އެ މެއިލްއަށް ބަލަން އިނުމަށްފަހު، ފުންނޭވާއެއް ދޫކޮށްލުމަށްފަހު، މުނީރު ތިރީގައި ލިޔެފައިވާ ނަންބަރަށް އަވަސް އަވަހަށް ޑައިލްކޮށްލިއެވެ.
ދެވަނަ ރިންގާއެކު, އެކޮޅުން ފޯނު ނެގިއެވެ. ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ. ފޯނު ނެގުމަށްފަހު، އެކޮޅުން ބުނީ އޭނާ މުނީރުގެ ފޯނަކަށް އިންތިޒާރުކުރި ވާހަކައެވެ.
"މެއިލްގައި އެވާ އެއްޗެއް އަދިވެސް އެއްފަހަރު އަޅުގަނޑަށް ތަފްސީލްކޮށްލަ ދީފާނަންތޯ؟" އޭގައި ލިޔެފައިވާ އެއްޗެއް ޔަޤީން ނުކުރެވުނު ފަދައަކުން މުނީރު ސުވާލުކޮށްލިއެވެ. މެއިލްގައިވި އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ. އުންމީދުގެ ކަންޏެއް ހިތުގައިވީ އެކޮޅުން ދިން ޖަވާބު ބަދަލުވެދާނެކަމަށެވެ. އެހެންނަމަވެސް، އެއީ އޭނާގެ ކުށްހީއެއްކަން ޔަޤީންވީ ތަކުރާރުކޮށް އެއް ޖަވާބެއް ދެމުން ދިޔައީތީއެވެ.
"ދެން އެއްވެސް އުންމީދެއް ނެތީތޯ ޑޮކްޓަރ؟ އެންމެ ޕަސެންޓެއް ވިޔަސް އަޅުގަނޑަށް ދެއްވާ..." މުނީރު ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ.
"ރިޕޯޓްތަކުން ދައްކަނީ ނާރުތައް އެއްކޮށް ހަލާކުވެފައިވާކަމަށް. މިފަދަ ޙާލަތްތަކުގައި ކުރެވޭނެ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. އެއްވެސް ޑޮކްޓަރަކު އުންމީދެއް ނުދޭނެ. އައި އެމް ސޮރީ އަކަމަކު، މައާލްގެ ދެލޮލުގެ ފެނުން ދެން އަނބުރާ ނުލިބޭނެ." އެކޮޅުން ވާހަކަދައްކަމުން ދިޔައީ ޔޫއެސްގެ މަޝްހޫރު ހޮސްޕިޓަލެއްގައި ލޮލާ ބެހޭ ޑިޕާރޓްމެންޓްގެ އިސްވެރިޔާ ކަމުގައިވާ ވިލިއަމްއެވެ.
"ދެން ކުރެވޭނެ ހަމަ އިތުރު އެއްވެސް ކަމެއް ނެތީތޯ؟" މުނީރު މާޔޫސްވިއެވެ. އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ.
"ދެވޭނެ އިތުރު ފަރުވާއެއް ނެތް. އެއް ޕަރސެންޓް އިންނަމަވެސް، ބުނާނަން މައާލް ގޮވައިގެން މިތަނަށް އަންނަން." ވިލިއަމް ބުނެލިއެވެ.
މުނީރު ވިލިއަމްގެ ނަންބަރު ހޯދީ އޭނާގެ އެކުވެރިއެއްގެ ފަރާތުންނެވެ. ވިލިއަމްއަކީ އެމެރިކާގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ލޮލުގެ ޑޮކްޓަރެވެ. އުންމީދު ފުނޑުފުނޑުވީ ވިލިއަމްގެ އެ ވާހަކައިންނެވެ. ފޯނު ބޭއްވުމަށްފަހު، މުނީރަށް ވިސްނަން އެތަކެއް އިރަކު އެތަނުގައި އިނދެވުނެވެ. މިހުރިހާ ދުވަހު އޭނާ ދިޔައީ މައާލްގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯކުރަމުންނެވެ. އެ މާޔޫސްކަމުން މައާލް ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މައާލްގެ އުންމީދުތައް ފުނޑުފުނޑުވިޔަ ނުދޭން އޭނާ ބުނަމުން ދިޔައީ، އަދި މައާލްގެ ލޮލަށް ފެންނާނެކަމުގައެވެ. ވީއިރު މިއަދު އެ ނިކަމެތި އަންހެން ކުއްޖާގެ ގާތުގައި އެ ހަޤީގަތް ހާމަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ދެލޮލުގައި އެ ހުންނަ ހިތްދަތިކަމުގެ އަސަރުތައް އޭނާގެ ހިތަށް ވެސް ތަދުކުރުވައެވެ.
އެތައް އިރަކު މުނީރަށް އެތަނުގައި ވިސްނަން އިދެވުނެވެ.
*****
މައާލް އިޝާކޮށްލައިގެން ސޯފާގައި އިށީނދެލިއިރު އޭނާގެ ބޮލުގައި ކޮންމެވެސް ވަރަކަށް ރިއްސަމުން ދިޔައެވެ. އޭރު ރާދިން ގެއަކު ނޫޅެއެވެ. އެމާއަށް ގޮވާ ގެނެސްފައި އޭނާ ޕެނެޑޯލް ގުޅައެއް ކާލައިގެން އެނދުގައި އޮށޯވެލިއެވެ. މައާލް ހުރީ ކޮންމެވެސް ވަރަކަށް ހުންވައްތަރުވެސް ވެފައެވެ. ބޭސް ކާލައިގެން އަރާމުކޮށްލުމުން ރަނގަޅުވާނެކަމަށް ނިންމާ އޭނާވެސް އެކަން މާ ބޮޑުކަމަކަށް ނުހަދައެވެ. އެހެން އޮއްވާ މައާލްއަށް ނިދުނީއެވެ.
ރާދިން އޭނާގެ އެކުވެރިންނާއެކު، ކޮފީއެއްގައި އިނދެފައި ދިޔައީ ސަޖާ ކައިރިއަށެވެ. އޭނާ ދިޔައީ ސަޖާ ހިތްހަމަ ޖަައްސައިލުމުގެ ގޮތުން މާބޮނޑިއެއްވެސް ތައްޔާރުކޮށްގެން އެ ހިފައިގެންނެވެ. ރާދިން ބެލް ޖަހައިލުމާއެކު، ލަސްނުކޮށް ސަޖާ ދޮރުހުޅުވައިލިއެވެ. ރާދިިން ހުރީ އަތް ފުރަގަހަށް ލައިގެންނެވެ. އޭނާ ބޯ އަރިކޮށްލާފައި ބަލައިލުމުން ރާދިން ލުއި ހިނިންވުމެއް ސަޖާއަށް ހަދިޔާކޮށްލާފައި މާބޮނޑި ދައްކާލިއެވެ. އެއާއެކު ސަޖާގެ ތުންފަތް މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭގައި ހުރީ އޭނާއަށް އެންމެ ކަމުދާ ރަތް ފިނިފެންމަލާއި ލިލީގެ އިތުރުން ރީތި މާތަކެކެވެ. ރާދިން ދިއްކޮށްލި މާ ބޮނޑީގައި ހިފަމުން ސަޖާ އެއްފަރާތަކަށް ޖެހިލާ ރާދިން ވަންނަން ތަން ދެއްކިއެވެ. އެ މާ ބޮނޑީގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު، މާ ބޮޑި ނޭފަތާ ކައިރިކޮށްލާ ވަސްވެސް ބަލައިލެވިއްޖެއެވެ.
ސަޖާގެ ތުންފަތްމަތިން ފެނުނު އުފާވެރިކަމުން ރާދިން ހިތްހަމަޖެހުނެވެ.
"ހެޕީ؟" ރާދިން ސަޖާގެ ބުޅި އިސްތަށިގަނޑުން މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ.
"ވަރަށް ވަރަށް… ތެންކިއު ބޭބީ…" ސަޖާ ރާދިންގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު، މާބޮނޑި ހިފައިގެން ގޮސް ސިޓިން ރޫމުގައި ސޯފާތައް ކައިރީގައި ބަހައްޓާފައި ހުރި މޭޒުމަތީގައި ހުރި ވާޒްގައި ޖަހައިލިއެވެ.
"ރީތި ދޯ…"
ސޯފާގައި އިން ރާދިން އިނީ ސަޖާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު، ބަލާށެވެ. ސަޖާގެ ފަރާތުން އިތުރު ޝަކުވާއެއް ކުރިމަތި ނުވުމަކީ އޭނާއަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.
"ސަޖޫއަށް ވުރެ ރީއްޗެއް ނޫން އެކަމަކު…" ރާދިން ބުނެލިއެވެ. ރާދިންގެ އެ ވާހަކައިން ސަޖާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. އޭނާ މާތައް ޖަހާލާފައި އައިސް ރާދިންގެ ކައިރީގައި ސޯފާގައި އިށީނދެ ރާދިންގެ މޭގައި އަތް ޖައްސައިލިއެވެ. އެ ގޮތުގައި ދެމީހުން ތިބިއިރު ސަޖާ އިރުއިރުކޮޅަކާ، ރާދިންގެ މޫނަށް ބަލާލައެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެންނެވެ.
"ރާދު. ކޮން އިރަކުން މައާލް ވަރިކުރާނީ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ސަޖާ އޭނާ ރާދިންއާ ކުރާ ސުވާލު ތަކުރާރުކޮށްލިއެވެ.
"އެހާ ފަސޭހަކަމެއް ނޫނެއްނު އެއީ ސަޖޫ… އަހަރެން މަސައްކަތް ކުރަމޭ އެބަ އަހަރެން ދެމީހުންނަށް ރަނގަޅު ގޮތެއް ހޯދޭތޯ…" ރާދިން ބުނެލިއެވެ.
"ރާދިން ތިބުނާ ރަނގަޅު ގޮތަކީ ކޮބާކަމެއް އަހަންނަކަށް ނޭނގެ. މައާލް ވަރިކުރުން ނޫން ރަނގަޅު ގޮތެއް އޮންނާނެހެންނެއް އަހަންނަކަށް ހިޔެއް ނުވޭ." ނުރުހުމުގެ އަސަރު އެ އަޑުގައިވީނަމަވެސް، ސަޖާ ވާހަކަ ދެއްކީ މަޑުންނެވެ. ސަޖާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ރާދިންގެ އަތުގައިވެސް ނެތެވެ. އޭނާ މައާލް ވަރިކުރާނީ ކިހިނެއްހެއްޔެވެ؟ މައާލްއަށް އޭނާގެ ގާތުން ވަރިވާން މަޖުބޫރުކުރަންވީހެއްޔެވެ؟ ނޫނެކެވެ. އޭރުން ބައްޕަ ޝައްކުކުރާނީ އޭނާއަށެވެ. އެ ކައިވެނި ކުރެވި މިވީ ދުވަސްތަކުގައި މައާލް އެވަނީ އެއީ އޭނާގެ މުސްތަޤްބަލްކަމަށް ނިންމާފައެވެ. ވީއިރު ސަޖާ އެބުނާ ގޮތަށް ކަންތައް ކުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. މައާލް އެ ޙާލުގައި ވަނިކޮށް ވަރިކޮށްލަން ޚުދު އޭނާގެ ޒަމީރުވެސް ދެކޮޅު ހަދަނީއެވެ. ވިސްނައިދޭން އުޅޭ ގޮތާ އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ.
ރާދިން އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން ސަޖާ ހިތްހަމަ ޖައްސައިދިނެވެ. އޭނާ ގެއަށް ދާން ނުކުތްއިރު، ބާރަޖަހާ ބޮޑުވެއްޖެެެއެވެ. ސައިކަލަށް އަރާ ގެއާ ދިމާލަށް މިސްރާބު ޖެހި ރާދިން ސައިކަލު ދުއްވަމުން ދިޔައީ އާދައިގެ ވަރެއްގައި ދުވެލި ބަހައްޓައިގެންނެވެ.
ގެއަށް ގޮސް ވަތް ރާދިން މައިދޮރާ ހިސާބުން މަޑުޖެހިލިއެވެ. މުނީރު ސިޓިން ރޫމުގައި އިނދެދާނެތީ އޭނާ ޖެހިލުންވީއެވެ.
ސިޓިން ރޫމަށް ވަތް ރާދިންގެ ހިތަށް ހަމަޖެހުމެއް ލިބުނީ މުނީރު ފެންނަން ނެތުމުންނެވެ. އޭނާ ސިޑިއާ ދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
ކޮޓަރިއަށް ވަތް ރާދިންގެ ނަޒަރު އެނދުގައި ނިދާފައި އޮތް މައާލްއަށް ހުއްޓުމާއެކު، އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ކައިރިއަށް ހުއްޓުމަށްފަހު، މައާލްގެ މޫނަށް ފަރުވާތެރިކަމާއެކު، ބަލައިލި ވަގުތު މައާލް ކުކުރައިލިއެވެ. ނިދާފައި އޮތް އިރުވެސް، އެ މޫނުމަތިން ވަރުބަލިކަމާއި، ކަމަކާ އުނދަގޫވެގެން އުޅޭ ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މޫނުމަތިން ދަލުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ.
"މައާލް..މ" ރާދިން މައާލްގެ ނިތިގައި އަތް ޖައްސަލުމާއެކު، މައާލް އޮތީ ހުމާ ފިހިފައިކަން އޭނާއަށް ރޭކާލިއެވެ.
"މައާލް! މައާލް!" ރާދިން ދެފަހަރަކު މައާލްއަށް ގޮވައިލުމުންވެސް ކުރުރާލުން ފިޔަވާ އިތުރުކަމެއް މައާލް ނުކުރިއެވެ. ހުމާ ފިހިފައި އޮތް މައާލް ފެނި ރާދިން ހާސްވިއެވެ. އޭނާ ސައިޑް ކަބަޑުމަތީގައި ހުރި، ފެންތަށި ނެގި ވަގުތު އެތަނުގައި އޮތް ބޭސް ކާޑު ލޮލުގައި ޅައިގަތުމާއެކު، މައާލް ނިދީ ބޭސް ކައިގެންކަން އޭނާއަށް އެނގުނެވެ. އަތަށް ފެން ފޮދެއް އަޅައިލުމާއެކު، ރާދިން މައާލްގެ މޫނާ ކަރު ދޮށުގައި ފެން އުނގުޅައިލިއެވެ.
"މައާލް!" މައާލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލާފައި، ބޮލުގައި އަތް ޖައްސާލިއެވެ. ރާދިންގެ އަޑު އިވުމުންވެސް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
"ބޮލުގައި ރިއްސަނީތަ؟ ބޮލަށް އެނބުރުން އަރަަނީތަ؟ ހިނގާ ހޮސްޕިޓަލަށް ދާން." ރާދިންގެ އަޑުގައި އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ވެއެވެ. ކުޑަކޮށް ލޯ ހުޅުވާލައިގެން އޮތް މައާލްގެ ދެލޯ އަނެއްކާވެސް މެރެން ފެށުމުން ރާދިންގެ ހާސްކަން ދެގުނަވިއެވެ.
އަވަސް އަވަހަށް ފޯނު ނަގާ އޭނާ އެންބިއުލެންސްއަށް ގުޅިއެވެ. އެއަށްފަހު، މައާލް އަތްދަނޑި މައްޗަށް އުފުލާލައިގެން ތިރިއަށް ދާން މިސްރާބުޖެހިއެވެ. ސޯފާގައި މައާލް ބާއްވައިލުމާއެކު، އޭނާ ގޮސް މުނީރުގެ ކޮޓަރީގައި ޓަކި ޖަހަމުން މުނީރުއަށް ގޮވަން ފެށިއެވެ.
ނިދާފައި އޮތް މުނީރަަށް ހޭލެވުނީ އެ އަޑަށެވެ. އޭނާ ތެދުވެ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ރާދިންގެ މޫނުމަތިން ފެނުނު ހާސްކަމާއި އެ ވަގުތު ރާދިން އޭނާއަށް ގޮވުމުން މުނީރުގެ ހިތް ނުތަނަވަސްވާގޮތްވިއެވެ.
"ކިހިނެއްވީ ދަރިފުޅާާ؟" މުނީރަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ.
"މީ… މައާލް… މައާލް ހުންއައިސްގެން…. މިހާރު ސޯފާގައި… ހޮސްޕިޓަލަށް ދާންވެގެން. " ރާދިންއަށް ހާސްވީ ވަރުން ވާހަކަވެސް ދެއްކުނީ އުނދަގުލުންނެވެ. ރާދިންގެ ސޯފާތަކާ ދިމާލަށް ހިނގައިގަތުމުން ފަހަތުން މުނީރުވެސް އެ ދިމާލަށް ހިނގައިގަތެވެ.
"މައާލް…" ރާދިން ކުޑަކޮށް ގުދުވެލުމަށްފަހު، މައާލްއަށް ގޮވައިލާ ނިތުގައި އަތް ޖައްސާލިއެވެ. ހުމުގެ އަސަރު އެހާ ވަރަށް ހުރުމުން އޭނާއަށް ބަލައިލެވުނީ މުނީރަށެވެ.
"ވަރަށް ހުން ގަދަތަ؟" މުނީރު ވެސް މައާލްގެ ނިތުގައި އަތް ޖައްސާލިއެވެ.
"ހުން އައިސް ފިހިފައެއްނު ތިއޮތީ. ފިނިފެންފުޅިއެއް ގެނެބަލަ! އެންބިއުލެންސް އަށް ގުޅައިފިންތަ؟" މުނީރު ސުވާލުކޮށްލުމާއެކު ބޯ ޖަހާލާފައި ރާދިން އަވަސް ފިޔަވަޅުތަކެއްގައި ފެންފުޅިއެއް ބަލާ ހިނގައިގަތެވެ. ފެންފުޅި ގެނެސް މައާލްގެ މޫނާ ކަރު ދޮށުގައި އޭނާ ފެން އުނގުޅިއެވެ. އެހެން އުޅެނިކޮށް އެންބިއުލެންސް އަތުވެއްޖެއެވެ.
ހޮސްޕިޓަލަށް ގެންދެވުމާއެކު ފަރުވާދިނުމަށް މައާލް، އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުނެވެ. މައާލްއާއެކު، ވަނީ ރާދިންއެވެ. ޑޮކްޓަރު ކާޓެއިން ދަމާލާފައި އެހަށް ބޭރުގައި މަޑުކޮށްލަން ރާދިންގެ ކައިރީގައި ބުނެލުމުންވެސް އޭނާއަށް ހުރެވުނީ ވިސްނުންތަކަށް ގެއްލިފަ އެވެ. މައާލް އެކަނި ކޮށްލާފައި އޭނާ ހުރީ ސަޖާގެ ކައިރީގައެވެ. ހިތުގައި ކުށްވެރި އިޙްސާސްއެއް ކުރެވެމުން ދިޔަ އިރު، ރާދިން އޭނާގެ އަމިއްލަ ނަފްސަށް ވެސް އަޑު ލިއެވެ.
"އެކްސްކިއުޒްމީ ސާރ. އިހަށް ބޭރުގަ މަޑުކޮށްލަދީ…" ނަރުސްކުއްޖާ އަނެއްކާވެސް ރާދިންއަށް ބަލައިލުމަށްފަހު، ބުނެލިއެވެ.
"އާނ.. ކީކޭ؟" ވިސްނުންތަކަށް ގެއްލިފައި ހުރި ރާދިންއަށް މިފަހަރުވެސް ނަރުސްކުއްޖާ ބުނި އެއްޗެއް ފަހުމެއް ނުވިއެވެ. އެހެންކަމުން ނަރުސްކުއްޖާއަށް ޖެހުނީ އަނެއްކާވެސް އެ ވާހަކަ ތަކުރާރުކޮށްލާށެވެ. ރާދިން ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާއަށް ފާރުގެ ބިތުގައި ލެނގިލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތާ ހިތުން މައާލް އަށް ދެރަގޮތެއް މެދުވެރި ނުވުމަށް އެދި އެތަކެއް ފަހަރަކު އޭނާއަށް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުނެވެ.
މައާލްގެ ޓެސްޓްތައް ހަދަން ލޭ ނަގާ، އީ.ސީ.އާ އެހެނިގެން ޓެސްޓްތައް ހެދުމަށްފަހު، ބޭހާ އިންޖެކްޝަން ދީފައި، އައިވީ ގުޅިއެވެ. ކުޑަކޮށް ހުން މަޑުވާ އަތަށް އެޅުމުންވެސް ޑޮކްޓަރު ރާދިންގެ ކައިރީގައި ބުނީ ފެންފޮތި ލުމަށެވެ. މައާލްގެ ބީޕީ ވަރަށް ދަށުގައި ހުރިކަމުގައެވެ. ހަބަރު ހުސްވީ އެހެންވެގެން ކަމުގައެވެ. ހުން ގަދަވެ އިތުރު ކަމެއް ނުވަނީވެސް ގެނެވުނުކަން އެއީ ނަސީބެއްކަމުގައެވެ. އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަން މައާލް އެޑްމިޓް ކުރާ ވާހަކަ ޑޮކްޓަރު ބުންޏެވެ.
ވާރޑަށް ބަދަލުކުރުމުގެ ބަދަލުގައި ރާދިން މައާލް އެޑްމިޓްކުރަން ނިންމީ ހޮސްޕިޓަލްގެ ވީ.އައި.ޕީ ކޮޓަރިއެއްގައެވެ. މައާލް ކޮޓަރިއަށް ގެންދަން ނެރެވުނުއިރު އޮތީ ނިދިފައެވެ. އަތަށް އައިވީ ގުޅާފައިވާއިރު، މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ހުން މަޑުވަމުން ދިޔަނަމަވެސް، ރާދިންގެ ހިތުން ހާސްކަން ފިލާ ނުދެއެވެ.
"ހާސްނުވޭ ދަރިފުޅާ! އިރާދުކުރެއްވިއްޔާ މާބޮޑުކަމެއް ނުވެއެއްނު." މުނީރު ރާދިންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. މުނީރު ހުރީ މައާލްއާ މެދު ހާސްވެފައިނަމަވެސް، ރާދިންގެ މޫނުމަތިން ފެންނަމުން އެދާ އަސަރުތަކުގެ ސަބަބުން މުނީރު ހިތްހަމަޖެހުނެވެ. އެ އަސަރުތަކުން ރަމްޒުކޮށްދެމުން ދިޔައީ ރާދިންގެ ހިތުގައި މައާލްއާ މެދު ކޮންމެވެސް އިޙްސާސްތަކެއް ވާކަމުގައެވެ. މައާލް އާ މެދު އޭނާވެސް ހާސްވެ ކަންބޮޑުވާކަމުގައެވެ. ރާދިންއަށް ނޭނގުނުނަމަވެސް، މައާލްއަށް ގެއްލުމެއް ލިބިއްޖެނަމަ ޚުދު އެހިތަށް ވެސް ތަދުވާނެކަމެވެ.
***
"ބަންގި ގޮވީއެ. ބައްޕަ އެންމެ ރަނފަޅު ނަމާދުކޮށްލައިގެން ގެއަށް ދުރުވިޔަސް. މާދަން އަދި އޮފީސް ދުވަހެއްނު." ފަތިސް ނަމާދު ބަންގީގެ އަޑަށް ރާދިން ބުނެލިއެވެ.
"މާދަން ބޭނުމިއްޔާ ޗުއްޓިއެއްވެސް ނެގިދާނެ!"
"އެކަމަކުވެސް ބައްޕަ ދުރުވެ އަރާމުކޮށްލާ!" ރާދިން އެެހެން ބުނުމުން ކަމެއް ބޭނުންވެއްޖެނަމަ ގުޅަން ބުނެފައި، މުނީރުވެސް ނުކުތީ މިސްކިތަށް އަރާފާއި ގެއަށް ދިޔުމުގެ ނިޔަތުގައެވެ.
މުނީރު ދިޔުމުން ރާދިން އައިސް މައާލްގެ އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ ފަރުވާތެރިކަމާއެކު، މައާލްގެ މޫނަށް ބަލަން ފެށިއެވެ. މަޑުމަޑުން އަތް އުފުއްލާލުމަށްފަހު، މައާލްގެ އޮމާން ކޯތާފަތުގައި ބީހިލިއެވެ. އެއަށްފަހު އޭނާ މައާލްގެ ނިތުގައި އަތްޖައްސައިލިއެވެ. ހުން އެކީ ކަހަލަ ގޮތަކަށް މަޑުވެފައި ހުރުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގޮނޑީގައި ލެނގިލައިގެން އިން ރާދިންއަށް ވަރުބަލިކަން އިޙްސާސްވަމުން ދިޔައެވެ. އެނދުގައި ބޯ އަޅައިލިތާ މާ ގިނައިރެއްނުވެ އޭނާގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.
ހެނދުނު މުނީރު އޮފީހަށް ދިޔުމުގެ ކުރިން މައާލްގެ ކައިރިއަށް އައިއިރު މައާލްވެސް އޮތީ ހޭލައެވެ. އޭނާގެ ކައިރީގައި ރާދިން އިނެވެ.
"އެމާ ކައިރީ ބުނިން ރަނގަޅު އެއްޗެއް ތައްޔާރުކޮށްފަ ފޮނުވަދޭން." މުނީރު ބުނެލިއެވެ. އޭނާ ޑޮކްޓަރުބުނި އެއްޗެއް ރާދިންގެ ކައިރިން އޮޅުން ފިލުވިއެވެ.
"ހަމަ ދެންމެ ބަލާފަ އެ ދިޔައީ… ލޭ މަދުވެފަ ހުރިވާހަކަ ބުނި. ދެން ބޭސްދީފަ އަދި ދެ 24 ގަޑިއިރު އޮބްޒަވޭޝަންގައި ބާއްވާފައި އިތުރުކަމެއް ނުވަންޏާ ދޫކޮށްލާނަމޭ ބުނީ… އިރާދުކުރުއްވިއްޔާ ޑެންގޫކަހަލަ ކަމެއް ނެތޭ ބުނީ… ވައިރަލް ފީވާރ އެކޭ ބުނީ..." ރާދިން ބުނެލިއެވެ.
މުނީރު ދިޔަތާ މާ ގިނައިރެއްނުވެ ރޯޒް ތަށިބަރި ހިފައިގެން އަތުވެއްޖެއެވެ. މައާލްގެ އެނދު އުސްކޮށްލާފައި، ރާދިން ބެޑް ޓޭބަލް މައާލްއާ ކައިރިކޮށްދީފައި އެއްޗެހި ބަހައްޓާލަދިނެވެ. މައާލް ކާކަށް ނޫޅުނެވެ.
ރާދިން މައާލްގެ އަނގަޔަށް ކާއެއްޗެހި ލަވައިދޭން ފެށުމުން އޭނާ ހަނދާންނަށް އަންނަން ފެށީ އެކްސިޑެންޓަށްފަހު، ހޮސްޕިޓަލްގައި އަޮތް ދުވަސްތައް މަތިންނެވެ. ރާދިންގެ އެ އޯގާތެރިކަން އޭނާއަށް އެ ދުވަހުގެ ހަނދާންތައް ގެނުވަމުން ދިޔައެވެ.
"ކޮން ޚިޔާލަކަށް ގެއްލިފަ؟" މައާލްއަށް ހަމަހޭވެރިކަންވީ ރާދިން ސުވާލުކޮށްލުމުންނެވެ.
"ނޫން ނުވޭ! ރާދިން ނުކަންތަ؟" މައާލް ސުވާލުކޮށްލިއެވެ.
"ނޫނޭ އަހަރެންވެސް ކާނަން." ރާދިން ބުނެލިއެވެ. މައާލް ކައި ނިމުމުންވެސް، އޭނާ މައާލްއަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ.
*****
ސްޓާރ ގްރޫޕް ހޯލްޑިނގ ގެ ދިހަ ބުރީގެ އޮފީސް އިމާރާތުގައި ޒާހިދު އިނީ އޭނާއަށް ޚާއްސަކޮށްފައިވާ ކެބިންގައެވެ. ކުންފުނީގެ ފައިސާއާ ގުޅޭ ބައެއް ލިޔެ ކިޔުންތައް އޭނާގެ މޭޒުމަތީގައި ހުއްޓެވެ. އޭގެ ތެރެއިން ހާވާލާފައި އޭނާ ނެގި ގަނޑަށް ވަރަށް ފަރުވާތެރިކަމާއެކު، ޒާހިދު ބަލައިލިއެވެ. އެއީ އިއްޔެ އޭނާ ކުންފުނީގެ އެކައުންޓުން ނެގި ފަސް ލައްކަ ރުފިޔާ ބޭރުގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ލިއުމެވެ.