"އައި ހޭޓް ޔޫ ރާދިން. އައި ހޭޓް ޔޫ..." ސަޖާ ކިޔަމުން ދިޔައެވެ. މިރޭ ރާދިންއާ މައާލް ހިއްސާކުރާނީ އެއް ކޮޓަރިއެއްކަން އެނގި އޭނާގެ މުޅި ނަފްސުވެސް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ.
ސަޖާގެ ހިތިގައި އެންމެ ބޮޑު ބިރުވެރިކަމެއް އުފެދިފައިވަނީ މައާލްގެ އެ ރީތިކަން ފެނިފައެވެ. މައާލްގެ ރީތިކަމަށް ރާދިންގެ ހިތް ދޫވެދާނެތީ އޭނާ ޖެހިލުންވަނީއެވެ. ރާދިން އެދުނީ އޭނާއަށް އިތުބާރުކުރަން ނަމަވެސް، ދެމަފިރިންގެ ގޮތުގައި އެއް ކޮޓަރިއެއް ހިއްސާކުރާނަމަ، ހިނގަން ނުޖެހޭ ގުޅުންތަކަށް ވެސް ފުރުސަތު ދެވޭނެއެވެ. އޭނާ ބޭނުންވަނީ އެ ދާގޮތަށް ގޮސް އެ އަންހެނާގެ އަތުން ރާދިން ޖަހައިގަންނާށެވެ. ރާދިން އޭނާ ދެކެ ލޯބިނުވާކަން މައާލްއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. ވީއިރު އެފަދަ ބޮޑު ކަމެއް ކުރުމުގެ ފަހަތުގައި ވާނީ ފައިސާ ނޫން ކޯންޗެއް ހެއްޔެވެ؟ ރާދިންގެ ފަރާތުން މައާލްއާ ބެހޭ މާގިނަ އެއްޗެއް އޭނާއަށް އެނގިފައި ނެތަސް އެއީ ރާދިއުގެ ކައިވެނި ކުރީއްސުރެ ހަމަޖެހިފައިވާ އަންހެން ކުއްޖާކަށް އޭނާއަށް އެނގެއެވެ. އަދި އެއީ ރާދިންގެ ދެބެންގެ ދެދަރި ކުއްޖެއްކަން ވެސް މެއެވެ. އޭގެ އިތުރުން މާގިނަ ވާހަކައެއް އެނގިފައެއް ނުވެއެވެ. ރާދިންގެ ޢާއިލާއާ ގުޅުން ހުރި ކުއްޖެއްކަމުގައި ވާތީ މައާލް ފައިސާގެ ގޮތުން ތަނަވަސްވާނެކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް، މައާލްއަށް ފައިސާގެ ގޮތުން ރާދިންއާ ގާތްވެސް ނުކުރެވޭނެއެވެ.
އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމަށްފަހު، ސަޖާ އޭނާގެ ހިތުގައިވީ ނުތަނަވަސްކަން ބޭރުކުރަން މަސައްކަތްކުރިއެވެ. އޭނާ މައާލްއަށް ކާމިޔާބު ވިޔަކަ ނުދޭނެއެވެ. މައާލްއާ މެދު ރާދިންގެ ހިތުގައި އިޙްސާސްތަކެއް އުފެދިދާނެކަމަށް އޭނާގެ ހިތް އިންޒާރުދިނީ މިރޭ އޭނާގެ ދެލޮލުގެ ކުރިމަތީގައި ނިއުޅިގެން ދިޔަ މަންޒަރެވެ. އެކަމާ ވިސްނާ ވިސްނާވެސް އޭނާގެ ބޯ ގޮވައިފިއެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. މައާލްއާ މެދު ރާދިންގެ ހިތުގައި ކުޑަނަމަވެސް، ހަމްދަރުދީއެއް، ލޯތްބެއް ވާނަމަ އޭނާ ޖެހޭނީ ރާދިންގެ ހިތް މައާލްއާ ދިމާލަށް އެނބުރަ ނުދިނުމަށް މަސައްކަތް ކުރާށެވެ. ރާދިން ބަހައްޓަން ޖެހޭނީ އޭނާގެ މުށުތެރޭގައެވެ. ރާދިންގެ ކޮންމެ ފިޔަވަޅެއް، ކޮންމެ ހަރަކާތެއް އޭނާއަށް އެނގެންޖެހޭނެއެވެ. ކޮންމެ ޙާލެއްގައިވެސް، ރާދިންއާއި މައާލްއާ ދުރުކުރަން ސަޖާ އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އޭނާ އެ އަންހެން ކުއްޖާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެއެވެ. އޭނާގެ އުފާތަކަށް ހުރަސް އެޅި ކޮންމެ މީހެއްގެ ސަޒާ އަކީ އެއީއެވެ.
*****
މައާލްގެ ގިސްލުމުގެ އަޑު މަޑުމަޑުން ކެނޑެމުން ދިޔަގޮތުން ހީވަނީ ވަރުބަލިވެ ނިދިޖެހުނީހެންނެވެ. އޭރުވެސް އޭނާ އިނީ ފާރުގައި ލެނގިލި ގޮތަށެވެ. އިސްޖެހިފައިއިން އިރު، ރާދިން ދިން ހެދުން އޮތީ އަތުގައި ބޮނޑިކޮށްލެވިފައެވެ. އަމިއްލަ ޙާލާމެދު ޝަކުވާކޮށްކޮށް ނިދުނު މަޢާލް، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އިންތިޒާކުރީ ރާދިންގެ އަޑު އިވޭނެކަމަށެވެ. ކުޑަނަމަވެސް އެހީތެރިކަމެއް ރާދިންގެ ފަރާތުން އޭނާއަށް ލިބޭނެކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. ރާދިންގެ ހިތަކީ ހަރު ހިލަގަނޑެއްކަން ޔަޤީންވުން ނޫން ކަމެއް ނުވިއެވެ. އެ ޔަޤީންކަމުގެ ސަބަބުން އެ ހިތުގައި އިތުރަށް ވޭން އެޅުން ނޫންކަމެއް ނުވިއެވެ. އެ ވޭނާ ދިލަހޫނުކަމުގައި އޭނާގެ މުޅިޖާން ވެސް ހީވީ ކުދިކުދިވެގެން ހިނގައިދާނެހެންނެވެ.
ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރޭގައި ނިދާލާފައި އޮތް ރާދިންއަށް އެކަމުގެ ހިލަމެއް ވެސް ނުވެއެވެ. އޭނާ އޮތީ އަރާމު ދާނުގައި ނިދާލާފައެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ. އިންތިހާ އަޅާލުމާ އޯގާތެރިކަން ބޭނުންވާ ތިމާގެ އަނތްބަކު ދުނިޔޭގައި ހުރިކަންވެސް އޭނާއަށް ނޭނގޭ ފަދައެވެ.
*****
ރާދިން އޭނާގެ އެސްފިޔަތައް ދުރުކޮށްލާފައި ލޯ ހުޅުވައިލިއިރުވެސް އޭނާގެ ދެލޮލުގައި ނިދިބަރުކަން ވެއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަލިކަން ފެނުމާއެކު، ފުންމައިގެން ރާދިންއަށް ތެދުވެވުނެވެ. ފުރަތަމަވެސް ބަލައިލެވުނީ ކުޑަ ދޮރާ ދިމާލަށެވެ. ފަރުދާތައް ދަމާލާފައި ވާނަމަވެސް، އިރުއަރައިފިކަން އޭނާއަށް ޔަޤީންކުރެވުނީ މަޑު މުށިކުލައިގެ ދޮރުފޮތިތަކުގެ ތެރެއިން ފުރޭނިގެން އައިސް ކޮޓަރިތެރެއަށް ވަންނަމުންދިޔަ އަލިކަމުގެ ސަބަބުންނެވެ. ސައިޑް ކަބަޑުމަތީގައި އޮތް އޭނާގެ އައިފޯނު ނަގާ ގަޑި ބަލައިލުމަށްފަހު، އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ލައްވެލައިގެން އިން މައާލްއެވެ. މައާލް އިނީ ނިދިފައިކަން އޭނާއަށް ޔަޤީންކުރެވުނެވެ. ރާދިންއަށް އޭނާގެ ނިތުގައި އަތް ހިންގައިލެވުނެވެ. އޭނާއަށް ނިދުނީ ގަސްތަކު ނޫނެވެ. އޭނާ އުޅުނީ އެހެން އިރުކޮޅަކު އޮވެފައި ތެދުވާށެވެ. އެހެންނަމަވެސް، ވެފައި ހުރި ވަރުބައްޔާއެކު، ނިންޖަށް ވުރެ އޭނާއަށް ގަދަ ނުވެވުނީއެވެ.
"ޝިޓް..."
އެހެން ބުނެލުމަށްފަހު، ބްލޭންކެޓް އެއްފަރާތްކޮށްލާފައި އޭނާ އެނދުން ތެދުވީ ހަލުވިކޮށެވެ. އެއަށްފަހު އަވަސް އަވަހަށް ގޮސް މައާލްގެ ކައިރީގައި ހުއްޓިފައި އެއްފަހަރު މައާލްއަށް ގޮވައިލިއެވެ. މައާލް ހެޔެއް ނުލިއެވެ. މައާލް އިނީ ރޭގައި ހަފްލާގައި އޭނާ ލީ ހެދުމުގައެވެ. އޭރު އޭނާ މައާލްއަށް ދިން ހެދުން މައާލްގެ ކައިރީގައި އޮތެވެ. ކަކޫ މެއާ ލާ ބޮނޑި ކޮށްލައިގެން ކަހަލަ ގޮތަކަށް އިން މައާލްގެ ބައެއް އިސްތަށިތައްވެސް އޮތީ މޫނުމައްޗަށް ވެއްޓިފައެވެ. ރާދިން މައާލްއާ އެއްހަމަައެއްގައި އިށީނދެލާފައި، މައާލްގެ އިސްތަށިގަނޑު ދުރުކޮށްލިއެވެ. ހަމަ އެއާއެކު، މައާލްގެ ދޮން ކަނދުރާއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ހިތް އަވަސްވިއެއްކަމަކު، އެ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލަމުން ރާދިން މައާލްގެ އިސްއުފުލުވައިލީ ވަރަށް ބަަލައިގެންނެވެ. މައާލްގެ ގައިގައި ހިފައްޓާލުމަށްފަހު، އޭނާ މައާލްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. ރާދިންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ ކަރުނަ ހިކިފައިވިޔަސް މައާލްގެ ދެ ކޯތާފަތްމަތިން ތިރިއަށް ގޮސްފައިވާ ކަރުނައިގެ ރޮނގު ފެނުމުންނެވެ. ރޭ ހަތަރުދަމު ރުއިމުގެ ސަބަބުން ލޮލުގެ ވަށައިގެން ކޮންމެވެސް ވަރަކަށް ދުޅަކަންވެސް ހުއްޓެވެ. ހަމަ އެއާއެކު ކަރުނައިގެ ސަބަބުން، ދެލޮލުގައި އަޅާފައިވާ އަނދުންތައް ފޭދި، މޭކަޕްވެސް ވަނީ ހަޑިވެފައެވެ. މައާލް އާ މެދު އިހުމާލު ވެވުނު ވަރު ރާދިންއަށް އަންދާޒާ ކޮށްލެވުނީ ދެނެވެ. އޭނާއަށް ކަންތައް ކުރެވުނީ ކޮށްގެންވާނެގޮތަކަށް ނޫންކަން އޭނާއަށް އެނގުނެވެ. ކިތަންމެ ރުޅި އަޔަސް، އެފަދަ ގޮތަކަށް ކަންތައް ކުރުމަކީ ރަނގަޅުކަމެއް ނޫންކަން ސިކުނޑިވެސް ރާދިންއަށް އަންގައިދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހިތުގެ އެ ގޮވުމާ އެއްބަސްވާން ރާދިން ދެކޮޅު ހެދިއެވެ. އޭނާގެ ދިރިއުޅުން ބަރުބާދުވީ އެ އަންހެން ކުއްޖާގެ ސަބަބުންކަމުގައި ރާދިން އަމިއްލަ ނަފްސަށް ބުނަމުން ދިޔައެވެ.
"މަންމާ... ބައްޕާ!..." ހޭލެވެމުން ދިޔަ މައާލްއަށް ކިޔެމުން ދިޔައެވެ. އޭރު އޭނާއަށް އޮވެވުނީ މީހެއްގެ އަތުތެރޭގައިކަން އެނގުމާއެކު މައާލްއަށް ތެޅިގަނެވުނެވެ. ދެލޯ ހުޅުވައިލި ނަމަވެސް، އަނދިރިކަން ނޫން އެއްޗެއް ނުފެނެއެވެ.
"އަހަންނޭ މީ..." ރާދިން ބުނެލިއެވެ. މައާލް އަވަސް އަވަހަށް ރާދިންއާ ދުރަށް ޖެހިލިއެވެ.
"ކީއް... ކީއްކުރަނީ؟" މައާލް ޖެހިލުންވިއެވެ.
"އަހަރެންގެ އަންހެނުންނެއްނު ތީ؟ ކަމެއް ކުރަން ހުއްދަ ހޯދަން ޖެހޭތަ؟" ރާދިން އެހެން ބުނެލީ މައާލްގެ މޫނުމައްޗަށް އަރާފާނޭ ކުލަވަރެއް ބަލައިލުމުގެ ނިޔަތުގައެވެ. ވީވެސް އެހެންނެވެ. އޭނާ ބޭނުންވި ފަދަ ކުލަވަރުތަކެއް މައާލްގެ މޫނުމަތިން ފެނުމާއެކު، ރާދިން އެއް މިޔަކަށް ހީލިއެވެ. ދެލޯ ބޮޑުކޮށްލި މައާލް ފެނުމުން ރާދިންއަށް ހެވުނީ ގަސްތަކު ނޫނެވެ. މައާލްއަށް އޭނާގެ އަމިއްލަ ނަފްސު ނުފެނުނު ނަމަވެސް، މައާލްގެ ދެލޮލުގެ ކައިރީގައި ފޭދިފައި ހުރި އަނދުންތައް ރާދިންއަށް ރީތިކޮށް ފެނުނެވެ. ރާދިންގެ ހުނުންވެސް މައާލްއަށް ސިފަވީ މަލާމާތެއްގެ ގޮތަށްކަމުން މާޔޫސްކަމާއެކު، އޭނާއަށް އިސްޖަހައިލެވުނެވެ. މައާލްއަށް ވީ ގޮތް ހަމަ ރަނގަޅަށްވެސް ރާދިންއަށް އެނގުނެވެ. އެކަމަކު އޭނާ އެކަމާ މެދު އެއްޗެއް ބުނާކަށް ނޫޅުނެވެ.
"މިއަދު ހެނދުނު ސައި ގަޑީގައި އަހަރެމެންނަށް އިންތިޒާރު ކުރާނެވާހަކަ ބައްޕަ ބުނި. މައާލް ދާން ބޭނުން ނޫނިއްޔާ..."
"ނޫން. އަހަރެން ދާނަން." އެ އިންގޮތަށް އިސްޖަހާލައިގެން އިނދެ މައާލް ބުނެލި ކަމުގައިވީ ނަމަވެސް، އޭނާ ކަންބޮޑުވީ ތައްޔާރުވާނޭ ގޮތެއް ނޭނގުނީތީއެވެ.
ރާދިން މައާލްގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު، މައާލްގެ މުޅި ހަށިގަނޑުގައިވެސް ހީވީ ކަރަންޓްގެ އޮއިވަރެއް ދައުރުކޮށްލިހެންނެވެ. ހަށިގަނޑު ކުޑަކޮށް ހަރުކަށިވެލުމާއެކު، އޭނާގެ ކޮނޑު ކަށިގަނޑަށް އައި ބަދަލު ރާދިންއަށް ވެސް އެނގުނެވެ.
ރާދިންގެ އެހީތެރިކަމާއެކު މައާލް ތެދުވެލިއެވެ. އެއަށްފަހު، އޭނާ އެހުރި ގޮަތަށް ހުންނަން ފެށުމުން ރާދިން، މައާލް ގެންގޮސް އެނދުގައި ބެއިންދިއެވެ. އެއަށްފަހު އެހެން ހެދުމެއް ނަގައިގެން އައިސް މައާލް އަތަށް އެ ދީފައި އޭނާ މައާލް ފާޚާނާއަށް ގެންގޮސްދޭންވެސް އެހީތެރިވެދިނެވެ. ފާޚާނާގެ ތަންތަން ކޮންމެވެސް ވަރަކަށް ބުނެދީފައި ރާދިން މައާލްގެ ފަހަތުގައި މަޑުކޮށްލިއެވެ.
"ދޭ..." މައާލް ބުނެލިއެވެ.
"އޭނ..." ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"ރާދިން ދާށޭ ދެން." މައާލް އަނެއްކާވެސް ބުނެލިއެވެ.
"އަހަރެން ހުއްޓަސް މައާލްއަށް ކުރާކަމެއް ކުރެވިދާނެ. އަންހެނުންނެއްނު ތީ. އަމިއްލައަށް ގަބޫލުކުރަނީ އެހެންނެއްނު." ރާދިން ބުނެލިއެވެ.
"އެކަމަކު..." މައާލް ހަނދާންވީ ރާދިންގެ އިންޒާރުތައް މަތިންނެވެ. އެއްވެސް އެއްޗެއް ނުބުނެ ހުރެވުނީ އެހެންވެއެވެ. ރާދިން ނުކުމެ ދޮރު ޖަހާލިއެވެ. އެ އަޑު އިވި މައާލް ފުންނޭވާއެއް ދޫކޮށްލި ނަމަވެސް، އޭނާ ޔަޤީންކުރަން ބޭނުންވިއެވެ. ރާދިން ނެތްކަމެވެ. އެކި ދިމަދިމާލަށް އަތް ހޫރަހޫރާފައި މައާލް ޔަޤީންކުރިއެވެ. ރާދިން ނުކުތްކަން ޔަޤީންވި މައާލް ދޮރު ތަންޑު އަޅުވާފައި ހިންދެމިލިއެވެ. ބޮޑު ފާޚާނާއެއް ކަމުން އުޅޭކަށް މާ ބޮޑު އުނދަގުލެެއް ނުވިއެވެ.
****
މައާލް އެތެރެއިން ފާޚާނާ ދޮރު ތަންޑު އެޅި އަޑު އިވުމާއެކު ރާދިން ގޮސް ނެގީ އޭނާގެ ފޯނެވެ. އަވަސް އަވަހަށް ސަޖާގެ ނަންބަރަށް ޑައިލްކޮށްލުމާއެކު، ލިބުނީ މާޔޫސްކަމެވެ. ސަޖާގެ ފޯނު އޮތީ ނިއްވާލާފައެވެ. ރޭގައި ފޮނުވި މެސެޖަށްވެސް ރިޕްލައިއެއް ނެތެވެ. ރާދިން އިތުރަށް ކަންބޮޑުވީ އެ މެސެޖް ފޮނުވާފައި ސަޖާގެ ކައިރިއަށް ނުދެވުނީތީއެވެ. އެކަމާ ސަޖާ ޝަކުވާ ކުރާނެ ވަރާ، ރުޅި އަންނާނެވަރު އޭނާއަށް އަންދާޒާކޮށްލެވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލުމާއެކު، ފުންނޭވާއެއް ރާދިން ދޫކޮށްލިއެވެ. ދޮރުފޮތިތައް ކަހާލުމަށްފަހު، އޭނާ ކޮޓަރި ތެރެއިން ނުކުމެވެން ހުރި ކުޑަ ބެލްކަންޏަށް ނުކުމެލިއެވެ. ހުސްގަޔާ ހުރި ރާދިން އޭނާގެ މޭގައި ފިރުމައިލިއެވެ. ސަޖާއާ މެދު އޭނާ ވަނީ ކަންބޮޑުވެފައެވެ. އަންނަ ރުޅީގައި ފަހުން ހިތާމަކުރަން ޖެހޭކަމެއް ސަޖާ ކޮންފާނެތީ އޭނާ ޖެހިލުންވިއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ސަޖާގެ ކައިރިއަށް ދާން ރާދިން ބޭނުންވިއެވެ.
ފާޚާނާ ދޮރު ހުޅުވާލާފައި މައާލް ނުކުމެލިއެވެ. އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގަތީ ރާދިންއަށް ގޮވައިލުމުންވެސް ރާދިންގެ ހިލަމެއް ނުވުމުންނެވެ. އެނދުގައި ޖެހުމާއެކު، އޭނާ މަޑުމަޑުން އެނދުގައި އިށީނދެލިއެވެ. އެއަށްފަހު، މަޑުކޮށްލީ ރާދިން އަންނަން ދެނެވެ. އޭނާ ހީކުރީ ރާދިން ބޭރަށް ނުކުތީ ކަމަށެވެ.
ބެލްކަނީގައި ހުރެފައި އެތެރެއަށް ވަތް ރާދިންއަށް މައާލް ފެނުމާއެކު، ރުޅި އައިސް އެއްޗެއް ބުނަން އުޅެވުނީ ސަޖާގެ މަތިން ހަނދާންވެފައެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހުއްޓުން އަރާ ގޮތްވިއެވެ.
"މައާލް މޫނު ދޮވުނިންތަ؟" ތާޒާކަން ފެންނަމުން ދިޔަނަމަވެސް، މައާލްގެ މޫނު ހުރިގޮތުން ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"އާނ. އެބަ އުޅެންތަ؟"
"ބެލްކަނީގައި ހުރީ..." ރާދިން ކުރު ޖަވާބެއް ދިނެވެ. އެއަށްފަހު، އޭނާ އައިސް މައާލްގެ ކުރިމަތީގައި ހުއްޓި އެ މޫނަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. އެހެން ހުރެފައި ރާދިން ނެގީ އޭނާގެ ފޯނެވެ. މައާލްގެ ފޮޓޮއެއް ނެގުމަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ.
"މޫނުމަތީގައި އަދިވެސް އަނދުން ހުރީމަ..." ރާދިންއަށް ބުނެވުނެވެ.
"އަނދުން...."
"އާނ. ހިނގާ މޫނު ދޮންނަން... ތިހެން ހުރެގެން ނުކުންނައިރަށް ބައްޕަ ބުނާނެ އެއްޗެއް ނޭނގެ." ރާދިން ބުންޏެވެ. މައާލް އެއްޗެއް ނުބުނެ ރާދިންއާއެކު ގޮސް، ފާޚާނާއަށް ވަނެވެ. މައާލް އެކަނި މޫނު ދޮވެލިއެވެ. ލޯ ކައިރީގައި ހުރި އަނދުންތައް ރަނގަޅަށް ފިލާގޮތެއް ނުވިއެވެ. މައާލް ނިމެންދެން ރާދިން ހުއްޓެވެ. އެންމެ ފަހުން، އޭނާ މައާލް އެނާއާ ދިމާލަށް އަނބުރުވައިލިއެވެ. އެއާއެކު، މައާލް ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތުގައި ރާދިން ޓިޝޫއެއް ނެގުމަށްފަހު، ފެންކޮޅަކުން ތެންމާލާ މައާލްގެ ލޯ ކަައިރި ސާފުކޮށްދޭން ފެށިއެވެ. މައާލްގެ ދެލޮލުގެ މަހިނޫރުގެ ބާރުގައި މިފަހަރުވެސް ރާދިން ހައްޔަރުވުން ނޫންކަމެއް ނުވިއެވެ. އެ ސިހުރަވީ ދެލޮލުން އޭނާއަށް އެ ޖައްސާ ޖާދޫއެއް ރާދިންއަށް ހަމަ އެއްގޮތަކަށްވެސް ފަހުމްވާގޮތެއް ނުވިއެވެ. އެ ދެލޮލުގެ ސިހުރުގައި ޖެހި އަމިއްލަ މީހާ މަތިން ވެސް ހަނދާންނެތޭހެން ރާދިންއަށް ހީވެއެވެ. މަޑުމަޑުން މައާލްގެ ލޯ ކައިރި ސާފުކޮށްލުމަށްފަހު ވެސް، ރާދިން އޭނާގެ ހަރަކާތްތައް ހުއްޓައެއް ނުލިއެވެ. އޭނާ މައާލްގެ އެ ދެލޮލުން ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ފަދައެވެ. ހިތް ފުރެންދެން މައާލްގެ ދެލޮލަށް ބަލަން ރާދިން ބޭނުންވިއެވެ. ނޭނގެނީ އޭނާގެ ހިތް ފުރޭނީ ކިހާވަރަކަށް އެ ދެލޮލަށް ބެލުމުން ކަމުގައެވެ. އެންމެފަހުން ގިނައިރުވެ މައާލްއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ.
"އަދިވެސް ނުނިމޭތަ؟ ސާދާ ކޮން ކަހަލަ މޭކަޕެއްތަ އެ ކުރީ؟" މައާލްއަށް ބުނެވުނެވެ. ރާދިންގެ އެ ގާތްކަމުން މައާލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައިރު، އޭނާ ބިރުގަންނަން ފެށިއެވެ. ރާދިންގެ ފަރާތުން އޯގާތެރިކަމަށް އުންމީދު ނުކުރުމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.