވާބެއް ނުދިނެވެ. ރާދިން މަޑުމަޑުން އެ ދިމާލަށް މިސްރާބުޖެހިއެވެ.

"ބައްޕާ! ކިހިނެއްވީ؟" ރާދިން ސުވާލުކޮށްލީ މުނީރު ކައިރިއަށް ދިޔުމަށްފަހުއެވެ. ރާދިންގެ އަޑު އެހާ ކައިރިން އިވުމާއެކު، މުނީރަށް ރާދިންއަށް ބަލައިލެވުނެވެ. އެއާއެކު ރާދިން ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. މުނީރުގެ މޫނުމަތިން މިހާރު އޭނާއަށް ފެންނަމުންދާ އަސަރުތައް މީގެ ކުރިން އޭނާއަށް ފެނިފައިވަނީ އެންމެ ފަހަރަކުއެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތީ އެހެންވެގެންނެވެ. ވީ ކީއްކަން ނޭނގުނު ނަމަވެސް، ބޮޑުކަމެއް ވެއްޖެކަމުގައި އޭނާގެ ހުރިހާ ހިއްސުތަކެއްވެސް ބުނަމުން ދިޔައެވެ. އެ ސުވާލު މުނީރުއާ ކުރާނެ ގޮތެއް ރާދިންއަށް ނޭނގިފައި ހުރެވުނީ، އަހާ ސުވާލަކުން އޭނާ އަޑު އަހަން ބޭނުންނުވާ ފަދަ ޖަވާބެއް ލިބިދާނެތީއެވެ.

"ރާދިން!" މުނީރު ރާދިންއަށް ގޮވައިލިއެވެ.

"ބައްޕާ! ކިހިނެއްވީތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ރާދިއު... ރާދިއު އެކްސިޑެންޓެއްވެއްޖެ!. " އެ އިން ގޮތަށް އިނދެ މާޔޫސީ ރާގެއްގައި މުނީރު އެހެން ބުނެލިއިރު، ރާދިންއަށް ވެސް ޝޮކެއް ލިބިގެން ދިޔައެވެ.

"ދެން ދޮންބެ ކޮބާ މިހާރު؟ ދޮންބެ ރަނގަޅުތަ؟" އެހެން ބުނެލިއިރު ރާދިންގެ އަޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. ރާދިއު އަކީ އޭނާގެ ބޭބެއެވެ. ދިމާވާ ކޮންމެ ކަމެއްގައި އެންމެ ކައިރީގައި ހުންނަ އެކުވެރިޔާއެވެ. އޭނާއާއި ރާދިއުއާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ.

"ބައްޕާ! ލަންޑަނަށް ދާން ޓިކެޓް ކަންތަކާ އުޅެންވީނު. ދެން ބުނެބަ! ދޮންބެ ކިހިނެއްތަ؟ ޝާކިރުބެތަ ގުޅީ؟" ރާދިން ސުވާލުކޮށްލުމާއެކު، މުނީރު ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން ކާކު؟ ކޮބާ ޝާކިރުބެމެން؟" ރާދިން ސުވާލުކޮށްލިއެވެ.

"ފުއާދު. ފުއާދު ގުޅީ. ޝާކިރުގެ އެއްބަފާ ކޮއްކޮ." މުނީރު އެހެން ބުނެލިއެވެ. އެއަށްފަހު އޭނާ ރާދިންއަށް ބަލައިލުމަށްފަހު، ފުއާދުގެ ކިބައިން އޭނާއަށް އިވުނު މައުލޫމާތުތައް ރާދިންއާ ހިއްސާކުރިއެވެ. އޭނާގެ އެއްބަނޑު އެއްބަފާގައި ހުރިހަމައެކަނި މީހާ ކަމުގައިވާ ފަހުމާގެ މަރުގެ ޙަބަރުވެސް އޭނާ ރާދިންއަށް ދިނެވެ. ރާދިންއަށް ވެސް އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން ވީ އުނދަގޫ ކަމަކަށެވެ. ހަދާނެ ގޮތެއް ބުނާނެ އެއްޗެއް ނޭނގި އޭނާގެ ސިކުނޑީގެ ހަރަކާތްތައް މަޑުޖެހުނެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް އޭނާ ފުހެލިއެވެ. އެއަށްފަހު، ސޯފާގައި އިށީނދެލިއެވެ.

"ވީ އެންމެ އަވަހަކަން ލަންޑަނަށް ދިޔުމުގެ ކަންތައްތައް ކުރަންވީ... ކޮބާތަ އަލީ... އަލީގެ ނަންބަރު." މުނީރު ފޯނު ނަގާ އޭނާގެ އޮފީގައި މަސައްކަތް ކުރާ އަލީގެ ނަންބަރު ހޯދާ އަލީއަށް ގުޅައިލިއެވެ. އޭނާ ހަމަ ގުޅުމާއެކު ލަސްތަކެއް ނުވެ އަލީ ފޯނު ނަގައިފިއެވެ. މުނީރު އެދުނީ ވީ އެންމެ އަވަހަކަށް ލަންޑަނަށް ދިޔުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަލީ އިތުރު ސުވާލެއް ކުރުމެއްނެތި މުނީރު ބުނި ގޮތަށް ކަންތައް ކުރަން އަވަސްވެގަތެވެ.

އޭގެ ގަޑިއިރެއް ހާއިރު ފަހުން ގުޅުމަށްފަހު، އަލީ ބުނީ މިރޭ އެގާރަ ޖަހާއިރުގެ ފްލައިޓުން ޖާގަ ނަގާފައިވާ ކަމަށާއި ނުވައެއް ޖެހުމުގެ ކުރިން ޗެކިންވާން އެއާރޕޯޓަށް ދާންޖެހޭ ކަމުގައެވެ. ފޯނު ބޭއްވުމަށްފަހު، ދަތުރަށް ތައްޔާރުވުމަށް މުނީރު ރާދިންއަށް އެންގިއެވެ. ރާދިންވެސް އަވަސްވެގަތީ ދާންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ.

އެރޭ އެގާރައިގެ ފްލައިޓުން ރާދިންއާއި މުނީރު ލަންޑަކަށް ދާންވެގެން ނައްޓައިލިއިރު، ފާއިތުވެގެންދިޔަ ކޮންމެ ސިކުންތެއްވެސް ހީވަނީ ގަރުނެއްހެންނެވެ. ރާދިންއާއި މުނީރުއާ ދެމީހުންވެސް ތިބީ ވަރަށް ހިތްވަރުކޮށްގެންނެެވެ. ފްލައިޓްގެ ތެރޭގައިވެސް، ދެމީހުން ކުރެ އެކަކުވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ބުނަން ބޭނުންވެއްޖެ އެއްޗެއް މެނުވީއެވެ. ދެމީހުންވެސް ތިބީ ލަންޑަނަށް ފޯރުމަށް ކެންމަދުވެފައެވެ. ދިހަ ގަޑިއިރަށް ވުރެ ދިގު އެ ދަތުރުގައި ދެމީހުން ކުރެ އެކަކުވެސް ލޮލުފިޔައެއް ނުޖަހައެވެ. ހިތާ ސިކުނޑީގައިވަނީ ރާދިއުގެ ޚިޔާލުތަކެވެ.

މުނީރު އޭނާގެ ދެލޯ ފުހެލިއެވެ. ރާދިއު އަކީ އަބަދުވެސް އޭނާއަށް އިޙްތިރާމް ކުރާ ކިޔަމަންތެރި ޒުވާނެކެވެ. ދުވަހަކުވެސް އޭނާގެ އެދުމަަކަށް ދެކޮޅު ހަދާފައެއް ނުވެއެވެ. ޒުވާން އުމުރުގައި ވިޔަފާރީގެ ތެރެއަށް ވަދެ އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަބަދުވެސް ކަންކަމުގައި އޭނާގެ ލަފަޔާއި އިރުޝާދު ހޯދައެވެ. ޝަކުވާ ކުރާނެ ފުރުސަތެއް ނުދެއެވެ. ރާދިއު ގެ ކޮންމެ ހަނދާނެއް އޭނާގެ ހިތާ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ.

އެކްސިޑެންޓުގައި ދެން ނިޔާވީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފަހުމާއާއި އޭނާގެ ފިރިމީހާ ޝާކިރެވެ. ފަހުމާއާ އޭނާއާ ދެމެދުވެސް އޮންނަ ގުޅުން ވަރުގަދައެވެ. ހަމައެއާއެކު ޝާކިރުއާވެސް މެއެވެ. ޝާކިރުގެ ހެޔޮކަން އޭނާ ހަނދާންތައްތާލާނީ ކިހިނެއްހެއްޔެވެ؟

ހިތްވަރު ކުރެވޭނޭ އެންމެ މައްޗަކަށް ހިތްވަރުކުރަމުން މުނީރު ފުންނޭވާއެއް ދޫކޮށްލިއެވެ. ރުއިމަކުން ގެއްލިއްޖެ ފުރާނައެއް އަނބުރާ ނާންނާނެކަން އޭނާއަށް އެނގެއެވެ. އެހެނެއްކަމަކު މައްޔިތާއަށް ބޭނުންވާނީ އެމީހުންގެ ހެޔޮ ދުޢާއެވެ. މަރުވުމަށްފަހު، ފައިދާއެއް ކުރާނީ އަމިއްލައަށް ތިމާކޮށްފައިވާ ހެޔޮ ޢަމަލާއި އެހެން މީހުންގެ ހެޔޮ ދުޢާ އިންނެވެ. ހިތާ ހިތުން ރާދިއުއަށާއި ޝާކިރުގެ ދެމަފިރިންނަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވުމަށްއެދި އޭނާއަށް ދުޢާ ކުރެވުނެވެ.

*****

ލަންޑަނަށް އެމީހުންނަށް އާދެވުނީ، އަނެއްދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އައިގޮތަށް ފޮށިތައް ގެއަށް ފޮނުވައިލުމަށްފަހު، މުނީރުއާއި ރާދިންއާ ދެމީހުން މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. ޝާކިރުއާއި ފަހުމާގެ އިތުރުން ރާދިއު ބާއްވާފައިވާ ކޮޓަރިތެރެއަށް ދެމީހުން ވަނީ ފުލުހުންނާއި، ހޮސްޕިޓަލްގެ ސްޓާފުންނާވެސް އެކުގައެވެ. ފަހަރަކު މީހަކުގެ މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑު ނަގާ މުނީރުއާ ރާދިން ބެލިއެވެ. އެ އެންމެން ފެނި މުނީރުގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. ރާދިންއަށް ވެސް ރާދިއުއަށް ބަލަން ހުރެވުނީ އަދިވެސް އެ ޙަޤީގަތް ގަބޫލުކުރަން އުނދަގޫވެފައި ހުރި ފަދަ ގޮތަަކަށެވެ. އާއެކެވެ. އޭނާގެ ލޯބިވާ ބޭބެ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފިކަމުގައި ގަބޫލުކުރާކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މަންޒަރު އެ އޮތީ އޭނާގެ ލޮލުގެ ކުރިމަތީގައި ފެންނާށެވެ. ރާދިން ހުރިގޮތް ފެނި މުނީރު އިތުރަށް ހިތްދަތިވިއެވެ. ރާދިންއާއި ރާދިއުއާ ދެމެދު އޮތް ގުޅުން އެންމެ ރަގަޅަށް ފެނިފައިވާނީ އޭނާއަށެވެ.

އެމީހުން އެތަނުން ނުކުތްއިރު، ބޭރުގައި ފުއާދު ހުއްޓެވެ.

"މައާލް ކޮބާ؟ ހޭ އަރައިފިތަ؟" ފުއާދަށް ބަލައިލުމަށްފަހު، މުނީރު ސުވާލުކޮށްލިއެވެ.

"އައި.ސީ.ޔޫގައި. މިހާރު އޮތީ އޮކްސިޖަންގައި. ވަރަށް އަވަހަށް ހޭ އަރާފާނެ ކަމަށް ޑޮކްޓަރުން ބުނަނީ... އެތެރެއަށް ވެސް ވަދެވޭނެ މިގަޑީގައި." ފުއާދު އެހެން ބުނެލާފައި އަވަސް ނަޒަރެއް ރާދިންއަށް ވެސް ދިނެވެ.

'ހިނގާބަލަ ދަރިފުޅާ!" މުނީރު އެހެން ބުނެލާފައި އައި.ސީ.ޔޫއާ ދިމާލަށް ހިނގައިގަތުމުން އޭނާގެ ފަހަތުން ރާދިންވެސް ހިނގައިގަތެވެ، ފުއާދުވެސް ފަހަތުގައި ހުރެ ހިނގަމުން ދިޔައެވެ.

މުނީރު ރާދިންވެސް ގޮވައިގެން އައިސީޔޫއަށް ވަނެވެ. މައާލް ބާއްވާފައި އޮތް ކޮޓަރިއަށް ވަނުމުގެ ކުރިން އެތަނުން ދިން ގައުންއާ އެއްޗެހި އެ ދެމީހުންވެސް ލިޔެވެ. މުނީރު މައާލްއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. މައާލްގެ ދެއަތަށް އައިވީ ގުޅާފައިވާއިރު އޮތީ އޮކްސިޖަންގައެވެ. ވާ އަތުގައި ޕްލާސްޓަރު އަޅާފައިވާއިރު، ކަނާއަތު ފައިގައިވެސް ވަނީ ޕްލާސްޓަރު އަޅާފައެވެ. މެޝިންތަކުގެ ބީޕް އަޑުން މުޅިތަން ގުގުމާލާފައިވާއިރު މައާލްގެ ނިތްކުރިމަތީގައިވެސް ވަނީ ބެންޑޭޖްގަނޑެއް އަޅާފައެވެ. އަތާ ފައިގެ އެތަން މިތަން މަށައިގެން ގޮސްފައިވެއެވެ. މުނީރު މައާލްއާ ކައިރިވެލިއިރު، ރާދިންއަށް މައާލްއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ކުއްލިއަކަށް މެޝިންތަކުގެ ބީޕްއަޑު ގަދަވުމާއެކު، މުނީރަށް ވެސް ސިހުން ލިބިގެން ދިޔައެވެ. އިސާހިތަކު ޑޮކްޓަރުންނާއި ނަރުހުންވެސް އަތުވެއްޖެއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފެނިގެންދިޔައެވެ. އާއެކެވެ. މައާލް ހޭ އެެރީއެވެ. މުނީރުއަށް ﷲއަށް ޙަމްދުކުރެވުނެވެ. އެހެންނަމަވެސް އޭނާ ހާސްވީ ޝާކިރުއާއި ފަހުމާގެ ވާހަކަ މައާލްގެ ކައިރީގައި ބުނާނެ ގޮތެއް ނޭނގުމުންނެވެ. އެ ވާހަކަ އިވުމުން މައާލްއަށް ވާނެ ގޮތް އޭނާއަށް ރަނގަޅަށްވެސް އަންދާޒާކޮށްލެވެއެވެ. އެހެންނަމަވެސް ވީއެންމެ އަވަހަކަށް އެ ވާހަކަތައް މައާލްއާ ހިއްސާކުރަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ޝާކިރުއާއި ފަހުމާއާއި ރާދިއުވެސް ވަޅުލުމުގެ ކުރިން އެ ވާހަކަތައް މައާލްއާ ހިއްސާކޮށް މޫނު ދެކިލުމުގެ ޙައްޤު މައާލްއަށް ދޭން ޖެހޭނެއެވެ.

މުނީރު މައާލް އޮތް އެނދާ ކައިރިއަށް ޖެހިލިއެވެ. އޭރުވެސް ރާދިން ދުރުގައި ބަލަން ހުއްޓެވެ.

"މައާލް!" މުނީރު މައާލްއަށް ގޮވައިލިއެވެ. މައާލް އޮތް ގޮތަށް އޮތީއެވެ. ދެވަނަ ފަހަރަށް މުނީރު ގޮވައިލުމާއެކު، މައާލް ވާހަކަ ދެއްކިއެވެ.

"ހާދަ އަނދިރިއޭ.... ލައިޓް ދިއްލަބަ!" މައާލްގެ ބަލިކަށި އަޑު އިވުމާއެކު، މުނީރަށް ބަލައިލެވުނީ އެތަނުގައި ހުރި ޑޮކްޓަރަށެވެ.

"މައާލް! މީ މުނީރުބޭއޭ.." މުނީރު އެހެން ބުނެލިއެވެ.

"މުނީރުބޭ... ކޮބާ މަންމަ... ބައްޕަ. ލައިޓް ދިއްލަބަ! އެއްވެސް އެއްޗެއް ނުފެނެޔޭ. ކީއްވެތަ އެހާ އަނދިރީ. ކަރަންޓް ނެތީތަ؟"

ކޮމެންޓް 0