މުނީރުބޭ... ކޮބާ މަންމަ... ބައްޕަ. ލައިޓް ދިއްލަބަ! އެއްވެސް އެއްޗެއް ނުފެނެޔޭ. ކީއްވެތަ އެހާ އަނދިރީ. ކަރަންޓް ނެތީތަ؟"
މައާލްގެ ވާހަކައިން ހައިރާންކަން ލިބުނީ ހަމައެކަނި މުނީރަށް އެކަންޏެއް ނޫނެވެ. އެތަނުގައި ތިބި ޑޮކްޓަރުންނަށް ވެސް މެއެވެ. މައާލްގެ ލޮލުގެ ފެނުން ގެއްލެއްޖެހޭ ފަދަ އެއްވެސްކަމެއް މީގެ ކުރިން އެމީހުންނަށް ފާހަގަކުރެވިފައެއް ނުވެއެވެ. މައާލް އެގްޒަމިން ކުރުމަށްފަހު، އިތުރު އެމް.އާރް.އައި އަކާއި ޓެސްޓްތަކެއް ވީހާވެސް އަވަހަށް ހެދުމަށް ޑޮކްޓަރު ސްޓެފަން ލަފާދެއްވިއެވެ. ނަރުސް ކުދިން ޓެސްޓްތައް ހަދަން ވާން ޖެހޭ ތައްޔާރީތައް ވާން ފެށިއިރު، މުނީރަށްވެސް ހުރެވުނީ ހަދޭނެ ގޮތް ހުސްވެފައެވެ. މައާލްގެ ގާތުގައި ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. މާޔުސްކަމާއެކު އޭނާއަށް ބަލައިލެވުނީ ރާދިންއަށެވެ.
އެކަކުވެސް އޭނާގެ ސުވާލަށް ޖަވާބު ނުދިނުމުންނާއި ތަން ހަލަބޮލިވިކަން އެނގި މައާލްގެ ހިތް ބާރަށް ތެޅިގަތެވެ. އަނެއްކާވެސް ސުވާލުކޮށްލެވުނީ އެތަނުގައިވީ އަނދިރިކަމާ ބެހޭގޮތުންނެވެ. މިފަހަރުވެސް އޭނާއަށް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. ހިތަށް ވެރިވި ބިރުވެރިކަން އޭނާގެ މުޅި ހަށިގަނޑުވެސް ހިޞާރު ކުރި ފަދައެވެ.
"ކޮބާތަ މަންމަ؟ ބައްޕަ ކޮބާ؟ ކީއްވެތަ އެއްވެސް މީހެއް އަހަންނަށް ޖަވާބު ނުދެނީ؟ ކީއްވެތަ އަހަންނަށް އެއްވެސް ތަނެއް ނުފެންނަނީ؟" މައާލްއަށް ރޮވެން ފެށިއެވެ. އޭނާގެ ހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާއިރު، ލިބިދާނެ ނުބައި ޚަބަރަކަށް އޭނާ ވަނީ ބިރުގަތްފައެވެ.
"މުނިރުބޭ! ކީއްވެތަ އެއްވެސް އެއްޗެއް ނުބުނަނީ؟ އެންމެން ކޮބާތަ؟ ރާ... ރާދިއު ކޮބާ؟" ކުއްލިއަކަށް ރާދިއު މަތިން ހަނދާންވެ މައާލް ސުވާލުކޮށްލިއިރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. ކަރުނަތައް ކޮންޓްރޯލްކުރުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. މުނީރު މައާލްއާ ކައިރިއަށް ޖެހިލާ މައާލްގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމައިލިއެވެ.
"ކޮންމެވެސް މީހަކު އަހަރެންގެ ކައިރީގައި ބުނެބަލަ! ކިހިނެއްތަ އެ އެންމެން؟" އެކްސިޑެންޓްވީ ވަގުތުގެ ހަނދާންވުމާއެކު މައާލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އޭނާގެ ޙަޔާތުގައިވެސް މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާއެވެ. އެހެން އޮންނައިރުވެސް ހީވަނީ ކާރުގޮސް ލޮރީގައި ޖެހެނީހެންނެވެ. މައާލްގެ ނޭވާ ފުންވިއެވެ. ނޭވާލާންވެސް ދަތިވިއެވެ. އެކްސިޑެންޓްވި ވަގުތުގެ އެ ތަޖުރިބާގެ ހަނދާންތައް އޭނާގެ ނަފްސަށްވެސް ގުޑުން އަރުވައިފިއެވެ. އެ ވަގުތު ގައިގެ އެތަން މިތަނަށް އަރައިގެން ދިޔަ ތަދު އަދިވެސް އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަހެން މައާލްއަށް ހީވިއެވެ.
"މައާލް!" މުނީރު މައާލްއަށް ގޮވައިލިއެވެ.
"އަހަރެންގެ ލޯ އަނދިރިވީތަ؟" މުނީރު ގޮވައިލުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު، މައާލް ސުވާލުކޮށްލިއިރު، އޭނާގެ އަޑުގައި މާޔޫސްކަމާއި ބުނެދޭން ނޭނގޭ ފަދަ ހިތްހަލާކުވާ ފަދަ އަސަރުތަކެއް ވެއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
"މުނީރުބޭ! ކީއްވެތަ އެއްޗެއް ނުބުނަނީ؟ ޖަވާބު ދީބަލަ! އަހަރެންގެ ލޯ އަނދިރިވީހޭ؟ މަންމަމެން އެންމެން ކޮބާހޭ؟"
"އެއީ އެކްސިޑެންޓްގެ ފަހުން ކުޑަވަގުތުކޮޅަކަށް ވީކަމެއްކަމުގައިވެސް ވެދާނެ! އިރާދުކުރެއްވިއްޔާ ޓެސްޓްތައް ހެދުނީމަ ދޭން ޖެހޭ ފަރުވާވެސް އެނގިގެންދާނެ! އޭރުން މައާލްގެ ލޮލުގެ ފެނުން އިރާދުކުރެއްވިއްޔާ އަނބުރާ ލިބޭނެ! މައާލްގެ ޓެސްޓްތައް ހެދުނީމަ މައާލް ގެންދާނަމޭ މަންމަމެން ކައިރިއަށް. އެކަމަކު މިވަގުތު އެންމެ މުހިންމީ ޓެސްޓްތައް ހެދުން. މައާލް މުނީރުބޭއަށް އިތުބާރުކުރަމެއްނު. އެހެންވީމަ މުނިރުބޭ ބުނާގޮތަށް ކަންތައް ކުރާނީ މިފަހަރު ދޯ...!" މުނީރު މައާލް ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ. މައާލް ބޯ ޖަހައިލި ނަމަވެސް، މުނީރު އޭނާއަށް ކަމެއް ސިއްރުކުރަމުން ދިޔަ އިޙްސާސް މައާލްއަށް ކުރެވެމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާއަށް ހަމަޖެހުމެއް ނުލިބެއެވެ. ލޮލުގެ ފެނުން އުމުރަށް ގެއްލިދާނެކަމުގެ ބިރު މައާލްގެ ހިތުގައި އުފެދުމާއެކު، އޭނާއަށް ވީގޮތް ބުނެދޭންވެސް ނުކުޅެދުނެވެ. ހިތުގެ ހިނގުންވެސް ހީވީ މަޑުޖެހިލިހެންނެވެ. ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައިރު، މަޑު ގިސްލުމެއްގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. މައާލްގެ ބޮލުގައި ފިރުމައިލަމުން ހިތްވަރު ދެމުން ދިޔަ މުނީރުގެ ބަސްތަކުންވެސް މައާލްއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.
މައާލްއަށް ހެއްދެވި ފަރާތަށް ދުޢާ ދެންނެވުނު އަދަދެއް ނޭނގެއެވެ. އޭނާގެ ފެނުން އަނބުރާ ދެއްވުން އެދިއެވެ. މައާލްގެ ކައިރިއަށް އައިސް މަޑުކޮށްލި ނަރުސްކުއްޖާ އެމް.އާރް.އައި އަށް ގެންދާ ވާހަކަ މައާލްގެ ކައިރީގައި ބުނެލަމުން މައާލްއަށް ހިތްވަރު ދިނެވެ. އޭނާ ބުނީ އެމް.އާރް،އައި އަށްފަހު ވީ އެންމެ އަވަހަކަށް ފަރުވާ ފެށޭނޭ ކަމުގައެވެ. އޭރުން ފަރުވާއަށްފަހު، އިރާދުކުރެއްވިއްޔާ މައާލްގެ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގައެވެ. ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި، މިވަގުތު މުހިންމީ މައާލްގެ ހިތްވަރުކަމުގައި ނަރުސްކުއްޖާ ބުންނެވެ.
އެމް.އާރް.އައި ހެދުމަށްޓަކައި މައާލް ނެރެވުނު ވަގުތު އޮތީ ލޯމަރާލައިގެންނެވެ. ރާދިންގެ ކައިރިން ލާފައި މައާލް ގެންދިޔައިރު، އޭނާއަށް ހުރެވުނީ މައާލްއަށް ބަލަހައްޓައިގެންނެވެ. ދެލޯ މަރާލައިގެން އޮތްނަމަވެސް، މައާލްގެ ދެމިފައިވާ އެ ދިގު އެސްފިޔަތައް ރާދިންގެ ދެލޮލުގައި އަޅައިގަތެވެ. އޭނާއަށް މައާލްގެ މޫނަށް ކަޅިޖަހައިނުލާ ބަލަން ހުރެވުނުއިރު، ހަމަބިމަށް އާދެވުނީ މުނީރު އައިސް އޭނާގެ ކައިރިއަށް ހުއްޓި ވާހަކަ ދެއްކުމުންނެވެ.
އެމް.އާރް.އައި ރޫމަށް މައާލް ވެއްދުމުން ރާދިންއާއި މުރީރުއާ ދެމީހުން މަޑުކޮށްލީ ވެއިޓިން އޭރިޔާގައެވެ. މުނީރުގެ މޫނުމަތިން ފެންނަނީ ހިތްދަތި އަސަރުތަކެކެވެ. ޝާކިރުމެންގެ މަރުގެ ޚަބަރު ލިބުމުން މައާލްއަށް ވާނެ ގޮތް އޭނާއަށް އަންދާޒާ ކޮށްލާކަށްވެސް ނޭނގެއެވެ. މިވަގުތު މައާލް އެ ދަނީ ވަރަށް ހިތްވަރުކުރަމުންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، އެ ޚަބަރާއެކު މައާލްގެ މުޅި ދުނިޔެ ހުއްޓުމަކަށް އަންނާނެކަން އޭނާއަށް އެނގެއެވެ.
***
"ބައްޕާ! އެންމެންގެ ހަށިގަނޑު ރާއްޖެ ގެންދާނީތަ ނޫނީ.......؟" ރާދިން ސުވާލުކޮށްލީ އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހުއެވެ.
"މިކޮޅުގައި ވަޅުލުމުގެ އިންތިޒާމްތައް ހަމަޖައްސާނީ. ވީ އެންމެ އަވަހަކަށް ވަޅުލުން އެންމެ ރަނގަޅު ގޮތަކީ..." މުނީރު ބުނެލިއެވެ. އެކަމަށް ރާދިން ވެސް ވަކި އެއްޗެއް ނުބުނެއެވެ. މުނީރު ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، އޭނާގެ މައްސަލައެއް ނެތެވެ. ރާދިން އިސްޖަހައިލިއެވެ. އަދިވެސް އޭނާއަށް އެ ހަޤީގަތް ޤަބޫލުކުރަން ދަތިވަނީއެވެ. ރާދިއު ހަމަ މި ދުނިޔެ ދޫކުރީ ހެއްޔެވެ؟
އެމް.އާރް.އައި އަށްފަހު މައާލް ނެރެވުނެވެ. ގެންދެވުނީ އައި.ސީ.ޔޫއަށެވެ.
މުނީރު އެތެރެއަށް ވަނީ ވަޅުލުމުގެ އިންތިޒާމްތައް ހަމަޖައްސަން ކުރަން ޖެހޭ ބަައެއް ކަންތައްތައް ކުރުމަށްފަހުއެވެ. ހުރިހާކަމެއް ނިމިގެން އެންމެ އަވަހަށްވެސް ވަޅުލެވެން އަންނަނީ ޖެހިގެންއަންނަ ދުވަހުގެ ވަގުތެއްގައެވެ. މުނީރުގެ އަޑު އިވުމުން މައާލް އަނެއްކާވެސް، ކުރިން ވެސް އޭނާ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ރޮމުން ރޮމުން ވާހަކަ ދެއްކި މައާލްގެ އަތުގައި މުނީރު ހިފައްޓައިލިއެވެ. މައާލްއަށް އޭނާގެ ޙާލަތާ މެދު ޝަކުވާ ކުރެވުނެވެ. ހިތްވެސް ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. މުޅި އުމުރު އޭނާ ދެން އުޅެން ޖެހޭނީ ލޯފަން މީހެއްގެ ގޮތުގައި ހެއްޔެވެ؟ އޭނާގެ ހިތްހަމަ ޖައްސައިދޭން އެންމެން ވާހަކަ ދެއްކިނަމަވެސް، ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އެ ހިތުގައި ރަސްކަން ކުރަމުން ދިޔައެވެ.
"މައާލް. މުނިރުބޭއަށް އެނގޭ މައާލްއަކީ ވަރަށް ހިތްވަރުގަދަކުއްޖެއްކަން. މިހާރު މިބުނަން އުޅޭ ވާހަކައިގެ ސަބަބުން މައާލް ދެރަވާނެކަން އެނގޭ. އެކަމަކު މައާލް ޖެހޭނެ ހިތްވަރުކުރުން. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް." މުނީރުގެ ވާހަކައިގެ ސަބަބުން މައާލްގެ ހިތަށް ނުބައިގޮތެއްވެގެން ދިޔައެވެ. އަނެއްކާ މަންމައާއި ބައްޕައަށް ކަމެއް ވީހެއްޔެވެ؟ އެކްސިޑެންޓުގައި އޭނާއަށް ވުރެ ބޮޑު އަނިޔާއެއް ވީހެއްޔެވެ؟ އަނެއްކާ އެ ދެމީހުންކުރެ މީހަކު މި ދުނިޔެ ދޫކުރީހެއްޔެވެ؟ އެންމެފަހުން ހިތަށް ވެރިވި ޚިޔާލާއެކު މުޅި މީހާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ލޭގެ ހިނގުންވެސް ހީވީ ހުއްޓުނުހެންނެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާ އެކަނި ކޮށްލާފައި އެއިން އެކަކުވެސް ނުދާނެއެވެ.
"މުނީރުބޭ! ކީކޭތަ ތިކިޔަނީ؟ މަންމަމެންވެސް އެޑްމިޓްކޮށްފައި ދޯ ތިބީ؟ އެހެންވެގެން ދޯ ތިބުނީ ތިހެން." މައާލް އަވަސް އަވަހަށް ބުނެލިއެވެ. އޭރު ވެސް އޭނާ ދިޔައީ ރޮމުންނެވެ.
"މުނީރުބޭ. ބުނެބަލަ! އެހެންވެގެން ދޯ ތިހެން ތިބުނީ؟" މައާލް މުނީރުގެ އަތަށް ބާރުކޮށްލިއެވެ.
"މައާލް! ހިތްވަރުކުރަންވާނެ އިނގޭ. މައާލްގެ މަންމައާއި ބައްޕަވެސް..."
"ނުވާނެ އެހެންނެއް." އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު މުނީރަށް ދޭކަށް މައާލް ބޭނުމެއް ނޫނެވެ.
"މައާލް. އެނގެ ގަބޫލުކުރަން އުނދަގޫވާނެކަން. އެކަމަކު މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު. މައާލްއަށްވެސް އެނގެއެއްނު." މުނީރު އެހެން ބުނުމާއެކު، މައާލްގެ ބަޑިފަޅައިގެން ދިޔައެވެ. ގައިގެ އެތަން މިތަނުގައި އަޅަމުންދިޔަ ވޭނަށް ވުރެ ބޮޑު ވޭނެއް ދިޔައީ އޭނާގެ ހިތުގައި އަޅަމުންނެވެ.
"ދެން ރާދިއު... ރާދިއުއަށް... ކިހި... ކިހިނެއް..." ރޮވޭވަރުން މައާލްއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ.
"ރާދިއުވެސް... އެކަކުވެސް ސަލާމަތެއްނުވި މައާލް. ހަމައެކަނި މައާލް ސަލާމަތްވީ." މުނީރު ބުނެލިއެވެ. ރޯން ފެށިގޮތަށް މައާލް ހުއްޓާނުލުމުން މައާލްގެ ޙާލަތު އިތުރަށް ދަށަށް ދާންފެށިއެވެ. އެންމެފަހުން ޑޮކްޓަރުންނަށް މަޖުބޫރުވީ މައާލް ނިންދަވާލުމަށެވެ.
މައާލްއަށް ހޭލެވުނީ އެރޭގެ ވަގުތެއްގައެވެ. ހޭލިގޮތަށް ޝާކިރުއާއި ފަހުމާއަށް ގޮވަގޮވާފައި މައާލް ރޯންފެށިއެވެ. މުނީރު ވަރަށް ވާހަކަ ދައްކައިގެން މައާލް ކުޑަކޮށް ހަމައަކަށް އެޅުނެވެ.
"އަހަރެން ބޭނުން މަންމަމެން ކައިރިއަށް ދާން!" މައާލް އެދުނެވެ.
"އަދިފަހުން ދޯ ދާނީ..." މުނީރު އެހެން ބުނި ނަމަވެސް މައާލް އެއްބަހެއް ނުވިއެވެ. އެންމެފަހުން ޑޮކްޓަރުގެ ހުއްދައާއެކު މުނީރު މައާލް ގޮވައިގެން ޝާކިރުމެން ބާއްވާފައި އޮތް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
"މައާލް! މައާލް ތިގޮތަށް ރޯކަށް މަންމަވެސް ބައްޕަވެސް ބޭނުމެއް ނުވާނެއެއްނު." މުނީރު އޯގާތެރިކަމާއެކު މައާލްއަށް ހިތްވަރު ދިނެވެ. މައާލް ލޯ ފުހެލަމުން ހިތްވަރުކުރިއެވެ. އަނދިރިކަން ނޫން އެއްޗެއް އޭނާއަކަށް ނުފެނެއެވެ. އިތުރަށް ހިތްދަތިވަނީ އެހެންވެގެންނެވެ.
މުނީރު މައާލް އިން ގޮނޑި ދެ އެނދާ ކައިރިކޮށްލިއެވެ. އަދި އެނދުގައި މައާލްގެ އަތް ޖައްސުވާލާފައި ވާހަކަދެއްކިއެވެ.
"މިކޮޅުގައި މިއޮތީ މައާލްގެ ބައްޕަ، މީ މަންމަ." މުނީރުގެ އެހީތެރިކަމާއެކު މައާލް ތެދުވެލިއެވެ. ޝާކިރުގެ މޫނުމަތިން ފޮތިގަނޑު ހިއްލައިދިނީ މުނީރެވެ. އޭނާ މަޑުމަޑުން މައާލްގެ އަތް ގެންގޮސް ޝާކިރުގެ މޫނުގައި ޖައްސައިލިއެވެ. ޝާކިރުގެ ހަށިގަނޑުވަނީ ފިނިވެފައެވެ. މައާލްއަށް އިތުރަށް ރޮވުނީ ދެނެވެ. އޭނާ އަނެއް ފަރާތަށް އެނބުރި ފަހުމާގެ މޫނުގައިވެސް އަތް ލިޔެވެ. ފަހުމާގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު، މައާލް އެ މޫނުގެ އެތަން މިތަނުގައި އަތް ލިޔެވެ. އިތުރަށް ރޮވުނީ ދެނެވެ. ޝަކުވާއިން ހިތް ފުރިގެން ދިޔައީވެސް އެވަގުތެވެ. އެންމެ ފަހު ފަހަރަށް ޝާކިރާއި ފަހުމާގެ މޫނު ބަލައިލުމުގެ ނަސީބެއްވެސް އޭނާއަކަށް ނުލިބުނެވެ. އޭނާއަށް ވުރެ ބަދުނަސީބު މީހަކު މި ދުނިޔެމަތީގައި ވާނެހެއްޔެވެ؟