"ތި ހީވީ ރަނގަޅަށް…" މުނީރު އެ ހިސާބަށް ބުނެފައި މަޑުޖެހިލުމާއެކު ރާދިންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.
ހިނދުކޮޅަކަށް ރާދިންގެ ބަސް ހުއްޓޭ ގޮތްވިއެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރެވުނުއިރު އެތަކެއް ޚިޔާލްތަކަކުން އޭނާގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ.
"މައާލްއަކީ ޝާކިރާއި ފަހުމާގެ ދަރިއެއް ނޫން. އެ ޑޮކިއުމެންޓްތަކުގައި އެވަނީ މައާލްގެ އަސްލު މައިންބަފައިންގެ މައުލޫމާތު…" މުނީރު ބުނެލިއެވެ.
"އެންމެ ކުރިން ފަށައިގެންވެސް ބައްޕައަށް މި ހަޤީގަތް އެނގޭތަ؟ އަދި މައާލްގެ މައިންފަބައިންނަކީ ކޮން ބައެއްކަންވެސް އެނގޭތަ؟ މައާލްއަށް އެއްވެސް އެއްޗެއް ނޭނގޭ…." ރާދިންއަށް ރެއިލިންގައި ހިފައްޓާލެވުނެވެ.
"ތީ އާއިލީ ބޮޑު ސިއްރެއް. ހަޤީގަތް އެނގޭ މަދުމީހުންގެ ތެރޭގައި ބައްޕަ ހިމެނޭ. ދަރިފުޅުގެ މަންމަގެ އިތުރުން ދެން ހަޤީގަތް އެނގޭނީ ޒާހިދުގެ އިތުރުން އާއިލާގެ ވަރަށް މަދު މީހަކަށް. މައާލްގެ މައިންބަފައިންގެ އިތުރުން ބައްޕަމެންވެސް މައާލް މި އާއިލާގެ ކުއްޖަކާ ކައިވެނި ކުރުވަން އުޅުނު އެންމެ ބޮޑު ސަބަބަކީ އެއީ… އެއްވެސް މީހަކު، ޚާއްސަކޮށް ފަހުމާއާއި ޝާކިރު ބޭނުމެއް ނުވި މައާލް އެމީހުންގެ ލޯމަތިން ގެއްލޭހާ ދުރަށް ދާކަށް. އެހެންވެ އެހާ ކުރިން މައާލްއާ ރާދިއުގެ ކައިވެނި ހަމަޖެއްސީ… ކައިވެނި ކުރުމުގެ ކުރިން ބައްޕަ ރާދިންއަށް ޙަޤީގަތް ކިޔައިދޭން ވެސް ބޭނުންވި. އެކަމަކު ނޭނގެ ކީއްވެކަމެއް. އެވާހަކަ އޮތީ ނުބުނެވިފަ. ބައްޕަ ހީކުރީ ކައިވެނި ކުރާ ވަގުތު ދެކުދިންނަށްވެސް އެކަމާ މެދުސުވާލު އުފެދޭނެކަމަށް. އޭގެފަހުން ރާދިންގެ ފަރާތުން ވެސް، އަދި މައާލްގެ ފަރާތުންވެސް ބައްޕައަށް އެކަމާ ގުޅިގެން ސުވާލެއް ނާންނާތީ ވަރަށް ހައިރާންވެފަ ހުރީ. ކައިވެނީގެ ވަގުތު ދެ ކުދިންގެ މޫނުމަތިންވެސް ނުތަނަވަސްކަން ފެނިގެން ދިޔަކަން އެނގޭ. ރާދިންއަށް އަބިގަބޫލުކޮށްފީމޭ ވެސް ބުނަން އެނގުނީ އެކަމަށް އިޝާރާތްކޮށްލީމަ ކަމަށްވީމަ ބައްޕައަށް ޔަޤީންވީ އެހާ ބޮޑު ސަމާލުކަމެއް ނުދޭކަން."
"ދެން ބައްޕަމެން ތިބީ ދުވަހަކުވެސް މައާލްއަށް އެ ހަޤީގަތް ނުކިޔައިދޭން ނިންމައިގެންތަ؟ ވެދާނެ އަޅުގަނޑެކޭ އެއްގޮތަށް މައާލްއަށް ވެސް އެކަމަށް ސަމާލުކަން ނުދެވުނީމަ ކީ އެއްޗެއް ނޭނގުނީ ކަމަށް. އެކަމަކު ބައްޕާ! އެރޭ މައާލްއަށް ހަޤީގަތް އެނގުނު ނަމަ ކިހިނެއްވާނީ؟ މައާލްއަށް ވެސް އޭނާގެ އަސްލު މަންމައާއި ބައްޕަ އެނގުމުގެ ހައްޤު އޮންނަން ވާނެއެއްނު…" ރާދިން އަށް ބުނެވުނެވެ. އޭނާގެ އަޑުން ހަމަ ހަޤީގަތުގައިވެސް ކަންބޮޑުވުމާއި ހާސްކަމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ. ބައްޕަމެން އެންމެން ތިބީ އުމުުރު ދުވަހު މައާލް އޮޅުމެއްގެ ތެރޭގައި ބަހައްޓަން ނިންމައިގެންހެއްޔެވެ؟ ހަޤީގަތް އެނގުމުގެ ޙައްޤު އެ އަންހެން ކުއްޖާއަށް ނުވަނީހެއްޔެވެ؟ އުމުރު ދުވަހު، ނޭނގުމެއްގެ ތެރޭގައި މައާލް ބެހެއްޓުމަކީ މައާލްއާ މެދު ވެވޭ ކޮންފަދަ ބޭއިންސާފެއްހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ޝަކުވާތަކާއި ރުއިމާއި ވޭން އެންމެ ގާތުން ފެންނަނީ އޭނާއަށެވެ. މައިންބަފައިންނަށްޓަކައި، އެހިތް ކަރުނަ އަޅާވަރު އެނގެނީ ހަމައެކަނި އޭނާއަށެވެ.
"ބައްޕައަށް އެނގޭ މިންވަރަކީ ފަހުމާއާއި ޝާކިރާ ދެމީހުންވެސް ތިބީ މައާލްއަށް ހަޤީގަތް ކިޔައިދޭންކަން. އުމުރު ދުވަހަށް އެކަން ސިއްރުކުރުމަކީ އެމީހުން ބޭނުންވި ގޮތެއް ނޫންކަން ބައްޕައަށް އެނގެނީ…" ރާދިންގެ އެ ހާސްކަމާއި ކަންބޮޑުވުން މުނީރަށް ފަހުމްވެސް ވެއެވެ. އެހެންނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އެއީ އޭނާގެ އަތުގައި އޮތް ބާރެއް ނޫނިއްޔާއެވެ.
"ދެން އެމީހުން ނިޔާވީމަވެސް ކީއްވެ ބައްޕަ އެކަން ސިއްރުކުރީ… ބައްޕައަށް މައާލްގެ އަސްލު މަންމައާއި ބައްޕަ އެނގެންޔާ ކީއްވެގެން ފަހުންވެސް ސިއްރުކުރީ…" ރުންކުރުވި ރާދިން އެހެން ބުނީ ވިސްނާލުމެއް ނެތިއެވެ.
"ރާދިންއަށް ހީވޭތަ އެ ހާދިސާއިން މައާލްއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ ގެއްލުމުން އަރައި ނުގަނެވި އުޅެނިކޮށް އެ ހަޤީގަތް އޭރު ހާމަކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް. ބައްޕައަށް ކިހިނެއް ގޮސް ހަޤީގަތް ހާމަކުރަން ކެރޭނީ…" މުނީރު އެހެން ބުނުމުން ރާދިންއަށް ވިސްނައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް ފެންނަ ގޮތް ރާދިން ހާމަކޮށްލިއެވެ.
"ޤަބޫލުކުރަން އެއީ އެންމެ ރަނގަޅު ޙާލަތަށް ނުވެދާނެކަމަށް. އެކަމަކު ބައްޕާ! މިހާރު ކީއްވެ އެ ވާހަކަ ނުބުނެވެންވީ. ފަހުން ބުންޏަސް މައާލްގެ ރިއެކްޝަން ވާނީ ހަމަ އެއްގޮތް. ކޮންމެ ގޮތެއް ވިޔަސް މައާލް ކުރިމަތިލާންޖެހޭ ހަޤީގަތެއް އެއީ. ކިތަންމެ ވަރަކަށް އެ ހިތް ހަލާކުކޮށްލަން ބޭނުން ނުވިޔަސް، އެ ހަޤީގަތް ކިޔައިދޭން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ… އެމޯޝަނަލީ، މެންޓަލީ މައާލް ވީކް ވާނެކަން އެނގޭ…. އެކަމަކު އަޅުގަނޑު ޔަޤީންކަން ދެން، މައާލް އެކަންޏެއް ނުކުރާނަން. އެ ހުރިހާކަމަކާ މައާލް ކުރިމަތިލާއިރު އެންމެ ކައިރީގައި ހުންނާނަން… އަޅުގަނޑަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް މައާލްއަށްޓަކައި ކޮށްދޭނަން." ބޭއިޚްތިޔާރުގައި އެ ހުރިހާ އެއްޗެއް ރާދިންއަށް ބުނެވުނުނަމަވެސް، އޭރު އޭނާއަށް ނޭނގުނީ ހަމަ ހަޤީގަތުގައިވެސް އެއީ އޭނާގެ ހިތުގެ އަޑުކަމުގައެވެ. އެއީ އެ ހިތުގެ އެދުންކަމުގައެވެ. މައާލްއަށްޓަކައި އެ ހިތުގައިވާ އިޙްސާސްތަކާއި ޖަޒުބާތުތައް ބޮއްސުންލަމުން ދިޔަކަމެވެ. މައާލްއަށް ކުޑަވެސް ދެރައެއް ލިބެން ނޭނދޭ ސަބަބަކީވެސް އެހިތުގައިވާ އިޙްސާސްތަކެވެ.
ރާދިންގެ ވާހަކަތަކުން މުނީރުގެ ހިތަށްފިނިކަން ލިބިގެން ހިނގައްޖެއެވެ. ރާދިންގެ ހިތުގައި މައާލްއާ މެދު ފުން އިޙްސާސްތަކެއް ވާކަމުގައި އޭނާގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ރާދިންގެ މޫނުމަތިން ހަމަ ހަޤީގަތުގައިވެސް އޭނާއަށް ފެންނަނީ މައާލްއަށްޓަކައި ކަންބޮޑުވެފައިވާފަދަ އަސަރުތަކެކެވެ. މައާލްއަށްޓަކައި ވިސްނާ ވަރާއި އެ ހިތުގައިވާ އިޙްސާސްތަކުގެ ފުންކަމެވެ. އެ ސިފަތަކަކީ މީގެ ކުރިން ރާދިންގެ ފަރާތުން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ސިފަތަކެއް ނޫނެވެ. ރާދިން މައާލްއާ ކައިވެނިކުރީ، މަޖުބޫރުވެގެން ނަމަވެސް، މިއަދު ރާދިންގެ ފުށުން އެ ފެންނަ އަމަލުތަކުން ޔަޤީންކޮށްދެނީ މައާލްއާ މެދު އެ ހިތުގައި ވަނީ ޙަމްދަރުދީ އެކަނި ނޫންކަމެވެ. އެހެންނަމަވެސް، މައާލްއާ މެދު ރާދިންގެ ހިތުގައި ލޯބީގެ ހުޅުކޮޅެއް ރޯވެ ހެދެމުން ދާކަމުގައެވެ. ކުރީގެ ރާދިންއާ މިހާރު އޭނާއަށް ފެންނަމުންދާ ރާދިން ތަފާތެވެ. މުނީރުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭ އިޚްތިޔާރުގައެވެ. ރާދިންގެ ބޯ ހަރުކަމާއި، ގޮތް ދޫނުކުރާ މިޒާުގެ ސަބަބުން އޭނާ ހީކޮށްގެން ހުރީ، މައާލްފަދަ އަންހެން ކުއްޖަކަށްވެސް ރާދިންގެ ވިސްނުން އަނބުރާލުން ވާނީ އުނދަގޫކަމަކަށް ކަމުގައެވެ. އެހެންނަމަވެސް އޭނާ ހީކުރި ވަރަށް ވުރެ އަވަހަށް ރާދިންގެ ފަރާތުން އުންމީދުކުރި ސިފަތައް ފެންނަން ފަށައިފިއެވެ.
"ބައްޕަ ކީއްވެތޯ އެއްޗެއް ނުބުނެ ތި ހުންނަވަނީ؟" ވިސްނަން ހުރި މުނީރަށް ބަލައިލުމަށްފަހު، ރާދިންއަށް ބުނެވުނެވެ. އޭނާ އެހާ ސީރިއަސް ވާހަކައެއް ދައްކަމުން ދިޔައިރު މުނީރު އެހާ ހަމަޖެހިފައި ހުރުމުން ރާދިން ހައިރާންވީއެވެ.
"ރާދިން ތި ދެއްކީ ހަމަ ރަނގަޅު ވާހަކަތަކެކޭ… އެކަމަކު އޭގެ ކުރިން ޖެހޭނެ މައާލްގެ ބައްޕައާ ވެސް ވާހަކަ ދައްކަން. ބައްޕައަކަށް ވެސް ނޭނގެ ޝާކިރުއާއި އޭނާއާ ދެމެދު ދެކެވުނު ވާހަކައެއް. ހަމަ ގައިމުވެސް ބައްޕައަކަށް އެ ހަޤީގަތް ހާމައެއް ނުކުރެވޭނެ. އެއީ ފަހުމާއާއި ޝާކިރުގެ ވަސިއްޔަތަކަށް ވާތީ. ހަމައެކަނި އެކަން ކުރެވޭނެ މީހަކަށް މިހާރު ހުރީ މައާލްގެ އަސްލު ބައްޕަ… "
"ތި ބުނުއްވަނީ އޭނަ އާ ވާހަކަ ދެއްކުމުގެ ކުރިން ހަޤީގަތް ހާމަކުރާކަށް ނުކެރޭނެއޭތޯ؟ ބަައްޕަށް އެނގިލައްވައެއްނު މައާލްގެ މަންމައާއި ބައްޕަ ވީތަނެއް. އެހެންވިއްޔާ އެމީހުން ގެންނަންވީނު…"
"ބައްޕައަށް ވާހަކަ ދެއްކިދާނެ! އެކަމަކު އޭގެ ކުރިން ބައްޕަ ވެސް ބޭނުން ރާދިންއާ އަދި އިތުރު ކަމެއް ހިއްސާކޮށްލަން…" މުނީިރުގެ އަޑުގައިވާ ސީރިއަސްކަމުން ރާދިންގެ ހިތް އަނެއްކާވެސް ތެޅިލިއެވެ. ހުރިހާ ސަމާލުކަމެއް މުނީރަށް ހުއްޓާލަމުން ރާދިން އޭނާގެ ބައްޕައަށް ބަލައިލީ އެ ބުނަން އުޅެނީ ބޮޑު ވާހަކައެއްކަން އޭނާއަށް އެނގޭތީއާ ވެސް އެކުގައެވެ. ރާދިންއަށް ފުން ނަޒަރަކުން ބަލައިލުމާއެކު، މުނީރު ހާމަކޮށްލި ވާހަކައަކުން ރާދިން އަށް އަނެއްކާވެސް ޝޮކެއް ލިބިގެން ދިޔައެވެ. ހަޤީގަތް އެނގެމުން ދިޔަ ވަރަކަށް ރާދިންގެ ބޮލަށް ލިބެމުން ދިޔައީ ބަރުކަމެވެ. އިރުކޮޅަކު ހުރުމަށްފަހު، ރާދިން ވާހަކަ ދައްކަން ފެށިއެވެ.
"ބައްޕާ! ޒާހިދު އަކީ އަސްލު ކޮންކަހަލަ މީހެއް؟" ކުއްލިއަކަށް ރާދިންގެ ވާހަކައިގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ދިޔުމުން މުނީރަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
"ކިހިނެއްވީ އަނެއްކާ؟ އޮފީސްކަމެއްތަ؟" މުނީރަށް ސުވާލުކޮށްލެވުނެވެ.
"ދެން އެކަހަލަ ކަމެއް… ބައްޕަ ބުނެދެއްވަބަަލަ!. އޭރުއްސުރެ ޒާހިދު އެނގެންޏާ ބައްޕައަށް ވެސް އެނގޭނެއެއްނު އެއީ ކޮން ކަހަލަ މީހެއްކަން. "ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ޒާހިދަކީ ވަރަށް ރަނގަޅު މީހެއް. ޝާކިރު އެންމެ އިތުބާރުކުރި މީހަކީ އެއީ… ކުންފުނީގެ އެއްވެސް ކަމެއް ޝާކިރު ޒާހިދަށް ސިއްރެއް ނުކުރާނެ. ޒާހިދަކީ ކުރާ ކޮންމެ ކަމެއް ފަރުވާތެރިކަމާއެކު ކުރާ، ވިސްނޭ ޤާބިލް މީހެއް. ކުންފުންޏަށް ގެއްލުން ދޭނެ މީހެއް ނޫން އެއީ… ރާދިން ކުރާކަމަކަށް ޒާހިދު އެއްޗެކޭ ބުނީތަ؟ އޭނަގެ ތަޖުރިބާ ހުންނާނެ، ދުރުވިސްނޭނެ. އޭނަ އެއްޗެއް ބުނެފިއްޔާ ވިސްނާލުން ބުއްދިވެރިވާނެ." މުނީރު ހީކުރީ ވިޔަފާރީގައި ކަމެއް ދިމާވީކަމުގައެވެ.
"އެހާ ވަރަށް އެއްވެސް މީހަކަށް އިތުބާރުކުރަން ވާނެތަ؟"
"ކީކޭ؟" ހިތުން ބުނެވުނު އެތި ދުލުން ބޭރުކޮށްލެވުނުކަން ރާދިންއަށް ރޭކާލީ ވެސް މުނީރު އެހެން އަހާލުމާއެކުގައެވެ. ރާދިން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލި ނަމަވެސް، މުނީރަށް ކޮންމެވެސް ކަމެއްވެއްޖެކަން ދެނެގަނެވުނެވެ.
"ދަރިފުޅު ނުބުނަންޏާ ބައްޕަ ދެން ޖެހޭނީ ޒާހިދު ކައިރީގައި އަހަން." މުނީރު ބުނެލިއެވެ.
"އެއީ ލިޔުންތަކެއް ފެނުނީމަ އަހާލީ…"
"ކޮން ކަހަލަ ލިޔުންތަކެއް؟" މުނީރަށް ސުވާލުކޮށްލެވުނެވެ. މުނީރު ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އެންމެ ފަހުން ރާދިންއަށް މަޖުބޫރުވީ ބުނާށެވެ.
"ޝާކިރު އަންކަލް އޮތީ ކުންފުނީގެ ފައިސާ އާ ގުޅޭ ހުރިހާކަމެއްގެ ކޮންޓްރޯލް ޒާހިދުއަށް ދީފައި އަނެއްހެން ބުނަންޏާ ބޭނުން ވަގުތަކު ބޭނުން އިރަކު ފައިސާ ނެގޭގޮތަށް." ރާދިން ހާމަކޮށްލި ހަޤީގަތަކީ މުނީރަށް ވެސް ނޭނގޭ ކަމެއްކަމުން ވެރިވި ހައިރާންކަން އޭނާގެ މޫނުމަތިން ފެންނަން ފެށިއެވެ. އެ އަސަރުތަކުން ރާދިންއަށް ޔަޤީންވީ މުނީރަށް ވެސް އެކަން ނޭނގޭ ކަމުގައެވެ.
"ބައްޕައަށް ވެސް އެނގިއެއް ނުލައްވާތޯ؟" ރާދިން ސުވާލުކޮށްލީ ޔަޤީންކޮށްލުމުގެ ނިޔަތުގައެވެ.
"އާނ. ތީ ބައްޕައަށް އެނގޭކަމެއް ނޫން. އަނެއްކާ ތިކަމާ މެދު ޒުވާބެއް ކުރީތަ؟" މުނީރަށް ސުވާލުކޮށްލެވުނެވެ.
"ނޫން. އެހެންނެއް ނޫން. އެ އެއްޗެހި ފެނުނީމަ ހަމަ ހައިރާންވީ…" ރާދިން ބުނެލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކުތައް އެވަގުތު މުނީރާ ހިއްސާކުރާކަށް ރާދިން ބޭނުމެއް ނުވެއެވެ. ޒާހިދަކީ އެ ހަޤީގަތް އެނގޭ މަދު މީހުންގެ ތެރެއިން އެކަކަށްވުމާއި، ޒާހިދު ކޮންމެ މަހަކު ކުންފުނީގެ އެކައުންޓުން ލާރި ނަގަމުންދާތީ ރާދިންގެ ޝައްކުގެ އިނގިލި ދިއްކުރެވެނީ ހަމައެކަނި ޒާހިދާ ދިމާލަށެެވެ. ދެންމެ ބައްޕައާ ދެކެވުނު ވާހަކަތަކުންނާއި ޚުދު އެ އެގްރީމެންޓްގެ ވާހަކަ މުނީރަށްވެސް ނޭނގޭތީ ރާދިން ނިންމީ ޒާހިދު، ޝާކިރު ބްލެކްމެއިކްކުރީ ކަމުގައެވެ.
"ބައްޕަ ބުނަންތަ ވާހަކައެއް."
މުނީރުގެ އެ ވާހަކައަށް ރާދިން ބޯ ޖަހައިލިއެވެ.
"ބައްޕައަށް ފެންނަ ގޮތްމީ… ވެދާނެ ޝާކިރު ރާއްޖޭން ބޭރުގައި ހުންނާތީ ނިންމި ނިންމުމެއްކަމަށްވެސް." ރާދިންއަށް ލިބުނީ ހަބީބުގެ ފަރާތުންވެސް އޭނާއަށް ލިބުނު ޖަވާބެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ހިނިތުންވެލިއެވެ.
"ކިިހިނެއްވީ؟ ދަރިފުޅު އެއްޗެއް ނުބުނީ…" މުނީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ނުވޭ ކަމެއް ބައްޕާ! އެކަމަކު ހިތަށް އަރަނީ އެއްވެސް މީހަކަށް އެހާ އިތުބާރުކުރަން ވާނެބާއޭ… ކިހިނެއް އިނގެނީ ކޮން އިރަކު ކިހިނެއްކަމެއް ގަޔަށް ކަށި ޖަހާނީ. ގިނަ ފަހަރަށް ވިހަލަނީވެސް އެންމެ ކައިރީގައި އުޅޭ މީހުން، އެންމެ ހީނުކުރާ މީހުން. އެހެންވީމަ …" ރާދިން ދުރުބަލަިއލިއެވެ.
"ތީ ތެދެއް ދަރިފުޅާ! އެކަމަކު ޝާކިރަކީ ވިސްނާނުލާ އެކަހަލަ ނިންމުމެއް ނިންމާނެ މީހެއް ނޫން. އެ ނިންމުމުގެ ފަހަތުގައި ކުރިން ބުނި ފަދަ ސަބަބެއް ވާނެ!. އެއީ ޝާކިރު އެއްދުވަހު ބައްޕަ ކައިރީގައި ބުނި ހަނދާނެއްވޭ އެކޮޅުގައި ހުންނާތީ ބައެއް ފަހަރު ކަންތައްތަކަށް ދަތިވާ ވާހަކަ! އަނެއްކާ އެހާ ބައިވަރު ފައިސާގެ މުއާމަލާތެއް ހިނގަންޏާ ކޮންމެ ފަހަރަކު ޝާކިރު ޖެހެނީ މިކޮޅަށް އަންނަން.... ޒާހިދު ކުންފުންޏަށް ގެއްލުން ދީފާނެތީތަ ދަރިފުޅު ކަންބޮޑުވަނީ؟" މުނީރު ސުވާލުކޮށްލުމާއެކު، ރާދިން ބޯ ޖަހައިލިއެެވެ.
"މި ވީހާތަނަކަށް ނެތެއްނު ގެއްލުން ވެފައެއް. ދެން ވިސްނާލަބަލަ! ހަޤީގަތުގައި އެހާ ބޮޑު ބާރެއް އޭނަ އަތުގަ އޮތްއިރު ވެސް، ޝާކިރުމެން ނިޔާވީމަ އެކަމުގެ ނާޖާއިޒް ފައިދާއެއް އޭނަ ނުނަގައެއްނު. އެންމެ ފުރަތަމަވެސް ކަންކުރީ ޝާކިރު ބުނި ގޮތަށް. އެއްވެސް ފޮރުވުމެއްނެތި ހުރިހާ މުދަލައް މައާލްގެ ނަން މައްޗަށް ބަދަލުކޮށްދިނީ. އެހާ މަކަރުވެރި މީހެއްނަމަ އެގޮތަކަށް ކަންތަކެއް ނުކުރާނެހެން ބައްޕައަށް ހީވަނީ…" މުނީރު އެހެން ބުނުމާއެކު ރާދިންއަށް ވިސްނައިލެވުނެވެ. އެ ހުރިހާކަމަމުން ފެންނަން ހުރީ ޒާހިދުގެ ތެދުވެރިކަމެވެ. އެހެންނަމަވެސް، އެގޮތަށް ކުންފުނީގެ އެކައުންޓުން ފައިސާ ނެގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޒާހިދު ހީކުރީ މުދާތައް މައާލްގެ ނަން މައްޗަށް ބަދަލުކޮށްފައި އެކަކަށްވެސް ނޭނގޭ ގޮތަށް ފައިސާ ނަގަ ނަގާ ހުރެވިދާނެކަމަށްހެއްޔެވެ؟.
"ބައްޕަ ނަމަވެސް ވިސްނޭނެކަމެއްތީ… ބައްޕައަށް ފެންނަނީ ޒާހިދާ ވަކިން ވާހަކަ ދައްކާލަން. މިހާރު ދެން ކުންފުނީގެ ކަންތައްތައް ބަލަން މިކޮޅުގައި ރާދިން ހުންނާނެއެއްނު. ރާދިންއަށް ނުކެރެންޏާ ބައްޕަވެސް ވާހަކަ ދައްކާލަފާނަން." މުނީރު ބުނެލިއެވެ.
"ނޫނޭ ބައްޕާ! އެކަމާ އަޅުގަނޑު އުޅޭނަން…" ރާދިން ބުނެލިއެވެ. ރާދިންގެ ހަރުދަނާކަމާއި އެ ސިފަތައް ފެނި މުނީރުގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. އެއީ ކުރީގެ ރާދިން ނަމަ އެފަދަ އެއްވެސް ކަމަކުން ރާދިންއަށް އުނދަގުލެއް ނުވީސްއެވެ.
"އެހެންވީމަ ބައްޕަ އެކަމާ ނޫޅޭނަން. ރާދިން އަމިއްލައަށް ޑީލްކުރާނީ… އެކަމަކު ވާނުވާ ބައްޕައަށް އަންގަންވާނެ! އަދި ދަރިފުޅަށް ނުވަންޏާ ބައްޕަ ހުންނާނަން ވީވަރަކުން އެހީވެދޭނަން." މުނީރު ރާދިންގެ ކޮނޑުގައި އަތް ޖައްސާލުމާއެކު ރާދިން ހިނިތުންވެލިއެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މުނީރު އޭނާ ގެއަށް ދާން ވެއްޖެކަމުގައި ބުނެލިއެވެ. އެއާއެކު މުނީރާއެކު ރާދިންވެސް ތިރިއަށް އައެވެ. އޭރުވެސް މައާލް ސޯފާގައި އިނެވެ. އޭނާގެ ކައިރީގައި އޭވާ ވެސް ވާހަކައެއްގައި އިނެވެ. އެމީހުން ފެނުމާއެކު، އޭވާ މައާލްގެ ގާތުގައި އެވާހަކަ ބުނެލިއެވެ.
"ބައްޕަ ދަނީތަ؟ އެއްވެސް އެއްޗެއް ނުވެސް ކައި…" މައާލް ބުނެލިއެވެ.
"އެެހެން ފަހަރަކުން ދެން. ދަނީ އިނގޭ…" އެހެން ބުނެލާފައި ޑްރައިވަރަށް ގުޅާލާފައި މުނީރު ނުކުންނަން ދިޔައެވެ. މުނީރާއެކު ރާދިންވެސް ބޭރަށް ނުކުމެލިއެވެ. މުނީރު ދިޔުމާއެކު ރާދިން އެތެރެއަށް ވަނެވެ. އޭރު މައާލް ހުރީ ސޯފާތަކުގެ ކައިރީގައި ކޮޅަށެވެ.
"މައާލް!..." ރާދިންގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ އަސަރެއް ވެއެވެ. އޭނާގެ ހަނދާންނަށް އަންނަން ފެށީ ދެންމެ އޭނާއާއި މުނީރާ ދެކެވުނު ވާހަކަތަކެވެ. އެއާއެކު އޭނާއަށް ކެތް ނުކުރެވުނެވެ. މައާލް އޭނާގެ އަތު ތެރެއަށް ގެނެސް ހައްޔަރުކޮށްލުމަށް އެދި އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. އެހިތުގެ އެދުމަށް އިޖާބަ ދިނުމާއެކު ރާދިން ގޮސް މައާލްގެ ގައިގައި ބައްދާލިއެވެ.