"އަހަންނަށް މާފުކުރޭ ރާދިން. އަހަންނަށް އުޅެވުނީ ރަނގަޅަކަށް ނޫން. ޕްލީޒް…" ސަޖާ އިސްޖަހާލިއެވެ. އޭނާގެ އަޑުން ރިހުމެއްގެ އަސަރު ފާޅުވާހެން ރާދިންއަށް ހީވިއެވެ. ހިނދުކޮޅަކަށް އޭނާއަށް އެއްޗެއް ނުބުނެ އިނދެވުނުއިރު ސަޖާގެ އެ ވާހަކަ ގަބޫލުކުރަން ރާދިންއަށް ދަތިވިއެވެ.

*****

އެހާ ވިއްސާރަ ރެއަކު ރާދިން ބޭރަށް ދިޔުމުން މައާލްގެ ހިތުގައި ނުތަނަވަސްކަން ވެއެވެ. އޭވާއާއެކު ވާހަކަ ދައްކާލަން އިންނަމަވެސް، އޭނާގެ ހިތަށް ނޭނގޭ އުނދަގުލެއް ވަނީއެވެ. ރާދިންއަށް ގުޅަން ހިތަށް އަރާފައިވެސް އެ ޚިޔާލު ދޫކޮށްލީ އެވަގުތު އުނދަގޫކުރަން ބޭނުންނުވީތީއެވެ. މި ވިއްސާރަރޭ އެ ބުނާ އެކުވެރިއެއް އެހެން ތަނަކަށް ބަދަލުކުރުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެއެއް ނޫންހެއްޔެވެ؟ އެހެންކަމުން އޭނާ އިންތިޒާރުކުރާނީއެވެ. އެގޮތުގައި އިރުގަނޑެއް ވީފަހުން، މައާލް ނިދި އަންނަ ގޮތްވިއެވެ. އޭވާ ވެސް ނިދި އައިސްގެން ދެފަހަރަކު އާ ފުރިލިއެވެ. ވާހަކަ ދައްކަމުން ދިޔަ އޭވާގެ އަޑުން ނިދި ބަރުކަން މައާލްއަށް އިޙްސާސްވާން ފެށުމާއެކު، އޭނާ އޭވާ ގާތު އެދުނީ ނިދާލަން ދިޔުމަށެވެ.

"އެކަނި އޯކޭތަ؟" އޭވާ ސުވާލުކޮށްލިއެވެ. ރާދިންވަނީ އޭނާގެ ގާތު މައާލް އެކަނި ނުކުރަން ބުނެފައެވެ. އޭނާ ނެތް ވަގުތުތަކުގައި މައާލްއާއެކު ހުރިހާ ވަގުތެއް ހޭދަކުރުމަށް ބުނެފައެވެ.

"ބޮސް ރުޅި އަންނަނީ. ކުރިން ދުވަހު ވަރަށް ސްކޯލްޑް ކުރި." އޭވާ ބުނެލީ ޖެހިލުންވެ ހުރެއެވެ.

"އެ އޯކޭވާނެ. އަހަރެން ބުނާނަން އަހަރެން ބުނީމައޭ ދިޔައީ. އޭރުން އޭވާއާ ދިމާލަށް އެއްޗެއް ނުބުނާނެ." މައާލް ޔަޤީންކަން ދިނެވެ. މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ރާދިން، އޭނާއާ މެދު ވިސްނާ މިންވަރު ހިތަށް އަރާފައެވެ. އޭނާ އުންމީދު ކުރި ފަދަ ޙަޔާތުގެ ބައިވެރިއަކަށް ރާދިން ވެއްޖެއެވެ. އެކަމާ އޭނާގެ ހިތުގައި ނުފިލާ ފަދަ އުފާވެރިކަމެއް ވިއެވެ. މައާލްއަށް ނިދަން ތައްޔާރުވުމަށް އެހީތެރިވުމަށްފަހު، އޭވާ ދިޔައީ މައާލް އެނދުގައި އޮށޯތުމުންނެވެ.

ރާދިން ނެތުމުގެ ފަޅުކަން މައާލްއަށް އިހްސާސް ވީނަމަވެސް، ނިދި އައިސް ހުރިވަރުން ނިދޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. ހިނިތުންވުމެއް ތުންފަތް މަތީގައިވާ ޙާލު ދެލޮލުގެ މައްޗަށް ނިދި އަތްގަދަކުރަމުން ދިޔައީ އޭނާގެ ޙަޔާތަށް އައިސްފައިވާ ބަހާރު މޫސުމާމެދު އުފާކޮށް ޝުކުރުވެރިވާ ޙާލުގައެވެ.

އާއްމުކޮށް ފަތިސް ނަމާދު ވަގުތަށް ހޭލަން އާދަވެފައިވާ މައާލްއަށް މިރޭވެސް ހޭލެވުނެވެ. އޭރު ކައިރީގައި ހުރި މިސްކިތުން ބަންގީގެ އަޑުވެސް އިވެމުން ދިޔައެވެ. އޭނާ ރާދިންއަށް ގޮވާލަމުން ރާދިން އޮންނަ ފަރާތުގައި އަތް ޖައްސާލުމާއެކު، ތެދުވެލިއެވެ. ފާޚާނައިގައޭ ހިތާ ތަންކޮޅެއް ބާރަށްވެސް މައާލް ގޮވައިލިއެވެ. ރާދިންގެ ހިލަމެއް ނުވިއެވެ. އަނެއްކާ އޭނާއަށް ގޮވާލުމެއްވެސް ނެތި ރާދިން މިސްކިތަށް ދިޔައީހެއްޔެވެ؟ އެކަމަކު އެއީ ރާދިންކަން ކަންތައް ކުރާ ގޮތެއް ނޫނެވެ. އޭނާއަށް ވުރެ ކުރިން ހޭލެވޭ ރެއެއްވިއްޔާ، މައާލްއަށް ނަމާދު ކުރެވޭ ދުވަސްކޮޅެއްވެއްޖެނަމަ ރާދިން ގޮވާނެއެވެ. އޭނާ މިސްކިތަށް ދާނީ މައާލްއަށް ނަމާދުކުރަން ތައްޔާރުވާން އެހީތެރިވެފައެވެ. މައާލްގެ ހިތް ނުތަނަވަސްވާގޮތްވިއެވެ. ރާދިން އަނެއްކާ ގެއަށް ނާންނަނީހެއްޔެވެ؟ އަދިވެސް އެކަންތައް ނުނިމެނީހެއްޔެވެ؟ އެނދުން ތެދުވެގެން މައާލް ފާޚާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.

ތާޒާ ވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން ގޮސް މައާލް އެނދުގައި އިށީނެވެ. ފޯނު ނެގުމަށްފަހު ރާދިންގެ ނަންބަރަށް ޑައިލްކޮށްލަން އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެކަން ކުރާކަށް އޭނާއަށް ފަސޭހައެއް ނުވިއެވެ.

ފިނިވެގެން އޭވާއަށް ހޭލެވުނުއިރު ފަހެއްޖަހަނީއެވެ. ނިދަން އުޅެ އުޅެ ވެސް ނިދޭގޮތް ނުވުމުން އޭނާ އެންމެފަހުން، ތެދުވެގެން ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ ބޭރު ބަލައިލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. ފަޒާގައި އާދަޔާ ޚިލާފް ތެތްފިނިކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ޖެހެމުންދިޔަ ލުއިލުއި ވައިރޯޅިތަކުގައި މީހާ ގަނޑުކުރުވާފަދަ ފިނިކަމެއް ވެއެވެ. ބަގީޗާއަށް ނުކުމެލި އޭވާއަށް އަރާމުވިއެވެ. ގަސްތަކުގެ ފަސްތަކުގެ ފެހިކަން ގަދަވެލާފައިވާއިރު، ފަތިހުގެ ފިންޏާއި ވާރޭގެ ސަބަބުން، މުތީތަކެއްފަދަ ޝަބްނަމްގެ ތިކިތައް ފޮޅިފައިވާ މާތަކާއި ، ގަސްތަކުގެ ފަތްތަކުގައި ހުއްޓެވެ. އޭނާ ސްވިމިން ޕޫލާ ދިމާލަށް ހިނގައިގަތީ ދެއަތް މޭގައި ހުރަސްކޮށްލައިގެން ހުރެއެވެ. ރޭގެ ތޫފާނުގެ ސަބަބުން ގަސްތަކުގެ ފަތްތަކާއި، ކުނި ޕޫލު ތެރެއަށް އެޅިފައިވެއެވެ.

ހިނގަމުން ހިނގަމުން ގޮސް އޭވާ ނިކުތީ ގެއަށް ވަންނަ މައި ދޮރާ ދިމާލަށެވެ. އޭރު ކާރު ގަރާޖުގައި އޮތްނަމަވެސް، ރާދިންގެ ސައިކަލެއް ނެތެވެ. ރާދިން މިސްކިތަށް ދިޔައީއޭ ހިތާ އޭނާ ގޮނޑީގައި މަޑުކޮށްލިއެވެ. ފޯނާ ކުޅެން އޭވާ އެތަނުގައި އެތައް އިރަކު އިނެވެ. ފަސްގަނޑު ސާޅީސް ފަހަކަށް ވުރެ ބޮޑުވީއިރުވެސް ރާދިންއެއް ނައެވެ. އެހެންކަމުން އޭނާ ގެއަށް ވަދެ ގޮސް މައާލްގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.

މައާލް ކުޑަކޮށް އެނދުން ތެދުވެލިނަމަވެސް، އެއީ ރާދިން ނޫންކަން އޭނާއަށް ޔަޤީންވީ ދޮރުގައި ޓަކި ޖަހާލުމުންނެވެ.

"އޭވާ؟…" ދޮރު ހުޅުވާލުމާއެކު މައާލް ސުވާލުކޮށްލިއެވެ.

"ބޮސް ނެތީ؟ އައުޓް ސައިޑް ވަރަށް ފިނި." ފިނިވެފައިހުރި އޭވާ ބުނެލިއެވެ.

"ކޮފީއެއް ބޯލީމަ އޯކޭވެދާނެ…" މައާލް ބުނެލިއެވެ. އޭރުވެސް ރާދިންއާ މެދު އޭނާ ވަނީ ހާސްވެފައެވެ.

މައާލް އޭވާ އާއެކު ނުކުމެގެން ކާކޮޓަރިއަށް ދިޔައެވެ. ކޮފީ ގިރައިގެން ދެމީހުން ނުކުމެލީ ސިޓިން ރޫމަށެވެ. ދޮރިފޮތިތައް ކަހާލުމާއެކު، ކޮންމެވެސް ވަރަކަށް އަލި ވިނަމަވެސް، ޖައްވު އަނދިރިއެވެ. އޭރުވެސް ވިލާތައް ދިޔައީ މަތިމައްޗަށް ނަގަމުންނެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ހެނދުނު އަށެއް ޖަހާ ބޮޑުވީއިރުވެސް ރާދިން ގެއަކަށް ނާދެއެވެ. އެންމެފަހުން މައާލް އޭވާގެ އެހީތެރިކަމާއެކު އޭނާގެ ފޯނުން ރާދިންއަށް ގުޅައިލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެކަމުން މައާލް އިތުރަށް ހާސްވިއެވެ. އަނެއްކާ ރާދިންއަށް ކަމެއް ވީހެއްޔެވެ؟ މައާލްގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންނެއް ދަތުރުކޮށްލުމާއެކު އޭނާގެ މެއަށް ފިނިވެލިއެވެ. ހިތުގެ އިޙްސާސްތައް ކިޔަމަން ނުކުރެވުނު މައާލްގެ މޫނުމަތި މިލައިގެން ދިޔައެވެ. ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އޭނާގެ މައިންބަފައިން މި ދުނިޔެ ދޫކުރިގޮތަށް ރާދިންއަށް ވެސް ކަމެއް ވީހެއްޔެވެ؟ ހިތަށް އަންނަމުންދިޔަ ނުބައި ޚިޔާލުތަކުން އޭނާގެ ޠަބީޢަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއެވެ. މައާލްއަށް އަންނަމުންދިޔަ ބަދަލުތައް އޭވާއަށް ވަޒަންކޮށްލެވުނެވެ. އެއީ ކީއްވެގެންކަންވެސް އޭނާއަށް އެނގެއެވެ. މައާލް ހިތްހަމަ ޖައްސައިދޭން ބުނާނީ ކީކޭކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން މައާލްގެ ކޮނޑުގައި އަތް ޖައްސާލައިގެން އޭނާއަށް ހުރެވުނުއިރު، އޭވާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ދައުރުކޮށްލީ އޭނާއަށް ފެނުނު މަންޒަރު ހަނދާންވެފައެވެ. އެ ވާހަކަ ބުނަން ދޫ ހަރަކާތްކޮށްލިނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ އެ ދުލުގައި ތަޅެއް އަޅުވާ މައިތިރިކޮށްލިއެވެ.

"ރާދިން… ރާދިންއަށް ކަމެއްވީތަ؟ އަދިވެސް ގުޅޭތޯ ބަލާބަލަ!" މައާލްއަށް ބުނެވުނެވެ. އެއާއެކު އޭވާ އަނެއްކާވެސް ރާދިންއަށް ގުޅަން މަސައްކަތްކުރިއެވެ. ލިބުނީ އެއްޖަވާބެކެވެ.

"ފޯނު ނިއްވާލާފަ…" އޭނާ ބުނެލިއެވެ.

"ރޭގަ އެކުވެރިއެއް ގެއިން ނުކުންނަން ޖެހިގެން އޭނައަށް އެހީތެރިވާން ދިޔައީ… އެކަމަކު ފޯނު ނިއްވާލާފަ…" މައާލްއަށް އެހެން ބުނެވުމާއެކު، އޭވާއަށް ވީ ގޮތް އެނގުނު ނަމަވެސް، އޭނާގެ ހިތަށް އެ ވާހަކަ އެކީ ގަބޫލެއް ނުކުރެވެއެވެ.

"އެހެންވިއްޔާ ވާނެ ފޯނު ނިވުނީކަމަށް. މިހާ ބޮޑު ސްޓޯމެއްގަ އީޒީނުވާނެއެއްނު އެކަންތައްކުރަން." އޭވާ އެހެން ބުނެލީ މައާލް ހިތްހަމަޖައްސާލަ ދިނުމުގެ ބޭނުމުގައެވެ.

އޭވާ ހާސްނުވާން މައާލް ގާތު އެދުނުނަމަވެސް، މައާލްއަށް އޭނާގެ ހިތަށް ވެރިވި ބިރުވެރިކަން ކުޑައެއް ނުކޮށްލެވުނެވެ. އޭނާގެ ހަނދާނަށް އަންނަނީ އޭނާގެ މައިންބަފައިންގެ ވަކިވުމެވެ. ރާދިން ވަކިވެއްޖެނަމަ އެފަދަ ކަމަކާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ. އެ ވިސްނުންތަކުން މައާލްގެ ބޮލުގައި ރިއްސަން ފެށިއެވެ. އޭވާ އެދުނީ ސައިބޮއިގެން ބޭސްކާލުމަށެވެ.

"ސައި ނުބޯނީތަ؟" ނުވައެއް ޖަހާ ބޮޑުވީފަހުން އޭވާ އަނެއްކާވެސް މައާލްގާތު ސުވާލުކޮށްލިނަމަވެސް، މައާލް އެކަމާ އެއްބަހެއް ނުވިއެވެ.

"ބޮސް އަންނައިރު ސައި ނުބޯނަމަ ބޮސް ސްކޯލްޑް ކުރަނީ…" އޭވާ ބުނެލީ މައާލްއަށް އެއްޗެއް ކާން ދިނުމުގެ ބޭނުމުގައެވެ. ބޭސް ދެވޭނީވެސް ސައި ބޮއިގެންނެވެ. އެންމެފަހުން މައާލް އެއްބަސްވިއެވެ. އޭނާ އޭވާއާއެކު ގޮސް މޭޒު ދޮށުގައި އިށީންނަމަވެސް، ސައިބޯ ހިތެއް ނުވިއެވެ. ކެވުނީ ވަރަށް ކުޑަކޮށެވެ.

*****

ނުވަގަޑި ބަޔަށް ވުރެ ބޮޑުވީފަހުން ސާދާ އޭނާގެ މޭކަޕް ސުޓޫޑިއޯއަށް ދިޔުމަށްޓަކައި ގެއިން ނުކުމެލިއެވެ. އޭނާ ކާރުގައި އިންއިރު، ފޯނާ ކުޅެމުން ދިޔައެވެ. ގެލެރީ ބަލަމުން ދަނިކޮށް މައާލްގެ ކައިވެނީގައި ނަގާފަިއ ހުރި ފޮޓޯތައް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، މައާލްގެ ކައިރިއަށް ދިޔުމަށް ހިތް އެދުނެވެ. އެހެންކަމުން ވަގުތެއް ހޯދާލައިގެން އެގެއަށް ދިޔުމަށް އޭނާ ނިންމިއެވެ. ސާދާގެ ސްޓޫޑިއޯ ހުންނަނީ މާފަންނުގައެވެ. އޮފީހާ ދާދިކައިރިއަށް ދެވުނުތަނާ އެތަނުގައި ހުރި ގެއެއްގެ ތެރެއިން ނުކުތް ރާދިން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާއަށް ހައިރާންކަމެއް ވެރިވިއެވެ.

"އެހަށް މަޑުކޮށްލަބަލަ…" އޭނާއަށް ރާދިން ހުރި ގޮތް ފެނުމާއެކުގައި ސާދާއަށް ޑްރައިވަރާ ދިމާލަށް ބުނެވުނީވެސް ތަންކޮޅެއްބާރަށެވެ.

"ސޮރީ މެޑަމް…" ޑްރައިވަރު މާފަށް އެދިފައި އެއްފަރާތަށް ކާރުމަޑުކޮށްލިއެވެ. އޭނާއަށް ވެސް އިނީ ވާނުނާ ނޭނގިފައެވެ.

ރާދިންގެ ބޯ ވަނީ ހޭވިފައެވެ. މޫނުމަތީގައި ތާޒާކަމެއް ނެތެވެ. ހީވަނީ ދެންމެ ނިދާ ހޭލާފައިވާހެންނެވެ. ދޮރުން ނުކުތްއިރު ވެސް ހުރީ ބޮލުގައި ހިފައްޓާލައިގެންނެވެ. އެނބުރުން އަރައިގެން އުޅޭ މީހެއްފަދައިން ރާދިންގެ ހަރަކާތްތައް ހުރިއިރު، މީހާ ހުރި ސިފައިން އެއީ ރާދިންހެން ހީވެސް ނުވެއެވެ. އަބަދުވެސް ސްމާރޓްކޮށް ހުންނަ ރާދިން ފެންނަނީ އެހާވެސް ތަފާތުކޮށެވެ. އެ ދިޔަ ގޮތަށް މަގު ހުރަސްކޮށްފައި ސައިކަލަށް އަރާ، ރާދިން، ސައިކަލު ދުއްވައިލިއިރުވެސް ސާދާއަށް އިނދެވުނީ ކަޅިވެ ޖަހާނުލާ އެ ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުންދިޔައިރު، ހިތުގައި ޝައްކުގެ އޮއިވަރެއް ދައުރުކޮށްލިއެވެ.

"މެޑަމް…" ސިހުނީ ޑްރައިވަރު ގޮވާލުމުންނެވެ.

"ހިނގާ ދާން…" ސާދާއަށް އެހެން ބުނެވުނުއިރުވެސް، އެ އަޑުގައި ބުނެދޭން ނޭނގޭ އަސަރުތަކެއް ހުއްޓެވެ.

*****

ރާދިން ސައިކަލުގައި އިންއިރުވެސް އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ބޮލުގައި އާދަޔާ ޚިލާފު ބަރުކަމެއް ވީއިރު، މަޑުމަޑު ރިހުމެއްގެ އަސަރު ވެއެވެ. މީހާ ނުތަނަވަސްވީވަރު އޭނާގެ މޫނުމައްޗަށް އެކަނި ބަލާލުމުންވެސް ދޭހަވެއެވެ. މުޅި މީހާ ދާހިތްލާފައިވާއިރު، ބިރުގަނެ ހާސްވެ ކަންބޮޑުވެފައިވާ އަސަރުތައް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އިރުއިރުކޮޅަކާ ފުންނޭވާއެއް ދޫކޮށްލައެވެ. ހަމައަކަށް އެޅެން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔައިރު، ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން އޭނާގެ ނަފްސުގެ ހަމަޖެހުން އެކީ ގެއްލިފައިވެއެވެ. ރުޅިއާ ދެރަ އެކުވެގެން ރާދިންގެ މުޅި ނަފްސުވެސް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ. ހިކިފައިވީ ތުންފަތުގައި ދޫ ކާތާލަމުން އޭނާ ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. އޭރުވެސް ސިކުނޑީގެ ނާރުތަކަށް ވެރިވެފައިވާ ވާންކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ގެއާ ހިސާބަށް ގޮސް ގޭޓުން އެތެރެއަށް ވަނުމުގެ ކުރިން ސައިކަލުގެ ލޯގަނޑުން މީހާގެ ސޫރައަށް ބަލައިލުމަށްފަހު، ހޭވިފައިވާ އިސްތަށިތައް ރީތިކޮށްލަން ރާދިން މަސައްކަތްކުރިއެވެ. ދޮރުވާނަކަށް ހުރި މީހާގެ މޫނުމައްޗަށް ހައިރާންކަން ވެރިވިނަމަވެސް، އެ އަސަރުތައް ފޮރޮވާލުމަށްފަހު، ގޭޓު ހުޅުވާލުމުން، ރާދިން އެތެރެއަށް ވަދެ ސައިކަލު ބަހައްޓާފައި ފޭބިއެވެ. އޭނާއަށް ރޫޖެހިފައިވާ ގަމީހުގައި އަތް ކާތާލެވުނެވެ.

ތުނި ވާރޭގެ ތެރޭގައި ދުވެލާފައި އައިސް ގެއަށް ވަނުމުން ފެނުގެ އަސަރު ކޮންމެވެސް ވަރަކަށް މޫނުމަތީގައި ވެއެވެ. ގޭތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއާ ދިމާލަށް ހިނގައިގަތްފައިވެސް ރާދިންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އިރުކޮޅަކު ވިސްނަން މަޑުކޮށްލި މީހަކު ފަދައިން ހުރުމަށްފަހު، ރާދިން އަނެއްކާވެސް ހިނގައިގަތެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔަ ފަދަ އަސަރުތަކެކެވެ.

ލަސްފިޔަވަޅުތަކެއް އަޅަމުން ދިޔަ ރާދިންގެ ފައިގައި ހީވަނީ ބަރު އެއްޗެއް އެލުވާލާފައިވާ ހެންނެވެ. ފިޔަވަޅެއް ނެގެނީ ވެސް އެހާ ހާލުންނެވެ. ތަޅުގައި ހިފާލުމަށްފަހު، ރާދިން ދޮރު ހުޅުވާލިއެވެ.

"ރާދިން…" އެ އަޑަށް މައާލްއަށް ގޮވާލެވުނެވެ. އޭރު އޭވާ އުޅުނީ އޭނާއަށް ބޭސް ދޭންވެގެންނެވެ. ރާދިން އައުމުން އޭވާ ދިޔުމާއެކު ވެސް ހުރި ފިޔަވަޅުމަތީގައި ރާދިންއަށް ހުރެވުނީއެވެ. އޭވާ ވެސް ދިޔައީ ޝައްކުގެ ނަޒަރަކުން ރާދިންއަށް ބަލައިލާފައި ނަމަވެސް އޭނާ އެކަމެއް ރާދިން އަހަށް ނުދައްކަ އެވެ.

"މައާލް." ރާދިންގެ އަޑުގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުވާ ފަދަ މޮޅިވެރިކަމެކެވެ.

"ކިހިނެއްވީ؟ ހާދަ އެހެން ގޮތަކަށް. ފްރެންޑް އޯކޭތަ؟" މައާލް އެނދުން ތެދުވެލިއެވެ.

"އާނ…" މައާލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުންނަން ވެސް ރާދިންއަށްވީ އުނދަގޫކަމަކަށެވެ. އިސްޖަހާލެވުމާއެކު، އޭނާއަށް އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ. އަޑުވެސް ކުރެހިގެން ދިޔުމާއެކު، ރާދިންއަށް އިތުރު އެއްޗެއް ނުބުނެވުނެވެ. މީގެ ކުރިން ދުވަހަކު ނުވާހާ ދެރަ އޭނާ މިއަދު ވެއްޖެއެވެ.

"ރޯގާ ޖެހުނީތަ؟ ވާރޭގަ ތަ އުޅުނީ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ. އެ އަޑުގައި ކަންބޮޑުވުންވިއެވެ.

"ނޫން…މި. އަންނަނީ ފާޚާނާއަށް ވަދެލާފައި." އެހެން ބުނެލާފައި، ރާދިން ވަނީ ފާޚާނާއަށެވެ. ހަޤީގަތުގައި އޭނާ ހުރީ މައާލްގެ ގައިގައި ބައްދާލައިގެން ރޯލަން ބޭނުންވެފައެވެ. އެހެންނަމަވެސް، އެގޮތަށް ހުރެ މައާލްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާލާކަށް ރާދިން ބޭނުމެއް ނުވިއެވެ.

ރާދިން އެހެން ބުނުމުން މައާލް ހީކުރީ ރާދިން މާ ބޮޑަށް ވަރުބަލިވެފައި ހުރުމުން ތާޒާވެލަން ބޭނުންވީކަމުގައެވެ. އެހެންކަމުން އޭނާ ވެސް އިތުރު އެއްޗެއް ނުބުނެއެވެ. ރާދިން ފެންވަރައިގެން ނުކުންނަންދެން އޭނަ އިންތިޒާރުކުރަން ފެށިއެވެ.

ފެންމާގަނޑު ދޫކޮށްލާފައި އޭގެ ދަށުގައި ރާދިން ހުރިއިރު، އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އޮހެމުންދިޔަ ފިނިފެންތަކުން އޭނާގެ ހަށިގަނޑަށް އެއްވެސް އަސަރެއް ނުކުރާފަދައެވެ. ދެލޯ މަރައިލުމާއެކު، އޭނާގެ ހަނދާނަށް އަންނަން ފެށީ ރޭގެ ހާދިސާއެވެ.

ކޮމެންޓް 0