"ތި ކަހަލަ ސަމާސާ ނުކޮށްބަލަ ރާދިން."

"މީ ސަމާސާއެއް ނޫން ސަޖޫ... އަހަރެން... އަހަރެން..." ރާދިންގެ ވާހަކައިން ސަޖާއަށް އެއްކަމެއް ފަހުމްވިއެވެ. ރާދިން އެ ހަދަނީ ދޮގެއް ނޫންކަމަށާއި އެއީ ސަމާސާއެއް ނޫންކަން އޭނާއަށް އެނގުނެވެ.

"ކާކު؟ ކާކު މަޖުބުރުކުރަނީ؟" ސަޖާއަށް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ސުވާލުކޮށްލެވުނެވެ.

"ސަޖޫ.. އަހަރެން ދައްކާ ވާހަކަ..."

"އަހަރެން މި އަހަނީ ކާކުހޭ؟" ސަޖާއަށް ބާރަށް ބުނެވުނެވެ.

"ބައްޕަ... ބައްޕަ ބުނީ..."

ރާދިންއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ސަޖާގެ މޫނުމަތިން އޭނާއަށް ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަަސަރުތަކެކެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ސަޖާގެ މޫނުމަތިން އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ. އެ މޫނުމަތީގައިވަނީ ރުޅިވެރިކަމާއި ހިތާމައިގެ އަސަރުތަކެވެ.

ސަޖާއަށް ރާދިންއާ ދުރަށް ޖެހިލެވުނެވެ. ސަޖާގެ އަޑުން ރާދިންއަށް ހިތްދަތިކަން ނޫން އެއްޗެއް ދޭހައެއް ނުވިއެވެ.

ސަޖާ ކުއްލިއަކަށް އިންތަނުން ތެދުވިއެވެ. އެއާއެކު ރާދިންއަށް ސަޖާއާ ދިމާލަށް ބަލައިލެވުނެވެ. ރާދިންގެ މަޖުބޫރީ ޙާލަތު އޭނާގެ ދެލޮލުން އެކަނިވެސް ފާޅުވަމުން ދިޔައެވެ.

"ރާދިން އަހަރެން ގޮވައިގެން މިތަނަށް ތިއައީ އެވާހަކަ ބުނެފަ އަހަރެން ދޫކޮށްލަންތަ؟ ރާދިންއަށް އިޙްސާސްކުރެވޭތަ އަހަރެން ދެރަވާނެވަރު. އަހަރެން ލޯބިވާވަރު އިޙްސާސްނުވަނީތަ؟" ސަޖާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔަ މަންޒަރު ރާދިންއަށް ފެނުނެވެ. ރާދިން ތެދުވެލިއެވެ. ސަޖާގެ އަތުގައި ހިފައްޓާލުމަށްފަހު، ވާހަކަ ދައްކަން އޭނާ މަސައްކަތްކުރިއެވެ.

"ސަޖޫ. ޕްލީޒް! އަހަރެން ދައްކާ ވާހަކަ އެއްފަހަރުވެސް އަޑު އަހާލަބަލަ! އެންމެ ފަހަރަކު. އަހަރެން...." ރާދިންގެ ވާހަކަ ފުރިހަމަކުރުމުގެ ފުރުސަތު ސަޖާ ދޭން ބޭނުންނުވާފަދައެވެ. ރާދިންގެ އަތުތެރެއިން އޭނާގަ އަތް ވީއްލައިލަމުން ސަޖާ ބާރުފިޔަވަޅުތަކުގައި ދުރަށް ހިނގައިގަތީ އޭނާގެ ކަރުނަތައް އަތުގެ ނުފުށުން ފުހެމުންނެވެ. ރާދިންއަށް ސަޖާ ދިޔަ މަންޒަރު ބަލަން ހުރެވުނީ ދެން ކަންތައްކުރާނީ ކިހިނެއްކަން ނޭނގޭ ޙާލުގައެވެ. ނަފްސުގައި އުފެދުނު ގިލަންވެރިކަމުގެ އަސަރުތަކާއެކު އޭނާއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އެ ވާހަކަ ސަޖާ ކައިރީގައި ބުނެވުނު ކަމަގެ މޮޔަ ރާދިންގެ ހިތުގައި އުފެދުނެވެ. ސަޖާ ގޮސް ލޯމަތިން ގެއްލެންދެން ރާދިންއަށް އެ ދިމާލަށް ބަލަން ހުރެވުނުއިރު، އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. ސަޖާގެ ފަރާތުން އެ ފެނުނު އަމަލުތަކަކީ ފެނުން އެކަށީގެންވާ އަމަލުތަކެއްކަމަށް ރާދިންއަށް ޤަބޫލުކުރެވެއެވެ. އޭނާ އެކަމާ ސަޖާދެކެ ރުޅިއެއް ނާދެއެވެ. އެތައް އިރަކު އެތަނުގައި ވިސްނުމުގައި ހޭދަކުރުމަށްފަހު، ރާދިންވެސް އެމީހުން ތިބި ގެސްޓް ހައުސްއާ ދިމާލަށް މިސްރާބުޖެހިއެވެ. އެތަކެއް ފަހަރަކު ސަޖާގެ ކޮޓަރީގައި ރާދިން ޓަކި ޖެހިނަމަވެސް ސަޖާ ކޮޓަރިއެއް ނުހުޅުވިއެވެ.

"ހަމަމިހާރު މިތަނުން ދޭ!" ސަޖާގެ ހަޅޭކުގެ އަޑު ރާދިންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އިސްޖަހައިލެވުނެވެ. އޭނާގެ އެ ވާހަކަތަކުން ސަޖާގެ ހިތުގައި ޖެހިފައިވާ މިންވަރު ރާދިންއަށް އަންދާޒާކޮށްލެވުނެވެ.

"އައި އެމް ސޮރީ ސަޖާ! އެއްފަަހަރުވެސް ދޮރު ހުޅުވާލާފައި އަހަރެން ދައްކާ ވާހަކަ އަޑު އަހާލަަބަލަ! އަހަންނަށް އެނގޭ އަހަރެން ދެކެ ރުޅި އައުމަކީ ހައްޤުކަމެއްކަން. އަހަރެން އެކަމަށް މާފަށް އެދެން." ރާދިން ދޮރު ކައިރީގައި ހުރެ ބުނެލިއެވެ.

"ސަޖޫ ޕްލީޒް! ސަޖޫ އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ މި ދޮރު ހުޅުވާނެ!" ރާދިން އެކީ މާޔޫސްވިއެވެ. ސަޖާއާ ވާހަކަ ދައްކަން އިތުރަށް ކަންތައްކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ސަޖާއާ ދުރުގައި ހުރުމަކީ އޭނާއަށް ކެތްވާނޭ ކަމެއް ނޫންކަމެވެ. ސަޖާގެ އެ ރުޅިއަކީ އޭނާއަށް ކެތްވާނޭ ކަމެއް ނޫންކަމެވެ. އެތަކެއް އިރަކު ރާދިން އެތަނުގައި ހުރިނަމަވެސް، ސަޖާ ދޮރެއް ނުހުޅުވިއެވެ. ސަޖާ ގޮތް ދޫނުކުރާނެކަން އެނގޭތީ ރާދިން ނިންމީ ސަޖާއަށް ވަގުތު ދޭށެވެ.

*****

ރޭގަނޑުގެ ކެއުމަށް ދާންވެގެން ރާދިން އަނެއްކާވެސް ސަޖާ ބަލާ އައެވެ. އޭރުވެސް ދޮރު ހުރީ ތަޅުލާފައެވެ. ރާދިން ދޮރުގެ ތަޅުގައި ދެފަަހަރަކު ޖަހައިލުމަށްފަހު، ސަޖާއަށް ގޮވައިިލިއެވެ. އެހާ ގިނައިރު ސަޖާ ދޮރު ނުހުޅުވާ ހުރުމުން ރާދިން ކަންބޮޑުވިއެވެ. އޭނާ އަނެއްކާވެސްް ދޮރުގެ ތަޅުގައި ހިފާލާފައި ޓަކި ޖަހައިލިއެވެ. އުންމީދުގެ ހުޅުކޮޅެއް ދިއްލުނީ ކޮޓަރީގެ ދޮރު ހުޅުވާލާފައި ސަޖާ ނުކުތުމުންނެވެ. ރާދިންގެ ހިތަށް ލިބުނު ކުޑަކުޑަ ހިތްހަމަޖެހުންވެސް ގެއްލިގެން ދިޔައީ ސަޖާގެ އަތުގައި އޮތް ފޮށި ފެނުމުންނެވެ.

"ސަޖޫ... މީ ކޮންކަމެއް؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ނުފެނޭތަ؟ މިރޭ އެންމެ ފަހަށް އިން ފެރީއިން އަހަރެން މިދަނީ މާލެ ދާން." ސަޖާ ރުންކުރުގޮތަކަށް ބުނެލިއެވެ. އެ އަޑުގައި ވަނީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.

"އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ ސަޖޫ. އެންމެ ފަހަރަކު..." ރާދިން އާދޭސްކުރިއެވެ.

"ނޫޅެން. އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްތަ؟ ބައްޕަ ހޯދި ކުއްޖާއާ އިންނަން ދޭބަލަ!" އެހެން ބުނެލުމަށްފަހު، ސަޖާ ފޮށި ހިފައިގެން ހިނގައިގަތް ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާއަށް މަޑުޖެހެވުނީ ރާދިންގެ އަމަލަކުންނެވެ.

ސަޖާގެ ފުރަގަހުން އައިސް ރާދިން ސަޖާގެ ގައިގައި ބައްދައިލިއެވެ.

"އަހަރެން ނޫޅެމޭ އޭނައާ އިންނަން ބޭނުން ވެގެންނެއް. ސަޖޫ ނޫން މީހަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ނެތޭ... އަހަރެން ހަމަ އެކަނި ލޯބިވާ އަންހެން ކުއްޖަކީ ސަޖޫ. ހެޔޮނުވާނެ! ޕްލީޒް! އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަ!" ރާދިން ސަޖާގެ ކޮނޑުގައި އޭނާގެ ދަތްދޮޅި އަޅުވައިލަމުން ވާހަކަ ދެއްކިއެވެ.

"ދޫކުރޭ ރާދިން! ތި ޑްރާމާ އަޑު އަހާކަށް އަހަރެންގެ އެއްވެސް ޝައުޤެއް ނެތް." ސަޖާ ބުނެލިއެވެ.

"އަހަރެން ސަޖޫ ގަޔަކުން ދުލެއް ނުކުރާނަން. ހެޔޮ މިތަނަށް އަންނަ އެންމެނަށް ފެނުނަސް. އަހަރެން ދައްކާ ވާހަކަ އަޑު އަހަން އެއްބަސް ނުވާހާ ހިނދަކު އަހަރެން ސަޖޫ ގަޔަކުން ދުލެއް ނުކުރާނަން. ކީއްވެތަ ގަބޫލުނުކުރެވެނީ. މިހާ ދުވަސްވީއިރު ސަޖޫއަށް އަހަންނަށް އިތުބާރު ނުކުރެވޭތަ؟ އަހަރެން ލޯބިވާވަރު އިޙްސާސް ނުކުރެވޭތަ؟ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މިގުޅުމަކީ އެހާ ބަލިކަށި ގުޅުމެއްކަމަށް ސަޖޫއަށް ހީވަނީތަ؟ ނޫނީ އަހަރެންގެ ލޯތްބަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަމަށް ސަޖޫއަށް ހީވަނީތަ؟ މީ އަހަރެން ކުޅޭ ކުޅިވަރެއް ނޫނޭ ސަޖޫ! ކީއްވެތަ ކިރިޔާ ކަމެއް ވާއިރަށް އަހަރެން ސަޖޫ ކައިރިއަށް ދާނީ. ސަޖޫއަށް އިތުބާރުކުރާތީ. ލޯބިވާތީއެއްނު. ޕްލީޒް ބޭބީ. އެންމެ ފަހަރަކު އަހަރެންގެ ވާހަކަ އަޑު އަހާލަބަ! އަހަރެން ކިހިނެއް ސަޖޫއާ ވަކިން އުޅޭނީ." ރާދިންގެ އަޑުގައިވަނީ މާޔޫސީ ކަމާއި ހިތްދަތިކަމެކެވެ. ސަޖާ ދެކެ އޭނާ ލޯބިވާވަރު ރާދިންގެ އެ ވާހަކައިން ސަޖާއަށް އިޙްސާސްވިއެވެ. ރާދިންގެ ވާހަކަ އަޑު އެހުމަށް އޭނާގެ ޒަމީރު މަޖުބޫރުކުރުވަމުން ދިޔަފަދައެވެ.

ސަޖާ ރާދިންއާ ވީ ފަރާތަށް އެނބުރިލިއެވެ. ރާދިންގެ މޫނުމަތީގައިވަނީ ކަންބޮޑުވުމާއި ހާސްކަމުގެ ލިސާންތަކެވެ. ސަޖާ ރާދިންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ އިންތިހާ ރަޖަޖައިގެ ވޭނާ ކެކުޅުމެވެ.

ސަޖާގެ ޖަވާބަކަށް އިންތިޒާރުކުރަމުންދިޔަ ރާދިންވަނީ ކެތްތެރިކަން ކުޑަވެފައެވެ.

"ސަޖޫ...."

"އޯކޭ!..." ސަޖާ ދުރުބަލައިލިއެވެ. ރާދިންގެ އެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން ސަޖާ ނުކުޅެދުނެވެ.

"ހިނގާ އެތެރެއަށް." ސަޖާގެ ފޮށި ހިފައިގެން ކޮޓަރިއަށް ވަންނަން ރާދިން ހިނގައިގަތެވެ. ސަޖާވެސް ރާދިންގެ ފަހަތުން ދިޔައެވެ. ފޮށި އެއްފަރާތުގައި ބަހައްޓާލަމުން ރާދިން ސަޖާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ސަޖާއާ ކައިރިއަށް ޖެހިލިއެވެ. މަޑުމަޑުން ސަޖާގެ ގައިގައި ބައްދައިލަމުން ރާދިން މާފަށް އެދުނެވެ.

"ސޮރީ ސަޖޫ. ވަރަށް ބޮޑަށް ސޮރީ..."

އެހެން ބުނެލުމަށްފަހު، އިރުކޮޅަކު ސަޖާއަށް އޭނާގެ ދެ އަތުގެ ހިމާޔަތް ދީގެން ރާދިން މަޑުކޮށްލިއެވެ. އެއަށްފަހު ސަޖާ ދުރުކޮށްލަމުން އޭނާ ސަޖާގެ ކޯތާފަތުގައި ފިރުމައިލިއެވެ. ސަޖާ ގޮވައިގެން ގޮސް ސޯފާގައި ބެއިންދުމަށްފަހު، އޭނާ ސަޖާއާ ކުރިމަތިލިއެވެ.

"ސަޖޫ. ޕްލީޒް ލިސެން ޓު މީ ވިތް އަ ކާމް މައިންޑް. އަހަރެން ބޭނުމެއް ނޫން ސަޖޫއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް. ސަޖޫއަށް ހާރޓްކުރުމަކީ އަހަރެން ބޭނުންވާކަމެއް ނޫން... ދުވަހަކުވެސް.... އެކަމަށް ވަރަށް ބޮޑަށް ސޮރީ... ބައްޕަ... ބައްޕަ އަހަންނަށް މަޖުބޫރުކުރަނީ އަހަރެންގެ ކަޒިންއަކާ މެރީކުރުމަށް. ކަޒިންއެއް އެކަންޏެއްވެސް ނޫން. ދޮންބެ އިންނަން އުޅުނު އަންހެން ކުއްޖާއާ. އެ ކައިވެންޏަށް އަހަރެން ކިހިނެއް އެއްބަސްވާނީ. އަހަރެން ލޯބިވާ ކުއްޖެއް ހުރިއިރު، ސަޖޫ ހުރިއިރު." ރާދިން ސަޖާގެ އަތުގައި ހިފާ އެއަތަށް ބާރުކޮށްލިއެވެ.

"ރާދު. ޕްލީޒް. ތި ކައިވެނިނުކުރާތި. އޭރުން އަހަންނަށް ކިހިނެއްވާނީ؟" ސަޖާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

"އަހަރެން ދެކޮޅު ހެދީމޭ. ނުކުރާނަމޭ ވެސް ބުނިން. އެކަމަކު... އެންމެ ގޮތެއް އޮތީ. އެ ކައިވެނި ނުކޮށްފިނަމަ އަހަރެންގެ ހުރިހާއެއްޗެއް ބައްޕަ އަތުލާނެ. ސައިކަލުވެސް. އިތުރަށް ބައްޕަގެ އެއްވެސް އެހީތެރިކަމެއް އަހަންނަކަށް ނުލިބޭނެ! އެންމެ ލާރިއެއްވެސް. މިހުރިހާ އެއްޗެއް އަހަންނަށް ލިބެން އޮތް ހަމަ އެކަނި ގޮތަކީ އަހަރެން މައާލްއާ ކައިވެނިކުރުން ސަޖޫ." ރާދިން އިސްޖަހައިލިއެވެ.

"ދެން! އޭރުން..." ސަޖާ ރާދިންގެ އަތުތެރެއިން އަތް ދަމައިގަންނަން އުޅުނުނަމަވެސް، ރާދިން އެ ފުރުސަތެއް ސަޖާއަކަށް ނުދިނެވެ.

"އަހަރެން އެކައިވެނި ނުކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަން. އެކަމަކު އިތުރުގޮތެއް ނުވިއްޔާ އެ ކައިވެނި ކުރަން ޖެހޭނީ ސަޖޫ. އެކަމަކު ޕްލީޒް ޑޯންޓް ވޮރީ. އިނަސް ކަންތައްތައް ހަމައަކަށް އެޅުނީމަ ވަރިކުރާނީ. އޭނައާ އިނަސް ސަޖޫއާ އަހަންނާ އޮންނަ ގުޅުމަށް އެއްވެސް ބުރޫއެއް ނާރާނެ. އަހަރެމެން ހަމަ މިއުޅޭހެން އުޅޭނީ." ރާދިން ބުނެލިއެވެ.

"އެކަމަކު ކިހިނެއް؟"

"ސަޖޫ އެކަމާ ހާސްނުވޭ. އަހަންނަށް އިތުބާރުކުރޭ." އެހެން ބުނެލިއިރު ރާދިންގެ ހިތުގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ. އޭނާ ސަޖާއަށް ޔަޤީންކޮށްދިނީ އޭނާއަކީ ހަމައެކަނި ސަޖާގެ މީހެއްކަމުގައެވެ. އޭނާއަށް އިތުބާރުކުރުމަށް ރާދިން ތަކުރާރުކޮށް ސަޖާގެ ކައިރީގައި ބުނަމުން ދިޔައެވެ. ރާދިންގެ އެތަކެއް އާދޭސްތަކަކަށްފަހު، ސަޖާ ހިތާ ދެކޮޅަށް ނަމަވެސް ރާދިންއަށް ފުރުސަތެއް ދޭން ނިންމިއެވެ. ރާދިންއާ ވަކިވާކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. ފުންނޭވާއެއް ދޫކޮށްލި ސަޖާގެ އަތަށް ރާދިން ބޮސް ދިނެވެ.

***

ސިޓިންރޫމު ސޯފާގައި އިން މުނީރުގެ ފޯނު ރިންގްވުމާއެކު، އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލީ ގުޅަނީ ޕޮލިސް އިންސްޕެކްޓަރަކަށް ވީތީއެވެ.

"އައްސަލާމް އަލައިކުމް. މުނީރު ދެއްތޯ؟" އެކޮޅުން ވާހަކަ ދެއްކިއެވެ.

"އާދެ ސަމަދު. އެނގިއްޖެތޯ އެއްވެސްކަމެއް؟" އަވަސް އަވަހަށް މުނީރަށް ސުވާލުކޮށްލިއެވެ. ސަމަދު ބުނީ ރާދިން މާފުއްޓަށް ދިޔަކަމުގައެވެ. އެކަން އެނގި މުނީރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފޯނު ބާއްވާފައި އެތަނުގައި އޮތް މެގަޒިންއެއް ނަގާ އެ ހުޅުވައިލިއެވެ. ރާދިންއަށް ވަގުތުދޭން މުނީރު ބޭނުންވިއެވެ. ކައިވެންޏަކީ ޙަޔާތުގައި ނިންމާނޭ އެންމެ ބޮޑު ނިންމުންކަން އޭނާއަށް ވެސް އެނގެއެވެ. ރާދިންއާ އިތުރަށް ވާހަކަ ދައްކަން މުނީރު ނިންމީ ރާދިން ރުޅި ފިނިކޮށްފައި މާލެ އައުމުންނެވެ. ރާދިންއަށް މާގިނަ ދުވަހު އެގޮތަށް ދުރުގައި ނުހުރެވޭނެކަން މުނީރުއަށް އެނގެއެވެ.

މުނީރު މެގަޒިން ބާއްވާލާފައި ތެދުވެލުމަށްފަހު، މައާލްގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މައާލްގެ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު، ގޮވާލާފައި އެތެރެއިން ޖަވާބެއް ލިބޭތޯ މަޑުކޮށްލިއެވެ. މައާލްގެ އަޑު އިވުމާއެކު ދޮރު ހުޅުވާލާފައި މުނީރު ވަދެލިއެވެ.

"މައާލް! ކިހިނެއްތަ؟ މުނީރު ސުވާލުކޮށްލިއެވެ.

"ރަނގަޅު."

"މުނީރުބޭ މިއައީ މައާލްއާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން."

"ލައްބަ! ކޮން ވާހަކައެއް މުނީރުބޭ؟" މައާލް ބުނެލިއެވެ.

"މުނީރުބޭއަށް އެނގޭ ރާދިންގެ އަމަލުތައް ހުރިގޮތުން މައާލްވެސް ތިހުރީ ކަންބޮޑުވެފައިކަން. އުންމީދުކުރަނީ މައާލްގެ މައިންބަފައިންގެ ޙައްޤުގައިވެސް މައާލްގެ ނިންމުން ބަދަލުނުކުރާނެކަމަށް" މުނީރު ބުނެލިއެވެ. މައާލް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބޯ ޖަހައިލިއެވެ.

"މާދަން ޑޮކްޓަރަށް ދައްކަން ވެސް ދާންޖެހޭ ދުވަސް މައާލް!"

އިރުކޮޅަކު މައާލްއާ ވާހަކަ ދައްކައިލުމަށްފަހު، މުނީރު ދިޔުމުން މައާލް ފުންނޭވާއެއް ދޫކޮށްލިއެވެ. އުދާސްކަން އޭނާގެ ނަފުސުގައި ރަސްކަން ކުރަމުން ދިޔައެވެ.

*****

ރާދިން މާފުށިން އައީ އޭގެ ތިން ދުވަސްފަހުންނެވެ. އެއީ ހަވީރުގެ ވަގުތެވެ. އޭނާ ގެއަށް ވަތްއިރު މައާލް ބޭރުގައި އިނެވެ. އެއްވެސް އިތުރު މީހަކު ފެންނާކަށް ނެތެވެ. މައާލް ފެނުމާއެކު ރާދިންގެ ރުޅިގަނޑު ހިިލި އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނާއަށް އުނދަގޫވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ދަބަސްވެސް އެތަނުގައި ހުރި ގޮނޑި މައްޗަށް އެއްލައިލުމަށްފަހު، އޭނާ މައާލްގެ ދެ އަތުގައި ހިފައްޓައިލިއެވެ. މައާލް ދިޔައީ ސިއްސައިގެންނެވެ.

"މައުސޫމްކަން ދައްކައިގެން އަހަންނާ ކައިވެނިކުރަންތަ ބޭނުންވަނީ؟" ރާދިންގެ އަޑުޖެހި ހަޅޭއްލަވައިގަންނަން ވެސް މައާލް ފަސް ޖެހުނެވެ.

"ރާދިން. ދޫކުރޭ. ތަދުވެޔޭ... އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ ދެނެއް." މައާލް ބިރުން ހުރިނަމަވެސް ބުނެލިއެވެ.

"އެހެންތަ؟ ހީކުރަނީތަ؟ ލާހިކެއް ނޫން..." ރާދިން ހަޅޭއްލަވައިގަތުމަށްފަހު، މައާލްގެ އަނގަމަތީގައި ހިފަން އުޅުނު ވަގުތު އޭނާއަށް ސިހުން ލިބިގެން ދިޔައީ މީހަކު އޭނާއަށް ގޮވާލުމުންނެވެ.

"ރާދިން."

ކޮމެންޓް 0