"ކުއްލިއަކަށް ނޫނެއްނު މި ވާހަކަ މި ބުނީ. ތިން ހަފްތާ ވަނީ މީ މިވާހަކަ ދައްކާތާ؟ ބައްޕަގެ ނިންމުން ބަދަލެއް ނުވާނެ. އަންނަ ހަފްތާގައި ކައިވެނި ކުރެވޭނެ. އެންޑް ދެޓްސް ފައިނަލް."
މުނީރު ހުރީ ގޮތް ދޫކުރާ ގޮތަަކަށް ނޫނެވެ. ބައްޕަ ގޮތް ދޫނުކުރާނެކަން އެނގި ރާދިން އެތަނުން ތެދުވެގެން ދާން ހިނގައިގަތުމާއެކު، މުނީރުވެސް ތެދުވިއެވެ. އޭނާ މައާލްގެ ކައިރީގައި އެބަ އަންނަން ކަމަށް ބުނެލާފައި ރާދިންއަށް ގޮވަމުން، ރާދިންގެ ފަހަތުން ހިނގައިގަތެވެ.
"ރާދިން! ރާދިން!" މުނީރު ބާރަށް ގޮވައިލުމުން، ރާދިން ހުއްޓުނީ ގެއިން ނުކުންނަ ދޮރާ ހިސާބުންނެވެ. އޭނާ ފަސް އެނބުރުނެވެ.
"އިތުރު ވާހަކައެއް ދައްކަން އެބައޮތްތަ؟" ރާދިން ދެބުމަ ގޮށްޖަހައިލަމުން ބުނެލިއެވެ.
"ރާދިންއަށް ކައިވެންޏާ ދެކޮޅު ހަދަން ބައްޕަ ފުރުސަތު ދިނިން. ނުދެންތަ؟ މައާލްއާ ކައިވެނި ކުރަން ބޭނުންނުވާނަމަ މިހުރިހާއެއްޗެއް ދޫކޮށްލާފަ ދިޔުމުގެ އިޚްތިޔާރު ބައްޕަ ދިނިން. ރާދިން ދާކަށް ބޭނުމެއް ނުވި. އެހެންވީމަ ކައިވެންޏާ ދެކޮޅު ހެދުމުގެ ފުރުސަތު ރާދިންއަށް ގެއްލިއްޖެހެން ބައްޕައަށް ހީވަނީ." މުނީރު ބުނެލިއެވެ. ރާދިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިވީ ދުވަސްތަކުގައި މުނީރު އެ ފުރުސަތު އެތަކެއްފަހަރު، ރާދިންއަށް ދިނެވެ. މުނީރު އެ ގޮތަށް ކަންތައް ކުރީ އެ އަރާމު ދިރިއުޅުން ދޫކޮށްލާފައި ރާދިންއަށް ދާން ނުކެރޭނެކަމުގެ ޔަޤީންކަން އޭނާއަށް އޮތްލެއް ބޮޑުކަމުންނެވެ. ރާދިންގެ މިޒާޖު އޭނާއަށް ވުރެ ރަނގަޅަށް އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ.
"ބައްޕާ! އިތުރު ގޮތެއް ހަމަ ނެތްތަ؟" ގޮތް ހުސްވެ މާޔޫސްކަމާއެކު، ރާދިންއަށް ސުވާލުކޮށްލެވުނެވެ. މިނިވަންކަމާއެކު އުދުހެމުންދިޔަ ދޫންޏެއް، ކޮއްޓެއްގެ ތެރޭގައި ހައްޔަރުވެގެން އުޅޭފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. އޭނާގެ ހިތުގެ އިޙްސާސްތަކުގެ އަގެއް އަމިއްލަ ބައްޕަގެ ކުރިމަތީގައި ނެތީބާއޭ ރާދިންގެ ހިތަށް އެރިއެވެ.
"ލޯބިނުވާ މީހަކާ އެކީ ކިހިނެއް އުޅޭނީ ބައްޕާ؟" ރާދިން ސުވާލުކޮށްލިއެވެ.
"އިނީމަ ލޯބިވެވޭނެ." މުނީރު ބުނެލިއެވެ.
"އިންސާނާގެ ހިތަކީ ޕްރޮގްރާމް ކުރެވޭ ރޮބޮޓެއްތަ؟ މީހަކު ބުނީމަ ލޯބިވާން. ބުނީމަ ލޯބިނުވާން."
"ރާދިން. ހުރިހާކަމެއްވެސް ރަނގަޅު..."
"ނުވާނެޔޭ ބައްޕާ! ކިހިނެއްތަ ހުރިހާކަމެއް ރަނގަޅުވާނީ. ބައްޕަ އެއްފަހަރުވެސް އަހަންނަށް ކަމުދާ ކުއްޖެއް ހުރިތޯ އަހާލިނަމަ... ޔެސް ޑޭޑް! އަހަރެން ލޯބިވާ ކުއްޖަކު ހުރޭ..." ރާދިންގެ ވާހަކައާއެކު މުނީރަށް ސިހުން ލިބިގެން ދިޔައެވެ.
"މީގެ ކުރިން ރާދިން ތިކަހަލަ ވާހަކައެއް ނުދައްކާ! ކައިވެނީގެ ވާހަކަ މިހާ ދުވަސްވަންދެން ދެއްކިއިރުވެސް." މުނީރު ބުނެލިއެވެ.
"އެ ފުރުސަތު ބައްޕަ އަހަންނަކަށް ނުދޭ." ރާދިން ބުނެލިއެވެ. އެ އަޑުގައި ކުރިން ހުރި ހަރުކަށިކަމެއް މިހާރަކު ނެތެވެ. ރާދިން ބޭނުންވީ މުނީރުއަށް ވިސްނައިދޭން ކަމުގައި ވީނަމަވެސް، މުނީރު ހީކުރީ ރާދިން އެކަމުން ރެކެންވެގެން ދޮގު ހަދަނީ ކަމުގައެވެ.
"ކޮންތާކު، ކީއްކުރާ ކުއްޖެއްތީ؟ ތި ކުއްޖާގެ ނަން ބުނެބަލަ!" މުނީރު ސުވާލުކޮށްލިއެވެ.
"ނަން ބުނެގެން ބައްޕަ މި ކައިވެނި ހުއްޓުވާނަންތަ؟" ރާދިންވެސް ޖަވާބު ދިނުމުގެ ބަދަލުގައި މިފަހަރުކޮށްލީ ސުވާލެކެވެ. މުނީރު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެހެންވީއިރު ކީއްކުރަން ކުރި ސުވާލެއްތީ؟" އެހެން ބުނެލުމަށްފަހު، ރާދިން ނުކުމެގެން ދިޔުމުން މުނީރު ވިސްނަން މަޑުކޮށްލިއެވެ. މީގެ ކުރިން ދުވަހަކުވެސް ރާދިން އެފަދަ ވާހަކައެއް ނުދައްކާތީ މުނީރު ޔަޤީންކުރީ އެއީ ރާދިން ހަދައިގެން މައާލްއާ ކައިވެނި ނުކުރަން ދައްކާ ބަހަނާއެއް ކަމަށެވެ.
ޖެހިގެން އައި ދުވަހު މުނީރު އޭނާގެ ނިންމުން ބަދަލުނުވާނެ ވާހަކަ ރާދިންގެ ގާތުގައި ބުނުމުން ރާދިން މުނީރަށް ރައްދެއް ނުދިނެވެ.
***
ކޮޓަރީގައި ވިސްނަން އޮތުމަށްފަހު، ރާދިން ގޮސް މައާލްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. މައާލް އެނދުމަތީގައި އިށީނދެގެން އިނދެފައި ކާކުހޭ އަހާ ސުވާލުކޮށްލިއެވެ.
"އަހަރެން މީ... ރާދިން..." ދާދި ގާތުން އިވުނު ރާދިންގެ އަޑާއެކު މައާލް ލާލާ ހުރި ނޭވާވެސް އަރުތެރޭގައި ތާށިވިއެވެ. މީހާ ފިނިވެ ގަނޑުވާގޮތްވިއެވެ.
"ރާ... ރާދިން..." މައާލްއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. ރާދިން އޭނާގެ ކައިރިއަށް އެ އައީ ކޮން ނިޔަތެއްގައިކަމެއް އޭނާއަކަށް ނޭނގުނެވެ. އެކަމުގެ ސަބަބުން ހިތުގައި އުދާސްކަމެއް އުފެދިގެން ދިޔައެވެ. ރާދިންގެ އަޑު ޖެހުމުން އޭނާ ހާސްވަނީއެވެ. ނުތަނަވަސްވަނީއެވެ. ރާދިންގެ ނަފްރަތުގެ ކުރިމަތީގައި އޭނާއަށް ކުރެވޭނެކަމެއް ނެތްކަން އެނގި އެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ.
"އެންމެ ރަނގަޅު! އަހަރެން ކަލެއާ ކައިވެނި ކުރާނަން. އެކަމަކު ކައިވެންޏަށްފަހު އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދުކޮށްގެން ނުވާނެ! އަދި ކަލޭ ޖެހޭނެ މަގޭ ހުރިހާ ޝަރުތަކާ އެއްބަސްވާން. މިކަމަށް ރުހި ގަބޫލިއްޔާ ކައިވެނިކުރަން ތައްޔާރުވޭ!" ރާދިން މައާލްގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ.
"ކޮން ޝަ...ރު...ތެ...އް؟ މައާލް ސުވާލުކޮށްލިއެވެ.
"ވަގުތު ޖެހުނީމަ ބުނާނަން. ނުކުރެވޭވަރުގެ ކަމެއްގެ ވާހަކައެއް ނުބުނާނަން. އެވަރު އޯކޭތަ؟ ބުނެބަލަ! އެއްބަސްތަ؟ ވައި އޭމް އައި އާސްކިން ޔޫ ދިސް. މައިންބަފައިންގެ ވަސިއްޔަތް ފުއްދަންޏާ ޖެހޭނީ އިންނަން އެއްބަސްވާން ތާ..." ރާދިން މަލާމާތުގެ ރާގަކަށް އެހެން ބުނެލުމުން މައާލްއަށް އިސްޖަހައިލެވުނެވެ. ރާދިން އޭނާގެ މަޖުބޫރީ ޙާލަތުގެ ފައިދާ ނަގަނީކަން އެނގި މޭގައި ރިހުމެއް އުފެދުނެވެ. ހަމައެއާއެކު އެ ހިތުގައި ނުތަނަވަސްކަމުގެ އަސަރުތައްވެސް ވެއެވެ. ރާދިންގެ ޝަރުތަކީ ކޮބާހެއްޔެވެ؟ ކައިވެންޏަށްފަހު، ވަރިކުރުން ހެއްޔެވެ؟ ނޫނީ އޭނާ ލައްވާ ވަރިއަށް އެދުން ހެއްޔެވެ؟ ތަފާތު ޚިޔާލުތަކުން މައާލްގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ. މައާލްގެ މޫނުމަތިން ފެނުނު ހާސްކަމުގެ ސަބަބުން ރާދިންއަށް ހަމަޖެހުން ލިބުނެވެ. މިއީ މައާލްގެ ސަޒާއެވެ. އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލި މީހަކަށް ދުވަހަކު އޭނާ މައާފެއް ނުކުރާނެއެވެ.
"އަހަރެން މި ކައިވެންޏަކާ ދެކޮޅެއް ނުހަދާނަން. އަހަރެންގެ މައިންބަފައިން ދުވަހަކުވެސް އަހަންނަށް ދެރަވާގޮތަކަށް ކަމެއް ނުނިންމާ. މިއަދު އެމީހުން ދުނިޔޭގައި ނެތްއިރު، އެމީހުންގެ އެންމެ ފަހުގެ ވަސިއްޔަތް ފުއްދައިދިނުމަށް އަހަރެން ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަން. އެއީ މިއަދު އެމީހުންނަށްޓަކައި އަހަންނަށް ކޮށްދެވޭނެކަމަކީ. ހެޔޮ ދުއާއާ އެ ދެމީހުންގެ ވަސިއްޔަތް ފުރިހަމަ ކުރުން. ރާދިންއަށް ރާދިންގެ މަންމަގެ ވަސިއްޔަތް ފުރިހަމަކުރުން މުހިންމު ކަމަކަށް ނުވިޔަސް އަހަންނަށް އެކަންތައް ވަރަށް މުހިންމު." މައާލް އިސްޖަހައިލިއެވެ. ދެންމެ ރާދިންއާ ދިމާލަށް އޭނާ އެ ބުނި ބަސްތައް އެބުނީ ކިހާ އުނދަގުލުންކަން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.
"އިތުރު ވާހަކަ ނުދައްކާ އަހަރެންގެ ޝަރުތާ އެއްބަސްވާނަންތަ؟" މައާލްގެ ވާހަކައިން ރާދިންގެ ހިތަށް ކުޑަ އުނދަގޫކަމެއް ވެރިވިއެވެ. އެހެންނަމަވެސް، އެ އަސަރުތައް އޭނާ ފޮރުވައިލީ އަޑަށް ހަރުކަށިކަން ވެރިކުރުވަމުންނެވެ.
"އަހަރެން އެއްބަސް. އެކަމަކު އަހަރެން އުންމީދުކުރަނީ ރާދިން ބައްޕަގެ އަގު ވެއްޓޭފަދަކަމެއް ނުކުރާނެކަމަށް. އަދި އެ ބައްޕަގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ވެސް ނުކުރާނެކަމަށް. މައިންބަފައިން ދުވަހަކުވެސް އެމީހުންގެ ދަރިންނަކަށް ދެރައެއް ނޭނދޭނެ. ހިތްހަމަނުޖެހޭ ގޮތަށް ކަންތައްކުރިޔަސް އޭގެ ފަހަތުގައި ފޮރުވިފައިވާނީ ދަރިންނަށްޓަކައި އެމީހުންގެ ހިތުގައި ވާ ލޯބި." މައާލް ބުނެލިއެވެ.
"އަހަރެން ކޮންމެހެން މައާލްގެ ނަސޭހަތް އަޑު އަހާކަށް ނޫނޭ މިއައީ. މިއައީ މި ވާހަކަ ބުނަންވެގެން. އިތުރު ވާހަކައެއް ދައްކާކަށް ނެތިން. އަހަރެން ދަނީ... އަދިވެސް އެއްފަހަރު މިބުނަނީ މިކައިވެނިން މައާލްއަށް އެއްވެސް އުފާވެރިކަމެއް ނުލިބޭނެ. އެކަން ދަނެގެން މިކައިވެނި ކުރަންވާނީ... " ދޮރާ ހިސާބަށް ގޮސް ހުއްޓި އަލުން މައާލްއަށް ބަލައިލުމަށްފަހު، ރާދިން ބުނެލިއެވެ. އޭރުވެސް މައާލް އިންގޮތަށް އިނެވެ. މައާލްގެ މޫނުމަތިން އޭނާއަށް ފެނުނީ ބުނެދޭން ނޭނގޭ ޖަޒުބާތުތަކެކެވެ. އެމޫނުމަތިން އުފާވެރިކަން ނުފެންނަތާނގައި ހިތާމައިގެ އަސަރެއްވެސް ނެތެވެ. ހީވަނީ މިވަމުންދާގޮތް އަދިވެސް ގަބޫލުނުކުރެވިފައި މައާލް އިންހެންނެވެ. ނޫނީ މު މަޖުބޫރީ ޙާލަތާ ރުހިގަބޫލުވެގެން އިންހެންނެވެ. އިތުރު ގޮތެއް ނެތްކަން ޔަޤީންވެ، ތަޤުދީރާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ހިތްވަރު ނެތްހެންނެވެ.
ރާދިން ނުކުމެ ދޮރު ލައްޕައިލުމާއެކު، މައާލް ތުންފަތުގައި ދަތް އަޅައިލިއެވެ. ރާދިންގެ ކުރިމަތީގައި އަމިއްލަ އިޙްސާސްތައް އޮއްބައިލެވުނީ ވަރަށް ހާލުންނެވެ. ރާދިންއަށް ނޭނގުނުނަމަވެސް، އޭނާގެ ހިތުގައިވެސް ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާ އެ ނިންމުން ނިންމީ ކޮންމެހެން ފަސޭހަވެގެންނެއް ނޫނެވެ. އެއީ އޭނާގެ ޙަޔާތުގައި މިހާތަނަށް ނިންމި އެންމެ އުނދަގޫ ނިންމުމެވެ. މައާލްގެ ދެލޮލަށް ކަރުނަތައް ޖަމާވީ ދެނެވެ. އޭނާ ﷲއަށް ވަކީލު ކުރިއެވެ. ޙަޔާތުގައި ދިމާވާކޮންމެ ކަމެއްގައި ހެއްދެވި ފަރާތަށް އިތުބާރުކުރުމަކީ، މާތް ސިފައެއްކަން އޭނާއަށް އެނގެއެވެ. ހަމައެއާއެކު، ﷲ އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެކަން މައާލްއަށް އެނގެއެވެ. އެކަލާނގެ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަނީ ސަބަބަކާ ލައިގެންނެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުތަކުން އަބަދުވެސް އިމްތިހާނު ކުރައްވަވައެވެ. އިންސާނާނުންނަށް އޮތީ ﷲ އަށް އިތުބާރުކޮށް ކެތްތެރިވުމެވެ. ދެ ދުނިޔޭގެ ނަސީބު ލިބޭނީ އޭރުންނެވެ. ދިމާވާ އިމްތިހާނުތަކުގައި ވާގި ހޯދަން ޖެހެނީ ހަމައެކަނި އެކަލާނގެ ހަޟްރަތުންނެވެ. ދުއާއާ މަދަދަށް އެދެން ޖެހެނީވެސް ހަމައެކަނި އެކަލާނގެ ހަޟްރަތަށެވެ.
ދުނިޔެއާ މެދު މާޔޫސްވެ ގޮތްވެފައިވީ މައާލްއަށް ކުޑަވެސް އުންމީދެއް ލިބެނީ އެފަދައިން ވިސްނުމުންނެވެ. ދިރިހުރުމުގެ އުންމީދު އާވަނީ ﷲ ހަނދުމަކުރުމުންނެވެ. ދެލޯ ފުހެލުމަށްފަހު، މައާލް އެނދުގައި ރަނގަޅަށް އޮށޯވެލިއެވެ. ރަޖާ ރަނގަޅުކޮށްލުމަށްފަހު، އޭނާ ދެލޯ މަރައިލިއެވެ. ރާދިންގެ ވާހަކަތަކާ މެދު ނުވިސްނަން އުޅުނު ނަމަވެސް، އެ ވިސްނުންތައް ކިޔަމަން ކުރުވުމަކީ މައާލްއަށް ފަސޭހަކަމަކަށް ނުވިއެވެ.
*****
މައާލްގެ ކޮޓަރިން ނުކުތުމަށްފަހު، ރާދިން އަނެއްކާވެސް މިސްރާބުޖެހީ ބޭރަށް ދިޔުމަށެވެ. މުނީރު އެވަގުތު ގެއަށް ވަންނަނީއެވެ.
"ބޭރަށްތަ؟" އޭނަ ސުވާލުކޮށްލުމާއެކު، ރާދިން ބޯ ޖަހައިލިއެވެ. އިތުރު އެއްޗެއް ނުބުނެ މުނީރު ރާދިން ފަސްދީ ހިނގައިގަތުމުން ރާދިން މުނީރަށް ގޮވައިލިއެވެ. މުނީރު ފަސް އެނބުރި ބަލައިލި ނަމަވެސް، ރާދިން އެހުރި ގޮތަށް ހުރީއެވެ. މުނީރު ވާހަކަ ދެއްކުމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަޅުގަނޑު މައާލްއާ ކައިވެނިކުރާނަން. ބައްޕައަށް ފެންނަ ގޮތަަކަށް ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދަންވީ..." އެހުރި ގޮތަށް ހުރެ ރާދިން ބުނެލިއެވެ.
"ބައްޕަ ވަރަށް އުފާ...." މުނީރަށް ބުނެވުނީ އެވަރަށެވެ. ރާދިން ބާރުބާރަށް ގޮސް ދޮރުން ނުކުމެއްޖެއެވެ. ރާދިން ދިޔަތަން ބަލަން ހުރި މުނީރަށް ﷲ އަށް ޝުކުރު ކުރެވުނެވެ. ރާދިންގެ އެ އެއްބަސްވުމަކީ ހެޔޮ ފާލެއްކަމުގައި އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދެމުން ދިޔައެވެ. ރާދިންގެ ޖަވާބާ މެދު ހިތްހަމަ ޖެހިގެން ހުރެ މުނީރު އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
ގެއިން ނުކުމެގެން ސައިކަލަށް އަރައިގެން ރާދިން ދުއްވައިލިއެވެ. އޭނާ ގޮތެއް ނިންމައިފިއެވެ. އާއެކެވެ. އޭނާ މައާލްއާ ކައިވެނިކުރާނެއެވެ. އެހެންނަމަވެސް ދުވަހަކުވެސް އޭނާ މައާލްއަށް އަނތްބެއްގެ ދަރަޖައެއް ނުދޭނެއެވެ. އެކައިވެނި ވާނީ ހަމައެކަނި ނަމަކަށް ކުރެވޭ ކައިވެންޏަކަށެވެ. އެފަދަ ކައިވެެންޏެއްގައި ދެމިހުންނަން ބޭނުންވާނީވެސް ކޮން އަންހެން ކުއްޖެއްހެއްޔެވެ؟ ކެތްކުރެވޭނީވެސް ވަކިވަރަކަށްތާއެވެ. މައާލްއަށްޓަކައި އޭނާ ރާވާފައިވާ "ސަޕްރައިޒްތައް" ނިއުޅެމުންދާވަރަކަށް މައާލް އޭނާގެ ކައިރިން ވަރިވާން ބޭނުންވާނެކަމުގެ ޔަޤީންކަން ރާދިންއަށް އެބައޮތެވެ. ކައިވެންޏަށްފަހު، އޭނާގެ ފަރާތުން ފިރިއެއްގެ ލޯބި ދުވަހެއްގެ ކޮޅުންވެސް ލިބޭނެކަމަށް އުންމީދުކުރުމަކީ މައާލްގެ ކުށްހީއެކެވެ.
އެހެންޏާ ދުއްވާ ވަރަށް ވުރެވެސް ބާރަށް ސައިކަލުގެ ދުވެލި ބަހައްޓައިގެން ރާދިން ސައިކަލު ދުއްވަމުން ދިޔައިރު އޭނާގެ ސިކުނޑިވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެތައް އިރަކު އެގޮތުގައި އެއްވެސް މިސްރާބެއްނެތި ސައިކަލު ދުއްވުމެއްފަހު، އެންމެ ފަހުން ރާދިން މިސްރާބުޖެހީ ސަޖާ އުޅޭ އެޕާރޓްމެންޓަށް ދިޔުމަށެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު، ގޮސް އެގެއަށް ވަދެ ލިފްޓުން ސަޖާ އުޅޭ ފްލޯއަށް އެރުމަށްފަހު، ރާދިން ބެލް އަޅައިލިއެވެ. ލަސްތަކެއް ނުވެ އެތެރެއިން ސަޖާ ދޮރު ހުޅުވައިލިއެވެ.
ރާދިން ފެނުމާއެކު، ސަޖާ ދޮރުގެ ކަނުގައި ކަހަލަ ގޮތަކަށް ލެނގިލައިގެން ހުރެ މަސްތީ ބެލުމަކުން ރާދިންއަށް ބަލަމުން ދިޔައެވެ. އެ ދެލޮލުން ތަފާތު ވިދުމެއްގެ އަސަރު ފާޅުވަމުން ދިޔައެވެ. ސަޖާ ހުރިގޮތް ފެނި ރާދިންއަށް ސަޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ވަރަށް ފުން ނަޒަރަކުން ބަަލައިލެވުނެވެ. ސަޖާ ލާފައިހުރީ ކަަކުލުން މައްޗަށް އަރާ ވަރަށް ކުރު ފްލޯރަލް ސޯޓެކެވެ. އަތްކެނޑި ޕްލެއިން ޓޮޕްއެއް ލާފައިހުރިއިރު، އޭނާގެ ބަނޑުވެސް ކުޑަކޮށް ހާމަވަމުން ދިޔައެވެ. އެ ބުޅި އިސްތަށިގަނޑު ދޫކޮށްލާފައި އޮތްއިރު ބްލޮންޑް ކުލައިގެ އެ އިސްތަށިގަނޑުގައި އޭރުވެސް ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ހުރުމުން ދެންމެ ފެންވަރައިގެން ނުކުތްކަން އެނގެއެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. މޭކަޕަކާއި ނުލާވެސް ސަޖާ ރީއްޗެވެ. ފިރިހެން ކުދިންގެ ހިތްތައް ދަމައިގެންނަ ފަދަ އަންހެންވަންތަ ސިފަތަކެއް ސަޖާގެ ގައިގައި ހުރެއެވެ.
ރާދިންގެ ހިއްސުތައް ސަޖާގެ އެރީތިކަން ފެނި ހޭލިފަދައެވެ. އޭނާގެ ޒުވާން ހިތަށް މަސްތީ އޮއިވަރެއްގެ އަސަރުތައް ވެރިވާން ފެށިއެވެ. ކަޅިވެސް ޖަހާ ނުލާ ރާދިންއަށް ސަޖާއަށް ބެލެމުން ދިޔައެވެ. ރާދިންގެ އެ ބެލުމުން ސަޖާގެ ތުންފަތް މައްޗަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. އޭނާ އިސްވެ ރާދިންގެ އަތުގައި ހިފާ އެޕާރޓްމެންޓަށް ވައްދައިިލިއެވެ. އެއަށްފަހު، ރާދިންގެ ގައިގައި ބައްދާލިއެވެ. ސަޖާގެ އެ ބީހިލުމާއެކު، ރާދިންއަށް ވެސް ސަޖާއާ ދުރުގައި ހުންނަން އުނދަގޫވިއެވެ. ސަޖާގެ ކޮންމެ ހަރަކާތަކަށް ރާދިން އިޖާބަދެމުން ދިޔައެވެ. ވިސްނުންތަކުން ބަރުވެފައިވާ ސިކުނޑިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހާސްކަން ދުރުވެލިއެވެ. ރާދިން ގޮވައިގެން ސަޖާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ރާދިންވެސް ދެކޮޅު ހަދާކަށް ނޫޅުނެވެ. އޭނާވެސް ސަޖާއާއެކު ގޮސް ކޮޓަރިއަށް ވަނެވެ.
*****
ސަޖާއަށް ހޭލެވުނީ ހެނދުނުވީ ފަހުންނެވެ. ކޮޓަރިން ނުކުތްއިރު، ރާދިން ސޯފާގައި އިށީނދެލައިގެން އިނެވެ. ބޯ މައްޗަށް އުފުއްލާލައިގެން އިންއިރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. ސަޖާ އައިސް ސޯފާގައި އިށީނުމާއެކު، ރާދިން ދެލޯ ހުޅުވައިލުމަށްފަހު، ސަޖާއަށް ބަލައިލިއެވެ.
"ގުޑް މޯރނިންގް..." ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ރާދިން ބުނެލިއެވެ.
"ގުޑް މޯރނިން. ކޮފީއެއް ހަދައިދެންތަ؟" ސަޖާ ސުވާލުކޮށްލުމުން، ރާދިން ބޯ ޖަހައިލިއެވެ. ސަޖާ ތެދުވަން އުޅުނު ވަގުތު ރާދިން ކުއްލިއަކަށް ސަޖާގެ އަތުގައި ހިފެއްޓިއެވެ.
"ކިހިނެއްވީ؟" ސަޖާ ދެބުމަ އަރުވާލިއިރު އޭނާގެ މޫނުމަތިން ހަމަޖެހުން ފެންނަމުން ދިޔައެވެ.
"ނޫން. ކޮފީ ހިފައިގެން އާދެބަލަ!" ރާދިން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ބުނެލުމުން ސަޖާ ކޮފީ ހަދަން އަވަސްވެގަތެވެ. އޭނާ ދެ ކޮފީ ޖޯޑު ހިފައިގެން އައިސް އެއް ޖޯޑު ރާދިންއަށް ދިނުމަށްފަހު، ރާދިންގެ ކައިރީގައި އިށީނދެލިއެވެ. ކޮފީ ބޮމުން ދިޔައިރުވެސް ރާދިން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމުން ސަޖާއަށް އުނދަގޫވިއެވެ. ރޭގައި އެހާ ގާތްކޮށް އުޅެފައި މިހާރު ރާދިންއަށް މިވީ ކިހިނެއްހެއްޔެވެ؟
ރާދު... ކިހިނެއްވީ؟" އެންމެފަހުން ސަޖާ ސުވާލުކޮށްލިއެވެ.
"ސަޖޫ.... އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ." ރާދިން ކޮފީތަށި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު، އޭނާ ސަޖާއަށް ބަލައިލީ މިވަގުތު އޭނާ ސަޖާގެ ހުރިހާ ސަމާލުކަމެއް ބޭނުންވެޔޭ ބުނާފަދައަކުންނެވެ. ސަޖާވެސް ކޮފީތަށި ބަހައްޓަމުން ރާދިންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ރާދިންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.
"ރާދު..."
ރާދިން ސަޖާގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލީ އޭނާގެ ވާހަކަ ވަރަށް ކަނުލާ އަޑުއަހާށޭ ބުނާ އުސޫލުންނެވެ.
"ޝްޝްޝް! ސަޖޫ. އަހަރެން ސަޖޫ ދެކެ ވަރަށް ލޯބިވޭ... އެކަމަކު... މައާލްއާ ކައިވެނި ނުކޮށް އަހަންނަށް ވާކަށް ނެތް. އަހަރެން މިއައީ އެކައިވެންޏަށް އެއްބަސްވެފަ."