"އަހަރެން ރާދިންގެ ކިބައިން ބަދަލުހިފާނެ ގޮތަކާ މެދު ވިސްނައިިފިން… އެކަމަށް ރަޒާންގެ އެއްބާރުލުން ބޭނުންވޭ…" އެހެން ބުނެލާފައި ސަޖާ އޭނާގެ ހިތުގައި ރޭވިފައިވާ ގޮތް ރަޒާންއާ ހިއްސާކޮށްލުމާއެކު، ރަޒާންގެ މޫނުމަތިން ފެނުނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ.

"އެކަމަކު…. "

"ޕްލީޒް… ޕްލީޒް.... އަހަންނަށްޓަކާ… ޕްލީޒް.... އެއްވެސް މީހަކަށް ނޭނގޭނެޔޭ." ސަޖާގެ އާދޭސްތަކަށް ފުރަގަސްދިނުން ރަޒާންއަށްވީ އުނދަގޫކަމަކަށެވެ. އެހެންކަމުން އޭނާ އެކަންތައް ސަޖާއަށް ކޮށްދޭން އެއްބަސްވިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، މީހާގެ ނަފްސު ހަމައަކަށް އަޅުވާލަމުން، އޭނާ ސަޖާގެ އަތުގައި ހިފާލިއެވެ. ސަޖާގެ ހިތުގެ ރިހުމަށް ލުޔެއް ލިބޭނީ އެގޮތަށްކަމުގައި ވާނަމަ އެގޮތާ ވެސް އޭނާ ރުހި ގަބޫލެވެ.

ސަޖާ ބޭނުންވި ގޮތަށް ރަޒާން ގެ ބޮލަށް ސަވާރުވެވުމުން އޭނާގެ ތުންފަތް މަތީގައި ވިހަ ހިނިތުންވުމެއް ދައުރުވިއެވެ. އެއްމިޔަކަށް ހީލުމާއެކު އޭނާ އަޒުމު ކަނޑައެޅީ ހިތުން ނުފިލާވަރުގެ ސަޒާއެއް ރާދިންއަށް ދިނުމަށެވެ.

ހަފްތާއެއް ފަސް

ރާދިންއާއި މާހިލްއާ ދެމީހުން ތިބީ އޮފީހުގެ ކެބިންގައެވެ. އެމީހުން މަޝްވަރާކުރަމުން ދިޔައީ އަލަށް ހުޅުވާ ރިސޯޓާ ބެހޭގޮތުންނެވެ. ވާހަކަ ދައްކާ ނިންމާލުމަށްފަހު، މާހިލް ކެބިންއިން ނުކުންނަން ހިނގައިގަތް ވަގުތު، ރާދިން އޭނާއަށް ގޮވައިލިއެވެ.

"މާހިލް..."

"ކިހިނެއްވީ ރާދިން؟" ފަސް އެނބުރި ރާދިންއާ ސުވާލުކޮށްލިއިރު، އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް މާހިލްއަށް ފެނުނެވެ.

"އަދި އެބަ އޮތް ދައްކާލަން ޖެހޭ ވާހަކައެއް." ރާދިން ބުނެލިއެވެ. މާހިލް ގޮނޑީގައި އިށީނދެލާފައި ރާދިންއާ ސުވާލުކޮށްލުމާއެކު، ރާދިން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ބޭނުންވޭ މާހިލް ފުއާދު ދައްކާ ވާހަކައެއް އަޑުއަހާލަން." ރާދިން އޭނާގެ ބޭނުން ހާމަކޮށްލިއެވެ.

"ރާދިން ތިބުނީ…"

"އާނ… އޭނައާ ބައްދަލުކުރަންވީ. އެކަމަކު ބައްދަލުކުރަނީ އަހަރެން ބުނެގެންކަން އޭނަ ކައިރީ ނުބުނެ އެކަންތައް ކުރަންވާނީ…ވާނެތަ؟" ރާދިން ސުވާލުކޮށްލިއިރު، އެ މޫނުމަތިން އޭނާ އެކަންތައް އެގޮތަށް ކުރަން ބޭނުންވެފައި ހުރި މިންވަރު ހާމަވަމުން ދިޔައެވެ.

ކެތްތެރިކަމެއްނެތި ރާދިން ދިޔައީ މާހިލްގެ ޖަވާބަކަށް އިންތިޒާރުކުރަމުންނެވެ. އޭނާއަށް ޝައްކުކުރެވޭ ހަމައެކަނި މީހަކީ ފުއާދެވެ. މިހުރިހާދުވަހު ބްލެކްމެއިލްކޮށްގެން ލާރި ނެގޭ ފުއާދަށް ވެއްޖެނަމަ، ސަލާމަތްވާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ. ހަމައެކަނި އެޚިޔާލުން އެކަނިވެސް ރާދިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރާދިންއަށް އަންނަމުން ދިޔަ ބަދަލުތައް މާހިލްއަށްވެސް ފާހަގަވަމުން ދިޔައެވެ.

"ރާދިން…" މާހިލް އުޅުނީ އޭނާ ތައްޔާރަށް ހުރިވާހަކަ ރާދިންގެ ކައިރީގައި ބުނަން ނަމަވެސް، އޭނާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ރާދިން ވާހަކަ ދެއްކިއެވެ.

"އައި ނީޑް ޔޫ ޓު ޑޫދިސް…"

"ރިލްކްސް މޭން. އަހަރެން ތިކަންތައް ކޮށްދީފާނަމޭ…. " މާހިލް ޔަޤީންކަން ދިނެވެ.

"މާހިލްއަށް ނޭނގޭ ކަންތައްތައް އަދިވެސް އެބަ ހުރި." ރާދިން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

"ރާދިންއަށް އަހަންނަށް އިތުބާރުކުރެވިދާނެ. ސިއްރުތައް ސިއްރެއްގެ ގޮތުގައި ބަހައްޓަދޭނަން. އެ ޔަޤީންކަން އަހަރެން ދެން،" މާހިލް ރާދިންއަށް ޔަޤީންކަން ދޭން ބޭނުންވީ އޭނާއަށް އިތުބާރުކުރެވިދާނެކަމެވެ. މިވީ ދުވަސްކޮޅު ތެރޭގައި އެ ދެމެދުގައި ގާތް ރަޙްމަތްތެރިކަމެއް އުފެދިފައިވާއިރު، އަދި ގިނަ ކަންތައްތަކެއް ހިއްސާކޮށްފައިވާއިރު، ރާދިން ނުބުނެވިގެން އެ އުޅެނީ ކޮން ވާހަކައެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެނގެން ކިތަންމެ ބޭނުންވިނަމަވެސް، ރާދިންއަށް އިތުރަށް މަޖުބޫރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ކިޔައިދޭން ޖެހިއްޖެ ޙާލަތެއްގައި ރާދިން އޭނާއާ އެ ވާހަކަތައް ހިއްސާކުރާނެކަން އެނގޭތީއާވެސް އެކުގައެވެ. އެހެންނަމަވެސް އޭނާ އެހެން ބުނީ ރާދިންއާއެކު އޭނާ ހުރި ކަން އަންގައިދިނުމުގެ ގޮތުންނެވެ.

"މި ވީހާ ދުވަހު، މީހަކު ދިޔައީ މައާލް ބައްޕަ ޝާކިރާއި އަދި ޒާހިދަށްވެސް ބްލެކް މެއިލްކޮށް ބިރު ދައްކަމުން. ކޮންމެ މަހަކު އެތަކެއް ފައިސާއެއް އޭނައަށް ދޭން ޖެހޭ…"

"އެކަމަށް ރާދިންއަށް ޝައްކުކުރެވެނީ ފުއާދަށް ދޯ…"މާހިލް ކަންތައްތައް ނަގައިގަންނަލެއް އަވަހެވެ. މާހިލްގެ އެ ސުވާލާއެކު ރާދިން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ސަބަބަކީ ކޮބައިތޯ މާހިލްއަށް އަހައިލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަހަރެން ފަހުން ކިޔައިދޭނަން އިނގޭ… އެކަމަކު މިވަގުތަށް އަހަރެން މާހިލްގެ އެހީތެރިކަން ބޭނުން." ރާދިން ބުނެލިއެވެ. ހަޤީޤަތް ކިޔައިދޭން ވެއްޖެނަމަ، ހާމަކުރަން ޖެހޭނީ މައާލްގެ ހަޤީގަތެވެ. އެ ހަޤީގަތް އެވަގުތު މާހިލްގެ ކައިރީގައި ހާމަކުރަން ރާދިންގެ ހިތް ނުރުހުނެވެ. މައާލްއާ ގުޅޭ އެފަދަ ބޮޑު ކަމެއް އެންމެ ފުރަތަމަ އެނގެން ޖެހޭނީ މައާލްއަށޭ އޭނާގެ ހިތް ބުނަނީއެވެ. ރާދިން އިތުރަށް ވިސްނާލިއެވެ. ފުއާދާ ދިމާވުމުން ފަހަރެއްގައި އެ ހަޤީގަތް އޭނާއަށް ވުރެ ކުރިން ފުއާދު މާހިލްއާ ހިއްސާކޮށްފާނެއެވެ. އެހެންނަމަވެސް މިވަގުތު އެ ވާހަކަތައް ދައްކާކަށް ރާދިން ބޭނުމެއް ނުވިއެވެ.

"ރާދިންއަށް ފެންނަ އިރަކުން ހަމަ ކިޔައިދޭންވީ."

"ތޭންކްސް ބަޑީ…" ރާދިން ޝުކުރުއަދާކުރަމުން ހިނިތުންވެލިއެވެ.

"އޭނަ އާ ބައްދަލުކުރަން އުޅެންވީ ދެން." މާހިލް ބުނެލިއެވެ.

މާ އުނދަގުލެއް ނުވާނެ. އެއްފަހަރު އޭނާގެ އަމިއްލަ އެދުމުގައި މާހިލްއަށް އެޕްރޯޗް ކޮށްފިއްޔާ އޭގެ މާނައަކީ ދެވަނަ ފަހަރުވެސް އަންނާނެޔޭ. މާހިލް ނުޖެހޭނެ އޭނަ ކައިރިއަށް ދާކަށް. އޭނަ އަމިއްލައަށް އަންނާނެ. އޭނަގެ ދަހިކަމާއި ކިބުރުވެރިކަން އޭނަ މާހިލްއާ ހިސާބަށް ގެންނާނެ." ރާދިންގެ އަޑުގައި ޔަޤީންކަންވިއެވެ.

އޮފީސް ނިންމާލާފައި ރާދިން ދާން ނުކުތްތަނާ ޒާހިދުގެ ފޯނު ކޯލެއް އައެވެ.

"ހަލޯ…"

"ރާދިން..." ޒާހިދުގެ އަޑުގައި ކުޑަކޮށް ހާސްކަމުގެ އަސަރުތައް ވިއެވެ.

ކިހިނެއްވީ؟" ރާދިން ސުވާލުކޮށްލިއެވެ.

"އެމީހަކު އަނެއްކާ ފައިސާ ދޭން ބުނެފި." ޒާހިދުގެ ވާހަކައާއެކު، ރާދިންގެ ދެބުމަ ގޮށްޖެހުނެވެ. ފައިސާ ނުދޭނަމޭ ބުނަން ހިތަށް އެރިނަމަވެސް، ރާދިން އެ ވިސްނުން ދޫކޮށްލިއެވެ. އެހެންކަމުން އޭނާ ބޭނުންވީ އެ ފައިސާ ދިނުން ލަސްކުރެވޭނެ ގޮތެއް ވޭތޯ ބެލުމަށެވެ.

"އެ ފައިސާ ނުދީ ލަސްކުރެވޭކަށް ނެތްތަ؟" އޭނަ ސުވާލުކޮށްލިއެވެ.

"ކޮންމެ މަހެއްގެ ވެސް ފެށޭއިރު، އަބަދުވެސް އެ ފައިސާ ދޭން ޖެހޭ… ރާދިން ބުނެފިއްޔާ މަޑުކުރެވޭތޯ މަސައްކަތް ކުރެވިދާނެ. އެކަމަކު އެމީހަކީ ވަރަށް ބޯ ހަރު މީހެއް." ޒާހިދު ބުންޏެވެ.

"އަަހަރެން ވިސްނާލާފަ ގުޅާލާނަން." ވަގުތުން ވަގުތަށް ޖަވާބެއް ދިނުމުގެ ކުރިން ރާދިން ވިސްނާލަން ބޭނުންވިއެވެ. އެމީހަށް ހުރިހާ މޮޅެއް ލިބިގެން ނުވާނެއެވެ. ވީ އެންމެ އަވަހަކަށް ވީ ފުއާދުގެ ހަޤީޤަތެއްވެސް ހޯދާށެވެ. އޭނާއަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. ފޯނު ބާއްވާފައި ގެއަށް ދާން ނުކުތްއިރުވެސް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. އޭރު ރޭގަނޑު އަށެއްޖަހަނީއެވެ. ފިިނި ފަޒާގެ ތެތްފިނިކަން އިތުރުކޮށްދެމުން ދިޔައީ ޖެހެމުންދިޔަ ވައިރޯޅިތަކެވެ. ރޭ ފަތިހުއްސުރެ ވާރޭ ވެެހެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ދޭތެރެއަކުން ތުނިކޮށްލިނަމަވެސް، އަނެއްކާވެސް ވާރޭ ބޯކޮށްލައެވެ. ވިއްސާރަކަމުން ރާދިން މިއަދު އޮފީހަށް އައީވެސް ކާރުގައެވެ.

އޭނާ ގެއަށް ދާން ނައްޓާލިއިރު ވަކިން ވާރޭ ބޯކޮށްލިހެން ހީވިއެވެ. ވިދާލާ ވިދުވަރާއެކު ގުގުރީގެ އަޑު އިރުއިރުކޮޅުން އިވިލައެވެ. މަގުމަތީގައި ވަނީ ފެންބޮޑުވެފައެވެ. ހިނގާފައިދާ މީހެއް ފެންނަނީ ހާލަކުން ފަހަރަކުއެވެ. ކާރުތައް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް، ދުއްވާފައިދާ ސައިކަލެއްވެސް މަގުމަތިން ފެންނާކަށް ނެތެވެ.

މަގުމަތީގައި ދުއްވާއެއްޗެހި ކިތަންމެ މަދުނަމަވެސް، ހެދިފައިވާ ފެންގަނޑުގެ ސަބަބުން ދުއްވުން ފަސޭހަކަމަކަށް ނުވިއެވެ. ގެއާ ހިސާބަށް ފޯރުމާއެކު ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވާލިއެވެ. ގޭގެ އެއްފަރާތުގައި ހުރި ކާރު ބާއްވާ ޖާގައިގައި ކާރު ބާއްވާފައި ރާދިން ގޮސް ގެއަށް ވަނެވެ. އޭރު އޭނާގެ މޫނުމަތީގައި މުތީތަކެއް ފަދައިން ފެންތިކިތައް ވިދަމުން ދިޔައެވެ. ފިނިކަން އިޙްސާސްވި ރާދިން އެތެރެއަށް ވަދެލިއެވެ. އޭނާ ގޮސް އެންމެ ފުރަތަމަ ވެސް ވަނީ ކޮޓަރިއަށެވެ. ނަސީބަކުން ކޮޓަރީގެ އޭސީ ހުރީ ނިއްވާލާފައެވެ. އޭރު އޭނާއާއި މައާލްއާ ދެމީހުން ސޯފާގައި ތިއްބެވެ. ރާދިން އައުމާއެކު އޭވާ ދިޔައެވެ.

"ހާދަ ވިއްސާރައޭ ދޯ… އަދި މިއަދު ހުއްޓާނުލާ. ފިނިކަމުން އޭސީ ނިއްވާލާފަ ތިހުރީ. ރާދިންއަށް ހޫނުވަންޏާ ޖައްސާ…" މައާލް ބުނެލިއެވެ.

"ނޫނޭ… ވަރަށް ފިނި އަސްލު." ރާދިން ބުންޏެވެ.

"އަދިވެސް ހަމަ އެހާ ބޯކޮށް ވެހޭތަ އެބަ؟" މައާލް ސުވާލުކޮށްލުމާއެކު، ރާދިން އާއެކޭ ބުނެލިއެވެ.

"މެޓުން އަންގަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށް. ރާއްޖޭގެ ހުޅަނގު ދެކޮޅުން އުފެދިގެން އުޅޭ ތޫފާނެއްގެ އަސަރުކަމަށް ވަނީ. އިންޑިއާއާއި ލަންކާއަށްވެސް ވަރަށް ގެއްލުން ލިބުނުކު ވާހަކަ ހަބަރުގަ ކީ..." ބޮލުގައި ހުރި ފެންތައް ތުވާއްޔަކުން ހިއްކަން މަސައްކަތްކުރަމުން ރާދިން ވާހަކަ ދެއްކިއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅަކާ މައާލްއަށް ހުއްޓެއެވެ.

"މައާލް ބިރެއްވެސް ނުގަނޭތަ މިހާވަރަށް ވިދާ ގުގުރާއިރު؟"ރާދިން މައާލްއާ ސުވާލުކޮށްލިއެވެ.

"މާ ބޮޑަށް ވިދާ ގުގުރަންޏާ ބައެއްފަހަރު ބިރުގަނޭ. ލަންޑަންގައި އުޅުނުއިރު ބައެއްފަހަރު ފަރުބަދަ މައްޗަށް ދަން. އެހެން ގައުމުތަަކަށް ގޮސްވެސް ހިލްސް ތަންތަނަށް ގޮސް އުޅޭއިރު، ވިދާއިރު ބިރުގަނޭ. ހާދަ އަޑު ބާރޭ އެތަންތަނަށް. އެހެން ނޫނީ ވާރޭ ވެހޭއަކީ އަހަންނަށް ވަރަށް ހިތްގައިމު މަންޒަރެއް. ނުފެނުނަސް އެ އަޑު އިވުނީމަވެސް ހިތްހަމަ ޖެހޭ…" މައާލް ހިނިތުންވެލިއެވެ.

ރާދިން ތުވާލި ބާއްވާފައި އައިސް މައާލްގެ ކައިރީގައި އިށީނެވެ. އޭނާ މައާލްގެ އަތުގައި ހިފާލުމާއެކު، ގަނޑުފެންކޮޅެއްފަދަ އަތުގެ ފިނިކަން އޭނާއަށް އިޙްސާސްވިއެވެ.

"ފިނިވެގެން ހަލާކުވެފައެއްނު ތި އިނީ…" ރާދިން މައާލް އޭނާގެ ގަޔާލާ ފިއްތާލިއެވެ. އޭނާ މައާލްގެ ނިތުގައި ބޮސް ދިނުމާއެކު އޭނާއާ ދިމާލަށް މައާލް އަނބުރާލާ މައާލްގެ އިސް އުފުލާލިއެވެ. އެ ދެލޮލަށް ބަލަހައްޓައިގެން ރާދިންއަށް ހުރެވުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން ދަތިވި ރާދިންއަށް މައާލްގެ ކޯތާފަތުގައި ފިރުމާލެވުނެވެ. މައާލްއަށް ލޯ މަރާލެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް އެ އަޑުގައިވި އަސަރުތަކުގެ ސަބަބުން ރާދިންގެ އަތުތެރެއަށް ވިރިގެންދާން ބޭނުންވެފައި ހުރިވަރުންނެވެ. މައާލްގެ ދަޢުވަތު ގަބޫލުކުރަން ރާދިން ފަހެއް ނުޖެހުނެވެ. ރާދިން، މައާލް އޭނާއާ ގާތަށް ދަމައިލި ވަގުތު ސިހުނީ ފޯނު ރިންގްގެ އަޑާއެކުގައެވެ.

ފޯނަށް އަރާފައިވާ ނަން ފެނި ރާދިންގެ ދެބުމަ ގޮށްޖެހުނެވެ. ސައިލެންޓަށް ލުމަށްފަހު އަރާފައިވާ ސަޖާގެ ނަމަށް ބަލަހައްޓައިގެން އެ ފޯނު ކެނޑެން ދެން އޭނާއަށް އިނދެވުނެވެ. މައާލް ސުވާލުކުރުމުން މިވަގުތު އެއްވެސް މީހެއްގެ ފޯނު ނަގަން ބޭނުން ނުވާކަމުގައި ރާދިން ބުންޏެވެ. ދެން އައީ މެސެޖެކެވެ. ނުނަގައިފިނިނަމަ ގޭ ދޮށަށް ވެސް އަންނާނެކަމުގައި ބުނެ އިންޒާރު ދީފައި އޮތެވެ. އެ މެސެޖަށް ރާދިން ރިޕްލައި ނުކުރުމާއެކު، ދެން އައި މެސެޖުގައި އޮތީ އޭނާއަށް އެހެން ނުހެދުމަށް ބުނެފައެވެ. އޭނާ މި ތޫފާނީ ރޭ މާލޭގެ މަގުމައްޗަށް ނެރެ އެއްލާލަނީ ހެއްޔޭ އޮތެވެ.

"އެބަ އަންނަން އިނގޭ…" އެހެން ބުނެލާފައި ރާދިން ކޮޓަރިން ބޭރަށް ނުކުމެލިއެވެ.

"މިހާރު ކީއްވެގެން ތިއުޅެނީ؟" ދެފަަހަރު ދެއެއްޗެއް ކިޔަމުން ދިޔަ ސަޖާއާ ރާދިން ވާހަކަ ދެއްކީ ނުރުހިފައެވެ.

"ހެޔޮ ނުވާނެ ރާދިން. އަހަންނަށް ރުޅި އައިސްގެން މެސެޖު ކުރެވުނީ ދެރަވީވަރުންނޭ… އަހަންނަށް މާފު ކުރޭ… އަހަންނަށް ކުރެވުނީ ކުށެއް. އަހަރެން ނޫޅެން ރާދިންއަށް އުނދަގޫ ކުރާކަށް. ރާދިން އުޅޭނެ ގޮތަކަށް އުޅެންވީ… އަހަންނަށް ހެޔޮ. އެކަމަކު އަހަރެން މިރޭ މިތަނުން ނުނެރޭ. ހެޔޮ ނުވާނެ. އަހަރެން ވަންނާނެ ތަނެއް ނެތޭ…." ސަޖާ ރޯން ފެށިއެވެ. ރާދިންއަށް ވީގޮތެއް ނަގަިއގަންނާކަށް ނޭނގުނެވެ.

"ރާދިން.. ރާދިން މިތަނުގެ ކުލި މި މަހު ނުދައްކާ ހުރިކަން އަހަންނަށް އެނގޭ… އެގްރިމެންޓްވެސް ހަމަ ވެއްޖެކަމަށް ވެރިމީހާ ބުނީ… އޭނަ ބުނީ ހަމަ މިރެއިން މިރެއަށް މިގެއިން ނުކުންނަން." ސަޖާ ރޮއިގަތެވެ.

"އަހަރެން އިތުރަށް ތި ތަނުގެ ކުލި ނުދައްކާނެކަމަށް ހަފްތާއެއް ކުރިން ސަޖާގެ ކައިރީގައި ބުނެފަ އޮންނާނީ… ހަފްތާއެއް ދިނިން އެއްޗެހިތައް ހިފައިގެން ތިތަނުން ނުކުންނަން."

"އެނގެޔޭ. އަހަރެން އުޅުނީ އެކުވެރިއެއްގެ ގެއަށް ދާން. އެކަމަކު އޭނަ… އޭނަ ވެސް ކުޑަ ކަމަކު އެމީހުން ރަށަށް ދިޔައިމަ އެކަންތައް ނުވީ. އޭނަ އަންނާނެ މާދަމާ… ޕްލީޒް… އަހަންނަށް މިތަނުގައި ހުރެވޭނެ ގޮތް ނަމަވެސް ހަދައިދީ… ރާދިން ޕްލީޒް…. ހެޔޮ ނުވާނެ. އާދެބަލަ…"ސަޖާ ގިސްލަމުން ދިޔައެވެ.

"އަހަންނަށް މިރޭ ތިތަނަކަށް ނުދެވޭނެ. މިގުޅަނީ ތިތާ ވެރިމީހައަށް." ރާދިން އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނާ ގުޅީ އެޕާރޓްމެންޓްގެ ބޮޑުމީހާއަށެވެ. އެމީހާ ފޯނެއް ނުނަގައެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެހެންކަމުން ދެން އޭނާ ގުޅީ އެ ގޭގެ ކަންތައްތައް ހަވާލުކޮށްފައި ހުންނަ ބަންގްލަދޭޝް މީހާއަށެވެ. އެމީހަށް ގުޅުމާއެކު، އޭނާ، ވަގުތަކުވެސް ސަޖާ އެތަނުގައި ނުބެހެއްޓޭނެކަމަށާއި މިހާރުން މިހާރަށް އެތަނުން ނުކުތުމަށް އަންގާފައިވާ ކަމުގައި ރާދިންއަށް މައުލޫމާތު ދިނެވެ. މި ތޫފާނީ ރޭ އަންހެން ކުއްޖަކު އެކަނި އެގޮތަށް އެއްޗެހި ތަކާއެކު ނުނެރުމަށް ރާދިން އެދުނުނަަމަވެސް އޭނާ އެއްބަހެއް ނުވިއެވެ. މާދަމާ ހެދުނު ވަންދެން ސަޖާ ބަހައްޓާލަންވެސް ހުއްދައެއް ނުދިނެވެ. އޭނާ ދެން ގުޅީ ސަޖާއަށެވެ.

"ގުޅާބަލަ ފްރެންޑަކަށް. ގުޅާފަ އެގެއަށް ދެވޭނެ ގޮތް ހަމަ ޖައްސާ…"

"ރާދިން. ހެޔޮނުވާނެ! އެއްވެސް މީހެއް ނުނަގައޭ ފޯނެއް. އަހަރެން އެކަނި ކިހިނެއް މި އެއްޗެހި ހިފައިގެން ގެސްޓް ހައުސްއަކަށް ވެސް ދާނީ…"

"ދެން ސަޖާ ގެން ގުޅޭ ފިރިހެނުންގެ ތެރެއިން ފިރިހެނަކަށް ގުޅާބަލަ!" ސަޖާ ރޯވަރުން ރާދިންގެ ބޮލަށް އުނދަގޫވިއެވެ. ސަޖާގެ އެ ރުއިން ވެސް އެއީ އެކްޓެއްކަމުގައި އޭނާގެ ހަވަނަ ހިއްސު އޭނާގެ ގާތުގައި ބުނަމުންދިޔައެވެ.

"ރާދިން! އަހަރެން މާފަށް އެދެންވީ ކިތަށްފަހަރުތަ؟ އަހަރެން މިތަނަށް ވެއްދީ ރާދިން… އަހަރެން ވަންނާނެ އިތުރު ތަނެއް ނެތްކަންވެސް ރާދިންއަށް އެނގޭނެ. އަހަރެންދެކެ ރުޅި އައިނަމަވެސް، ތިހާ ރަހުމު ކުޑަ ވެދާނެޔެކޭ ހިޔެއް ނުކުރަން. ހެޔޮނުވާނެ އިތުރު ކަމެއް ކޮށް ނުދިނަސް މި އެއްޗެހި ގެސްޓް ހައުސް އަކަށް ލައިދޭންވެސް އައިސްދީ… މިތަނަށް ވެސް އެމީހުންކޮށްލާފަ އޮތް ވަރު ރާދިންއަށް ފެންނަ ނަމަ ތިހެންނެއް ނުބުނާނެ. ޕްލީޒް. ހުރިހާކަމަކަށް އަހަންނަށް މާފުކޮށްދީ… އެކަމަކު އެންމެ ފަހަރަކު އަހަންނަށް އެހީތެރިވެދީ. ހެޔޮ ނުވާނެ." ސަޖާ ގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން ރާދިންއަކަށް ނުކެރުނެވެ. އޭނާ އެކަނި ދާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ އަނޫފް އަށް ގުޅިއެވެ.

"މަ އަދި ރިސޯޓުގަ މިހުރީ. ގަދަކަމުން ނުދެވިގެން މިއުޅެނީ… " އަނޫފް ބުންޏެވެ.

"ދެން މަ އެކަނި ދާންވީތަ؟"

"ދެން ގޮސް އޭނަގެ އެއްޗެހި ގެސްޓް ހައުސްއަކަށް ލައިދީ…" އަނޫފް ބުންޏެވެ. އޭނާ ސަޖާއާ މެދު ސަމާލުވުމަށް ބުނެލާފައި ފޯނު ބޭއްވިއެވެ. ކޮޓަރިއަށް ވަދެފައި ރާދިން އޭނާ ކަމަކު ބޭރަށް ދާން ޖެހިއްޖެކަމުގައި މައާލް ގާތު ބުނުމުން މައާލް ކަންބޮޑުވިއެވެ.

"މި ވިއްސާރަރޭ؟ ބޮޑުކަމެއް ވީތަ؟" އޭނަ ކަންބޮޑުވިއެވެ.

"އާނ. ފްރެންޑަކަށް ކަމެއް ދިމާވެގެން. އޭނަ ހުންނަ ގެއިން ނުކުންނަން ޖެހިގެން. އެއްޗެހިތައް އެހެން ތަނަކަށް ލައިދޭންވެގެން މިދަނީ. އޯކޭތަ؟" ރާދިން ސުވާލުކޮށްލުމާއެކު، މައާލް އާއެކޭ ބުނެލިއެވެ.

"ބަލައިގެން އުޅެއްޗޭ…"

"އަހަރެން އޭވާ ފޮނުވާނަން." ރާދިން އެހެން ބުނެލާފައި އޭވާއަށް ގޮވާ ގެނައެވެ. އެއަށްފަހު އޭނާ ނުކުމެގެން ކާރަށް އަރައިގެން މިސްރާބުޖެހީ ސަޖާ މެން ގެއަށް ދިޔުމަށެވެ. ބޯ ވާރޭގެ ތެރޭގައި ދުއްވަމުން ދިޔަ ރާދިން ގެ ހިތް ވެސް ނުތަނަވަސްވަމުން ދިޔައެވެ. މައާލްއަށް ދޮގު ހަދާފައި ދާން ވުމުން އޭނާއަށް އުނދަގޫވަނީއެވެ.

ސަޖާމެން ގެއާ ހިސާބަށް އާދެވުމުން ކާރު ޕާކުކޮށްލާފައި ގޮސް ރާދިން އެގެއަށް ވަނެވެ. އޭނާ ގޮސް މައްޗަށް އަރާ ބެލް އަޅައިލުމާއެކު ސަޖާ ދޮރު ހުޅުވައިލިއެވެ. ސަޖާގެ މޫނުމަތިން އޭނާ ވަރަށް ރޮއިފައިހުރިކަން ދޭހަވަމުން ނަމަވެސް، އެ ކަރުނަތަކަށް އޭނާގެ ނަފްސު ހެއްލޭކަށް ރާދިން ނޭދެއެވެ.

"ޕެކްކުރީތަ؟" އެހެން ބުނެލާފައި ރާދިން އެތެރެއަށް އަޅައިލި ފިޔަވަޅާއެކު، ގޭތެރެ އޮތް ޙާލަތު އޭނާއަށް ފެނުނެވެ. ހަމައެއާއެކު ގެތޭރޭގައި ހުރި ވަހުން އޭނާ ކޮށި އަރާ ގޮތްވިއެވެ.

"މީ…"

"ތީ އެމީހަކު ފޮނުވި ބައެއްގެ ކަންތައް..." އޭނަ ވިސްނާފައިވާ ގޮތށް ސަޖާ ވާހަކަ ދެއްކިއެވެ. " ސެންޓު ފުޅިތައް ތަޅާލީމަ އެ ވަސް ގަނޑު އެ ހުރީ… "

އެއްޗެހި ތައް ހަލާކުކޮށްފައި އެކި ތަންތަނަށް އުކާފައި ހުރުމުން، ރާދިން ސުވާލުކޮށްލުމާއެކު، ސަޖާ ދިން ޖަވާބުން ރާދިންއަށް ދެފަރާތަށް ބޯ ހޫރައިލެވުނީއެވެ.

"އަހަރެން ބޭނުން ރާދިންއާ ވާހަކައެއް ދައްކާލަން. ކުރެވުނު ހުރިހާކަމަކަށް މާފަށް އެދެންވެސް ބޭނުން…." ސޯފާގައި އިށީނދެލަން ސަޖާ އެދުނެވެ.

"ވަގުތެއް ނެތޭ އަހަންނަކަށް. އެއްޗެހި ހިފައިގެން ނުކުމޭ…" ކޮޓަރިއަށް އިޝާރާތްކޮށްލާފައި ރާދިން ބުނެލިއެވެ،

"ކުޑަ އިރުކޮޅެއް ވާނީ…"

"މި ވަސް މިތާ ހުއްޓާ ކިހިނެއް ވާހަކަ ދައްކަނީ؟" ސެންޓުގެ ވަސްގަދަކަމުން ރާދިން ކޮށި އަރަމުން ދިޔައެވެ.

"އިށީނދޭ… މި އަންނަނީ ފެން ތައްޓެއް ހިފައިގެން." އެހެން ކިޔާފައި ސަޖާ ފެންތައްޓެއް ރާދިންއަށް ގެނެސް ދިނެވެ. އެ ބޮއިލުމާއެކު ރާދިން ސޯފާގައި އިށީނދެލިއެވެ. ސަޖާ ގޮސް ކުރިމަތީގައި ހުރި ސޯފާގައި އިށީނދެ ވާހަކަ ދެއްކިއެވެ،.

"އަހަންނަށް މާފުކުރޭ ރާދިން. އަހަންނަށް އުޅެވުނީ ރަނގަޅަކަށް ނޫން. ޕްލީޒް…" ސަޖާ އިސްޖަހާލިއެވެ. އޭނާގެ އަޑުން ރިހުމެއްގެ އަސަރު ފާޅުވާހެން ރާދިންއަށް ހީވިއެވެ. ހިނދުކޮޅަކަށް އޭނާއަށް އެއްޗެއް ނުބުނެ އިނދެވުނުއިރު ސަޖާގެ އެ ވާހަކަ ގަބޫލުކުރަން ރާދިންއަށް ދަތިވިއެވެ.

ކޮމެންޓް 0