ވައިބާއިން ސަޖާ ފޮނުވި މެސެޖާއެކު ރާދިންއަށް ހައިރާންކަމެއް ލިބުނުއިރު، ހިތަށް ނުބައި ގޮތެއްވެ މީހާ ނުތަނަވަސްވިއެވެ. ހުޅުވަން ނުހުޅުވަން ހުރެފައި އޭނާ އެ މެސެޖް ހުޅުވާލިއެވެ. ފެނުނު ފޮޓޯތަކެއްގެ ސަބަބުން ރާދިންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

އެއީ ސަޖާއާއި އޭނާއާ ދެމީހުން އެކުގައި ހޭދަކުރި ރޭގެ ފޮޓޯތަކެކެވެ. ރާދިންގެ ހިތުގެ ހިނގުން ބާރުވީ އެއެއްމިޔެއް ބަލާފައެއް ނޫނެވެ. ސިކުނޑީގެ މަސައްކަތްތައް ހުއްޓުނުއިރު، މީހާ ގަނބުވިއެވެ. ފަހަރަކު ފޮޓޯއަކަށް ބަަލަން ފެށިއިރު، ފިނި ދަލެއް ވެސް ހިއްލަން ފަށައިފިއެވެ. ނޭވާ އަވަސްވެގެން ދިޔުމާއެކު، ހަށިގަނޑަށް ވެރިވި އަސަރުތަކެއްގެ ސަބަބުން އަތަށް މަޑުމަޑު ތުރުތުރު އެޅުމެއްގެ އަސަރުވެސް ވެރިވެއްޖެއެވެ. އަވަސް އަވަަހަށް ސަޖާއަށް ގުޅިނަމަވެސް، ސަޖާ އޭނާގެ ނަންބަރު ބިޒީކޮށްލަނީއެވެ. އެއީ ސަޖާ ގަސްތުގައި ކުރާކަމެއްކަން ރާދިންއަށް އެނގުމާއެކު، އޭނާ މެސެޖެއް ކޮށްލިއެވެ.

"ރާދިން ހީކުރީ ކީކޭކަމަށްތަ؟ އަހަރެންނަށް ތިހާ ބޮޑު ދޯކާއެއް ދީފަ އުފަލުގަ އުޅެވޭނެކަމަށްތަ؟ މިކަމުގެ ޒިންމާ ރާދިން ޖެހޭނެ ނަގަން. އަހަރެން ވީ ލޯބީގެ ބަދަލު ރާދިން ޖެހޭނީ އަހަންނަށް ދޭން." ސަޖާގެ މެސެޖުގައިވެއެވެ. ރާދިންއަށް އެތަކެއް ފަހަރު އެ މެސެޖް ކިޔުނެވެ. ހަދާނެ ގޮތް ހުސްވުމާއެކު އޭނާއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނެވެ. ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު އޭނާގެ އަތުގެ އިނގިލިތައް ހަރަކާތްކުރަން ފެށިއެވެ. މެސެޖެއް ލިޔެލާފައި ސަޖާއަށް ފޮނުވާލިއިރު، އެހިތުގެ ތެޅުން ވަނީ އާދަޔާ ޚިލާފަށް އަވަސްވެފައެވެ.

"ތި ފޮޓޯތައް ޑިލީޓްކޮށްލާ…" ރާދިންގެ މެެސެޖުގައި ވެއެވެ.

"މި ޑިލީޓްކުރިޔަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެ. މިކަމާ އުޒުރުވެރިވަންޏާ ދެން ކަންތައް ކުރަން ޖެހޭ ގޮތްވެސް އެނގޭނީ އަހަންނަށް." ސަޖާގެ ރިޕްލައި ލިބުމާއެކު ރާދިން ހާސްވިއެވެ.

"ތީގެ މާނައަކީ ކޮބާ؟" ރާދިން ސަޖާއާ ސުވާލުކޮށްލިއެވެ.

"މީގެ މާނައަކީ ރާދިން މިކަމަށް އިންކާރުކޮށްގެން ނުވާނެޔޭ. ޓޫ ބޭޑް ރާދިންގެ އަންހެނުންގެ ލޮލަށް ނުފެންނާތީ. އެކަމަކު ކުރެވޭނެކަންތައް ހުންނާނެ." ސަޖާ އިންޒާރެއް ދިނެވެ.

ސަޖާގެ މަޤްސަދު ރާދިންއަށް އެނގުމާއެކު، އޭނާ ސަޖާ ގާތު އާދޭސްކުރީ މައާލް ގާތު އެއްވެސް ވާހަކައެއް ނުބުނުމަށެވެ. ސަޖާ އެ ވާހަކަތައް މައާލްއާ ހިއްސާކޮށްފިނަމަ، މައާލްގެ ކުރިމަތީގައި ދޮގު ހަދާ އޮޅުވާލުމުގެ ހިތްވަރު ހުންނާނެހެންވެސް ރާދިންއަކަށް ހިޔެއްނުވެއެވެ. ބޯ ހާސްވާން ފެށުމާއެކު ފޯނު އަތުގެ ކޮޅަށް ހޫރައިނުލެވުނީވެސް ކިރިޔާއެވެ. ރެއިލިންގައި ދެ އަތުން ބާރަށް ހިފައްޓާލުމާއެކު ދަތްކުނޑި ވިކާލާފައި ދެލޯ ފިއްތާ ބާރުކޮށްލެވުނީ ނަފްސުގައި އުފެދުނު ރުޅިވެރިކަމެއްގެ ސަބަބުން އެ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވޭހެން ހީވުމުންނެވެ. ސަޖާއަށް ވުރެވެސް ބޮޑަށް ރާދިންއަށް ރުޅިއާދެވުނީ އަމިއްލަ ނަފްސު ދެކެވެ. އެރޭ އޭނާ އެގެއަށް ގެންދިޔުމަކީ ސަޖާގެ ރޭވުމެއްކަން ރާދިންއަށް ރޭކާލުމާއެކު، ސަޖާއާ މެދު ހިތުގައި އުފެދުނު ފޫހިކަން އިތުރުވެގެން ދިޔައެެވެ. ގަދަބާރުން ލޯބި ހޯދުމަކީ ކުރެވޭނެކަމެއް ނޫންކަން ސަޖާއަށް އެނގޭނެނަމަ ހާދަ ރަނގަޅެވެ. ފައިސާއާ މުދަލަށް ދަހިވެެތި ވިނަމަވެސް، ސަޖާގެ އަމަލުތަށް ވަނީ ދަށު ދަރަޖައިގެވެސް ދަށުގައެވެ. ސަޖާއާއެކު އެހާ ދުވަހު އުޅުނު އިރު، ހިނިތުންވެފައިވާ މޫނުގެ ފަހަތުގައި ފޮރުވައިގެން ހުރި ގޮތެއް ނެތް އަންހެނާގެ ސިފަ އޭނާއަށް ނުފެނުނީ ކީއްވެހެއްޔެވެ؟ އަމިއްލަ ނަފްސަށް އެތިވަރު ގޮވަމުން ދިޔަ ރާދިންގެ ހަނދާނަށް މައާލް އައުމާއެކު، އޭނަގެ ޖަޒުބާތުތައް މުޅިން އެހެން ދިމާލަކަށް ދީލާލައިގެން ގޮސް ހިތާމަތަކުން އޭނާގެ ނަފްސު ހިސާރުކޮށްފިއެވެ. މައާލްއާ މެދު ވިސްނި ވަރަކަށް މީހާގެ މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. ހިނދެއް ހިނދަކަށް އެ ރިހުން ގަދަވެ އޭނާގެ ޖިސްމުވެސް އެ ވޭނުގެ ތެރޭގައި ހައްޔަރުވަމުންދިޔަ އިޙްސާސްއެއް ރާދިންއަށް ކުރުވިއެވެ.

"ކީއްވެތަ މިހެން މިވީ؟' ރާދިންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ހަމަ އެ ހިނދުން ހިނދަށްވެސް މާލެ ދާން ރާދިން ބޭނުންވިއެވެ. ސަޖާގެ ރޭވުމުގެ ނުރައްކާ އޭނާއަށް އެބަ އިޙްސާސްވެއެވެ. އެ އިންޒާރުގެ ސަބަބުން އެންމެ ހިނދުކޮޅަކުވެސް މައާލްއާ ދުރުގައި ހުންނާކަށް ރާދިން ބޭނުމެއް ނޫނެވެ. ސަޖާ އޭނާއާ މައާލްއާ ދެމެދަށް ލާނީ ކޮންފަދަ ވިހައެއްކަމެއް ވެސް ނޭނގެއެވެ.

ރާދިން ކޮޓަރިއަށް ވަދެ ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. ލޯ މަރަލުމާއެކު އޭނާ ވިސްނަން އޮތްއިރު، އެ ދެލޮލުގެ ތެރެއިން ފޭބި ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ދާން ފެށިއެވެ. އެހެން އޮއްވާ އޭނާއަށް ސިހުން ލިބުނީ ފޯނު ރިންގްގެ އަޑާއެކުގައެވެ. ގުޅަނީ މައާލްކަމުން ހިތުގެ ހިނގުން ބާރުވެެ މީހާ ބިރުގަތެވެ. ފުންނޭވާއެއް ދޫކޮށްލަމުން މީހާ ހަމަޖެހިލުމާއެކު، ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯ… " މައާލްގެ އަޑުން ވަރުދެރަކަން ރާދިންއަށް ފާހަގަ ކުރެވުނެވެ.

"މާލް… ބަލީތަ؟" ރާދިންއަށް ސުވާލުކޮށްލެވުނީ ކަންބޮޑުވުމާއެކުގައެވެ.

'ނޫނޭ… ކުޑަކޮށް ހޮޑު ލެވޭތީ މިއުޅެނީ.." މައާލް ބުނެލިއެވެ.

"އެހެންތަ؟ ޑޮކްޓަރަށް ދައްކާކަށް ނުދަންތަ؟" ރާދިން އެހިއެވެ.

"ނޫން… ދާނަން.. ސާދާ ބުނި މާދަން އައިސްދޭނަމޭ…" މައާލް ޖަވާބު ދިނެވެ. އެއަށްފަހު، އޭނާ ރާދިން އަންނަ ދުވަހާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. މައާލްއާ ވާހަކަ ދައްކާލެވުމުން ކުޑަކުޑަ ހިތްހަމަޖެހުމެއް ރާދިންއަށް ލިބުނުނަމަވެސް، އެހިތްވަނީ ނުތަނަވަސްވެފައެވެ.

"ވަރަށް އަަވަހަށް. އައި އެމް ސޮރީ މާލް…" ރާދިން މާފަށް އެދުމުން މައާލްގެ ލުއި ހުނުމުގެ އަޑު އިވުނެވެ.

"ގިނަ ދުވަސްވިޔަސް އޯކޭއޭ… އަހަރެން ރުޅިއެއް ނާންނަމޭ…" މައާލް ހީކުރީ ގިނަ ދުވަސްވާތީ ރާދިން މާފަށް އެދުނީކަމުގައެވެ. ރާދިންއާ ވާހަކަ ދައްކަމުން ދިޔަވަރަކަށް ރާދިންގެ އަޑުން ހާސްކަން މައާލްއަށް އިޙްސާސް ވިއެވެ. އެެހެންކަމުން އެކަމޭ ބެހޭގޮތުން އޭނަ ސުވާލުކޮށްލިއެވެ. މައާލްއަށް ކަމެއް ފާހަގަވެއްޖެކަން އެނގުމުން އެކަން ނުދައްކާވޭތޯ ރާދިން މަސައްކަތްކުރިނަމަވެސް، އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ. މައާލް ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކޮށްލުމާއެކު، ރާދިންއަށް ދޮގު ހަދަން މަޖުބޫރުވިއެވެ. އޭނާ ބުނީ މާ ބުރަކޮށް އުޅުމުން ވަރުބަލިވީކަމުގައެވެ. އަރާމުކުރުމަށް ބުނެފައި މައާލް ފޯނު ބޭއްވީ ރާދިން މަތިން ހަނދާންވާވާހަކައާއި ލޯބިވާ ވާހަކަ ވެސް ބުނެފައެވެ. ރައްދުގައި ހަމަ އެ އިބާރާތްތައް ބޭނުންކޮށްފައި ރާދިންވެސް ފޯނު ބޭއްވީއެވެ.

ފޯނު ބާއްވާފައި އެނދުގައި އޮށޯވެލަން އުޅުނު ވަގުތު ހޮޑުލަވައިގަތުމާއެކު، މައާލްއަށް އޭވާއަށް ގޮވާލެވުނެވެ. އޭވާގެ އެހީތެރިކަމާއެކު، ފާޚާނާއާ ހިސާބަށް ދެވުނީ ކިރިޔާއެވެ. އޭނާއަށް ހޮޑު ލެވިއްޖެއެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަމިއްލަ ހަށިގަނޑާއި މީހާއަށް އަންނަމުން ދިޔަ ބަދަލުތައް މައާލްއަށް ދެނެގަނެވުމާ، މައްސަރު ކަންތައް ލަސްވީކަން އެނގުމާއެކު، އޭނާ ވަނީ އިއްޔެ ސާދާގެ ގާތުގައި ބުނެގެން އަންހެނުންގެ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް ހައްދާފައެވެ. ޝައްކު ޔަޤީންވާނީ ޓެސްޓް ހެދުމުންނެވެ. އޭނާއަށް ވަމުން އެދާ ހުރިހާ އުނދަގުލަކީވެސް މާ ބަނޑު ދުވަސްވަރު މީހުންނަށް ވަމުންދާ އުނދަގޫތަކެއްކަން އަންހެނަކަށް ވީތީ މައާލްއަށް ވެސް އެނގެއެވެ. ހެނދުނު ހޭލާއިރު ހޮޑުލެވެއެވެ. އެއްޗެއް ކާލިޔަސް ބައެއްފަހަރު އެ އެއްޗެހި އަންނަނީ ހޮޑަށެވެ. އޭނާއަށް އެންމެ މީރުވަސް ދުވާ ސެންޓުންވެސް މިހާރު މީރުވަހެއް ނުދުވައެވެ. އެންމެ މީރުވެގެން ކުރިން ކެއި އެއްޗެހިވެސް ކަމުދާ ގޮތެއް ނުވެއެވެ. މީހާ ވަރުބަލި ވުމާއި، ބޮލަށް ބަރުވެފައި ހުންނަން ފެށިއެވެ.

"ޑޮކްޓަރަށް ވިޒިޓްނުކުރަނީތަ؟" މޫނު ދޮވެލި މައާލްއަށް ބަލަން ހުރެ އޭވާ ސުވާލުކޮށްލިއެވެ.

"ސާދާ ބުނި މާދަން އަންނާނަމޭ…" އޭވާ ދިން ތުވާލި ކޮޅުން މޫނު ފުހެމުން މައާލް ބުނެލިއެވެ. އޭވާއާއެކު ފާޚާނާއިން ނުކުމެގެން ގޮސް މައާލްވެސް އެނދުގައި ޖައްސާލީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ހިތުގައި ވި އިޙްސާސްތަކެއްގެ ސަބަބުން އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. ކުއްޖަކު ހޯދުމަކީ ރާދިންއާ މައާލްއާ ދެމީހުން ޕްލޭންކޮށްގެން ތިބި ކަމެއް ނޫންނަމަވެސް، ބަނޑުބޮޑުވެއްޖެނަމަ އުފަލާއެކު މައާލް އެދަރިފުޅު އުފަން ކުރާނެއެވެ. ބަނޑުބޮޑުވެއްޖެނަމަ އޭނާ ކިތަންމެހާވެސް އުފާވާނެއެވެ. އެހެންނަމަވެސް، ހިތުގައި ބިރުވެރިކަން ވަނީ އެފަދަ ޙާލެއްގައި ދަރިއަކު ބަލާ ބޮޑުކުރުމުގެ ބުރަ އުފުލާނެ ގޮތެއް ނޭނގޭތީއެވެ. އެކަމާ ވިސްނެން ފެށުމުން ހިތްހަމަ ޖައްސާލަމުން މައާލް ނިދޭތޯ މަސައްކަތްކުރިއެވެ.

 

*****

ޖެހިގެން އައި ދުވަހު ހެނދުނު ނުވައެއް ޖެހިއިރު، މައާލްއާ ސާދާއާ ދެމީހުން ތިބީ ހޮސްޕިޓަލްގައެވެ. މައާލް ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް ހައްދަން ބުނުމުން ސާދާ އެކަމާ ބެހޭގޮތުން އެ ދުވަހު މާ ބޮޑު ސުވާލެއް ނުކުރިއެވެ. މައާލް އޭނާއަށް ޝައްކު ކުރެވޭ ކަންތަކުގެ ވާހަކަ ބުނީ ހޮސްޕިޓަލަށް އައި މަގުމަތީގައެވެ. އެހެންކަމުން އޭނާއަށް އެކަމާ މެދު ވިސްނެމުން ދިޔައެވެ. ފިރިމީހާގެ ބޭވަފާތެރިކަން މައާލްއަށް އެނގޭނެ ނަމަ ކޮންފަދަހެއްޔެވެ؟ ރާދިންއަކީ ކޮން ކަހަލަ ފިރިހެނެއްހެއްޔެވެ؟ ލޯބިވާ އަނބިމީހާގެ މައުސޫމްކަމާއި ނުކުޅެދުންތެރިކަމުގެ ފައިދާ ނަގައިގެން، އެހެން އަންހެނަކާއި އެކު މަޖާކުރާއިރު ލަދުވެސް ނުގަންނަނީހެއްޔެވެ؟ ދުވަހެއްގެ ކޮޅުންވެސް އެ ހަޤީޤަތް މައާލްއަށް އެނގިއްޖެނަމަ އެ ފަކީރުގެ ހިތަށް ކުރާނެ އަސަރު ރާދިންއަށް ހަމަ ނޭނގެނީހެއްޔެވެ؟ މައާލްގެ ކޮންމެ އަމަލަކާއި ވާހަކައަކުން އޭނާ ރާދިންދެކެ ލޯބިވާ މިންވަރު ސާދާއަށް ވަޒަންކުރެވެއެވެ. ރާދިންގެ ގޯސް ވާހަކައެއް ދުވަހަކުވެސް މައާލް ނުދައްކައެވެ ރާދިންގެ ނަން ކިޔާ ކޮންމެ ފަހަރަކު އެ ތުންފަތަށް ވެރިވާ ހިނިތުންވުން އޭނާއަށް ވެސް ފެނެއެވެ.

ސާދާ މައާލްއާ ދޭތެރޭ ޙަމްދަރުދީވެއެވެ. ރާދިންގެ ހަޤީގަގް ބުނަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އޭނާގެ ނަފްސު އުޒުރުވެރިކުރުވަނީ މައާލްގެ ހިނިތުންވުމެވެ. ރާދިންގެ އެފަދަ ވިޔާނުދާ ވާހަކައެއް މައާލްގެ ކައިރީގައި އޭނާ ބުނާނީ ވެސް ކިހިނެއްހެއްޔެވެ؟ އެވާހަކަ މައާލް ގަބޫލުނުކޮށްފިނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ ރާދިން އެބުނީ ތެދެއް ހެއްޔެވެ؟ އޭނާއާ އެ އަންހެން ކުއްޖާއާ ގުޅުމެއް ނޯވޭހެއްޔެވެ؟ އެމޫނުމަތިން ތެދުވެރި އަަސަރުތައް ފެނުނު ނަމަވެސް އެކަން ގަބޫލުކުރާކަށް ސާދާ ބޭނުމެއް ނުވެއެވެ. އެއީ އޭނާއަށް ހަޤީގަތް އެނގުމުން އޮޅުވާލަން ރާދިން ދައްކާ ވާހަކައަކަށް ވެސް ވެދާނެއެވެ. އެންމެ ފުރަތަމަ އެގޭ ތެރެއިންނާ އޭގެ ފަހުން ކުރިން ދުވަހު އޭނާއަށް ފެނުނު މަންޒަރުން ރާދިންގެ ވާހަކަތައް ގަބޫލުކުރަން އޭނާގެ ނަފްސު އުޒުރުވެރިވަނީއެވެ.

"ސާދާ…" ވިސްނުންތަކުގައި ބެހެމުންދިޔަ ސާދާއަށް ހޭވެރިކަން ވީ މައާލް އޭނާއަށް ގޮވާލުމުންނެވެ.

"ނަންބަރު ނުޖެހޭތަ؟" މައާލް ސުވާލުކޮށްލުމާއެކު، އޭނާ ޓީވީ ސްކްރީނަށް ބަލާލާފައި އަދި ކުރިއަށް އެއް ނަންބަރު އިންކަމަށް ބުނެލިއެވެ. ފަސްވަރަކަށް މިނެޓް ފަހުން މައާލްގެ ނަންބަރު ޖެހުމާއެކު، ސާދާ މައާލް ގޮވައިގެން ގޮސް ރޫމަށް ވަނެވެ. މައާލްއާ ސުވާލުުކުރުމަށްފަހު، ބޭސް ދީފައި ޑޮކްޓަރު ޓެސްޓްތަކެއް ހަދަން ދިނެވެ. އެ އެއްޗެހީގެ ރިޕޯޓް މިރޭ ލިބޭނެ ވާހަކަ ބުނެފައި ޖެހިގެން އަންނަ ދުވަހު ރިޕޯޓް ދައްކަން އައުމަށް ވެސް އެދުނެވެ. އެތަނުން ނުކުމެގެން އެ ދެމީހުން ދިޔައީ ލެބޯޓްރީއަށެވެ.

ޓެސްޓްތައް ހަދަން ލޭ ނެގުމަށްފަހު، ލަސްނުކޮށް ދެމީހުންވެސް ނުކުމެގެން ބޭރަށް ނުކުތީ ޑްރައިވަރަށް ގުޅާފައެވެ. އެމީހުން ނުކުތްއިރު ޑްރައިވަރު ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ސާދާގެ އެހީތެރިކަމާއެކު، މައާލް ކާރަށް އެދިއެވެ. އެދެމީހުންވެސް ތިބީ ފަހަތަު ސީޓުގައެވެ. މައާލްއަށް ވިސްނެނީ ޓެސްޓްތަކާ މެދުގައެވެ. ރިޕޯޓް ޕޮސިޓިވް ވެއްޖެނަމަ ހަމަ ގައިމުވެސް އޭނާ ވަރަށް އުފާވާނެއެވެ. އެހެންނަމަވެސް ބިރުގަންނަނީ ލޮލަށް ނުފެންނަ ނުކުޅެދޭ ޙާލުގައި އެ ދަރިފުޅު ބަލާނެ ގޮތެއް ނޭނގޭތީއެވެ. ރާދިންގެ އެހީތެރިކަމާއި އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެކަން އެނގުނުނަމަވެސް، ބިރުގަންނަނީއެވެ. އަބަދު ރާދިންއަކަށް ކައިރިއަކު ނުހުރެވޭނެއެވެ. އެ ހުރިހާކަމަކށް ވުރެވެސް ބޮޑަށް އޭނާ ދެރަވާނީ އެ ދަރިފުޅު ލޮލަށް ފެނުމުގެ ނަސީބު ނުލިބޭތީއެވެ. މައާލްގެ ހިމޭންކަމުން އޭނާ ކަމަކާ ވިސްނަނީކަން ސާދާއަށް ދެނެގަނެވުނެވެ.

"ރިޕޯޓް އަންނާނެ ގޮތަމާ މެދު ކަންބޮޑުވަނީތަ؟" އޭނާއަށް ސުވާލުކޮށްލެވުނެވެ.

"ޕޮސިޓިވް ވެއްޖެނަމަ އުފާވާނެ. އެކަމަކު. މިހާލުގައި އަހަރެން ކިހިނެއް…" ފުންނޭވާއެއް ދޫކޮށްލަމުން މައާލްއަށް ޖުމްލަ މެދުކަނޑާލެވުނެވެ. މައާލްއަށް ހިތްވަރު ދިނުމުގެ ގޮތުން ސާދާ މައާލްގެ އަތުގައި ހިފައްޓާލިއެވެ. އަދި ކަންބޮޑު ނުވުމަށް ބުންޏެވެ.

ގެއަށް ގޮސް ދެމީހުން ސައި ބުޔެވެ. ސާދާ އޭނާ ޖެހިގެން އަންނަ ދުވަހު އަންނާނެކަމުގައި ބުނުމަށްފަހު، އެގެއިން ދާން އުޅުނު ވަގުތު މައާލްއަށް ހޮޑުލެވުނެވެ. އެހެންކަމުން އޭނާ މައާލްއަށް އެހީތެރިވުމަށް މަޑުކޮށްލިއެވެ. މައާލް އަރާމުކޮށްލަން އެނދުގައި އޮށޯތުމުން އިރުކޮޅަކުން މައާލްއަށް އެއްޗެއް ދޭން އޭވާ ގާތު ބުނެފައި އެގެއިން ނުކުތް ސާދާގެ މިސްރާބަކަށް ވީ އޭނަގެ މޭކަޕް ސުޓޫޑިއޯއެވެ.

މައާލް ރާދިންއަށް ގުޅައިލިއިރު ރާދިންގެ ފޯނު އޮތީ ނިއްވާލާފައެވެ. ދެ ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބަކެވެ. ކުޑަކޮށް ހިތށް އުނދަގޫވިނަމަވެސް، އެކަމާ މާބޮޑަށް މައާލްއެއް ނުވިސްނައެވެ. ކުރިން ދުވަހަކުވެސް ރާދިންގެ ފޯނު ނިވިފައި އޮތުމުން ކަންބޮޑުވެގެން އުޅެނިކޮށް ރާދިން ގުޅާފައި ބުނީ މަސައްކަތުގައި އުޅެނިކޮށް ނިވުނީ ކަމުގައެވެ.

*****

ޖެހިގެން އައި ދުވަހު މައާލް ޑޮކްޓަރަށް ރިޕޯޓް ދެއްކުމާއެކު، އޭނާއަށް ލިބުނީ އުފާވެރި ޚަބަރެކެވެ. ބަނޑުބޮޑުކަން އެނގުމާއެކު އޭނާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހާލިއިރު، ކުރެވުނީ މީގެ ކުރިން ކުރެވުނު އިޙްސާސްއެއް ނޫނެވެ. އޭނާގެ ޙާލަތުވެސް ހަނދާންނެތުނު މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޑޮކްޓަރު ބޭސް ލިޔެދީފައި މައާލްގެ ކައިރީގައި މި ދުވަސްކޮޅު ބަލައިގެން އުޅެން ބުންޏެވެ. އަދި އޭގެ ހަފްތާއެއްހާ ދުވަސްފަހުން ސްކޭންއެއް ހެދުމަށްފަހު އަލުން އައުމަށްވެސް އެދުނެވެ. ކޮޓަރިން ނުކުތުމާއެކު އޭނާއަށް ސާދާގެ ގައިގައި އޮޅުލައިގަނެވުނެވެ.

"ކޮންގްރެޗުލޭޝަންސް މައާލް." މައާލްގެ އުފާވެރިކަން ސާދާއަށް އިޙްސާސްވިއެވެ. އޭނާ ވެސް މައާލްގެ ގައިގައި ބައްދާލިއެވެ.

"ރާދިންއަށް ޚަބަރު ދޭނީ ކޮން އިރަކުންތަ؟" އެ ސުވާލު ސާދާ ކުރީ ކާރަށް އެރުމަށްފަހުއެވެ.

"ރާދިން އައިމަ ބުނާނީ… ހިޔެއް ނުވޭ ގިނަ ދުވަސްވާނެހެންނެއް. އަހަރެން ބޭނުމީ ރާދިންގެ ކައިރީގައި ހުރެ މި ޚަބަރު ދޭން." މައާލްއަށް ބުނެވުނެވެ. ސާދާއަށް މައާލްއަށް ބަލަހައްޓައިގެން އިނދެވުނީ ހިނިތުންވާން ވެސް ނޭނގިފައެވެ. ހަޤީގަތުގައި އޭނާ ވަނީ މައާލްއާ މެދު ކަންބޮޑުވެފައެވެ. ރާދިންއަކީ ބޭވަފާތެރިއެވެ. އެ އަންހެން ކުއްޖާއާ ގުޅުން ނެތްކަމަށް ބުންޏަސް އޭނާއަކަށް އެކަމެއް ގަބޫލެއް ނުކުރެވެއެވެ. އެ ހަޤީގަތް ފަޅާ އަރާ އެ ދެ މީހުން ދުރުވެއްޖެނަމަ، މިހާރު ދެރަ ލިބޭނީ މައާލްއަށް އެކަންޏެއް ނޫނެވެ. މައާލްގެ ބަނޑުގައި އުފެދެމުން އެދާ ތުއްތު ފުރާނައަށްވެސް މެއެވެ. މައާލް ގެއަށް ލާފައި ސާދާވެސް އޭނާގެ ކްލައިންޓަކާ ބައްދަލުކުރަން ސުޓޫޑިއޯއަށް ދާން ޖެހުމުން ދިޔައީއެވެ.

*****

އުޑުމަތީގައި ރަތް ވިލާ ލަމުން ދިޔަ ވަގުތުގައި، ރަންވޭ މައްޗަށް ތިރިކުރަމުން ދިޔަ މަތިންދާ ބޯޓުގެ ލޯގަނޑާ ދިމާ ސީޓުގައި އިން ރާދިން ބޭރު ބަލައިލިއެވެ. އިރުގެ އޮރެންޖް އަލި ކަނޑުގެ ސަތަހައިގެ މައްޗަށް އެޅިފައިވާއިރު ހީވަނީ އޮރެންޖު ކުލައިގެ ސާލެއް ފަތުރާލާފައި ވާހެންނެވެ. ޤުދުރަތުގެ ފިހިން އުދަރެސް ފަވާލާފައި މަޑު ރަތް އޮރެންޖް ކުލައެއް ގެ އިތުރުން މަޑުމަޑު ދަނބުކުލައެއް އުޑުމައްޗަށް ވެރިކޮށްލާފައި އޮތުމުން މުޅި މަންޒަރު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރެއިން ފެހިކުލައިގެ ޖަޒީރާ ރަށްތައް ފެންނަނީ ވެސް އަޖަބުކުރުވާ ކަހަލަ ގޮތަކަށެެވެ. ހީވަނީ ކަނޑުގައި އެތުރިފައިވާ ފެހިކުލައިގެ ކުރި ކުދި މުތީތަކެއްހެންނެވެ.

ހުޅުލެއަށް ބޯޓު ޖެއްސުމުން، މީހުންތައް ފައިބަން އަވަސްވެގަތެވެ. ރާދިން މަޑުޖެހިލީ ބޯޓު ތެރެއިން ތަންކޮޅެއް މީހުން މަދުވަންދެން ނަމަވެސް، އެހެން އިންދާ އޭނާގެ ހަނދާންތައް ގޮސް ގުޅުނީ ސަޖާގެ އިންޒާރާއެވެ. އަދި މައާލްއާއެވެ.

"އެކްސް ކިއުޒް މީ؟" ފްލައިޓް އެޓެންޑެންޓްއަކަށް އުޅުނު ކުއްޖާ ގޮވާލުމާއެކު، ހަމަބިމަށް އާދެވުނު ރާދިންއަށް ސިހިފައި ބޯޓު ތެރެއަށް ނަޒަރު ހިންގާލެވުނެވެ. އޭރު އެތެރޭގައި ތިބީ މަދު މީހެކެވެ. އޭނާ އެ ކުއްޖާއަށް ޝުކުރު އަދާކޮށްފައި ފްލައިޓުން ފައިބަން އަވަސްވެގަތެވެ. ބޯޯޓުން ފައިބައިގެން އިމިގްރޭޝަން ކައުންޓަރު ދޮށާ ދިމާލަށް ހިނގައިގަތް ރާދިންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ކައުންޓަރު ދޮށުގައި ކިއު ދަމާލާފައި އޮތްވަރު ފެނި އޭނަ ފޫހިވާގޮތްވިއެވެ. އެހާ ވަރުބަލިވެފައި ހުއްޓާ އެހާ ގިނއިރު އެތަނުގައި މަޑުކުރަން ޖެހުމުން އޭނާއަށް އުނދަގޫވިއެވެ.

ފޮށިތަކާ އެއްޗެހި ހިފައިގެން އެއާޕޯޓުން ނުކުމެވުނުއިރު، ހަތެއްޖަހާ ބޮޑުވެއްޖެއެވެ. އޭނާވަނީ ޑްރައިވަރި ގާތު މައާލްގާތު ނުބުނެ އޭނާ ބަލާ އަންނަން ބުނެފައިކަމުން އޭނާ ނުކުތްއިރު ޑްރައިވަރު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ރާދިން ފެނުމާއެކު އޭނާ ކާރުން ފައިބައިގެން އައިސް ފޮށިތައް ކާރަށް އެރުވިއެވެ. ރާދިން އަރާ އިށީނުމުން އޭނާވެސް ގޮސް ޑްރަިއވަރު ސީޓަށް އަރާ ކާރު ދުއްވާލިއެވެ.

ގެއާ ހިސާބަށް ދެވުމުން ރާދިންއަށް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލެވުނެވެ. ހަފްތާއެއް ހާދުވަހު މައާލްއާ ދުރުގައި ހުރުން ވެސް އޭނާއަށް ހީވީ ގަރުނެއްހެންނެވެ. އެންމެފަހުން މައާލް ފެންނަން އުޅޭތީ ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް އޭނާއަށް ލިިބިފައިވެއެވެ. ބޭނުންވަނީ ދާގޮތަށް ގޮސް މައާލްގެ ގައިގައި ބައްދާލާށެވެ. އޭނާ މައާލްމަތިން ހަނދާންވީ ވަރާއި، ލޯބިވާވަރު އަންގަދޭށެވެ. ޑްރައިވަރު ގާތުގައި ފޮށިތައް ގޭތެރެއަށް ވެއްދުމަށްބުނެފައި ރާދިން ދުވެލާފައި ކަހަލަ ގޮތަކަށް ކޮޓަރިއާ ދިމާލަށް ދިޔައިރު، ބަދިގެއާ ދިމާލުގައި މަޑުކޮށްލައިގެން ހުރި އޭވާ އޭނާގެ ލޮލުގައި އަޅައިގަތެވެ. މައާލް ދުށުމަށް ކެތްމަދުވެފައި ހުރިވަރުން ކަންނޭނގެއެވެ. އޭނާއަށް އޭވާގެ މޫނުމަތިން ފެނުނު ހާސްކަންވެސް ފާހަަގައެއް ނުކުރެވުނެވެ. މައާލް ކޮބާތޯ ސުވާލުކޮށްލުމުން އޭވާ ކޮޓަރިއާ ދިމާލަށް އަތުން އިޝާރާތްކޮށްލިއެވެ.

ރާދިން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގައި އިށީނދެގެން އިން މައާލްއެވެ. ކޮޓަރީގެ ދޮރުގެ އަޑަށްވެސް މައާލް އެއްޗެއް ނުބުންޏެވެ.

"މާލް…"

"ރާ… ރާދިން…" މައާލްއަށް ބުނެވުނެވެ. އެ ދިޔަ ގޮތަށް ގޮސް ރާދިން މައާލްގެ އަތުގައި ހިފާ ނަގާ މައާލްގެ ގައިގައި ބައްދާލިއެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މައާލް އޭނާއާ ދުރުވެލިއެވެ. އޭނާއައުމުން ވެސް މައާލްގެ މޫނުމަތިން އުފާވެރިކަމެއް އޭނާއަކަށް ނުފެނުނެވެ. އެމޫނުމަތިން އޭނާ އުންމީދުކުރި އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ.

"ކިހިނެއްވީ؟ މާލް.. އަހަރެން އައިމަ އުފަލެއް ނުވޭތަ؟ " އެވަގުތު މައާލްގެ އަތުގައި އޮތް ގަނޑު ރާދިންގެ ލޮލުގައި އަޅައިގަތެވެ.

"ކޯންތެއް ތީ؟" އޭނާއަށް ސުވާލުކޮށްލެވުނެވެ.

"ރާދިންއަކަށްނު އެނގޭނީ މީ ކޯންޗެއްކަން." މައާލްގެ އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ. ރަނގަޅަށް ބަަލައިލުމާއެކު މައާލްގެ ރަވްފެފައިވާ ދެލޮލާއި ތުރުުތުރު އަޅަމުން ދިޔަ ތުންފަތް ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. މައާލްގެ އަތުން އޭނާ އެ ގަނޑު އަތުލާ ބަލައިލިއެވެ. އެއީ ރިޕޯޓެކެވެ. ޕްރެގްނޭންސީ ރިޕޯޓެކެވެ. އޭގައި ލިޔެފައިވާ ނަމަށް ބަލައިލުމާއެކު، ރާދިންގެ ފައިދަށުން ބިންގަނޑު ވެސް ހީވީ ދެމިގެން ދިޔަހެންނެވެ.

"މާލް… މި. ކާކު ދިން އެއްޗެއް؟" ރާދިންއަށް ވާހަކަ ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔުމާއެކު، އަނެއްކާވެސް މައާލްގެ ރަތްވެފައިވާ ދެލޮލަށް އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ.

"ތި އަހަންނަށް ގެނެސްދިނީ ތީގެ ވެރިމީހާ." މައާލް ބުނެލުމާއެކު، ރާދިން އަށް ޝޮކެއް ލިބިގެން ދިޔައެވެ.

ކޮމެންޓް 0