ގޭގެ ސްޓަޑީގައި އިން ޒާހިދުގެ އޭނާގެ ކުރމަތީގައި އިން މީހާއަށް ނަޒަރު ހުއްޓައިލިއެވެ. ޒާހިދުގެ ވާހަކަތަކުން އޭނާގެ މޫނުމަތިން ނުރުހުުމުގެ އަސަރު ފެނިގެންދިޔައެވެ. ގޮނޑިން ތެދުވަމުން ގޮސް ދޮރު ހުޅުވާލާފައި އެމީހަކު ނުކުތުމާއެކު ޒާހިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ އެއްފަރާތުގައި ހުރ ފައިލުތައް ނަގާ އޭގައި ހުރި ލިޔެކިޔުންތަކަށް ނަޒަރު ހުއްޓާލިއެވެ.
ފަހަރަކު ގަނޑަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ޒާހިދު ދިޔައެވެ. އެއީ ޝާކިރުގެ ކުންފުނީގެ ލިޔެކިޔުންތަކެވެ. މައާލްގެ ނަންމައްޗަށް ކުންފުނީގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާ ލިޔުންތަކެވެ. އެއައި މީހަކު އޭނާއާ ދެފަހަރެއްގެ މަތިން ވާހަކަ ދައްކައިފިއެވެ. އެއްފަހަރު ފޯނުންނެވެ. އޭނާގެ މަޤްސަދަކީ ކޮބައިކަން ޒާހިދުގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވެއެވެ. ޒާހިދަކީ، ހަމައެކަނި ޝާކިރުގެ ޤާނޫނީ ވަކީލެއް ނޫނެވެ. އޭގެ އިތުރުން އޭނާއާ ޝާކިރުއާ ދެމެދު ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައިވެއެވެ. ޝާކިރުގެ ވަރަށް ގިނަ ސިއްރުތައް ޒާހިދަށް އެނގެއެވެ. އެ ސިއްރުތައް ދުވަހަކުވެސް އޭނާ ބޭޒާރެއް ނުކުރާނެއެވެ. ޝާކިރަކީ ހެޔޮލަފާ މީހެކެވެ. ދުވަހަކުވެސް މީހަކަށް ގެއްލުމެއް ދީފައިވާ މީހެއް ނޫނެވެ. ޝާކިރަށް އަދި ޝާކިރުގެ ދަރިއަކަށްވެސް ދެރައެއް ދޭކަށް ޒާހިދު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ކަންތައްތައް ވަމުންދާގޮތުން އޭނާ ކަންބޮޑުވަނީއެވެ. ހާސްވަނީއެވެ. ހުރިހާކަމެއް ބޮއްސުން ލައިގެން ހިނގައިދާނެޔޭ އޭނާއަށް ހީވަނީއެވެ. ދޮރު ހުޅުވައިލި އަޑަށްވެސް ޒާހިދު ދިޔައީ ސިއްސައިގެންނެވެ. އޭނާ ހީކުރީ އެމީހަކު އަނެއްކާ އައީ ކަމަށެވެ. އެހެންނަމަވެސް ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އޭނާގެ ދަރިފުޅު މާހިލް ފެނުމާއެކު، ޒާހިދަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ބައްޕާ! އަދިވެސް މިތާތަ؟ ކާކުތަ ދެންމެ އެ ދިޔައީ؟ ވަރަށް ރުޅިއައިސް ހުރެގެން ގައިގައި ޖެހިގަނެފަ ގޮސްފި…" މާހިލްއަށް ފުރަތަމަވެސް އޭނާގެ ބައްޕަ ފެނުމާއެކު، ސުވާލުކޮށްލެވުނެވެ. ބައްޕަގެ އެ ހާސްކަން ގުޅިފައިވަނީ އެ ދިޔަ މީހާއާކަން މާހިލްއަށް ދެނެގަނެވުނެވެ. އެހެންނަމަވެސް، އެކަމާ ބެހޭގޮތުން އިތުރަށް ސުވާލުކުރާކަށް މާހިލްއަކަށް ނުކެރުނެވެ.
"ބައްޕަ މާ ބުރަވީމަ މަންމައަށް ހާރޓް އެޓޭކެއް ޖެހެން އުޅޭހެން ހީވަނީ…" ޒާހިދުގެ ހާސްކަން ދުރުކޮށްލުމުގެ ނިޔަތުގައި މާހިލް ބުނެލިއެވެ. އެއާއެކު، ޒާހިދުގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފައިލްތައް ކަބަޑަށް ލުމަށްފަހު، ތަޅުލާފައި މާހިލްއާއެކު، ނުކުންނަން ހިނގައިގަތެވެ. އޭނާ ނުކުތްއިރު، އަންހެނުން މީޒާ ސިޓިން ރޫމުގައި ހުއްޓެވެ.
"މިއަދު ހާދަ ބުރަކޮށޭ ތިއުޅެނީ… ދެން މިރޭ މަސައްކަތް ބަހައްޓާފައި އަރާމުކޮށްލަބަލަ!" ޒާހިދު ފެނުމާއެކު، މީޒާ ކަންބޮޑުވުމާއެކު، ބުނެލިއެވެ. ޒާހިދުގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާ ކަންބޮޑުވަނީއެވެ. ލޭމައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދާން ފެށިތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، ޒާހިދު ޤަވައިދުން ބޭސް ބޭނުން ކުރިނަމަވެސް، މީޒާގެ ހިތުން ހާސްކަން ފިލާ ނުދެއެވެ. ކިރިޔާވެސް ޒާހިދަށް ކަމަށް ވެއްޖެނަމަ އެ ދުވަހެއްގެ ހަތަރުދަން އޭނާ ޒާހިދުގެ ޚިދުމަތުގައި ހޭދަކުރެއެވެ. އުމުރުން ދުވަސްވަމުން ދާވަރަކަށް ސިއްޙަތަށް ބަލަން ޖެހޭނެކަމަށް މީޒާ ޤަބޫލުކުރެއެވެ. ޒާހިދުގެ މަންމައާއި ބައްޕަގެވެސް ހަކުރު ހުއްޓެވެ. އެ ދެމީހުންވެސް ނިޔާވީ އެ ބަލީގައި އެތަކެއް ވޭނެއް އުފުލާފައެވެ. އޭނާއާ ޒާހިދުގެ ވެސް ކުރިމަތީގައވެެ. އޭނާ އެންމެ ކަންބޮޑުވަނީ އެހެންވެއެވެ. ހިތުގައި އެހާ ބޮޑަށް ބިރުވެރިކަންވާ ސަބަބަކީވެސް އެއީއެވެ.
"ނިންމަން ޖެހޭ މުހިންމު ލިޔުންތަކެއް ނިންމާލަނިއްޔޭ… ކޮބާތަ ރޫނާއާއި އަޝްވާ…؟" ގޭތެރެއަށް ބަލައިލަމުން ޒާހިދު ސުވާލުކޮށްލިއެވެ.
އެއީ ތަނަވަސް ބޮޑު އެޕާރޓްމެންޓެކެވެ. ހަތަރުކޮޓަރި ހުރިއިރު، އެއް ކޮޓަރީގައި އުޅެނީ ޒާހިދުގެ ދެމަފިރިންނެވެ. ދެން ހުރީ ކޮންމެ ކުއްޖަކަށް ކޮޓަރިއެކެވެ. ޒާހިދަކީވެސް، މާލެއަށް ނިސްބަތްވާ މީހަކަށްވީނަމަވެސް، އެ އާއިލާއަކީ މާ ނަން މަޝްހޫރު އާއިލާއެއް ނޫނެވެ. ޒާހިދުގެ އިތުރުން އެ އާއިލާގައި އަދި އިތުރު ފަސްކުދިން ތިބެއެވެ. އެއީ ހުސް ފިރިހެންކުދިންނެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު، ކޯޓަށް ގޮސްގެން ގެ ބެހުމުން ތަންކޮޅެއް ލިބުނު ނަމަވެސް، ކުދިން ލިބުމާއެކު ދެކޮޓަރީގެ އެޕާރޓްމެންޓުގައި އުޅެން އުނދަގޫވެ، އެންމެ ފަހުން ޒާހިދު އޭނާއަށް ލިބުނު ބައި ކުއްޔަށް ދޫކޮށްލާފައި، ވަކިން އެޕާރޓްމެންޓަކަށް ބަދަލުވީއެވެ. ޒާހިދުމެން މިހާރު އުޅެނީ ދިގު މުއްދަތަކަށް އެޕާރޓްމެންޓެއް ކުއްޔަށް ނަގައިގެންނެވެ. އެހުރިހާކަމެއްގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޝާކިރުގެ ފަރާތުންނެވެ. ޒާހިދަކީވެސް ޝާކިރެކޭ އެއްގޮތަކަށް ތެދުވެރިކަމާ އަމާނާތްތެރިކަމަށް ލޯބިކުރާ ޒިންމާދާރު، ވަފާދާރު މީހެކެވެ. ފައިސާއަށް ޒާހިދު ގަނެލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައި އޭނާގެ ޙިކުމަތްތެރިކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒާހިދު ހިފައެވެ.
"އެ ދެ ކުދިން އެކުވެރިއެއްގެ ކައިވެނީގެ ހަފްލާއަކަށް ދިޔަގޮތަށް އަދިވެސް ނާދޭ. މިހާރު ދެން މާ ލަސްވެއްޖެދޯ. ގުޅާލަންވީ ކަންނޭނގެ..." މީޒާ ބުނެލިއެވެ. އޭނާ އައިސް ޒާހިދުގެ ކައިރީގައި ހުއްޓިލިއެވެ.
"އަހަރެން ބުނަމެއްނު ތިހާ ބުރަކޮށް ނޫޅޭށޭ..." މީޒާ ޒާހިދުގެ އަތުގައި ހިފައްޓައިލިއެވެ.
"މީޒާއަށް އެނގެއެއްނު ޝާކިރު ނިޔާވީމަ ކުންފުނީގެ ކަންތައްތައް ހަމައަކަށް އަޅުވަންކަން މިދުވަސްކޮޅު މާ ބިޒީވެގެން މިއުޅެނީ... މިހާރު އެ ކަންތައްވެސް ނިމެނީ މި. އެއްވެސް ކަމެއް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން. ޝާކިރު އަހަންނަށް ކުރާ އިތުބާރު ވެސް މީޒާއަށް އެނގެއެއްނު. ކުންފުނީގެ ކޮންމެ ކަމެއްވެސް އެއްވެސް ޖެހިލުމެއްނެތި އޭނަ އަހަންނާ ހަވާލުކުރާކަށްވެސް އެނގެއެއްނު. އަދި ކިތަންމެ ސިއްރުކަމެއް ނަމަވެސް، އޭނަ އަހަންނަށް އިތުބާރުކޮށްފަ އެކަމެއް ހަވާލުކުރެއެއްނު. އަހަރެމެންނަށްވެސް ކިހާ ބޮޑު އެހީތެރިކަމެއް ޝާކިރު ވެދިން." ޒާހިދު ބުނެލިއެވެ. މީޒާ ބޯ ޖަހައިލިއެވެ. އޭނާއަށްވެސް ވަނީ އެކި ފަހަރުތަކުގެ މަތިން ޝާކިރުގެ އިތުރުން، ފަހުމާ އާ ދިމާވެފައެވެ. ލަންޑަނަށް ބަދަލުވިފަހުން ފަހުމާއާ ދިމާނުވި ނަމަވެސް، ޝާކިރު މާލެ އަންނަ ފަހަރުތަކުގައި ދިމާވެއެވެ. ޝާކިރަކީ ހިތްހެޔޮ މީހެކެވެ. ކިތަންމެ މުއްސަނދި ނަމަވެސް، ބޮޑާކަމެއް އޭނާގެ ހިތުގައި ނުވެއެވެ.
"މާހިލްވެސް މިހާރު ބޮޑުވެއްޖެއެއްނު. އެހާ ބުރައިއްޔާ މާހިލްގެ އެހީތެރިކަންވެސް ހޯދަބަލަ! ދޯ ދަރިފުޅާ!" މީޒާ އޭނާގެ ޒުވާން ފިރިހެން ދަރިފުޅަށް ބަލައިލިއެވެ. މާހިލްއަކީ އެ ދެމީހުންނަށް ލިބުނު ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ.
"މިކަންތައްތައް ނިންމަން ބޭނުންވަނީ އަހަރެން. އެކަމަކު މީޒާ ތިހާ ކަންބޮޑުވަންޏާ ދެން މިހާ ބުރަކޮށެއް ނޫޅޭނަން. މި މަސައްކަތް ނިންމާލާފަ ބޮޑު ބްރޭކެއް ނަގާނަން." ޒާހިދު މީޒާގެ ހިތްހަމަ ޖައްސައިދިނެވެ. އެ މަންޒަރު ބަލަން ހުރި މާހިލްގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ. މަންމައާއި ބައްޕަގެ ލޯތްބަކީ ލާމަސީލު މިސާލެކެވެ. ކައިވެންޏަށް މިހާ ދުވަސްވެ، ދަރިން ބޮޑެތި ވީނަމަވެސް، އެ ދެމެދުގައި އޮންނަ ލޯބި ދުވަހަކުވެސް ފަނޑެއް ނުވެއެވެ. ކަންތައްތަކުގައި ދެބަސްވެ އަރައިރުންވާތަނެއް ދުވަހަކުވެސް މާހިލްއަށް ފެނިފައެއް ނުވެއެވެ.
"އިރާދުކުރެއްވިއްޔާ އަހަރެމެންގެ މާހިލްވެސް ގާނޫނީ ދާއިރާއިން ކިޔަވާ ނިމެނީ. މާސްޓާރސް ނިމުނީމަ އަހަރެން މަސައްކަތް ކުރާނަން ރަނގަޅު ވަޒީފާއެއް މާހިލްއަށް ވެސް ހޯދައިދޭން." ފުރާ ފުރިހަމަވެފައި ހުރި އެ ދެމީހުންގެ ޒުވާން ދަރިފުޅަށް ނަޒަރު ހުއްޓާލާފައި ޒާހިދު ބުނެލިއެވެ. އޭނާ މާހިލްއަށްޓަކައި ބޮޑެތި އުންމީދުތަކެއް ކުރެއެވެ. އޭނާގެ އެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް ޚުދު މާހިލްވެސް ގަދަ އަޅާ މަސައްކަތްކުރެއެވެ. ޑިގްރީގެ އިތުރުން މާސްޓާރސްގައި ވެސް މާހިލް ދަނީ ފާހަގަ ކުރެވޭ ފަދަ ކާމިޔާބީ ތަކެއް ހޯދަމުންނެވެ.
"ޒާހިދު ބުނެފިއްޔާ ޝާކިރުމެން އޮފީހުން ހަމަ ޔަޤީނުންވެސް މާހިލްއަށް ވަޒީފާ ހަމަޖެހޭނެ." މީޒާ ބުނލިއެވެ. ޒާހިދު ލުއި ހިނިތުންވުމަކުން ފުއްދައިލިނަމަވެސް، އޭނާއަށް މީޒާ އެބުނި ބަސްތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ.
*****
މުނީރު ރާދިންއާ އެތަކެއްއިރަކު ވާހަކަދެއްކިއެވެ. އެތަކެއް ނަސޭހަތެއް އޭނާ ރާދިންއަށް ދިނެވެ. ދިރިއުޅުމުގެ ފަލްސަފާ ރާދިންއަށް ވުރެ ބޮޑަށް އެމީހުންނަށް އެނގޭކަމުގައި މުނީރު ބުނެދިނެވެ. ދުނިޔޭގައި ކަންތައް ހިނގާ އުސޫލުތަކަކީ އަބަދަކު އެންމެންނަށް ކަމުދާނެ އުސޫލުތަކެއް ނޫންކަމަށް ވެސް އޭނާ ރާދިންއަށް ބުނެދިނެވެ. މައާލްއާ މެދު އިޙްމާލު ނުވުމަށް އޭނާ ތަކުރާރުކޮށް ނަސޭޙަތްތެރިވިއެވެ. ފަހުން ދެރަވާނެފަދަ ކަމެއް ނުކުރުމަށް ރާދިންގެ ކައިރީގައި މުނީރު ބުންޏެވެ.
މުނީރުގެ ވާހަކަތަކަށް ރާދިން ރައްދު ޖަވާބެއް ނުދިނެވެ. އޭނާ އެހުރިހާ ވާހަކައެެއް އަޑު އަހަން ހުރިއިރު ހިނދުކޮޅަކަށް ނަމަވެސް، މައާލްއާ މެދު ވިސްނައިލަން މަޖުބޫރުވިއެވެ.
މުނީރު ދިޔުމުންވެސް އެތަކެއް އިރަކު، ރާދިން އެތަނުގައި ވިސްނަން ހުއްޓެވެ. އެއްފަހަރު މައާލްގެ ޚިޔާލުތަކުން ސިކުނޑި ފުނިޖެހޭއިރު، އަނެއްބައި ފަހަރު ސަޖާގެ ޚިޔާލުތައް އޭނާގެ ސިކުނޑި ހިޞާރުކުރެއެވެ. ރާދިންގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެހެން ހުރެފައި ރާދިން ގަޑިބަލައިލިއިރު، ބާރަޖަހާ ބޮޑުވެއްޖެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ތިރިއަށް ދާން މިސްރާބުޖެހިއެވެ.
ކޮޓަރިއަށް ވަތް ރާދިންގެ ލޮލުގައި ސޯފާގައި ކުރުގެޅިލައިގެން ކަހަލަ ގޮތަކަށް ނިދާފައި އިން މައާލް އަޅައިގަތެވެ. މައާލް އޮތްގޮތުން އެ އޮތީ ފިނިވެފައިކަން ދެނެގަންނާކަށް އޭނާއަށް އުނދަގުލެއް ނުވިއެވެ. މުނީރު ދެއްކި ވާހަކަތައް ސިކުނޑީގައި ގުގުމަމުން ދިޔަ ރާދިން ލަސް ފިޔަވަޅުތަކެއްގައި ގޮސް ނިދިފައި އޮތް މައާލްއަށް ބަލައިލިއެވެ.
މައާލްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، އޭނާ ސޯފާތަކުގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ މައާލްގެ މޫނަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ނިދިފައި އޮތްނަމަވެސް، އެމޫނުމަތިން އުދާސްކަމާއި ހިތްދަތިކަމުގެ އަސަރުތައް ފެންނަމުން ދިޔައެެވެ. ތެމިފައިވާ އެސްފިޔަތައް ހެކިދެނީ މައާލް ރޮއިފައިވާކަމެވެ. ކަނދުރާއަށްވުރެ ކިރިޔާ ތިރިއަށް އަންނަ ވަރަށް ކޮށާލާފައިވާ މައާލްގެ އިސްތަށިތަކުން ބައެއް މޫނުމައްޗަށް ވެއްޓިފައިވެއެވެ. އެ އިސްތަށިތައް ރީތިކޮށްލަމުން ރާދިން މައާލްގެ ކޯތާފަތުގައި އަތް ޖައްސައިލިއިރު އޭނާގެ ސިކުނޑީގައި މުނީރު ވާހަކަތައް ގުގުމަމުން ދިޔައެވެ. ވިސްނަން ބޭނުންނުވި ނަމަވެސް، ރާދިންއަށް އެ ވާހަކަތަކާ މެދު ވިސްނެނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތަށް ހަމަ ނޭނގޭ އުނދަގުލެއް ވަނީއެވެ.
މައާލްއަށް ބަލަހައްޓައިގެން ރާދިންއަށް އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް ނޭނގުނެވެ. އެ މޫނަށް ބަލާ ބަލާ އޭނާ ފޫއްސެއް ނުވިއެވެ. އަތްކުރު ޓީޝާޓްކޮޅެއްގައި މައާލް އޮތްއިރު އެ ދޮން އަތްވެސް އޮތީ ހާމައެވެ. މައާލްގެ ހަށިގަނޑުގެ ފައިން ފަށައިގެން ބޮލާ ހިސާބަށް ރާދިންއަށް ބަލައިލެވުނެވެ. ލާފައިވާ ހަރުވާޅާ ހެދުންވެސް ގަޔަށް ހިފާލާފައިހުރުމުގެ ސަބަބުން، މައާލްގެ ވަނާތައް ރީތިކޮށް ފާޅުވަމުން ދިޔައެވެ.
ކަޅިވެސް ޖަހާ ނުލާ މައާލްއާ ދިމާލަށް ބަލަންއިން ރާދިންއަށް ސިހުން ގެނުވީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވި އަޑަށެވެ. މައާލްއަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ޖީބުން ނެގި ފޯނުގެ ރިންގް ކަނޑައިލާ ފޯނަށް އަރާފައިވާ ނަން ރާދިން ބަލައިލިއިރުވެސް، އެ ގުޅަނީ ކާކުކަން އޭނާއަށް އެނގޭފަދައެވެ. ވީވެސް އެހެންނެވެ. އޭނާއަށް ގުޅަނީ ސަޖާ ނޫން ދެވަނަ މީހެއް ނޫނެވެ. ފޯނު ނަގަން ބޭނުންނުވީ ކީއްވެކަމެއް ރާދިންއަކަށް ނޭނގުނެވެ. އޭނާ ބޭނުންވަނީ އަދިވެސް މައާލްގެ މޫނަށް ބަލަން އިންނާށެވެ. ރާދިން ހީވަނީ އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތްކުރާ މީހަކުހެންނެވެ. ފޯނު ސައިލެންޓަށް ލާފައި އޭނާ އަނެއްކާވެސް އެ މޫނަށް ބަލައިލިއެވެ.
"މައާލް!" ރާދިންއަށް މައާލްގެ ނަން އެ ދުލުން ކިޔައިލެވުނެވެ. ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭހެން ހީވުމާއެކު، ރާދިން ތެދުވިއެވެ. އެއަށްފަހު އޭނާ ދުރަށް ހިނގައިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ރާދިން އަނެއްކާވެސް ހުއްޓުނެވެ. މައާލްއަށް ބަލައިލުމަށްފަހު، ބްލޭންކެޓެއް ނަގާ އެ ހިފައިގެން އައިސް މައާލްގެ ގައިމަތީގައި އަޅައިލަދިނެވެ. އެއަށްފަހު އަނެއްކާވެސް ނުކުންނަން ހިނގައިގަތެވެ.
ކޮޓަރިން ނުކުންނަން ދޮރުގައި ހިފާލާފައިވެސް ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ. އެއަށްފަހު، އޭނާ ނުކުމެ ދޮރު ލައްޕައިލިއެވެ. މަޑުމަޑުން ރާދިން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއާ، ދިމާލަށެވެ. އެ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި ރާދިން އެތެރެއަށް ވަނެވެ. އެއާއެކު އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. ވަށައިގެން އެ ކޮޓަރިތެރެއަށް ބަލައިލުމާއެކު، ބުނެދޭން ނޭނގޭ ރިހުމެއް މޭގައި އުފެދުނެވެ. އެއީ ރާދިއުގެ ކޮޓަރިއެވެ. ރާދިއު ނިޔާވިފަހުން އޭނާ އެކޮޓަރިއަށް ވަނީ އެންމެ ފަހަރަކުއެވެ. އެވެސް އެއްޗެއް ބެހެއްޓުމުގެ ނިޔަތުގައެވެ. އެ ދުވަހު އޭނާއަށް ވީ އިޙްސާސްއާއެކު، ދެވަނަ ފަހަރަށް އެކޮޓަރިއަށް ވަނުމުގެ ހިތްވަރެއް ރާދިންއަކަށް ނުލިބުނެވެ. ރާދިންގެ ކޮޓަރިއާ ޚިލާފަށް އެ ކޮޓަރީގައި ހުރި ހުރިހާ ފަރުނީޗަރަކާއި ދޮރުފޮތިތައް ހުރީ ހުދާ އަޅުކުލައިންނެވެ. މީހަކު ނޫޅުނުނަމަވެސް، ކޮޓަރި ސާފުތާހިރެވެ. އެންމެ ހިރަފުސްކޮޅެއްގެ އަސަރުވެސް ނެތުމުން ގަވައިދުން ސާފުކުރާކަން އެނގެއެވެ. ރާދިން ގޮސް އަލަމާރި ހުޅުވައިލިއެވެ. ރާދިއުގެ އަންނައުނުގެ އިތުރުން ރާދިއުގެ ކޮންމެ ސާމާނެއް އެ ހުރި ގޮތަށް އެ ކޮޓަރިތެރޭގައި ހުއްޓެވެ.
ފަސްއެނބުރުނު ރާދިންގެ މިސްރާބުހުރީ، އެއްފަރާތުގައި ބަހައްޓާފައި ހުރި ބޮޑު ދެ ފޮށިގަނޑާ ދިމާލަށެވެ. ގޮސް ފޮށިގަނޑު ހުޅުވާލުމަށްފަހު، އޭގެ ތެރޭގައި ހުރި އެއްޗެހިތައް ރާދިން ނަގަން ފެށިއެވެ. އެއިން ނެގި ކުރެހުމަށް ނަޒަރު ހުއްޓާލި ރާދިންއަށް އެ ކުރެހުމަށް ބަލަހައްޓައިގެން ހުރެވުނެވެ.
އެހެން ހުރެފައި، ފޯނަށް ބަލައިލި ރާދިންއަށް ސަޖާ ގުޅަމުން ދިޔަތަން ފެނުނެވެ. އެންމެ މުހިންމު ވަގުތު ސަޖާ ގުޅުމުން ހިތްހަމަ ނުޖެހުނު ނަމަވެސް، އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވާލާފައި ފޯނު ނަގަންވީއިރު، ފޯނު ކެނޑުމުން ސަޖާ ގުޅާފައިވާ ވަރަށް ރާދިން ބަލައިލިއެވެ. ވިއްސަކަށް ފަހަރު ގުޅާފައި އޮތެވެ. ފޯނަށް ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް ސަޖާ ގުޅައިފިއެވެ. ސަޖާގެ ފޯނު ނުނަގާ ހުންނާކަށް ރާދިންއަކަށް ނުކެރުނެވެ. ސަޖާއަކީ އޭނާގެ ލޯތްބެވެ. މައާލްއާ ހެދި ސަޖާއާ މެދު ފަރުވާ ކުޑަ ކުރެވިއްޖެކަން ރާދިންއަށް ފަހުމްވުމާއެކު، އޭނާއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، އޭނާއަށް އިވުނީ ސަޖާގެ ގިސްލުމުގެ އަޑެވެ.