"އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަން. މައާލްގެ އަމިއްލަ ގޭގަ މައާލްގެ ޙާލެއް ބަލާނުލާ ވިޔާނުދާ އަންހެނުން ގެއަށް ވައްދާނީވެސް އެހާ ވިޔާނުދާ މީހުން…. ކިހާ ދުވަހެއް ވެއްޖެ މައާލް އަނދިރީގައި ބަހައްޓާތާ… ކުޑަވެސް ރަހުމެއް ޙަމްދަރުދީއެއް އެ އަންހެން ކުއްޖާއާ މެދު ނެތީތަ؟ އަހަރެން ކިހިނެއް މައާލްއަށް މި ވާހަކަތައް.....އަހަރެން މިދަނީ މައާލް ކައިރިއަށް…" އެހެން ބުނެލާފައި ބޮލުގައި ހިފައްޓާލަމުން ސާދާ އެތަނުން ހިނގައިގަތެވެ.

ސަޖާގެ އަތް ފޮޅުވާލުމާއެކު ރާދިން، ސާދާއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ސާދާގެ އަތުގައި ހިފެއްޓުމާއެކު ސާދާ ފަސް އެނބުރި ބަލައިލިއިރު، އެ ދެލޮލުން ރުޅިވެރިކަމާއި ނުރުހުންތެރިކަން ފެންނަމުން ދިޔައެވެ. ރާދިން އެ އަތުން ދޫކޮށްލާފައި އޭނާ ދައްކާ ވާހަކަ އަޑު އަހަން އެދުނެވެ.

"އިތުރަށް އަޑު އަހާނެ ވާހަކައެއް އެބަ އޮތްތަ؟ އަހަންނަށް ވެސް އެނގޭ މީ ރާދިންގެ ބައްޕަގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެއްކަން. އެކަމަކު އޭގެ މާނައެއް ނޫން ހިލޭ އަންހެނުންނާ ގުޅުން ބޭއްވުން. ރާދިން ތިހާ ވަރަށް އެ އަންހެން ކުއްޖާއާ ގުޅުން ބާއްވަން ބޭނުންނަމަ ކީއްވެ އޭރު ރާދިންގެ ބައްޕަ ކައިރީގައި ބުނަން ނުކެރުނީ. ތި ނެގެނީ ނާޖާއިޒު ފައިދާ. އެ ނުކުޅެދޭ އަންހެން ކުއްޖާއަށް ތި ދެވެނީ އަނިޔާއެއް. ރާދިން ތިއުޅޭ އެއްވެސް ގޮތުގެ ހިލަމެއް ނެތި މައާލް އެ އިންނަނީ ރާދިންއަށް އިތުބާރުކޮށްގެން. ކިހިނެއް އެނގޭނީ މައާލްގެ އަމިއްލަ ގޭގައި ރާދިން ތިހާ މުޑުދާރު ހަޑި ހުތުރު އަމަލެއް ހިންގާނެކަމެއް. ލަދެއް ނުގަނޭތަ ރާދިން! މީ މައާލްގެ ގެ އޭ… ރާދިންގެ ރަނގަޅު ވާހަކަ މައާލް ދެއްކީމަ އެކަމާ ހިތްހަމަ ޖެހިގެން ހުއްޓާ ހަޤީގަތް ވެސް މި އެނގުނީ އަހަންނަށް. ރާދިންއާ މެދު އަހަރެންގެ ހިތުގައި އުފެދިފައިވާ ހުރިހާ އިޙްތިރާމާއި ޤަދަރު އެންމެ ހިނދުކޮޅަކުން ވެއްޔާ މޮޑެވިއްޖެ. އަހަރެންގެ ނަޒަރުގައި ރާދިން ތީ ވަރަށް ދަށު ދަރަޖައިގެ ފިރިހެނެއް."

ސަޖާއަށް ސިހުން ލިބިފައިވަނީ ސާދާ ދެފަހަރެއްގެ މަތިން ހާމަކޮށްލި ވާހަކައަކުންނެވެ. މީ މައާލްގެ ގެއޭ ސާދާ އެބުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ހަމަ މައާލްގެ ގެ ހެއްޔެވެ؟ އެހެންވާނީ ކިހިނެއްހެއްޔެވެ؟ މައާލްއަކީ ރާދިންއަށް ވުރެ މުއްސަނދި އަންހެން ކުއްޖެއް ނޫނެވެ. މިއީ ރާދިންގެ ގެއެވެ. އޭނާއާ ރާދިން ގެ މުސްތަގްބަލް ބިނާވެގެން ދާނެ ގެއެވެ. ރާދިންވެސް އޭނާގެ ގާތުގައި އެފަދަ ވާހަކައެއް ބުނެފައެއް ނުވެއެވެ. އޭނާ އެވާހަކަ ރާދިންގެ ކައިރީގައި އަހާނީއެވެ. އެވާނީ އެ ސާދާއަކަށް އޮޅުނީކަމަށެވެ.

"ޕްލީޒް މި ވާހަކަ މައާލް ކައިރީގަިއ ނުބުނާތި! ޝީ ކާންޓް ހޭންޑަލް…"

"ވާއު! އަދި ކިރިޔާ ރާދިންއަށް ވިސްނުނީ؟ މި ހުރިހާއިރު ހިިލޭ އަންހެނެއް އަތުތެރެއަށް ލައިގެން ހުރިއިރު ތިވަރު ނުވިސްނުނު."

ސާދާ އޭނާގެ ހިތަށް އައިހާ އެއްޗެއް ރާދިންއާ ދިމާލަށް ގޮވާލާފައި އެތަނުން ދާން ހިނގައިގަތީ ރާދިންގެ ހުރިހާ ހަޤީގަތެއް މައާލްއަށް ކިޔައިދޭނެކަމުގައި ބުނެ އިންޒާރެއް ވެސް ރާދިންއަށް ދީފައެވެ. ސާދާ ގޮސް ގެއަށް ވަންނަން ދެންވެސް ރާދިންއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. ނިތުގައި އަތް ހިންގާލުމާއެކު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލި ރާދިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ މަންޒަރު ބަލަން ހުރި ސަޖާގެ ތުންފަތް މައްަޗަށް ވިހަ ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނާ މާ ބޮޑުކަމެއް ކުރުމަކާ ނުލާ ރާދިންއާ މައާލްއާ ދުރުވުމުގެ މަގު ކޮށެމުން ދިޔަ ކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ސާދާ ގޮސް މައާލްއަށް ހުރިހާ ވާހަކައެއް ކިޔައިދީފިނަމަ، މައާލް ފަދަ އަންހެން ކުއްޖަކު ރާދިންއާ އެކީގައި އުޅެން ދުވަހަކު ބޭނުން ނުވާނެއެވެ. މޫނުމަތީގައިވި އެ އަސަރުތައް ފޮރުވާލުމާއެކު، ސަޖާ ރާދިންއާ ދިމާލަށް ހިނގައިގަތެވެ.

ހިތަށް ބިރުވެރިކަން ވެރިވެފައި އެހެން ހުއްޓާ އޭނާ ސިހުނީ ސަޖާ އައިސް ރާދިންގެ އަތުގައި ހިފާލުމުންނެވެ. ނުވިސްނާ ހުއްޓާ އެގޮތަށް އޭނާގެ ގައިގައި މީހަކު އަތްލުމުން ރާދިން ސިހޭ ގޮތްވިއެވެ.

"ރާދު…. ދެން ކިހިނެއްވާނީ…" ސަޖާ ސުވާލުކޮށްލީ އޭނާވެސް އެކަމާ ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށެވެ. ސަޖާއަށް ބަލައިލުމަށްފަހު، ހަމަބިމަށް އާދެވުނު މީހަކު ފަދައިން ރާދިން ވެސް ގެއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާ ދުއްވައިގަތީ ސާދާ މައާލް ކައިރިއަށް ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު ވާހަކަ ދައްކާލާށެވެ.

ސާދާ އެ ދިޔަ ގޮތަށް ގޮސް މައާލްގެ ކޮޓަރިއަށް ވަތްއިރު ވެސް މައާލް އިނީ އެނދުމަތީގައެވެ.

"ސާދާ…." މައާލް ގޮވައިލުމާއެކު ސާދާ އާއެކޭ ބުނެލިއެވެ.

"ކޮބާ ރާދިން؟ ވާހަކަ ދެއްކުނުތަ؟" މައާލް ސުވާލުކޮށްލުމާއެކު ސާދާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ.

"ނޫން! ބޭސް ހުސްވެފައިކަމަށް ރާދިން ބުނީ… ގަނެގެން ގެނެސް ދޭނަމޭ ބުނީ…" ސާދާއަށް ދޮގެއް ހަދާލަށް މަޖުބޫރުވިއެވެ. މައާލްގެ ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމާއެކު މައާލްގެ އެ ހިތުގެ ހަމަޖެހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނައްތާލަކަށް ސާދާއަކަށް ނުކެރުނެވެ. އެނދުގައި އިށީނުމާއެކު އޭނާ ވަރަށް ފުން ނަޒަަކުން މައާލްއަށް ބަލައިލިއެވެ. މައާލް ރާދިންގެ ވާހަކަ ދައްކަން ފެށުމުންއެ ވާހަކަ މެދުކަނޑާލާފައި ރާދިންގެ ފަތިފުށް މައާލްގެ ކުރިމަތީގައި ނިއުޅާލާކަށްވެސް ސާދާއަކަށް ނުކެރުނެވެ.

ރާދިންގެ ކުރިމަތީގައި މައާލްގެ އެ އިޙްސާސްތަކުގެ ގަދަރެއް ނެތްނަމަވެސް، މައާލްގެ އެކުވެރިއެއްގެ ހައިސިއްޔަތުން މިފަދަ ވަގުތެއްގައި އެ ހަޤީގަތް ހާމަ ކުރާނީ ކިހިނެއްކަމެއް ސާދާއަކަށް ނޭނގުނެވެ. މައާލްއަށްވެސް އެންމެ ރަނގަޅުވާނީ ވީހާވެސް އަވަަހަކަށް ރާދިންގެ ހަޤީގަތް ހާމަކުރުންކަން ސާދާއަށް އެނގެއެވެ. އެހެންނަމަވެސް މައާލްގެ ހިތް ހަލާކުކޮށްލާނެހާ ހިތްވަރެއް ސާދާއަކަށް ނުލިބުނެވެ.

ރާދިން ގޮސް މައާލްގެ ކޮޓަރި ކައިރީގައި ހުއްޓުމާއެކު އޭނާގެ ކަންފަތުގައި މައާލް ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުނެވެ. މައާލްގެ ދުލުން އެންމެ ފަހަރަކުވެސް އޭނާ ގޯސްކޮށްފައި ވާހަކައެއް ނުދައްކައެވެ. ސާދާގެ ކައިރީގައި މުޅިންވެސް ދެއްކީ އޭނާގެ ރަނގަޅު ވާހަކަތަކެވެ. އެ ދެމީހުންގެ ކައިވެނި ކުރެވުނީ ކުއްލިއަކަށް ނަމަވެސް، އެ ގުޅުން ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދެވޭތޯ ދެމީހުންވެސް މަސައްކަތް ކުރާ ވާހަކައެވެ.

"މައާލް ރާދިންއަށް ވަަރަށް އިތުބާރުކުރަން ދޯ…" ރާދިންގެ ހިތުގެ ތެޅުން އަވަސްވީ ސާދާގެ އަޑު އިވިފައެވެ.

"ކުޑަކޮށް ގޮތް ދޫނުކުރިޔަސް އަހަރެން ރާދިންއަށް އިތުބާރުކުރަން. ކައިވެނި ކުރެވުނު ޙާލަތާ ވަގުތުގެ ގޮތުން ހުރިހާ ކަމެއް ޕާފެކްޓެއް ނުވާނެކަން އަހަންނަށް އެނގޭ… އެކަމަކު ގުޅުމެއްގެ އެންމެ މުހިންމު އަސާސަކީ އެކަކު އަނެކަކަށް ކުރާ އިތުބާރު. އެއްފަހަރުވެސް އިތުބާރު ގެއްލުމަށްފަހު އިހު ކުރި ދަރަޖައަށް އިތުބާރު އަލުން ކުރުމަކީ ފަސޭހަކަމެއް ނޫން." މައާލް ބުނެލި އަޑު އިވުނެވެ.

"އެއްވެސް މީހަކަށް އެހާ ބޮޑަށް އިތުބާރު ކުރާކަށް ނުވާނެ…" ސާދާއަށް އެހެން ބުނެވުނީ ވިސްނުމަކަށް ގެއްލިފައި އިނދެފައެވެ.

"ކީކޭ.." މައާލްއަށް އެ ބުނި ވާހަކައިގެ މާނަ ފަހުމެއް ނުވިއެވެ.

"އެއްޗެކޭ ނޫން. އަހަރެން ދެންމެ ކަމެއް ހަނދާންވީމަ ބުނެވުނީ…"

"އެންމެން އެއްގޮތެއް ނުވާނެެއެއްނު. ސާދާ ވެސް މީހަކާ އިނީމަ އިނގޭނީ…" މައާލް ބުނެލިއެވެ.

"އާނ. އަހަރެން ވެސް އިންނައިރު ޔަޤީންކުރާނަން، އެއީ އަހަރެންދެކެ ލޯބިވާ ކޮންމެ ޙާލެއްގައިވެސް އަހަންނާއެކު އުޅެން ބޭނުންވާ މީހެއްކަން. އެންމެ މުހިންމު ކަމަކަށް އަހަންނަށް ބޭވަފާތެރިވެގެން ނުވާނެ! ލޯޔަލް ފިރިހެނުން ވަރަށް މަދުވާނެ މިޒަމާނުގަ." ސާދާ ބުނެލިއެވެ.

"ތިބުނީ ތެދެއް. ބައެއްފަހަރު ބޭނުންވާ ހުރިހާ ގޮތަކަށް ކަންތައް ނުވިޔަސް، އަހަރެން ހިތަށް އަރަނީ އަހަރެން ނަސީބު ގަދަވީމަ އޭ ރާދިންގެ އަނބިމީހާއަށް އަހަންނަށް ވެވުނީ. ކާކު މި ޒަމާނުގަ ބައްޕަ އެދުމަށް ވިޔަސް ނުކުޅެދޭ މީހަކާ އެކީ އުމުރު ވޭތުކޮށްލާނީ… އޭ ފަސޭހަކަމެއް ނޫނެއްނު." މައާލް މަޑުމަޑުން ބުނެލިއެވެ.

"މައާލް! ރާދިންގެ ފަރާތުން ހަމަ އެއްވެސް ކަަހަލަ….." އެ ހިސާބަށް ބުނެފައި ސާދާއަށް ހުއްޓައިލެވުނެވެ.

"ރާދިންގެ ފަރާތުން އެއްވެސްކަހަލަ ކޯންޗެއް؟" މައާލްއަށް ވެސް ސުވާލުކޮށްލެވުނެވެ.

"ނޫން. އެއްޗެއް ނޫން… ބޭސް ނެތީމަ ކިހިނެއް ހަދާނީ… ހާދަ ވަރަށްކަށޭ ތި ކިނބިހި އެޅެނީ.

އެހުރިހާ ވާހަކައެއް އަޑު އަހަން ހުރި ރާދިންއަށް ބޭސް ހިފައިގެން އައިސް ވަދެ މައާލްއަށް ބޭސް ދިނެވެ. މައާލް ބުނީ އޭނާ ރަނގަޅުކަމަށާއި ރާދިން ބާބިކިއު ނިންމާފައި އައުމަށެވެ.

ދާންވެގެން ސާދާ ނުކުތުމުން ރާދިންވެސް ސާދާއާއެކު ނުކުމެލިއެވެ. ބޭރަށް ނުކުތުމަށް ފަހު ސާދާ ފަސް އެނބުރި ވާހަކަ ދެއްކިއެވެ.

"އަދިވެސް އިތުރު އެއްޗެއް ބުނަން އެބަ އޮތްތަ؟" ސާދާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"ސާދާ ޕްލީޒް…"

"އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން! ހީނުކުރާތި އަހަރެން މިއަދު މިތަނުން ނުކުމެގެން މިދަނީ ރާދިން އެދުނު ގޮތަށް ކަންތައްކޮށްފައޭ… އަހަންނަށް މައާލްގެ ހިތް ހަލާކުކޮށްލަން ނުކެރުނީ. އެ ދެލޮލުގެ ނޫރު މިއަދު ނެތްނަމަވެސް، އެ ދެލޮލުން އަހަންނަށް ފެނުނީ އުންމީދު. ތި ގުޅުމާމެދު މައާލް ކުރަމުން ގެންދާ އުންމީދު. އަދި ތިގުޅުމަށް އެހިތުގައި ވާ ޤަދަރާ އިޙްތިރާމް. އަދި މައާލްގެ ހިތުގައި ރާދިންއަށްޓަކައި ވާ ލޯބި. އެކަމަކު ރާދިން ކަންތައް ކުރީ ކިހިނެއް…" އެ ހިސާބަށް ބުނެވުނުތަނާ ސާދާގެ ލޮލުގައި އެތަނަށް އައިސް ހުއްޓުނު ސަޖާ އަޅައިގަތެވެ.

"މިއަދު އެވާހަކަ ނުބުންޏަސް އަހަރެން މައާލްއަށް މިކަމެއް ސިއްރެއް ނުކުރާނަން. ހަނދާންކުރާތި. އެއޮއް އައީ ރާދިންގެ ލޯބިވެރިޔާ. އަހަރެން ދެން ދަނީ…" މަލާމާތުގެ ބެލުމެއް ސަޖާއަށް ރައްދުކޮށްލާފައި ސާދާ އެތަނުން ހިނގައިގަތެވެ.

"ބޭބް! ކިހިނެއްވީ؟" ަސަޖާ އައިސް ސުވާލުކޮށްލިއެވެ.

"ކަމެއް ނުވޭ!"

"އޭނަ ބުނުނޭތަ އެއްޗެއް މައާލް ކައިރީ؟" ސަޖާ ޔަޤީން ކުރަން ބޭނުންވިއެވެ. ރާދިން ބޯ ޖަހައިލިއެވެ.

"ރާދު… އޭނަ ބުނި ވާހަކަ!... މީ…"

"ކީކޭ؟" ރާދިން ސަޖާއަށް ސަމާލުކަން ދިނެވެ.

"މީ މައާލްގެ ގެ ތަ؟" ސަޖާ ސުވާލުކޮށްލިއެވެ.

"ސަޖާއަށް ތި އަޑު އިވުނީ ރަނގަޅަށް. އޭނަ އެ ދެއްކި ވާހަކައިގައި ދޮގެއް ނެތް. " ރާދިން އެކަމަށް އިއުތިރާފްވުމާއެކު ސަޖާއަށް ވަށައިގެން ބަލައިލެވުނެވެ. މައާލްއާ މެދު އެހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ.

"މައާލް އެހާ މުއްސަނދިތަ؟" ސަޖާ އިތުރަށް އެނގެން ބޭނުންވިއެވެ. ކެނޑިނޭޅި ސަޖާ ސުވާލުކުރަން ފެށުމާއެކު، ރާދިން ހަޤީގަތް ހާމަކޮށްލިއެވެ.

"މީ މައާލްގެ ގެ. މައާލްގެ މުދާ… މައާލްގެ ބައްޕަގެ ވިޔަފާރިތައް ރާއްޖެއާއި ލަންޑަންގެ އިތުރުން އެހެން ބައިވަރު ތަންތާވެސް ހިންގާ! އޯކޭ؟ އަދި މިހާރު ހުރިހާ މުދަލެއްގެ ވެރިޔަކީ މައާލް! ހިތްހަމަޖެހިއްޖެ؟" ރާދިން ރުންކުރުވިއެވެ. އޭނާގެ ސިކުނޑީގައި އޭރުވެސް ގުގުމަުން ދިޔައީ ސާދާގެ ވާހަކަތަކެވެ. އެހެން ބުނެލާފައި ރާދިން ބާބިކިއު އޭރިޔާއާ ދިމާލަށް ހިނގައިގަތުމުންވެސް ސަޖާއަށް ހުރިތާ ހުރެވުނީއެވެ. އިވިގެން ދިޔަ ވާހަކައާއެކު އޭނާގެ ހިތުގައި އުފެދުނު ނަފްރަތާއި ރުޅިވެރިކަން ދެގުނަވެގެން ދިޔައެވެ. ރާދިންގެ ބޮލަށް އެރިގެން މައާލްގެ އަތުން މި މުދާގަނޑު ފޭރިގަންނަން ވީއެވެ. ލޯ އަނދިރިއިރު ކޮންމެ ފަދަ އެއްޗެއްގައި ސޮއި ކުރުވިޔަސް އޭނާއަކަށް ނޭނގޭނެއެވެ. ސަޖާގެ ސިކުނޑީގައި ނުބައި ވަސްވާސްތައް އުތުރި އަރަން ފެށިއެވެ. އޭނާ ވިސްނަމުން ދިޔައީ ރާދިންގެ ސިކުނޑިއާ ކުޅެލެވޭނެ ގޮތެކެވެ.

ސަޖާ ފަސް އެނބުރި ރާދިންއަށް ގޮވާލުމާއެކު ދުއްވައިގަތެވެ. އެމީހުން ދިޔައިރު އަނޫފް މެން އުޅެނީ ކުކުޅުތައް ފިހަން އަރުވައިގެންނެވެ. ހުނުމާއި ސަކަރާތުގައި އެންމެން މަސްއޫލުވި ވަގުތު ރާދިންއާއެކު އަނޫފް ދުރަށް ޖެހިލިއެވެ.

"އޭތް. އަނެއްކާ ދެންމެ ކޮން އަންހެން ކުއްޖެއް އެ އައީ؟" އަނޫފް ސުވާލުކޮށްލިއެވެ.

"ކިހިނެއްވީ ކަލޭއަށް ކަމުދިޔައީ؟"

"އުހުމް. މާ ވަރުގަދަ ހަނގުރާމައެއް ކުރިހެން ހީވީމަ."

ރާދިން އަނޫފްއަށް ކަންތައް ވެގެން ދިޔަ ގޮތް ކިޔައިދިނެވެ.

"އޭނަ ވެސް އެބުނީ ގޯސް ވާހަކައެއް ނޫން ކަންނޭގެ، ނޫންތަ؟ އަހަންނަށް ހީވަނީ ހަމަ ހަޤީގަތުގައިވެސް ރާދިން ވެއްޖެ ކަންނޭނގެ ސަޖާއާ ދުރަށް ވިސްނާލަން." އަނޫފް ބުނެލިއެވެ.

"ކަލޭތަ ތިހެން ތި ބުނަނީ؟" ރާދިންއަށް އަނޫފްއަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ.

"މަށަށް މައާލްގެ ކިބަޔަކުން އުނިކަމެއް ނުފެނޭ. އެއް ގޮތަކަށްވެސް އެ އަންހެން ކުއްޖާގެ ފަރާތުން ނޭދެވޭ ސިފައެއް ނުފެނޭ. ކަލޭ ބުނިހާ ގޮތަކަށް ހެދިގެން އެ ހުންނަނީ ނޫންތަ؟ މަ ސުވާލެއް ކޮށްލަންތަ؟" އަނޫފް އެހެން ބުނެލާފައި މަޑުޖެހިލިއެވެ.

"ކަލޭ ކޮން އިރަކު ހުއްދަ ނަގަން ފެށީ؟"

"ހަހަ! އާނ އޯކޭ. މަ ބުނީ މައާލް ރާދިން ދެކެ ލޯބިވޭތަ؟" އަނޫފްގެ ސުވާލާއެކު ރާދިންއަށް އަނޫފްއާ ދިމާލަށް ބަލައިލެވުނެވެ.

"މަށަށްތަ އެނގެނީ އޭނަ ލޯބިވާކަމަށް."

"ތީގެ މާނައަކީ އަނގައިން ދުވަހަކުވެސް ނުބުނެޔޭ؟" އަނޫފް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ބުނީމަ ދޯ އިނގޭނީ…"

"ނުބުންޏަށް ލޯބިވާކަން އެނގޭކަންތައ ްހުންނާނެ. ކުރިން މަ ފާހަގަ ކުރި ސިފަތައްވެސް ފުދެއެއް ނޫންތަ." އަނޫފް ބުނެލިއެވެ.

"ސާދާ ޑޯޒް އެއް ދީފަ ދިޔައިމަ އަނެއްކާ ކަލޭ ވެސް މަގޭ ބޯ ގޮށްވަން ތިއުޅެނީ… މިގަޑީގައި ދެން ތި ވާހަކަ ނުދައްކާ!" ރާދިން އެހެން ބުނެލިނަމަވެސް، އޭނާއަށް އެ ސުވާލާމެދު ފުންކޮށް ވިސްނައިލެވުނެވެ. މައާލްގެ ފަރާތުން އޭނާދެކެ ލޯބިވާކަމުގައި ގިނަ އިޝާރާތްތަކެއް ފެނިފައިވެއެވެ.

"އޭތް ވިއްޓު! ހާދަ އެކަނިވެރިޔޭ ދޯ… ބިޓެއް ހަމަ ނުލިބެނީތަ؟" ތައްޓަށް ކާ އެއްޗެހި އަޅަން ހުރި ވިޝާމް އާއި ކައިރިއަށް ޖެހިލާ ސަޖާ ސުވާލުކޮށްލިއެވެ. ވިޝާމް ސަޖާއަށް ބަލާ ނަޒަރާއި އެއީ ކޮން ކަހަލަ ބެލުމެއްކަން ސަޖާއަށް އެނގެއެވެ. އޭނާގެ ޕްލޭނާ އެއްގޮތަށް ކަންތައް ރާވަމުން ސަޖާ އޭނާގެ މައުޝޫ އަނބުރަން ފެށިއެވެ.

"މަ ވާހަކައެއް އަހާލަންތަ؟"

"އަހާބަލަ!" މާ ބޮޑޫ ޝައުގުވެރިކަމެއް ނެތް ފަދަ ގޮތަކަށް ވިޝާމް ބުނެލިއެވެ.

"މައާލް ކަމުދޭދޯ؟" ސަޖާގެ އެ ސުވާލާއެކު އަނގައިގައި ޖަހައިގެން އިން ކުކުޅު ފައިވެސް ވިޝާމް ނައްޓައިލިއެވެ. އެއަށްފަހު އޭނާ ސަޖާއަށް ބަލައިލިއެވެ. ސަޖާ ބުނާ ވާހަކައެއް ބަލަން އޭނާ ބޭނުންވިއެވެ.

"ކިހިނެއްވީ؟ ކީއްވެ މަށާ ދިމާލަށް ތި ފާޑަށް ތިބަލީ… މަށަށް މި ބުނެވުނީ ދޮގެއްތަ؟" ސަޖާ ބުނެލިއެވެ.

"އެންމެންނަށް ކަމަކު ނުދާނެ އުމުރު އެކުގައި އުޅޭކަށް. ބައެއް މީހުން ބޭނުންވާނީ ކުޑަ ހިނދުކޮޅަކަށް. މީވެސް ހަޤީގަތް." ސަޖާ ބުނެލިއެވެ. އެއިން އެއްވެސް ވާހަކައަކަށް ވިޝާމް އެއްޗެއް ނުބުނެއެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. ދެމީހުން ދެމީހުންނަށް ގުޅުން ބަދަހި ކުރެވޭނީ އެކުގައި ވާހަކަ ދައްކައިގެންނެއްނު. ކޮންމެ ގޮތެއް ވިޔަސް ރާދިންއެއް މަ ދޫކޮށްލާފައެއް އެ އަންހެނާ ކައިރިއަކަށް ނުދާނެ. ކަލޭއަށް އޮތް ޗާންސެއް މީ. އެމޯޝަނަލީ ބްލެކްމެއިލް ވެސް ކުރެވޭނެ. އެވަރު ނުވަންޏާ ގަދަކަމުންވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ!" ސަޖާ އޭނާގެ ނުބައި ވަސްވާސްތައް ވިޝާމްއަށް ކިޔައިދެމުން ދިޔައެވެ.

"އަނެއްހެން ބުނަންޏާ މައާލް އުޅޭނެ މިހާރު އެކަނި. ކަލޭއަށް ވާހަކަ ދައްކަން ފުރުސަތެއް މީ. ….. ހާސް ނުވޭ މަ ނުބުނާނަން އެއްވެސް މީހެއް ކައިރީގައި." ސަޖާ ބުނެލިއެވެ. ސަޖާގެ އެ ފަދަ ވަސްވާސްތަކަށް ހެއްލުނު ވިޝާމް އެކަކަށް ވެސްގޮސް ނޭނގި ގެއަށް ވަތްއިރު، މައާލް ބޮޑުކޮޓަރީގައި ހުރި ސޯފާތަކުން ސޯފާއެއްގައި ޖޯޑެއް ހިފައިގެން އިނެވެ.

"މައާލް! ކޯންޗެއް ތިބޮނީ؟" ދާދި ގާތުން އިވުނީ އޭނާއާ ފޮށޭ ޒުވާނާގެ އަޑުކަން މައާލްއަށް ޔަޤީން ވުމާއެކު އޭނާގެ ނަފްސު ހަރުކަށިވެލިއެވެ. އެ އަޑުގައިވާ އަސަރުން އެކަނިވެސް އޭނާގެ ނިޔަތް ރަނގަޅު ނޫންކަން މައާލް އަަށް އެނގުނެވެ.

"ކީކުރަން މިތަނަށް ތިއައީ؟ ކޮބާ ރާދިން!" މައާލްއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ އަޑުން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. މައާލް ސޯފާއިން ތެދުވެލުމާއެކު އެތަނުން ދާން އުޅުނެވެ. އެއާއެކު ވިޝާމް މައާލްގެ އަތުގައި ހިފެއްޓިއެވެ.

"ރާދިން! ރާދިން!

"ހާދަ ރުޅިއެއް ތިއަންނަނީ އަހަރެން ދެކެ ލަވް. ރާދިން އެއް ނާންނާނެ މިރެއަކު. އަހަންނާ ވާހަކަ ދައްކާލުން މާ ރަނގަޅުވާނެ!" މައާލްގެ އަތުގައި ހިފައްޓައިގެން ހުރެ ވިޝާމް ވާހަކަ ފެއްކިއެވެ.

ކޮމެންޓް 0