"ހޫމް…" ދާދި ގާތުން އިވުނު ރާދިންގެ އަޑާއެކު މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަތުގައި އޮތް ކޯޓް ރާދިންއަށް ދިއްކޮށްލިއެވެ.

"މީ؟…" މައާލްގެ އަތުގައި އޮތް ކޯޓަށް ބަލައިލި ރާދިންއަށް ލިބުނީ ހައިރާންކަމެކެވެ. އެއީ ހަމަ ގައިމުވެސް އޭނާގެ ކޯޓެއް ނޫނެވެ. ކަޅުކުލައިގެ ސޫޓް މީގެ ކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ.

"މީ… އަހަރެންގެ ފަރާތުން ރާދިންއަށް ދޭ ހަދިޔާއެއް…" ތުންފަތަށް ވެރިކޮށްލައިގެން ހުރި ހިނިތުންވުން ފުޅާކޮށްލުމާއެކު، މައާލް ބުނެލިއެވެ. އެ އަޑުން ރާދިންއަށް އުފާވެރިކަން އިޙްސާސްވިއެވެ.

"މައާލް ކޮން އިރަކު ގަތް އެއްޗެއްސެއް މީ؟" ސޫޓްގެ އިތުރުން ގަމީހަކާއި ޓައީގެ އިތުރުން ފަތްލޫނެއްވެސް އޮތެވެ. ހުރިހާ އެއްޗަކީވެސް ބްރޭންޑެޑް އެއްޗިސްކަމުން ރާދިން އިތުރަށް ހައިރާންވިއެވެ. މައާލް އޭނާގެ އެހީތެރިކަމާ ނުލާ އެހުރިހާކަމެއް ކުރީ ކިހިނެއްހެއްޔެވެ؟

"މީގަ ނުވެސް ހިފާނަންތަ؟ ހާދަ ބައިވަރު ސުވާލެކޭ… އަހަރެން ބޭނުންވާނެއެއްނު ފިރިމީހާ އޮފީހަށް ދާ ފުރަތަމަ ދުވަހު އެއްޗެއް ދޭން." މައާލްގެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ވެއެވެ.

"ވަރަށް ރީތި. ހަމަ އަހަރެންގެ ސައިޒު. މައާލްއަށް ކިހިނެއް އެނގެނީ.." ރާދިން ސުވާލުކޮށްލިއެވެ.

"ރާދިއުއަށް ހެޔޮވަރިއްޔާ ރާދިންއަށް ވެސް ހެޔޮވަރުވާނެއެއްނު. " މައާލް ބުނެލިއެވެ. ރާދިން މައާލް ގެންގޮސް ސޯފާގައި ބައިންދަމުން ވާހަކަ ދެއްކިއެވެ.

"ވަރަށް ރީތި. އެކަމަކު މި ގަތް ގޮތެއް ބުނެބަލަ! އޭވާގެ ހެލްޕްއާއެކީތަ؟" ރާދިންއަށް ހަޤީގަތުގައިވެސް އެ އެއްޗެހި ވަރަށް ކަމުދިޔައެވެ.

"ތީ އަހަރެން ލަންޑަންގައި އުޅުނުއިރު ގަތް އެއްޗެއް." މައާލް އެހެން ބުނެފައި ހުއްޓާލުމާއެކު، ޑްރެސިންޓޭބަލް ކުރިމަތީގައި ހުރި ރާދިންއަށް ހައިރާންކަމާއެކު، މައާލްއަށް ބަލައިލެވުނެވެ. އޭނާއަށް އިތުރަށް އަހާނެ ސުވާލެއް އެވަގުތު ސިކުނޑިއަކަށް ނައެވެ.

"ރާދިއުއަށް ދޭންވެގެން. ލަންޑަނަށް ރާދިއު ގޮސްފަ މިކޮޅަށް އަންނައިރު ހަދިޔާއަކަށް ދޭން އަހަރެން ތި ގަތީ... އެއް ދުވަހު ފިހާރެއަކަށް ގޮސް ތިއަށް ވަރަށް ބަލަބަލާފަ އުޅުނީމަ. ތީ ވަން ޕީސް އެއްޗެކޭ… ސަޕްރައިޒަކަށް ދޭން އުޅުނީ… އެކަމަކު އޭގެ ކުރިން…. އެނީވޭޒް އަހަރެން ރާދިންއަށް ތި ދިނީ ތީ އަހަންނަށް ފެނިފަ ތީގެ ރީތިކަން އެނގޭ އެއްޗަކަށް ވާތީ. ނުފެންނަ އެއްޗެއް ދޭން ބޭނުންނުވާތީ. އެހެންނޫނަސް ހަމަ އާ އެއްޗެކޭ ތީ…" މައާލްގެ ވާހަކައިން ރާދިންއަށް ހައިރާންކަން ލިބުނެވެ. އެ އަންހެން ކުއްޖާއާ މެދު އޭނާގެ ހިތުގައި އުފެދިފައިވަނީ ބުނެދޭން ނޭނގޭ އިޙްސާސްތަކެކެވެ. ރުޅި އަންނަން އުޅުނު ނަމަވެސް މައާލްގެ އެފަދަ ކޮންމެ ވާހަކައަކާއެކު، ރާދިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

އެ އެއްޗެހި ލަމުން ރާދިން ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ލުއިލުއި ހިނިތުންވުމެކެވެ. މައާލްގެ ހޮވުން ވަރަށް ފުރިހަމައެވެ. އޭނާގެ އަތުގައި ސަޖާ ދިން އެއްޗެހި ހުރިނަމަވެސް، މައާލް އެ ދިން ސޫޓް އޭނާއަށް ޚާޢްސަވިއެވެ. ވަކިން ޚާއްސަކޮށް އެ އެއްޗެހީގެ އަސްލު ހަޤީގީ ވެރިފަރާތަކީ ރާދިއުއަށް ވީތީވެސް ރާދިން ބޭނުންވީ މައާލް އޭނާއަށް ދިން ހެދުން ލައިގެން އޮފީހަށް ދާށެވެ. އިސްތަށިގަނޑު ރީތިގޮތަަކަށް ސްޓައިލްކޮށްލުމަށްފަހު، ރާދިން އޭނާގެ އަތުގައި ރޮލެކްސް ގަޑިއެއް އަޅައިލިއެވެ. އެއަށްފަހު، އޭނާ އާއްމުކޮށްވެސް ޖަހާ އުޅޭ ސެންޓް ޖަހައިލުމާއެކު، މުޅި ކޮޓަރިތެރެއަށް އެ ސެންޓްގެ މީރުވަސް ފެތުރިގެން ދިޔައެވެ.

"އަހަންނަށް ރާދިން ޖަހާ ސެންޓް ވަރަށް ކަމުދޭ… ތީ ކޮން ނަމެއް ކިޔާ ސެންޓެއްތަ؟" މައާލް ސުވާލުކޮށްލިއެވެ.

"ނަން ނޭނގުނަސް މި ވަސް ޖެހުނީމަ މައާލްއަށް އަހަރެން ވަކި ކުރަން އެނގޭނެއެއްނު. ނަމެއް ނޫނެއްނު މުހިންމީ، ވަހެއްނު. އެހެންވީމަ މައާލް ޖެހޭނީ މި ވަހުން އަހަރެން ވަކިކުރަން." ރާދިން ލާނެތް ގޮތަކަށް ބުނެލިއެވެ.

"ދެން ތި ނޫން ސެންޓެއް ނުޖަހާނަމޭތަ ތި ބުނަނީ؟" މައާލް ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

"އާނ… ނުޖަހާނަން. އަންހެނުންނަށް އަހަރެން ވަކިކުރަން އެނގެން ވާނެއެއްނު." ރާދިން ބުނެލިއެވެ. އެއަށްފަހު އޭނާ އައިސް މައާލްގެ ކައިރީގައި ހުއްޓި މައާލް ކޮޅަށް ނެގިއެވެ. މައާލްގެ މޫނުގައި ފިރުމާލާފައި އޭނާ ޝުކުރުއަދާކުރިއެވެ. އަދި ނޭނގޭ ގޮތަށް މައާލްއާއެކު ސެލްފީއެއް ނެގިއެވެ.

"ރާދިން.. ކީކުރަނީތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ނުކުރަން ކަމެއް… މީ ފޯނަށް މެސެޖެއް އައިމަ ބަލާލީ. މީ އަހަރެންގެ ވަސް. މި ވަސް ހަނދާންކުރާތި އަބަދުވެސް…" މައާލްއާ ކައިރިއަށް ޖެހިލުމަށްފަހު، ރާދިން ބުނެލިއެވެ.

"ތިހާ ކައިރި ނުވިޔަސް ވަސް އެނގިއްޖެޔޭ…" މައާލް ލަދުގަންނަ ގޮތްވިއެވެ. ނުބުނި ނަމަވެސް ރާދިންއާ އޭނާއާ ދެމެދު ވީ ދާއިރާގެ ހަނިކަން އޭނާއަށް އިޙްސާސް ކުރުވިއެވެ. ހަމައެއާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެ މޭގައި ޖަހަމުންދިޔަ ވިންދުގެ އަޑު ގަދަވެލިއެވެ. ރާދިންގެ އެ އަމަލާއެކު، އުފާވެރިކަން މައާލްގެ މުޅި ހަށިގަނޑު ހިސާރުކުރިފަދައެވެ. އެ އަސަރުތައް ހަށިގަނޑުގެ ކޮންމެ ސެލްއަކަށްވެސް އަސަރު ފޯރުވަމުން ދިޔަ ފަދައެވެ.

މައާލްގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ރާދިންގެ ހުރިހާ ހިއްސުތަކެއްވެސް ހޭލައްވައިލިފަދައެވެ. އެ ދެ ކޯތާފަތަށް އެރި ޖަންބު ކުލައާއި ފިޔާތޮށި ކުލައިގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އޭނާގެ ހިތާ ހަމައަށް ވާސިލްވެއްޖެއެވެ. ހަމައެއާއެކު "އެންބަރ" ކުލައިގެ އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި އޭނާގެ ހިތް ވެސް ގައިދުވެގެން ހިނގައްޖެއެވެ.

"އަދިވެސް އެއްފަހަރު ތެންކިއު… ސައި ބޮއިގެން ދާކަށް ވަގުތެއް ނެތޭ….ގޮސް ދެން ކޮފީއެއް ބޯލާނީ.." ރާދިން ބޭނުންވީ ހެނދުނުގެ ނާސްތާ މައާލްއާއެކު، ކުރަން ނަމަވެސް، ގަޑިއަށް ބަލައިލުމާއެކު އޭނާއަށް ބުނެވުނެވެ.

"އޯކޭވާނެ! މާ ގިނައިރު ވާހަކަ ދައްކަން ތިބީމަ ވީ ގޮތް…" މައާލް ބުނެލިއެވެ.

ރާދިން އޭނާ އޭވާ ފޮނުވާނެ ކަމަށްބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތުމާއެކު، މައާލް އޭނާއަށް ގޮވައިލިއެވެ.

"ގުޑް ލަކް… އެންޑް ތެންކިއު…" މައާލް ބުނެލިއެވެ. ރާދިން ހިނިތުންވެލާފައި ނުކުމެ ދޮރު ޖަހައިލިއެވެ.

އޭނާ ތިރިއަށް ގޮސް އޭވާއަށް ގޮވާފައި މައާލް އެކަނި ހުރި ވާހަކަ ބުނެލިއެވެ. އެއަށްފަހު، ގެއިން ނުކުތެވެ. ބާއްވާފައި އޮތް ކާރަށް ބަލައިލުމަށްފަހު، އޭނާ ހިނގައިގަތީ ސައިކަލާ ދިމާލަށެވެ. އޮފީހަށް ގޮސް އައިސް ހަދަން ބައްޕަވަނީ ރާދިއުގެ ކާރު އޭނާއަށް ދީފައެވެ. މީގެ ކުރިންވެސް ރާދިންއަށް އެތަކެއް ފަހަރަކު ކާރެއް ގަނެދޭން މުނީރު އުޅުނެވެ. އެހެންނަމަވެސް، އޭނާއަށް ކަމުދަނީ ސައިކަލު ކަމުން ރާދިން އަބަދުވެސް އެކަމަށް އިންކާރުކުރަނީއެވެ. އެކަމަކު މިހާރު ބައްޕަ ބުނެފައި ވަނީ އޮފީހަށް ގޮސް އައިސް ހަދަން ޖެހޭނީ ކާރުގައި ކަމުގައެވެ.

ސައިކަލު ކުރިމަތީގައި ހުއްޓި ހުރުަށްފަހު، ރާދިން އަދިވެސް އެއްފަހަރު ކާރަށް ބަލައިލިއެވެ. ރާދިއު އާއި އޭނާގެ އެތަކެއް ހަނދާނެއް އެ ކާރާ ގުޅިފައިވެއެވެ. އެކުގައި އެތަކެއް ސަކަރާތަކާއި ލާނެތް ވާހަކަތަކެއް އެ ކާރުގެ އެތެރޭގައި ދެކެވިފައިވެއެވެ. ބޭނުން ނުވިނަމަވެސް ހަޤީގަތުގައި އޭނާ ހުރީ ބައްޕަގެ އެދުމަށް ކާރުގައި އޮފީހަށް ދާން ނިންމައިގެންނެވެ. އެކަމަށް އެއްބަސްވިއިރު ރާދިއުގެ ކާރަށް އެރުމަކީ އެހާ އުނދަގޫ ވާނެކަމެއްކަމުގައި ރާދިންއަށް ވިސްނިފައި ނެތީއެވެ. ބައްޕަ ވެސް އަދި އޭނާވެސް އެ ކާރު ވިއްކާލާކަށް ބޭނުމެއް ނޫނެވެ. މުނީރު ވެސް ރާދިންގެ ގާތުގައި ބުނީ އެ ގޮތަށް ބޭއްވުމަށްވުރެ ރާދިން އެ ކާރު ބޭނުންކުރުން ބުއްދިވެރިކަމުގައެވެ.

އެހެންނަމަވެސް، މިއަދު އެ ކާރަށް އަރާނެހާ ހިތްވަރެއް ރާދިންއަކަށް ނުލިބުނެވެ. އޭނާގެ ހިތާ ސިކުނޑީގެ ހާސްކަމުގެ ތެރެއަށް ރާދިއު ނެތްކަމުގެ ހިތާމަތައް ވެސް ވެރިވަމުން ދިޔައެވެ. ލައިގެން ހުރި ކޯޓުގައި އަތް ޖައްސާލުމާއެކު، އަތުގައި އޮތް ދަބަހަށް ވެސް އޭނާ ބަލައިލިއެވެ.

ޒާހިދު ބުނެފައި އޮތީ ރާދިން ދާއިރު އޭނާ އޮފީހުގައި ހުންނާނެކަމުގައެވެ. އަތުގައި އޮތް އަވިއައިނު އަޅައިލުމަށްފަހު، ރާދިން ސައިކަލަށް އަރާ ދުއްވައިލިއެވެ. ދުވެލި އާދައިގެ ވަރެއްގައި ބަހައްޓައިގެން ގޮސް އޮފީހުގެ ތިރީ ޕާކިން އޭރިޔާގައި ސައިކަލު ޕާކުކޮށްލާފައި، ނުކުމެ ރާދިން އޮފީހުގެ މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދިހަ ބުރީގެ އެ އާމާރާތަށް އިސްއުފުލާ ބަލައިލުމާއެކު ވެސް، އެ ކުންފުނީގެ ހައިބަވަންތަކަމާއި ބޮޑުކަން އޭނާއަށް އިޙްސާސްވިއެވެ. މައި ދޮރާ ހިސާބުން އެތަނުގައި ހުރި ސެކިއުރިޓީ މީހާ ރާދިން މަޑުކުރުވިއެވެ. އެއަށްފަހު، ސްޓާފް ކާޑު ކޮބާތޯ ސުވާލުކުރިއެވެ.

"އަހަރެން މީ…"

"ރާދިން…" ރާދިން ވާހަކަ ދެއްކި ވަގުތަކީ އެ ހިސާބަށް ޒާހިދުވެސް އަރާ ހަމަވި ވަގުތެވެ. ޑްރައިވަރާއި ރާދިންގެ މޫނުމަތީގެ ކުލަވަރުތަކުން ކަންތައްވީ ގޮތް އޭނާއަށް އަންދާޒާކޮށްލެވުނެވެ.

"ނިޒާރު… މީ ރާދިން! ޝާކިރުގެ ދަރިފުޅުގެ ފިރިމީހާ…" ޒާހިދު ބުނެލިއެވެ. އެއާއެކު ނިޒާރު މާފަށް އެދުނެވެ. އަދި ރާދިން ވަންނަން ތަން ދައްކާ ދުރަށް ޖެހިލިއެވެ.

ޒާހިދާއެކު އެތެރެއަށް ވަނުމަށްފަހު، ރާދިން ވަށައިގެން ބަލައިލިއެވެ. އުސް ސީލިންގާއި ތަނުގައި ވި ޗާނދަލިޔާތަކާއި އިންޓީރިއާގެ ސަބަބުން ހިތްގަމު ގޮތެއް އެތަނުގައި ހުއްޓެވެ. އިންޑޯ ގަސްތަކާއި ރުއްތަކުން މުޅި ސަރަހައްދު ޒީނަތްތެރިކޮށްލާފައިވާއިރު، އެއްފަރާތުގައި ހުރި ކައުންޓަރުގައި އޭރުވެސް ކުދިން ތިއްބެވެ. އޭނާ ފެނުމާއެކު އެ ކުދިންގެ މޫނުމައްޗަށް އައި ބަދަލުތައް ރާދިންއަށް ވެސް ފެނުނެވެ. އަންނަ މީހުންނަށް ޚިދުމަތް ދިނުމަށް ހުރި އެ ކައުންޓަރުގެ ކުރިމަތީގައި ސޯފާތަައް ބެހެއްޓިފައިވެއެވެ. އެއްފަރާތުގައި ހުރި ލިފްޓާ ދިމާލަށް ހިނގައިގަންނަމުން އޭނާއާއެކު، އައުމަށް ޒާހިދު ރާދިންއަށް އިޝާރާތްކޮށްލިއެވެ.

އޮފީހުގެ ބޮޑުކަމާއި ތަނަވަސްކަމުން ރާދިން ހައިރާންވިއެވެ. ކޮންމެ ސެކްޝަނެއް ވަކިން ހުރިއިރު، ރިސޯޓް ވިޔަފާރިއާ ބެހޭ ބަޔާއި، ކޮންޓްރަސްކަންޝަންގެ އިތުރުން ރިއަލް އެސްޓޭޓްއާ ބެހޭ ބައިތައްވެސް ހުރީ ވަކި ކުރެވިފައެވެ. ރާދިން ނުތަނަވަސްވާގޮތްވިއެވެ. އެ ހުރިހާ ކަމެއް ފުރިހަމައަށް އޭނާ ފަދަ ތަޖުރިބާއެއް ނެތް މީހަކު ބަލަހައްޓާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ސަބަބުން މައާލްގެ ބައްޕަގެ އެ ކުންފުންޏަށް ގެއްލުމެއް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

"މި ހުރިހާ އެއްޗެއް ކިޔައިދިނީމަ ހާސްވީ ދޯ. ރާދިން ނުޖެހޭނެ އެހާ ހާސްވާކަށް. ކުންފުނީގެ ހުރިހާކަމެއް ވެސް އަޅުގަނޑަށް އެނގޭނެ. ކޮންމެ ބަޔަކަށް މެނޭޖަރުންނާ ސެކްޝަން ހެޑުން ތިބޭނެ. މަސައްކަތްތައް ވަރަށް ތަރުތީބުން ދާނީ." ޒާހިދު ބޭނުންވީ ރާދިންގެ ނުތަނަވަސްކަމަށް ލުޔެއް ހޯދައިދޭށެވެ.

"އެންމެނަށް ރާދިން ތަޢާރަފް ކުރަން ރޭވި މީޓިންގެ ވާހަކަ ވެސް ބުނެލީމެއްނު. މިހާރު ގަޑި ޖެހުނީ. ހިނގާ އެ ދިމާލަށް ގޮސްލަމާ. އޭގެ ފަހުން ރާދިންގެ ކެބިންއަށް ދާނީ. އެންމެ މަތީގައި ކެބިން ހުންނާނީ… އެތަނުގައި އެއްވެސް ސެކްޝަނެއް ނުހުންނާނެ. ހަމައެކަނި ވެރިވީމާގެ އޮފީސް…" ޒާހިދު ބުނެލިއެވެ.

އޭނާ ރާދިން ގޮވައިގެން ދިޔައީ މީޓިން ރޫމަށެވެ. ކޮންފަރެންސް ހޯލުގައި ކުންފުނީގެ ބޮޑެތި މީހުން ތިއްބެވެ. ރާދިން ހާސްވި ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ އޭނާ މަސައްކަތްކުރިއެވެ. ރާދިން އޭނާ ތައާރަފްވެލުމުން އެންމެންވެސް ތައާރަފްވެލިއެވެ. އެ މީޓިންގައި ކޮންމެވެސް ވަރަކަށް މިހާރު ކުރިއަށް ދާ މަަސައްކަތްތަކާއި ރާވާފައި ހުރި މަސައްކަތުގެ ވާހަކަ ދެކެވުނު ނަމަވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ، އެކަކު އަނެކަކަށް ތައާރްފްވުން ފަދަ ކަންތައްތަކެވެ. އިތުރު މީޓިން އެއް ބޭއްވުމަށް ނިންމާފައި އެ މީޓިން ނިންމާލާފައި ރާދިންއާއި ޒާހިދު ނުކުތެވެ. އޭނާ ލިފްޓަށް އެރުމަށްފަހު، އެންމެ މައްޗަށް ދިޔުމަށް ކާޑު ޖަހާ އެކްސެސް ހޯދައިލިއެވެ.

"ކޮންމެ ފްލޯއަކަށް ދިޔުމަށްވެސް އޮފީސް ކާޑު ބޭނުންވާނެ!" އޭނާ އޮޅުން ފިލުވައިދިނެވެ. އެންމެ މައްޗަށް އަރާފައި އޭނާ އެންމެ ފުރަތަމަ ވަނީ ރާދިންގެ ކެބިންއަށެވެ.

ތަނަވަސް ބޮޑު ކެބިންއެކެވެ. ކަޅުކުލައިގެ ލެދަރ ސޯފާ ސެޓްތަކާއި އޭގެ ކުރިމަތީގައި ބަހައްޓާފައި ހުރި ވަށްމޭޒާއި ފަރުނީޗަރުތަކުން ވެސް ތަނުގެ މުއްސަނދިކަން ދޭހަކޮށްދެމުން ދިޔައެވެ. ތަނުގައި ހުރި ހަރުތަކުގައި ކޮންމެވެސް ވަރަކަށް ފައިލްތައް ހުއްޓެވެ. އޭގެ އިތުރުން މަސައްކަތް ކުރަން ބޮޑު މޭޒެއް ހުއްޓެވެ. ކޮންޕިއުޓަރެއްގެ އިތުރުން ޕްރިންޓްކުރަން ބޭނުންވާ ސާމާނުވެސް ހުއްޓެވެ. ތަނަށް ހިތްގައިމުކަން ގެނެސްދެނީ ތަނުގައި ހުރި ގަސްތަކުގެ ސަބަބުންނެވެ. ވަށައިގެން ވަނީ ބިއްލޫރިޖަހާފައެވެ. ބޭރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ވަށައިގެން ބަލަމުން ދިޔަ ރާދިން ސިހުނީ ޒާހިދު ވާހަކަ ދެއްކުމުންނެވެ.

"އަދި ބަލާލަން ޖެހޭ ތަންތަން އެބަ ހުރި…" އޮފީސް ކާޑާ ތަފާތު ކާޑެއް ނަގާ ރާދިންއަށް ދިއްކޮށްލާފައި އޭގައި ހިފުމަށް އޭނާ ބުނެލިއެވެ. ރާދިން އޭގައި ހިފުމުން ޒާހިދު ހިނގައިގަތީ އޭނާއާއެކު އައުމަށް ބުނަމުންނެވެ. ޒާހިދުގެ ފަހަރުން ރާދިން ދިނެވެ. ކެބިންއިން ނުކުމެގެން ޒާހިދު ދިޔައީ ބޮޑު ދޮރެއްގެ ކައިރިއަށެވެ. ލަކުނޑި އެ ދޮރުފަތުގެ އެއްފަރާތުގައި އިން މެޝިނުގައި ކާޑު ޖައްސާލަން އޭނާ ބުނެލިއެވެ. ރާދިން ކަޑު ޖައްސާލުމާއެކު، ދޮރު ހުޅުވުނެވެ. ޒާހިދު އިޝާރާތްކޮށްލީ އެންމެ ފުރަތަމަ ރާދިން އެތެރެއަށް ވަނުމަށެވެ. ޒާހިދަށް ބަލާފާއި ރާދިން އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާއަށް ހައިރާންކަމެއް ލިބުނެވެ.

"މީ…"

"މީ ޝާކިރު މާލެ އައިސް ހުންނަ އެޕާރޓްމެންޓް…" ޒާހިދު ބުނެލިއެވެ.

ވަށައިގެން ބަލައިލި ރާދިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވަގުތު ޒާހިދަށް ފޯނު ކޯލެއް އައުމާއެކު، އޭނާ ދާން ޖެހިއްޖެކަމުގައި ބުނެލިއެވެ. އަދި އޭނާގެ މީޓިން އެއް އޮތްކަމަށާއި ރާދިން ބޭނުންކަމެއް އޮތްނަމަ އޮފީސް ފޯނުން ބޭނުން މީހަކަށް ގުޅޭނެކަމުގައި ބުނެލިއެވެ. ނަންބަރުތައްވެސް އެތަނުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު، އޭނާ އެތަނުން ނުކުމެލިއެވެ. ދޮރު ލެއްޕުމާއެކު، ރާދިން އެ އެޕާރޓްމެންޓަށް ނަޒަރު ހިންގާލިއެވެ. އެތެރޭގެ އިންޓީރިއަރ ހިތްގައިމެވެ. ވަށައިގެން ވަނީ ބިއްލޫރި ކަމުންނާއި، ދޮރު ފޮތިތައް ވެސް ކަހާލާފައި ހުރުމުން ބޭރުގެ އަލި ހުރަހެއްނެތި އެތަނަށް ވަންނަމުން ދިޔައެވެ. އޭނާ ތަން ބަލައިލިއެވެ. ތިން ކޮޓަރީގެ އިތުރުން ކައްކާ ކެވޭ ގޮތަށް ހުރިއިރު، ސިޓިން ރޫމުވެސް ހިތްގައިމުވެވެފައި ބޮޑެވެ. އޭނާ ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލެވުނީ މެސެޖެއް އައުމުންނެވެ. ސަޖާގެ މެސެޖެކެވެ. ހަނދާންވާ ވާހަކަ ބުނެފައެވެ. އޮފީހުގައިތޯ ސުވާލުކޮށްފައި ނިންމާފައި އައުމަށް އެދިފައި އޮތެވެ. އެ މެސެޖަށް ޖަވާބު ދީފައި ރާދިން ސޯފާގައި ލެނގިލިއެވެ. އެއަށްފަހު، އޭނާ ފޯނުގެ ގެލެރީ ހުޅުވައިލާފައި ފޮޓޯގަނޑެއް ހޯދައިލިއެވެ. އެއަށް ބަލައިލުމާއެކު، ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ މިއަދު އޭނާ ނެގި ފޮޓޯގަނޑެވެ. ދެވަނަ ސިކުންތުގައި ސްކްރޯލް ކޮށްލާފައި ހޯދައިލި ފޮޓޯގަނޑާއެކު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ.

އެއީ ކައިވެނީގެ ފުރަތަމަ ދުވަހު ހެނދުނު އޭނާ ނެގި މައާލްގެ ފޮޓޯގަނޑެކެވެ. އެދުވަހު މައާލް މޫނު ދޮވުނު ނަމަވެސް، އަނދުންތައް ނުފިލާހުުރުމުން އޭނާއަށް މަޖާވީއެވެ. އެ ފޮޓޯގަނޑު ހަނދާނެއްގެ ގޮތުގައި ރައްކާރަން ބޭނުންވީ ކީއްވެގެންކަން ޚުދު އޭނާއަށްވެސް ނޭނގުނެވެ. މައާލް އިން ގޮތުން އޭނާގެ ގާތަށް ހިނި އަންނަ ގޮތްވީއެވެ. އެ އަންހެން ކުއްޖާގެ މަތިން އޭނާ މިވަރަށް ހަނދާންވަނީ ކީއްވެހެއްޔެވެ؟ ސަޖާއާ ޚިލާފަށް އެ ދެލޮލުގައި ހުންނަނީ ދަގަތްފާނަށް ދަަގަނޑު ދަމާފަދަ ބާރެެކެވެ. މައާލްއަކީ ރީތި ކުއްޖެކެވެ. މައާލްގެ ހަޤީގަތް ސިއްރެއްގެ ގޮތުގައި ބޭއްވަން އޭނާ ބޭނުން ވަނީ ކީއްވެހެއްޔެވެ؟ އެކުވެރިންނާ ވެސް އެ އަންހެން ކުއްޖާގެ ވާހަކަ ހިއްސާ ކުރަން އޭނާ ބޭނުމެއް ނުވެއެވެ.

ޒާހިދު މީޓިން ނިންމާފައި އައިއިރު ރާދިން އިނީ އޭނާގެ ކެބިންގައެވެ. ޒާހިދު އައީ ރާދިންއަށް ކާޑާ އެއްޗެހި ވެސް ހިފައިގެންނެވެ. އެ އެއްޗެހި ހަވާލުކޮށްފައި އޭނާ ރާދިންއަށް އިތުރު ކަންތައްތައް އޮޅުން ފިލުވައިދިނެވެ. ކޮންމެ ސެކްޝަނަކަށް ވަކިވަކިން ރާދިން ދިޔައެވެ. ކޮންމެ ތަނަކުންވެސް އެތަނުގައި ތިބޭ އަންހެން ކުދިންގެ ކަތި ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ.

*****

ރާދިން އޮފީސް ނިންމާފައި ނުކުތްތަނާ ސަޖާ ގުޅައިފިއެވެ.

"އަހަރެން ގުޅާ ގުޅާ…." އޭގެކުރިންވެސް ސަޖާ ގުޅިކަން ރާދިންއަށް އެނގުނީ ދެނެވެ. ސަޖާ ރުޅި އައުމުން އޭނާ އެބަ ދަން ކަމުގައ ބުނެ ރާދިން ފޯނު ބޭއްވިއެވެ.

އޭނާ ސައިކަލުގައި ގޮސް ސަޖާ އުޅޭ އެޕާރޓްމެންޓުގައި ބެލް އަޅައިލުމާއެކު، ސަޖާ ދޮރު ހުޅުވައިލިއެވެ. އެންމެ ފުރަތަމަ ވެސް ސަޖާ ބަލައިލީ ރާދިންގެ ފައިން ފެށިގެން ބޮލާ ހިސާބަށެވެ. ރާދިންއަށް ވީ ގޮތް ރޭކާލީ ދެނެވެ.

ކޮމެންޓް 0