ރާދިންއަށް އޭނާއަށް އެގޮތަށް އަނިޔާވެރި ވެވިގެނެއް ނުވާނެއެެ. އޭނާ އަކީ ރާދިންގެ އަންހެނުންނެވެ. އެއްއިރު ލޯބި ދީފައި އަނެއް ހަތަރު ފަހަރު އެ ހިތަށް ޒަޚަމްދިނުމުގެ ހައްގެއް ރާދިން އަކަށްވެސް ނޯންނާނެއެވެ. އަމިއްލަ ނަފްސަށް ޓަކައި ފުރަތަމަ ފަހަރަށް ތެދުވަން މައާލް ނިންމިއެވެ.
"ރާދިން! ކިހިނެއްވެގެން ތިއުޅެނީ؟" މައާލް ބުނެލިއެވެ. އެ އަޑުގައި ސާބިތުކަން ވެއެވެ. އެއީ މީގެ ކުރިން މައާލްގެ ފަރާތުން ރާދިންއަށް ފެނުނު ސިފައެއް ނޫންކަމުން އޭނާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ. ހިނދުކޮޅަކަށް މަޑުޖެހެވުނީވެސް އެހެންވެއެވެ.
"އަހަރެންގެ ކުރިމަތީގައި ޖަދަލުކުރަނީތަ؟ އިނުމުގެ ކުރިން އަހަރެން ބުނެފަ އޮންނާނީ އަހަރެން ބުނިހާ ގޮތަކަށް ހުންނާށޭ މައާލްއަށް ޖެހޭނީ… އެގޮތާ އެއްބަސް ވެގެނެއްނު އަހަންނާ އިނީ…" ރާދިންވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ. މައާލްގެ އަނގަ ބަންދުކޮށްލަން އޭނާ ބޭނުންވިއެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު, މައާލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެންމީ ރާދިންގެ އަންހެނުންނޭ! ރާދިންއަށް ތިހެން އަހަންނާ ދޭތެރޭ ކަންތައް ކުރެވިގެނެއް ނުވާނެ! އަހަންނަށް ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ކުރަންޖެހޭނެ." މައާލް އޭނާގެ ދިފާޢުގައި ވާހަކަ ދައްކަމުން ދިޔައެވެ. މީގެ ކުރިން އެއްޗެއް ނުބުނެ ހުންނަ މައާލް އެގޮތަށް ވާހަކަ ދެއްކުން ވެގެން ދިޔައީ ރާދިންއަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަތިވެ ރާދިން ގޮސް ހިފެއްޓީ މައާލްގެ އަތުގައެވެ. އޭނާއާ މައާލްއާ ދެމީހުންގެ ދާއިރާ ހަނިކޮށްލުމަށްފަހު، ރާދިން ކުއްލިއަކަށް ހިފީ މައާލްގެ އަނގައިގައެެވެ. ކޮލަށް ފިތާލުމާއެކު، މައާލްއަށް ތަދުވެގެން އަނގައިން މަޑު އާހެއް ބޭރުކޮށްލެވުނެވެ.
"ދެން ވެސް މަށާ ޖަދަލު ނުކުރާތި!" ރާދިން ބުނެލިއެވެ. މައާލް ރާދިންގެ އަތް ގަދަކަމުން ފޮޅުވައިލަމުން ފަހަތަށް ފިޔަވަޅެއް އަަޅައިލިއެވެ. ރާދިންގެ އެ އަނިޔާވެރިކަމަށް އާބަސް ކިޔައިގެން ހުންނަން އޭނާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. ހިތްވަރުކޮށްފައި ރާދިންއާ ކުރިމަތިލި މައާލް އަނެއްކާވެސް ސާބިތުކަމާއެކު، ވާހަކަ ދެއްކިއެވެ. އެހިތުގައި އުފެދިފައިވާ ޝަކުވާތައް ފުރަތަމަ ފަހަރަށް މައާލް ބޭރުކުރަން ފެށިއެވެ.
"އަނިޔާވެރިވެގެން އެއްވެސް ކަމެއް ހެއްލެއް ނުވާނެ! އެއްޗެއް ނުބުނެ ހުރެގެން ނުވާނެކަންވެސް މިއަދު އަހަންނަށް ޔަޤީންވެއްޖެ، ރާދިން! އަހަރެންމީ ރާދިންގެ އަންހެނުންނޭ. އަހަރެން ހީކުރީ ރާދިން ބަދަލުވަނީކަމަށް. އެކަމަކު އެހެންނެއް ނުވި. ރާދިންގެ ހިތުގައި އަހަންނަށްޓަކާ ކުޑަވެސް ގަދަރެއް އޮތްނަަމަ، ރާދިންގެ އެކުވެރިންގެ ކުރިމަތީގައި އަހަރެން ފަޞީހަތް ނުކުރީސް. އެމީހުންގެ ފަރާތުން އަހަންނަށް ފުރައްސާރައާ ކުރިމަތިލާން ޖެހޭކަން އެނގިހުރެ އެންމެންގެ ތެރެއަށް އަހަރެން ދޫކޮށްލާފަ ރާދިން ނުދާނެ، އަދި ބުނަންތަ! އަހަންނަށްޓަކާ ކުޑަވެސް ގަދަރެއް ވާނަމަ އެ އެންމެންގެ ކުރިމަތީގައި އަހަރެން ދަމަމުން ނުގެންނާނެ!"
"މައާލް! ކޮންމެހެން!..."
"މަޑުކުރޭ ރާދިން! މިހުރިހާ ދުވަހު ރާދިން ހެދިހާ ގޮތެއް ވަރިހަމަވެގެން އަހަރެން ހުރީ. ރާދިން ކޮންމެ އެއްޗެއް ކިޔަސް އަހަރެން އަޑު އެހީމު. އެހެންވީމަ މިފަހަރު އަހަރެން ދައްކާ ވާހަކަ ރާދިން އަޑު އަހާ. ރާދިންއަށް ނުފެނޭތަ މިތަނުގައި ފަތުރާފަ އޮތް މުސައްލައާއި، އަހަރެން މި ހުރި ގޮތް. ނުކުންނަން ޖެހުނީ ރާދިންއަށް ގޮވޭނެ އިތުރު ގޮތެއް ނެތީމަ. ނޫނީ އޭވާ އަހަރެންގެ ކައިރީގައި ހަތަރު ދަމު ބަހައްޓާ! އޭރުން އަހަރެން ރާދިންގެ އެހީތެރިކަމަކަށް ނޭދޭނަން. ނަމާދަށް ނުހުރެވޭ ވަރަށް ގޭތެރޭގަ ލަވަ ޖަހާ އަޑު ގަދަ ކުރާތީ އެ އަޑު މަޑުކޮށްލަން ބުނަންވެެން ނުކުތީ… ނުކުތީމަވެސް އެމީހުންގެ ފަރާތުން އަހަންނަށް އިވުނީ މަލާމާތުގެ ބަސްތައް. ދެރައީ އަހަރެންގެ ހިމާޔަތުގެ ފިރިމީހާ ނެތްކަން. އެމީހުންދެކެ ރުޅި އައުމުގެ ބަދަލުގަ އަހަރެން ދެކެ ރުޅި އައިމަ. ހެޔޮނުވާނެ ރާދިން! ރާދިން ކޮންމެ ގޮތަކަށް އުޅުނަސް އަހަންނަށް ހެޔޮ. އަހަރެން ނަމާދު ކުރާ ގަޑީގަ ތި ސަކަރާތް ނުޖަހަފާނަންތަ؟" މައާލް ބުނެލިއެވެ. އެ ވާހަކައާއެކު ރާދިންގެ ބަސް ހުއްޓުނެވެ.
"ރާދިން އެބަ ހުރިންތަ؟" ހިމޭންކަމުގައި ގިނަ އިރު ވާން ފެށުމުން މައާލް ސުވާލުކޮށްލިއެވެ.
"އާނ… ކިހިނެއްވީ؟ އިތުރު އެއްޗެއް ކިޔަން އޮތީތަ؟" އެ ވާހަކައާ މެދު ވިސްނައިލަން ރާދިންއަށް މަޖުބޫރުވިނަމަވެސް، އޭނާއަށް ވާހަކަ ދެއްކުނީ ރުންކުރުވެފައި ހުރެއެވެ.
"ރާދިން! ތިހެން ނޫޅޭ! ވިސްނޭއިރު ވަގުތު ފާއިތުވެދާނެ!" މައާލް މަޑުމަޑުން ބުނެލިއެވެ.
"ދެން އެހެންވިއްޔާ އަހަރެންގެ ކައިރިން ވަރިވޭ!" ރާދިން އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ.
"ތީތަ ރާދިންއަށް ނުކުރެވިގެން އުޅޭ ކަމަކީ! ތިހާ ވަރިކުރަން ބޭނުމިއްޔާ ރާދިން އަހަރެން ވަރިކޮށްލާފަ ދޭ. އަހަރެން ވަރިއަކަށް ނޭދޭނަން." މައާލް ބުނެލިއެވެ.
"އެހެން ވިއްޔާ ހުރޭ!" އެހެން ބުނެލާފައި ރާދިން އެދިޔަ ގޮތަށް ގޮސް ބަންލާފައި ދޮރުޖެހިލިއެވެ. އެއަށްފަހު އޭނާ ދިޔައީ ބޮޑުކޮޓަރިއަށެވެ.
މައާލް އެނދުގައި އިށީނދެ އިންދާ ޓީވީގެ އަޑު މަޑުކޮށްލިއެވެ. އެއާއެކު އޭނާ ގޮސް ނަމާދުކުރިއެވެ. ނަމާދުކޮށްގެން މައާލް ގޮސް އިށީނީ ސޯފާގައެވެ. ބޭނުންވީ ފަތިސް ނަމާދުވެސް ކޮށްލައިގެން ނިދާލާށެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި ދެންމެގެ ހާދިސާ ތަކުރާރުވާން ފެށިއެވެ. ރާދިންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ހިތަށް ހަމަޖެހުން ލިބުނުނަމަވެސް، ނުތަނަވަސްވީ ރާދިންގެ އަމަލުތައް ދެން ހުންނާނެ ގޮތެއް ނޭނގޭތީއެވެ. ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމެއް ބުނެ އަމިއްލަ ހިތަށް ވިސްނައިދެމުން މައާލް ފުންނޭވާއެއް ދޫކޮށްލިއެވެ.
އެރޭގެ ބާކީ ވަގުތުތަކުގައިވެސް ރާދިން އެއް ކޮޓަރިއަކަށް ނުވަދެއެވެ. ހެނދުނު އޭވާ އަައުމުން ސުވާލުކުރުމުން ބުނީ ރާދިން އޮފީހަށް ގޮސްފިކަމުގައެވެ.
"ސައިބުއިތަ؟" މައާލް ސުވާލުކޮށްލިއެވެ.
"ނޫން!" އޭވާ ބުނެލިއެވެ. އޭނާ އޭވާއާއެކު ތިރިއަށް ދިޔައެވެ. ސޯފާގައި އިށީންތާ ގިނައިރެއްނުވެ، ގޭތެރެއަށް ވަތް މީހަކު ސަލާމް ގޮވާލި އަޑު މައާލްއަށް އިވުނެވެ. މައާލް ސަލާމަށް ޖަވާބު ދިނެވެ. އެމީހަކު އައިސް ސޯފާތަކުގެ ކުރިމަތީގައި ހުއްޓުމަށްފަހު، ވާހަކަ ދެއްކިއެވެ.
"ކާކުކަމެއް ނޭނގުނުތަ؟" އެމީހަކު ބުނެލިއެވެ.
"ނޭނގެ.. އެކަަމަކު އަޑު…" މައާލްއަށް ބުނެވުނެވެ. އެމީހަކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމާއެކު، ސޯފާގައި އިށީނދެލީ ވަށައިގެން އެގެއަށް ބަލައިލަމުންނެވެ. އެހާ ދުވަސްފަހުން އެގެއަށް ވަދެވުމުން އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ދައުރުކޮށްލިއެވެ. ކުރިއަށް ވުރެ އެގޭގެ ހައިބަތު އިތުރުވެފައިވާހެން އޭނާއަށް ހީވެއެވެ. ބަލައިލި ކޮންމެ ދިމާލަމުން ފެންނަމުން ދިޔައީ މުއްސަނދިކަމާއި ޝާހީކަމެވެ.
"އަދި ނުބުނެވޭ ދޯ ކާކުކަމެއް…" އެހެން ބުނެލާފައި އެމީހަކު ނަން ބުނެލިއެވެ.
"ފުއާދުބޭ! ކިހިނެއްތަ؟" މައާލް ސުވާލުކޮށްލިއެވެ. ފުއާދާ ޝާކިރަކީ އެއްބަފާ ދެބެންކަމުގައި ވިޔަސް އެ ދެމީހުންގެ ދެމެދު މީގެ ކުރިން ދުވަހަކުވެސް ގާތް ގުޅުމެއް ނޯވެއެވެ. ވާހަކަ ދެއްކިނަމަވެސް، އެއީ މާ ގާތް ގުޅުމެއް ނޫނެވެ. ލަންޑަނަށް ދާ ފަހަރުތަކުގައި ވެސް ފުއާދަކީ އެގޭގައި ހުންނަ މީހެއް ނޫނެވެ. ފުއާދު އުޅެނީ ވަކިންނެވެ. ޖެހުނު މައްސަލަ ނޭނގުނު ނަމަވެސް ޝާކިރުއާ ފުއާދާ ދެމެދު އޮންނަ ގުޅުން ގާތް ނޫންކަން އޭނާއަށް ޔަޤީނެވެ.
"ރަނގަޅު. ރާއްޖެ އާދެވުނީ އަދިކިރިޔާ. އައިސް މައާލްގެ ޙާލެއް ބަލައިލަން ވެގެން މިއައީ… " ފުއާދު ބުނެލިއެވެ.
"އެއްޗެއް ކާލަން ވާނެއެއްނު." މައާލް ބުނެލި ނަމަވެސް، އޭނާ އެހާ ގަޔާނުވާކަން ފުއާދަށް ވެސް އެނގުނެވެ.
"ނޫނޭ! ރަނގަޅު ވާނެ، ބޭބެއަށް އެނގޭ މައާލް ހިތުގަ ބައިވަރު ސުވާލު އުފެދޭނެކަން. ބޭބެ މިހާރު ދެރަވޭ މައާލްގެ ބައްޕައާ އޮތް ގުޅުން ހީނަރުވީމަ. އޭރު އެ ގުޅުން ރަނގަޅު ކުރެވުނު ނަމައޭ ހިތަށް އަރާތާ ވަރަށް ދުވަސް ވެއްޖެ! މީހުން ބުނެއެއްނު ވިސްނޭނީ ވަގުތު ފާއިތުވާ ފަހުންނޭ. ބޭބެއަށް ވެސް ވީ އެހެން. އެކަމާ މިއަދު ވަރަށް ހިތާމަކުރަން. މިއަދު މާފަށް އެދޭކަށް އެ ދެމީހުންކުރެ އެކަކުވެސް ނެތް. އެހެންވީމަ މާފަށް އެދެން ޖެހޭނީ މައާލް ކައިރިން." ފުއާދު ބުނެލިއެވެ. މައާލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"އެނގޭ ކުއްލިއަކަށް މިހެން އައިސް މިފަދަ ވާހަކައެއް ދެއްކީމަ އުނދަގޫވާނެކަންވެސް. އެކަމަކުވެސް ކެތް ނުކުރެވުނީ." ފުއާދުގެ އަޑުން ހިތާމައިގެ އަސަރު މައާލްއަށް ފާހަގަވިއެވެ. މާޒީގައި ހިނގި ކަންތައްތައް އެނގެން މައާލް ބޭނުންވިނަމަވެސް، އެ ސުވާލުތައް ފުއާދު ކުރެން އަހާކަށް އޭނާއަކަށް ނުކެރުނެވެ. އެ ވާހަކަ އޮތީ ފަސްއަޅާ ފޮރުވާލާފައެވެ. އޭނާގެ މައިންބަފައިން ނުދައްކާ ވާހަކައެއް، އޭނާ އަށް އަހަން ކެރޭނީ ކިހިނެއްހެއްޔެވެ؟
"މައާލްގެ ލޯ…. ފަހުން ޑޮކްޓަރަށް ދެއްކިންތަ؟" ފުއާދު ސުވާލުކޮށްލުމާއެކު، މައާލްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން ވީ ގޮތް އޭނާއަށް ނަގައިގަނެވުނެވެ.
"އަދި ރަނގަޅުވާނެ އިރާދުކުރެއްވިއްޔާ! ދެން ގޮސްލަނީ އިނގޭ!" ފުއާދު ސޯފާއިން ތެދުވެގެން ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ.
*****
ރާދިން އޮފީގައި އުޅުނުއިރުވެސް އިރުއިރުކޮޅަކާ ސަޖާ އޭނާއަށް ގުޅައެވެ. ރާދިންވެސް ގިނަފަހަރު ފޯނު ނަގާ ވާހަކަ ދައްކައެވެ. ބިޒީ ވަގުތެއްނަމަ ފޯނު ނަގާ އެވާހަކަ ބުނުމަށްފަހު، ރާދިން ފޯނު ބާއްވަނީއެވެ. ހަޤީގަތުގައި ރާދިން ބޭނުންވީ މައާލްގެ ވާހަކަތައް އެ ސިކުނޑިން ނެރެ އެއްލައިލާށެވެ. ސަޖާގެ ފޯނު ނަގަނީވެސް އެހެންވެގެންނެވެ. އެހެންނަމަވެސް، ހަޤީގަތަކީ ރާދިން އެ ހަނދާންތަކާ ދުރަށް ދާން ކިތަންމެ މަސައްކަތް ކުރިނަމަވެސް، އެ ހަނދާންތަކުން އޭނާގެ ސިކުނޑި މިންޖުނުކުރެވޭކަމެވެ.
ރާދިން ކެބިންއިން ނުކުމެގެން ޖެހިގެން ހުރި ފްލޯއަށް ދިޔައީ ޒާހިދުގެ ކައިރިން ކަމެއް އޮޅުން ފިލުވައިލުމުގެ ބޭނުމުގައެވެ. އަތުގައި އޮތް ފައިލަށް ބަލަމުން ގޮސް ދޮރު ހުޅުވާލިއިރު، ޒާހިދު ހުރީ މޭޒުކައިރީގައެވެ. އޭނާ ވަނުމާއެކު ޒާހިދު ސިހުނުކަން ރާދިންއަށް އެނގުނެވެ. ހަމައެއާއެކު، އަވަސް އަވަހަށް ހުޅުވާފައި ހުރި ބްރިފްކޭސް ވެސް ލައްޕާލައިފިއެވެ.