އޭނާއަށް ވުރެ ބަދުނަސީބު މީހަކު މި ދުނިޔެމަތީގައި ވާނެހެއްޔެވެ؟

ރޮމުން ދިޔަ މައާލް މަސައްކަތްކުރަމުން ދިޔައީ، ފަހުމާއާއި ޝާކިރުގެ ސޫރަ އޭނާގެ ހިތާ ސިކުނޑީގައި ކުރެހުމަށެވެ. އެ ދެމީހުންގެ ސޫރަ ދެން އޭނާއަށް ނުފެންނާނެކަން މައާލްއަށް އެނގެއެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ބަޔާންކުރާނީ ކިހިނެއްކަން މައާލްއަކަށް ނޭނގުނެވެ. ކެތްކުރަން ކިތަންމެ މަސައްކަތްކުރިނަމަވެސް، މި އިމްތިޙާނަށް އޭނާ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފަހު ފަހަރަށް ނަމަވެސް އެ ދެމީހުންގެ މޫނަށް ބަލައިލަން ކިތަންމެ ބޭނުންނަމަވެސް، އެ ފުރުސަތު އޭނާއަށް ނެތްކަން މައާލްއަށް އެނގެއެވެ. މައާލް އަނގަމަތީގައި އަތް އަޅައިލީ ބާރަށް ރޮވެން ފެށުމުންނެވެ. މުނީރު މައާލް ގޮނޑީގައި ބައިންދާފައި މައާލްއަށް ނަސޭހަތްދިނެވެ. މީ ވަގުތީ ތަނެއްކަމަށާއި މިތަނަކީ އިމްތިޙާނުގެ ގޮވައްޗެއްކަމުގައި މުނީރު މައާލްގެ ގާތުގައި ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

"އެކަމަކު އަހަރެން ބޭނުމޭ މަންމަމެންގެ މޫނު ބަލައިލަން. އެ ފުރުސަތު ކީއްވެތަ އަހަންނަށް ނެތީ؟" ތަޤުދީރާ މެދު ޝަކުވާކުރަމުން ދިޔަ މައާލް އެ ބަސްތައް އޭނާގެ ދުލާ ހިސާބަށް ގެނައެވެ. މުނީރު މައާލް ގެ ގޮނޑި ރާދިއު އޮތް އެނގާ ކައިރިކޮށްލުމުން މައާލް ރާދިއުގެ އަތުގައި އަތް ޖައްސައިލިއެވެ. ތުންފަތުގައި ދަތް އަޅައިލި މައާލްއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްތަކެކެވެ.

މުނީރުއާއި މައާލްއާ ދެމީހުން އެތަނުގައި ތިއްބާ ދޮރުފަތް ހުޅުވާލާފައި ރާދިން އެތާ އެތެރެއަށް ވަނެވެ. މައާލްގެ ގިސްލުމުގެ އަޑު އޭރުވެސް އެތަނުގައި ހަރުލާފައި ހުއްޓެވެ. މުނީރު މާޔޫސްކަމާއެކު ރާދިންއަށް ބަލައިލިއެވެ. ރާދިންއަށް ކުރިއަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. އޭނާއަށް ހުރިތާ ހުރެވުނުއިރު، މައާލްއާ މެދު ވިސްނެމުން ދިޔައެވެ. މައާލްއަށް ވާނެ ގޮތް އޭނާއަށް އަންދާޒާކޮށްލާކަށް ވެސް ނޭނގެއެވެ. ތިމާއާ ގާތްމީހަކު މި ދުނިޔެއާ އަލްވަދާޢު ކިޔުމަކީ ލިބޭނެ އެންމެ ބޮޑު އެއްހިތާމައެވެ. އެ ހިތާމަ ޚުދު އޭނާވެސް ތަޖުރިބާކޮށްފިއެވެ.

"މައާލް! މައާލް ތިހެން ރޯކަށް މަންމައާއި ބައްޕައެއް ބޭނުމެއް ނުވާނެއެއްނު. ދުވަހަކުވެސް އެއިން މީހަކު މައާލްގެ ހިތުގައި ޖެހޭކަމެއް ނުކުރެއެއްނު. ތިގޮތަށް މައާލް ރޮންޏާ އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ކިހާ ދެރަވާނެތަ؟ ހުއްޓާލާ މައާލް! އިންޝާ ﷲ، އަދި މައާލް އެމީހުންނާ ބައްދަލުވާނެ، އެކަމަކު މި ދުނިޔެއަކުން ނޫން. އިރާދުކުރެއްވިއްޔާ ދެން ބައްދަލުވާނީ ސުވަރުގެއިން، އެތަނުގައި އެއްވެސް ދެރައެއް ހިތާމައެއް ނުވާނެ." މުނީރު އެތައް ގޮތަކަށް ވާހަކަ ދައްކައިގެން މައާލް ހަމައަކަށް އެޅުނެވެ. މައާލްވެސް އޭނާގެ ދެލޯ ފުހެލިއެވެ. އަދި އަތުގައި އޮތް ޓިޝޫއިން މޫނު ވެސް ފުހެލިއެވެ. އެއަށްފަހު ނަފްސު ހަމައަކަށް އަޅުވައިލުމުގެ ގޮތުން ހަށިފުރާ ނޭވާއެއް ލިޔެވެ. ތުންފަތުގައި ދަތް އަޅައިލުމަށްފަހު، އެތެރެހަށީގައި އުފެދުމުން ދިޔަ އުދާސްތައް ވަންހަނާކުރަން މައާލް މަސައްކަތް ކުރަމުން ދިޔައެވެ. މުނީރު މައާލްގެ ގޮނޑި އަނބުރައިލީ އެތަނުން ނުކުންނަން ހިނގައިގަތުމަށެވެ.

ބޭރަށް ނުުކުތްއިރު ފުއާދުވެސް އެ ހިސާބާ އަރާ ހަމަވަނީއެވެ. އޭނާ މުނީރު ކައިރީގައި ބުނެލީ ވާހަކައެއް ދައްކައިލަން ޖެހޭ ކަމުގައެވެ. މުނީރު ބޯ ޖަހާލާފައި މައާލްގެ ގާތުގައި، އޭނާ އެބަ އަންނަންކަމުގައި ބުނެލިއެވެ. އަދި ރާދިންގެ ކައިރީގައި މައާލް ގެންދިޔުމަށް އެދުނެވެ. ރާދިން ބޯ ޖަހައިލުމުން މުނީރު ފުއާދާއެކު ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"ވަޅުލުމުގެ ކަންތައްތައް ކިހިނެއްދަނީ؟" ފުއާދު ސުވާލުކޮށްލިއެވެ.

"މިހާރު ބައެއް ކަންތައްތައް ހަމަޖެހިފައިހުރީ. ހޮސްޕިޓަލާ މާދުރުނޫން ހިސާބެއްގައި މިސްކިތެއް ހުރޭ. އެ މިސްކިތުގައި ކަށުނަމާދު ކުރާގޮތަށް މި ބަލަނީ. ދެން ހަމަ އެ މިސްކިތާ އިންވެގެން ހުންނަ ސަހަރާގައި ވަޅުލާގޮތަށް. ބިމުގެ ކަންތައްތައް އޮތް ގޮތެއް ބަލަން ބުނެލައިގެން މިއުޅެނީ." މުނީރު ބުނެލިއެވެ.

"އަހަރެންގެ އެކުވެރިއެއް ހުންނާނެ ތިކަހަލަ ކަންކަމުގައި އުޅޭ، އޭނަކައިރީގައި ބުނެލައިފިއްޔާ ތަންކޮޅެއް އަވަސްވާނެ." ފުއާދު ބުނެލިއެވެ.

"މައްސަލައެއް ނެތް.." މުނީރު ބުނެލިއެވެ.

"އޭނައާ ބައްދަލުކޮށްލަން ދާންވީނު. އެބަހުރި ހޮސްޕިޓަލްގައި." ފުއާފު އެހެން ބުނުމުން މުނީރު އޭނާއާ އެކު ހިނގައިގަތެވެ.

***

މުނީރުއާ ފުއާދާ ދެމީހުން ދިޔަތަން ބަލަން ހުރުމަށްފަހު، ރާދިން ގޮނޑި ދުއްވައިލަން އުޅުނު ވަގުތު މައާލްގެ އަތުގައި އޮތް ޓިޝޫކޮޅު ވެއްޓުނެވެ. ރާދިންގެ ލޮލުގައި އެ މަންޒަރު އަޅައިގަތުމާއެކު، އޭނާ ގޮސް އެ ޓިޝޫކޮޅު ނެގިއެވެ. އެވަގުތު މައާލް ނޭފަތް އެތެރެއަށް ދަމައިލި އަޑު އިވި އޭނާއަށް މައާލްއަށް ބަލައިލެވުނެވެ. މައާލް އިނީ ލޯ މަރައިލައިގެންނެވެ. ހީވާކަހަލައެވެ. އެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް މީހަކަށް ދައްކާކަށް މައާލް ބޭނުމެއް ނޫނެވެ. މައާލްގެ އަތުގައި ވި މަޑުމަޑު ތުރުތުރު ރާދިންގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ ކުޑަކޮށް ކަންބޮޑުވިއެވެ. މަޑުމަޑުން އެއްކަކޫ ޓައިލްސްތަކުމަތީގައި ޖައްސައިލާ އިށީނދެލުމަށްފަހު، އޭނާ މައާލްގެ އަތަށް އެ ޓިޝޫކޮޅު ލައިދިނެވެ. އެވަގުތު މައާލްގެ މަޑު އަތް ތިލައިގައި އޭނާގެ އަތް ބީހިލިއެވެ. ކުޑަކޮށް ސިހުން ލިބި، މައާލްއަށް ވެސް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ.

ރާދިން މައާލްގެ ދެލޮލަށް ބަލައިލިއެވެ. އެއާއެކު އޭނާއަށް ކަޅިޖަހައިނުލާ މައާލްގެ އެ ދެލޮލަށް ބަލަން ހުރެވުނެވެ. އެއީ މައާލްގެ ދެލޯ އެހާ ކައިރިން އޭނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ބޮޑު ދެލޮލެވެ. ކަޅުކަން ގަދަ ދިގު އެސްފިޔަ ތަކަކުން އެ ދެލޮލަށް ހިޔާއެޅިފައިވާއިރު ފުރިހަމައެވެ. އެ ފުރިހަމަކަމަށް އިތުރު ދިރުމެއްގެނެސްދެނީ މައާލްގެ ދެލޮލުގެ ކުލައެވެ. އެމްބާރ ކުލައިގެ އެ ފަދަ ޖާދުވީ ލޮލެއް މީގެކުރިން ރާދިންއަށް ފެނިފައެއް ނުވެއެވެ. އެއީ ސިހުރަވީ ދެލޮލެވެ. މައާލްގެ ލޮލަށް ނުފެނުނު ނަމަވެސް، އެ ދެލޮލުގައި ވަނީ ކޮންފަދަ ބާރެއްހެއްޔެވެ؟ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި ރާދިންގެ ހުރިހާ ހިއްސެއްވެސް ހީވަނީ ބަދެލާފައި ވާހެންނެވެ. އެދެލޮލާ ނަޒަރުވެސް ވަކިކޮށްލަން ނޭނގިފައި ރާދިންއަށް އިނދެވުނެވެ. މީގެ ކުރިން އެފަދަ އަޅައިގަންނަ ދެލޮލެއް އޭނާއަށް ފެނިފައެއް ނުވެއެވެ. އެއީ ކޮންފަދަ ފުރިހަމަ ދެ ލޯ ހެއްޔެވެ؟ މައާލްގެ ލޮލުގައި އެ ވަނީ ކޮންފަދަ ފުންކަމެއްހެއްޔެވެ؟ އެ ދެ ލޯ ކިތަންމެ ރީތިވިޔަސް މިއަދު އެ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނާ ކެކުޅުމެވެ. ބޮޑު ވޭނެއް ބަރުދާސްތުނުކުރެވިގެން އުޅޭކަން ފާޅުކޮށް އެދެލޮލުން ބުނެދެމުން ދިޔައެވެ. ދުލުން ނުބުނި ކަމުގައިވީނަމަވެސް، އެ ދެލޮލުން އިންތިހާ ދަރަޖައިގެ ޝަކުވާ ރާދިންއަށް ފެންނަމުން ދިޔައެވެ. މައާލްއާށް ހިތްވަރު ދިނުުމުގެ ގޮތުން ބަހެއް ބުނެލަން ކިތަންމެ ބޭނުންވިޔަސް، ބުނާނެ އެއްޗެއް ރާދިންގެ ސިކުނޑިއަކަށް ނައެވެ.

"ތީ... ތީ ރާދިއުގެ ކޮއްކޮ ދޯ؟" ރާދިންއަށް ހަމަބިމަށް އާދެވުނީ މައާލް ވާހަކަ ދެއްކުމުންނެވެ.

"އަ.. އާނ..." ރާދިން ބުނެލިއެވެ. އެއަށްފަހު، އޭނާ ތެދުވެލާ ގޮސް މައާލްގެ ގޮނޑި ދުއްވައިލިއެވެ. މައާލް އޭނާ އޮތް ތަނަށް ގެންގޮސްފައި ރާދިން ބޭރަށް ނުކުމެލިއެވެ. އެއަށްފަހު، ވެއިޓިން އޭރިޔާގައި މަޑުކޮށްލިއެވެ. މުނީރު އައީ އޭނާ އެތަނުގައި ހުއްޓައެވެ. އޭރު މުނީރު ކައިރީގައި ޑޮކްޓަރު ސްޓެފަންވެސް ހުއްޓެވެ. އޭނާ ބުނީ މައާލް ޕްރައިވެޓް ރޫމަކަށް ބަދަލުކުރުމުގެ ހުއްދަ މިރޭ ދޭނެކަމުގައެވެ. އިތުރު ފަރުވާއެއް ފެށޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންކަމުގައެވެ. ޑޮކްޓަރ ސްޓެފަން އެތެރެއަށް ވަނުމުން މުނީރު ބޭރުގައި މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ރާދިންއަށް ބަލައިލުމަށްފަހު، ވާހަކަދެއްކިއެވެ.

"ހުރިހާކަމެއް ހަމަޖެހިއްޖެ. މާދަން އަސުރަށްފަހު ވަޅުލާގޮތަށް މިހާރު. ދެން ކަށުނަމާދަށް މައާލް ގެންދިޔުމުގެ ހުއްދަވެސް ޑޮކްޓަރ ދެއްވައިފި. އެކަމަކު މާގިނަ އިރަކަށް ނޫން. ހަމަ ނިމޭގޮތަށް އަނބުރާ ހޮސްޕިޓަަލަށް މައާލް ގެންނަން ޖެހޭނީ..." މުނީރު ބުނެލިއެވެ.

މާގިނައިރުތަކެއްނުވެ ނަރުސް ކުއްޖަކު މައާލްގެ އެހީތެރިއަކަށް ގޮވައިލިއެވެ. މުނީރު ދިޔުމުން ނަރުސްކުއްޖާ ބުނީ މައާލް ރޫމަށް ބަދަލުކުރާ ވާހަކައެވެ. ރޫމަށް ލާރިދައްކާހަދާފައި މުނީރު އައިއިރު އެތަނުގައި އޭރުވެސް ރާދިން ހުއްޓެވެ. މައާލް ބަދަލުކުރެވުނީ އެ ހޮސްޕިޓަލުގައި ހުރި އެންމެ ފުރިހަމަ ޕްރައިވެޓް ވާރޑުގެ ކޮޓަރިއަކަށެވެ. އެއީ ތަނަވަސް ބޮޑު ކޮޓަރިއެވެ. ކޮޓަރިތެރޭގައި މަޑުމަޑު ފެހިކުލައެއްގެ ސޯފާސެޓެއް ބެހެއްޓިފައިވާއިރު، ސޯފާތަކުގެ ކުރިމަތީގައި ކުޑަކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. އޭގެ އިތުރުން ފްރިޖަކާއި ފެންކައްކާ ޖަގާއި، އެއްޗެހި ބަހައްޓާ ކަބަޑުގެ އިތުރުން އަލަމާރިއާއި ޓީވީވެސް ހުއްޓެވެ. އެ ތަނަވަސްކޮޓަރިތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބޭރުފެންނަ ގޮތަށް ހުރި ކުޑަދޮރުތަައް ފޮރުވަން ދަމާލާފައިވާ މަޑު ފެހިކުލައިގެ ދޮރުފޮތިތަކުގެ ސަބަބުންނެވެ.

ޑޮކްޓަރު ސްޓެފަންއާ ކުޑަ ވާހަކައެއް ދައްކައިލުމަށްޓަކައި މުނީރު ބޭރަށް ނުކުމެލީ އޭނާ ދާ ވާހަކައާއި ރާދިން އެތަނުގައި ހުރި ވާހަކަވެސް މައާލްގެ ގާތުގައި ބުނެލާފައެވެ. ރާދިން ގޮސް ދޮރުފޮތިތައް ކަހައިލިކަން މައާލްއަށް އެނގުނެވެ. ރާދިން ބޭރު ބަލައިލިއެވެ. ތޭވީސްވަނަ ފަންގިފިލާގައި ހުރެފައި ބޭރު ބަލައިލާއިރު، ދުރުދުރުން އެތައް ހާސް އިމާރާތްތައް ފެންނަމުން ދިޔައިރު ވަރަށް ހިތްގައިމެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު އެ އިމާރާތްތަކުގައި ދިއްލާފައިވާ ލައިޓްތައްވެސް ހީވަނީ އުކާލާފައިވާ ކުދި ކުދި ޖަވާހިރުތަކެއްހެންނެވެ. އެހެން ހުރެލާފައި ރާދިން މައާލްއަށް ބަލައިލިއެވެ. މައާލް ނުރުއެއްކަމަކު އެހިތުގައި ހިނގާނޭ އިހްސާސްތައް އޭނާއަށް ވެސް ވަޒަންކޮށްލެވެއެވެ.

*****

އިރުކޮޅަކުން މުނީރު އައުމަށްފަހު، އޭނާ ރާދިންގެ ގާތުގައި އެދުނީ އަރާމުކޮށްލަން ގެއަށް ދިޔުމަށެވެ. ރާދިން ދެކޮޅު ހެދުމުން މުނީރު ވާހަކަ ދެއްކިއެވެ.

"މާދަންވެސް ވަރަށް ބުރަ ދުވަހަކަށް ވާނީ. މިހާރު ދެން ހުރިހާކަމެއްވެސް މިނިމުނީ. މާދަން ހެނދުނު ދަރިފުޅު އާދޭ މިކޮޅަށް. ޝާކިރުބެމެންގެ ޑްރައިވަރު ހުންނާނެ ތިރީގައި މަޑުކޮށްގެން." މުނީރު ބުނެލިއެވެ. ރާދިންވެސް އެކަމާ ދެކޮޅެއް ނުހަދައެެވެ. ހަޤީގަތުގައިވެސް އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ބޭނުންވަނީ ކުޑަވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލާށެވެ. މުނީރުއަށް ބަލައިލާފައި ބޯޖަހައިލުމަށްފަހު، ރާދިން ވާހަކަ ދެއްކިއެވެ.

"ބައްޕަވެސް އަރާމުކޮށްލަން ބޭނުންވާނެއެއްނު."

"ބައްޕަ ދެން މިކޮޅުގައި ނިދާލާނީ. މިތަނުގައިވެސް ނިދެން އެބަހުއްޓެއްނު. ބައްޕައާ މެދު އެހާ ކަންބޮޑުނުވެބަލަ! ގޮސް ފެންވަރާ ތާޒާވެލައިގެން އަރާމުކޮށްލާ." މުނީރު ރާދިންގެ ކޮނޑުގައި އަތްޖައްސައިލުމަށްފަހު، ބުނެލިއެވެ. ރާދިން ނުކުމެގެން ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު މައާލްއަށް ބަލައިލިއެވެ.

ރާދިން ތިރިއަށް ދިޔައިރު އެތަނުގައި ފުއާދުވެސް ހުއްޓެވެ. ޑްރައިވަރު ރާދިންއަށް ދައްކައިލީ ފުއާދެވެ. ރާދިން ކާރަށް އަރާ އިށީނުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ބިއްލޫރިގަނޑުން ބޭރު ބަަލަން އިން ރާދިންގެ ސިކުނޑީގައި ޚިޔާލުތައްވަނީ ފުނިޖެހިފައެވެ. އޭނާގެ ބޮލުގައިވެސް މަޑުމަޑު ރިހުމެއްހުއްޓެވެ. ލޯމަރާލާފައި ގޮނޑީގައި ލެނގިލަމުން ފުންނޭވާއެއް ދޫކޮށްލުމާއެކު، އޭނާ ނިތުގައި އަތް ހިންގައިލިއެވެ. ގެއާ ހިސާބަށް ދެވެންދެންވެސް ރާދިން އޮތީ އެހެންނެވެ. އޭނާ ދެލޯ ހުޅުވައިލީ ޑްރައިވަރު ގޮވައިލުމުންނެވެ.

"ސާރ.."

ރާދިން ދޮރުހުޅުވާލާފައި ނުކުމެލިއެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެއީ ހިތްގައިމު ހިސާބެކެވެ. އަނދިރިކަމުން މާ ރީތިކޮށް ތަންތަން ވަކި ނުވިއެއްކަމަކު އެއީ ހިތްގައިމު ގޯއްޗެކެވެ. ރާދިން ލައިގެން ހުރީ ބޯ ޖެކެޓެއް ނަމަވެސް، އިރުކޮޅަކު ބޭރުގައި މަޑުކޮށްލުމުންވެސް ރާދިންގެ ހަށިގަނޑަށް ފިނީގެ އަސަރުކުރަން ފެށިއެވެ. ފިނިމޫސުމް ފެށެންއުޅޭ ދުވަސްކޮޅަށް ވުމާއެކު އާދަޔާ ޚިލާފް ފިނިކަމެއް މުޅި ފަޒާގައި ހިފާލާފައި ވެއެވެ. ރާދިން ގޭތެރެއަށް ވަނީ ސެކިއުރިޓީއަކަށް ހުރި މީހާ ގެ ހުޅުވައިދިނުމުންނެވެ. ރާދިން ގޭތެރެއަށް ވަށައިގެން ބަލައިލިއެވެ. ގޭގެ ހައިބަވަންތަކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައިރު، ގޭތެރެއިން ފެންނަނީ ޝާހީކަމާއި މުއްސަނދިކަމެވެ. މަތީގައި އެލުވާފައިހުރި ބޮޑެތި ޗާނދަލިތަކުގެ ހިތްގައިމު އޮރެންޖްއަލިން މުޅިތަނަށް ހުފަވެނީ ދިރުމެއް ގެނުވާފައިވީނަމަވެސް، އެ ރީތިކަމަކުން ރާދިންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މައްޗަށް އެރެން ސިޑިއެއް ހުއްޓެވެ.

ރާދިންއަށް ކޮޓަރިވެސް ދެއްކީ ސެކިއުރިޓީ މީހާއެވެ. ރާދިން ކޮޓަރިއަށް ވަތްއިރު އޭނާގެ ސާމާނުތައްވެސް ކޮޓަރިތެރޭގައި ހުއްޓެވެ. ރާދިން ވަށައިގެން ކޮޓަރިއަށް ބަލައިލިއެވެ. ޖާގަ ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ކިންގްސައިޒް އެނދެެއްގެ އިތުރުން ބޮޑު އަލަމާރިއަކާއި ޑްރެސިންޓޭބަލްއެއްގެ އިތުރުން ސްޓަޑީ ޓޭބަލްއެއްވެސް އެތަނުގައ ހުއްޓެވެ. އެއްފަރާތުގައި ސޯފާސެޓެއް ހުރިއިރު، އެނދުގެ ހެޑްބޯޑާ ދިމާ މަތީގައި ވަރަށް ރީތި ކުރެހުމެއް ބޮޑު ކެންވަސްއެއްގައި ކުރަހާފައި ހުއްޓެވެ. އޭނާ އެންމެ ހައިރާންވީ އެއީ ރާއްޖެތޭގެ ރަށެއްގެ ގޮނޑު ދޮށެއްގެ ކުރެހުމެއްކަމުގައި ވީތީއެވެ.

އެއްޗެހި ބަދަލުކޮށްލަން އުޅުނު ރާދިން ކަރުހިއްކާފައިހުރުމުން ކޮޓަރި ތެރޭގައި ފެންފުޅިއެއް ހުރިތޯ ހޯދައިލިއެވެ. ފެން ނެތުމުން، އޭނާ މަޑުމަޑުން ކޮޓަރިން ނުކުތެވެ. ބަދިގެ ހުންނަނީ ސީދާ ކޮންތާކު ކަން ރާދިންއަކަށް ނޭނގުނުނަމަވެސް، ހޯދާކަށް މާ އުނދަގުލެއް ނުވިއެވެ. ގޭތެރެ ކުޑަކޮށް ބަލައިލެވުނު ރާދިންއަށް އެގޭގެ ފުރިހަމަކަން ވިސްނުނެވެ. ފްރިޖުން ފެންފުޅިއެއް ނަގައިފެން ފެންބޮއިގެން ރާދިން ނުކުމެލީ ސިޓިން ރޫމަށެވެ. އޭނާގެ ލޮލުގައި ސިޓިން ރޫމާ ދިމާ އެއްފަރާތު ފާރުގައި ހުރި ދޮރު އަޅައިގަތީ ދެނެވެ. ކުޑަކޮށް ހައިރާންކަމެއް ލިބުނީ އެ ދޮރު އެ ގޭގެ އެހެން ހުރިހާ ދޮރަކާ ތަފާތު ވީމައެވެ. ހުދުކުލައިގެ އެ ދޮރުގައިވަނީ ހިތްގައިމު ކުރެހުމެކެވެ. ފިޔާތޮށިކުލައިގެ އެކި "ޝޭޑް"ތަކުން ކުރަހާފައިވާ އެ ކުރެހުން ބޮޑަށް ވައްތަރީ ފެންއެއްޗެއް ތެރެއަށް ކުލަތަކެއް އޮއްސާލީމާ ހުންނަ ފަދަ ގޮތަކާއެވެ.

ރާދިންއަށް އެ ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެ ދޮރާ ހިސާބުން އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އޭނާ ދޮރުގެ ތަޅުގައި ހިފައިލާ ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. އެއާއެކު ރާދިންއަށް ލިބުނީ ހައިރާންކަމެކެވެ.

 

ކޮމެންޓް 0