ރާދިން ގޮސް އެންމެ މަތީގައި އޮތް ފައިލް ހުޅުވާލިއެވެ.

އެއީ ޝާކިރާއި ޒާހިދުއާ ދެމެދުވެފައިވާ އެއްބަސްވުމެކެވެ. އޭގައިވަނީ ކޮންމެ ޙާލަތެއްގައިވެސް ޒާހިދަށް ކުންފުނީގެ އެކައުންޓުން ބޭނުން ވަރަކަށް ފައިސާ ނެގިދާނެކަމުގައެވެ. އަދި އެ ފައިސާ ބޭނުންކުރަން, ޒާހިދު, ޝާކިރުގެ ހުއްދައެއް ހޯދަން ނުޖެހޭ ކަމުގައެވެ. އެ އެއްބަސްވުމުގެ ކޮންމެ ޞަފްހާއެއްގައި ޝާކިރާއި ޒާހިދުގެ ފިންގަރ ޕްރިންޓް ޖަހާފައިވާއިރު، އެންމެފަހު ޞަފްހާގައި ދެމީހުންގެ ސޮއިގެ އިތުރުން ކުންފުނީގެ ތައްގަނޑުވެސް ޖަހާފައިވެއެވެ. އެ އެއްޗެހި ބަލަމުން ދިޔަ ވަރަކަށް ރާދިންއަށް ހައިރާންކަން ވެރިވުން ނޫންކަމެއް ނުވިއެވެ. ހަމައެއާއެކު، އޭނާގެ އެތެރެ ހަށީގައި ރުޅިވެރިކަން އުފެދެމުން ދިޔައެވެ.

ކުރުގޮތަކަށް ބުނާނަމަ އޭގައި އޮތީ ކުންފުނީގެ ފައިސާއާ ބެހޭ ހުރިހާކަމެއް ޒާހިދުގެ އަތްމައްޗަށް ދޫކޮށްލާފައެވެ. މައާލްގެ ބައްޕަ އެފަދަ ނިންމުމެއް ނިންމަން ޖެހުނު އެއްވެސް ސަބަބެއް ރާދިންއަކަށް ނުވިސްނެއެވެ.

"މީ މައާލް ބައްޕައަށް ނޭނގި ކުރި ކަމެއްތަ؟ ނޫނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކުރުވާފަ އޮތް ކަމެއްތަ؟" ރާދިން އެ ފައިލްތައް ލައްޕާލަމުން ރުޅިވެރިކަމާއެކު ސުވާލުކޮށްލިއެވެ.

"ރާދިންއަށް އަދިވެސް ޤަބޫލު ނުކުރެވެނީތަ؟ ތީގައި އޮތް ސޮޔާއި ފިންގަރ ޕްރިންޓް ނުފެނޭތަ؟ އޭގެ އިތުރުން ތީގަ ސޮއިކޮށްފަ ތިވާ ދެ ހެކިވެރިންގެ މައުލޫމާތު ނުފެނޭތަ؟" ޒާހިދަށް ބުނެވުނެވެ. ރާދިންގެ އެ ރުޅިވެރިކަމުން އޭނާއަށް އުނދަގޫވިއެވެ. ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވޭނީ ކުޑަ ހިނދުކޮޅަކު ކަމުގައި އޭނާއަށް ޔަޤީންވީ ހީނދު ނަފްސަށް ފާޑެއްގެ އުނދަގުލެއްގެ އިޙްސާސް ވެރިވިއެވެ. ރާދިންއަށް ހަޤީގަތް ކިޔައިދޭން ޖެހޭ ވަގުތު އައިސް ޖެހުނީކަން އޭނާއަށް އެނގުނެވެ.

"އަހަރެން ކޯޓަށް ގޮސްގެން ވެސް…"

"ރާދިން! ހަމަޖެހިލާފައި އަހަރެން މި ދައްކާ ވާހަކަ ވެސް އަޑު އަހާލަބަލަ، އޭރުން ރާދިންއަށް ހުރިހާކަމެއް ވެސް ވިސްނޭނެ! ރާދިން އެނގޭނެ މައާލް…"

"އަހަރެން އިތުރަށް އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން، އަހަރެން މިކަންތައްތައް ބަދަލުކުރާނަން." ޒާހިދަށް ޖުމްލަ ފުރިހަމަކުރާކަށް ފުރުސަތެއް ރާދިންއެއް ނުދިނެވެ. އޭނާ ޒާހިދުގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.

"ރާދިން، ތީ މުޅިން ރަނގަޅު ގޮތެއް ނޫން، އަހަރެން ދައްކާ ވާހަކައެއް ވެސް އަޑު އަހާލާފަ ގޮތެއް ނިންމާ."

"ކިހިނެއްވީ؟ ޒާހިދު ކުންފުނިން ކުރަމުން އައި ވައްކަން އެންމެނަށް ފަޅާ އަރާފާނެތީ ބިރުގަންނަނީތަ؟" ރާދިންގެ ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ. ރާދިންއާ އެ ވަގުތު ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން ވިސްނި އެންމެފަހުން ޒާހިދު އެތަނުން ދާން ނިންމިއެވެ.

"ރާދިން! އަދިވެސް އެއްފަހަރު މި ބުނަނީ ތީ މުޅިން ރަނގަޅު ގޮތެއް ނޫން! ރާދިން ހަމަޖެހިލައިގެން އަހަރެންގެ ކައިރިއަށް އާދޭ…" އެހެން ބުނެލާފައި ޒާހިދު އެތަނުން ނުކުމެގެން ދާން ހިނގައިގަތީ އެ ލިޔުންތައް ސޭފަށް ލާ ރައްކާކޮށްލާފައެެވެ. ޒާހިދު ނިކުތުމުގެ ކުރިން އެ ބަޔަށް ވަދެވޭ ކީކާޑުވެސް ރާދިން އަތުލިއެވެ.

ޒާހިދު ނުކުތުމުން އޭނާ އިށީނދެލީ ސޯފާގައެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، އިރުކޮޅަކު ވިސްނަން ރާދިން އިނެވެ. ސިކުނޑިއަށް ވާން ވާން ފެށުމާއެކު، ރާދިން އެންމެ ފަހުން އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. ގޮސް ކެބިންއަށް ވަދެފައި ގޮނޑިއަށް ވެއްޓިގަތުމާއެކު، ރާދިން ނިތުގައި އަތް ހިންގާލިއެވެ. ބޮލުގައި ރިއްސަން ފެށުމުން އެތަނުގައި ހުރި ފެންޖަގުން ތައްޓަށް ފެންއަޅާ އެއް ނޭވާއިން އެ ދަމާލިއެވެ. އެއަށްފަހު، މޭޒުމަތީގައި ގޮށްމުށްކަވާފައި ޖެހިއެވެ. ޒާހިދު އެ އުޅެނީ މައާލްގެ ބައްޕަގެ މުދާގަނޑު ޖަހަިއގަންނާށެވެ. ހަމަހިލާ އެހެންވިޔަކަ އޭނާ ނުދޭނެއެވެ. މައާލް ކައިރީގައި އެ ވާހަކަ ބުނަން ހިތަށް އަރާފައިވެސް މައާލްއަށް އިތުރު ނުތަނަވަސްކަމެއް ދޭކަށް ރާދިން ބޭނުމެއް ނުވިއެވެ. އެހެންކަމުން ރާދިން ނިންމީ އޭނާ އަމިއްލައަށް އެކަންތައްތައް ހަމައަކަށް އެޅުވުމަށެވެ.

އެ ދުވަހުގެ ބާކީބައިގައި ރާދިންއަށް މަސައްކަތަށް ސަމާލުކަން ދެވޭގޮތެއް ވެސް ނުވިއެވެ. އިތުރު މީހަކާ އެ ވާހަކަތައް ހިސާކުރާނެ ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. އެކަނި މާއެކަނި އެ ހުރިހާ ކަމަކާ ކުރިމަތިލާއިރު، ކައިރީގައި ކުންފުނީގެ ކަންތައްތައް ރަނގަޅަށް ދަންނަ އެކަކުވެސް ނެތްކަމީ މިއަދު އޭނާ އެންމެ ހާސްވާ އެއްކަމެކެވެ. ޒާހިދުވެސް ގާތުގައި އުޅެފައި އެ ދިން ލަނޑު ދެކިބަލާށެވެ. އިތުބާރުކޮށްފައި ނުކުރާނެ މީހަކު އޭނާއަކަށް ނޭނގުނެވެ.

އޮފީހުގައި ގިނައިރު ވާން ފެށުމުން ހާސްކަން ރާދިންގެ، ހިތާ ނަފްސު ހިޞާރުކުރަމުން ދިޔަ ފަދަ އިޙްސާސްއާއެކު، ކުޑަ ގޮޅިއެއްގެ ތެރޭގައި މީހާ ފިތިގެން ދާފަދަ އިޙްސާސްއެއް ރާދިންއަށް ކުރެވެމުން ދިޔައެވެ. ދަތްކުނޑި ވިކާލުމާއެކު ރާދިން ގޮނޑިން ތެދުވިއެވެ. އެއަށްފަހު އޭނާ އޮފީހުން ނުކުންނަންވެގެން ލިފްޓަށް އަރާ، އެންމެ ތިރިއަށް ދިޔަތަނާ އެތަނުގައި މީހަކާ ވާހަކަ ދައްކަން ހުރި ޒާހިދު ލޮލުގައި އަޅައިގަތެވެ.

ޒާހިދާ ރާދިންގެ ހަތަރު ކަޅި ހަމަވުމާއެކު ރާދިން ރުޅިވެރި ނަޒަރެއް ރައްދުކޮށްލާފައި ގޮސް އޮފީހުން ނުކުތެވެ. ދިޔަ ބާރުމިނުގައި ގޮސް ރާދިން އެރީ އޭނާގެ ސައިކަލަށެވެ. ދުވެލި އާދައިގެ ވަރަށް ވުރެ ބާރުމިނެއްގައި ބަހައްޓައިގެން ސައިކަލު ދުއްވަމުން ގޮސް، މުޅި މާލެ ވަށާ އެ ބުރު ދުއްވުމަށް ފަހުވެސް ސިކުނޑިއަށް ލިބުނު ހާސްކަން ކުޑަވާގޮތް ނުވުމުން ހެންވޭރުކޮޅުގައި ހުންނަ ކޮފީ ޝޮޕަކަށް ރާދިން ވަނެވެ. މައްޗަށް އަރާ ބޭރު ފެންނަ ގޮތަށް ހުރި ހިސާބުގައި އޭނާ އިށީނދެލިއެވެ. މެންދުރުގެ ވަގުތަށް ވުމުން ހޫނު ގަދަ ނަމަވެސް، ކޮންމެވެސް ވަރަކަށް ވައިރޯޅިތައް ޖެހެއެވެ. ކަޅު ކޮފީއަކަށް އޯޑަރު ކޮށްލަމުން ރާދިން، ބޭރަށް ނަޒަރު ހުއްޓާލިއެވެ. އޭނާ އިން ދިމާލުން އާރޓްފިޝަލް ބީޗާ ވާ ދިމާ ރީތިކޮށް ފެނެއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ތަންކޮޅެއް ދުރުގައި މަޑުކޮށްލި އަންހެން ކުއްޖާ އަޅައިގަތެވެ. ތަންކޮޅެއް ދުރުގައި ހުރިނަމަވެސް، އެއީ ސަޖާކަން ރާދިންއަށް ޔަޤީންވިއެވެ. އެވަގުތު އެތަނުގައި ސަޖާ ކުރަނީ ކީއްބާއޭ އޭނާގެ ހިތަށް އަރާ ގުޅަން ވެގެން ފޯނު ނެގި ވަގުތު ވެއިޓަރު ކޮފީ ހިފައިގެން އަތުވެއްޖެއެވެ. އެއާއެކު ރާދިން، ވެއިޓަރަށް ސަމާލުކަން ދިނެވެ. ފޯނު ނަގާ ސަޖާގެ ނަންބަރަށް ޑައިލްކޮށްލުމާއެކު، އޭނާ އަނެއްކާވެސް އެ ދިމާލަށް ބަލައިލިއެވެ. ސަޖާ ފެންނަން ނެތުމުން އޭނާ އެތަނުގައި އިނދެފައި ރަނގަޅަށް މަގުމައްޗަށް ބަލާލިއެވެ.

ރިންގް ވިތާ ގިނައިރެއްނުވެ ސަޖާ ފޯނު ނަގައިފިއެވެ.

"ކޮންތާކު ސަޖޫ؟" ރާދިން ސުވާލުކޮށްލިއެވެ. އެއާއެކު ސަޖާ އޭނާއަށް ޖަވާބު ދިނީ ގޭގައިކަމަށް ބުނެފައެވެ.

"މިއަދު ބޭރަށް ދިޔައިންތަ އެއްވެސް ތަނަކަށް؟"

ރެންޓޯރެންޓެއްގެ ތެރޭގައި މީހެއްގެ އިންތިޒާރުގައި އިން ސަޖާ ވާހަކަ ދެއްކީ ރާދިންއަށް ޝައްކުނުވާނޭ ގޮތަކަށެވެ.

"ނޫން، ނުދަން. ކިހިނެއްވީ އަނެއްކާ؟ މަގުމަތިން އަހަންނާ ވައްތަރު މީހަކު ފނުނީތަ؟" ސަޖާ ސުވާލުކޮށްލިއިރު އޭނާގެ ހިތް އާދަޔާ ޚިލާފަށް ތެޅިލިއެވެ.

"ނޫނޭ… އަހަންނަށް ހީވީ ސަޖާހެން. އެހެންވެގެން. ކައިފިންތަ؟" ރާދިން ސުވާކުކޮށްލިއެވެ.

"އަހަރެން ނުކަން. އެކަމަކު ރާދު އޮފީސް ގަޑިއެއް ނޫންތަ މިއީ؟"

"ކޮފީއެއް ބޯލަން ނުކުތީ… " ރާދިން ބުނެލިއެވެ. އޭނާ ސަޖާއަށް އިތުބާރުކޮށްފައި ފޯނު ބާއްވާފައި ކޮފީ ތަށި ނަގާ ތުމުގައި ޖަހާ އެތި ފޮދެއް ބޯލިއެވެ.

އެކަނިމާއެކަނި އެތަނުގައި އިނދެ ކޮފީ ބުއިމަށްފަހު، ރާދިން އޮފީހަށް ދާން ނުކުތްނަމަވެސް، ވަކި ހިސާބަކުން އޭނާގެ ޚިޔާލު ބަދަލުވިއެވެ. އޮފީހަށް ދާހިތް އެއްވެސް ވަރަކަށް ނެތުމާއެކު، ރާދިން ދިޔައީ ގެއަށެވެ. އޭރު މައާލް ވެސް ބޮޑުކޮޓަރީގައި އިނެވެ.

"މައާލް.!" އެތަނުގައި އިން ސާދާ އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެއާއެކު ރާދިންގެ ދޫ ހިމޭންވެ މީހާ ގަނޑުވިއެވެ. ސާދާ ފެނުމާއެކު އޭނާއަށް ދީފައިވާ އިންޒާރުގެ މަތިން ހަނދާންވެ ހިތުގެ ތެޅުން އަވަސްވިއެވެ.

"ރާދިން، ހާދަ އަވަހަކަށް ތިއައީ…" މައާލްއަށް ހައިރާންކަމެއް ލިބުނެވެ.

"އަ. އާނ.. އޮފީހުގެ ކަންތައްތައް ނިމުނީމަ ހިތަށް އެރީ އަންނާނިއްޔޭ." ރާދިންގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ ސާދާއަށެވެ. ސާދާވެސް އިނީ ރާދިންއަށް ބަލަހައްޓައިގެންނެވެ.

"ސާދާ ކީއްކުރަނީ؟" ޚިޔާލު ތަކުގައި ބެހެމުން ދިޔަ ރާދިންގެ ހިތަށް ވެރިވި ސުވާލު ދުލުން ބޭރުކޮށްލެވުނުކަން އޭނާއަށް ރޭކާލީ އެ ސުވާލަށް ސާދާ ޖަވާބު ދިނުމުންނެވެ.

"މައާލް ބަލިވެ އުޅޭތީ…" ސާދާ ބުނެލިއެވެ.

"ކިހިނެއްވީ މައާލް!" ރާދިންގެ އަޑުން ހަމަ ހަޤީގަތުގައިވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.

"އޭރު ރޯގާ ހުރީމަ. އަހަރެން ބުނީ މިހާރު އޯކޭއޭ…" މައާލް ހިނިތުންވެލިއެވެ. މައާލްގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުމާއި އުފާވެރިކަމުން ރާދިން ހިތްހަމަޖެހުނެވެ. ސާދާ އެއްވެސް ވާހަކައެއް މައާލްއަށް ނުކިޔައިދޭކަން އޭނާއަށް ޔަޤީންވިއެވެ.

"ކައިފިންތަ؟" މައާލް ރާދިންއާ ސުވާލުކޮށްލުމުން އޭނާ ކައިފިންކަމުގައި ބުނެލާ ހަމަ އެ ސުވާލު ރާދިން މައާލްއާ ކޮށްލިއެވެ. ރައްދުގައި މައާލް އޭނާއާއި ސާދާއާއި ދެމީހުންވެސް ކައިފިންކަމުގައި ބުނެލިއެވެ. ރާދިން ސާދާއަށް ބަލައިލުމަށްފަހު، މައާލްގެ ގާތުގައި އޭނާ ކޮޓަރިއަށް ދަނީކަމުގައި ބުނެލިއެވެ. ސާދާ ދިޔުމުން މައާލްވެސް އޭވާގެ އެހީތެރިކަމާއެކު، ކޮޓަރިއަށް ދިޔައެވެ. މައާލް ދޮރު ހުޅުވާލުމާއެކު، ރީތިވާން ޑްރެސިން ޓޭބަލްކައިރީގައި ހުރި ރާދިންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ.

ހަމައެކަނި ތުވާއްޔެއް އޮޅާލައިގެން ހުރިއިރު، އެ ފިރިހެންވަންތަ, ކަސްރަތީ ހަށިގަނޑު ހުރީ ހާމައަށެވެ. އިސްތަށިގަނޑާ މޫނުމަތީގައި މުތީތަކެއްފަދައިން ފެންތިކިތައް ވިދަމުން ދިޔައިރު، މޫނުމަތިންވެސް ތާޒާކަން ހާމަވަމުން ދިޔައެވެ.

"ރާދިން!" މައާލް ރާދިންއަށް ގޮވައިލުމާއެކު, އޭނާ އާއެކޭ ބުނެލިއެވެ. ކަނޑުނޫކުލައިގެ ޓީޝާޓަކާއި ސޯޓެއް ލަމުން އޭނާ އައިސް އެނދުގައި އިން މައާލްގެ ކައިރީގައި އިށީނެވެ. މައާލްގެ އަތުގައި ހިފައްޓާލުމާއެކު، ހިނިތުންވެލިއެވެ.

ރާދިންގެ އެންމެ ބީހިމަކުން ވެސް މައާލްގެ ހިތުގެ ހިނގުން އިންތިހާ އަވަސްވިއެވެ. މައާލްގެ އޮމާން މޫނަށް ދާދި ގާތުން ބަލަން އިން ރާދިންގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އޭނާ މައާލްގެ ގާތުގައި ހުންނަން ބޭނުންވަނީއެވެ. އެ ސޫރަ ދުށުމަށް ބޭނުންވަނީއެވެ. މައާލްއަށް ކަމެއް ވެދާނެތީ ކަންބޮޑުވަނީއެވެ. އެއީ ހަމަ އެކަނި ޙަމްދަރުދީ ހެއްޔެވެ؟ ނޫނީ އޭނާގެ ހިތުގައި ވެސް މައާލްއާ މެދު ލޯތްބޭ މި ކިޔާ ޖަޒުބާތުތައް ހޭލަނީހެއްޔެވެ؟

މައާލް ރާދިންގެ ކޮނޑުގައި ބޯ ޖައްސައިލަމުން ވާހަކަ ދެއްކިއެވެ.

"ރާދިން، އަހަންނަށް ރާދިންގެ އޯގާތެރިކަމަށް އާދެވެވުނީމަ ރާދިންވެސް އަހަރެން ދޫކޮށްލާފަ ދާނީތަ؟" މައާލްގެ އެ ސުވާލާއެކު ރާދިންއަށް ހައިރާންކަން ވެރިވުމާއެކު، އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.

"މައާލްއަށް ހީވަނީތަ އަހަރެން މައާލް ދޫކޮށްލާފަ ގޮސްފާނެޔޭ." ރާދިިން ހީކުރީ ސާދާ މައާލްގެ ކައިރީގައި ކޮންމެވެސް ވާހަކަތަކެއް ދެއްކީ ކަމުގައެވެ.

"ނޫނޭ! ހަމަ ހިތަށް އަރާ ސުވާލެއް މީ… އަހަރެން ފަދަ ނުކުޅެދޭ މީހަކާ އެކު އުމުރު ހޭދަކުރަން ބޭނުންވާނީ ކާކުބާއޭ ހިތަށް އަރަނީ. އަދި ޚާއްސަކޮށް ރާދިން ފަދަ ޒުވާނެއް. " މައާލްގެ އަޑުގައި މާޔޫސްކަން ވެއެވެ. އޭނާގެ މައިންބަފައިން ގޮތަށް ރާދިންވެސް އޭނަ ދޫކޮށްލާފައި ދާނީހެއްޔެވެ؟ އެހެން ވެއްޖެނަމަ ދެން އެފަދަ ކަމަކާ ކުރިމަތިލާކަށް ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ. އަދި ޚާއްސަކޮށް ރާދިންގެ ފަރާތުން ކަންތައްތަކަށް އޭނާއަށް އުންމީދު ކުރެވޭއިރުގައެވެ. ރާދިން ދެކެ ލޯބިވާއިރުގައެވެ. ދުވަހެއް ދުވަހަކަށް ރާދިންއާ މެދު އެހިތުގައި އުފެދިފައިވާ އިޙްސާސްތަކުގެ ބާރުގަދަ ވަމުންދާއިރުއެވެ.

"ކީއްވެ ކުއްލިއަކަށް ތި ކަހަލަ ސުވާލު ތިކުރަނީ؟ އަހަރެން ނޫޅެމޭ މައާލް ދޫކޮށްލާފަ ދާކަށް." ރާދިންއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައި ނަމަވެސް، އެއީ އޭނާގެ ހިތުގެ އަޑެވެ. އެ ހިތުގެ އެދުމެވެ. މައާލްއާ މެދު އޭނާގެ ހިތުގައި އުފެދިފައިވަނީ ހަމަ ހަޤީގަތުގައިވެސް މާނަފުން ޖަޒުބާތެކެވެ. މައާލްއާ ވާހަކަ ދައްކާލެވުމުން ރާދިންގެ ހާސްކަން ފިލާ ހިނގައްޖެއެވެ. ހިނދުކޮޅަކަށް ނަމަވެސް، ޒާހިދުގެ އިތުރުން ހާސްކަން ވެރިވާ ހުރިހާ ކަމެއްގެ މަތިން ރާދިން ހަނދާންނެތުނެވެ.

އެރޭ އިޝާނަމާދު ކޮށްލައިގެން އޮށޯވެލިތަނާ މައާލްއަށް ނިދިއްޖެއެވެ. އެހެންނަމަވެސް މައާލްގެ އެއްފަރާތުގައި އޮށޯވެލައިގެން އޮތް ރާދިންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒާހިދާއި ކުންފުނިން ނަގާފައިވާ ފައިސާއެވެ. އެހާ ބައިވަރު ފައިސާ ޒާހިދު ނެގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަދި އެވެސް ކޮންމެ މަހަކުއެވެ. ރާދިން ތެދުވެ އިށީނެވެ. އެއަށްފަހު އޭނާ ފޯނުން ގަޑި ބަލައިލިއެވެ. އަށްގަޑި ބައިވަނީއެވެ. އެނދުން ފައި ތިރިއަށް އެލުވާލައިގެން އިނދެފައި ރާދިން އޭނާގެ ބޮލުގައި ހިފައްޓާލިއެވެ. އެއަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ސިކުނޑިން އެންމެ ހިނދުކޮޅަކުވެސް އެ ހަނދާންތައް ފިލާގޮތެއް ނުވިއެވެ. އެހެން އިންދާ ސިކުނޑީގެ ކަނަކުން އޭނާއަށް ކަމެއް ހަނދާންކޮށްލަދިނެވެ.

މިއަދު ޒާހިދު އޭނާއަށް ދެއްކި ފައިލްގައި ދެ ހެކިންގެ ނަމާ ސޮއި ވެސް ކޮށްފައި އޮތުމުން، އެ އަލުން ބަލައިލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. ޒާހިދުވެސް އޭރު އޭނާގެ ގާތުގައި ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނެވެ. އެކަމަކު އައިސްފައި ހުރި ރުޅިން ޒާހިދާ ވާހަކަ ދައްކާކަށް ރާދިން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ނިންމީ އިތުރަށް އެ ހެކިންގެ މައުލޫމާތު ހޯދާ އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އިތުރު މައުލޫމާތެއް އެނގިދާނެއެވެ. ޒާހިދުގެ ރޭވުމެއްނަމަ އެކަން ވެސް އެނގިދާނެއެވެ. އެހެން ހިތަށް އެރުމާއެކު އިތުރަށް ކެތްކުރުން ރާދިންއަށް ވީ އުނދަގޫކަމަކަށެވެ. އެހެންކަމުން ނިދިފައި އޮތް މައާލްއަށް ބަލައިލުމަށްފަހު، އޭނާ އޮފީހަށް ދާ ވާހަކަ ބުނަން މައާލް ހޭލުއްވާލުމުގެ ޚިޔާލު ދޫކޮށްލިއެވެ.

އަވަސް އަވަހަށް ގޮސް ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދާލައިގެން ނުކުމެ ޓީޝާޓަކާއި ޖީންސް އެއް ލުމަށްފަހު، ވޮލެޓާއި ސައިކަލު ތަޅުދަނޑި ހިފައިގެން ރާދިން ކޮޓަރިން ނުކުމެލާ ދޮރު ލައްޕައިލީވެސް މަޑުމަޑުންނެވެ. އެއަށްފަހު، ގެއިން ނުކުމެގެން ގޮސް ސައިކަލަށް އަރާ އޭނާ ދުއްވައިލިއެވެ.

އޮފީހަށް ގޮސް ވަތް ރާދިން އެރީ އެންމެ މައްޗަށެވެ. އެޕާރޓްމެންޓްގައި ކީކާޑު ޖައްސާލުމަށްފަހު، ރާދި ދޮރު ހުޅުވައިލާފައި، އެތަން ދިއްލާލާ ގޮސްވަނީ ސްޓަޑީއަށެވެ. ލައިޓްތައް ޖައްސާލާފައި އޭނާ ގޮސް ޒާހިދު ކަންތައް ކުރި ގޮތަށް ކަންތައްކޮށްލުމަށްފަހު، ސޭފް ގައި ކޯޑު ޖެހިއެވެ.

ސޭފް ހުޅުވުމާއެކު އޭގެ ތެރޭގައި ހުރި ހުރިހާ ފައިލެއް ރާދިން ނެގިއެވެ. މޭޒުކައިރިއަށް ގޮސް އެ އެއްޗެހި ބަހައްޓަމުން އޭނާ އެންމެ ފުރަތަމަ ހުޅުވައިލީ އެއްބަސްވުމާ ގުޅޭ ފައިލެވެ. އޭގައިވާ ހެކިވެރިންގެ ނަންތައް ފޮޓޯ ނެގުމަށްފަަހު، ރާދިން އެ ފައިލް ލައްޕާލިއެވެ. އެއަށްފަހު، ދެން ވެސް ހުރި ލިޔުންތައް ބަލަން ފެށިއެވެ.

އެހެން ބަލަނިކޮށް މައާލްގެ ނަން ޖަހާފައިވާ ފައިލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ފައިލް ހުޅުވާލުމަށްފަހު، ރާދިން އޭގައި ވީ އެއްޗެއް ބަލަން ފެށިއެވެ. އެއާއެކު ފެނުނު އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މީހާއަށް ލިބިގެން ދިޔަ ޝޮކެއްގެ ބޮޑުކަމުން އޭނާއަށް މޭޒުގައި ހިފައްޓާވެސް ލެވުނެވެ. އެ ޞަފްހާ އެއްލުމާއެކު، ދެން ފެނުނު ޑޮކިއުމެންޓެއްގެ އިތުރުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ ފަރުވާތެރިކަމާއެކު، ކިޔަމުން ދިޔައިރު ރާދިން އަށް ބޮލުގައި ދެ އަތުން ހިފައްޓާވެސް ލެވުނެވެ. ފައިލްތައް ލައްޕާލަމުން ރާދިންއަށް ގޮނޑީގައި އިށީނދެވުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު، އެ ހުރިހާ އެއްޗެއް ސޭފް އަށް ލުމަށްފަހު، އެ ދިޔަ ބާރުމިނުފައި އެތަނުން ނުކުމެގެން ތިރިއަށް ފޭބިއެވެ. އެއަށްފަހު، ސައިކަލަށް އަރާ ދުއްވާލިއެވެ.

ގެއަށް ގޮސް ވަނުމަށްފަހު، ކޮޓަރިއާ ހިސާބަށް ވެސް ދިޔައީ ދުވެފައެވެ. ދޮރުފަތް ހުޅުވާލިއިރުވެސް މައާލް އޮތީ ނިދާފައެވެ. އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ކަހާލުމަށްފަހު، ތަޅުލާފައި އިން ވަތްގަނޑުވެސް އޭނާ ހުޅުވާލިއެވެ. އެއަށްފަހު އޭގެން އޭނާ ނެގީ ސިޓީ އުރައެކެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ރާދިން އެ ސިޓީ އުރަ ހުޅުވައިލިއެވެ. އެއަށްފަހު އޭގެ ތެރެއިން އޭނާ ނެގީ މައާލްއާ އޭނާގެ ކައިވެނީގެ ސެޓްފިކެޓެވެ.

ކޮމެންޓް 0