ރާދިންއަށް އެ ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެ ދޮރާ ހިސާބުން އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އޭނާ ދޮރުގެ ތަޅުގައި ހިފައިލާ ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. އެއާއެކު ރާދިންއަށް ލިބުނީ ހައިރާންކަމެކެވެ.

އޭނާއަށް ވަށައިގެން އެ ކޮޓަރިތެރެއަށް ބަލައިލެވުނެވެ. ކޮޓަރީގެ ފާރުތަކުގައިވަނީ ހިތްގައިމު ޑިޒައިންތަކެކެވެ. ބޮޑު މޭޒެއް އެ ކޮޓަރިތެރޭގައި ހުރިއިރު، އެ މޭޒުމަތީގައި ވަނީ މުޅީންވެސް ކުރަހަން ބޭނުންކުރާ އެކި އެކި ސާމާނެވެ. ތަފާތު އެކި ސައިޒްތަކުގެ ކުރަހާ ފިހިތަކުގެ އިތުރުން، ތަފާތު ވައްތަރުގެ ފެންކުލައާއި މާކަރާއި ކުރެހުމަށް ބޭނުންވާ އެހެނިހެން ސާމާނެވެ. ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި ކުރަހާ ސްޓޭންޑްތަކުގައި އޭރުވެސް އެކި އެކި ކުރެހުންތައް ބަހައްޓާފައި ހުއްޓެވެ. ފަސޭހަކޮށް ކުރަހަން އިނދެވޭފަދަ ދެ ގޮނޑި އެތަނުގައި ހުރިއިރު ކޮޓަރި ވަރަށް ހިތްގައިމެވެ. އެކޮޓަރިތެރޭގައި ކުރަހަން ބޭނުންކުރާ ނެތް ސާމާނެއް ނެތެވެ. ދެ ސައިޒުގެ ކަބަޑު ބަހައްޓާފައިހުރިއިރު، އިތުރު ފަރުނީޗަރަކަށް ދެން އެތަނުގައި ހުރީ ސޯފާއަކާއި ކުޑަކުޑަ ކޮފީމޭޒެކެވެ. އެ މޭޒުމަތީގައިވެސް ކޮންމެވެސް ވަރަކަށް ގަނޑުތައް ބަހައްޓާފައި ހުރިއިރު ސޯފާކައިރީގައި ވެސް ވެއްޓިފައި ބައެއް ގަނޑުތައް ހުއްޓެވެ. އެންމެ ބޮޑަށް ރާދިންގެ ލޮލުގައި އަޅައިގަތީ ދޮރުން ވަންނައިރު ކުރިމަތީ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯގަނޑެކެވެ. އެއީ މައާލްގެ ފޮޓޯގަނޑެކެވެ. ހިނިތުންވެލައިގެން މައާލް ހުރިއިރު އޭނާގެ އަތުގައި އޭރުވެސް ކުލަޖައްސާ ފިހިތަކެއް ހުއްޓެވެ. މޫނުމައްޗާއި ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގައި ކުލައުނގުޅިފައިވެއެވެ. ރާދިންއަށް އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ. މައާލްގެ ތުންފަތް މަތީގައިވަނީ ބުނެދޭންނޭގޭ ފަދަ އުފާވެރިކަމެކެވެ. ހިނިތުންވެލައިގެން ހުރިގޮތުން ދުވަހަކު ހިތާމައެއް ތަޙައްމަލް ކުރިހެން ހިޔެއްނުވެއެވެ. އެ ދެލޮލުގެ ތޫނުކަން އެ ފޮޓޯއިން އެކަނިވެސް ރާދިންއަށް ފެންނަމުން ދިޔައެވެ. އެހެން ހުރެލާފައި އޭނާ މައާލްގެ ކުރެހުންތަކަށް ބަލަން ފެށިއެވެ. އެތަނުގައި ފަންސުރު ކުރެހުމުގެ އިތުރުން ފެންކުލައާއި ކެންވަސްގައި ވެސް ކުރެހުންތައް ކުރަހާފައި ހުއްޓެވެ. ކޮންމެ ކުރެހުމެއްވެސް އެހާ ފުރިހަމަވެފައި ޗާލެވެ. ކޮންމެ ކުރެހުމެއްގެވެސް ތިރީ އެއްފަރާތު ކަނުގައި މައާލްގެ ނަން ވަރަށް ރީތިކޮށް ލިޔެލާފައިވެއެވެ. ކުރެހުމުގެ އިތުރުން ރާދިންގެ ލޮލުގައި ދެން އެންމެ ބޮޑަށް އަޅައިގަތީ އެތަނުގައި ހުރި ކެލިގްރަފީގެ މަސައްކަތެކެވެ. އޭނާ ގޮސް ކަބަޑުތައްވެސް ހުޅުވިއެވެ. އޭގެ ތެރޭގައި ވެސް ހުރީ ހުސް ކުރެހުމެވެ.

މައާލްއަކީ އާޓިސްޓެއްހެއްޔެވެ؟ މިތަނުން މިފެންނަކީ ހުސް މައާލްގެ މަސައްކަތް ހެއްޔެވެ؟ ފެންނަމުން ދިޔަ މަންޒަރު އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. މައާލްއަކީ ހުނަރުން ފުރިފައިވާ ކުއްޖެކެވެ. މައާލް ފެނުމުން މައާލްއަކީ މިހާ ހުނަރުވެރި ކުއްޖެއްކަން އޭނާއަށް ވިސްނިފައިނެތެވެ. ހައިރާންވެފައި ރާދިންއަށް އެ ކޮޓަރިތެރެއަށް ބަލަން ހުރެވުނެވެ.

އެއްލި ކަޅިއަކުން ރާދިންގެ ލޮލުގައި އެއްފަރާތުގައި ހުރި ކުރަހާ ސްޓޭންޑްގައި ހަރުކޮށްފައިހުރި ކުރެހުމެއް ލޮލުގައި އަޅައިގަތެވެ. ރާދިންއަށް މަޑުމަޑުން އެކުރެހުމާ ދިމާލަށް ހިނގައިގަނެވުނެވެ. އޭގެ ކައިރިއަށް ހުއްޓުމަށްފަހު އޭނާ މަޑުމަޑުން އޭގައި އަތް ޖައްސައިލިއެވެ. ރާދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. އެ ކުރެހުމަށް ބަލަން ހުރިއިރު އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އެ ކުރެހުމުގައި ތިން މީހުން ތިބިއިރު، ދެން ކުރަހަން ފަށާފައި އިނީ އަންހެން ކުއްޖެކެވެ. ކުރެހުން ރަނގަޅަށް ނުނިމުނު ނަމަވެސް، އެއީ މައާލްކަން ރާދިންއަށް އެނގުނެވެ.

"މައާލް!" އޭނާއަށް މައާލްގެ ނަން ދުލުން ބޭރުކޮށްލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެތައް އިރަކު ރާދިން އެ ކޮޓަރިތެރޭގައި ހުރި ކުރެހުންތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރިއިރު އޭނާއަށް މައާލްއާ މެދު ވިސްނުނެވެ. މިއީ އަނެއްކާ މައާލް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްހެއްޔެވެ؟ ނޫނީ މިއީ މައާލް ހުސްވަގުތު ފޫހިފިލުވާލުމަށް ކުރާ މަސައްކަތެއްހެއްޔެވެ؟ އެފަދަ ސުވާލުތައް ރާދިންގެ ހިތަށްވެރިވުމާއެކު މައާލްގެ މިއަދުގެ ޙާލަތާމެދުވެސް އޭނާއަށް ވިސްނައިލެވުނެވެ. އޭނާ އެކޮޓަރިން ނުކުތުމުގެ ކުރިން ފަސްއެނބުރި އަދިވެސް އެއްފަހަރު ކޮޓަރިތެރެއަށް ބަލައިލިއެވެ. ނުކުމެ ކޮޓަރި ލައްޕައިލާފައި، ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނިދުމުގެ ކުރިން ފެންވަރާލަން ބޭނުންވި ރާދިން ފޮށި ހުޅުވައިލާ ނިދަން ލާނެ ސޯޓެއް ނަގާ އެ ހިފައިގެން ވަނީ ފާހާނާއަށެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތް ރާދިން އެނދުގައި ޖައްސައިލިއެވެ. ކޮޓަރިތެރޭގައި އާދަޔާޚިލާފް ފިނިކަމެއް ވެއެވެ. އޭނާ ފޯނު އެލާރމްކޮށްލުމަށްފަހު، ޗާޖަށް ޖަހައިލުމަށްފަހު، އެނދުގެ ސައިޑްކަބަޑުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ބޯ ރަޖާގަނޑުން ހަށިގަނޑު ނިވާކޮށްލިއެވެ. ވަރުބަލިވެފައިހުރިވަރުން ރާދިން ދެލޯ މަރައިލިނަމަވެސް، ދެވަނަ ސިކުންތުގައި ރާދިންއަށް އޭނާގެ ލޯ ހުޅުވައިލަން މަޖުބޫރުވީ ލޮލަށް ފެނުނު ސޫރައެއްގެ ސަބަބުންނެވެ. އޭނާއަށް ސިފަވީ މައާލްއެވެ. މައާލްގެ ދެލޮލެވެ. އެ ދެލޮލުގައިވި ޖަޒުބާތީ ބާރެވެ. ރާދިން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު އެ ހަނދާންތަކާ ދުރުވާން މަސައްކަތް ކުރިއެވެ. ގިނައިރުތަކެއްނުވެ އޭނާގެ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.

*****

ހެނދުނު ހޭލައިގެން ރާދިން ހޮސްޕިޓަލަށް ދިޔުމާއެކު މުނީރު ބުނީ މައާލް ކައިރީގައި މަޑުކުރުމަށެވެ. ވަޅުލަން ކުރަންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރުމަށް އޭނާ ދާންޖެހޭ ކަމުގައެވެ. ރާދިންއާއި މައާލްއާ ދެމެދު އެއްވެސް ވަރަކަށް ވާހަކައެއް ނުދެކެވެއެވެ. މައާލް އެއްވެސް އެއްޗެއް ނުބުނެ އޮންނަން ފެށުމުން ރާދިން އިސްވެ ވާހަކަ ދައްކަން އަނގަ ހުޅުވައިލި ނަމަވެސް، އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މައާލްގެ އެ ހިމޭންކަމުން ރާދިންއަށް އުނދަގޫވިއެވެ. އެ އަންހެން ކުއްޖާގެ މުޅި ދުނިޔެވެސް ހީވަނީ ހުއްޓިފައިވާހެންނެވެ. ރާދިން ސޯފާގައި އިނދެ މައާލްއަށް ބަލަމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހައިލީވެސް އޭނާ އެހެން އިންދައެވެ. ތެދުވެލުމަށްފަހު، ރާދިން ގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ކާއެއްޗެހި ހިފައިގެން މީހަކު އައިސް ހުއްޓެވެ. އެ މީހާއަށް ބަލައިލުމަށްފަހު އެތެރެއަށް ވަނުމަށް ރާދިން ބުނެލިއެވެ. އޭނާ ކާއެއްޗެހި ބަހައްޓާފައި ދިޔުމުން ރާދިންއަށް ދެން ކަންތައްކުރަންވީ ކިހިނެއްކަމެއް ނޭނގުނެވެ.

"މައާލް ބަނޑުހައިވެފަ ދޯ ތިހުރީ. ކާއެއްޗެހި ގެނެސްފަ މިހުރީ. ކާން... ކާންވީނު؟" ރާދިން ވާހަކަ ދެއްކުމާއެކު މައާލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކޮންމެވެސް އެއްޗެއް ކާންވާނެ އެއްނު. ބައްޕަ އެ ދިޔައީ މައާލް ކައިރީގައި އަހަރެން ބަހައްޓާފައި. ބައްޕަ އަންނައިރު މައާލް އެއްވެސް އެއްޗެއް ނުކައި އޮތްކަން އެނގިއްޖެއްޔާ އަހަރެންދެކެ ހިތްހަމައެއް ނުޖެހޭނެކަންނޭނގެ." ރާދިން އެހެން ބުނެލުމުން މައާލްއަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. މައާލްގެ އެ ހަމަހިމޭންކަމުން ރާދިން ޖަވާބު ލިބިގަތެވެ. އެއަށްފަހު އޭނާ ކާއެއްޗެހި ނެގުމަށްފަހު، ބެޑް ޓޭބަލް މަތީގައި އެއްޗެހި ބެހެއްޓިއެވެ. އެއަށްފަހު މައާލްއަށް ނަގަން ފަސޭހަ ވާނޭހެން އޭނާ އެ މޭޒު ކައިރިކޮށްލިއެވެ. އަދި، މައާލްގެ އެނދު އުފުއްލައިލިއެވެ.

"ސޭންޑްވިޗަކާއި، އޮރެންޖް ޖޫސްހުރީ. ދެން އާފަލާއި، ކަރާ އެބަހުރި." ރާދިން އޮޅުން ފިލުވައިދިނެވެ.

"މައާލް! ކީއްވެ ކާން..." އެހިސާބަށް ބުނެފައި ރާދިން މަޑުޖެހިލިއެވެ. އޭނާ މަޑުމަޑުން މައާލްގެ އަތުގައި ހިފައްޓައިލިއެވެ. ރާދިންގެ އެ ބީހިލުމާއެކު މައާލްގެ މުޅި ހަށިގަނޑުގައި ވެސް ފިނިކަމެއް ދައުރުކޮށްލިއެވެ. ރާދިން މަޑުމަޑުން މައާލްގެ އަތަށް ސޭންޑް ވިޗް ލައިދިނެވެ. އެއަށްފަހު އެ ކާން އެދުނެވެ.

މައާލްގެ އަތުގައި އެއްވެސް ވަރަކަށް ވަރެއް ނެތެވެ. ހިތްވަރުކޮށްފައި ސޭންޑްވިޗް އަނގަޔަށްލާފައި ހަފައިލިނަމަވެސް، އޭގެ އެތެރެއަށް އަޅާފައިހުރި ބައެއް އެއްޗެހި އޭނާގެ ގަޔަށް އެޅުނެވެ. އެތަން ބަލަން އިން ރާދިން އަވަސް އަވަހަށް ޓިޝޫއެއް މައާލްއަށް ދިއްކޮށްލިއެވެ. ދެވަނަ ސިކުންތުގއި ރާދިން އަމިއްލައަށް މައާލްގެ ހެދުމަށް އެޅުނު އެއްޗެހި ޓިޝޫއިން ސާފުކޮށްލިއެވެ. އެއަށްފަހު އޭނާ މައާލްގެ އަތުން ސޭންޑްވިޗް އަތުލުމަށްފަހު، މައާލްއަށް ސޭންޑްވިޗް ލަވައިދިނެވެ. މައާލް އިތުރަށް ދެރަވިއެވެ. ދެން އޭނާ އުޅެން ޖެހޭނީ އަބަދުވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަމެއްގައިހެއްޔެވެ؟ ކޮންމެވެސް މީހެއްގެ އިޙްސާންތެރިކަމެއްގައިހެއްޔެވެ؟ އެހެން މީހެއްގެ ޙަމްދަރުދީގައިހެއްޔެވެ؟ މައާލްގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ރާދިންގެ ލޮލުގައި އަޅައިގަތެވެ.

"މައާލް އަމިއްލައަށްތަ ކާނީ؟ މައާލްގެ އަތުގައިވެސް ވަރެއްނެތެއްނު. އަތްވެސް ތުރުތުރު އަޅާ އެބަ. ރަނގަޅުވީމަ އެކަނި ކާނީއޭ... މީ އެވަރުކަމެއް ނޫނެއްނު." ރާދިން ބުނެލިއެވެ. ރާދިންގެ އެ އޯގާތެރި ބަސްތަކުން މައާލް ކުޑަކޮށް ހަމައަކަށް އެޅުނެވެ. ސޭންޑްވިޗް ކެއުމުން ގެނައި މޭވާކޮޅު ވެސް ހުސްކުރަން ރާދިން އެދުނެވެ. އެހެންނަމަވެސް، އެކަމާ މައާލް އެއްބަސްނުވުމުން އޭނާ އެ ބަހައްޓާފައި ޖޫސްތަށި މައާލްއަތަށް ދިނެވެ. މައާލް ޖޫސްތަށި ހުސްކޮށްލުމުން ފެންދީފައި ރާދިން ބެޑް ޓޭބަލް ދުރަށް ޖައްސައިލިއެވެ. އެއަށްފަހު އޭނާ ޓިޝޫއެއް ނަގާ މައާލްގެ ތުމުގައި ހޭކިފައިހުރި އެއްޗެހި ސާފުކޮށްލަން އުޅުނެވެ. މައާލްގެ ތުންފަތުގައި ރާދިން ޓިޝޫކޮޅު ޖައްސައިލުމާއެކު މައާލްއަށް ރާދިންގެ އަތުގައި ހިފައްޓައިލެވުނީ ކުޑަކޮށް ސިހިފައެވެ.

"ކާއެއްޗެހި އުނގުޅިފައި ހުރީމަ. ސޮރީ..." ރާދިން އެހެން ބުނުމުން މައާލް ރާދިންގެ އަތުން ދޫކޮށްލިއެވެ. މައާލްގެ ދެލޮލަށް ބަލަން އިން ރާދިންއަށް މައާލްގެ ދެލޮލުން ނަޒަރު ވަކިކޮށްލުން މިފަހަރުވެސް ވީ އުނދަގޫކަމަކަށެވެ. އެ ދެލޮލުގައި އެ ހުންނަނީ ކޮންފަދަ މަހިނޫރެއްހެއްޔެވެ؟

ރާދިން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން މައާލްގެ އަނގަމަތީގައި ހޭކިފައިހުރި ހުރި ކާއެއްޗެހި ސާފުކޮށްދިނެވެ.

އެދުވަހު މެންދުރުވެސް މައާލްގެ ކައިރީގައި ހުރީ ރާދިންއެވެ. މުނީރު އައީ އަސުރަށް ގޮވަން ކައިރިވީފަހުންނެވެ. އައުމަށްފަހު އޭނާ ރާދިން ކައިރީގައި ބުނީ މައާލް ބޭރަށް ގެންދަން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުނުކަމުގައެވެ. މުނީރު އެވާހަކަ މައާލް ގެ ކައިރީގައި ބުނެލިއެވެ. އަދި ރާދިންއަށް ބަލާލާފައި އޭނާ ބުނުމުން މައާލް ގޮވައިގެން މިސްކިތަށް އައުމަށް ބުނެލިއެވެ. ރާދިން ބޯ ޖަހައިލުމުން މުނީރު އަނެއްކާވެސް ނުކުތީ ބޭރަށެވެ. އޭގެ ފަންސަވީހަކަށް މިނެޓް ފަހުން މުނީރު ރާދިންއަށް ގުޅާފައި މައާލް ގޮވައިގެން މިސްކިތަށް އައުމަށް އެދުމުން ރާދިން މައާލް ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ. މުނީރުގެ ފޯނު ކޯލެއް އެވަގުތު ރާދިންއަށް އަނެއްކާވެސް ލިބުނެވެ. އޭނާ ބުނީ ޝާކިރުމެންގެ ޑްރައިވަރު ތިރީގައި ހުންނާނެކަމުގައެވެ.

ފުރޮޅުލީ ގޮނޑީގައި އިން މައާލްގެ ލޮލުގައި އިންތިހާ ދަރަޖައިގެ ވޭނާ ކެކުޅުން ވިނަމަވެސް، އެ ދެލޮލުގައި މިވަގުތު ކަރުނައިގެ އެއްވެސް އަސަރެއް ނެތެވެ. ހީވަނީ ރޯންވެސް ހަނދާންނެތިފައިވާހެންނެވެ. ނުވަތަ ސިކުނޑި އަދިވެސް އެ ހަޤީގަތް ގަބޫލުކުރަން ދެކޮޅު ހަދަނީއެވެ.

މައާލް ކާރަށް އަރުވާފައި ގޮނޑި ޑިކީއަށް ލާފައި ރާދިން ގޮސް އިށީނީ ކުރީ ސީޓް ގައެވެ. ޑްރައިވަރު ކާރުދުއްވައިލިއެވެ. ގައިގަނޑަކަށް ފަނަރަ މިނެޓްގެ ދަތުރަކަށްފަހު، މިސްކިތާ ހިސާބަށް އާދެވުނެވެ. ޑްރައިވަރު ގޮނޑި ބައިލަދިނުމުން ރާދިން ގޮސް ދޮރުހުޅުވާލާގައި މައާލް ގޮނޑީގައި އިށީނުމަށް އެހީތެރިވެދިނެވެ. އެތަނަށް މުނީރުވެސް އައެވެ. އޭނާ މައާލްގެ ގޮނޑި ދުއްވައިލުމުން ރާދިން ހިނގައިގަތީ އެމީހުންގެ ފަހަތުންނެވެ. ޝާކިރާއި ފަހުމާއާއި ދެމީހުން ބާއްވާފައި އޮތް ތަނަށް ވަދެލި މައާލްގެ ނޭފަތުގައި ޖެހުނީ ހުދުކާފޫރުގެ ވަހެވެ. އެއާއެކު މައާލްގެ ސިކުނޑި މަސައްކަތްކުރަންފެށިއެވެ.

"މަންމަ! ބައްޕަ!" މައާލްއަށް އޭނާގެ ދުލުން އެ ލަފުޒުބޭރުކޮށްލެވުނެވެ. މުނީރު މައާލް ފަހަރަކު މީހެއްގެ ކައިރިއަށް ގެންދިޔައެވެ. މައާލްގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މައާލްއަށް ބަލަން ހުރި ރާދިންގެ ހިތުގައިވެސް ރިއްސަމުން ދިޔައެވެ. އޭނާ ފަހު ފަހަރަށް ރާދިއުއާ ކައިރިވެލާފައި ރާދިއުގެ މޫނަށް ބަލައިލިއެވެ. ދެން ރާދިއު ދުވަހަކުވެސް ނުފެންނާނެއޭ ހިތަށް އެރުމާއެކު އޭނާގެ ހިތްވެސް ހީވީ ކުދިކުދި ވިހެންނެވެ. މުނީރުވެސް ފަހު ފަހަރަށް އެ އެންމެންނާ ވަދާޢީ ސަލާމްކޮށްލިއެވެ. ރާދިއުގެ މޫނުއެޅީ ރާދިންއާއި މުނީރެވެ. ޝާކިރުގެ މޫނު އަޅާފައި ފަހުމާގެ މޫނު އެޅި ވަގުތު އެ ފޮތިކޮޅުގައި ހިފެއްޓި މައާލްއަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލްއެއް ނުކުރެއެވެ. އޭނާއަށް ބާރަށް ރޮވެން ފެށިއެވެ. މުނީރު ރާދިންއަށް އިޝާރާތްކޮށްލުމާއެކު ރާދިން މައާލް އެތަނުން ނެރިލިއެވެ. އިރުކޮޅަކުން މުނީރު އައިސް މައާލްގެ ކައިރީގައި މަޑުކޮށްލާފައި، މައާލްއަށް ނަސޭހަތް ދިނެވެ. އަދި އެ ދެމީހުންނަށް މައާލްގެ ދުޢާ މުހިންމު ވަރާއި، ކަށުނަމާދުގެ ވާހަކަ ބުނެލިއެވެ. މައާލް ރުއިން ކޮންޓްރޯލްކުރަމުން، އެތަނުން މީހެއްގެ އެހީތެރިކަމާއެކު ވުޟޫ ކުރަން ދިޔައެވެ.

ކަށުނަމާދުކޮށް ނިމިގެން މައާލް މިސްކިތުން ބޭރަށް ނުކުމެލީ މީހެއްގެ އެހީތެރިކަމާއެކުގައެވެ. މައާލްއަކީ އެ ދެމަފިރިންގެ ދަރިފުޅުކަން އެނގުމުން އެތަނުގައި ތިބި ބައެއް މީހުން އައިސް މައާލްއަށް ހިތްވަރު ދިނެވެ. އެ ތިން މީހުން ވަޅުލާފައި މުނީރުއާއި ރާދިންއާ މައާލް ކައިރިއަށް އައެވެ. އެއަށްފަހު މައާލް ގޮވައިގެން ކާރާ ދިމާލަށް ހިނގައިގަތެވެ.

"އަހަންނަށް ދެން ދުވަހަކުވެސް އެއިން މީހެއް ނުފެންނާނެ! ފަހު ފަހަރަށް މޫނުބަލައިލުމުގެ ނަސީބުވެސް ނުލިބުނު." އެ ދެމީހުންގެ ފިޔަވަޅުތައް ހުއްޓުނީ މައާލްގެ އަޑަށެވެ.

ކޮމެންޓް 0