އޭނާ ސައިކަލުގައި ގޮސް ސަޖާ އުޅޭ އެޕާރޓްމެންޓުގައި ބެލް އަޅައިލުމާއެކު، ސަޖާ ދޮރު ހުޅުވައިލިއެވެ. އެންމެ ފުރަތަމަ ވެސް ސަޖާ ބަލައިލީ ރާދިންގެ ފައިން ފެށިގެން ބޮލާ ހިސާބަށެވެ. ރާދިންއަށް ވީ ގޮތް ރޭކާލީ ދެނެވެ.
އެއާއެކު ރާދިން އޭނާގެ ސިކުނޑި ތައްޔާރުކޮށްލީ ސަޖާގެ ރުޅިގަދަ ބަސްތައް އަޑު އެހުމަށެވެ. ކަންތައް ވެގެން ދާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވުނެވެ. ސަޖާ ގުޅުމުން އައިއިރު އޭނާ އެކަން މަތިން ހަނދާންވެސް ނެތެވެ. މޫނަށް ވައްތަރެއް ޖައްސާލައިގެން ހުރެ ސަޖާ ރާދިން ވަންނަން ތަން ދެއްކިއެވެ. އެއަށްފަހު އޭނާ ރާދިންއަށް ފުރަގަސްދިނެވެ.
"އަހަރެން އެހާވަރުން ރާދިންއަށް ސޫޓާ އެއްޗެހި ގަނެދިނީމަ ކީއްވެ އެ ނުލީ. އަހަރެން މުހިންމު ނޫނީ ދޯ… ނޫނީ ތީ އެ މައާލް ދިން އެއްޗެއްތަ؟" އިރުކޮޅަކު އެހެން ހުރުމަށްފަހު، ސަޖާ ފަސް އެނބުރި ރާދިންއަށް ބަލައިލަމުން ސުވާލުކޮށްލިއިރު، ނުރުހުމާއި އެއްވަރަށް ރުޅިވެރިކަންވެސް އެ އަޑުގައިވެއެވެ. ރާދިންގެ ބަސް އެ ހިނދު ހުއްޓޭގޮތްވިއެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ރާދިންގެ ހިމޭންކަމުން ސަޖާގެ ގާތަށް ހައްތަހާ ރުޅި އަންނަ ގޮތްވީއެވެ.
"އަހަންނަށް އެނގެޔޭ އެ އަންހެނާ ދިން އެއްޗެއްކަން ތީ…" ސަޖާ މައާލްއާ ދިމާލަށް އަނެއްކާވެސް ހުތުރު އެއްޗެއް ކިޔާލައިފިއެވެ.
"ސަޖާ!" ރާދިން ހަޅޭއްލަވައިގަތެވެ. މައާލްއާ ދިމާލަށް އެފަދަ ދަށު ދަރަޖައިގެ ބަހެއް ސަޖާ ބޭނުން ކުރުން އޭނާއަށް ވީ ބަރުދާސްތުކުރަން ދަތިވިކަމަކަށެވެ. ސަޖާއާ ދިމާލަށް ހަޅޭއްލަވައިގަނެވުނީވެސް އެހެންވެގެންނެވެ.
"ކިތަށް ފަހަރު ބުނަންވީ މައާލް މިދޭތެރެއަށް ނުވައްދާށޭ. އެ އަންހެން ކުއްޖާއަށް އެއްވެސް ހަޤީގަތެއް ނޭނގެޔޭ. އެއްފަހަރު ބުނީމަ ސަޖާއަށް އަޑު ނީވެނީދޯ…" ރާދިން އެ އައި ގޮތަށް އައިސް ސަޖާގެ އަތުގައި ހިފާ އޭނާއާ ގާތްކޮށްލިއެވެ. މައާލްއާ ދިމާލަށް އެފަދަ ބަހެއް އެއްވެސް މީހަކު ބުނާއަޑު އަހާކަށް އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ.
"އަދި ވެސް މަ ތަ ގޯސްވީ… މަ މި އަހަނީ ކީއްވެހޭ މަ ދިން ގަމީސް ނުލާ އެ މައާލް ދިން އެއްޗެހި ލައިގެން ތިއުޅެނީ." ސަޖާ ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.
"ބުނެބަލަ! ބަސް ހުސްވީ…. ބުނާނެ އެއްޗެއް ނެތީ… އޭނަ ދިން އެއްޗެއް ވީމަ…"
"ސަޖާ ހެޔޮނުވާނެ! މަ މި ގަމީސް ލީ މީ މަގޭ ދޮންބެގެ އެއްޗަކަށްވީމަ. ދޮންބެއަށް މި ލައިގެން އެއްވެސް ތަނަކަށް ދިޔުމުގެ ފުރުސަތު ނުލިބުނީމަ. ކީއްވެތަ ކޮންމެ ކަމަކަށް މައާލް ބްލޭމް ތިކުރަނީ؟" ސަޖާ އައިސް ރާދިންގެ ސޫޓްގައި ހިފާ ދަމަން ފެށުމުން ސަޖާ ދުރުކޮށްލަމުން އެ އަތް ފޮޅުވާލާފައި ރާދިން ވާހަކަ ދެއްކިއެވެ. އޭނާ އެ ސޫޓް ލީ ހަމަ އެކަނި އެހެންވެެގެން ނޫންނަމަވެސް، ސަޖާގެ ކުރިމަތީގައި އެހެން ބުނާކަށް ރާދިން ބޭނުމެއް ނުނެވެ. އޭނާ ދޮގު ހެދީ އެހެންވެގެންނެވެ.
"ކީ.. ކީކޭ؟"
"އާނ. މީ ދޮންބެގެ…" ރާދިން ބުނެލިއެވެ.
"އެހެންވިޔަސް ރާދިން، ރާދިންގެ ދޮންބެ މި ދުނިޔޭގައި ނެތޭ. އަހަންނޭ ހުރީ ވީއިރު ދުނިޔޭގައި ނެތް މީހެއްދެކެ ތިވަރަށް…"
"ސަޖާ… އިތުރަށް އެންމެ ބަހެއް ވެސް ބުނެގެން ނުވާނެ! މަގޭ ޙަޔާތަށް ސަޖާގެ ކުރިން އައީ މަގޭ ދޮންބެ. މަށާއެކީ ސަޖާއަށް ދެތިން އަހަރު އުޅެވުނޭ ކިޔާފަ މަގޭ ދޮންބެ މަށާއެކު އުޅުނީ ނިޔާވަންދެންވެސް. އޭނަގެ ކޮންމެ އެއްޗެއް މަށަށް ވެސް މުހިންމު. ވަރަށް މުހިންމު." ރާދިންއަށް ސަޖާގެ ވާހަކަ ހުރި ގޮތް ކަމަކު ނުދިޔައެވެ. އެވަރު ކުޑަ ކަމަކާ ސަޖާ އެހާ ރުޅި އަތުވެދާނެކަމަށް ރާދިންއަށް ހީކުރެވިފައެއް ނުވެއެވެ. އޭނާ ހީކުރީ ހަޤީގަތް އެނގުމުން ސަޖާ މައިތިރިވެދާނެކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. ސަޖާ ހުރީ އޭނާގެ ގޮތުގައެވެ.
"މައާލްވެސްތަ؟"
"ކީކޭ ސަޖާ؟"
"ރާދިއުގެ ކޮންމެ އެއްޗެއް ވެސް ރާދިންއަށް މުހިންމުވީމަތަ މައާލްވެސް މުހިންމުވެގެން ތިއުޅެނީ؟ އާނ! އެހެންތާ ވާނީ. އެއީ ރާދިއުގެ އަނބްތަކަށް ވާން އުޅުނު އަންހެނާ ވިއްޔަ ދޯ…" ސަޖާ ގެ ދެ ކަންފަތުން ދުން އަރަމުން ދިޔަފަދައެވެ. ރުޅިން މީހާ އެކީ ރަތްވަމުން ދިޔައެވެ. ސަޖާގެ އެވާހަކައިން ރާދިން ރުޅި އަންނަ ގޮތްވިއެވެ.
"ސަޖާގެ ތި ވިސްނުން ބަދަލުކުރެވޭނެހެންނެއް އަހަންނަކަށް ހިޔެއް ނުވޭ. އަހަރެން މައާލް ދޫކޮށްލާފަ ސަޖާ ކައިރިއަށް އަންނާތީ އެކަމުން ވެސް މަށަށް ސަޖާ މުހިންމު ވަރެއް އިޙްސާސްއެއް ނުކުރެވެއެއްނު. އަބަދު މައާލްއާ ގުޅުވައިގެން ޝަކުވާ ކުރުން ނޫންކަމެއް ސަޖާއަކަށް މިހާރަކު ކުރާކަށް ނޭނގޭ… އަހަންނަށް ވަގުތު ދޭށޭ ބުނީމަ އެކަންވެސް ކުރެވޭ ކަމަކަށް ނުވޭ!" ރާދިންއަށް ބުނެވުނެވެ.
"ކިހާ ވަގުތެއް ރާދިން! ކިހާ ވަގުތެއް؟. އަހަރެން ވަގުތު ދިނިއްޔާ ރާދިންއަށް އޭނަ ވަރިކުރެވޭނެތަ؟ ބައްޕަގެ ނުފޫޒުން އެއްކިބާވެގެން އަހަންނާ މެދު ވިސްނާލާފަ، އަމިއްލަ ނަފްސު ބޭނުންވާ ގޮތް ނިންމޭނެތަ؟" ސަޖާ އަނެއްކާވެސް ބުނެލިއެވެ. ރާދިންގެ ބަސް ހިނދުކޮޅަކަށް ހުއްޓުނެވެ. އޭނާ ވަގުތު ދޭށޭ ބުންޏަސް ހަޤީގަތުގައި މައާލް ވަރިކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
"އޭނަ ގައިގަ ރާދިންއެއް އަތެއް ނުލަމޭ، ތި ދެމެދުގަ ދެމަފިރިން ދޭތެރޭ އޮންނަ ފަދަ ގުޅުމެއް ނެތޭ ބުންޏަސް އަހަރެން ކިހިނެއް ޤަބޫލުކުރާނީ؟"
"ގަބޫލުނުކޮށް ސަޖާ ހުރޭ. އަހަރެން ދަނީ. އޮފީސް ނިންމާފައި މައާލްގެ ތެރަޕީވެސް އޮއްވާ އެހާ ވަރުން މަ ސަޖާ ކައިރިއަށް އައީމަވެސް ސަޖާއަށް އެކަމަކުން ވެސް އަހަރެން ސަޖާ ދެކެ ލޯބިވާ ވަރެއް އިޙްސާސްއެއް ނުކުރެވުނު… އަަހަންނަށް ފެނިގެނެެއް މިފަހަރަކު ސަޖާގެ ކައިރިއަށް އާދޭސްކުރާކަށް ނާންނާނަން. ހަނދާންކުރާތި! އަބަދު ތި ކުރާ ޝަކުވާތަކާ، ސަޖާގެ ރުޅިގަނޑު ބަލަން އަންނާކަށް އަހަރެންވެސް ބޭނުމެއް ނުވާނެ! ދިރިއުޅުމުގަ ބޭނުންވާ ގޮތަށް ހުރިހާކަމެއް ނުވަނީ ސަޖާގެ އެކަންޏެއް ނޫން. އަހަރެންގެވެސް. އެހެންނޫނީ މިއަދު މައާލްގެ ބަދަލުގައި އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުންނާނީ ސަޖާ. އެވަރު ނުވިސްނެންޏާ ވިސްނެންދެން އަހަރެން ދެން ދަނީ…" ހަޤީގަތުގައި ރާދިންއަށް ކެތް ނުކުރެވުނީއެވެ. ސަޖާގެ ދުލުން މައާލްއަށް ރައްދުކުރަމުން އެދާ ހުތުރު ބަސްތައް އަޑު އަހަން ހުންނަން އޭނާއަށް ކެތް ނުވަނީއެވެ. ރާދިން އެތަނުން ދާން ނުކުތީ ވެސް ސަޖާ މައާލްއާ ދިމާލަށް އެއްޗިސް ކިޔަމުން ދަނިކޮށެވެ. ރާދިން ސަޖާގެ ގަޔަށް އަތް އިސްކުރާކަށް ބޭނުމެއް ނޫނެވެ. އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ އޭނާއަށް ސަޖާގެ ކޯތާފަތްމައްޗަށް އޭނާގެ އަތް އިސްކުރެވުނީސްއެވެ.
އެދިޔަ ގޮތަށް ގޮސް ރާދިން އެއީ ސައިކަލަށެވެ.
"އާނ… ރާދިއުގެ ކޮންމެ އެއްޗެއް ވެސް ރާދިންއަށް މުހިންމުވީމަތަ މައާލްވެސް މުހިންމުވެގެން ތިއުޅެނީ؟" ސަޖާގެ އެ ބަސްތައް ރާދިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއާއެކު އޭނާއަށް ސައިކަލުގެ ދުވެލި އިހުނަށްވުރެ ބާރުކޮށްލެވުނެވެ. ސައިކަލުގެ މުއްގަނޑަށް ބާރުކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. ގެއާ ހިސާބަށް އާދެވުމާއެކު، ބޭރުން އެގޭގެ ބޮޑު ގޭޓަށް އޭނާއަށް ނަޒަރު ހުއްޓައިލެވުނެވެ. ފުންނޭވާއެއް ލަމުން އޭނާ ގަޑި ބަލައިލިއެވެ. މައާލްގެ ތެރަޕީ އޮތީ ފަސްގަޑި ބައިގައެވެ. އޭރު ގަޑިން ފަހެއް ޖަަހަނީއެވެ. ފޯނަށް މެސެޖެއް އައިސްފައި އޮތުމުން އޭނާ ބަލައިލިއެވެ. އެއީ ހޮސްޕިޓަލުން އައިސްފައި އޮތް މެސެޖެކެވެ. އެޕޮއިންޓްމެންޓް ގަޑި ބަދަލުވި ވާހަކައެވެ. މިރެއަށް ލަސްވެފައި އޮތުމުން ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވައިލަ ދިނުމާއެކު ރާދިން އެތެރެއަށް ވަނެވެ. ސައިކަލު ބަހައްޓާފައި ގޮސް ގެއަށް ވަތްއިރު، މައާލް ސޯފާގައި އިނެވެ.
"މައާލް!" މައާލް އިނީ ރީތިވެގެންކަމުން އޭނާއަށް ބުނެވުނެވެ.
"ރާދިން… އަހަރެން ތައްޔާރުވެގެން މިއިނީ…" މައާލް ބުނެލިއެވެ.
"ދެންމެ ފޯނަށް މެސެޖް އެ އައީ… އެޕޮއިންޓްމެންޓް މިރޭ އަށެއް ޖަހާއިރަށް ބަދަލުވެފަ އިނީ…" ރާދިން ވެސް ސޯފާގައި ޖައްސާލިއެވެ. ކަރުގައި އަޅާފައިވާ ޓައީ ދޫކޮށްލަމުން އޭނާ ބަލައިލީ އެތަނަށް އައިސް ހުއްޓުނު އޭވާއަށެވެ.
"ގްރޭސީ ނޫނީ އެހެން މީހަކު ކައިރީގަވެސް ބުނެބަލަ އަހަންނަށް ފެންތައްޓެއް ގެނެސްދޭން." އޭނަ ބުނެލުމާއެކު އޭވާ އެތަނުން ިޔައެވެ. ލަސްތަކެއް ނުވެ ގްރޭސީ ދެ ފެންތަށި ތަބަކަކަށް ލައިގެން އަތުވެއްޖެއެވެ. ރާދިންފެން ތަށި ނެގުމުން އޭނާ މައާލްގެ ކައިރިއަށް ގޮސް ހުއްޓި ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމެއް ނޫން." މައާލް ބުނެލިއެވެ. ގްރޭސީ އަނބުރާ އެއްޗެހި ހިފައިގެން ދިޔުމުން އޭވާއަށް ބަލާލާފައި ރާދިން ވާހަކަ ދެއްކިއެވެ.
"އޭވާ ގޮސްލިޔަސް އޯކޭ… އަހަރެން މައާލް ގޮވައިގެން މައްޗަށް އަރާނަން." ރާދިން ބުނެލިއެވެ.
"އޮފީސް ކިހިނެއް؟" މައާލް ސުވާލުކޮށްލިއެވެ.
"އޮފީސް ރަނގަޅު. ވަރަށް ރީތި، ބޮޑު… ހިތްގައިމު…" ރާދިން ބުނެލިއެވެ.
"ރާދިންގެ މަސައްކަތްތައް ކިހިނެއް؟ އޮފީހުގެ ވާހަކައެއް ނޫނޭ… ވަރަށް ބުރަތަ؟" މައާލް ސުވާލުކޮށްލިއެވެ.
"މިއަދު އަނެއްހެން އެހާ ކަމެއް ނެތް. މާދަމާއިން ފެށިގެން ތަންކޮޅެއް ބުރަވާނެ ކަންނޭނގެ!" ރާދިން ބުނެލިއެވެ.
"ހޮސްޕިޓަލުންވެސް ތަންކޮޅެއް ކުރިން މެސެޖްކުރިނަމަ ދޯ. އެހާވަރުން ރީިވީމަ.." މައާލްއަށް ބުނެވުނެވެ.
ރާދިން މައާލްއަށް ފުންނަޒަރެއް ދިނެވެ. މައާލް ލާފައިއިނީ ވަޅުފެހި ކުލައިގެ ގަމީސް މަތިކޮޅަކާއި ކަޅުކުލައިގެ ޖީންސްއެކެވެ. ހެދުމުގެ އަތްކުރި އޮޅަބޮއްޓާ ހިސާބަށް އަރާއިރު، އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. މާލެ އައިއިރު ކޮނޑާ ހިސާބުން ކިރިޔާ ތިރިއަށް އޮތް މައާލްގެ ފަންއިސްތަށިގަނޑު މިހާރު އޮތީ ދިގުވެފައެވެ. ލުއިލުއި މޭކަޕެއްގައި މައާލް އިންއިރު ހީވަނީ ހޫރުޕަރީއެއްހެންނެވެ. މައާލްއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހިނދުކޮޅަކަށް ރާދިންއަށް އިނދެވުނެވެ.
"މައާލްއަށް ކަމުދަނީ ކުރު އިސްތަށިގަނޑުތަ؟" ރާދިން ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ؟" ލުއި ހުނުމަކާއެކު މައާލް ސުވާލުކޮށްލިއެވެ.
"އަހަންނަށް ފެނުނު މައާލްގެ ހުރިހާ ފޮޓޯއެއްގައިވެސް ހުންނަނީ އިސްތަށިގަނޑު ކޮނޑުން ތިރިއަށް ކޮށާލާފައި… އެހެންވެ އަހާލީ…"
"އަސްލު އެވާވަރަށް ހުންނައިރު އަހަންނަށް ކަމުދަނީ. މާ ދިގުވީމަ ގެންގުޅެން އުނދަގޫ… " އޭނާގެ ފަން ބޯ އިސްތަށިގަނޑުގައި އަތް ޖައްސާލަމުން މައާލް ބުނެލިއެވެ.
"ދެން ކީއްވެ އިސްތަށިގަނޑު ކޮށާނުލަނީ؟" ރާދިން ސުވާލުކޮށްލިއެވެ.
"އަހަރެންގެ އިސްތަށިގަނޑު އަބަދުވެސް ކޮށާނީ މަންމަ. އިތުރު މީހަކު ދުވަހަކުވެސް ކުރިކަމެއް ނޫން." މައާލް ބުނެލިއެވެ.
"އެހެންވީމަ ދެން ކޮށާކަށް ބޭނުމެއް ނުވޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.
"އެއްފަހަރު ސެލޫންއަކަށް ދިޔައިން. އެތަނުން އިސްތަށިގަނޑު ހަލާލުކޮށްލީމަ މަންމަ ނޫން މީހަކަށް އިތުބާރެއް ނުކުރަން." މައާލްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވެއެވެ. އެ ދުވަހުގެ ހަނދާން އޭނާ ވިއެވެ.
"އަހަރެން ކޮށާދީފާނަން…" ރާދިން ބުނެލިއެވެ.
"ރާދިންއަށް ކުރަން އެނގޭކަމެއްތަ؟" މައާލްއަށް ބުނެވުނެވެ.
"އަހަންނަށް ނޭނގޭކަމަށްތަ ހީކުރީ؟" ރާދިން ވެސް ހިނިތުންވެލިއެވެ. ހަޤީގަތުގައި އޭނާއަށް އެފަދަ ކަންތައް ކުރާކަށް ނޭނގެއެވެ. އެހެންނަމަވެސް މައާލް ބުނާ އެއްޗެއް ބަލަން ވެގެން އެެެހެން ބުނީއެވެ.
"ނޫނޭ. މަންމަ ނެތީމަ ދެން އިތުބާރު ކުރަން ހުރި މީހަކީ ތީ… ރާދިން އަތަށް ދީފާނަން އިސްތަށިގަނޑު ކޮށާލަން އޯކޭ؟" މައާލް ބުނެލިއެވެ.
"ރީތިވެވުނީމަ ދެން ވަރަށް ފޫހި…" މައާލްއަށް އަނެއްކާވެސް ބުނެވުނެވެ.
"ފޫހިވާނެކަމެއް ނެތޭ… ހިނގާބަލަ ޓެރެސްއަށް." ރާދިން ހުރީ ހަމަޖެހިފައެވެ. ސަޖާގެ ފަރާތުން އޭނާއަށް ލިބުނު ނުތަނަވަސްކަން ވަދެ ފިލީ ނޫންކަމެއް ވެސް ނޭނގުނެވެ.
"ފެން ނުވަރާތަ ދާނީ؟" މައާލް ބުނެލިއެވެ.
"ނޫން. ފެންވަރާލައިގެން ދެމީހުން ދާނީ. އަހަރެން ބުނާނަން ގްރޭސީ ކައިރީ ކޮފީއެއް ފޮނުވަން ޓެރެސްއަށް." ރާދިން އެހެން ބުނެލާފައި މައާލް ގޮވައިގެން ދާން ވެގެން ހިނގައިގަތެވެ.
ފެންވަރާލައިގެން ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސޯޓެއްގައި ރާދިން ތައްޔާރުވެލިއެވެ. އޭނާ މައާލް ގޮވައިގެން ގޮސް ޓެރެސްއަށް އެރިއެވެ. މާ ގިނަ އިރެއްނުވެ ގްރޭސީ ކޮފީ ހިފައިގެން އަތުވެއްޖެއެވެ. އެކިއެކި ވާހަކަތަކުގައި ތިބެ ދެމީހުން ކޮފީ ބޮއި ނިންމާލިއެވެ. މައާލް އޭނާގެ ޙަޔާތުގެ ބައެއް ވާހަކަތައް ރާދިންއާ ހިއްސާކުރިއެވެ.
"އެކަމަކު މިހާރު ބަލާ! އަހަންނަށް އެއްވެސް މީހަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ…" މައާލް ބުނެލިއެވެ.
"އެ ކީއްވެ؟ ގައިމު މިއަދު ސޫޓްވެސް އަހަންނަށް ދިނީ މައާލް!" މައާލްގެ މާޔޫސްކަން ފިލުވައިލުމުގެ ބޭނުމުގައި ރާދިން ބުނެލިއެވެ.
އެވަގުތު ރާދިންގެ ފޯނު ރިންގްވިއެވެ. ބަލާލިއިރު ގުޅަނީ ސަޖާއެވެ.
"ފޯނު ނުނަގަންތަ؟" މައާލް ބުނެލިއެވެ.
"ނޫނޭ… އެހާ މުހިންމު ކޯލެއް ނޫން…." ސަޖާ ރުޅިއައިސްފައި އެއްޗެހި ކިޔާލާފައި އޮތް މެސެޖް ފެނުމާއެކު، ރާދިންއަށް ސަޖާ އެގުޅަނީ އަދިވެސް އޭނާއާ ދިމާލަށް އެއްޗެހި ކިޔަން ކަން އެނގުނެވެ.
ރުޅި މަޑުވީމަ ގުޅަން ބުނެފައި ރާދިން މެސެޖެއްކޮށްލާފައި ފޯނު ސައިލެންޓަށް ލިޔެވެ. ދެމީހުން ތިރިއަށް އައީ ބަންގި ގޮވުމުންނެވެ.
*****
އަށެއް ޖެހުމުގެ ފަނަރަ މިނެޓްކުރިން ރާދިންއާއި މައާލް ތިބީ ހޮސްޕިޓަލްގައެވެ. މައާލް ތެރަޕީއަށް ވައްދާފައި ރާދިން ބޭރުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ގައިގަނޑަކަށް ގަޑިއިރުގެ ސެޝަންއަކަށްފަހު، މައާލް ނިކުމެގެން އައިއިރު މައާލް ހުރީ ރޮއިފައިކަން އޭނާއަށް އެނގުނެވެ. ރާދިން ކަންބޮޑުވިއެވެ.
"އާރ ޔޫ އޯކޭ؟ ރޮއިފަތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"ނޫން… ލޮލަށް އެއްޗެއް ދިޔައީ…" މައާލް ހެދީ ދޮގުކަން ރާދިންއަށް އެނގުނެވެ.
"ވެއިޓް އިނގޭ… އަހަރެން އެބަ އަންނަން." ސޯފާގައި މައާލް ބައިންދާފައި ރާދިން ގޮސް ރޫމަށް ވަނެވެ. އޭނާ މައާލްގެ ތެރަޕިސްޓާ ސުވާލުކޮށްލީވެސް ހާސްވެފައެވެ.
"ކަންބޮޑުވާން ޖެހޭ ކަމެއް ނެތް. ކުރީގެ ހަނދާންތައް އާވީމަ މައާލްއަށް ރޮވުނީ. ސީ އިޒް ސްޓްރޯންގް. ޖަސްޓް ޓޭކް ކެއަރ އޮފް އާހ. ސެޓްރެސް އިޒިންޓް ގުޑް ފޯ ހާރ…" ތެރަޕިސްޓް ބުނެލިއެވެ.
ރާދިން ނުކުމެފައި މައާލް ގޮވައިގެން ގެއަށް ދިޔައިރު ނުވަގަޑި ބައިވެއްޖެއެވެ. މައާލް ބޭނުންވީ ނިދާލާށެވެ. މައާލް ނިދުމުން ރާދިން ނުކުމެލިއެވެ. އޭނާ ބޭނުންވީ ޓެރެސްއަށް އެރުމަށް ނަމަވެސް، ފޯނު ބަލައިލުމާއެކު، ފެނުނު މެސެޖާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް އޭނާއަށް ސިޑިއާ ދިމާލަށް ދުއްވައިގަނެވުނެވެ. ގެއިން ނުމުމެ ސައިކަލަށް އަރާ އޭނާ ދުއްވައިލީ ސަޖާ ކައިރިއަށް ދިޔުމަށެވެ.
އެގެއަށް ގޮސް ބެލް އަޅައިލިތާ އިރުކޮޅެއްފަހުން ސަޖާ ދޮރުހުޅުވައިލިއެވެ. ރާދިން އެތެރެއަށް ވަނުމާއެކު، ސަޖާ ރާދިންގެ ގައިގައި އޮޅުލައިގަތެވެ.
"އައި އެމް ސޮރީ ރާދިން…. އަހަރެން ވަރަށް ލޯބިވޭ… ރާދިން ނެތް ދުނިޔެއެއްގައި އުޅޭކަށް ބޭނުމެއް ނޫން. ޕްލީޒް އަހަރެން ދޫކޮށްލާފަ ނުދޭ…"
"އަހަރެން ކޮން އިރަކު ސަޖާ ދޫކޮށްލީ…" ރާދިންއަށް ބުނެވުނެވެ. އޭނާގެ ލޮލުގައި ސިޓީން ރޫމް ކޮފީ ޓޭބަލް މަތީގައި އޮތް ވަޅި އަޅައިގަތުމާއެކު، ކަންބޮޑުވިއެވެ. ސަޖާގެ ވައިބާއިން އޭނާއަށް ފޮނުވި މެސެޖްގައިވަނީ އެ ވަޅިއެވެ. އެއާއެކު ފޮނުވާފައިވާ ބަސްތައް ހަނދާންވުމާއެކު ރާދިންއަށް ނިތުގައިވެސް އަތް ޖައްސާލެވުނެވެ.
"މައާލްއާ އެކީ އުޅޭތަން ބަލަން އަހަންނަކަށް ކެތެއް ނުކުރެވޭނެ. މައާލް ވަރިކުރޭ ޕްލީޒް… ދެމީހުން އިނދެގެން އުޅެންޏާ ހިނގަން ނުޖެހޭ ގުޅުންތައް ހިނގާނެ. މައާލް ވަރިކުރިނަމަވެސް، އޭނައަށް އެކަން ނޭނގޭނެހެން ބެހެއްޓޭނެއެއްނު."
ރާދިންއާ ދުރުވެލުމަށްފަހު، ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ސަޖާ ބުނެލިއެވެ.