ރާދިން ކެބިންއިން ނުކުމެގެން ޖެހިގެން ހުރި ފްލޯއަށް ދިޔައީ ޒާހިދުގެ ކައިރިން ކަމެއް އޮޅުން ފިލުވައިލުމުގެ ބޭނުމުގައެވެ. އަތުގައި އޮތް ފައިލަށް ބަލަމުން ގޮސް ދޮރު ހުޅުވާލިއިރު، ޒާހިދު ހުރީ މޭޒުކައިރީގައެވެ. އޭނާ ވަނުމާއެކު ޒާހިދު ސިހުނުކަން ރާދިންއަށް އެނގުނެވެ. ހަމައެއާއެކު، އަވަސް އަވަހަށް ހުޅުވާފައި ހުރި ބްރިފްކޭސް ވެސް ލައްޕާލައިފިއެވެ.
ބްރިފްކޭސް ލައްޕައިލުމާއެކު، ރާދިންއަށް ބަލައިލި ޒާހިދުގެ މޫނުމަތިން ހާސްކަން ކޮންމެވެސް ވަރަކަށް ފެނިލި ނަމަވެސް، އޭނާ މޫނުމަތިން އެ އަސަރުތައް ފޮރުވަން މަސައްކަތްކުރިއެވެ.
"ބިޒީގަޑިއެއްތޯ؟ އެއްޗެއް އަހާލަންވެގެން." ރާދިން ސުވާލުކޮށްލިއެވެ.
"ނޫން. އަވަހަށް އާދޭ!" ޒާހިދު ބުނެލިއެވެ. ރާދިން ގޮސް ގޮނޑިގައި އިށީނދެފައި އޭނާގެ އަތުގައި އޮތް ލިޔުންތައް ދައްކާލާފައި އޭނާއަށް އޮޅުންއަރާ އެއްޗެހި ޒާހިދުގެ ކައިރިން އޮޅުން ފިލުވަން ފެށިއެވެ. ޒާހިދު ވެސް ހަމަޖެހިލަމުން ރާދިންއަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދެމުން ދިޔައެވެ. ރާދިން ދިޔުމުން ޒާހިދަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނާ ބްރިފްކޭސް ހުޅުވާލުމަށްފަހު އަނެއްކާވެސް އޭގައި ހުރި ފައިސާތަކަށް ނަޒަރު ހިންގައިލިއެވެ.
ރަނގަޅަށް ފޮށި ތަޅުލުމަށްފަހު އެ ހިފައިގެން އޭނާ ދިޔައީ ތިރިއަށެވެ. އެއަށްފަހު އެއްވެސް މީހަކުވެސް ނުލާ އެކަނިމާ އެކަނި އެ ހިފައިގެން އޭނާ ދިޔައީ ބޭންކަށެވެ. އެތަނަށް ދިޔުމަށްފަހު، އޭނާ ބޭނުންވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު ޒާހިދު ނުކުމެލިއެވެ. ކާރަށް އަރާ ދުއްވައިލިއިރު، އޭނާގެ ހިތުތެރޭގައި ނުތަނަވަސްކަން ވެއެވެ. ރާދިންގެ އަމަލުތައް ހުރި ގޮތުން އޭނާއަށް ކަމެއް ޝައްކުވީހެންނެއް ހިޔެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ކަންބޮޑުވެއެވެ. ރާދިންއަށް އެނގިދާނެތީއެވެ. ސިއްރު ސިއްރެއްގެ ގޮތުގައި ނޯވެދާނެތީއެވެ. ނުވިސްނަން އުޅުނުނަމަވެސް އޭނާއަށް މާޒީ މަތިން ހަނދާންވަނީއެވެ. ޝާކިރުމަތިންނެވެ. އެ ދެމެދުގައިވީ އެކުވެރިކަން މަތިންނެވެ. ޝާކިރު އޭނާއަށް ކުރި އިތުބާރުގެ މަތިންނެވެ. ކުންފުނީގެ ކޮންމެ ކަމެއްވެސް އެއްވެސް ޖެހިލުމެއް ނެތި އޭނާއާ ހަވާލުކުރާކަށް ޝާކިރު ފަހެއް ނުޖެހޭނެއެވެ. ހަމަ ހަޤީގަތުގައިވެސް އެއީ މީހަކަށް ލިބޭނޭ އެންމެ ރަނގަޅު އެކުވެރިޔާއެވެ.
އޮފީހަށް ދިޔުމަށްފަހު ފައިނޭންސް ޑިޕާރޓްމެންޓުން މިއަދު ހަމަޖައްސާފައިވާ މީޓިންއަށް ޒާހިދު ދިޔައެވެ. މީޓިން ނިންމާލާފައި ދެން ހުރި ކަންތައްތަކުގައި ބިޒީވެގެން އޭނާއަށް ރާދިންގެ ކައިރިއަށް ގޮސްލާނެ ވަގުތެއްވެސް ނުލިބުނެވެ.
އޮފީސް ނިންމާލާފައި ވެސް ރާދިން ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. މައާލްގެ ކުރިމައްޗަށް އަރަން ބޭނުންނުވަނީކަމެއް ނޫނީކަންތައް ކުރެވުނު ގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރެވެނީކަމެއް ރާދިންއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މައާލްއާ ކުރިމަތިލާން އޭނާ ޖެހިލުންވާ ކަމެކެވެ. އެ ދެލޮލުން އޭނާއަށް ފެނުނު ރިހުމާއި، އެ އަޑުގައިވި އަސަރު އޭނާގެ ހިތުން ފިލުވައިލެވޭ ގޮތެއް ނުވެއެވެ. އެހަނދާންތަކާ ކިތަންމެ ވަރަކަށް ދުރުވާން އުޅުނުނަމަވެސް، އޭނާއަށް އެކަން ކުރުން ވީ އުނދަގޫކަމަކަށެވެ. މީގެ ކުރިން ދުވަަހަކުވެސް މައާލް އޭނާގެ ގާތުގައި އެ ހިތުގެ އުދާސްތައް ބޭރުކޮށްފައެއް ނުވެއެވެ. ދުވަހަކުވެސް އިސްވެ ވާހަކަ ދައްކާފައެއް ނުވެއެވެ. މައާލް ބެލީ އޭނާ ބުނިއްޔާ ބުނިހާ ގޮތެއް ހަދައިގެން އުޅެވޭތޯއެވެ. ސިކުނޑީގެ ހައިޖާނުގަނޑުގައި ހުރެ ރާދިން ސަޖާގެ ކައިރިއަށް ވެސް ދާކަށް ބޭނުމެއް ނުވިއެވެ. އެންމެފަހުން އޭނާ ގުޅީ އަނޫފްއަށެވެ.
"ކީކޭ ރާދިން؟" ފޯނު ނެގި ގޮތަށް އަނޫފް ބުނި އަޑު އިވުނެވެ.
"މަ ބުނީ ކަލޭ ބިޒީތަ؟ ހިނގާބަލަ ކޮފީއަކަށް…"
"އަނެއްހެއް ބިޒީ އެއް ނޫން. ކަލޭ އާދެބަލަ އަހަރެމެން ގެ ކައިރީގަ ހުންނަ ކޮފީ ޝޮޕަށް." އަނޫފް ބުނެލިއެވެ.
ރާދިން ފޯނު ބާއްވާފައި ސައިކަލަށް އަރައިގެން މިސްރާބުޖެހީ އަނޫފް އެ ބުނާ ކޮފީ ޝޮޕާ ދިމާލަށެވެ. އެ ހިސާބަށް އާދެވުމުން އެއްފަރާތުގައި ސައިކަލު ޕާކުކޮށްލާފައި އަތުގައި އޮތް ދަބަހާއެކު ރާދިން ކޮފީ ޝޮޕަށް ވަންނަން ހިނގައިގަތްއިރު އޭނާގެ ދެލޯ ފޮރުވާލާފައިވަނީ ރޭބަން އަވި އައިނަކުންނެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ގިނަބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން ރާދިންއަށް އެނގުނުނަމަވެސް، އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ރާދިން ކޮފީ ޝޮޕަށް ވަނުމުން އެތަނުގައި ތިބި އަންހެން ކުދިންގެ ކަތި ނަޒަރުތަކުން ވެސް އޭނާއަށް ސަލާމަތްވެވޭ ގޮތެއް ނުވެއެވެ. ރާދިންގެ އެ "އޮފީސް ލުކް" ގެ ސަބަބުން އޭނާ ފެންނަނީ ވަރަށް ޕްރޮފެޝަަނަލް އަދި ސްމާރޓް ކޮށެވެ. އޭނާގެ އެ ހުންނަ ފިރިހެންވަންތަ ކަމަކީ އަންހެން ކުދިން އޭނާއަށް ފިދާވާފަދަ ސިފަތަކެކެވެ. ރާދިންގެ އެންމެ އިޝާރާތަކަށްވެސް އޭނާގެ ފަހަތުން ދުވާނެ އަންހެން ކުދިން މަދެއް ނުވާނެއެވެ.
ވަށައިގެން ބަލައިލުމާއެކު އޭނާގެ ލޮލުގައި އަނޫފް އަޅައިގަތެވެ. އަނޫފްއަށްވެސް ރާދިން ފެނުމާއެކު، އަތުން އިޝާރާތްކޮށްލިއެވެ.
"ވަރަށް އިރުވެއްޖެތަ؟" ގޮނޑި ދަމާލާފައި އިށީނދެލަމުން ރާދިން ސުވާލުކޮށްލިއެވެ. އޭނާ ދަބަސް ހުސްކޮށް ހުރި ގޮނޑިމަތީގައި ބައިންދައިލިއެވެ.
"ނޫނޭ! ހަމަ އައިސް އިށީނީ…" އެހެން ބުނެލާފައި ވެއިޓަރަށް ގޮވާލާފައި އަނޫފް ލަވާޒާއަކަށް އޯޑަރު ދިނެވެ.
"އަހަންނަށް ބްލެކް ކޮފީއެއް." ރާދިން ބުނެލިއެވެ.
"ކިހިނެއްވީ ބޯ ގޮވީ؟" ރާދިންއަށް ވެގެން އުޅޭ ގޮތް އެނގޭ ޙާލު އަނޫފް ސުވާލުކޮށްލިއެވެ.
"ކަލޭއަށް ހަމަ ނޭނގިގެންތަ ތިއުޅެނީ. ރޭގަ ވީ ގޮތް އެނގެއެއްނު." ރާދިން ބުނެލިއެވެ.
"މަށަށް ވެސް އެނގެޔޭ. އެހެންވެގެންނެއްނު މިއެހީ. ކިހިނެއްވެެގެން ހޭ ބޯ ގޮވީ…؟" އަނޫފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"މައާލް އާ ހެދި ބޯ ގޮވާނެއެއްނު." އެހެން ބުނެލާގައި ރާދިން އުޅުނީ އޭނާ ނުނިކުންނަން ބުނުމުން ވެސް މައާލް ނިކުތް ވާހަކަ ބުނާށެވެ. ކަންތައް ގޯސްވީ އެހެންވެގެންކަމުގައި ބުނާށެވެ. އެހެންނަމަވެސް، މައާލް ނުކުތް ސަބަބު އޭނާއަށް ވިސްނުމާއެކު އޭނާ ހިމޭންވިއެވެ. އިތުރަށް އެއްޗެއް ބުނަން އެ ދޫ ހަރަކާތެއް ނުކުރިއެވެ. ހީވަނީ ދުލުގައި ތަޅެއް ލެވުނުހެންނެވެ.
"ރާދިން! އަހަންނަށް ރާދިންގެ ލައިފްއާ ބެހޭ ގޮތުން ނޭނގޭ އެއްވެސް ކަމެއް ނެތް. ރާދިންގެ ލައިފްގައި ހިނގި ހުރިހާކަމެއްވެސް އަހަންނަށް އެނގޭ. ހުރިހާކަމެއް ވެސް އެކަކު އަނެކަކާ އަހަރެމެން ހިއްސާކުރަމު. އަހަރެން އަބަދުވެސް ރާދިންއަށް ހެޔޮ އެދެން. ރޭގަ މައާލްއާ ދޭތެރޭ ރާދިންއަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…"
"އަނުއްޕެ ކަލެއަކަށް ނޭނގޭނެ އަހަ…."
"ރާދިން! އިހަށް ހަމަ ޖެހިލަބަލަ! އަހަރެން ދައްކާ ވާހަކަ އަޑު އަހާ! އަހަންނެއް ނުބުނާނަން ރާދިން ގަސްތުގަ އެގޮތަށް އެންމެންގެތެރޭގައި މައާލްއާ ދޭތެރޭ އެގޮތަށް ކަންތައް ކޮށްފާނެޔެކޭ. ރުޅިއައިމަ ކަންތައްކުރެވުނީކަން އަހަންނަށް ވެސް އެނގޭ. އެކަމަކު ރާދިން ވިސްނާލަބަލަ! މައާލްވެސް ކިހާ ލަދުގަންނާނެތަ؟ އެންމެންގެ ތެރޭގައި އޭނާއަށް ކުޑަވެސް އިޙްތިރާމެއް ނުކޮށް އެގޮތަށް ދަމާފަ ގެންދިޔުމުން އޭނަ ހިތަށް އަރާނީ ކީކޭ؟" އަނޫފް ބުނެލިއެވެ. ރާދިންއަށް އަނޫފް ގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
"މީގެ ކުރިންވެސް މައާލްއެއް ރާދިން ބުނިއްޔާ ނުނިކުމޭ. ނިކުތަސް އޭގެ ފަހަތުގަ ކޮންމެވެސް ވެލިޑް ރީޒަންއެއް އޮވޭ. ރޭގަ އޭނަ ނުކުތް ސަބަބު ކުޑަ މިނުން އޮޅުން ފިލުވާލިންތަ؟" އަނޫފް ސުވާލުކޮށްލިއެވެ.
"ނަމާދުކުރަން…" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާދިން ޖަވާބު ދިނެވެ.
"އޭ.. ކީކޭ…" އެހެން ބުނެލާފައި އަނޫފްއަށްވެސް ވިސްނައިލެވުނެވެ. މައާލް ހުރީ ދޮޅިއެއް އަޅައިގެންނެވެ.
"ނަމާދުކުރާށޭ!" އޭނާއަށް އަނެއްކާވެސް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.
"އާނ. ދަމު ނަމާދުކުރަންވެގެން." ރާދިން ބުނެލިއެވެ.
"ސޮރީ ރާދިން! އަހަންނަށް އެ ގޮތަށް ވިސްނައެއް ނުލެވުނު. އަދިވެސް އެއްކަމަކަށް ސޮރީ. އެންމެން މައާލްއާ ފޮށުނުއިރު އަހަންނަށްވެސް އެއްޗެއް ނުުބުނެ ހުރެވުނީމަ." އަނޫފްއަށްވެސް ކުށެއްކުރެވުނު ފަދަ އިޙްސާސްއެއް ކުރެވުނެވެ.
"ދެން އަހަރެން ކިހިނެއް ހަދާނީ؟"
"ޔޫ ޝުޑް އެޕޮލޮޖައިޒް. ރާދިން ޖެހޭނެ މައާލްގެ ކައިރިން މާފަށް އެދެން. އަހަންނަށް އެނގޭ އަހަރެންވެސް މީ މާ ރަނގަޅު މީހެއް ނޫންކަން. އެކަމަކު އަހަންނަށް ފީލްވަނީ އެ އަންހެން ކުއްޖާގެ ކުށެއް ނެތި އެ ގޮތަށް އަމަލުކުރުމަކީ އެ ކުއްޖާއާ މެދު ވެވޭ ބޭއިންސާފެއްކަން. ރާދިން ހެދިހާ ގޮތެއް ވަރިހަަމަވެގެން އެ ހުންނަނީ އޭނަ ތި ގުޅުން ދަމަހައްޓަން ބޭނުންވާތީ. ކޮންމެވެސް ވަރެއްގެ އުންމީދެއްވެސް ކުރެވޭތީ ކަންނޭނގެ!" އަނޫފް ބުނެލިއެވެ. އަނޫފްގެ ވާހަކަތަކުން ރާދިންއަށް ހުރިހާކަމަކާ މެދު ވިސްނައިލަން މަޖުބޫރުވިއެވެ. އޭނާ މައާލްގެ ގާތުން މާފަށް އެދެން ބޭނުންވިއެވެ.
ކޮފީ ނިންމާލާފައި ރާދިން ގެއަށް ގޮސް ވަތްއިރު މައާލް ފެންނާކަށް ނެތެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތްއިރު އޭވާއާއެކު މައާލް ކޮޓަރީގައި އުޅެއެވެ. ރާދިން އައުމުން އޭވާ ދިޔައެވެ. އޭރު މައާލް އިނީ ސޯފާގައެވެ. އެއްޗެއް ބުނާ ޚިޔާލެއް މައާލް ނުކުރެއެވެ. ރާދިން ވެސް އެއްޗެއް ނުބުނެ ވަނީ ފާޚާނާއަށެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ އޭނާ ސޯޓެއް ލިއެވެ. އެއަށްފަހު ގޮސް މައާލްގެ އެއްފަރާތުގައި އިށީނެވެ. މައާލް އިނީ އިސްޖަހާލައިގެންނެވެ. ރާދިން އިށީންކަން އެނގުމުން ހިތުގެ ހިނގުން ކުޑަކޮށް ބާރުވެލިއެވެ.
"ސޮރީ…" ވެރިވެގެން ދިޔަ ހިމޭންކަން ފޫދުއްވައިލީ ރާދިންގެ އަޑެވެ. ރާދިންގެ އެ ވާހަކައަށްވެސް މައާލް ރައްދެއް ނުދިނެވެ.
"މައާލް ސޮރީ…" ދެވަނަ ފަހަރު ރާދިން ތަކުރާރުކޮށްލިއެވެ.
"ހޫމް!" މައާލް ހޫމްއެއް ލައްވައިލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ ބޭނުންވީ ރާދިންއަށް ރާދިން ކުރީ ކުށެއްކަން އަންގައިދޭށެވެ. ކޮންމެ ފަހަރަކު އޭނާއާ މެދު އެހާ ރަހުމް ކުޑަކޮށް އެއްވެސް އިޙްތިރާމެއް ނެތި އަމަލުކޮށްފައި، މާފަށް އެދުމުން ހުރިހާކަމެއް ނިމުނީ ނޫންކަން އަންގައިދޭށެވެ.
"އިތުރު އެއްޗެއް ނުބުނާނަންތަ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ. އޭނާ މައާލްއަށް ބަލައިލިއެވެ. އެމޫނުމަތިވަނީ މިލާފައެވެ. އެއްވެސް ދިރުމެއް ނެތެވެ.
"އަހަރެން ކީކޭ ބުނާނީ! އަހަރެން ބުނާއެއްޗެއް އަޑުނާހާ މީހަކު ކައިރީގައި ބުނާނެ އެއްޗެއް ނޭނގެ!" މައާލްގެ އަޑުގައި މާޔޫސްކަން ވެއެވެ.
"އަހަންނަށް ރޭގަ ކަންތައް ކުރެވުނީ ކޮށްގެން ވާނެ ގޮތަކަށް ނޫން! މައާލްއަށް އެގޮތަށް އަނިޔާވެރިވެގެން ނުވާނެކަން އަހަންނަށް އެނގޭ. އެންމެންގެ ތެރޭގައި ދަމާފައި ގެންނާކަށްވެސް ނުޖެހޭނެ!" ރާދިން ބުނެލިއެވެ.
"ކޮންމެ ފަހަރަކު އެގޮތަށް ކަންތައްކޮށްފައި މާފަށް އެދުނީމަ ނިމުނީއެއް ނޫން ރާދިން! ރާދިންއަށް އެނގޭތަ ރާދިންގެ އެކުވެރިން ގެއަށް އަންނަން ފެށިފަހުން ރާދިންއަށް އަހަންނާ މެދު އެފަދަ ގޮތްގޮތަށް ކަންތައް ކުރެވުނީ ކިތަށް ފަހަރުކަން. މާފަށް އެދުމުގެ އެންމެ މުހިންމު ބޭނުމަކީ ދެވަނަ ފަހަރަށް އެކަންތައް ތަކުރާރުނުކުރުން. އެހެންނޫނީ ސޮރީ އެ ބަހުގެ މާނައެއް ނެތް. ހަޤީގަތުގައި ދެރަވެގެން މާފަށް އެދޭ މީހުންނަށްވެސް ލިބޭ ހުތުރުކަމެއް އެއީ… އަހަންނަކީ ކުޅޭ ކުޅޭ ބުދެއް ނޫނޭ ރާދިން! ދެލޮލަށް ނުފެނުނަސް، މި އަނދިރި ދުނިޔޭގައި އެކަނިމާއެކަނި އުޅުނަސް، އަހަރެންގެ ހިތުގައިވެސް އިޙްސާސްތަކެއް ވާނެ! ދެރަވެސް ވޭ. ހިތުގައިވެސް ޖެހޭ. ރޮވެން ވެސް ރޮވޭ. ކޮންމެ ފަހަރަކު ކަރުނަތައް ފޮރުވުމަކީވެސް ފަސޭހަކަމެއް ނޫން. " އެހެން ބުނެވުނު އިރު މައާލްއަށް ރޮވިއްޖެއެވެ.
"މައާލް!" މައާލް ރޯން ފެށުމުން ރާދިން މައާލްގެ އަތުގައި ހިފައްޓާލިއެވެ. އެހެންނަމަވެސް އެ އަތް ރާދިންގެ އަތު ތެރެއިން ދަމައިގަންނަމުން މައާލް ވާހަކަ ދެއްކިއެވެ.
"ކޮންމެ ފަހަރަކު ރާދިން ކަންތައް ކުރާ ގޮތަކީ ތިއީ. މާފަށް އެދިފަ އެ އަަމަލު ތަކުރާރުކުރުން. އަހަރެން ބޭނުމީ އެކަނި ވަގުތުކޮޅެއް. ޕްލީޒް. ޖަސްޓް ލީވް!" މައާލް ބުނެލިއެވެ.
"އެކަަމަކު މައާލް! އަހަ…"
"ޕްލީޒް… ޖަސްޓް ލީވް މީ…" މައާލް ބުނެލިއެވެ. ރާދިން ތެދުވެގެން އިތުރު އެއްޗެއް ނުބުނެ ނުކުންނަން ހިނގައިގަތެވެ، ރާދިން ދޮރާ ހިސާބަށް ގޮސް ދޮރު ހުޅުވާލުމަށްފަހު، އެތެރޭގައި ހުރެފައި ދޮރު ލައްޕާލިއެވެ.
ރާދިން ނުނިކުންނަ ކަމެއް މައާލްއަކަށް ނޭނގެއެވެ. އޭނާ ހީކުރީ ރާދިން ދިޔައީ ކަމަށެވެ. އެހެންކަމުން ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި މައާލް ބޭރުކުރަން ފެށިއެވެ.
"އަހަރެން މުޅިން އެކަނިވެއްޖެ މަންމާ! ބައްޕާ! ކީއްވެ އަހަރެން ދޫކޮށްލާފައި ތި ދިޔައީ. މި ވޭނުގަ އުޅުމަށްވުރެ މަރުވުންވެސް މާ ހިތަށް ފަސޭހަ. އޯގާތެރިކަމަށް އެންމެ އުންމީދުކުރެވޭ މީހާގެ ފަރާތުންވެސް އަހަންނަށް އޯގާތެރިކަމެއް ނުލިބޭ. ލިބެނީ އަނިޔާ…" މައާލް އޭނާގެ ހިތުގެ ހުރިހާ ޝަކުވާއެއް ބަންޑުން ކުރަމުން ދިޔައެވެ. ރޮމުން ގިސްލަމުންނެވެ. އެ މަންޒަރު ބަަލަން ރާދިންއަށް ހުރެވުނީ ގުޑައިލަންވެސް ނޭނގިފައެވެ. ހިތް ފުރޭވަރުވުމުން މައާލް ކަރުނަތައް ފުހެލިއިރު، އެ ދޮން މޫނު ވަނީ ރަތްވެފައެވެ. ރާދިންގެ ހިތަށް ވެސް އަސަރުކުރިއެވެ. އޭނާ ކޮޓަރީގެ ދޮރޮފަތް ހުޅުވާލާފައި އަނެއްކާ ލައްޕާލާލިއެވެ. ރާދިން އެތެރެއަށް ވަތްކަން އެނގުމާއެކު މައާލް ތެދުވެގެން ފާޚާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.
*****
ހައެއްޖަހާ ބޮޑުވީއިރުވެސް ޒާހިދު އުޅުނީ އޮފީހުގައެވެ. ހުރިހާކަމެއް ނިންމާލާފައި އޭނާ ގެއަށް ދާންވެގެން އުޅެފައިވެސް މަތީގައި ހުންނަ އެޕާރޓްމެންޓަށް އެރިއެވެ. ކާޑުޖަހާލާފައި ދޮރު ހުޅުވައިލުމަށްފަހު އޭނާ އެތެރެއަށް ވަދެ އެތެރެ ދިއްލައިލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ޝާކިރުގެ ސްޓަޑީއާ ދިމާލަށެވެ. އެ ކޮޓަރިތެރެއަށް ވަނުމަށްފަހު ދިއްލާލާފައި، ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. މަސައްކަތް ކުރަން އިންނަން މޭޒެއް ހުއްޓެވެ. ސޯފާތަކެއްވެސް ހުއްޓެވެ. ހަރުތަކުގައި ބައެއް ފައިލްތައް ވެސް ހުއްޓެވެ. އެ ހުރިހާއެއްޗެއް ވެސް ހުރީ ޝާކިރު އެންމެ ފަހުން ބެހެއްޓި ގޮތަށެވެ. އެއްވެސް ބަދަލެއް ނާދެއެވެ.
ޒާހިދު ހިނގައިގަތީ އެއްފަރާޓުގައި ބަހައްޓާފައި ހުރި ހަރާ ދިމާލަށެވެ. އެ ހަރު އެއްފަރާތަށް ކަހާލުމާއެކު އޭނާގެ ލޮލުގައި ކަހާލެވެން ހުރި ކުޑަ ކުޑަ ދޮރެއް އަޅައިގަތެވެ. އެ ދޮރު ކަހައިލުމާއެކު ފާރުގެ އެތެރެއަށް ވާގޮތަށް ބަހައްޓާފައި ހުރި ސޭފް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެ ވިސްނުމެއްގައި ހުރެފައި އޭނާ އެ ސޭފްގެ ކޯޑު ޖަހައިލިއެވެ.
"ސޭފް އިޒް އޯޕެން…" އޭގެން އަޑު އިވުނެވެ. އޭނާ ދޮރު ހުޅުވާލާފައި އޭގެ އެތެރެ ބަލައިލިއެވެ. އޭގައި ހުރި ލިޔުންތަކާއި ފައިލްތައް އޭނާ ނެގިއެވެ.