"އެހެންތަ؟ ހީކުރަނީތަ؟ ލާހިކެއް ނޫން..." ރާދިން ހަޅޭއްލަވައިގަތުމަށްފަހު، މައާލްގެ އަނގަމަތީގައި ހިފަން އުޅުނު ވަގުތު އޭނާއަށް ސިހުން ލިބިގެން ދިޔައީ މީހަކު އޭނާއަށް ގޮވާލުމުންނެވެ.
"ރާދިން."
ފަސް އެނބުރި ބަލައިލިއިރު ,އޭނާއާ ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރީ މުނީރު ނޫން ދެވަނަ މީހެއް ނޫނެވެ. މުނީރުގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައިރު، އޭނާ އެހުރީ ރާދިންގެ އަމަލުން ވަރަށް ހިތްހަމަނުޖެހިފައިކަން އެނގެއެވެ. މުނީރުއަށް ބަަލައިލާފައި މައާލްއަށް އަވަސް ނަޒަރެއް ދީފައި ރާދިން ދުރަށް ޖެހިލިއެވެ. މުނީރުއާ ނަޒަރު ސީދާކޮށްލައިގެން ހުންނަން ނުކެރުމުން ރާދިން ދުރު ބަލައިލިއެވެ.
މުނީރުގެ އަޑު ޖެހުމާއެކު މައާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ޙިމާޔަތުގައި މުނީރު ހުރިކަން އެނގި މައާލްއަށް ކޮންމެެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މުނީރު ހުއްޓާ ރާދިންއަށް އޭނާއަށް ހިތުހުރިހާ ގޮޮތެއް ހަދަން ނުކެރޭނެކަމުގައި މައާލްއަށް އެނގުނު ނަމަވެސް، ކައިވެންޏަށްފަހު ރާދިންގެ ފަރާތުން ކުރިމަތިވާނެ އަނިޔާވެރިކަމެއް ނޭނގޭތީ މައާލްގެ ހިތަށް ކޮންމެވެސް ވަރަކަށް ފިނިވެލިއެވެ. ހިތުގެ ހިނގުންވެސް އަވަސްވެލިއެވެ.
"ރާދިން! ކިހިނެއްތަ ތިއުޅެނީ؟ މައާލް އެއްޗެކޭ ނުބުންޏަސް އޭގެ މާނައެއް ނޫން އެއީ ހިތުހުރިހާ ގޮތަކަށް ރާދިންއަށް މައާލްއާ ދޭތެރޭ ކަންތައް ކުރެވޭނެއޭ..." މުނީރުގެ ހަރުކަށި އަޑު ރާދިންގެ ކަންފަތުގައި ޖެހުމާއެކު، އޭނާ ދަތްކުނޑި ވިކަައިލިކަން ރާދިންގެ ކަތުރުކަށިގަނޑަށް ގެނައި ހަރަކާތުން އެނގުނެވެ.
"ކޮންތާކުން ތިއައީ؟" މުނީރު ސުވާލުކޮށްލިއެވެ.
"ބައްޕައަށް އެނގޭނެއެއްނު މިއައި ތަނެއް. ނޭނގިގެނެއް ނޫނެއްނު ސުވާލު ތިކުރަނީ..." ރާދިންގެ އަޑުގައި ހަރުކަށިކަން ވެއެވެ. ހަޤީގަތުގައި މުނީރުއާ އެގޮތަށް ވާހަކަ ދައްކާކަށް ރާދިން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، އޭނާއަށް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްނުކުރެވުނީއެވެ. މަންމަ ނިޔާވުމަށްފަހު، ބައްޕަ އޭނާއާ ރާދިއުއަށް އަރާމު، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެތަކެއް ޤުރުބާނީއެއް ވިއެވެ. މުނީރު މިހާ ދުވަސްވިއިރު އިތުރު މީހަކާ ކައިވެނިނުކޮށް ހުރި ސަބަބަކީވެސް އޭނާއާ ރާދިއު އެވެ. މުނީރު އޭނާގެ ދަރިންނަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވާކަމުގައި އަބަދުވެސް ބުނާނެއެވެ. ރާދިއު އާ ރާދިންއަށް އަނިޔާވެރިވެވޭނެ ކުޑަވެސް ފުރުސަތެއް ދޭން މުނީރު ބޭނުންނުވާތީއެވެ. މަންމައެއް ނެތެއްކަމަކު، މަންމައެއްގެ އުނިކަން ފޫބައްދައިދޭން މުނީރު އެތަކެއް މަސައްކަތެއް ކުރިއެވެ. ބައްޕައެއްގެ އިތުރުން މަންމައެއްގެ ލޯބި އެ ދެމީހުންނަށް ވެސް މުނީރު ދިނެވެ.
"ތީތަ ބައްޕައާ ވާހަކަ ދައްކަން ރާދިންއަށް ދަސްވެފަ ހުރި ގޮތަކީ؟" މުނީރު ބުނެލިއެވެ.
"ބައްޕައަށް ވެސް އަޑެއް ނީވޭ މި ބުނާ އެއްޗެއް. ކިތަށް ފަހަރުތަ ބުނަންވީ އަހަރެން ބޭނުމެއް ނޫނޭ މައާލްއާ އިންނާކަށް. ކީއްވެތަ ތި މަޖުބޫރުކުރަނީ؟" ރާދިން މުނީރަށް ބަލައިލިއެވެ.
"މީ ރާދިންއަށް ރަނގަޅަކަށް. މައާލްއަށް ރަނގަޅަކަށް. ދުނިޔޭގައި ނެތް ރާދިންގެ މަންމަގެ ވަސިއްޔަތް ފުރިހަމަކޮށްދޭން. ރާދިންއަށް ކީއްވެތަ ނުވިސްނެނީ؟" މުނީރު ބުނެލިއެވެ.
"ނުވިސްނެނީއެއް ނޫން. އެކަމަކު..."
"ރާދިން! ހަމަޖެހިގެން ވިސްނާލާ. ކުރިން ރޭ ބައްޕަ ދެއްކި ވާހަކަތަކާ މެދުވެސް ވިސްނާތި..." މުނީރު ރާދިންގެ ވާހަކަ ހުއްޓުވުމަށްފަހު، ބުނެލިއެވެ. އެހެން ބުނުމާއެކު، ރާދިންއަށް ބަލައިލެވުނީ މައާލްއަށެވެ. އިތުރު ގޮތެއް ނެތި ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަ އިޙްސާސްއެއް ރާދިންއަށް ކުރެވުނެވެ. ގޮނޑިމަތީގައި އޮތް ދަބަސް ހިފައިގެން އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ރާދިންއަށް ބަލައިލުމަށްފަހު، މުނީރު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ މައާލްއާ ވާހަކަ ދެއްކިއެވެ.
"މައާލް! މައާލް ހާސްނުވައްޗޭ. ރާދިންއަށް ދެނެއް ނުކެރޭނެ މައާލްއާ ދޭތެރޭ އެހެން ކަންތައް ކުރާކަށް. މުނީރުބޭ އެ ޔަޤީންކަން މައާލްއަށް ދެން. މުނީރުބޭއަށް އިތުބާރުކުރޭ. މައާލް ފަހުން ހިތާމަކުރާކަށް އިރާދުކުރެއްވިއްޔާ ނުޖެހޭނެ!" މުނީރު ބޭނުންވީ މައާލް ހިތްހަމަ ޖައްސުވައިދޭށެވެ. މުނީރުގެ ވާހަކައަށް މައާލް ބޯ ޖަހައިލި ނަމަވެސް، އޭނާގެ ހިތުގައި ނުފިލާ ބިރުވެރިކަމެއް ވެއެވެ. ރާދިންގެ އިންޒާރުތައް މަތިން އޭނާ ހަނދާން ނައްތައިލާނީ ކިހިނެއްހެއްޔެވެ؟ ރާދިންއާ ކައިވެނިކުރަން ނިންމި ނިންމުން އަނބުރާ ގެންނަން ލަސްވެއްޖެހެއްޔެވެ؟ މަންމެންގެ އެދުމަށް ދެކޮޅު ހަދަންވީހެއްޔެވެ؟ ނޫނެކެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ މަންމަމެން ބުނާ ގޮތަށް ކަންތައް ކޮށްގެން ދެރަގޮތެއް ވެފައެއް ނެތެވެ. ވީއިރު މިފަހަރުވެސް އިރާދުކުރެއްވިއްޔާ އެފަދަ ގޮތަކަށް ކަންތަކެއް ނުވާނެއެވެ.
"މައާލް! މުނީރުބޭ އެބައޮތް އެހެން ވާހަކައެއް ވެސް ދައްކައިލަން ބޭނުންވެފަ." އެހެން ބުނެލުމަށްފަހު، މުނީރު އެތަނުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
"މައާލް! މައާލްގެ ބައްޕަގެ ގެއެއް މިކޮޅުގައި ހުންނަކަން މައާލްއަށް އެނގޭދޯ..." މުނީރު ސުވާލުކޮށްލުމުން މައާލް އާނއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"އެގޭގައި އުޅެނީ ޖަރުމަނު ބައެއް. މައާލް ބައްޕަ ރާއްޖޭން ބޭރަށް ބަދަލުވީއްސުރެވެސް އެގެ ހުންނަނީ ޖަރުމަނުގެ މުއްސަނދި މީހަކަށް ކުއްޔަށް ދީފައި. މިހާރު އެމީހުން އެ ގެ ދޫކޮށްލަންވެގެން އުޅެނީ. އެހެންވީމަ އެކަމާ ވާހަަކަ ދައްކާލަންވެގެން މިކޮޅުގައި ހުންނަ މައާލްގެ ބައްޕަގެ ލޯޔަރު ބޭނުންވޭ އެބަ. އަދި އިތުރުބައެއް ކަންތައްތައް ވެސް ހުރީމައާ އެކީ. މައާލްއަށް ފަހަރެއްގައި ނަން އަޑު އިވިފަ އޮވެދާނެ. ޒާހިދު ކިޔާ އަޑު އަހަންތަ؟" މުނީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ބައްޕަ ތިހެން ކިޔާތީ އަޑު އަހަން. އެކަމަކު ކާކުކަމެއް ނޭނގޭ..." މައާލް ބުނެލިއެވެ.
"މުނީރުބޭ ބުނަންތަ ޒާހިދު ކައިރީގައި މިގެއަށް އަންނަން މިރޭގެ ވަގުތެއްގައި. އޭރުން މައާލްއަށް ވެސް ސުވާލެއް އޮތިއްޔާ ކޮށްލެވޭނެ. މުނީރުބޭއަށް ވުރެ ބޮޑަށް ހުރިހާކަމެއް ވެސް އޮޅުން ފިލުވާލަދޭން އެނގޭނީ ލޯޔަރަށްވީމަ." މުނީރު މައާލްގެ ބޮލުގައި ފިރުމައިލިއެވެ.
"އެންމެ ރަނގަޅު. މުނީރުބޭ ހުންނާނަން ދޯ." މައާލް މަޑުމައިތިރިއަޑަކުން ބުނެލިއެވެ.
"އާ. މުނީރުބޭ ހުންނާނަން. ޒާހިދު މައާލްއާ ބައްދަލުކުރުވަން ކިޔާތާ ދުވަސްކޮޅެއްވެއްޖެ. އެކަމަކު މުނީރުބޭ މަޑުކުރީ މައާލް ހަމައަކަށް އެޅިލަންދެން." މުނީރު ބުނެލިއެވެ. އިރުކޮޅަކު މައާލްއާ ވާހަކަ ދައްކައިލަން އިނުމަށްފަހު، މުނީރު ފޯނުކޯލެއް އައިސްގެން ކުޑަކޮށް ދުރަށް ޖެހިލިއެވެ.
އެއަށްފަހު އޭނާ އައިސް މައާލްގެ ކައިރީގައި ޑޮކްޓަރަށް ދައްކަން ދާންވީކަމުގައި ބުނެލިއެވެ. މުނީރު މައާލް ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ބުނީ މީގެ ދެހަފްތާފަހުން ޕްލާސްޓަރު ނެގޭނެކަމުގައެވެ. އެހެންނަމަވެސް ޕްލާސްޓަރު ނެގުމަށްފަހު، ޕިޒިއޯތެރަޕީ ހަދަން ޖެހޭނެކަމުގައެވެ.
*****
އެރޭ މައާލްއާ ބައްދަލުކުރަން އެގެއަށް ޒާހިދު އައެވެ. މުނީރު ޒާހިދު ގެންގޮސް ސޯފާގައި ބައިންދާފައި ވާހަކަ ދެއްކިއެވެ.
"ކޮފީއެއްތަ؟ ނޫނީ ފިނިއެއްޗެއްތަ؟" މުނީރު ސުވާލުކޮށްލިއެވެ.
"މީ އޯކޭ ވާނެ ކޮފީއެއް." ޒާހިދު ހިނިތުންވެލުމަށްފަހު، ބުނެލިއެވެ. މުނީރު އެމާއަށް ގޮވާލާފައި ކޮފީ ތައްޔާރުކުރަން ބުނެލާފައި މައާލް ގެނެސްދިނުމަށް އެދުނެވެ.
އެމާ މައާލް ގެނެސްފައި ބަދިގެ ފަރާތަށް ދިޔުމުން ޒާހިދަށް ސުވާލުގެ ނަޒަރަކުން މުނީރަށް ބަލައިލެވުނެވެ. އޭނާ ކޮންމެވެސް ޖަވާބެއް ބޭނުންވާ ފަދައެވެ. މުނީރު ބޯ ޖަހައިލުމުން ޒާހިދުގެ ޝައްކު ޔަޤީނަށް ބަދަލުވެ، މައާލްއާ މެދު ޙަމްދަރުދީވެވުނެވެ.
ޒާހިދަކީ އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އޭނާއަކީ ފެށުނީއްސުރެވެސް ޝާކިރުގެ ލޯޔަރުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. ޒާހިދަކީ ތެދުވެރި މަސައްކަތަށް ފަރުވާ ބަހައްޓާ އިޚްލާސްތެރި މީހެކެވެ.
"މައާލް! މީ ޒާހިދު. މައާލްގެ ބައްޕަގެ ލޯޔަރު." ޒާހިދު ތަޢާރަފްވެލިއެވެ. މައާލް ބޯ ޖަހައިލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.
"މައާލްއާ ބައްދަލުކޮށްލަން ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ. ވަރަށް ބައިވަރު ވާހަކަތައް ދައްކަން ބޭނުންވެފަ އެބަހުރި. ހިނގާ ކޮންމެވެސް ހިސާބަކުން ފަށަމާ ދޯ. އޭރުންތާ ކުރިއަށް ދާނީ ދޯ މުނީރު." ޒާހިދު މުނީރަށް ބަލައިލިއެވެ.
"ޒާހިދު ދައްކަން ބޭނުންވާ ކޮންމެ ވާހަކައެއް މައާލްއާ ދައްކަންވީ..." މުނީރު ހިނިތުންވެލުމަށްފަހު، ބުނެލިއެވެ. އިތުރު އެއްޗެއް ޒާހިދަށް ނުބުނެވި އުޅެނިިކޮށް އެމާ ތަބަށް ހިފައިގެން އައިސް ކޮފީ ޖޯޑުތައް މޭޒުމަތީގައި ބެހެއްޓިއެވެ. އޭނާ ދިޔުމުން ޒާހިދު މައާލްއަށް ބަލައިލާފައި ވާހަކަ ދެއްކިއެވެ.
"ޝާކިރު ނިޔާވީއިރު ޝާކިރުވަނީ އޭނާގެ ހުރިހާ މުދަލެއް މައާލްގެ ނަން މައްޗަށް ބަދަލުކޮށްފައި. ވިޔަފާރިއާ ހުރިހާ އެއްޗެއް. މިކޮޅުގައި ހުރި ގެވެސް. މިހާރު ޝާކިރުގެ ހުރިހާ މުދަލެއްގެ ވެރިއަކީ މައާލް." ޒާހިދު ބުނެލިއެވެ. މައާލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ޒާހިދުގެ ވާހަކަތައް ކަނުލާ އަޑު އަހަން އިނެވެ.
"މިކޮޅުގައި ހުރި މައާލްގެ ބައްޕަގެ ގޭގައި ދިރިއުޅެމުން ދިޔައީ ޖަރުމަނު ވިލާތުގެ އާއިލާއެއް. އެމީހުން މިހާރު ބޭނުންވަނީ ގެ ދޫކޮށްލަން. އެންމެ ގިނަ ދުވަސްވެގެންވެސް އެމީހުން މިކޮޅުގައި ދެން ތިބޭނީ ދިންމަސް ދުވަހުއޭ ބުނީ. އިތުރު ދެބަޔަކު އެބަ އުޅޭއެ ގެ ބޭނުންވެގެން. މައާލް ބޭނުންވަންޏާ ކުއްޔަށް ދެވިދާނެ. އަސްލު އެ ހުރިހާކަމަކާ އެކީ މައާލްއާ ބައްދަލުކޮށްލަން ބޭނުންވީ. ބައެއް ލިޔެކިޔުންތައް ނިންމަން ހުރީމައާ އެކީ." ޒާހިދު އޭނާގެ ދަބަހުން ނެގި ފައިލް މުނީރަށް ދިކޮށްލިއެވެ.
"މިހުރީ ހުރިހާ ލިޔެކިޔުންތައް. މީގެން އިނގޭނެ ހުރިހާކަމެއް. ޝާކިރުގެ ހުރިހާ މުދަލަކީ ހަމައެކަނި މައާލްގެ ހައްޤެއް. އެހުރިހާއެއްޗެއްގެ ވެރި ފަރާތަކީ މައާލް!" ޒާހިދު ތަކުރާރުކޮށް ބުންޏެވެ.
"ހާސްނުވޭ ޒާހިދު. މިއީ މައާލްގެ އެއްޗެހި. މައާލް ފިޔަވާ އިތުރު މީހަކަށް މިއަށް ބާރެއް ނުފޯރުވޭނެ." އެހެން ބުނެލުމަށްފަހު، މުނީރު މައާލްގެ އަތަށް އެ ފައިލް ލައިދިނެވެ. އިތުރު ވާހަކަތައްވެސް ޒާހިދު ދެއްކިއެވެ. ޒާހިދު ދާންވެގެން ތެދުވުމުން އޭނާއާ އެކު ދޮރާ ހިސާބަށް މުނީރު ދިޔައެވެ. ގޭ ދޮރުން ނުކުމެފައިވެސް ޒާހިދު އެތަކެއް ވާހަކައެއް މުނީރުއާ ވަކިންވެސް ދެއްކިއެވެ. އޭނާ ތަކުރާރުކޮށް އެ ހުރިހާ މުދަލެއްގެ ހައްޤުވެރިއަކީ މައާލްކަމުގައި މުނީރު ކައިރީގައި ބުންޏެވެ.
ޒާހިދު ދިޔުމުން މުނީރު އައިސް ސޯފާގައި އިށީނުމަށްފަހު، މައާލްއާ ވާހަކަ ދެއްކިއެވެ.
"މައާލް ވިސްނާވަރަކަށް ވިސްނާފައި އެގެއަށް ހަދަންވީ ގޮތެއް ބުނަންވީ. ހުރިހާކަމެއް ވެސް ވާނީ މައާލް ބޭނުންވާ ގޮތަށް." މުނީރު އޯގާތެރިކަމާއެކު ބުނެލިއެވެ.
"މިހުރިހާ އެއްޗަކުން އަޅުގަނޑު ކީއްކުރާނީ މުނިރުބޭ. މި ހުރިހާ މުދަލެއް ހަރަދުކޮށްގެން އަޅުގަނޑުގެ ލޮލުގެ ފެނުން އިއާދަވާނެތަ؟ މިއިން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ހަމައެކަނި ބޭނުމީ ލޮލުގެ ފެނުން." މައާލްގެ އަޑުގައިވަނީ ހިތްދަތިކަމެވެ.
"މައާލް! މައާލް ކުޑަކޮށް ހަމައަކަށް އެޅުނީމަ ލޮލުގެ ފަރުވާ ފަށާނީ. އޭރުން އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. މައާލްގެ ދެލޮލަށް ފެންނަންވެސް ފެންނާނެ!" މުނީރު އޭނާ އަބަދުވެސް މައާލްއަށް ދެމުންއައި ޖަވާބު ދިނެވެ.
"މިހާރު އަޅުގަނޑަށް އެނގޭ ދެން ދުވަހަކުވެސް އަޅުގަނޑުގެ ދެލޮލަށް ނުފެންނާނެކަން. އެއްވެސް ކަމެއް ސިއްރުނުކުރޭ ދެން މުނީރުބޭ..." މައާލްއަށް ބުނެވުނެވެ.
"ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލާކަށް ނުވާނެއެއްނު މައާލް! ދެން މިހުރިހާއެއްޗެއް މީ ހަމަ މައާލްގެ އެއްޗިސް. މީ މައާލްގެ މައިންބަފައިންގެ އަމާނާތެއް. މިހުރިހާ އެއްޗަކަށް މައާލް ޖެހޭނެ ރައްކާތެރިވާން." މުނީރު މައާލްއަށް ނަސޭހަތް ދިނެވެ. އެ ފައިލަށް ބާރުކޮށްލަމުން މައާލް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. އޭނާ ފަދަ މީހަކު އެފަދަ ވިޔަފާރިއެއް ހިންގާނީ ކިހިނެއްހެއްޔެވެ؟
"މައާލްއާ ރާދިންއާ ކައިވެނިކުރުމަށްފަހު، ރާދިންގެ އެހީތެރިކަން މައާލްއަށް ލިބޭނެއެއްނު. މިހާރު އެހެން އުޅުނަސް އިނީމަ ރާދިންއަށް ޖެހޭނީ ހަރުދަނާވާން. ކިޔަވާ ނިންމުމަށްފަހު، ރާދިން ބޭނުމެއް ނުވި ވިޔަފާރީގެ ތެރެއަށް ވަންނާކަށް. އޭނަ ބޭނުންވީ މިނިވަންކަމާއެކު އުޅެން. އެކި އެކި ތަންތަނަށް ދަތުރުކޮށް އެހެން އުޅެން. އެކަމާ ބައްޕަ ވާހަކަ ދެއްކުމުން ރާދިން ބުނީ ފަހުން އޭނަ ވިޔަފާރީގެ ތެރެއަށް ވަންނާނެކަމަށް. އޭނަ އެހާ ޝައުގުވެރިކަން އެކަމަށް ނުހުންނާތީ ރާދިއު ގެ ވެސް އެދުމަށް މުނީރުބޭވެސް އެހާ އަޅާނުލީ. ރާދިއުއާ ރާދިންއަކީ އެއްމާބަނޑު ދެބެންނަށް ވިޔަސް އުމުރުން އަށާވީސް އަހަރުވީއިރު، އެ ދެމީހުންގެ ވިސްުން އުޑާބިމާހާ ތަފާތު. އުމުރުން އަށާވީސް އަހަރުވީއިރުވެސް ރާދިންގެ ހަރުދަނާ ވިސްނުމެއްނެތް. އެކަަމަކު މިހާރު މުނީރުބޭ ބޭނުންވޭ އެ ހުރިހާކަމެއް ބަދަލުކުރަން. ދިރިއުޅުމުގަ މަޖާކުރަންވެސް ވާނެ. ތަންތަނަށް ދަތުރުކުރަންވެސް ވާނެ. އެކަމަކު އަބަދު އެހެން ނޫޅެވޭނެއެއްނު. ކޮންމެވެސް ދުވަހަކުން ޖެހޭނެ މީހަކާ އިނދެގެން ދިރިއުޅުމެއްވެސް ފަށަން." މުނީރު ބުނެލިއެވެ. އޭނާގެ ހިތަށް ތަފާތު އެއްޗެހިއަރާ ފައިބަމުން ދިޔައެވެ.
"ރާދިންއާއި ރާދިއު އަކީ..." އިވުނު ވާހަކައަކުން މައާލްއަށް ޝޮކެއް ލިބުނެވެ. އެއީ އޭނާއަށް އާ ވާހަކައެކެވެ. ނޭނގޭ ވާހަކައެކެވެ. އެ ހިސާބަށް ބުނެފައި މައާލްއަށް ހުއްޓައިލެވުނެވެ. ރާދިން އަކީ ރާދިއުގެ ކޮއްކޮއަށް ވީނަމަވެސް އެއީ އެއްމާބަނޑު ދެބެންކަން އޭނާއަށް އެނގުނީ އަލަށެވެ. އެހެންވިއްޔާ ރާދިންގެ ހުންނާނީވެސް ރާދިއުގެ ސޫރަހެއްޔެވެ؟ ހަމަ އެ އިސްކޮޅުހެއްޔެވެ؟ އެ ފިރިހެންވަންތަކަން ހެއްޔެވެ؟ ރާދިންއާ ރާދިއުގެ އަޑު ވެސް އެހާ ވައްތަރެވެ. އޭނާއަށް ވިސްނައިލެވުނީ ދެނެވެ. ވީއިރު އަދި އެ ދެމީހުންގެ ސިފަ ކިހާ ވައްތަރު ވާނެހެއްޔެވެ؟. ކުއްލިއަކަށް ރާދިންގެ ސޫރަ ދުށުމުގެ ޝައުޤުވެރިކަން މައާލްގެ ހިތުގައި އުތުރިއަރަން ފެށިއެވެ.
"އާނ. އެއީ އެއްމާބަނޑު ދެބެން. މައާލްއަށް ނޭނގޭތަ؟" މުނީރު ސުވާލުކޮށްލިއެވެ.
"އަބަދުވެސް އަޑު އިވެނީ ރާދިއުގެ ކޮއްކޮއޭ ކިޔާ އަޑު..." މައާލްއަށް ބުނެވުނެވެ.
"އެހެންތަ؟"
"ކުޑަކޮށް އަރާމުކޮށްލަން ބޭނުން." އެހެން ބުނެލުމަށްފަހު، މައާލް މުނީރުގެ ހުއްދައަކަށް އެދުނެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ.
މުނީރު އެމާއަށް ގޮވައިލުމުން އެމާ މައާލް ގޮވައިގެން ކޮޓަރިއަށް ގޮސް އޮށޯތުމަށް މައާލްއަށް އެހީތެރިވެދިނެވެ. ވިސްނުންތަކުން ސިކުނޑި ތޮށްޖެހިފައިވާ މައާލް އަށް ނިދުނީވެސް އެތައް އިރަކު ވިސްނަން އޮތުމަށްފަހުއެވެ. މުނީރު އޭނާއާ މެދު އެހާ ރަނގަޅުއިރު މުނީރުގެ އެދުމުގައި ކޮޅުފައިން ޖަހާކަށް އޭނާއަކަށް ނުކެރޭނެއެވެ. އަދި ޚާއްސަކޮށް އެއީ އޭނާގެ މައިންބަފައިންގެ ވަސިއްޔަތަކަށް ވާއިރުއެވެ. އާއެކެވެ. އޭނާ ރާދިންއާ ކައިވެނިކުރާނެއެވެ. އޭނާގެ މައިންބަފައިންގެ ހައްޤުގައެވެ. އެ ދެމީހުން އޭނާ ދެކެ ވީ ލޯބީގެ ހައްޤުގައެވެ.