ސަޖާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މި އެންމެންގެ ތެރޭގައި އޭނާގެ ބައްޕަގެ އަގު ވެއްޓޭކަމެއް ސަޖާކޮށްފިނަމަ އޭނާ ހަދާނީ ކިހިނެއްހެއްޔެެވެ؟ ރާދިންގެ ސިކުނޑި އެކިއެކި ޚިޔާލުތަކުން ފުނިޖެހެމުން ދިޔައެވެ.
"އަނބި ޤަބޫލުކޮށްފިންތަ؟"
ގާޒީ ދައްކަމުން ދިޔަ ވާހަކައެއް ވެސް ރާދިންއަށް އަޑު ނީވޭފަދައެވެ. އޭނާގެ ނަޒަރު ސަޖާއާ ވަކިނުވެއެވެ. ރާދިންއަށް ސިހުން ލިބުނީ މުނީރު ރާދިންގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ. މުނީރަށް ބަލައިލުމަށްފަހު، ރާދިން ގާޒީއަށް ބަލައިލިއެވެ.
މައާލްގެ ނުތަނަވަސްކަމަށް ބަދަލެއް ނާދެއެވެ. މީހާ ހަމައަކަށް އަޅުވަމުން ވަށައިގެންވީ މާހައުލަށް ސަމާލުކަން ދޭން މަސައްކަތް ކުރިނަމަވެސް، ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެތެރޭގައި އޭނާގެ ނަފްސު ޣަރަގުވަމުން ދިޔަ ފަދަ އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. މަންމައާއި ބައްޕަ ހުރިނަމައެވެ. އެ ދެމީހުން ތިބިނަމަ އޭނާއަށް ކުޑަކުޑަ ހިތާމައެއް ލިބުނަސް ނުދޭނެެއެވެ. އެހިތުގައި މިއަދު މި އަޅާ ވަރަށް ވޭނެއް ވެސް ނޭޅީހެވެ. އެ އޯގާތެރިކަމާ، ފިރުމުންތަކުން، އޭނާގެ ހުރިހާ ހާސްކަމެއް ދުރުވީސްއެވެ. ތަޤުދީރާ މެދު ޝަކުވާކުރެވުނު ނަމަވެސް، އެ ތަޤުދީރާ މެދު ރުހުން ނޫން ގޮތެއް މިއަދު ނެތެވެ. މިއީ އޭނާގެ ތަޤުދީރުގައި ލިޔުއްވާފައިވާ ގޮތެވެ.
ފަހުމާ އާއި ޝާކިރުގެ ހަނދާންތަކުން މައާލްގެ ހިތަށް ލިބިގެން ދަނީ އިތުރުވޭނެކެވެ. ކުޑަވެސް ހިތްހަމަޖެހުމެއް ލިބިފައިވަނީ އޭނާގެ މައިންބަފައިންގެ އެދުން ފުރިހަމަކޮށްދެވޭތީއެވެ. އެ ނޫން އެއްވެސް އުފަލެއް، އެއްވެސް ހިތްހަަމަޖެހުމެއް މިއަދު އޭނާއަށް ލިބިފައެއް ނެތެވެ.
ރާދިންއާ މައާލްއަށް ބަލަހައްޓައިގެން ހުރި ސަޖާގެ ދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ. ރާދިން އޭނާއާ ނަޒަރު ވަކިކޮށްލުމާއެކު، ސަޖާއަށް ދެން ބަލައިލެވުނީ މައާލްއަށެވެ. އެއާއެކު، ސަޖާގެ ހިތުގައި ހިނގައިގަތީ ނަފްރަތުގެ ހޫނެވެ. މައާލްއަކީ އޭނާ ހީކުރިވަރަށް ވުރެ ރީތި އަންހެން ކުއްޖެކެވެ. ތެދަށް ބުނަންޏާ އޭނާއަށް ވުރެ މައާލް ހުރިހާ ގޮތަކުންވެސް ފުރިހަމައެވެ. މިރޭ މައާލް ފެންނަނީ ވަރަށް ރީތިކޮށްކަން އޭނާއަށް ދެބަސްވެވޭކަށް ނެތެވެ. ސަޖާ ރާދިންއާ މެދު ބިރުގަތެވެ. ރާދިންއަކީވެސް ފިރިހެނެކެވެ. މައާލް އޭނާގެ ރީތިކަމުގެ އަވައިގައި ރާދިން ޖައްސަފާނެއެވެ. ސަޖާގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މައާލްގެ ދެލޮލަށެވެ. "އެންބަރ" ކުލައިގެ އެ ދެލޮލުގެ ތޫނުކަން އޭނާއަށް ދުރުން ވެސް ފާހަގަވިއެވެ. ރީތިކަމުގެ އިންތިހާއެވެ. އެދެލޮލަށް ބަލާލާފައި މައާލްއަކީ ލޯފަން ކުއްޖެއްހެން ހީވެސް ނުވެއެވެ. ސަޖާ އޭނާގެ ދެ އަތް މުށްކަވައިލިއެވެ. އޭނާ މައާލްއާއެކު، އެންމެ ހިނދުކޮޅަކަށްވެސް ރާދިން ހުރުމަށް ބޭނުމެއް ނޫނެވެ. ރާދިންގެ ހިތް ބަދަލުވެދާނެތީ އޭނާ ބިރުގަނެއެވެ. ރާދިންއަކީ ހަމައެކަނި އޭނާގެ މީހެކެވެ. މައާލްވެސް އެ އުޅެނީ ރާދިންގެ މުދާގަނޑު ބޭނުންވެގެންނެވެ.
ސަޖާއަށް ވަށައިގެން ބޮޑުކޮޓަރި ތެރެއަށް ބަލައިލެވުނީ ދެނެވެ. ހީކުރިވަރަށް ވުރެ އެ ގެ ތަނަވަސްވެފައި ބޮޑެވެ. ބަލައިލި ކޮންމެ ދިމާލަކުން ޝާހީކުލަވަރު ފެންނަމުން ދިޔައިރު، ގޭގެ ޑިޒައިންވެސް ހިތްގައިމެވެ. ގޭގެ ފަރުމާތަކަކީ ހަމަޔަޤީނުންވެސް މޮޅު ފަންނުވެރިއެއްގެ ހުނަރުވެރިކަން ކަން ޔަޤީނެވެ. މި ނޫނީ ސަޖާއަށް ދުވަހަކުވެސް ރާދިންގެ ގެ ފެނިލުމުގެ ނަސީބެއް ލިބިފައެއް ނުވެއެވެ. ރާދިން ދުވަހަކުވެސް އޭނާ އެގެއަށް ގެނެސްފައެއް ނުވެއެވެ. ހީކުރިވަރަށް ވުރެ ރާދިންގެ ބައްޕައަކީ މުއްސަނދި މީހެކެވެ.
ސަޖާ ކުޑައިރު މަންމައާއި ބައްޕަ ވަކިވުމާއެކު، ސަޖާ އެންމެ ފުރަތަމަ އުޅުނީ މަންމައާ އެކީގައެވެ. އެހެންނަމަވެސް، ދެވަނަ ކައިވެންޏާއެކު، ސަޖާއަށް މަޖުބޫރުވީ މަންމައާ ވަކިވުމަށެވެ. މަންމަގެ ފިރިމީހާގެ ބަހަށް މަންމަވެސް ދެކޮޅެއް ނުހަދައެވެ. ކައިވެންޏަށްފަހު، މަންމަ ލަންކާއަށް ބަދަލުވިފަހުން ޚަބަރެެއް ނުވެއެވެ.
އޭގެ ފަހުން ސަޖާ އުޅެމުންދިޔައީ މަންމަފަރާތު ގާތްތިމާގެ މީހެއްގެ އާއިލާއާއެކު އެގޭ ގައެވެ. އެ ގެއަކީ ހަރުކަށި ބަޔަކު ދިރިއުޅެމުންދާ ގެއެކެވެ. ބޮޑުވަމުން އައިއިރު، ބައިވަރުކަންތައް ސަޖާއަށް މަނާވެފައިވެއެވެ. ވަކި ވަގުތެއްގެ ކުރިން ގެއަށް ވަނުމާ، ރައްޓެހިންނާއެކު ބޭރަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޭގައި އުޅޭ ދެމަފިރިންގެ އޭނާ އާ ދާދި އެއްވަރުގެ ދެ އަންހެން ކުދިން ތިބެއެވެ. އެ ދެމީހުންނަށް އަންނަ ކޮންމެ ހުކުމަކީ ސަޖާއަށް ވެސް އަންނަ ހުކުމެކެވެ. މިނިވަންކަމާއެކު، އުޅެން ބޭނުންވި ސަޖާއަށް އެ ގެ ވީ ޖަލެއްފަދަ ތަނަކަށެވެ. އޭނާ ބޭނުންވީ މިނިވަންކަމާއެކު، އުދުހިލުމަށެވެ. އޭނާއާ އެއް އުމުރެއްގެ އެހެން ކުދިންނެކޭ އެއްގޮތަަށެވެ. އެހެންނަމަވެސް އެ ފުރުސަތެއް އެ ގޭގެ ދެމަފިރިން އޭނާއަކަށް ނުދިނެވެ. އަންހެން ދަރީންނަށް ހިމާޔަތް ދިނުމަކީ ބޮޑެތި މީހުންގެ ޒިންމާއެއް ކަމުގައި އެމީހުން ދިޔައީ ބުނަމުންނެވެ. އަދި އެމީހުން އެގޮތަށް ކަންތައްކުރަނީ ޚުދު ސަޖާއަށް ވެސް ރަނގަޅަކަށް ކަމުގައި ބުނެއެވެ. ސްކޫލު ނިމި ސަޖާ އިތުރަށް ކިޔަވަން ބޭނުންވި ނަމަވެސް، އެ ދެމަފިރިންނަކީ މާ ތަނަވަސް ބަޔަކަށް ނުވުމުން އެ ފުރުސަތު ސަޖާއަކަށް ނުލިބުނެވެ. އެހެންކަމުން އޭނާ ވަޒީފާއަކަށް ދިޔުމުގެ ހުއްދަ ހޯދިއެވެ. ވަޒީފާއަށް ދާން ފެށުމުން އޭނާ ބޭނުންވި މިނިވަންކަން ކޮންމެވެސް ވަރަކަށް ލިބުނެވެ. އެކުއުޅޭ ރަޙްމަތްތެރިންގެ ވާހަކަތަކުން އެ ދެމަފިރިންނާ މެދު ސަޖާގެ ހިތް ގޯސްވާން ފެށިއެވެ. އެ މީހުން އޭނާ އެވަރަށް ހިފައްޓަނީ އޭނާގެ ހުވަފެންތައް ސީދާކޮށްދޭން ބޭނުންނުވާތީކަމުގައި ސަޖާއަށް ހީވާން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ މައިންބަފައިންގެ އަޅާލުމާ އޯގާތެރިކަންވެސް ކުޑަ މިނުން އޭނާއަށް ނުލިބުނެވެ. ވީއިރު، ދުރުބައެއްގެ ފަރާތުން އެކަމަށް އުންމީދު ކުރާނީވެސް ކިހިނެއްހެއްޔެވެ؟ ވަޒީފާއަށް ދަމުން ސަޖާ ޑިޕްލޮމާއާ ހިސާބަށް އޮފީސް މެނޭޖްމެންޓް ދާއިރާއިން ކިޔެވިއެވެ.
ރާދިންއާ ދިމާވީ އޭނާގެ އެކުވެރިއެއްގެ ފަރާތުންނެވެ. އެކުވެރިޔާގެ ލޯބިވެރިޔާވީ ރާދިންގެވެސް ގާތް ރަޙްމަތްތެރިއަކަށެވެ. ރާދިންގެ މުއްސަނދިކަމުގެ ވާހަކައަކީ، އާއްމުކޮށް އެމީހުންގެ މެދުގައި ދެކެވޭ ވާހަކައެކެވެ. ރާދިންއާ ލޯބީގެ ގޮތުން ގުޅުމަށްފަހު، ސަޖާ ރާދިންގެ އެހީގައި އެޕާރޓްމެންޓެއް ހިފާ ބަދަލުވީއެވެ. މިހާރުވެސް އޭނާ އުޅެމުން އެދަނީ ރާދިން އޭރު އޭނާއަށް ހިފައިދިން އެޕާރޓްމެންޓުގައެވެ. ސަޖާއަށް ވަރަށް ކަމުދާ އެއްކަމެއް ވެއެވެ. ރާދިން ބޭނުންވަރަކަށް އޭނާއަށް ފައިސާ ލިބެއެވެ. ކިތަންމެ ވަރަކަށް ފައިސާ ހޭދަކުރިނަމަވެސް، ރާދިންގެ ބައްޕަ އެކަމާ ރާދިންއާ ސުވާލެއް ނުކުރެއެވެ. ރައްޓެހިންނާއެކު، ރާއްޖޭން ބޭރަށް އެވަރަށް ދަތުރު ދާއިރުވެސް، އެކަމާވެސް އެއްޗެއް ނުބުނެއެވެ. އެއީ ކީއްވެގެންކަން މިރޭ އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ރާދިން މެން ފަދަ މުއްސަނދިންނަށް ފައިސާ ހަރަދުކުރުން ވާނީ ފެން ފޮދެއް ބޮއިލުން ފަދަ ކަމަކަށެވެ. މިގެއަށް ބަލައިލުމުން އެކަނިވެސް، މިރޭ އެކަން އޭނާއަށް ފަހުމްވެއްޖެއެވެ.
ހަސަދައިގެ ނަޒަރަކުން ސަޖާ މައާލްއަށް ބަލައިިލިއިރު، އޭނާގެ ހިތުގައި ރޯވި ނަފްރަތުގެ އަލިފާންގަނޑު ކުރިފަޅާ ހެދެމުން ދިޔައެވެ. މައާލްގެ ބަދަލުގައި މިރޭ އެތަނުގައި، ރާދިންގެ ކައިރީގައި އިންނަން ޖެހޭނީ އޭނާއެވެ. ރާދިންގެ ކައިރީގައި އެގޮތަށް އިނުމުގެ ހައްްްްޤެއް މައާލްއަށް ލިބިގެނެއް ނުވެއެވެ. ރާދިން ހާސިލްކުރުމުގެ އެދުންވެރިކަން ސަޖާގެ ހިތުގައި ގަދަވަމުން ދިޔައެވެ. އޭނާ މިރޭ މިތަނަށް އައީ ރާދިންގެ ވާން އުޅޭ އަނބިމީހާ ބަލައިލުމުގެ ނިޔަތުގައެވެ.
ކައިވެނީގެ ވާހަކަ ރާދިން ދެއްކި ވަގުތުން ފަށައިގެން އޭނާގެ ލޮލަށް ނިންޖެއް ނާދެއެވެ. ރާދިން އޭނާގެ ގާތުގައި އެތަނަށް ނައުމަށް އެދި އެތަކެއް އާދޭހެއް ކުރިއެވެ. އޭނާ އެހެން މީހެއް އޭނާގެ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރާއިރު، ސަޖާ އެތަނުގައި ހުރެއްޖެނަމަ، ސަޖާގެ ހިތުގައި ވޭންއަޅާނެކަމަށާއި، އެ މަންޒަރު ބަލަން އޭނާއަށް ކެތްނުވާނެކަމުގައި ރާދިން ބުންޏެވެ.
"އަނބި ޤަބޫލުކޮށްފިން." ރާދިންގެ އަޑާއެކު، މައާލްގެ ހިތުގެ ވިންދުވެސް ހީވީ މަޑުޖެހިލި ހެންނެވެ. ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން އެ އިވުނު އަޑާއެކު މައާލްއަށް ދެލޯ މަރައި ފިއްތައިލެވުނެވެ. މިރޭގެ މިވަގުތުން ފަށައިގެން އޭނާއަކީ ރާދިންގެ އަނބިމީހާއާ ހިތަށް އެރުމާއެކު، ހިތުގެ ހިނގުން އަވަސްވެލައިފިއެވެ. އެއީ އުންމީދުކުރިކަމެއް ނޫނެވެ. އޭނާ ހީކުރީ އަނތްބެއްގެ މަޤާމު އޭނާއަށް ލިބޭނީ ރާދިއުގެ ފަރާތުންކަމަށެވެ. އެހެންނަމަވެސް މިވީ އެހެންނެއް ނޫނެވެ. ތަޤުދީރުގެ ސަމާސާ މިކަން ދެމިބަލާށެވެ. ދުރާލާ ކިތަންމެ ވަރަކަށް ކަންތައްތައް ރޭވިނަމަވެސް، ތަޤުދީރުގެ ކުރިމަތީގައި ކޮންމެ މީހަކަށް ވެސް އިސްޖަހައިލަން މަޖުބޫރުވެދާނެއެވެ. އެ ތަޤުދީރާ ޖަދަލުކުރުމަކީ އިންސާނުންނަށް ކުޅަދާނަވާނެ ކަމެއް ނޫނެވެ. އިންސާނުންނަށް އޮތްގޮތަކީ ދިމާވާ ކަންތައްތަކަށް ރުހުމާއި ކެތްތެރިވުމާއެކު، ދުޢާ އިން ވާޤި ހޯދުމެވެ.
އަނބިޤަބޫލުކޮށްފީމޭ ބުނުމަށްފަހު، ރާދިންއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ މައާލްއަށެވެ. މައާލް އިނީ ދެއަތް ދެއަތާ މޮޑެންނެވެ. ކޮންމެ ހަރަކާތަކުން އޭނާގެ ހާސްކަން ފާޅުވަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި ރާދިންއަށް ސަޖާއާ ދިމާލަށް ބަލައިލެވުނެވެ. ސަޖާ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ގާޒީ ދުޢާ ކިޔަން އަތް އުފުލައިލުމާއެކު، ރާދިންވެސް އެގޮތަށް އަމަލުކުރިއެވެ. އޭރު ކައިވެނި މަޖިލީހުގައި ތިބި އެހެން މީހުންވެސް މެއެވެ. މައާލް އިނީ ނޭވާ ލާންވެސް ހަނދާންނެތިފައި ފަދަ ގޮތަކަށެވެ. ކަންތައް ކުރަންވީ ގޮތް ރޭކާލީވެސް ރީނާ އައިސް ކޮނޑުގައި އަތް ޖައްސައިލުމަށްފަހު، މައާލްގެ ކަންފަތް ދޮށުގައި މަޑުމަޑުން ކޮންމެވެސް އެއްޗެއް ބުނެލުމުންނެވެ. ދުޢާ ނިންމާލުމަށްފަހު، ގާޒީ ތެދުވުމުން އެހެން އެންމެންވެސް ތެދުވެލިއެެވެ. މައާލް އިންގޮތަށް އިނީއެވެ. އޭނާ އިނީ އަދިވެސް ވަމުންދިޔަ ކަންތައް ޤަބޫލު ނުކުރެވިފައިފަދަ ގޮތަކަށެވެ.
އެހުރިހާއިރު ނޭވާ ހިފައްޓާލައިގެން ހުރި މުނީރަށް ހިތްހަމަޖެހުން ލިބުނީ އޭނާ އުންމީދުކުރިގޮތަށް ހުރިހާކަމެއްވެސް ވެނިމުމުންނެވެ. މައާލްގެ ސަމާލުކަން އެ ހުރިހާއިރު، ހުރީ ކޮންމެވެސް އެހެންކަމަކަށް ހުއްޓިފައިކަން އޭނާއަށް އެނގެއެވެ. ހިތްހަމަޖެހުނީ ރާދިންގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތިނުވީތީއެވެ.
"މައާލް! ރާދިން! މަރްޙަބާ ދެކުދިން. ބައްޕަ ވަރަށް އުފާވެއްޖެ." މުނީރު ރާދިންގެ ގައިގައި ބައްދައިލުމަށްފަހު، މައާލްގެ ބޮލުގައި ފިރުމައިލިއެވެ. އަދި ރާދިންގެ ކައިރީގައި މައާލްއާ ދުރަށް އެންމެ ވަގުތުކޮޅަކުވެސް، ނުދިޔުމަށް ބުންޏެވެ. އެކަކު އަނެކަކާ ސަލާންކުރުމަށްފަހު، މަރްޙަބާ ކިޔަމުން ދިޔައެވެ.
މައާލްއާ ރާދިންއާ ދެމީހުންވެސް އަންނަމުން ދިޔަ މެހެމާނުންނާ ސަލާމްކުރަމުން ދިޔައެވެ. އެ މާހައުލުން މައާލްގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ބޮލަށް ކުޑަކޮށް އެނބުރުން އަރާހެންވެސް މައާލްއަށް ހީވިއެވެ. ހިތްވަރުކޮށްފައި އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
އަދިވެސް އެއްފަހަރު މައާލް އެކަނިކޮށްނުލާން މުނީރު، ރާދިންއަށް ނަޞޭހަތް ދިނެވެ. ރާދިން ބޯޖަހައިލުމުން އޭނާ ގާޒީއާ ޓީމު ގޮވައިގެން ކައިވެނީގެ ވަލީމާ ހަމަޖެހިފައި އޮތް ދިމާލަށް ހިނގައިގަތެވެ. މުނީރު ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ރާދިންއަށް ބަލައިލެވުނީ ސަޖާ ހުރި ތޯއެވެ. ސަޖާ ފެންނަން ނެތުމުން އޭނާއަށް ވަށައިގެންވެސް ހޯދައިލެވުނެވެ. ރާދިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.
"ކަލޭ ބޭނުންވި ގޮތަށް ހުރިހާކަމެއް ވީނު. ދެން ބަލާ މަ ކަންތައް ކުރާނެ ގޮތް." ރާދިން މައާލްގެ ކަންފަތް ދޮށުގައި އެހެން މީހުންނަށް އަޑު ނީވޭ ވަރަށް ބުނެލުމަށްފަހު، ކުރިމަތިން ދިޔަ މީހުންނަށް ހިނިތުންވެލިއެވެ. ރުޅިވެރިކަން އޭނާ ފަރުދާކުރަމުން ދިޔައީ ތުންފަތަށް ވެރިކޮށްލާފައިވާ ހިނިތުންވުމުންނެވެ. ސަޖާއަށް އެ މަންޒަރު ފެނުމުން ރާދިންއަށް ވެރިވި ހާސްކަންވެސް އޭނާއަށް ބޭރުކުރެވެމުން ދިޔައީ ރުޅިވެރިކަމާއެކު މައާލްއަށެވެ. މައާލްގެ ކުށެއް ނެތް ނަމަވެސް، ރާދިންއަށް އޭނާގެ އަމިއްލަ އިޙްސާސްތައް ކިޔަމަންކުރުވޭ ގޮތެއް ނުވިއެވެ. އޭނާގެ ކައިރީގައި އެ ހުރި އަންހެން ކުއްޖާއަކީ އޭނާގެ އަނބިމީހާ ކަން ޤަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހެދިނަމަވެސް، އެއީ ހަޤީގަތްކަމުގައި ސިކުނޑި ދިޔައީ ބުނެދެމުންނެވެ.
ރާދިންގެ ވާހަަކަތައް ހުރި ގޮތުން ހާސްވެފައިހުރި މައާލް އިތުރަށް ކަންބޮޑުވުން ނޫން ގޮތެއް ނުވިއެވެ. އޭނާގެ ޙާލަތު ރާދިންއަށް ނުވިސްނެނީހެއްޔެވެ؟ އޭނާގެ މޭގައިވެސް ވަނީ ހިތެކެވެ. ނާޒުކީ މަޑުމަޑު މަސްކޮޅެކެވެ. ހަރު ހިލަގަނޑެއް ނޫނެވެ. އެ ހިތުގައިވެސް އިޙްސާސްތަކަކާއި ޖަޒުބާތުތަކެއް ވެއެވެ. ހިތުގައިވެސް ޖެހެއެވެ. ރާދިންއެކޭ އެއްގޮތަށް އޭނާ ވެސް މި ނިންމުން ނިންމީ މަޖުބޫރުވެގެންނެވެ. އެވަރު ރާދިންއަށް ނުވިސްނެނީހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުންނުވަނީހެއްޔެވެ؟ އެ ހުރިހާކަމެއްގެ އިލްޒާމު ވިސްލައިލުމެއްނެތި، ރާދިން އޭނާގެ ބޮލުގައި އެ އަޅުވަނީ ކީއްވެހެއްޔެވެ؟ ވެ ދިޔަ ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އޭނާ ހެއްޔެވެ؟ ދެލޮލަށް ކަރުނަތައް ޖަމާވިނަމަވެސް، އެ ކަރުނަތައް އެތެރެއަށް ހިންދައިލަން މައާލް މަސައްކަތް ކުރަމުން ދިޔައެވެ.
"މައާލް! އާ ޔޫ އޯކޭ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ. މައާލްގެ ހާސްކަން ފެނި އުނދަގޫވި ރާދިންއަށް މިފަހަރު އެއްޗެއް ނުބުނެ ނުހުރެވުނެވެ. ކިތަންމެ ރުޅި އައިނަމަވެސް، ބޭއިޚްތިޔާރުގައި ނަމަވެސް މައާލްއާ މެދު ޙަމްދަރުދީ ވެވޭ ފަހަރު އެބަ އާދެއެވެ. އެކަމާ ރާދިން އަމިއްލަ ނަފްސު ދެކެ ރުޅި އާދެއެވެ. އޭސީގެ ފިނިކަމުގެ ތެރެއިންވެސް މައާލްގެ މޫނުމަތީގައި މުތީތަކެއް ފަދަ ދާތިކިތައް ވިދަން ފެށިއެވެ.
"އޯ... އޯކޭ" ތުރުތުރުއަޅަމުން ދިޔަ އަޑަކުން، މައާލް ބުނެލިނަމަވެސް، މައާލްގެ ފުންވަމުން ދިޔަ ނޭވާ ރާދިންއަށް ވެސް ފާހަގަވިއެވެ. އޭނާ ޖީބުން ނެގި ރުމާކޮޅުން މައާލްގެ މޫނުމަތީގައި ޖައްސައިލި މަންޒަރު ކެމެރާމަން އޭނާގެ ލެންސުގައި ރައްކާކޮށްލިއެވެ. މައާލް ކުޑަކޮށް ސިހުނެވެ.
"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. ތިހެން ހުއްޓާ ބައްޕައަށް ފެނިއްޖެއްޔާ އަހަންނާ ދިމާލަށް ދޯ އެއްޗެހި ކިޔާނީ." ރާދިން ރީތިކޮށް ވާހަކަ ދައްކަން ބޭނުންވިނަމަވެސް، އެ އަޑު ނިކުތީ ހަރުކަށިކޮށެވެ. މައާލް ތިރީ ތުންފަތުގައި ދަތް އަޅާލަމުން، އިތުރު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. މައާލްގެ މޫނުމަތި ފުހެލުމަށްފަހު، ރާދިން އެނބުލިވަގުތު، އޭނާގެ ލޮލުގައި އޭނާއާ މައާލްއާ ދާދިގާތުގައި ހުއްޓުނު ސަޖާ އަޅައިގަތެވެ. އެއާއެކު ރާދިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަޖާ ނުފެނުމުން އޭނާ ހީކުރީ ސަޖާ ދިޔައީ ކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫންކަން އެނގުމާއެކު، ރާދިންއަށް ހާސްކަމާއެކު ނިތުގައި އަތް ޖައްސައިލެވުނެވެ. ސަޖާގެ މޫނުމަތިން ފެނުނު އަސަރުތަކުން ދެންމެގެ ހުރިހާ މަންޒަރެއް އޭނާއަށް ފެނުނުކަން ރާދިންއަށް ޔަޤީން ކުރެވުނެވެ. ސަޖާ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގި އޭނާގެ ހިތުގެ ތެޅުން އިންތިހާ އަވަސްވެލިއެވެ.