އެތެރެއިން ދޮރު ހުޅުވައިލީ ސަޖާއެވެ. ރާދިން ހުރި ގޮތް ފެނި ސަޖާގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.

ރާދިންގެ މޫނުމަތިން ސަޖާއަށް ފެނުނީ މާޔޫސްކަމާ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ސަޖާއަށް ޖަވާބު ދިނުމެއްނެތި ރާދިން ގެއަށް ވަނުމަށްފަހު، އެ ދިޔަ ގޮތަށް ގޮސް ވެއްޓިގަތީ ސޯފާމައްޗަށެވެ.

އެއީ މާބޮޑު އެޕާރޓްމެންޓެއް ނޫނެވެ. އެއްކޮޓަރީގެ އެ އެޕާރޓްމެންޓަކީ އެކަކު އުޅެން އެންމެ ހެޔޮވަރު ވަރެއްގެ އެޕާރޓްމެންޓެކެވެ. ދެމީހަކަށް އިށީނދެވޭ ވަރުގެ ސޯފާއަކާއި ކުޑަ ކޮފީޓޭބަލެއްގެ އިތުރުން ޓީވީއެއް ސިޓިންރޫމުގައި ހުއްޓެވެ. ސިޓިން ރޫމުގެ އެއްފަރާތުގައި ކައްކާ ތަންކޮޅާއި ކާތަން ހުރިއިރު އެތަނުގައި ތަންކޮޅެއް ބޮޑު ވަށް ކާމޭޒެއް ހުއްޓެވެ.

ބޯމައްޗަށް އުފުއްލާލަމުން ސީލިންގަށް ބަލަހައްޓައިގެން ރާދިން އޮތެވެ. ރާދިންއަށް ވެފައި ހުރިގޮތެއް ނޭނގި ސަޖާ ކުޑަކޮށް ކަންބޮޑުވިއެވެ. އޭނާ ރާދިންގެ ކުރިމަތީގައި ކަހަލަ ގޮތަކަށް މަޑުކޮށްލުމަށްފަހު، އުނަގަނޑުގައި އަތް ވިއްދައިލިއެވެ. އެއަށްފަހު، އޭނާ ރާދިންއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ރާދިން! ކިހިނެއްވީތަ؟ ކިހިނެއްވެގެން ތިހާ މޫޑް އޮފް ވެފަ ތިހުރީ؟" ސަޖާ ސުވާލުކޮށްލީ ރާދިން އިތުރު އެއްޗެއް ނުބުނުމުންނެވެ.

"ނުވޭ ކަމެއް." ސަޖާގެ އެ ސުވާލަށް ޖަވާބު ދިންއިރުވެސް ރާދިންގެ އަޑުގައި ރުންކުރުކަން ވިއެވެ. ސަޖާ ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ނެތްނަމަވެސް، އޭނާއަށް އެތެރެހަށީގައި އުފެދުނު އިޙްސާސްތައް ހިންދައިލުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. ކަންފަތުގައި ގުގުމަނީ މައާލް އާއި އޭނާގެ ބައްޕަގެ ބަސްތަކެވެ. އޭނާގެ އިންޒާރުތަކަކުންވެސް ވީ ފައިދާއެއް ނެތެވެ. މައާލް ގޮތް ދޫނުކުރާނެއޭ ރާދިންގެ ހިތް ބުނަމުން ދިޔައެވެ.

"އަހަރެން ކީކުރީމަ މިހާރު އަހަރެން ދެކެ ރުޅި ތިއައީ؟" ސަޖާ ހިތްހަމަނުޖެހުނެވެ. ފުންނޭވާއެއް ދޫކޮށްލި ރާދިން ސަޖާއަށް ބަލައިލިއެވެ. ސަޖާގެ ގާތުގައި އެވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟ މައާލްއާ ކައިވެނި ނުކޮށްފިނަމަ އޭނާގެ ހުރިހާއެއްޗެއް ބައްޕަ އަތުލާނެކަމުގައި އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާގެ މަޖުބޫރީ ޙާލަތު ސަޖާއަށް އިޙްސާސް ކުރެވޭނެހެއްޔެވެ؟ ނޫނެެކެވެ. ނުކުރެވޭނެއެވެ. ތިމާ ލޯބިވާ މީހަކު އެހެންމީހަކާ ކައިވެނިކުރަން ހިތުން ރުހުމުން އާބަސްދޭނީ ކާކުހެއްޔެވެ؟ ނަމަވެސް އެ ވާހަކަ ސަޖާގެ ކައިރީގައި ބުނުން މުހިންމެވެ. އެކަން ސަޖާއަށް އެނގޭ ހިސާބުން އެ ދެމެދަށް އަންނާނީ ކޮންފަދަ ތޫފާނެއްކަން ލަފާކޮށްލާކަށް ވެސް ރާދިންއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ސަޖާގެ ރުޅިގަނޑު ހިލިގެންދާނެކަމެވެ. ރާދިންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

"ރާދު... ކިހިނެތްވެގެންތަ ތިއުޅެނީ؟ އަޑެއް ނީވޭތަ؟" ސަޖާ ރާދިންއަށް ބަލައިލަމުން ތަންކޮޅެއް ބާރަށް ބުނެލުމުން ރާދިންއަށް ހަމަބިމަށް އާދެވުނެވެ.

"ކަމެއް... ކަމެއް ނުވޭ!"

"ކަމެއް ނުވަންޏާ ތިހާ ގެއްލިފަ އިންނާނެތަ؟" ސަޖާ ބުނެލިއެވެ.

"ސަޖޫ... ހިނގާ މާދަން މާފުއްޓަށް ދާން." ރާދިން ސަޖާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ބުނެލިއެވެ.

"އެ ޓްރިޕް ކެންސަލް ވެއްޖެ. އަހަރެން އޭރު ދާން ބުނީމަ އެއްބަސްނުވެފަ މިހާރު ކިހިނެއްވީ؟" ސަޖާ ސުވާލުކޮށްލިއެވެ.

"އަހަންނަށް އެނގުނީ ބައްޕައަށް އަހަރެން މުހިންމު ނުވާނެކަން. ބައިދަވޭ އެމީހުން ނުދިޔަޔަސް އަހަރެެމެން ދެމީހުންނަށް ދެވިދާނެއެއްނު. ނޫންތަ؟ " ރާދިން ބުނެލިއެވެ. ސަޖާ ރާދިންގެ ކައިރީގައި އިށީނދެލިއެވެ.

"ގޭގެ ކަމަކާ ދޯ ހިތްހަމަ ނުޖެހިފައި ތިހުރީ؟ މާ ބޮޑަށް އެކަމާ ނުވިސްނަބަލަ ލޯބީ. އެކޮޅަށް ގޮސް ކުޑަކޮށް މަޖާކޮށްލީމަ ތިހުރިހާ ޚިޔާލުތަކަކުން ސަލާމަތްވެވިދާނެ. ދުނިޔޭގަ ކަމެއް ދިމާވީމަ ނޫނީ މީހަކު ނިޔާވީމަ އެއީ މުޅި ދުނިޔެ ހުއްޓުނީއެއް ނޫނެއްނު. ރާދިއު ނިޔާވިނަމަވެސް އެއީ ރާދުގެ ދިރިއުޅުން މަޑުޖައްސައިލަން ޖެހޭނެ ސަބަބެއް ނޫނެއްނު." ސަޖާ ރާދިންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"ސަޖޫއަށް އެނގެއެއްނު ރާދިއު އަކީ ހަމައެކަނި އަހަރެންގެ ބޭބެ ނޫންކަން. އެއީ އަހަރެންގެ... އަހަރެންގެ ޓުވިން ބްރަދާކަން. އަހަރެމެން ދެމީހުން މި ދުނިޔެއަށް އައީ އެއް ރަޙިމެއްތެރޭގައި ތިބުމަށްފަހު. ބޮޑުވީ އެކީގައި. ކިހިނެއް އެހާ ފަސޭހައިން ހުރިހާކަމެއް ހަނދާންނައްތައިލާނީ..." ރާދިން ސަޖާގެ އަތަށް ބާރުކޮށްލިއެވެ.

"އަހަރެން ނުބުނަމެއްނު ރާދިއު މަތިން ހަނދާންނައްތައިލާކަށް. އަހަރެން މިބުނީ ރާދިންގެ ދިރިއުޅުން ހުއްޓާލާކަށް ނުޖެހެޔޭ. އަމިއްލަ އުފާތަކަށް އިސްކަން ދިނުމަކީ އެހާ ބޮޑު ފާފައެއްތަ؟" ސަޖާ ރާދިންގެ ކޯތާފަތުގައި ފިރުމައިލަމުން ސުވާލުކޮށްލިއެވެ. ރާދިން ލުއި ހިނިތުންވުމެއް ސަޖާއަށް ހަދިޔާކޮށްލުމަށްފަހު، ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެހެންވިއްޔާ ދެން ތިހެން ނީނދެބަލަ! ރާދު ހީވަނީ މަރުވެފައި އިން މައްޔިތެއްހެން. އަހަރެން ކައިރިއަށް އައިސް ތިހާ މޫޑީކޮށް އުޅެންޏާ ރާދު ކައިރިއަކު އަހަންނެއް ނީންނާނަން" ސަޖާ މޫނު ހަދައިލުމަށްފަހު، ތެދުވަން އުޅުމުން ރާދިން ސަޖާގެ އަތަށް ޖެހި ލުތްކާއެކު ސަޖާއައިސް ވެއްޓުނީ ރާދިންގެ ގައި މައްޗަށެވެ.

"ހީވޭތަ އަަހަރެން އެހާ ފަސޭހައިން ސަޖާ ދޫކޮށްލަފާނެހެން." ސަޖާގެ ބުޅި އިސްތަށިގަނޑު އޭނާގެ މޫނުމަތިން އެއްފަރާތްކޮށްލަމުން ރާދިން ސަޖާގެ ކޯތާފަތުގައި ފިރުމައިލިއެވެ.

ސަޖާއަކީ ޒުވާން ފިރިހެންކުދިންގެ ހިތްތައް ކަތިލާފަދަ އަންހެން ވަންތަ ސިފަތަކެއް ލިބިފައިވާ ރީތި އަންެހެން ކުއްޖެކެވެ. ސަޖާގެ ބައްޓަން ރީތި ލޫޅާފަތި ހަށިގަނޑަކީ އޭނާއާއެކު ބޭރަށް ދާއިރުވެސް ގިނަ ފިރިހެނުންގެ ކަތި ނަޒަަރުތައް ހުއްޓޭ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލި ސަޖާގެ އެންމެ ޚާއްސަ ސިފައަކީ ކުދި ބުޅި ހުންނަ އޭނާގެ އިސްތަށިގަނޑެކެެވެ. އެ އިސްތަށިގަނޑުގެ ހިތްގައިމުކަން އިތުރުކޮށްދެނީ އޭގައި ޖައްސާލާފައިވާ ބްލޮންޑް ކުލައިންނެވެ. ސަޖާގެ ކަޅުކަން ގަދަ ކަޅިއާ ބޮޑު ދެލޮލުގެ ސަބަބުން ވެސް އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ.

"ނޫން. އަހަންނަށް އެނގޭ ރާދިން ދުވަހަކުވެސް އަހަރެން ދޫކޮށްނުލާނެކަން. އެއަށްވުރެ ބޮޑަށް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އެނގޭ." ސަޖާ ހިނިތުންވެލިއެވެ. ސަޖާ އޭނާއަށް ކުރާ އިތުބާރު އެކަނިވެސް ސަޖާގެ ވާހަކައިން ރާދިންއަށް ފަހުމްވިއެވެ. އެއާއެކު އޭނާއަށް ބުނެދޭން ނޭނގޭ އިޙްސާސްއެއް ކުރުވިއެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، ސަޖޫ ގަބޫލުކުރައްޗޭ އަހަރެން އަބަދުވެސް ސަޖޫދެކެ ލޯބިވާނެކަމަށް. ސަޖޫއަށް ވުރެ ބޮޑަށް އަހަރެން ލޯބިވާ އެހެންމީހަކު ނުހުންނާނެ. ޔޫ އާރ މައި އެވްރީތިންގް." ރާދިން ބުނެލިއެވެ.

"ކިހިނެއްތަ ތި ވާހަކަ ދައްކަނީ ރާދު. އަހަރެމެން ވަތްކެއް ނުވާނެޔޭ. ދެން ތިހެން ނީނދޭ... މާދަން ޖެހޭނެ ދަތުރުވެސް ދާން. ކިތަށް ދުވަހަށް ދާނީ؟ ވާނެ ދޯ ބައިވަރު ކަންތައް ކުރަން. އައި އެމް ސޯ އެކްސައިޓެޑް" ސަޖާ ހުރީ އިންތިހާ އުފާވެފައެވެ.

"ސަޖޫ ބޭނުންވީމަ އަންނާނީ. ސަޖޫ ފޫހިވަންދެން އެކޮޅުގައި މަޑުުކުރާގޮތަށް ދާނީ؟ ހެޕީ؟" ރާދިން ހުރީ ކުޑަދުވަސްކޮޅަކަށް މާލެއިން ދުރަށް ދާން ބޭނުންވެފައެވެ. ބައްޕަގެ ކުރިމައްޗަށް އަރާކަށް އޭނާ ބޭނުމެއް ނޫނެވެ. މައާލް ފެނުމުން އެކަނިވެސް އޭނާގެ ލޭކެކިގަނެެއެވެ. ސަޖާއާ ދުރުވުމުގެ ޚިޔާލުން އެކަނިވެސް އޭނާގެ މޭ ހީވަނީ ތޮރުފަމުންދާހެންނެވެ.

އެރޭ ރާދިން ގެއަށް ދިޔައީ އެންމެން ނިދާ ހާއިރުކޮށްފައެވެ. ގެއަށްގޮސް ކުޑަކޮށް ނިދާލާފައި ހޭލައިގެން ދަތުރުދާން ބޭނުންވާ އެއްޗެހި ހިފައިގެން އޭނާ އަނެއްކާވެސް އައީ ސަޖާމެން ގެއަށެވެ. ހެނދުނު އަށެއް ޖަހާއިރު އޮތް ލޯންޗުން ރާދިން ސަޖާއާއެކު މާފުއްޓަށް ފުރީ މުނީރުއަށް އަންގައިލުމެއްވެސް ނެތިއެވެ.

*****

ހެނދުނުގެ ނާސްތާގެ ވަގުތުގައި މޭޒު ދޮށުގައި މުނީރުއާ މައާލް ތިއްބެވެ. ރާދިން ނައުމުން މުނީރު ހީކުރީ ރާދިން މިއަދުވެސް ހިތްހަމަނުޖެހި ނައީ ކަމުގައެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން މުނީރުވެސް މިއަދު އޮފީހަކަށް ނުދެއެވެ. ސައިބޮއިގެން މުނީރު ސްޓަޑީއަށް ވަނުމުން މައާލް ވެސް ބޭނުންވީ އަދި ކުޑަކޮށް ނިދާލުމަށެވެ. އޭނާ އެމާއާއެކު ކޮޓަރިއަށް ގޮސް އޮށޯވެލިއެވެ.

ސައިބޮއިގެން ސްޓަޑީއަށް ވަތް މުނީރު އެތަނުން ނުކުތީ ހުކުރަށް ދާން ތައްޔާރުވާން ވެގެންނެވެ. އެ ހުރިހާއިރުވެސް ރާދިންގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. މުނީރުއަކީ ހުކުރު ދުވަހު އަބަދުވެސް ތަންކޮޅެއް އަވަހަށް މިސްތިކަށް ދާ މީހެއްކަމުން އޭނާ އެގާރަ ގަޑި ބައި ވީއިރު މިސްކިތަށް ދާން ނުކުމެއްޖެއެވެ. ހުކުރު ދުވަހު ގަވައިދުން ކަހަފް ސޫފަތް ކިޔެވުމަކީ މުނީރު އާދަކޮށް ކުރަމުން އަންނަ ކަމެކެވެ.

ހުކުރުން އައިސް ކާންވެގެން ކާކޮޓަރިއަށް ގޮސްފައި މައާލް ގެނައުމަށް އޭނާ ރޯޒް ގާތުގައި އެދުނެވެ. ސުފުރާމަތި ފަޅުފިލުވާލާފައިވަނީ އެކިކަހަލަ މީރު ކާތަކެތިންނެވެ. ބިރިޔާނީގެ އިތުރުން ކަރާފަންޏާއި ޖޫހެއްގެ އިތުރުން ކުކުޅާއި ސެލެޑްވެސް ހުއްޓެވެ. އޭގެ އިތުުރުން ކަސްޓަރޑްވެސް ކައްކާފައި ހުއްޓެވެ. ދުވާ މީރުވަހުން ކުޅުދިޔާވާހާވެއެވެ. ކާކޮޓަރިއަށް އައި މައާލްއަށްވެސް ނޭފަތް އެތެރެއަށް ދަމައިލެވުނީ ދުވަމުން ދިޔަ މީރުވަހުންނެވެ.

"ރާދިން... ރާދިން ކޮބާ؟ ހުކުރަށް ދިޔަތަ؟ އަދިވެސް ނާންނަނީތަ؟" މުނީރު އެމާއާ ސުވާލުކޮށްލުމުން މިއަދު ރާދިން ނުދެކޭ ކަމުގައި އެމާ ބުނެލިއެވެ. މުނީރު ކާން ފެށުމުގެ ކުރިން ރާދިންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އެއްފަހަރު ރިންގްވުމާއެކު ރާދިން ފޯނު ބިޒީކޮށްލިއެވެ. ދެވަނަ ފަހަރަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އަދިވެސް އެއްފަހަރު މުނީރު ގުޅައިލިއެވެ. ރާދިން ފޯނު ނިއްވައިލީކަން ޔަޤީންވެ މުނީރު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކައިގެން މައްޗަށް އަރާ ރާދިންގެ ކޮޓަރިވެސް ބެލިއެވެ. ރާދިންއެއް ނެތެވެ. ރާދިން ދިޔައީ ކޮންތާކަށްބާއޭ އޭނާގެ ހިތަށް އެރި ނަމަވެސް، އޭނާ ހިތްހަމަ ޖައްސައިލީ ރުޅި ފިނިވުމުން ރާދިން ގެއަށް އަންނާނެކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

އެހެންނަމަވެސް ކަންވީ އެެެހެންނެއް ނޫނެވެ. އެރޭވެސް ރާދިން ގެއަކަށް ނާދެއެވެ. މުނީރު ކަންބޮޑުވީ ދެނެވެ. އޭނާ ރާދިންއަށް ގުޅަން މަސައްކަތްކުރިއެވެ. އެންމެފަހުން ރާދިންގެ އެކުވެރިންނާވެސް އޭނާ ގުޅިއެވެ. ކުރިއެރުމެއް ނުލިބުނެވެ.

*****

ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. ރާދިންއާއި ސަޖާއާ ދެމީހުން މޫދުގައި އުޅެލާފައި އެއްގަމަށް އެރިއެވެ. ސަޖާ ލާފައިހުރީ ޑެނިމް ސޯޓަކާއި ފްލޯރަލް ގަޔަށްބާރު އަތް ދިގު ހެދުމެކެވެ. ރާދިން ހުސްގަޔާހުރިއިރު ލާފައިވަނީ ސޯޓެކެވެ. އެ ދެ ޒުވާނުން އެއްގަމަށް އަރައިގެން އައިއިރު އެތަނުގައި ތިބި ގިނަ ބައެއްގެ ނަޒަރުތައް އެ ދެމީހުންނަށް ހުއްޓިފައިވެއެވެ.

ރާޅުޖަހާ ފަށުގައި ދެމީހުން އިށީނދެލިއެވެ. އިރު އޮއްސެމުން ދިޔަ އެ ވަގުތު މޫދަށް އެޅިފައިވާ ދަޅަތަކުގެ އެކި ކުލަތައް ވަރަށް ހިތްގައިމެވެ. ރަތްވިލާތަކުން އުދަރެސް ފެވިފައިވާއިރު ލުއިލުއި ވައިރޯޅިތައް ބީހެމުން ދިޔައެވެ. ގޮނޑު ދޮށުގެ އެކި ހިސާބުތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި އުމުރުފުރައިގެ ޖޯޑުތައް ހަރަކާތްތެރިވަމުން ދޔައެވެ.

"ވަރަށް ވަރަށް ވަރަށް މަޖާ. ޖެޓްސްކީ ދުއްވީއިރު އަހަންނަށް އެންމެ މަޖައީ." ސަޖާ ބުނެލިއެވެ. އޭނާ ރާދިންގެ އަތުގައި ހިފައިލިއެވެ.

"ސަޖޫ އުފާވުން އެއީ އަހަރެން އެންމެ ބޭނުންވާ ކަންތައް." ރާދިން ބުނެލިއެވެ. އޮއްސެމުންދާ އިރަށް ބަލަހައްޓައިގެން އިން ރާދިންއަށް މުނީރުއާ މައާލްގެ މަތިން ހަނދާންވިއެވެ. މުނީރު ކޮންމެވެސް ގޮތަކުން އޭނާ ވީތަނެއް ހޯދާނެކަން ރާދިންއަށް އެނގެއެވެ.

"ކިހިނެއްވީ ރާދު؟" ސަޖާ ރާދިންގެ މޫނުމަތީގައި އަތް ހޫރައިލިއެވެ.

ސަޖޫ. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފަ..." ރާދިން ސަޖާގެ ދެލޮލަށް ބަލައިލިއެވެ. ސަޖާ ބުމަ އަރުވައިލިއެވެ. ރާދިންގެ މޫނުމަތިން ފެނުނު ޖެހިލުންވުމުގެ އަސަރުތަކުން ސަޖާގެ ހިތަށް ނުބައިގޮތެއް ވިއެވެ.

"އަހަރެން ބިރު ނުގަންނުވަބަލަ ރާދު."

"ސަޖޫ. އަހަރެން ސަޖޫ ދެކެ ވަރަށް ލޯބިވޭ. އެކަަމަކު އަހަރެން ހިތަށް އަަރަނީ... މިސާލަކަށް... މިސާލަކަށް އިނގޭ. އަހަރެން ޖެހުނިއްޔޯ އެހެން މީހަކާ ކައިވެނިކުރަން ދެން..."

"ރާދު ނުޖެހޭނެ އެހެން މީހަކާ ކައިވެނިކުރާކަށް." ރާދިންގެ އަނގައިގައި އެއްބައި އޮއްވާ ސަޖާ ވާހަކަ ދެއްކިއެވެ. އޭނާ ރާދިންގެ އަތުތެރެއިން އަތް ދަމައިގަތެވެ. ރާދިން އިސްޖަހައިލިއެވެ.

"މިސާލަކަށް ޖެހުނިއްޔޯ. އެހެންވެއްޖެނަމަ ސަޖޫ އަހަރެންދެކެ ވަރަށް ރުޅި އަންނާނެ ދޯ."

"މީގެ ކުރިން ދުވަހަކުވެސް ރާދު ބުނި ވާހަކައެއް ނޫން. ކިހިނެއްވީ؟" އިސްޖަހާލައިގެން އިން ރާދިން ފެނި ސަޖާގެ ހިތް ތެޅިގަތެވެ. އޭނާ ރާދިންގެ މޫނުގައި ހިފާ އޭނާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު، ރާދިންގެ މޫނުމަތިން ފެނުނު އަސަރުތަކުން ސަޖާގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓުނު ހެންނެވެ. ރާދިންގެ މޫނުމަތިން ސީރިއަސްކަން ނޫން އެއްޗެއް ނުފެނެއެވެ.

"ތި ކަހަލަ ސަމާސާ ނުކޮށްބަލަ ރާދިން."

ކޮމެންޓް 0