"ހަލޯ"
ސަޖާ އެފަދައިން ކަންތައް ކުރުމުން ރާދިންއަށް ލިބުނު ހާސްކަން ބަޔާންކުރަން ވެސް އޭނާއަށް ދަތިވިއެވެ. ހިނދުކޮޅަކަށް ނޭވާ ހިފައްޓާލަން މަޖުބޫރުވިއިރު، ހިތުގެ ތެޅުން އަވަސްވީ މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަކަށެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގި ރާދިންއަށް ހުރެވުނުއިރު، ސަޖާދެކެ އޭނާ ހިތްހަމަނުޖެހުނެވެ. ސަޖާއާ ހެދި އޭނާ އެވަރުން އުޅޭއިރު އެއްވެސް ވިސްނާލުމެއްނެތި، ކޮށްލާ އެފަދަ ކަންތައްތަކުން އޭނާއަށް ކުރާނެ އަސަރަކާ މެދުވެސް ސަޖާ ވިސްނާނުލަނީހެއްޔެވެ؟
***
"ރާ… ރާދިން…" ރާދިންގެ ފޯނުން އިވުނީ އަންހެނެއްގެ އަޑުކަން މައާލްއަށް ޔަޤީނެވެ. ހައިރާންކަން ވެރިވިނަމަވެސް، ރާދިންއާ މެދު ޝައްކުކުރާކަށް މައާލް ބޭނުމެއް ނުވިއެވެ.
"މީ ރާދިން އެއް ނޫން… މީ…."
އެހެން ބުނެލާފައި ސަޖާ މަޑުޖެހިލިއެވެ. އޭނާ ރާދިންއަށް ބަލައިލިއެވެ. ރާދިން އޭނާގެ ކައިރިން އާދޭސްކުރުވުމަކީ ސަޖާ ބޭނުންވާކަމެއް ފަދައެވެ. ރާދިންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުގެ ތެރެއިން ރުޅިވެރި އަސަރުތައްވެސް އޭނާއަަށް ފެނުނެވެ.
"ފިހާރެއަކަށް އައިސް މީހަކު ބާއްވާފަ ދިޔަ ފޯނެއް މީ." ސަޖާ ދޮގެއް ހަދާލިއެވެ. ހަޤީގަތުގައި ރާދިންގެ މޫނުމަތިން ފެނުނު އަސަރުތަކުން އިތުރު އެއްޗެއް ބުނަން އޭނާއަށް ނުކެރުނީއެވެ.
"އޯހް… އެހެންތަ؟" މައާލްއަށް ބުނެވުނެވެ. ރާދިންއަށް ގުޅޭނެ އިތުރު ގޮތެއް ނެތުމުން އޭނާ ކަންބޮޑުވިއެވެ. ފޯނު ބާއްވަމުން މައާލް ތިރިއަށް ދާން އަވަސްވެގަތެވެ.
*****
"ސަޖާ… ކީއްތަ ތިކުރީ؟" ރާދިންއަށް ރުޅިވެރިކަމާއެކު ވާހަކަ ދެއްކުނެވެ.
"އަހަރެން ކަމެއްކޮށްފިންތަ؟" ހަމަޖެހިލަމުން ސަޖާ ބުނެލިއެވެ.
"މައާލް ގުޅީމަ ސަޖާ ނުޖެހޭނެ ފޯނު ނަގާކަން…" ރާދިން އެ އައި ގޮތަށް އައިސް ސަޖާގެ އަތުގައި ހިފާ ވާހަކަ ދެއްކިއެވެ.
"އެހެންތަ؟ ދެން ކާކަށް ޖެހެނީ ފޯނު ނަގަން؟ ރާދިންއަށް؟ ބުނެބަލަ! އޭނަ ކައިރީގަ ހުންނައިރު އަހަރެން ގުޅީމަ ބިޒީވެފަ، ވާހަކަ ނުދެއްކިފަ، ގޮސް އޭނަ ގައިގަ ތަތްލައިގެން ހުންނަން އޯކޭ؟ އެކަމަކު އަހަރެން ކައިރީގަ ހުންނައިރު އޭނަ ގުޅާއިރަށް ޖެހޭތަ ފޯނު ނަގަން؟ އޭނަ އެހާ މުހިންމީތަ ރާދިންއަށް؟ އޭނަ ކައިރީގައި ހުންނައިރު މަގޭ ފޯނު ނުނެގެންޏާ، މަ ކައިރީގަ ހުންނައިރު އެ އަންހެނާގެ ފޯނު ވެސް ނަގައިގެން ނުވާނެ!" ސަޖާ ރާދިންގެ އަތް ފޮޅުވައިލިއެވެ.
"ކޮބާތަ އަހަރެން އޭނަގެ ފޯނު ނަގާފަ… އަހަރެެމެން ދެމީހުން އެކީ ތިބޭއިރު ދުވަހަކުވެސް މައާލް އަހަންނަށް ގުޅިތަ؟ ނޫނެއްނު. ވެދާނެ ބޮޑުކަމެއް ވީކަމަށް ވެސް. ކޮންމެ ގޮތެއް ވިޔަސް މައާލް އެހުރީ އަހަރެންގެ ބެލުމުގެ ދަށުގަ… ބައްޕައަށް އެނގިއްގެއްޔާ…"
"ކީއްވެ ނުބުނެވިގެން ތިއުޅެނީ ތިމަންނަގެ އަންހެނުންވީމަ ފޯނު ނަގަން މަޖުބޫރުވަނީއޭ… ކީއްކުރަން އެދޭތެރެއަށް ބައްޕަ ވައްދަނީ… އަނބިމީހާގެ ހައްޤުތައް އަދާކުރަން ކަންނޭނގެ އެ ގުޅަނީ. ދެން ދިޔައިމަވީނު…" ސަޖާ ހަޅޭއްލަވަން ފެށިއެވެ. އެހުރިހާ އެއްޗެއް ކިޔާފައި ސަޖާ މައާލްއަށް ނިސްބަތްކޮށް ބުނެލި ހަޑި ހުތުރު ބަހާއެކު، ރާދިންގެ ރުޅިގަނޑު ހިލުނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.
"ޑޯންޓް ޔޫ ޑެއަރ ސަޖާ… ޑޯންޓް ޔޫ ޑެއަރ. ޖަސްޓް ޝަޓްއަޕް. މައާލްއަށް ނިސްބަތްކޮށް ދެވަނަ ފަހަރު ތި ލަފުޒު ބޭނުން ނުކުރާތި. ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާބަލަ! މި ދޭތެރެއަށް މައާލް ނުވައްދާ. އޭނާއަށް ނުވެސް އެނގޭނެ އަހަރެން ލޯބިވާ އެހެން އަންހެނެއް ހުންނަކަމެއްވެސް. އޭނާގެ މައުސޫމްކަމުގެ ފައިދާއޭ އަހަރެން މިހާރުވެސް މި ނަގަނީ. ލޯ އަނދިރި ޙާލުގައި ވަނިކޮށް އެކަނިކޮށްލާފައި ސަޖާގެ ކައިރިއަށް އަންނާނީ މަ ސަޖާ ދެކެ ލޯބިނުވާތީތަ؟"
"ވާއު… މިހާރު އޭނަ މައުސޫމްވީ. މަށަށް އެނގޭ އެކަހަލަ އަންހެނުންގެ ގޮތް. އެއީ ހަމަ…." ސަޖާގެ ވާހަކަ ހުއްޓުނީ ރާދިންގެ އަޑުންނެވެ.
"ސަޖާ! ބުނެފިން ދޯ މައާލްއާ ދިމާލަށް ތިކަހަލަ އެއްޗިސް ނުކިޔާށޭ. މަށާ ދިމާލަށް ކިޔާބަލަ! ސަޖާގެ ރުޅިގަނޑު މަށަށް ބާލަބަލަ! މަގޭ ސަބަބުންނޭ ހުރިހާކަމެއް މިވަނީ. މައާލްއާ ހެެދިއެއް ނޫނޭ… ކިތަންމެ ވަރަކަށް ސަޖާ ރުޅިއަޔަސް މައާލްއަކީ ދުނިޔޭގެ ކުރިމަތީގައި މަގޭ އަންހެނުން. ސަޖާ ތީ ހިލޭ މީހެއް. ޝުކުރުކޮށްބަލަ އޭނަ ބައްޕަ ކައިރީގައި އެއްވެސް އެއްޗެއް ނުކިޔާ ކަމަށްޓަކާ. މަގޭ ހުރިހާ ސިއްރެއް ފޮރުވާތީ މަށަށް މިހެން ސަޖާ ކައިރިއަށް އައިސް މިއުޅެވެނީ. މަގޭ މިނިވަންކަމުގެ ފައިދާ މަ މި ނަގަނީ ހަތަރުދަމު ސަޖާގެ ކައިރީގައި ހޭދަކުރާށޭ. ލޯބިވާކަމަށް ދައުވާ ކުރިޔަކަސް ނުވާނެ! އަމަލުންވެސް ޖެހޭނެ ލޯބިވާކަން ސާބިތުކޮށްދޭން." ރާދިންގެ ގާތަށް ވެސް ހުރީ މީގެ ކުރިން ނާންނަ ފަދަ ރުޅިއެއް އައިސްފައެވެ. ސަޖާއާ މެދު ހިތުގައި އުފެދުނު ހުރިހާ ޝަކުވާތަކެއް ރާދިން ބޭރުކުރަމުން ދިޔައީ ރުޅިވެރިކަމުގެ ސިފައިގައެވެ.
"އަނބިމީހާ ވެފަ ހުރެބެލަ! މީ އަދި އިންޒާރެއް. މަގޭ ކައިރީ ރާދިން ހުންނައިރު އެވައްތަރަށް އުނދަގޫކުރަންޏާ ހަޤީގަތްވެސް ފާޅުކުރާކަށް މަ ޖެހިލުމެއް ނުވާނަން. އެެވަރަށް އޭނަ ދިފާއުކުރަނީ އޭނަ ދެކެ ލޯބިވާތީ ދޯ… "
"ނޫނެކޭ… ނޫނެކޭ... އޭނާދެކެ ލޯބިވަނީކީ ނޫނޭ. ކިހިނެއް މަ ސަޖާއަށް މިކަންތައް ޔަޤީންކޮށްދޭންވީ…"
"ހެޔޮ މަށަށް. މަ ވެސް މީ އެކަނި އުޅޭ މީހެކޭ. މަށާ ދޭތެރޭ ރާދިން އެއް ނުވިސްނާ… އޯކޭ އޭ މަށަށް. މަށާ ދޭތެރޭ ނުވިސްނާ މީހަކާ އެކީ އުޅޭކަށް ބޭނުމެއް ނޫން. ޖަސްޓް ލީވް. ލެޓްސް ބްރޭކް އަޕް." ކުއްލިއަކަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލާފައި ދެލޮލަށް ކަރުނަތައް ޖަމާކުރަމުން ސަޖާ ވާހަކަ ދެއްކިއެވެ.
"އެއީ ހައްލުތަ؟" ރާދިންއަށް ނިތުގައި އަތް ޖައްސާލެވުނެވެ.
"އާނ. އަަހަރެންގެ ހިތަށް ކެތްވަނީކީ ނޫނޭ… މިހުރިހާކަމެއް ވެސް މިވީ ރާދިން ކުރިން މަގޭ ވާހަކަ ރާދިންގެ ބައްޕަ ކައިރީގައި ނުބުނެ އޮތީމަ. ކައިވެނި ހަމަޖެހުނީމަވެސް ބުނަން ނުކެރުނީމަ…"
"އަހަރެން މަސައްކަތް ކުރީމޭ ސަޖާ…"
"ރާދިންއަށް ކަމެއް ވާނީ ބައްޕަގެ ފޫބުޑުން ނެއްޓިގެނެއްނު. ދިސް އިޒް ދި އެންޑް ރާދިން…" ސަޖާ ރޯން ފެށިއެވެ. އޭނާ އެތަނުން ދުރަށް ހިނގައިގަތި ރާދިން އޭނާގެ ފަހަތުން އަންނާނެކަމުގެ ޔަޤީންކަން އޮތީތީއެވެ.
ސަޖާގެ އަޑުން އޭނާއަށް އިޙްސާސްވި ސީރިއަސް އަސަރުތަކުގެ ސަބަބުން ރާދިން ހާސްވިއެވެ. ކޮޓަރީގެ ދޮރު ބާރަަށް ލައްޕާލި ސަޖާ ދޮރު ތަޅުނުލީ ވެސް ރާދިން އަންނާނެ ކަމުގެ ޔަޤީން ކަން އޭނާއަށް އޮތްލެއް ބޮޑުކަމުންނެވެ.
*****
މައާލް ބޮޑުކޮޓަރިއަށް ދިޔައީ އޭވާގެ އެހީތެރިކަމާ އެކުގައެވެ. މައާލް ފެނުމާއެކު، މުނީރު ވާހަކަ ދެއްކިއެވެ.
"މައާލް! ދަރިފުޅު ކިހިނެއްތަ؟ ކޮބާ ރާދިން؟" ރާދިންގެ ހިލަމެއް ނުވާތީ މުނީރު ސުވާލުކޮށްލިއެވެ.
"ރާދިން ބޭރުގަ ވީ…" ސޯފާގައި އިށީންނަމުން މައާލް ބުނެލިއެވެ. އެއާއެކު މުނީރު ފުން ނަޒަރަކުން މައާލްއަށް ބަލައިލިއެވެ.
"ހެނދުނު ދިޔަގޮތަށް އަދިވެސް ގެއަށް ނާންނަނީ؟" އޭނާ ސުވާލުކޮށްލީ ރާދިންއާ މެދު ޝައްކުވެގެންނެވެ. މުނީރުގެ އެ ސުވާލާއެކު، މައާލް ހާސްވިއެވެ.
"ނޫން.. ނޫން. އެހެންނެއް ނޫން. ގޮސްފަ އައިސް އަނެއްކާ އެ ދިޔައީ…" ދޮގު ހަދަން ފަސޭހަ ނުވިނަމަވެސް، މައާލްއަށް މަޖުބޫރުވީއެވެ. އޭނާ ހީކުރީ ވަކިން ގެއަކަށް ރާދިން އޭނާ އެ ގެންނަނީ އޭނާއާމެދު އަނިޔާވެރި ވާން ކަމުގައެވެ. އެހެންނަމަވެސް މިވީ ދުވަސްތަކުގައި ރާދިންވަނީ އެއީ ކުށްހީއެއްކަން އޭނާއަށް ސާބިތުކޮށްދީފައެވެ. ވީއިރު އެންމެ ދުވަހެއްގެ ޝަކުވާ މުނީރުއާ ހިސާބަށް ގެންދާކަށް މައާލް ބޭނުމެއް ނޫނެވެ. ބަދަހިވަމުންދާ އެ ގުޅުމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ކުރާކަށް މައާލްގެ ޒަމީރު އޭނާއަށް ތަނެއް ނުދެއެވެ. އެ ދެމެދުގައި ކުރިން ވީ ދުރުކަން މަޑުމަޑުން ނެތެމުން ދާފަދަ އިޙްސާސްއެއް މައާލްއަށް ކުރެވެމުން ދިޔައެވެ. އެކަން އެކަންޏެއް ނޫނެވެ. ރާދިންއާ މެދު އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޤަދަރު ދިޔައީ ދުވަހެއް ދުވަހަކަަށް އިތުރުވަމުންނެވެ. ފިރިމީހާގެ ސިއްރުތައް ބޭޒާރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ޔަޤީންތަ؟" މުނީރު ބޭނުންވީ އިތުރަށް މައާލްގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ދިރާސާކޮށްލާށެވެ. ރާދިންގެ އެއްވެސް ނޭދެވޭ ސިފައެއްގެ ވާހަކަ މައާލް އޭނާގެ ގާތުގަ ނުދައްކާނެކަން މުނީރަށް އެނގެއެވެ. މައާލްއަކީ ކޮންފަދަ ކެތްތެރި އަންހެން ކުއްޖެއްހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ކެތްތެރިކަމުގެ މޭވާ އެންމެ ފޮނިވާން މުނީރު ބޭނުންވިއެވެ. މުނީރުގެ ވިސްނުން ތޫނު ސިކުނޑިއަށް މައާލް އެ ހަދަނީ ދޮގެއްކަން ފަހުމްވުމާއެކު، އޭނާ ރާދިންއާ ވާހަކަ ދައްކަން ނިންމިއެވެ. ނޭނގިނަމަވެސް، ރާދިން މައާލްއާ މެދު އެގޮތަށް އިހުމާލު ވާކަށް މުނީރު ނޭދެއެވެ. ރާދިންއަށް ލިބިފައިއެވަނީ ޖަވާހިރެއްކަން އޭނާ ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟
"ލައް… ލައްބަ!" މައާލް ބުނެލިއެވެ. ވީހާވެސް ހަމަޖެހިގެން މުނީރާ ވާހަކަ ދެއްކޭތޯ އޭނާ މަސައްކަތްކުރިއެވެ.
"އެންމެ ރަނގަޅު! ބައްޕަ ދެން ގޮސްލާނަން އިނގޭ…" މައާލްއާ ވާހަކަ ދައްކާލާފައި މުނީރު ދާން ތެދިވިއެވެ. މައާލްވެސް ދިޔައީ ކޮޓަރިއަށެވެ.
އޭގެ ފަހުން ޖެހިޖެހިގެން އައި ދެ ދުވަހުވެސް މުނީރު ރާދިން ހޯދަން އައި ނަމަވެސް ދިމާވާ ގޮތެއްނުވެއެވެ. ބައްދަލުކޮޮށްލަން ބޭނުންވާކަމަށް ބުނަން އޭނާ ރާދިންއަށް ނުގުޅީ ހަމަ ގަސްތުގައެވެ.
ތިންވަނައަށް ވީ ދުވަހުގެ ރޭ މުނީރު އެގޭގައި އިންދާ ރާދިން އައިސް ގެއަށް ވަނެވެ. އެގޮތަށް މުނީރު ފެނުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ.
"ރާދިން! އައިސް އިށީނދެބަލަ!" ސޯފާގައި އިން މައާލްއާ ދިމާލަށް އިޝާރާތްކޮށްލަމުން މުނީރު ބުނެލިއެވެ. ރާދިން އައިކަން އެނގުމުން މައާލް ކުޑަކޮށް ނުތަނަވަސްވިއެވެ. އޭނާ މުނީރުގެ ކައިރީގައި ވަރަށް ގިނަ ވާހަކަަތައް ހިއްސާކުރިކަމަށް ރާދިންއަށް ހީވެދާނެތީ އޭނާ ޖެހިލުންވިއެވެ.
މައާލްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އެ އަސަރުތަކުން، ރާދިންއަށް ނެގުނީ މުޅީން އެހެން މާނައެކެވެ. އޭނާއަށް ހީވީ މައާލް، އޭނާގެ ޝަކުވާ މުނީރުގެ ގާތުގައި ކުރީހެންނެވެ. މުނީރު އައީ އެހެންވެގެން ކަމުގައެވެ. ނުރުހުންވިޔަސް އެކަން ފާޅުނުކޮށް ރާދިން ގޮސް ސޯފާގައި އިށީނދެލިއެވެ.
"ބައްޕަ މިއުޅެނީ ރާއްޖޭން ބޭރަށް ފުރަންވެގެން. " ވާހަކަ ދައްކަމުން ގޮސް ވަކި ހިސާބަކުން މުނީރު އެހެން ބުނެލިއެވެ.
'ދެން ކޮން އިރަކުންތޯ މިކޮޅަށް ދުރުވާނީ؟" ރާދިން ސުވާލުކޮށްލިއެވެ.
"އެހެން ނޭނގެ ބުނާކަށް. ކޮންފަރރެންސް ނިމުނުހާ އަވަހަކަށް އަންނާނަން." މުނީރު ބުނެލިއެވެ. އެއަށްފަހު، އޭނަ ނުސީދާކޮށް މައާލްއާ ރާދިންގެ ގުޅުމުގެ ވާހަކަ ވެސް ދެއްކިއެވެ. ރާދިން މައާލްއަށް ވަގުތު ދޭން ޖެހޭނެކަމަށް ވެސް އޭނާ ބުނަމުން ދިޔައެވެ. ރާދިންއަށް މައާލްއަށް ބަލައިލެވޭ ކޮންމެ ފަހަރަކު އޭނާގެ ގާތަށް ރުޅިއާދެވެއެވެ. މުނީރުގެ ގާތުގައި ހުރިހާ ވާހަކައެއް ދެއްކީ މައާލްކަން އޭނާއަށް ހީވީއެވެ.
ވާހަކަ ދައްކާލާފައި މުނީރު ކޮފީއެއް ބޯލަން ޓެރެސްއަށް އަރަން ބުނުމުން ރާދިން ދެކޮޅެއް ނުހަދައެވެ. މައާލް ދިޔައީ ކޮޓަރިއަށެވެ.
މުނީރު މައްޗަށް އަރަން ފެށުމުން އޭނާ އެބަ އަންނަން ކަމަށްބުނެ ރާދިން ދިޔައީ ކޮޓަރިއަށެވެ. ރާދިން އައުމުން އެމާ ނުކުމެލިއެވެ. އޭނާ ގޮސް މައާލްގެ ކުރިމަތީގައި ހުއްޓިލުމާއެކު، މައާލްގެ ނޭފަތުގައި ޖެހުނީ ރާދިން އާއްމުކޮށް ވެސް ޖަހާ އުޅޭ ސެންޓްގެ ވަހެވެ.
"ރާދިން! ކީއްވެ ތިއައީ؟ ބައްޕަ ދިޔައިތަ؟" ހިނިތުންވެލަމުން މައާލް ސުވާލުކޮށްލިއެވެ.
"ބައްޕަ ދާނެތަ! މައާލްގެ ޝަކުވާތައް އަޑުއަހާ ނިމިގެނެއްނު ދާނީ… މިރޭ ބައްޕަގެ ވާހަކަ ހުރި ގޮތުން އަހަންނަށް އެނގިއްޖެ މައާލް ކޮންމެވެސް ވާހަކަ އެއް ދެއްކީކަން." ރާދިން ބުނެލިއެވެ.
"ނޫން! ތީ ކުށްހީއެއް…ބައްޕަ އަންނަ…." މައާލް އުޅުނީ މުނީރު އަންނަތާ ތިން ދުވަސްވެއްޖެކަމުގައި ބުނާށެވެ. ރާދިން ދުވާލު ގޭގައި ނޫޅޭތީއާ ރޭގަނޑު އޭނާއަށް ނިދޭފަހުން ގެއަށް އަންނާތީ އެވާހަކަ ބުނަން މައާލްއަށް ފުރުސަތެއް ނުލިބުނީއެވެ.
"ޝްޝްޝް… އިތުރަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ! މައާލް ބައްޕަ ކައިރީގައި ވާހަކައެއް ބުނިކަން އެނގިއްޖެއްޔާ ހުރިހާކަމެއް ނިމުނީ…" ރާދިން މައާލްގެ ތުންފަތުގައި އިނގިލި ޖައްސާލަމުން މައާލްގެ ވާހަކަ ހުއްޓުވާ ބުނެލިއިރު، އެ އަޑުގައިވި އިންޒާރުގެ އަސަރުތަކުން މައާލްގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ.
"އަހަރެން ދެން ރާދިންއާ އެކީ ރީއްޗަށް އުޅޭނީ މައާލް ވަރިކުރި ދުވަހަކުން…" މިރޭ ސަޖާ ބުނި ލަފުޒުތައް ރާދިންގެ ކަންފަތުގައި ގުގުމާލިއެވެ. އޭނާ މައާލްގެ އަތުން ދޫކޮށްލާފައި ކޮޓަރިން ނުކުމެގެން ގޮސް ޓެރެސްއަށް އެެރިއެވެ.
"އާދެބަލަ! ދަރިފުޅާ އެބަޖެހޭ ވާހަކައެއް ދައްކަން" މުނީރު ބުނެލިއެވެ. ދެމީހުން ކޮފީ މޭޒު ދޮށުގައި އިށީނދެލިތަނާ ނޯކަރު ކުއްޖެއް ކޮފީ ހިފައިގެން އަތުވެއްޖެއެވެެ.
"ދަރިފުޅު މައާލްއަށް ވަގުތު ދެންތަ؟" މުނީރުގެ ފުރަތަމަ ސުވާލާއެކުވެސް، އޭނާ ހިތްހަމަނުޖެހުނީ މައާލް ދެކެއެވެ. ރާދިން އާއެކޭ ބުނެ ބޯޖަހައިލުމުން ވެސް މުނީރު ރާދިންއަށް ނަސޭހަދް ދޭން ފެށިއެވެ.
"މައާލް ކީކޭ ކިޔައިގެންތޯ ބައްޕަ ތިއުޅުއްވަނީ؟" ކެތްނުކެރެވުނު ރާދިން މުނީރާ ސުވާލުކޮށްލިއެވެ.
"މައާލްއޭ. މައާލް ކީކޭ ކިޔާނީ. ފިރިމީހާގެ ގޯސް ސިފަތައް ފޮރުވަން މައާލް އުޅޭވަރުން ބައްޕަވެސް ހައިރާންވޭ… ރާދިންއަށް ނޭނގިވެސް ތި ލިބުނީ ޖަވާހިރެއް… ބައްޕަ ރާދިން ހޯދަން ހެނދުނާ ރޭގަނޑު މިގެއަށް އަންނަތާ ބަރާބަރު ތިން ދުވަސްވެއްޖެ! ތިން ދުވަސް… މިވަރުން ބައްޕައަށް އެއްޗެއް ނޭނގޭނެތަ؟ އެހާވަރަށް ބައްޕަގެ ބޮލުގެ ތެތްކަމެއް ނުހުންނާނެތަ؟ އުމުރުން ދުވަސްވިޔަސް މި ސިކުނޑިއަށް ކަންތައްތައް ނަގައި ނުގަނެވޭ ވަރަށް ވިސްނުން ކޮއްޓެއް ނުވޭ!" މުނީރު ބުނެލިއެވެ. ރާދިންއަށް އިސްޖަހައިލެވުނެވެ.
"ޒާހިދު ލިޔުންތައް ހަވާލުކުރަން މާދަން އަންނާނެ. އޭގައި މައާލްއާ ރާދިންއާ ސޮއިކުރަން ޖެހޭނެ. ދެން މިފެށޭ ހަފްތާއިން ފެށިގެން ރާދިން ޖެހޭނެ އޮފީހަށް ނިކުންނަން…"
"ފެށޭ ހަފްތާ؟"
"އާނ. އަދި އެއްވާހަކަ!" އެހެން ބުނެލާފައި މުނީރު ހަމާކޮށްލި ވާހަކައާއެކު ރާދިންއަށް ޝޮކެއް ލިބުނެވެ.