"އާނ.. އާނ. އައިވީ ހުސްވިތޯ ބަލާލަންވެގެން…" ދެލޯ ބޮޑުކޮށްލަމުން މައާލް ގާތު އެއްވެސް އެއްޗެއް ހާމަނުކުރުމަށް އިޝާރާތްކުރަމުން ރާދިން އަވަސް އަވަހަށް ބުނެލުމާއެކު، ސަޖާ ރާދިންއަށް ބަލައިލީ ނުރުހުމުގެ ނަޒަރުންނެވެ. އެ ދެލޮލުން ފެންނަނުން ދިޔަ އިންޒާރުގެ އަސަރުތަކުން ރާދިން ގޮތްހުސްވިއެވެ. ސަޖާ ބުނާނެ އެއްޗެއް ނޭނގި އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
"އާނ. އަހަރެން މީ އައިވީ ހުސްވިތޯ ބަލަން އައި ނާރސް… " ސަޖާގެ ވާހަކައިން ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް ސަޖާ ދެން ބުނެލި ވާހަކައިން އޭނާއަށް ހާސްކަން ވެރިވިއެވެ.
ވަރަށް ލޯބި ހަޒްބެންޑެއް ދޯ! ތިހާ ކެއަރިން ހަޒްބެންޑެއް އެންމެންނަކަށް ނުލިބޭނެ. ބައެއް މީހުން ލޯބީގެ ނަމުގެ ދޯކާވެސް ދޭނެ! ބީ ކެއަރފުލް..." ނުސީދާގޮތެއްގައި ސަޖާ މައާލްއަށް އަންގައިދޭން ބޭނުންވީ ރާދިންއަކީ އޭނާ އެ ހީކުރާހާ މައުސޫމް މީހެއް ނޫންކަމުގައެވެ. ރާދިން އަކީ ބޭވަފާތެރިއެއް ކަމުގައެވެ. ސަޖާގެ އެ ވާހަކައިން މައާލްގެ މޫނުމައްޗަށް ހައިރާންކަމުގެ އަސަރުތައް ވެރިވިއެވެ. އެކަމުން ސަޖާ ހިތްހަމަޖެހުނެވެ.
"ވެލް. އަހަރެން ދަނީ ދެން… އައިވީ ވަރަށް ރަނގަޅު." އެހެން ބުނެލާފައި މާނަފުން ނަޒަރަކުން ރާދިންއަށް ބަލައިލާފައި ސަޖާ އެތަނުން ނުކުންނަން ހިނގަތިގަތުމުން ސަޖާ ހުއްޓުވަން ރާދިން ބޭނުންވިއެވެ. އެހެންނަމަވެސް މައާލް ހުރީތީ އޭނާއަށް ސަޖާގެ ނަމުން ގޮވާލާކަށް ނުކެރުނެވެ. ސަޖާ ކޮޓަރީގެ ދޮރުފަތް ލައްޕައިލީ ވަރަށް ބާރަށެވެ. ދެން ކަންތައް ވާނެ ގޮތް ރާދިންއަށް އަންދާޒާވެސް ކޮށްނުލެވެއެވެ. އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނީ ސަޖާ މައާލްގެ ކުރިމަތީގައި އޭނާގެ ހަޤީގަތް ހާމަނުކުރުމުންނެވެ.
"ކޮން ކަހަލަ ނަރުހެއްތަ އެއީ؟ ޕާސަނަލް ކަންތައްތަކާ ބެހެން ޖެހޭތަ؟ ހާދަ ބާރަކަށޭ ދޮރުވެސް އެ ޖެހީ.. ނޫންތަ؟" މައާލް ރާދިންއާ ސުވާލުކޮށްލުމާއެކު، ރާދިން ހޫމް އެއް ލައްވައިލިއެވެ.
"އެބަ އަންނަން އިނގޭ މައާލް!' ދޮރާ ދިމާލަށް ބަލަން ހުރެފައި ރާދިން ބުނެލިއެވެ. މައާލް ބޯ ޖަހައިލުމުން އޭނާ ގޮސް ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. އެތަނުން ނުކުންނަން ދިޔަ ސަޖާ ފެނުމާއެކު, ރާދިން އަވަސް އަވަހަށް ގޮސް ސަޖާއަށް ގޮވައިލިއެވެ. ރާދިންގެ އަޑު އިވުނުކަމަށް ނުހަދާ ސަޖާ އޭނާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ރާދިން ދެކޮޅު ހޯދާލުމާއެކު، އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އައި ކޭން އެކްސްޕްލެއިން…" ރާދިން ބުނަމުން ދިޔަ ނަމަވެސް، ސަޖާ ހުރީ އެ އަޑު އަހާކަހަލަ ގޮތަކަށް ނޫނެވެ. އެންމެފަހުން ގޮތް ހުވެފައިވާ މީހެއް ފަދައިން ރާދިން ސަޖާގެ އަތުގައި ހިފައިގެން ގޮސް ސިޑި ގޮޅިތެރެއަށް ވަނެވެ.
"ދޫކުރޭ!" ގަދަ ހަދަމުން ދިޔަ ސަޖާގެ އަތުން ރާދިން ދޫކޮށްލިއެވެ.
"މީ ހޮސްޕިޓަލެއް… އަހަރެން ދައްކާ ވާހަކަ އަޑު އަހާފަވެސް ސަޖާއަށް ދެވޭނެއެއްނު." ރާދިން ބުނެލިއެވެ.
"އިތުރަށް ދައްކާނެ ވާހަކައެއް އެބަ އޮތްތަ؟ އޮތިއްޔާ ބުނެބަލަ!" ސަޖާ އޭނާގެ ބުމަ އަރުވައިލިއެވެ.
"ސަޖޫއަށް ތި ހީވަނީ ރަނގަޅަކަށް ނޫން. އަހަރެމެން ދެމީހުންގެ ދެމެދު…"
"އޯހް ޕްލީޒް ސޭވް އިޓް!. ގުޅުން އޮތް ވަރާ ނެތްވަރު އަހަންނަށް ވަރަށް ރަނގަޅަށް ފެނިއްޖެ! އޭނަ ތިއަތުތެރެއަށް ލައިގެން އޮތީމަ ވީނުން. އަހަންނަށް އޭރުވެސް އެނގޭ އަންހެނަކާ ފިރިހެނަކު އެއްތަން ވެއްޖެއްޔާ އެދޭތެރޭގައި ކަމެއް ނުހިނގާ ނުދާނެކަން. އަހަރެން ގުޅީމަ ފޯނެއް ނުނެގޭ. ވަރަށް ބިޒީ. ބިޒީ މީހާ ބިޒީވާ ސަބަބުތައްވެސް ފެނިއްޖެ. އިތުރަށް ކޮން ކަމެއް ސާބިތުކޮށްދޭން ރާދިން ބޭނުންވަނީ؟ އަހަރެން އެއްޗެއް ނުބުނަމެއްނު. ބުނެފިންތަ؟ އޭނަގެ ކުރިމައްޗަށް ދެން އަހަރެން އަރާ ދުވަހަކުން ހަޤީގަތްހާމަކުރާނަން. މިއަދު އަހަރެން މިތަނުން ދިޔަޔަސް މީ ނިމުމެއް ނޫން… މީފެށުން... ދަނީ…" ސަޖާ އެ ހުރިހާ އެއްޗެއް ރާދިންއާ ދިމާލަށް ކިޔާފައި ދާން އުޅުމުން ރާދިން އަނެއްކާވެސް ސަޖާގެ އަތުގައި ހިފެއްޓިއެވެ.
"އަތުން ދޫކުރާށޭ!." ސަޖާ ބުނެލިލެއް ބާރުކަމުން ރާދިން ސަޖާގެ އަތުން ދޫކޮށްލީ މީހަކަށް އަޑު އިވިދާނެތިއެވެ.
"ހޮސްޕިޓަލެކޭ މީ ސަޖޫ…. މީހަކަށް އަޑު އިވިދާނެ!" ރާދިން ބުނެލިއެވެ.
"އަހަންނަށްވެސް އެބަ ފެނޭ މީ ހޮސްޕިޓަލެއްކަން. ދޮގުހަދާފައި އައިސް މީހުން މިތާ އެތެރޭގައި އުޅޭގޮތްވެސް ފެނިއްޖެ! ބިޒީގެ ބަހަނާ ދައްކަނީ ކީކުރަންކަންވެސް އެނގިއްޖެ. އޭނަ ކައިރީގައި އަހެރެމެން ދެމީހުންގެ ހަޤީގަތް ހާމަކޮށްފާނެތީ ހާދަބިރެކޭ ގަތީ. އަހަރެން ދެކެ ލޯބިވާނަމަ، އަދި އެކު އުޅެން ބޭނުންވާނަމަ، އެ ހަޤީޤަތް މައާލްއަށް އެނގުމަކުން އެއްވެސް ފަރަގެއް އައިސްގެން ނުވާނެ! އެ ހަޤީގަތް އޭނައަށް އެނގުނީމަ އަހަރެމެން ގުޅެން ފަސޭހައެއް ނޫންތަ ވާނީ؟ އޭނަ ރާދިންގެ ކައިރިން ވަރިވާކަށް ރާދިން ބޭނުމެއް ނޫންތަ؟ އޭރުން ރާދިންގެ ބައްޕައަށްވެސް ބުނެވޭނެ އެއްޗެއް ނޯންނާނެ." ސަޖާ ބުނެލިއެވެ.
"ސަޖޫ… އޭރުން…" ސަޖާގެ އެ ޚިޔާލުން ރާދިންގެ ހިތަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ. އެހިތުގެ އެތެރޭގައި ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ހޭލައިގެންފިއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އޭނާއާއި ސަޖާގެ ގުޅުން މައާލްއަށް ހާމަކުރާކަށް ރާދިން ބޭނުމެއް ނޫނެވެ. އޭނާ މައާލް އެ ހާލުގައި ވަނިކޮށް ދެރަކުރާކަށް ބޭނުމެއް ނޫނެވެ. ވަރި އެ ލަފްޒު އަޑު އަހަން މައާލްއަށް ކެތްނުވާނެކަން އޭނާއަށް އެނގެއެވެ. އޭރު ރާދިންއަށް ނޭނގުނު ކަމަކީ މައާލް ވަރިކުރަން އޭނާގެ ހިތާ ސިކުނޑިވެސް ދެކޮޅު ހަދަމުން ދަނީ، އެހިތުގައި މައާލްއަށްޓަކައި ފުން ޖަޒުބާތުތަކެއް ހޭލަމުންދާތީ ކަމުގައެވެ. އެހިތުގެ ޙާލު ޚުދު އޭނާއަށް ވެސް ފަހުމެއް ނުވެއެވެ.
"ކޮބާ؟ މިހާރު ބުނާނީ ވަރިއެއް ނުކުރެވޭނެޔޭ! ދެން ބުނާނީ ތިމަންނައަށް މައާލް ދެކެ ލޯބިވެވިއްޖެޔޭ! ވަރިއެއް ނުކުރާނަމޭ!" ރާދިންއާ ދިމާލަށް ބަލާލާ ސަޖާ ބުނެލި ލަފްޒާއެކު، އޭނާ މަޑުޖެހުނެވެ. މައާލްއަށްޓަކައި އޭނާގެ ހިތުގައި އެވަނީ ލޯބިހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި ވަގުތީ ހަމްދަރުދީއެއްހެއްޔެވެ؟ އާއެކެވެ. އެއީ ލޯތްބެއް ނޫނެވެ. އެއީ މައާލްގެ ޙާލަތާމެދު އޭނާ ވާ ޙަމްދަރުދީއެވެ. ރާދިން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައެވެ.
"ބުނާނެ އެއްޗިސް ހުސްވީދޯ… " ސަޖާ މަލާމާތުގެ ގޮތަކަށް ހީލިއެވެ.
"ނޫން ސަޖޫ. އަހަރެން އޭަނަ ދެކެ ލޯތްބެއް ނުވޭ! ކުޑަކޮށްވެސް ނުވޭ! އަހަރެން ހަމައެކަނި ބޭނުންވަނީ ސަޖޫ. އަހަރެމެން ދެމީހުންގެ ދެމެދުގައި އެއްވެސް ކަމެއް ބަދަލެއް ނުވޭ، އަދި ނުވެސް ވާނެ! އޭނަގެ އެ ޙާލަތުގެ ސަބަބުން އަހަރެން ހަމައެކަނި އޭނައާމެދު ޙަމްދަރުދީވަނީ…"
"ހަމްދަރުދީ ލޯތްބަށް ބަދަލުވާ ވާހަކަ އަހަރެން އަޑު އަހަން." ރާދިންގެ ކޮންމެ ޖަވާބަކަށް ސަޖާ ރައްދުދެމުން ދިޔައެވެ. އެކަމުން ރާދިންއަށް އުނދަގޫވިއެވެ.
"ރާދިން އަމިއްލައަށް ވިސްނާލީމަ ވެސް އެނގޭނެ. އަހަރެމެން ދެމީހުން އެކުގައި ދުއްވާލަން ގޮސް، ތަނަކަށް ކާލަން ގޮސް، ނޫނީ މަޖާކޮށްލަން ިދޔަ ދުވަހެއް ރާދިންގެ ހަނދާނުގައި އެބަހުރިތަ؟ އެ މައާލްއަކާ އިންފަހުން އޭނަގެ ފޫބުޑުން ނުނެއްޓޭ! އަހަންނަށް އެނގޭ ރާދިންއަށް ވެގެން ތިއުޅޭ ގޮތެއް. ހަޤީގަތުގައި އެހެން އެއްވެސް މީހެއްގެ ފަރާތުން، އަހަރެމެން ދެމީހުންގެ ގުޅުން މައާލްއަށް އެނގެން ރާދިން ބޭނުންނުވަނީ. އެއީ ރާދިން ބިރުގަންނަ ކަމަކީ. ހިތުގައި އިޙްސާސްތަކެއް ނުވާނަމަ ބިރުގަންނަންވީ ކީއްވެ؟" ދެބުަމަ ގޮށް ޖަހާލައިގެން ހުރެ ސަޖާ ބުނެލިއެވެ. މިފަހަރުވެސް ބުނާނެ އެއްޗެއް ރާދިންއަކަަށް ނޭނގުނެވެ.
"އެއްޗެއް ބުނެބަލަ! ކީއްވެ ތި ހުންނަނީ؟ އަހަރެން ދެކެ ލޯބިނުވަނީ ދޯ…" ރާދިންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލަން ހުރުމަށްފަހު، ސަޖާ އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. މިހާރު އެމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. "އެމޯޝަނަލީ" ރާދިން "ބްލެކްމެއިލްކުރުމަކީ" މިވަގުތު އޭނާއަށް ފެނުނު އެންމެ ރަނގަޅު ހައްލެވެ.
"ސަޖޫ…" ސަޖާ ރޯންފެށުމުން ރާދިން ސަޖާއާ ކައިރިއަށް ޖެހިލާ އަތުގައި ހިފައްޓައިލިއެވެ.
"ރާދިން ދެކެ އަހަރެން ލޯބިވާވަރު ނޭނގޭތަ؟ ރުޅި އާދެވެނީވެސް ލޯބިވާތީއޭ… އެހެން އަންހެނެއް ނަމަ މި ގޮތަށް ހުންނާނެތަ؟ ލޯބިވާ މީހާއަކީ އެހެން މީހެއްގެ ފިރިއެއްކަން އެނގޭއިރު އިންތިޒާރުކުރާނެތަ؟ އަހަރެން ލޯބިވާވަރުގެ ހެއްކަކަށް މިވަރު ނުފުދޭތަ؟ އަހަރެން އަދި ވެސް މިހުރީ ރާދިންގެ އިންތިޒާރުގައޭ. ދުވަހަކުވެސް އެހެންމީހަކާ އެކީ އުޅެނިކޮށް ރާދިން ދުށިންތަ؟ ކޮންމެ ޙާލެއްގަަވެސް އަހަރެން ބޭނުންވަނީ ރާދިން. ހަމައެކަނި ރާދިން. އަހަރެން ދޫކޮށްލާފަ އެ އަންހެނާ ކައިރިއަށް ނުދޭބެލަ ރާދިން، ހެޔޮނުވާނެ! އަހަރެންގެ އޮތީ ކޮށް ކުށެއްތަ؟ ރާދިން ދެކެ އިންތިހާއަށް ލޯބވުންތަ؟ ނޫނީ އަހަރެމެން ދެމީހުންގެ ކައިވެނިީގެ ހުވަފެން ދުށުންތަ؟" ސަޖާ ރޮމުން ވާހަކަ ދެއްކުމުން ރާދިންއަށް ކުށްވެރި އިޙްސާސްއެއް ކުރެވުނެވެ. އޭނާ މަޑުމަޑުން ސަޖާގެ ކައިރިއަށް ޖެހިލާ ސަޖާ އޭނާއާ ގާތްކޮށްލިއެވެ.
"އައި ޕްރޮމިސް ދެން އެހެން ނުވާނެ! ސަޖޫގެ ކުށެއްނެތި އަހަރެން ސަޖޫ ދުލެއް ނުކުރާނަން."
ރާދިންގެ އަޑުން ސަޖާއަށް އޭނާ ބޭނުންވާ މަޤްސަދު ހާސިލްވެއްޖެކަން ޔަޤީންކުރެވުމާއެކު، ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލިއެވެ. އެހެންނަމަވެސް އެކަން އޭނާ ރާދިންއަށް ދައްކާކަށް ބޭނުމެއް ނޫނެވެ. ރާދިން ދުރަށް ކޮށްޕާލާފައި، ސަޖާ އަނގަމަތީގައި އަތް އަޅާލާފައި، އެތަނުން ދާން ދުއްވައިގަތެވެ. ސަޖާގެ ފަހަތުން ދާން ބޭނުންވިނަމަވެސް، މައާލް އެކަނިކޮށްލާފައި ދާކަށް ރާދިންއަކަށް ނުކެރުނެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު، ރާދިން ގޮސް މައާލް އޮތް ރޫމަށް ވަތްއިރު، އެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.
"ރާދިންތަ؟"
އެނދުގައި އޮށޯވެލައިގެން އޮތް މައާލްގެ އަޑު ޖެހުމާއެކު، އޭނާ އާއެކޭ ބުނެލިއެވެ. އޭނާ ފުން ނަޒަރަކުން މައާލްއަށް ބަލައިލިއެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން އޭނާ މަސައްކަތްކުރިއެވެ. އިތުރު އެއްޗެއް މައާލް ނުބުނުމުން ރާދިންވެސް ޚިޔާރުކުރީ ހިމޭންކަމެވެ. ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނީއެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ރާދިން އޭނާގެ ހަށިގަނޑު ސޯފާއަށް ދޫކޮށްލިއެވެ. އެއަށްފަހު، ނިތުގައި އަތް ހިނގާލިއެވެ. އެހެން އިންއިރު އޭނާ އިރުއިރުކޮޅަކާ މައާލްއަށް ބަލައިލައެވެ.
މައާލްއަށް ނިދުމުން ރާދިން އައިސް ރަޖާ ރަނގަޅުކޮށްލަދީފައި، އައިވީ ހުސްވި ވާހަކަ ނަރުސްކުއްޖާގެ ކައިރީގައި ބުނެލަން ނުކުމެލިއެވެ. އެ ވާހަކަ ބުނެލާފައި އައިސް އޭނާ ސޯފާގައި އިށީނދެލިތާ މާ ގިނައިރުތަކެއްނުވެ، ނަރުސްކުއްޖާ އައެވެ. އައިވީ ދެން އިތުރަށް ނުދޭނަކަމަށް ބުނެ އެ ކުއްޖާ ދިޔުމުން ރާދިންވެސް ސޯފާގައި ޖައްސައިލިއެވެ. ހަށިގަނޑަށް ވަރުބަލިކަން އިޙްސާސްނުވިނަމަވެސް، އޭނާގެ ސިކުނޑީގައިވަނީ ވަރުބަލިކަމެވެ. ރާދިންއަށް ނިދުނީވެސް މައާލްއާ ސަޖާގެ ވިސްނުންތަކުގައި އެ ގޮތުގައި އެތައް އިރެއް ފާއިތުވީފަހުންނެވެ.
*****
ޖެހިގެން އައި ދުވަހު އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށް މައާލް ދޫކޮށްލައިފިއެވެ. އެ ވާހަކަ މުނީރު ކައިރީގައި ބުނުމުން އޭނާ މައާލްމެން ބަލާ ކާރު ފޮނުވިއެވެ. ރާދިން މައާލް ގޮވައިގެން ގެއަށް ދިޔައިރު، މުނީރު އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.
"ކޮޓަރިއަށް ގޮސް އަރާމުކޮށްލާ އެހަށް. އެމާ ކައިރީ ބުނާނަން މައާލްއަށް ކާން ލުއި އެއްޗެއް ތައްޔާރުކޮށްލާފަ ފޮނުވަން." މުނީރު ރާދިންއަށް ބަލައިލުމުން ރާދިން މައާލް ގޮވައިގެން މައްޗަށް އަރަން އަވަސްވެގަތެވެ. އޭނާ ހުރީ މައާލްގެ ގައިގައި ކުޑަކޮށް ހިފައްޓާލައިގެންނެވެ. މައާލްގެ ހަށިގަނޑު އަދިވެސް ބަލިކަށިކަން އޭނާއަށް އެނގެއެވެ. ރާދިންގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުގެ ސަބަބުން މައާލްގެ ހިތުގައިވަނީ އުންމީދުގެ ހުޅުކޮޅެއް ރޯވެފައެވެ. މަޑުމަޑުން ރާދިންގެ ހަރުކަށިކަން އެކީ ފިލައިގެންދާނެކަމުގައި މައާލް ހީކުރިނަމަވެސް، ހިތުގައި ބިރުވެރިކަން ކޮންމެވެސް ވަރަކަށް ވެއެވެ. އެކްސިޑެންޓަށްފަހު، ދިމާވި ކަންތައްތަކަށްފަހު، މައާލްއަށް އޭނާގެ އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކަންތައްތަކުގައި ގޮތް ނިންމުން އޭނާއަށް އުނދަގޫވަނީއެވެ. ލިބޭ ކޮންމެ އުފަލެއް ގެއްލިދާނެހެން ހީވަނީއެވެ. ދެވަނަ ފަހަރު އެފަދަ ކަމަކާ ކުރިމަތިލުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. ތަޤުދީރުގެ ކުރިމަތީގައި އޭނާ އެވަނީ ބަލިކަށިވެފައެވެ. ގޮތްހުސްވެފައެވެ.
ރާދިން އާއެކު ކޮޓަރިއަށް ވަތް މައާލް އެނދުގައި އޮށޯންނަންވެސް ރާދިން އެހީތެރިވެދިނެވެ.
"ތެންކިއު" މައާލް ޝުކުރު އަދާކުރުމުން ރާދިން ހިނިތުންވެލިއެވެ. މައާލް އެނދުގައި ބާއްވާފައި ރާދިން ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ ސޯފާގައި އިށީނދެލިތަނާ އެމާ ކާއެއްޗެހި ހިފައިގެން އަތުވެއްޖެއެވެ. މައާލްއަށް ކާން އެހީތެރިވެދީފައި ނަމާދުކުރަން ތައްޔާރުވާން ވެސް ރާދިން އެހީތެރިވެދިނެވެ.
މައާލް ނަމާދުކުރުން ފެށުމުން ރާދިން އޭނާ އެބަ އަންނަން ކަމުގައި ބުނެ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. އެއަށްފަހު، އޭނާ ސަޖާއަށް ގުޅައިލިއެވެ. ސަޖާ ފޯނެއް ނުނަގައެވެ. މިއަދު ހަތަރުދަމުވެސް ސަޖާ އޭނާގެ އެއްވެސް ކޯލަކަށް ޖަވާބެއް ނުދެއެވެ. އެކަމުގެ ސަބަބުން ރާދިންގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ސަޖާގެ ކައިރިއަށް ދާން ރާދިން ބޭނުންވިނަަމަވެސް، މައާލް އެކަނިކޮށްލާފައި ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
އިޝާނަމާދު ފަހުން އެމާ ގެނެސްފައި، އޭނާ އަންނަން ދެން މައާލްގެ ކައިރީގައި މަޑުކޮށްލަން ބުނުމަށްފަހު، ރާދިން ދިޔައީ ސަޖާއާ ބައްދަލުކުރުމަށެވެ.
ގޭގެ ބެލް އަޅައަޅާ ވަރުބަލި ވީފަހުން ސަޖާ ދޮރުހުޅުވައިލިއިރު، އެ މޫނުމަތިން ރުޅިވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް ސަޖާ މަސަލަސްކުރުން ވީ އުނދަގޫކަމަކަށެވެ. ވަރަށް އުނދަގުލުން ރާދިން ސަޖާ ހަމައަކަށް އެޅުވީ އެތައް އާދޭހަކާ އެތަކެއް އަހުދެއް ވެގެންނެވެ.
"ދެން އަނެއްކާވެސް އޭނަ ކައިރިއަށް ދޯ ދާނީ؟"ހަމަޖެހިލަމުން ރާދިންއާ ދުރުވެލި ސަޖާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ.
"އޭނަ ކައިރިއަށް މިދަނީ މަޖުބޫރުވެގެން. އެކަހަލަ ގުޅުމެއް އޭނައާ ނުބާއްވާނަން. ޔޫ އާރ މައި ލަވް. މައި އެވްރީތިންގް... އޭނަ ކައިރީ ހުއްޓަސް އަހަރެންގެ ހަނދާނުގަ ވާނީ ސަޖޫ…" ރާދިން ސަޖާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ.
"އަހަރެން ބަލާނަމޭ! އޭނައާ އެގޮތަށް ކައިރިނުވެބަލަ!" ސަޖާ ބުނެލިއެވެ.
"އޯކޭ… ޑޯންޓްވޮރީ… އައި ލަވް ޔޫ… ބައިދަވޭ ކީއްކުރީ ހޮސްޕިޓަލްގައި.؟"
"ފްރެންޑެއް ކައިރިއަށް ދިޔައީ… ހިނގާބަލަ ބޭރަށް ދާން..." ސަޖާ ބުނެލިއެވެ. އެ އެދުމަށް ދެކޮޅުހަދަން ނުކެރުނު ރާދިން ސަޖާއާއެކު ބޭރަށް ދިޔައެވެ. ރެސްޓޯރެންޓަކުން ކައިގެން ހުޅުމާލޭގައި ދުއްވާލާފައި، ސަޖާ ވެސް ގެއަށް ލާފައި ރާދިން ގެއަށް އައިއިރު އެގާރަޖަހަނީއެވެ.
ގަޑިއަށް ބަލައިލަމުން ދުވެފައިކަހަލަ ގޮތަކަށް އޭނާ ސިޑިން އެރިއެވެ. އޭރު އެމާ ދޮރުފަތް ލައްޕާލާފައި ކޮޓަރިން ނުކުންނަނީއެވެ.
"މައާލް ކޮބާ؟" ރާދިން އެމާ ކުރެން އަހައިލިއެވެ.
"ސްލީޕިންގް..." އެމާ ބުނެލުމުން ރާދިން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
*****
ހުރިހާކަމެއް ނިމުމުން މުނީރުގެ އިޒުނައާއެކު، ރާދިންއާއި މައާލްއާ ދެމީހުން ޕެލެސް ވެލީއަށް ބަދަލުވީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެގޭގައި އިތުރު ބަޔަކުވެސް ނޫޅޭތީއާއި، ޚާދިމުންގެ ބައި ވަކިން ހުރުމުން މައާލްއަށް އިތުރު ތަކުލީފެއް ޖައްސާކަށް ރާދިންގެ ހިތެއް ނޭދުނެވެ. އެހެންކަމުން އެމީހުން އުޅެން ނިންމީ އެންމެ ތިރީ ބައިން ކޮޓަރިއެއްގައެވެ. ރާދިން ވެސް މައާލްއާއެއް ކޮޓަރިއެއްގައި އުޅެން ނިންމީ މައާލްއަށް އެހީތެރިކަން ބޭނުންވާނެތީއެވެެ. ކުއްޖަކު ހުރިނަމަވެސް، މައާލް އެކީ އެކަނިކޮށްލަން އޭނާގެ ހިތް ނޭދުނީއެވެ. މުނީރުވެސް ނެތުމުން މައާލް އެކަނިވެރިވާނެ ވަރު އޭނާއަށް އިޙްސާސް ވީ އެވެ. މައާލްގެ ނިކަމެތިކަމުގެ ކުރިމަތީގައި އަމިއްލަ އެދުން އިސްކުރާކަށް އޭނާއަކަށް ނުކެރުނެވެ.
* * * * *
ރާދިން ކެފޭއަށް ވަތްއިރު އަނޫފް މޭޒެއްގެ ދޮށުގައި އިނެވެ. އޭނާގެ ވިސްނުން ގުޅިފައިވަނީ ރޭގައި އޭނާއަށް ފެނުނު މަންޒަރަކާއެވެ.
"އޭތް. ކަލޭ މިހާރު ކީއްވެފަ؟" ރާދިން ސުވާލުކޮށްލުމާއެކު، އަނޫފް ދެފަރާތަށް ބޯ ހޫރައިލިއެވެ. ރާދިންއާ އެ ވާހަކަ ހިއްސާކުރަންވީކަމެއް ނުވަތަ ނޫންކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.
"ކަމެއް ނުވޭ! ކަލޭ އާގެއަށް ބަދަލުވީނު. ދެން މަށަށްވެސް ތިގެ ދައްކާލާކަށް ނުވޭތަ؟" އަނޫފް ބުނެލިއެވެ.
"ހަހަ... ހަމަ ދާންވީ. އެބަޖެހޭ ކުޑަކަމެއްވެސް ކުރަން. ޓީވީ އާ އެއްޗިސް ގުޅިމީހުން ނަރުތައް ނުބައިކޮށް ގުޅާފަ ކަންނޭނގެ ހުރީ. ނުހުޅުވޭ." އަނޫފްއަކީ ކަރަންޓުގެ މަސައްކަތްކުރަން ދަންނަ ޒުވާނެއްކަމުން، ކޮފީއެއް ބޯލައިގެން ރާދިން އަނޫފް ގޮވައިގެން ދިޔައީ ޕެލްސް ވެލީ އަށެވެ.
ބޮޑު ގޭޓު ހުރަސްކޮށް ޕެލެސްވެލީގެ ގޯތިތެރެއަށް ރާދިންއާއެކު ވަތް އަނޫފް ހައިރާންވިއެވެ.
"ކަލޭ މިގޭގަ؟" ވަށައިގެން ބަލައިލަމުން އޭނާއަށް ސުވާލުކޮށްލެވުނެވެ.
'އާނ…" ރާދިން ގެ ފަހަތުން އަނޫފް ވެސް ގޮސް އެތެރެއަށް ވަނެވެ. ވަށައިގެން އޭނާއަށް ބެލެމުން ދިޔައީ އަންތަރީސްވެފައިވާ ހާލުގައެވެ. ރާދިންއާއެކު ގޮސް ބޮޑުކޮޓަރިއަށް ވަތް އަނޫފްއަށް ހުރީ ގަބޫލުކުރަން ދަތިވެފައެވެ.
ރާދިންގެ ނަޒަރު ސޯފާގައި އިން މައާލްއަށް ހުއްޓުނެވެ. ވަށައިގެން އެގެއަށް ބަލަމުން ދިޔަ އަނޫފްގެ ނަޒަރުވެސް އެދިމާލަށް ހުއްޓޭކަށް ގިނައިރެއް ނުނެގިއެވެ. އޭނާ ލޮލުން އިޝާރާތްކޮށްލުމާއެކު، ރާދިން ބޯ ޖަހައިލިއެވެ.
"ހެލޯ ސާރ..." އެ ދެމީހުން އެތަނުގައި ހުއްޓާ އޭވާ އައިސް ރާދިންއަށް ސަލާމްގޮވައިލިއެވެ. އެއަށްފަހު، އޭނާ ގޮސް މައާލްގެ އަތުގައި ހިފާ ތެދުވަން އެހީތެރިވެދިނެވެ.
"ރާދިން އައިތަ؟" މައާލް ސުވާލުކޮށްލުމުން އޭވާ އާއެކޭ ބުނެލިއެވެ.
"އަހަރެން މިއުޅެނީ މި ޓީވިއާ އެއްޗެހި ރަނގަޅުކޮށްލަން."
"ރޫމަށް މިދަނީ…" މައާލް އޭވާގެ އެހީތެރިކަމާއެކު ހިނގައިގަތުމުން، ސުވާލުމާކުތަކުން ސިކުނޑި ފުނިޖެހިފައިވާ އަނޫފް ރާދިންއަށް ބަލައިލިއެވެ.
"އިޒް ޝީ…. ބްލައިންޑް؟"