ފެންމާގަނޑު ދޫކޮށްލާފައި އޭގެ ދަށުގައި ރާދިން ހުރިއިރު، އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އޮހެމުންދިޔަ ފިނިފެންތަކުން އޭނާގެ ހަށިގަނޑަށް އެއްވެސް އަސަރެއް ނުކުރާފަދައެވެ. ދެލޯ މަރައިލުމާއެކު، އޭނާގެ ހަނދާނަށް އަންނަން ފެށީ ރޭގެ ހާދިސާއެވެ.

*ރޭގެ ހާދިސާ*

"އަހަންނަށް މާފުކުރޭ ރާދިން. އަހަންނަށް އުޅެވުނީ ރަނގަޅަކަށް ނޫން. ޕްލީޒް…" ސަޖާ އެހެން ބުނެލުމާއެކު ރާދިންއަށް ސަޖާއަށް ބަލައިލެވުނީ ހައިރާންކަމުން ފުރިގެންވީ ބެލުމަކުންނެވެ. ސަޖާ މާފަށް އެދިދާނެކަމަށް ދުވަހަކުވެސް އޭނާ އުންމީދެއް ނުކުރެއެވެ. ރާދިންއަށް ބުނާނެ އެއްޗެއް ނޭނގި އިދެވުނުއިރު އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ސަޖާ އެ އުޅެނީ ހަމަ ހަޤީގަތުގައިވެސް ކަންތައް ކުރެވުނު ގޮތުން ދެރަވެގެން ހެއްޔެވެ؟ ނޫނީ ސަޖާ އެ އުޅެނީ އަދިވެސް އޭނާގެ މަޤްސަދު ހާސިލްކުރުމަށް އޮޅުވާލަން ހެއްޔެވެ؟

"ރާދިންއަށް ގަބޫލުނުކުރެވެނީތަ؟ އަދިވެސް އަހަންނާމެދު ހިތުގައިވަނީ ޝައްކު ދޯ… " އަޑަށް ހިތާމަވެރިކަން ވެރިކުރުވަމުން ސަޖާ ބުނެލުމާއެކު، މިފަހަރުވެސް ރާދިން ޚިޔާރުކުރީ ހިމޭންކަމެވެ.

"އަހަންނަށް އެނގޭ ރާދިންގެ ހިތުގައި މިހާރު އަހަންނާ މެދު އެއްވެސް އިޙްސާސްއެއް ނުވާކަން. އަދި ތި ހިތުގައިވަނީ މައާލްކަންވެސް. އެހެންމީހަކާ ވާހަކަ ދައްކަން ފެށީ ރާދިން މައާލްއާ އެކު އުޅެން ފެށީމަ." ސަޖާ ފުރުސަތުގެ ބޭނުންހިފާ ދޮގަކަށްފަހު، ދޮގެއް ހަދަމުންދިޔައެވެ. ހަޤީގަތުގައި ރާދިން، މައާލްއާ އިނުމުގެ ކުރިންވެސް އެހެން ޒުވާނުންނާ ސަޖާ ގުޅުން ބާއްވައެވެ. އެއީ އިއްޔެއަކު މިއަދަކު ވީ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް އެކަންތައްތައް ހިނގާތާ މިހާރު އެތަކެއް އަހަރުތަކެކެވެ. ރާދިންގެ މޫނުމަތިން އޭނާގެ ބަސްތައް ގަބޫލުނުކުރެވިގެން އުޅޭ ފަދަ އަސަރުތަކެއް ސަޖާއަށް ފާހަގަވުމާއެކު، އޭނާ އެ ވާހަކަތަކުގެ ތެދުކަން ރާދިންއަށް އަންގައިދޭން މަސައްކަތް ކުރަމުންދިޔައެވެ. ސަޖާ އޭނާ އިންތަނުން ތެދުވެގެން އައިސް ރާދިންގެ ކައިރީގައި އިށީނދެލިއެވެ. އޭނާ ރާދިންގެ އަތުގައި ހިފާލުމާއެކު ރާދިން އެ އަތް ފޮޅުވާލިއެެވެ. އޭރު އޭނާގެ ބޮލަށް ބަރުވަމުން ދިޔަ ފަދަ އިޙްސާސްއެއް ރާދިންއަށް ކުރެވުނެވެ.

ރާދިންއަށް އަންނަމުން ދިޔަ ބަދަލުތައް ސަޖާއަށް ފާހަގަވުމާއެކު އޭނާ ރާދިންއާ އިތުރަށް ގާތްވެލިއެވެ.

"ދުރުގަ ހުރޭ… އެއްޗެހިތައް ހިފައިގެން ހިނގާ ދާން…" އެހެން ބުނެލާފައި ރާދިން ސޯފާއިން ތެދުވެލިއެވެ. އެއާއެކު ބޮލަށް ކުޑަކޮށް އެނބުރުން އަރާ އޭނާ އަރިއަޅާލާ ގޮތްވިއެވެ. އެވަގުތު އޭނާގެ އެހީތެރިއަކަށްވީ ސަޖާއެވެ. ސަޖާއަށް ބަލައިލި ރާދިންގެ ބޮލުގައި ވި ބަރުކަން ހިނދެއް ހިނދަކަށް ދިޔައީ ބޮޑުވަމުންނެވެ. ސަޖާގެ ސޫރައިގެ ބަދަލުގައި ރާދިންއަށް މައާލް ސިފަ ވުވުމާއެކު، ބޭއިޚްތިޔާރުގައި އޭނާއަށް ސަޖާއާ ގާތްވެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު ސަޖާގެ ސޫރައާއެކު، ރާދިންއަށް ސަޖާ ކޮށްޕާލެވުނެވެ.

ބަަލަން ހުއްޓާ ސަޖާ އޭނާއާ ދިމާލަށް އަންނަމުންދިޔަ މަންޒަރު ރާދިންއަށް ފެނުނެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް މައާލްގެ ސޫރަ ސިފަވިހެން ރާދިންއަށް ހީވިއެވެ. މަންޒަރު ބަދަލުވޭތޯ އޭނާ ދެފަހަރަކު އެސްފިޔަތައް ތަޅުވާލިއެވެ. ދެން ސަޖާއަށް ބަލައިލިއިރު، ސަޖާގެ ސޫރަ އޭނާއަށް ވަކިވާގޮތެއް ނުވިއެވެ. ރާދިންއަށް ސަޖާ ފެނުނީ ފުސްކޮށެވެ. އަނެއްކާވެސް އެސްފިޔަތައް ތަޅުވާލަމުން ދެފަރާތަށް ބޯ ހޫރާލި ނަމަވެސް މިފަހަރުވެސް މަންޒަރު ސާފެއް ނުވިއެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. މޫނުމައްޗަށް އަނދިރިވުމާއެކު، މީހާ އަރި އަޅައިލިކަން އޭނާއަށް އެނގެއެވެ. އަދި މީހަކު އޭނާ ހިފެއްޓިކަމުގެ އިޙްސާސް ކޮންމެވެސް ވަރަކަށް ކުރެވުނެވެ.

ރާދިންއަށް ހޭލެވުނުއިރު އޭނާ އޮތީ ސަޖާގެ ކޮޓަރީގައެވެ. ސަޖާގެ އެނދުމަތީގައެވެ. ބޮލުގައި އޭރުވެސް މަޑު ރިހުމެއްގެ އިތުރުން ބަރުކަމެއް ހުއްޓެވެ. މޭނުބައިކޮށް ހޮޑުލަވާފައިހުރި ގޮތެއް ވެފައި ހުއްޓެވެ. ދެފަހަރަކު އަތުން ބޮލުގައި ޖަހާލުމާއެކު، ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ނޭވާލާންވެސް މީހާއަށް ދަތިވެފައިވާހެންނެވެ.

ތަންތަން ވަކިކޮށްލަންވެސް ރާދިންއަށް އިރުކޮޅެއް ނެގިއެވެ. އެއްފަރާތުގައި މީހަކު އޮތްހެން ހީވެގެން ބަލައިލުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ ބެޑުޝީޓު މުޅި ގައިގައި އޮޅާލައިގެން އަރާމުކޮށް ނިދާފައި އޮތް ސަޖާއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލި ރާދިންގެ ލޮލުގައި އެނދުގެ ކައިރީގައި ހުރި އަންނައުނު ތައް އަޅައިަގަތުމާއެކު، އޭނާއަށް ހީވީ ބަރު އެއްޗަކުން މީހަކު އޭނާގެ ބޮލުގައި ޖެހިހެންނެވެ. ސިކުނޑި ހުސްކަމެއްގެ ތެރެއަށް ބެހިގެން ދިޔައިރު، މީހާގެ ހަރަކާތްތައް ހުއްޓި ގަނބުވިއެވެ. ބިރުވެރިކަމާއި ނަފްސުގައި އުފެދެމުން ދިޔަ ގިލަންވެރިކަމުގެ ތެރެއިން ވީ ގޮތް ހަނދާނަށް ގެންނަން ރާދިން މަސައްކަތް ކުރަން ފެނިނަމަވެސް، ލިބިފައިވި ސިހުމެއްގެ ސަބަބުން އެކަން ކުރަން އޭނާއަށް އުނދަގޫވެގެން ދިޔައެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލަމުން ދިޔަނަަމަވެސް ހަނދާންނަށް އަންނަނީ ވަކި ހިސާބަކަށެވެ. އިތުރަކަށް މަންޒަރު ސާފެއް ނުވިއެވެ. ފަހުން ކަންތައް ވީ ގޮތެއް ރާދިންއަކަށް ނޭނގުނެވެ.

ބޮލުގައި ހިފައްޓާލައިގެން ރާދިން އިންއިރު، މީހާގެ ހިތް ވެސް ހީވަނީ ބޭރަށް ފުންމާލަފާނެހެންނެވެ. އޭނާގެ ހިތުގެ ތެޅުން އެހާވެސް ބާރުވެފައިވެއެވެ. ކައިރީގައި އޮތް ސަޖާއަށް ނަޒަރު ހުއްޓާލެވުމާއެކު، ކުރުވި ކުށްވެރި އިޙްސާސްއާއެކު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭވާ އަވަސްވެ މީހާ ހާސްވެގެން ދިޔައެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުނުކުރެވުމާއެކު، ރާދިންއަށް އަވަސް އަވަހަށް އެސްފިޔަތައް ޖަހާލެވުނީ ފެންނަމުން އެދާ ބިރުވެރި ހުވަފެނުން ސަލާމަތް ވާން ބޭނުންވެގެން އުޅޭ ފަދަ ގޮތަކަށެވެ. އޭނާގެ ކައިރީގައި އަރާމުކޮށް ނިދާފާއި އޮތް ސަޖާ ބަލާލެވުމާއެކު، އެހިތަށް އިތުރު އުދާސްކަމެއް ލިބިގެން ދިޔައެވެ.

މައާލް މަތިން ހަނދާންވުމާއެކު ރާދިންއަށް އޭނާގެ ފޯނު ހޯދައިލެވުނެވެ. ވަށައިގެން ބަލައިލުމާއެކު، ސައިޑް ކަބަޑު މަތީގައި އޮތް އޭނާގެ ފޯނު ރާދިންގެ ލޮލުގައި އަޅައިގަތެެވެ. އަވަސް އަވަހަށް ފޯނު ނަގާ އޭނާ އެ ހުޅުވާލަން އުޅުނު ވަގުތު ފޯނު ނިވިފައިވާކަން އެނގުނެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ފޯނު ހުޅުވާލުމާއެކު، އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ މައާލްގެ އެތަކެއް މިސްކޯލެކެވެ. ފޯނަށް އަތުން ބާރުކޮށްލުމާއެކު، ރާދިންގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ކައިރގައި އޮތް ސަޖާއަށެވެ. ރޭގައި ހިނގި ހާދިސާ ހަނދާނަށް ނައެއްކަމަކު، ކުރެވުނީ މާފު ނުލިބޭބަރުގެ ބޮޑު ކުށެއްކަން ރާދިންއަށް އިޙްސާސްވިއެވެ. ކުރެވުނު އެ ކުށުގެ ބޮޑުކަމުން ދެން ކަންތައްކުރާނީ ކިހިނެއްކަމެއް ވެސް ރާދިންއަކަށް ނޭނގުނެވެ. މައާލްއަށް އޭނާ ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ މިހެން ހުރެގެން ގޮސް މައާލްގެ ކުރިމައްޗަށް އަރަން ކެރޭނީ ކިހިނެއްހެއްޔެވެ؟ މިހެން ވާން ޖެހުނީ ކީއްވެހެއްޔެވެ؟ އެނދުގެ ކައިރީގައި އޮތް އޭނާގެ އަންނައުނުތައް ނަގާ އެއެއްޗެހި ލަމުން ރާދިން ތެދުވެލި ވަގުތު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެހެންނަމަވެސް އެވަގުތު އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރާކަށް އޭނާގެ ހިތެއް ނޭނދުނެވެ. ބޮލުގައިވި ބަރުކަމުގެ ސަބަބުން ހިނގައިގަންނަން އުނދަގޫވިނަމަވެސް ރާދިން ގޮސް ކޮޓަރިން ނުކުތެވެ. އަދި އެގެއިން ނުކުތެވެ.

*****

"ރާދިން… ރާދިން…" ފާޚާނާއަށް ވަތްތާ ސާޅީސް ފަސް މިނެޓަށް ވުރެ ގިނައިރުވީވެސް ރާދިންއެއް ނުނިކުތެވެ. ރާދިން ލަސްވާން ފެށުމުން މައާލް ތެދުވެގެން ގޮސް ފާޚާނާ ކައިރިއަށް ހުއްޓިފައި ދެފަހަރަކު ރާދިންއަށް ގޮވާލިއެވެ. ފެންމާގަނޑު ދޮށުގައި އެ ހުރިހާއިރު އިސްޖަހާލައިގެން ފާރުގައި ދެ އަތް ވިއްދާލައިގެން ހުރި ރާދިންއަށް ހަމަހޭވެރިކަންވީ މައާލްގެ އަޑުންނެވެ. އިސްކުރު ބަންދުކޮށްލަމުން ތުވާލި އޮޅާލައިގެން ހުރެ އޭނާ ނުކުތެވެ.

"ހާދަ އިރެއްވީ…" ރާދިން ނުކުތުމާއެކު، މައާލް ސުވާލުކޮށްލިއެވެ. ފެން ހިއްކާލުމެއް ވެސްނެތި ތުވާލި އޮޅާލައިގެން ނުކުތް ރާދިންގެ އިސްތަށިގަނޑާ ގައިގައިވެސް ފެންތިކިތައް މުތީތަކެއްފަދައިން ވިދަމުން ދިޔައެވެ. މައާލްއަށް ބަލަހައްޓައިގެން ހުރެވުނު ރާދިންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެއްޗެކޭ ބުނަން ދޫ ހަރަކާތްކުރިނަމަވެސް، އެ ދުލުގައި ހީވަނީ ތަޅެއްލެވިފައިވާހެންނެވެ. ސިކުނޑީގެ ހަރަކާތްތައް މަޑުޖެހި އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

"ރާދިން… ކިހިނެއްވީ؟" ރާދިންއަށް ކޮންމެވެސް ކަމެއްވެއްޖެއޭ މައާލްގެ ހިތް ބުނަނީއެވެ. އޭނާއަށް ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ.

"މީ… ކަމެއް ނުވޭ… " ރާދިން ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، އެ ހާދިސާ އެންމެ ވަގުތު ކޮޅަކުވެސް އޭނާގެ ސިކުނޑިން ފުހެވޭ ގޮތެއް ނުވިއެވެ.

"ކައިފިންތަ؟ ހިނގާ ކާން ދާން…" މައާލް ބުނެލިއެވެ.

"ރާދިން… ކީއްވެ އެއްޗެއް ނުބުނަނީ…" މައާލްއަށް އަނެއްކާވެސް ސުވާލުކޮށްލެވުނީ ރާދިން އެއްޗެއް ނުބުނުމުންނެވެ. ރާދިންގެ ހިމޭންކަމުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ.

"ނޫން… ކީކޭ މާލް؟" ރާދިންއަށް ހަމަބިމަށް އާދެވުނީ މައާލް އަނެއްކާވެސް ސުވާލުކޮށްލުމުންނެވެ.

"އަހަރެން ބުނީ ކައިފިންހޭ؟ ހިނގާށޭ ކާން ދާން… ކީއްވެ ވާހަކަ ނުދައްކަނީ…" މައާލް ޝަކުވާކޮށްލިއެވެ.

"އަނނ… އާނ.. މިރެޑީ ވަނީ… ނުކަން އަދި… ހިނގާ ކާން…" ރާދިންއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. އެކަން މައާލްއަށް ފާހަގަވާން ގިނަ އިރެއް ނުނެގިއެވެ. ނުފެނުނު ނަމަވެސް ރާދިންގެ އަޑުން ނުތަނަވަސްކަން މައާލްއަށް އިހްސާސްވެލިއެވެ.

"މިއަދު ކިހިނެއްވެފަ ތިހުރީ؟ މާ ވަރުބަލީތަ؟" މައާލް މަޑުމަޑުން ރާދިންގެ އަތުގައި ހިފައްޓާލިއެވެ.

"އެއީ…އެއީ ރޭގައި ނުނިދާ ހުރީމަ ކަމަށް ވާނީ…" ރާދިންއަށް ބުނެވުނެވެ. އޭނާ ތައްޔާރުވަމުން ދިޔައިރުވެސް އިރުއިރުކޮޅަކާ މައާލްއަށް ބަލައިލައެވެ.

އެއިން ކޮންމެ ފަހަރަކު އަމިއްލަ ނަފްސަށް އަޑުލެވެއެވެ. ކުރެވޭ ކުށްވެރިއިޙްސާސްއާއެކު އޭނާއަށް އިސްޖަހާލެވެއެވެ. މައާލްއާ ދިމާލަށް ގިނައިރު ބަލަހައްޓައިގެން ހުންނަންވެސް އޭނާ ނުކުޅެދެއެވެ. ފުންނޭވާތަކެއް ދޫކޮށްލިނަމަވެސް، ރާދިންގެ ނަފްސަށް ހަމަޖެހުމެއް ނުލިބުނެވެ. ހީވަނީ މީހާގެ ނޭވާ ކުރުވެ ނޭވާލާން ދަތިވާހެންނެވެ. މޭގައި ތޫނު ރިހުމެއްގެ އަސަރުވެއެވެ. ރީތިވެ ނިމިގެން އޭނާ އައިސް މައާލްގެ ކައިރިއަށް ހުއްޓިފައި ވާހަކަ ދެއްކުމުން މައާލް އެނދުން ތެދުވެލިއެވެ. އެއަށްފަހު، އޭނާ ރާދިންގެ އަތުގައި ހިފާލިއެވެ. މައާލްގެ މަޑު އަތްތިލައިގެ ބީހުން އިޙްސާސްކުރެވުނު ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ. މައާލްގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފެނުމާއެކު، އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ.

ކުއްލިއަކަށް މައާލް އޭނާގެ ގަޔާ ކައިރިކޮށްލުމަށްފަހު، ރާދިން މައާލްގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެއާއެކު ރާދިންގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތިކި ކޯތާފަތް މައްޗަށް ވެއްޓުނެވެ. މައާލްއަށްޓަކައި އޭނާ އިންތިހާއަށް ބިރުގަތެވެ. އެ ގުޅުމަށް ދެން ވާނެ ގޮތެއް ނޭނގި ރާދިންގެ މުޅި ނަފްސުވެސް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ.

"ރާދިން… ކިހިނެއްވީ… ؟" އިރުގަނޑެއް ވީއިރުވެސް ރާދިން މައާލް ދުރުކޮށްނުލުމުން މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ނު. ނުވޭ ކަމެއް. ރޭގަ… ސޮރީ މާލް…" ރާދިން މާފަށް އެދުމާއެކު، މައާލް ހީކުރީ އެ ވިއްސާރަ އޭ އޭނާ އެކަނިކޮށްލާފައި ދާން ޖެހުމުން ރާދިން މާފަށް އެދުނީ ކަމުގައެވެ.

"އިޓްސް އޯކޭ އޭ… އަހަންނަށް އެނގޭ ވަރަށް ބޮޑުކަމެއް ޖެހިގެން ނޫނީ އެހާ ތޫފާނީ ރެއެއްގައި އަހަރެން އެކަނި ކޮށްލާފައި ރާދިން ނުދާނެކަން." މައާލް ބުނެލިއެވެ. ރާދިން އޭނާއާ މެދު ވިސްނާ މިންވަރު ހިތަށް އެރުމުން މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ދެމީހުން އެކުގައި ގޮސް ކާކޮޓަރިއަށް ވަތްއިރު ގްރޭސީ އުޅެއެވެ. ކާން ތައްޔާރުކޮށްލަދޭން ބުނުމުން އޭނާ އަތްމަތި އަވަސްކޮށްލާފައި ތަށިތައް މޭޒުމައްޗަށް އެރުވިއެވެ. ރާދިންއަށް ކެވޭ ގޮތެއް ވެސް ނުވިއެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. ކައިގެން ގޮސް އޭނާ އެނދުގައި އޮށޯވެލީ ނިދާލުމުގެ ބޭނުމުގައި ނަމަވެސް، ނިދޭގޮތެއް ނުވިއެވެ. ސަޖާއާ ބައްދަލުކުރަންވީހެއްޔެވެ؟ ކަންތައް ވީ ގޮތް އޮޅުން ފިލުވަންވީހެއްޔެވެ؟ އޭނާގެ ހަނދާނުގައި އެއްވެސް ކަމެއް ނެތެވެ. ރޭގެ ހާދިސާ އޭނާއަށް އެނގޭނެ ހަމައެކަނި ގޮތަކީ ސަޖާއެވެ. އެކަމަކު އޭނާ ސަޖާއާ ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ތަފާތު ޚިޔާލުތަކުން ރާދިން ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ.

"ރާދިން… އަހަރެން މި ނުކުންނަނީ ބަގީޗާއަށް އިނގޭ އޭވާއާއެކު." ރާދިން ގާތު މައާލް ބުނެލިއެވެ.

"އާނ.. އޯކޭ… އަހަރެން ނިދާލާނީ ދެން…" ރާދިން ބުނެލިއެެވެ.

އެދުވަހު ހަތަރު ދަމުކަހަލަ ގޮތަކަށް ރާދިން އުޅުނީ ބޮލުގައި ރިއްސާތީއެވެ. ބޭސް ކެއުމުން ބޮލުގެ ރިހުމަށް ލުޔެއް ލިބުނުނަމަވެސް، އެ ހިތުގެ ނުތަނަވަސްކަމަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ. ޖެހިގެން އައި ދުވަހުވެސް އޭނާ އޮފީހުން ޗުއްޓީއެއް ނެގިއެވެ. އެކަމާ ބެހޭގޮތުން މައާލް ސުވާލުކުރުމުން ރާދިން ބުނީ އޭނާ ބޮލުގައި ރިއްސަނީކަމުގައެވެ.

އެނދުގައި އިށީނދެފައި އޭނާގެ އުނގުމަތީގައި ބޯ ބާއްވާލުމަށް މައާލް އެދުނެވެ. ރާދިން އެ ގޮތަށް އަމަލުކުރުމުން މައާލްގެ އޭނާގެ އަތް ރާދިންގެ އިސްތަށިގަނޑުގައި ހިންގާލުމުން އެކަމުން ރާދިންއަށް އަރާމުވިއެވެ. އޭނާގެ ހަނދާނަށް އައީ އޭގެ ކުރިންވެސް މައާލް އެގޮތަށް ކަންތައްކުރި ދުވަހެއްގެ މަތިންނެވެ. ނިދި ތާއްޔާޖެހެމުންވެސް، މައާލް އޭނާގެ ބޯ މަސާޖުކޮށްދިނެވެ. ހިނދުކޮޅަކަށްނަމަވެސް ސަޖާގެ ހަނދާންތައް އޭނާއާ ދުރުވިއެވެ. އަދި އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މައާލްއަށް ބަލަހައްޓައިގެން ރާދިންއަށް އެގޮތަށް އެތަކެއް އިރަކު އޮވެވުނެވެ. މައާލްގެ ކޮންމެ ހަރަކާތަކުން ދޭހަވަނީ އޭނާއަށްޓަކައި މައާލްގެ ހިތުގައި ވާ ލޯތްބެވެ. ވީވަރަކުން ފިރިމީހާގެ އުފާތަކަށް އިސްކަންދީ ވީވަރަކުން ކަންތައްތައް ކޮށްދެވޭތޯ ކުރާ މަސައްކަތުން ރާދިންއަށް ދޭހަވާކަމަކީ މައާލް އޭނާއަށް ކުރާ ޤަދަރާ އިޙްތިރާމެވެ. ފިރިމީހާއަށްޓައި މައާލްގެ ހިތުގައިވާ އުންމީދުތަކުގައި ކޮޅުފައިން ޖަހަން ރާދިން ބޭނުން ނުވިނަމަވެސް، އޭނާއަށް ކުރެވުނު ކުށުގެ ހަނދާން އާވުމާއެކު، އެ ހިނިތުންވުން ފަނޑުވިއެވެ. އެފަދަ ވިސްނުންތަކެއްގައި އޭނާއަށް އޮވެވުނެވެ.

*****

ރާދިން ހީކުރީ ސަޖާގެ ޚަބަރެއް ވާނެކަމަށެވެ. އެހެންނަމަވެސް، އެއީ ކުށްހީއެއްކަން އޭނާއަށް އެނގުނީ އެރޭގެ ފަހުން ސަޖާގެ އެއްވެސް ހަބަރެއްވެސް ނުވާތީއެވެ. ދެދުވަސްވީފަހުން އޭނާ ސަޖާ ހުންނަ ގޭ ވެރިމީހާއަށް ގުޅުމުން އެނގުނީ ސަޖާ މިހާރު އެ ތަން ދޫކޮށްލާފައި ގޮސްފިކަމުގައެވެ. ސަޖާ އަނެއްކާ ހަމަ ރަނގަޅަށްވެސް އިސްލާހުވީބާއޭ ރާދިންގެ ހިތަށް އެރިއެވެ. ދެން ސަޖާގެ އުނދަގުލެއް އޭނާއަށް ނުޖެހޭނެހެއްޔެވެ؟ ސަޖާ ހަމަ ހަޤީގަތުގައިވެސް އެރޭ މާފަށް އެދުނީ އޭނާގެ ކުށް އިޙްސާސްވެގެންހެއްޔެވެ؟ އޭނާއާ މައާލްގެ ގުޅުމަށް ސަޖާ ފުރުސަތު ދިނީހެއްޔެވެ؟ އޭނާ ގެ އުނދަގޫ ނުޖެހެންޏާ ކިތަންމެ ހާވެސް ރަނގަޅެވެ. އެކަމަކު، އެ ދެމެދުގައި ކަމެއް ހިނގިކަމެއް ނުވަތަ ނުހިނގާކަމެއްވެސް ރާދިންއަކަށް ނޭނގެއެވެ. އެކަން އެނގޭނީ ވެސް ހަމައެކަނި ސަޖާއަށެވެ.

ސަޖާގެ ޙަބަރެއް ނުވިއެއްކަމަކު. އެރެއަށްފަހު، ރާދިންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މައާލްގެ ކައިރީގައި ހުރިނަމަވެސް، އެ ހާދިސާ އޭނާގެ ހަނދާނުން ފުހެލެވޭ ގޮތެއް ނުވިއެވެ. އަބަދު ކުރެވެމުންދާ ކުށްވެރި އިޙްސާސްއެއްގެ ސަބަބުން ރާދިންގެ ސިކުނޑިވެސް ހީވަހީ ފަޅައިގެން ގޮސްދާނެހެންނެވެ. ދެންމެ ދެންމެ ސަޖާ އޭނާއާ މައާލްގެ ދިރިއުޅުމަަށް އަތުވެދާނެޔޭ ރާދިންއަށް ހީވަނީއެވެ. މައާލްއަށް ހުރިހާ ހަޤީގަތެއް ކިޔައިދީފާނެޔޭ އޭނާގެ ހިތަށް އަރަނީއެވެ. އެހެންވެއްޖެނަމަ މައާލް އޭނާއަށް މުޅި އުމުރަށް ގެއްލޭނެއެވެ. އެ ޚިޔާލުން އެކަނިވެސް ރާދިންގެ މުޅި ނަފްސަށް ގުޑުން އަރައިގެންދެއެވެ. ކަމެއް ނުވާކަމަށް ހަދާލައިގެން މައާލްއާއެކު ވަގުތު ހާދަކުރުމަށް ރާދިން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަންތައް ވީ ކުރަން އެންމެ އުނދަގޫ ކަންތަކަށެވެ. އެހެންނަމަވެސް، އޭނާއަށް އައިސްފައި އެވާ ބަދަލުތައް މައާލްއަށް އިޙްސާސްކޮށްދޭން ބޭނުންނުވާތީ މައާލްގެ ކައިރީގައި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުންނަން އޭނާއަށް މަޖުބޫރުވަނީއެވެ.

އޮފީހުގައި ކުރަން ޖެހޭ އެއްވެސް ކަމަކަށްވެސް ރާދިންއަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެކަމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހި ބައެއް މަސައްކަތްތައް ފުނިޖެހެމުން ދިޔައެވެ. އެކަމާ ބެހޭގޮތުން މާހިލް ސުވާލުކުރުމުން ރާދިން ބުނީ އޭނާ ކުޑަކޮށް ބަލިވެ އުޅޭކަމުގައެވެ. އެހެންނަމަވެސް މާހިލްއަށް ރާދިންގެ ނުތަނަވަސްކަމާއި ހާސްކަން ފާހަގަވިއެވެ. އެކަމާ ބެހޭގޮތުން ސުވާލެއް ކޮށްލަން ހިރަށް އަރާފައި ވެސް އޭނާ ހީކުރީ ފުއާދާ މެދު ރާދިން ހާސްވެފައިވަނީކަމުގައެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ފުއާދާ ބައްދަލުކޮށްފައި އޭނާގެ ވިސްނުން ހުރި ނެތްގޮތެއް ބަަލަން މާހިލް ނިންމިއެވެ.

ރާދިން އޮފީހަށް ނުދާ ދުވަހެކެވެ. އޭނާ ކެއުމަށް އިންސާފުކުރަމުން ދިޔައީ މައާލްއާއެކު ގޭގައެވެ. މޭޒުމަތީގައި ހުރީ ސްޕެގެޓީއާއި އިޓާލިއަން އިތުރު ކެއުމެކެވެ. ޖޫހާއި ފޮނި އެއްޗެއް ވެސް ހުއްޓެވެ. ކާއެއްޗެހީގެ މީރުވަހުން މުޅިތަން އެއްވަސްކޮށްލާފައިވާއިރު، ކުޅުދިޔާވާހާވެއެވެ. ކިތަންމެ މީރު އެއްޗެއް ނަމަވެސް، މިހާރަކަށް އައިސް ހަމަޖެހިލައިގެން ކެއުމަކީ ރާދިންގެ ނަސީބުގައި ނެތްކަމެއް ފަދައެވެ. އޭނާ މައާލްއަށް އެހީތެރިވަމުންދިޔައެވެ. ކުއްލިއަކަށް ރިންގްވި ފޯނާއެކު ރާދިން މޭޒުމަތީގައި ބާއްވާލެވިފައިވާ ފޯނަށް ބަލައިލިއެވެ. ގުޅަނީ މާހިލްކަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯ.. ރާދިން…" މާހިިލް ވާހަކަ ދެއްކިއިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ވެއެވެ.

"ހާދަ ހާސްވެފަ!" މާހިލްގެ އަޑުން ރާދިންއަށް އިޙްސާސްވި ކަންބޮޑުވުމާއެކު، އޭނާއަށް ބުނެވުނެވެ.

"މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެެގެން…. " މާހިލް އަވަސް އަވަހަށް ބުނެލިއެވެ.

 

"އަނެއްކާ ކިހިނެއްވީ؟" ރާދިން ސުވާލަށް މާހިލް ދިން ޖަވާބާއެކު، ރާދިންގެ މޫނުމަތިންވެސް ހާސްކަން ފެނިލިއެވެ.

ކޮމެންޓް 0