ސްޓާރ ގްރޫޕް ހޯލްޑިނގ ގެ ދިހަ ބުރީގެ އޮފީސް އިމާރާތުގައި ޒާހިދު އިނީ އޭނާއަށް ޚާއްސަކޮށްފައިވާ ކެބިންގައެވެ. ކުންފުނީގެ ފައިސާއާ ގުޅޭ ބައެއް ލިޔެ ކިޔުންތައް އޭނާގެ މޭޒުމަތީގައި ހުއްޓެވެ. އޭގެ ތެރެއިން ހާވާލާފައި އޭނާ ނެގި ގަނޑަށް ވަރަށް ފަރުވާތެރިކަމާއެކު، ޒާހިދު ބަލައިލިއެވެ. އެއީ އިއްޔެ އޭނާ ކުންފުނީގެ އެކައުންޓުން ނެގި ފަސް ލައްކަ ރުފިޔާ ބޭރުގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ލިއުމެވެ.
ޒާހިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ގަނޑަށް ބަލަމުން ދިޔައިރު، އެ މޫނުމަތީގައިވަނީ ބުނެދޭންނޭނގޭ ފަދަ، ފުން އަސަރުތަކެކެވެ. ނިތުގައި އަތް ހިންގައިލިގޮތުން ދޭހަކޮށްދެނީ އޭނާގެ ނުތަނަވަސްކަމާއި ހާސްކަމެވެ. އެ ލިޔުން އެއްފަރާތުގައި ބޭއްވުމަށްފަހު، އޭނާ މޭޒުގެ އެއްފަރާތުގައި ތަޅުލާފައި ހުރި ހުޅުވައިލުމަށްފަހު، ނެގީ ކަޅު ކުލައިގެ ފައިލެކެވެ. އެންމެ ފުރަތަމަ ޞަފްހާގައި ލިޔެފައިވާ އެއްޗެއް ބަލަން އިރުކޮޅަކު އިނުމަށްފަހު، އޭނާގެ ނަޒަރު ހުއްޓުނީ ތިރީގައި ޖަހާފައިވާ އޭނާއާއި ޝާކިރުގެ ފިންގަރ ޕްރިންޓަށެވެ. ފަހަރަކު ސަފްހާއެއް އެއްލަމުން އެ ކިޔަމުން ޒާހިދު ދިޔައެވެ. ކޮންމެ ސަފްހާއެއްގެ ތިރީގައި އޭނާއާއި ޝާކިރުގެ އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެންމެފަހު ޞަފްހާގައި ދެމީހުންގެ ސޮއިވެސް ވެއެވެ. ފައިލް ލައްޕައިލުމަށްފަހު، ޒާހިދު އަނބުރާ އެ އޮތް ތަނަށް ލިޔެވެ. އިރުކޮޅަކު އެތަނުގައި އިނދެފައި އޭނާ ކެބިންއިން ނުކުންނަން ހިނގައިގަތެވެ.
އޮފީހުން ނުކުތުމާއެކު، އޭނާ މިސްރާބުޖެހީ ގެއާ ދިމާލަށެވެ. ބޮލުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. ޑްރައިވަރަށް ގުޅާލުމާއެކު، އަތުވެއްޖެއެވެ.
"ގެއަށް ހިނގާ" ޒާހިދު ބުންޏެވެ. ޑްރައިވަރު އިތުރު އެއްޗެއް ނުބުނެ ގެއާ ދިމާލަށް ދިޔުމަށް ކާރު ދުއްވައިލިއެވެ. ގޭގެ ދޮރު މައްޗަށް ކާރު މަޑުކޮށްލާފައި ޑްރައިވަރު ފައިބައިގެން ގޮސް ފަހަތު ދޮރު ހުޅުވައިލަ ދިނުމާއެކު ޒާހިދު ފޭބިއެވެ. އޭނާ ގޮސް ގެއަށް ވަދެ ލިފްޓުން މައްޗަށް އެރިއެވެ. ކޯޑު ޖަހައިލުމާއެކު، ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއިރު ރޫނާއާއި އަޝްވާއާ ދެމީހުން މޭޒު ދޮށުގައި ތިއްބެވެ. އަޝްވާ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިންއިރު ރޫނާވެސް އެނާގެ ކައިރީގައި އިނދެގެން ވާހަކަ ދައްކައެވެ.
މާހިލްގެ އުމުުރުން 28 އަހަރުވެފައިވާއިރު ރޫނާއަށް ނަވާރައަހަރެވެ. އަޝްވާ ރޫނާއަށްވުރެ ބޮޑީ އެއް އަހަރެވެ. އަޝްވާ ދަނީ ޕަބްލިކް ހެލްތްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަންފަށަން ތައްޔާރުވަމުންނެވެ. އަޝްވާ އެންމެ ފުރަތަމަ ބޭނުންވީ ރާއްޖޭން ބޭރުން ކިޔަވަންދާން ނަމަވެސް، އަންހެން ކުއްޖަކު އެކަނި ފޮނުވަން ޒާހިދު ބޭނުންނުވީތީ އޭނާވެސް އެ ޚިޔާލު ދޫކޮށްލީއެވެ. މީގެ ކުރިން މާހިލްވެސް ކިޔެވީ ބޭރުގަ ހުރެގެން ކަމަށް ވީތީ ޒާހިދުމެން ނިންމައިގެން ތިބީ މާހިލް ކައިރިއަށް އަޝްފާ ފޮނުވުމަށެވެ. އެހެންނަމަވެސް އޮންލައިންކޮށް ކޯހުގެ ބާކީބައި ފުރިހަމަކުރެވޭ ގޮތްވުމުން އޭނާ ރާއްޖެ ދެ މަސްކުރިން ބަދަލުވުމާއެކު، އަޝްވާއަށް އެ ފުރުސަތު ގެއްލުނީއެވެ. އޭލެވެލް ނިންމާ ރަނގަޅު ނަތީޖާއަކާއެކު ފާސްވިނަމަވެސް، ރޫނާ ބޭނުންވީ ކުޑަ ދުވަސްކޮޅެއްގެ ބްރޭކެއްކަމުން އޭނާ އަދި ކިޔަވާކަށް ނުފަށައެވެ. އެ ވާހަކަ ޒާހިދުއާއި މީޒާ އާއި ދެމީހުން ދެއްކިނަމަވެސް، އޭނާ ބުނަމުންދަނީ އަދި ކިޔަވާނެ އެއްޗެއް ނުނިންމޭ ކަމުގައެވެ. ޒާހިދުމެން ދެމަފިރިން އެކަމާ ކަންބޮޑުވިނަމަވެސް، ވަކި އެއްޗެއް ކިޔަވަން ރޫނާއަށް މަޖުބޫރޫކުރާ ޚިޔާލެއް ނުކުރެއެވެ. އެ ވާހަކަ އެ ދެމީހުން، މާހިލްއާ ދެއްކުމުން މާހިލް ބުނީ ރަނގަޅު ވަގުތެއް ޙޯދާލައިގެން ރޫނާއާ އެ ވާހަކަ ދެއްކާނެކަމުގައެވެ.
"ކޮބާ މަންމަ؟" ޒާހިދު ސުވާލުކޮށްލުމާއެކު، ވާހަކަ ދެއްކީ އަޝްވާއެވެ.
"މަންމަ ބަދިގެ ފަރާތުގަ ކައްނޭނގެ…"
ޒާހިދު ކައްކާ ބަޔާ ދިމާލަށް ދިޔައެވެ. އޭރު މީޒާ އުޅެނީ އުނދުން މައްޗަށް އެއްޗެއް އުދައިގެންނެވެ.
"ކިހިނެއްވީ ހާދަ އަވަހަކަށް ތިއައީ؟" އަދި ނުވަގަޑި ބައިވީ…" ގަޑިއަށް ބަލައިލަމުން މީޒާ ސުވާލުކޮށްލިއެވެ.
"ބޮލުގަ ރިއްސާތީ…" ޒާހިދުގެ އަޑުން އެކަނިވެސް ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.
"ހިނގާ ހަކުރު ބަލާލަން. ތި ވެދާނެ ރޭގަ މާ ގިނަ ފޮނި އެއްޗިސް ކެއިމަ ކަމަށްވެސް." މީޒާ ބުނެލިއެވެ. އޭނާ ސިޓިން ރޫމަށް ނުކުތުމަށްފަހު، އައީ ހަކުރު ބަޅާ އެއްޗެހި ހިފައިގެންނެވެ. މީޒާއަކީ ކުރީގައި ނަރުހެއްނަމަވެސް، ކުދިން ލިބުމުން އޭނާ ވަޒީފާއަށް ދިޔުން ހުއްޓާލީ އަމިއްލައަށް ބޭނުންވެގެންނެވެ. ދަރީންނަށް ގިނަ ވަގުތު ދޭން ބޭނުންވީތީއެވެ. ވިހެއުމަށްފަހު، ވަޒީފާއަށް އަލުން ނުކުންނަން ޒާހިދު ބުނިނަމަވެސް، މީޒާ އެގޮތް ބޭނުންނުވީއެވެ. އޭނާ ވަޒީފާއަށް ނުގޮސް ވެސް ދަތިވާ އެއްވެސް ކަމެއް ނެތީތީއާވެސް އެކުގައެވެ.
މީޒާ އައިސް ޒާހިދުވެ ހަކުރު ބެލިއެވެ. ހަކުރު ހުރީ މަތީގައެވެ.
"ތީ ބޮލުގަ ތި ރިއްސާކަމަކީ…" މީޒާ ބުނެލިއެވެ.
"ދެން އަރާމުކޮށްލާ މިއަދު. އިތުރަށް އޮފީސްކަންތަކުގެ އެހާ ބުރަކޮށް އުލޭނެކަމެއް ނެތް. މާހިލްއާ ހުރިހާކަމެއް ހަވާލުކުރަން ބުނަން ކިހިނެއްވާނީ ޒާހިދު. އޭރުން އަހަރެންގެ ހިތަށް ވެސް ހަަމަޖެހުމެއް ލިބޭނީ…" މީޒާ މިހާރަކަށް އައިސް އަބަދުހެން އޭނާ ދައްކާ ވާހަކަ ބުނެލިއެވެ.
"އޮފީސް ކަންތައް ހަމައަކަށް އެޅުނީމަ ތި ވާހަކަ ދައްކާނަން. މީޒާ ހާސްނުވޭ…" ޒާހިދު ބުންޏެވެ. އޭނާ ހިނިތުންވެލާ ލޯބިވާ އަނބިމީހާ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
"މާހިލް އެބަ އުޅޭތަ؟" ޒާހިދު ސުވާލުކޮށްލިއެވެ.
"އޭރު ހޭލައިގެން އުޅެފަ ސައިބޮއިގެން ކޮޓަރިއަށް ވަތް ގޮތަށް ނުނިކުމޭ… ނިދަނީ ކަންނޭނގެ." މީޒާ ބުނެލިއެވެ.
"އެ ދަރިވެސް މީހަކާ އިންނަން ކީކުރަން. އެކަހަލަ ޚިޔާލެއްވެސް ކުރަނީކީ ނޫން… މިހާރު އުމުރުން ތިރީސް އަހަރުވަނީ. ދިރިއުޅުމެއް ފަށަންވެސް ޖެހޭނެއެއްނު، ކިޔަވާއިރު އެކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫނޭ ބުނި ގޮތަށް އަދިވެސް އެހެން އެ ހުންނަނީ. ރަނގަޅު ކުއްޖަކު ދައްކަންވީ ކަންނޭނގެ ދޯ." މީޒާ ހީލިއެވެ.
"މިހާރުގެ ކުދިންނަށް އަހަރެމެން ދައްކާ ކުދިންނެއް ކަމަކު ނުދާނެ. އެމީހުން ބޭނުންވާނީ އަމިއްލައަށް ކުއްޖަކު ހޮވަން." ޒާހިދު ބުނެލިއެވެ.
"ކަމުދޭތޯ ނުވަތަ ނުދޭތޯ ނިންމާނީ ކުދިން. އަހަރެމެންނަށް ކުއްޖަކު ދެއްކިދާނެއެއްނު ގައިމު. ނޫންތަ؟" މީޒާ ބުނެލިއެވެ.
"ހެހެ. އަޅެ ކުއްޖަކު ހޯދާފަ ދައްކަބަލަ މާހިލް ބުނާ އެއްޗެއް ބަލަން؟ އަނެއްކާ ކުއްޖަކު ހުރީތަ؟" ޒާހިދު މީޒާއަށް ބަލައިލިއެވެ.
"ހުރީކީ ނޫން. އެކަމަކު ހޯދިދާނެއެއް ނޫންހޭ…" މީޒާ އެހެން ބުނެލާފައި ފަހަތް ބަލައިލިވަގުތު މާހިލް ހުރިތަން ފެނި އޭނާ މަޑުޖެހެވުނެވެ. ޒާހިދުވެސް ބަލައިލިއެވެ. އެއާއެކު މާހިލް ފެނި އޭނާ ހިނިތުންވެލިއެވެ.
"މަންމަ އުޅެނީ މިގެއަށް ޅީދަރިއެއް ބޭނުންވެގެން." މާހިލްގެ މޫނުމަތީގައިވާ ކުލަވަރުތަކުން އެމީހުން ދެއްކި ވާހަކަ އަޑު އިވުނުމުން ޔަޤީންވުމާއެކު ޒާހިދު ބުނެލިއެވެ.
"މިގޭގައި އެބަތިބި ދެ އަންހެން ކުދިން؟ މަދެއް ނޫނެއްނު މަންމާ… ދޮގެއްތޯ ބައްޕާ!" މާހިލް ބުނެލިއެވެ.
ޒާހިދު ހީލަމުން އިތުރު އެއްޗެއް ނުބުނިނަމަވެސް، އޭނާގެ ޒުވާން ދަރިފުޅާ މެދު އެހިތުގައިވެސް ފޮނި އުންމީދު ތަކެއް ވެއެވެ. އެއީ މީހުންނާ އިނދެގެން ދިރިއުޅުމެއް ފަށާ އުމުރުކަން ވެސް އޭނާއަށް އެނގެއެވެ. މީގެ ކުރިން ދުވަހަކުވެސް މާހިލް އެ ދެމީހުން ގާތު އަންހެން ކުއްޖެއްގެ ވާހަކަ ދައްކާފައެއް ނުވެއެވެ. މުޅިންވެސް މާހިލްގެ ޝައުގުވެރިކަން ހުރީ ކިޔެވުމަށެވެ. އެމީހުން އެވާހަަކަ ނުދެއްކީވެސް އެކަން އެނގޭތީއެވެ. އެހެންނަމަވެސް ޒުވާން އުމުރުގައި ކައިވެންޏަކީ މުހިންމުކަމެކެވެ. މީޒާގެ ޚިޔާލަކީވެސް ގޯސް ޚިޔާލެއް ނޫނެވެ. ރަނގަޅު ކުއްޖަކު މާހިލްއަށް ދެއްކުމަކުން ލިބޭނެ ދެރައެއް ނެތެވެ. އެހެންނަމަވެސް އޭގެ ކުރިން އެ ދަރފުޅުގެ ޚިޔާލެއް އޭނާ ބަަލަން ބޭނުމެވެ. އެމީހުންގެ އެއްވެސް ނިންމުމެއް މަޖުބޫރުކުރާކަށް ޒާހިދު ބޭނުމެއް ނޫނެވެ. ކުއްޖަކު ދެއްކިނަމަވެސް، ގޮތް ނިންމުމުގެ ފުރުސަތު އޭނާ މާހިލްއަށް ދޭނެއެވެ. ދިރިއުޅުން އުޅޭނީ އެމީހުންނެއް ނޫނެވެ. ވީއިރު، އެމީހުން މަޖުބޫރުން ކުރާ ކަމަކުން ދަރިންނަށް ދެރައެއް ލިބޭކަށް އެއްގޮތަކަށްވެސް ޒާހިދު ބޭނުމެއް ނޫނެވެ.
މާހިލްގެ ވާހަކަތައް ހުރި ގޮތުން އަދިވެސް އެފަދަ ޚިޔާލެއް މާހިލް ނުގެންގުޅޭކަން އޭނާއަށް އެނގުނެވެ. ވުމާއެކު ހަމަޖެހިލައިގެން އެ ވާހަކަ މާހިލްއާ ދައްކަން އޭނާ ނިންމިއެވެ. މިވަގުތު އޭނާ އެއްޗެއް ނުބުނީވެސް އެހެންވެގެންނެވެ.
"މި ކަހަލަ ވާހަކައެއް މަންމަ ދައްކާއިރު ބައްޕަވެސް މަންމައާ އެއްކޮޅަށް ނާރާނެ!" މީޒާ ބުނެލިއެވެ.
"ޑޭޑް އިސްދަ ބެސްޓޭ މަންމާ… " މާހިލް ބުނެލިއެވެ. އޭނާ ޒާހިދަށް ބަލައިލިއެވެ. ޒާހިދާ އޭނާގެ ގުޅުމަކީ ވަރުގަދަ ގުޅުމެކެވެ. އެ ބައްޕަގެ މަޑުމައިތިރިކަމާއި، ދަރިންނަށް އިޙްތިރާމް ކުރުމަކީ އެސިފަތައް ދެކެ މާހިލް ވަރަށް ލޯބިވާ ސިފަތެކެކެވެ. އެއްވެސް ކަމެއްގައި ދަރިންނަށް މަޖުބުރުކުރުމަކީ ޒާހިދުގެ އުސޫލެއް ނޫނެވެ.
އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި މާހިލް ދިޔުމުން، މީޒާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެ ކަހަލަ ވާހަކައެއް ހަމަ ދައްކާލާއިރަށް ފިލާނެ. ޒާހިދު އެއްޗެއް ނުބުނާތީ އޭނާއަށް ހިތްވަރު ލިބެނީ. ކައިވެންޏެއް ނުކޮށް އުމުރު ހުހެއް ނުކޮށްލެވޭނެއެއްނު." މީޒާ ތައްޓަށް ފެންއަޅަމުން ބުނެލިއެވެ.
"ހާސްނުވޭ މީޒާ… މާހިލްއަށް އަދި ވިސްނޭނެ. އެކަމާ އެހާ ކަންބޮޑުނުވެބަލަ!" ޒާހިދު ބޭނުންވީ މީޒާގެ ހިތްހަމަ ޖައްސައިދޭށެވެ.
"ދެން ޒާހިދު ބުނީމަ ޖެހޭނީ ގަބޫލުކުރަން. އެކަމަކު އެ ވާހަކަ އޭނާއާ ދައްކާލަބަލަ." މީޒާ އެެހެން ބުނުމުން ޒާހިދު ބޯ ޖަހައިލިއެވެ. މިޒާވެސް އިތުރު އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. ޒާހިދުގެ ކޮންމެ ނިންމުނެއްގެ ފަހަތުގައިވެސް ޙިކުމަތްތެރިކަން ވާނެކަމަށް އޭނާ ޤަބޫލުކުރާތީއެވެ. އެހެންނަމަވެސް އަބަދު އެކަމާ ޝަކުވާ ކުރެވެނީ އޭނާވެސް ޒުވާން ދަރިފުޅުގެ މުސްތަޤްބަލާމެދު ކަންބޮޑުވާތީއެވެ.
*****
އޮފީސް ނިންމާލާފައި މުނީރު މައާލްގެ ކައިރިއަށް އައުމުން ރާދިން ގެއަށް ދިޔައީ މައާލްއަށް ބޭނުންވާ ބައެއް އެއްޗެހި ބަލައެވެ.
"މިހާރު ކިހިނެއްތަ؟" މައާލް އޭނާ ރަނގަޅުކަމުގައި ބުނެލުމުން މުނީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ރާދިން ރަނގަޅުދޯ…" މުނީރަށް ޖަވާބު ދިނުމުގެ ގޮތުން މައާލް ބޯ ޖަހައިލިއެވެ.
"ބައްޕަ ބުނީމެއްނު. ހަރުކަށިކަން އިސްކުރިނަމަވެސް، އެހެންމީހުންނަށް ދެރައެއް ލިބޭތަން ބަލަން ހުންނާކަށް ރާދިންއަކަށް ނުކެރޭނެޔޭ. މައާލްވެސް ކެތްތެރިކަމާއެކު ރާދިންއަށް ވަގުތުދީ އިނގޭ… އިރާދުކުރއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. ރާދިންއަށް އަންނަމުން ދާ ބަދަލުތަކުން އެކަން ބައްޕައަށް ޔަޤީންކުރެވޭ..." މުނީރު ބުނެލިއެވެ. ފުން ނަޒަރަކުން މައާލްއަށް ބަލައިލުމާއެކު، އޭނާގެ ހަނދާނަށް އައީ، ޑޮކްޓަރ ވިލިއަމްގެ ވާހަކަތެކެވެ.
"މައާލްތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ކުރިއަށް އޮތްތާވެސް، ހަމަ ތިހާ ހިތްވަރުގަދަ ކުއްޖަކަށް ވާންވާނެ!" މުނީރު ބުނެލިއެވެ. މުނީރުގެ ވާހަކަތަކުން މައާލްގެ ހިތުގައި އުންމީދު އުފެދިގެން ދިޔައެވެ. މުނީރުއާ ވާހަކަ ދައްކާލެވުމުން އަބަދުވެސް އޭނާގެ ހިތުގެ އުދާސްތަކަށް ލުޔެއް ލިބެއެވެ. އެ ނަސޭހަތްތަކީ މިއަދާ ހިސާބަށް އޭނާއަށް އާދެވުނު ސަބަބެވެ.
ރާދިން އަނބުރާ ހޮސްޕިޓަކަށް އަންނަނިކޮށް ސަޖާ ގުޅިއެވެ. މިއަދު ޚަބަރެއް ނުވާތީއާއި އޭނާގެ ފޯނަށް ޖަވާބު ނުދޭތީ ޝަކުވާކުރިއެވެ.
"އަހަރެން ބިޒޫ އޭ ސަޖޫ… ފްރީވީހާ އަވަަހަކަށް އަހަރެން ދާނަން.." އެހެން ބުނެފައި ރާދިން ފޯނު ކަނޑާލުމުންވެސް، ސަޖާ ގުޅުމެއް ނުހުއްޓިއެވެ. ފޯނު ސައިލެންޓަށް ލަމުން ރާދިން އެތެރެއަށް ވަނެވެ. ރާދިން ހުރީ ހަޤީގަތުގައިވެސް މައާލްއާ މެދު ހާސްވެފައިކަމުންނާ، އުޅެން ޖެހުނުލެއް ބިޒީކަމުން ސަޖާގެ އެއްވެސް ކޯލަކަށް މިއަދު އޭނާއަށް ޖަވާބެއް ނުދެވުނެވެ. ބިޒީކަމަށް ބުނެ މެސެޖްކުރުމުން ވެސް ސަޖާ ޝަކުވާކޮށްފައި އެއަށް ޖަވާބު ދީފައި އޮތެވެ.
މުނީރު ގެއަށް ދިޔައީ އިޝާގެ ފަހުންނެވެ. ރާދިން މައާލްއަށް ކާންދީފައި ހިންދެމިލިތަނާ ޑޮކްޓަރު އައެވެ. އެއަށްފަހު، ހަވިރު ހެދި ޓެސްޓްތަކުގެ ރިޕޯޓްތަކުގައި ހުރި މައްސަލަތައް ކިޔައިދީފައި، އިތުރު ބޭހެއް ބޭނުންވާކަމަށް ބުނެ ބޭސް ސިޓީ ދިނެވެ.
"ބޭސް ނަގަން ނުދަނީތަ؟" ރާދިން ނުގޮސް ހުންނަން ފެށުމުން މައާލް ސުވާލުކޮށްލިއެވެ.
"މައާލް އެކަނިކޮށްލާފަ…"
"އަހަރެން އޯކޭ އޭ މިހާރު. ދަމުން ނަރުސް ކުދިން ކައިރީ ބުނެލާފަ ދޭ…" މައާލް އެހެން ބުނެލުމުން އޭނާ ވަރަށް އަވަހަށް އެބަ އަންނަންކަމުގައި ބުނެ ނިކުމެލިއެވެ. ނާރސަސް ސްޓޭޝަންއާ ހިސާބާ އަރާ ހަމަވިތަނާ އެތަނުން ދެ ކުއްޖަކު ވާހަކަ ދައްކާ އަޑު އޭނާއަށް އިވުނެވެ.
"ރާދިން އެއީ އޭނާގެ ފިރިމީހާ ދޯ. އޭނާގެ ބައްޕައަކީ މަޝްހޫރު ވިޔަފާރި ވެރިއެއްނު. ކީއްވެބާ ލޯ އަނދިރިކުއްޖަކާ އެކު އުޅެނީ…"
"މަގޭ ވެސް ހިތަށް އެރިޔޭ. ގައިމު އޭނާއަށް ރަނގަޅު ކުދިން ނުވާނީއެއް ނޫނެއްނު." އެހެން ކުއްޖަކު ބުނެލިއެވެ. ރާދިން ހުރީ ފަހަތުގައިކަމުން އެމީހުންނަށް ރާދިން އެއް ނުފެނެއެވެ.
"އެކަމަކު އެ ކުއްޖާ ވަރަށް ރީތި އިނގޭ. ޔަޤީންނުންވެސް ރާއްޖެ ކުއްޖެއް ނޫން، ހުސް ބޭރު ސިފަތައް. އަނެއްކާ އެހެރަ ދެލޮލެއް."
އެ ވާހަކަތައް އަޑު އަހަރެން ހުރުމަށްފަހު، ރާދިން ގޮސް ކައުންޓަރުގައި އަތް އަޅުވައިލުމުން އެ ކުދިން ސިހިފައި އޭނާއަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް އެނގޭކަމަށް ނުހަދާ އޭނާ މައާލް އެކަނި އޮތް ވާހަކަ ބުނެލާފައި ވޯޑުން ނުކުންނަން ހިނގައިގަތެވެ.
*****
ރާދިންއަށް ގުޅާގުޅާ ފޯނު ނުނެގުމުން، އެންމެފަހުން ސަޖާ ޓެކްސީއެއް ނަގައިގެން ހޮސްޕިޓަލަށް އައީ އޭނާގެ ކުރީގެ އޮފީސް އެކުވެރިއެއް ބާއްވައިގެން އުޅޭތީއެވެ. އެތެރެއަށް ވަތް ސަޖާ ފާމަސީ ކުރިމަތިން ހުރަސްކުރި ވަގުތު ބޭސް ހިފައިގެން އެތަނުން ނުކުތް ރާދިން އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުޑަކޮށް ހައިރާންވުމާއެކު، އޭނާ ރާދިންގެ ފަހަތުން ހިނގައިގަތެވެ. ރާދިން ދިޔައީ ވީއައިޕީ ވާރޑުތަކާ ދިމާލަށެވެ. ސަޖާވެސް ރާދިންގެ ފަހަތުން ގޮސް މައްޗަށް އެރިއެވެ. ލިފްޓުން ފައިބާ ބަލައިލުމާއެކު، ބިއްލޫރި ދޮރުގއި ކާޑު ޖަހާ ރާދިން އެތެރެއަށް ވަތްތަން އޭނާއަށް ފެނުނެވެ.
ދޮރު ލެއްޕުމާއެކު، ސަޖާއަށް ޖެހުނީ ސެކިއުރިޓީ ގާޑުގެ އެހީތެރިކަން ހޯދާށެވެ. ވަރަށް އުނދަގުލުން އެތެރެއަށް ވަނުމަށްފަހު، އޭނާ ރާދިން ހޯދިއެވެ.
ރާދިން ވަނީ 104 ނަންބަރު ކޮޓަރިއަށްކަން އެނގުނުނަމަވެސް، އެތެރޭގައި އޮތީ ކާކުކަން ނޭނގި ވަންނާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން ދޮގެއް ހަދާފައި ކައުންޓަރުން އެ މައުލޫމާތު އޮޅުން ފިލުވުމަށްފަހު، ސަޖާ ގޮސް ކޮޓަރި ދޮރުހުޅުވާލާފައި، އެތެރެއަށް ވަނެވެ. އެތެރޭގައި އޮތީ މައާލްކަން އެނގުމުން އެނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ރާދިން ހަތަރުދަން އެ ހޭދަކުރަނީ މައާލްއަށް ޚިދުމަތް ކުރުމުގައި ހެއްޔެވެ؟.
ދޮރު ހުޅުވައިލިއަޑަށް މައާލްގެ ތުމުގައި ފެންތަށި ޖަހައިގެން ހުރި ރާދިން އެ ދިމާލަށް ބަލައިލުމާއެކު، މީހާ ގަނޑުވިއެވެ. މަޑުމަޑުން ސަޖާ އެ ދިމާލަށް އައިސް ހުއްޓިލުމާއެކު މައާލް ސުވާލުކޮށްލީ އެމީހަކު އެއްވެސް އެއްޗެއް ނުބުނުމުންނެވެ.
"ނާރސްތަ؟"
"އާނ.. އާނ. އައިވީ ހުސްވިތޯ ބަލާލަންވެގެން…" ދެލޯ ބޮޑުކޮށްލަމުން މައާލް ގާތު އެއްވެސް އެއްޗެއް ހާމަނުކުރުމަށް އިޝާރާތްކުރަމުން ރާދިން އަވަސް އަވަހަށް ބުނެލުމާއެކު، ސަޖާ ރާދިންއަށް ބަލައިލީ ނުރުހުމުގެ ނަޒަރުންނެވެ. އެ ދެލޮލުން ފެންނަނުން ދިޔަ އިންޒާރުގެ އަސަރުތަކުން ރާދިން ގޮތްހުސްވިއެވެ. ސަޖާ ބުނާނެ އެއްޗެއް ނޭނގި އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ.