ގެއަށް ގޮސް ވަނުމަށްފަހު، ކޮޓަރިއާ ހިސާބަށް ވެސް ދިޔައީ ދުވެފައެވެ. ދޮރުފަތް ހުޅުވާލިއިރުވެސް މައާލް އޮތީ ނިދާފައެވެ. އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ކަހާލުމަށްފަހު، ތަޅުލާފައި އިން ވަތްގަނޑުވެސް އޭނާ ހުޅުވާލިއެވެ. އެއަށްފަހު އޭގެން އޭނާ ނެގީ ސިޓީ އުރައެކެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ރާދިން އެ ސިޓީ އުރަ ހުޅުވައިލިއެވެ. އެއަށްފަހު އޭގެ ތެރެއިން އޭނާ ނެގީ މައާލްއާ އޭނާގެ ކައިވެނީގެ ސެޓްފިކެޓެވެ.
އޭގައި ލިޔެފައިވާ އެއްޗެއްސަށް ރަނގަޅަށް ބަލައިލުމާއެކު، ރާދިންގެ ލޮލުގައި އަޅައިގަތް އެއްޗަކުން އޭނާގެ ފައިދަށުން ބިންގަނޑުވެސް ހީވީ ދެމިގެން ދިޔަ ހެންނެވެ. އިރުކޮޅަކު ކައިވެނީގެ ސެޓްފިކެޓަށް ބަލަހައްޓައިގެން ރާދިންއަށް ހުރެވުނެވެ. އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާ އޭނާ މުނީރުއަށް ގުޅުމުގެ ބޭނުމުގައެވެ. މުނީރުގެ ނަންބަރަށް ޑައިލްކޮށްލި ނަމަވެސް، ފޯނެއް ނުނަގައެވެ. ސެޓްފިކެޓް ސިޓީ އުރައަށް ލަމުން އެ އެއްޗެހި އޮތްތަނުގައި ބާއްވަމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން އޭނާ ހިނގައިގަތީ ނިދިފައި އޮތް މައާލްއާ ދިމާލަށެވެ.
މައާލްއާ ދާދި ކައިރިއަށް ހުއްޓުމަށްފަހު ރާދިން، އެ މައުސޫމް މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެމޫނުމަތިން އޭނާއަށް ފެންނަނީ ހަމަޖެހުމެވެ. އޭނާއެކޭ އެއްގޮތަށް މައާލްއަށް އެ ހަޤީގަތްވެސް ނޭނގެނީކަން އެވަގުތު އޭނާގެ ހިތަށް އިލްޙާމުވެގެން ދިޔައެވެ. އޭނާ އެންމެ ބޮޑަށް ހައިރާންވީ ކައިވެނި ކުރި ދުވަހުވެސް މައާލްއަށް ނޭނގެނީއޭ ހިތާއެވެ. އިތުރަށް ވިސްނި ވަރަކަށް ރާދިންގެ ސިކުނޑިއަށް ބާރުބޮޑުވެ ނާރުތަކަށް ވާންވާން ފެށިއެވެ. އެނދުގައި އޮށޯވެލުމާއެކު އޭނާ މައާލްއަށް ބަލައިލިއެވެ. އެމޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކޮށްލިތަނާ މައާލް އެއްފިޔަތަށް ތަޅުވައިލުމާއެކު ރާދިން އަވަސް އަވަހަށް އަތް ދުރުކޮށްލިނަމަވެސް، މައާލްއަށް ހޭލެވިއްޖެއެވެ.
"ރާދިން!" މައާލްގެ އަޑުގައި ނިދީގެ އަސަރުވެއެވެ.
"ހޫމް!."
"ހޭލާތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.
"ހޫމް!" ވިސްނުންތަކުން ސިކުނޑި ފުނިޖެހިފައިވާ ރާދިންއަށް މިފަހަރުވެސް ދެވުނީ ކުރު ޖަވާބެކެވެ.
"ކިހިނެއްވީ؟ ކަމަކާ އަނެއްކާ ކަންބޮޑުވެފަތަ؟" ރާދިންގެ އަޑުން މައާލްއަށް ދެނެގަނެވުނު މާޔޫސްކަމުގެ އަަސަރާއެކު އޭނާއަށް ސުވާލުކޮށްލެވުނެވެ.
"އުހުމް…" ތެދު ހާމަކުރާކަށް ރާދިން ބޭނުމެއް ނުވިއެވެ. މައާލްއަށް ދޮގެއް ހަދައިލީ އެހެންވެގެންނެވެ. ކުޑަކޮށް ތެދުވެލާ ހެޑްބޯޑުގައި ލެނގިިލި މައާލް ވާހަކަ ދެއްކިއެވެ.
"ނުނިދަނީތަ މިރޭ އެއްވެސް ވަރަކަށް." ރާދިންގެ އަޑުން ނިދީގެ އެއްވެސް އަސަރެއް ފާޅުވާން ނެތުމާއެކު މައާލްއަށް ސުވާލުކޮށްލެވުނެވެ.
"ނުނިދިގެން މިއުޅެނީ… މައާލް ނިދާލަބަ…" ރާދިން ބުނެލިއެވެ.
"ކަމެއް ވީމައެއްނު ނުނިދޭނީ.. އަނެއްކާ އޮފީސްކަމެއްތަ؟" މައާލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އެކަހަލަ ކަމެއް. ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ…" ރާދިން އެންމެ ފަހުން ބުނެލިއެވެ.
"އެހެންތަ؟ މަސާޖެއް ކޮށްދެންތަ؟"
"ނޫނޭ! އެ އޯކޭ ވާނެ! މައާލްވެސް ނިދާލަބަ." ރާދިން ބުނެލިއެވެ.
"އޮށޯވެބަލަ އަހަރެންގެ އުނގުމަތީ…." ރާދިންގެ ވާހަކައަށް ޖަވާބު ދިނުމެއްނެތި މައާލް ބުނެލިއެވެ. ރާދިން އެކަމާ ދެކޮޅު ހެދިނަމަވެސް، މައާލް ކުރުނުކޮށް ކިޔަން ފެށުމުން، އެންމެ ފަހުން ރާދިން އެއްބަސްވިއެވެ. އޭނާ މައާލްގެ އުނގުމަތީ ބޯ އަޅައިލުމުން މައަލް ރާދިން ގެ އިސްތަށިގަނޑުގައި އަތް ހިންގަން ފެށިއެވެ. ނިތްކުރިމަތީގައި ކުޑަކޮށް އަތުގެ އިނގިލުން ބާރުކޮށްލާ ގޮތުން ބޮލުގެ ރިހުމަށްވެސް ކުޑަކޮށް ލުއި ލިބޭހެން ރާދިންއަށް ހީވިއެވެ. ލޯ މަރާލައިގެން އިރުކޮޅަކު އޮތުމަށްފަހު، ރާދިން ލޯ ހުޅުވާލާ މައާލްއަށް ބަލައިލިއެވެ. އެ މޫނުމަތިން ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވަމުން ދިޔައެވެ. ކުޑަ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލުމާއެކު ރާދިން އަނެއްކާވެސް ދެލޯ މަަރައިލިއެވެ. މައާލްގެ އަތުގެ ހަރަކާތްތަކަށް ހުއްޓުމެއް އައިހެން ހީވުމާއެކު ރާދިން އަނެއްކާވެސް ލޯ ހުޅުވާލިއެވެ. ތާއްޔާ ޖެހިޖެހި އިން މައާލް ފެނުމާއެކު ރާދިންގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. އޭނާ މަޑުމަޑުން ތެެދުވެލާ މައާލް އެނދުގައި ބާއްވާލާފައި ރަޖާ އަޅައިލިއެވެ. އެއަށްފަހު އޭނާ ވެސް އޮށޯވެލިއެވެ.
މައާލްއާ މެދު ވިސްނައިލަން އެ ހިތް އޭނާއަށް މަޖުބޫރުކުރުވަމުން ދިޔައެވެ. މައާލްއަށް ދެރައެއް ނުދޭން އޭނާގެ ހިތް އޭނާގެ ގާތު ބުނަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް މައާލްއާ ސަޖާއާ ދެމެދު ރާދިންއަށް އެފަދަ ގޮތަކަށް އަޅާކިޔެން ފެށުނެވެ. މައާލްގެ ފަރާތުން އޭނާއަށް ކަމުނުދާ ގޮސް ސިފައެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، ސަޖާގެ ފަރާތުން އޭނާއަށް އެފަދަ އެތަކެއް ސިފަތަކެއް ފެނިފައިވެއެވެ. މީގެ ކުރިން އެތަކެއް ބައެއްގެ ފަރާތުން ވެސް ރާދިންއަށް ސަޖާގެ ގޯސް ވާހަކަތައް އިވިފައިވެއެވެ. އެފަދަ ވިސްނުންތަކެއްގައި ރާދިންއަށް އެތަކެއް އިރަކު ވިސްނަން އޮވެވުނެވެ.
ޖެހިގެން އައި ދުވަހު ރާދިން މުނީރަށް ގުޅަން އުޅުނުނަނަވެސް، ފޯނު ނިއްވާލާފައިވާތީ ގުޅޭ ގޮތެއް ނުވިއެވެ. ފޫހިވެފައި ހުރިވަރުން އޭނާ އޮފީހަށް ވެސް ނުދެއެވެ. އެދުވަހު ރާދިން ވިސްނީ ޒާހިދާ މެދުގައެވެ. ޒާހިދު ކުންފުނީގެ އެކައުންޓުން އެހާ ބައިވަރު ފައިސާތަކެއް ނަގަނީ ކީއްވެގެންކަން އެނގެން ރާދިން ހުރީ އިންތިހާ ބޭނުންވެފައިވެއެވެ. އޭނާއަށް ވުރެ ޒާހިދުގެ ބާރު އަދިވެސް އެ ކުންފުނީގައި ގަދަކަން ރާދިންއަށް އެނގެއެވެ. ކުންފުނީގެ ފައިސާގެ މުއާމަލާތުތަކުގައި ވެސް ހިނގަނީ ޒާހިދުގެ ބާރެވެ. އެ ހުރިހާ ވާހަކައެއް މައާލްގެ ކައިރީގައި ބުނާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެކަމާ އޭނާ ބޭނުންވަނީ އެންމެ ފުރަތަމަވެސް މުނީރާ މަޝްވަރާކުރާށެވެ. އަދި ޚާއްސަކޮށް އެނގުނު ހަޤީގަތެއްގެ ސަބަބުންވެސް ރާދިންގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ.
ޓެރެސްގައި އިން ރާދިންގެ ވިސްނުންތައް އެކި ކަންކަމާ ގުޅެން ފެށިއެވެ. އެއާއެކު ކުއްލިއަކަށް ހިތަށް ވެރިވި ޚިޔާލާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެއަށްފަހު އެދިޔަ ބާރުމިނުގައި ދިޔައީ ތިރިއަށެވެ.
"މައާލް ކައިރީގައި ބުނޭ އަހަރެން އޮފީހަށް ދިޔަ ވާހަކަ!" އެވަގުތު ބޮޑުކޮޓަރީގައި ޓީވީ ހަރު ސާފުކުރަން ހުރި ނޯކަރު ކުއްޖާއަށް ބަލައިލުމާއެކު ރާދިން ބުނެލިއެވެ. އެއަށްފަހު، އެ ދިޔަ ބާރުމިނުގައި ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.
ރާދިން އޮފީހަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ލިފްޓުން މައްޗަށް އެރިއެވެ. އޭނާ ދިޔައީ ޒާހިދުގެ ކެބިންއަށެވެ. އޭރު ޒާހިދު އިނީ ފޯނެއްގައެވެ. ރާދިން ފެނުމާއެކު ފޯނު ބާއްވަމުން ޒާހިދު ތެދުވެލިއެވެ.
"ރާދިން!" ޒާހިދުއަށް ހައިރާންކަމެއް ލިބުނެވެ. މިއަދު ރާދިން އޮފީހަށް ނާންނަކަން އޭނާއަށް އެނގެއެވެ. ރާދިން ހުރި ކެޝުއަލްގޮތުން އެއައީ ރަސްމީ ބޭނުމެއްގައި ނޫންކަން ޒާހިދަށް ނަގައިގަނެވުނެވެ.
"އަހަންނަށް އެނގޭ ރާދިން އަހަންނާ ވާހަކަ ދައްކަން…"
"އެއީތަ ޒާހިދު ފައިސާ ހޯދަން ބޭނުންކުރާ ހަޤީގަތަކީ؟" ރާދިންއަށް ރުޅިވެރިކަމާއެކު ސުވާލުކޮށްލީ ޒާހިދުގެ ބަސްތައް ވެސް ފުރިހަމަކުރަން ފުރުސަތެއް ދިނުމެއްނެތިއެވެ.
"ކީކޭ؟…" ރާދިންގެ އަޑުން އަދިވެސް ފާޅުވަނީ ނަފްރަތާއި ރުޅިވެރިކަން ކަމުން ޒާހިދަށް ބުނެވުނެވެ.
"ތި އަޑު އިވުނީ ރަނގަޅަށް. ޒާހިދަށް އެ ހަޤީގަތް އެނގޭތީ އެކަމުގެ ބޭނުންކޮށްގެން ދޯ އޭ މައާލްގެ ބައްޕައަށް ބިރުދެއްކީ. އަދި ކުންފުނީގެ ބައެއް ބާރުތައް ވެސް ހޯދީ… މިހާރު ސާފުވެއްޖެ!"
"ރާދިން! ތި ވިސްނެނީ އަދި މުޅިން ރަނގަޅަކަށެއް ނޫން. ތީ އަދި އެއްބައި… އަހަރެން…" ޒާހިދަށް އޭނާގެ ޖުމްލަ ފުރިހަމަކުރުމުގެ ފުރުސަތު ރާދިން މިފަހަރުވެސް ނުދިނެވެ.
"އަހަރެން ހަޤީގަތާ ހިސާބަށް ވާސިލްވާނަން." ރާދިން ބުނެލިއެވެ. އެއަށްފަހު އޭނާ އެތަނުން ނުކުތެވެ. އޭނާގެ ސެކެޓްރީއަށް ގުޅުމަށްފަހު، ހެކިންގެ ގޮތުގައިވާ ދެމީހުންގެ ހުރިހާ މައުލޫމާތެއް އޭނާއަށް އެންގުމަށް ބުނުމަށްފަހު ރާދިން ދިޔައީ މަތީގައިވާ އެޕާރޓްމެންޓަށެވެ. ސޯފާއަށް ވެއްޓިގަތުމަށްފަހު އޭނާ އިންތިޒާރުކުރީ ސެކެޓްރީގެ ފޯނު ކޯލަކަށެވެ. ގައިގަނޑަކަށް ގަޑިއިރެއްގެފަހުން ރާދިންއަށް އޭނާ އިންތިޒާރުކުރަމުން ދިޔަ ފޯނު ކޯލު ލިބުނެވެ.
ހެކިންގެ ތެރެއިން އެކަކަކީ ވިޔަފާރިވެރިއެއްކަމުގައި ސެކެޓްރީ ބުންޏެވެ. އަދި އޭނާ މިހާރުވެސް ރާއްޖޭގައި އެބަހުރިކަމުގައި ބުންޏެވެ. އެހެންނަމަވެސް އަނެއް މީހާ ވަނީ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިކަމުގައި ބުންޏެވެ.
"މިހާރު އަހަންނަށް އޭނާއާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސާ." ރާދިން ބުނެލިއެވެ.
"އޯކޭ ސާރ!"
ރާދިން ހެކިވެރިޔާ ހަބީބުއާ ބައްދަލުކުރަން ދިޔައީ އޭނާގެ އޮފީސް އިމާރާތަކަށެވެ. އޭރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ.
"ރާދިން ތޯ…" ހަބީބުގެ ކެބިންއަށް ރާދިން ވަނީ ޓަކި ޖަހާލާފައެވެ. އޭނާ ފެނުމާއެކު ހަބީބު ތެދުވިއެވެ. އާއެކޭ ބުނެލަމުން ރާދިން ގޮސް މޭޒުކައިރިއަށް ހުއްޓުމާއެކު ހަބީބު ސަލާމަތް އަތް ދިއްކޮށްލިއެވެ.
"ސްޓާރ ކުންފުނީގެ ފަރާތުން ބައްދަލުކޮށްލަން ބޭނުންވީމަ ކުޑަކޮށް ހައިރާންވެސް ވެފަ މިހުރީ. ބޮޑުކަމަކު އޭ ހިތަށް އެރީ…" ހަބީބު ބުނެލިއެވެ.
"މައާލްގެ ބައްޕަ އެނގެނީ ކިހިނެއް؟" ރާދިން ސުވާލުކޮށްލިއެވެ.
"މައާލް އެއީ ޝާކިރުގެ ދަރިފުޅުދޯ. ޝާކިރު ނިޔާވިފަހުން ރާދިން ތި ކުންފުންޏާ ހަވާލުވިކަން އަހަންނަށް އެނގުނީ މީގެ ދެ ދުވަސްކުރިން. އަހަންނަކީވެސް އެއް އިރެއްގައި ޝާކިރުގެ ކައިރީގައި މަސައްކަތް ކުރި މީހެއް. އަމިއްލަ ވިޔަފާރިއެއް ހިންގަން ގަސްތުކޮށްގެން ތި ކުންފުނިން އަހަރެން ވަކިވީ." ހަބީބު ބުނެލިއެވެ.
"އެެހެންވިއްޔާ ހަބީބުއަށް އެނގިލައްވާތޯ މައާލްގެ ބައްޕަ ކުންފުނީގެ ފައިސާއާ ގުޅޭ ކަންތައްތައް ބޭނުންކޮންމެ ގޮތަކަށް ނިންމަން ޒާހިދަށް ހުއްދަ ދީފަ ވާކަން." ރާދިން ހުރީ މާގިނަ ވާހަކަ ދައްކާކަށް ނޫނެވެ. އެހެންކަމުން އޭނާ ސީދާ މައުޞޫއަށް ވާހަކަ ފެށިއެވެ.
"ތީ ދޯ ރާދިން ބައްދަލުކުރަން ބޭނުންވި ސަބަބަކީ؟" ހަބީބު ބުނެލިއެވެ.
"އެނގެން ބޭނުންވަނީ އެކަމުގެ އަޑީގައިވާ އެއްވެސް ސިއްރެއް އެނގޭތޯ؟ އަދި ޒާހިދު އާއެކު ހެދި އެއްބަސްވުން ހެދީ ކީއްވެތޯ އެނެގން ބޭނުންވަނީ!" ރާދިން ބުނެލިއެވެ.
"މާ ރަނގަޅަކަށް އެއްވެސް ކަމެއް ނޭނގެ! ބޮޑަށް ހީވަނީ ރާއްޖޭން ބޭރުގައި އުޅޭތީ ކުރިކަމެއްހެން. އެކަހަލަ ގޮތަކަށް އޭރު ޝާކިރުގެ ވާހަކަތައް ހުރީ!ޝާކިރު އެކަމަކާ މާގިނަ މީހުންނާ މަޝްވަރާއެއް ވެސް ނުކުރޭ. އަހަރެން ވެސް ބުނިން އެއީ އެންމެ ރަނގަޅު ގޮތްހޭ… އެކަމަކު ޝާކިރުގެ ނިންމުން ބަދަލެއް ނުވި. އެނގޭހާވެސް އެއްޗަކީ އެ އެއްބަސްވުން އެއީ ދެފަރާތުންވެސް އެއްވެސް މަޖުބޫރުކަމެއްނެތި ކުރިކަމެއްކަން." ހަބީބު ބުނެލިއެވެ.
"މިސާލަކަށް ހީވޭތަ ޒާހިދު ބްލެކްމައިލް ފަދަ ކަމެއްކޮށްގެން…" ރާދިންއަށް އެ ޖުމްލަ ފުރިހަމަކުރާނެ ގޮތް ނޭނގި މަޑުޖެހެވުނެވެ.
"ޒާހިދަކީ އެކަހަލަ މީހެއް ނޫން. މުޅި ކުންފުނީގަވެސް ނުހުންނާނެކަންނޭނގެ އޭނަހާ ޝާކިރުއަށް ވަފާތެރި މީހެއް. އެހެންވީމަ އަހަންނަށް ހީވަނީ ޝާކިރު ރާއްޖޭން ބޭރުގައި އުޅޭތީ ކަމަށް އެކަންތައް ކުރީ…" ހަބީބު ބުނެލިއެވެ. ހަބީބުގެ ފަރާތުން ޒާހިދާ ދެކޮޅަށް ހުށައެޅޭނޭ އެއްވެސް ހެއްކެތް ރާދިންއަކަށް ނުފެނުނެވެ. އެހެންކަމުން އޭނާ އެތަނުން ދާން ޖެހުނީ މާޔޫސްކަމާއެކުގައެވެ. ޒާހިދުއާ ބެހޭގިތުން އެއްވެސް ކަހަލަ ގޯސްވާހަކައެއް ނޫނީ ޝައްކުކުރެވޭ ކަހަލަ ވާހަކައެއްވެސް ހަބީބުގެ ފަރާތަކުން ރާދިންއަށް އަޑެއް ނީވުނެވެ.
އޮފީހަށް ދިޔުމުގެ ބަދަލުގައި ރާދިން ދިޔައީ ގެއަށެވެ. އޭނާ ގެއަށް ދިޔަތަނާ ޒާހިދު ގުޅިނަމަވެސް ރާދިން ފޯނެއް ނުނަގައެވެ. ދެން އައީ މެސެޖެކެވެ. އޭނާއާ ބައްދަލުކުރަން އެދިފައި އޮތެވެ. އެ މެސެޖަށް ވެސް ރާދިން ޖަވާބެއް ނުދެއެވެ.
*****
އޭގެ ފަހުން ދެ ދުވަސް ވީއިރުވެސް ރާދިން އޮފީހަކަށް ނުދެއެވެ އެއީ ރޭގަނޑުގެ ވަގުތެކެވެ. ރާދިން ހުރީ ޓެރެސްގައި އެކަނި މާއެކަންޏެވެ. އޭނާގެ ބޮލުގައި މަޑުރިހުމެއްގެ އަސަރު ހުއްޓެވެ. އަތުގައި އޮތް ކޮފީ ޖޯޑުން ފަހަރަކު އެތޮ ފޮދެއް ބޮލުން ދިޔަ ރާދިންގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ޓެރެސްއަށް ޖެހެމުން ދިޔައީ ތެތްފިނި ވައިރޯޅިތަކެކެވެ. ރާދިންގެ ހޭވިފައިވާ އިސްތަށިތައް ވައިރޯޅިއާ ސަމާސާކުރަމުން ދިޔައެވެ. ގައިގައި ބީހިލާ ރޯޅިތައް ފިރުމަަމުން ދިޔައީ މަޑުމައިތިރިކަމާއެކު ނަމަވެސް، ރާދިންއަށް އެކަމުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތުގައި ވީ ނުތަނަވަސްކަމަށް އޭނާއަށް އެއްވެސް ހައްލެއް ނުލިބުނެވެ. ވިސްނުންތަކުން ސިކުނީ ބަދެވި ހައްޔަރުވަމުން ދިޔަ ރާދިން ރުޅި އަންނަ ގޮތްވިއެވެ.
"ދަރިފުޅާ!" ރާދިންެ ކަންފަތުގައި އޭނާގެ ބައްޕަގެ އަޑު ޖެހުމާއެކު ކުޑަކޮށް ހައިރާންވިއެވެ. އޭނާ އެނބުރުނުއިރު މުނީރު އެ ދިމާލަށް އަންނަނީއެވެ.
"ބައްޕާ! ކޮން އިރަކުތޯ ދުރުވީ؟" ރާދިން ސުވާލުކޮށްލިއެވެ.
"މިއަދު ހަވީރު އައީ…"
"ހުރިހާކަމެއް ނިމުނީތޯ؟" ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ނޫނޭ! ހަފްތާއެއް ފަހުން އަނެއްކާވެސް ފުރާ ގޮތަށް މިއައީ… ތިރިން މައާލްއާ ދިމާވެގެން ވާހަކަ ދައްކާލަން ހުރެފަ މިއައީ… ދަރިފުޅު ޓެރެސްގައޭ ބުނީމަ މައްޗަށް މިއެރީ…" މުނީރު ހިނިތުންވެލިއެވެ. އޭނާ އައިސް ރާދިންގެ ކައިރިއަށް ހުއްޓި ކޮނޑިގައި އަތްޖައްސާލިއެވެ.
"ހާދަ ވަރުބަލިވެފަ ހެން ހީވެޔޭ… އޮފީހުގައި މާ ބުރައީތަ؟ ޒާހިދުވެސް ހުންނާނެއެއްނު ދަރިފުޅަށް ލަފާދޭން." މުނީރު ބުނެލިއެވެ. ރާދިންގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފާހަގައެއް ނުވެއެވެ.
"ކިހިނެއްވީ އަނެއްކާ؟ އޮފީހުގައި ކަމެއް ވީތަ؟ މައާލް ވެސް ބުނި ދަރިފުޅު ހީވަނީ މާ ބޮޑަށް ކަމަކާ ވިސްނާހެންނޯ." ޒާހިދު ބުނެލުމާއެކު ރާދިން ދޫކޮށްލީ ފުންނޭވާއެކެވެ.
"އަޅުގަނޑު ބައްޕައަށް ގުޅިން ވަރަށް. މެސެޖެއް ވެސް ކުރިން." ރާދިން ބުނެލިއެވެ.
"ވަރަށް ފަހުން ބައްޕައަށް މެސެޖް ފެނުނީ… ކިހިނެއްވީ؟ އަނެއްކާ ބޮޑު ކަމެއްވީތަ؟" ރާދިންގެ މޫނުމަތިން ފެނުނު ސީރިއަސްކަމުން މުނީރުވެސް ހާސްވެއްޖެއެވެ. އެންމެފަހުން އޭނާ ރާދިންގާތު ވެގެން އުޅޭ ގޮތެއް އޭނާގެ ކައިރީގައި ބުނުމަށް އެދުނެވެ.
"ބައްޕާ!." މުނީރަށް ގޮވާލުމަށްފަހު، ރާދިން މަޑުޖެހިލިއެވެ. އިސްޖަހާލަމުން ފުން ވިސްނުމަކަށް ގެއްލިފައި ރާދިން ހުންނަން ފެށުމުން މުނީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ބައްޕާ! ހުރިހާ ހަޤީގަތެއް ބައްޕައަށް އެނގިލައްވާތޯ…" ރާދިންގެ އެ ސުވާލާއެކު މުނީރަށް ޝައްކުގެ ނަޒަރަކުން ރާދިންއަށް ބަލައިލެވުނެވެ.
"ދަރިފުޅު ތި ދައްކާ ވާހަކައެއް ބައްޕައަށް ވަރަށް ސާފުކޮށް ކިޔައިދީބަލަ!" މުނީރު ބުނެލިއެވެ.
"އަޅުގަނޑަށް ކައިވެނި ކުރެވުނު ގަޑީގައި ކީ އެއްޗެއް ސާފެއް ނުވޭ! އެގަޑީގައި އެކަމަކަށް ސަމާލުކަމެއް ނުދެވުނު. ސެޓްފިކެޓުގައި ވަލީ ގާޒީއާ ހަވާލުކޮށްފައިވާ ކަމަށް ލިޔެފައިވަނީ ހަމަގައިމުވެސް މައާލްގެ ބައްޕަގެ ނަމެއް ނޫން. އަސްލު ނަަމަކީ އެެހެން ނަމަކަށްވިޔަސް މަރުވީމަ އެ މީހަކަށް ވަލީ ހަވާލުކުރެވޭތަ؟ ކައިވެނީގެ އެއްވެސް ކަމެއްގައި އަޅުގަނޑެއް ނޫޅެން. އެއްވެސް ކަމަކަށް ސަމާލުކަމެއް ވެސް ނުދެން. އެކަމަކު މިހާރު ހުރިހާ އެއްޗެއް ފެނިއްޖެ. ހުރިހާ ލިޔެކިޔުމެއްވެސް… އެއީ… އެކަން… އެގޮތަށް…. ކިހިނެއް…" ރާދިން އަޅައިއަޅައިގަންނަން ފެށިއެވެ. މުނީރު ފުންނޭވާއެއް ދޫކޮށްލަމުން އިރުކޮޅަކު ހިމޭނުން ހުއްޓެވެ.
"ބައްޕައަށް އެނގިލއްވާނެ އަޅުގަނޑު މި ދައްކާ ވާހަކަ!" ރާދިން މުނީރާ ކުރިމަތިލިއެވެ.
"މައާލް އަކީ…"
"ތި ހީވީ ރަނގަޅަށް…" މުނީރު އެ ހިސާބަށް ބުނެފައި މަޑުޖެހިލުމާއެކު ރާދިންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.