"އައި އެމް ސޮރީ،. ރާދިން!" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، މައާލް ބުނެލިއެވެ.

މައާލްގެ އެ ޖުމްލައާއެކު ރާދިންއަށް މައާލްގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އެހެން ބުނެލި އިރު އެ އަޑުން ރާދިން ފާހަގަވީ ހިތްދަތިކަމާއި ހިތާމައެވެ. މައާލް އެހެން އެ ބުނީ ކީއްވެގެންކަން ރާދިންއަށް ފަހުމްވިއެވެ.

"ކޮންކަމަކަށް މައާލް މާފަށް ތިއެދެނީ؟" ރާދިން ސުވާލުކޮށްލިއެވެ.

"އަހަންނަށް އެނގޭ ރާދިންގެ ނުގަބޫލުގަ އަހަރެން ފަދަ މީހަކާ ކައިވެނިކުރުވުމަކީ ބޭއިންސާފެއްކަން. ކޮންމެ މީހަކުވެސް އެމީހެއްގެ ޒަވާނީ ޙަޔާތް އުޖާލާކުރުމަށް ފޮނި ހުވަފެންތަކެއް ދެކޭނެ. އަހަންނަށް އެނގޭ އެހެން ހުރިހާ އެންމެންނެކޭ އެއްގޮތަށް ރާދިންވެސް ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެކަން. އަހަރެން ފަދަ ނުކުޅެދޭ މީހަކާ އެކު މުޅި އުމުރު ހޭދަކުރުމަކީ އެއްވެސް މީހެއް ބޭނުންވާނެ ގޮތެއް ނޫންކަންވެސް އެނގޭ. އަހަރެންގެ ސަބަބުން ރާދިން މިކަމުގެ ތެރޭގައި ހައްޔަަރުކުރެވުނީތީ އަހަރެން މާފަށް މި އެދެނީ…." މައާލް އެންމެ ފަހަރަކުވެސް އެ ހިތުގެ ޙާލު ރާދިންގެ ކުރިމަތީގައި ފާޅެއް ނުކުރެއެވެ. އޭނާ މުޅިންވެސް ވާހަކަ ދެއްކީ ރާދިންގެ އިޙްސާތަކުގެ ވާހަކައެވެ. މައާލްގެ ވާހަކަ ހުރި ގޮތުން ރާދިންއަށް މައާލްއާ މެދު އުފެދިފައިވާ ޝައުގުވެރިކަން ދެގުނަވެގެން ދިޔައެވެ. ވާހަކަ ދެއްކުމުގައި އެ ހުންނަ ސާދާ ގޮތްގަނޑު އޭނާއަށް ވަރަށް ކަމުދެއެވެ. މައާލްއަށް ރައްދުދޭނެ ގޮތެއް ރާދިންއަކަށް ނޭނގުނީ އެހެންވެއެވެ.

"މައާލްގެ ބައްޕަގެ ވިޔަފާރި މައާލްގެ ނަން މައްޗަށް ބަދަލުކުރީމަ އޮފީހުގެ ކަންތައްތަކާ މެދު ގޮތެއް ވިސްނައިފިންތަ؟" ރާދިން މައުޟޫ އަނބުރައިލިއެވެ.

"ނޫން. އެކަމުގައި ބައްޕަގެ ކޮންމެ ނިންމުމެއް އަހަރެން އުފަލާއެކު ގަބޫލުކުރާނަން. މުދަލާ ފައިސާ ކިތަންމެ މުހިންމުވިޔަސް އެއީ ދިރިއުޅުމުގައި ހުރިހާ އެއްޗެއް ނޫން. ލޯތްބާ، އަޅާލުމާ، އޯގާތެރިކަމާ ކުލުނު ނެތިއްޔާ ދިރިއުޅުމެއް ދިރިއުޅުމަކަށް ނުވާނެ. ކިތަންމެ ބައިވަރު ފައިސާއެއް ހުރިނަމަވެސް، ކިތަންމެ ބައިވަރު މުދަލެއް ހުރިނަމަވެސް، އެ އެއްޗެހި ހުރެގެން އަހަރެން ބޮޑާވެ ކިބުރުވެރިއެއް ނުވާނަން. އަހަރެން ހުންނާނީ ހަމަ އަހަރެންގެ ގޮތުގައި. އަހަރެންގެ މައިންބަފައިން އަހަންނަށް ދިން ތަރުބިއްޔަތުގެ އަލީގައި. އަހަރެން ކުޑައިރުން ފަށައިގެން އަހަންނަށް ނުލިބޭ އެއްޗެއް ނެތް. އަހަރެން ބޭނުންވާ އެއްޗެއް އަނގައިން ބުނެލުން ލަސްވާނީ. އެ އެއްޗެއް އޮންނާނީ އަހަރެންގެ އަތުތެރޭގައި. ކިތަންމެ އަގު ބޮޑު އެއްޗަކަށް ވީނަމަވެސް ހެޔޮ. އެކަމަކު، އެ ހުރިހާ އެއްޗަކަށް ވުރެވެސް އަގު ބޮޑު އެއްޗެއް އަހަރެންގެ އަތުގައިވި. މަންމައާއި ބައްޕަގެ ލޯބި. އެ ދެމީހުންނާ ނުލާ އުޅެން ޖެހިދާނެކަމަށް އަހަރެން ހުވަފެނެއްގައިވެސް ނުދެކެން. އަދި އެވެސް މިފަދަ ޙާލެއްގައި. އެންމެ ދެރަވަނީ އެންމެ ފަހު ފަހަރަށް އެ ދެމީހުންގެ މޫނު ބަލަިއލުމުގެ ނަސީބުވެސް ނުލިބުނީތީ… އަހަންނަށްވުރެ ބަދުނަސީބު އަންހެން ކުއްޖަކު މި ދުނިޔެ މަތީގައި ހުންނާނެތަ؟" މައާލްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެ ޖުމްލަތަކުގައި ހުރި ފުންކަން ރާދިންގެ ހިއްސުތަކާވެސް ކުޅެލލިއެވެ.

މައިންބަފައިންގެ ކުއްލި ވަކިވުމުން މައާލްގެ ހިތަށް ކޮށްފައިވާ އަސަރު ރާދިންއަށް ވެސް އިޙްސާސްވެއެވެ. ޚުދު އޭނާވެސް ވަނީ އެ ތަޖުރިބާ ކޮށްފައެވެ. މަންމަގެ އެ ވަކިވުން އަދިވެސް އޭނާގެ ހިތަށް ތަދުކޮށްލައެވެ. މާޔޫސްކަން ވެރިކޮށްލައެވެ. އެ މަންމަގެ އަތުގެ ފިރުމުންތަކަށް އެދެވެއެވެ. އަދި އެއްފަހަރު ނަމަވެސް އެ މަންމަގެ ސޫރަ ދުށުމަށް ބޭނުންވެއެވެ. އެ ހުރިހާ ސަބަބު ތަކަކާ ހުރެ މައާލްގެ ހިތްހަމަ ޖައްސައިލަ ދިނުމަށްޓަކައި ކޮންމެވެސް އެއްޗެއް ބުނަން ރާދިން ބޭނުންވިއެވެ. އަދިވެސް މައާލްއަށް އެކަމުން އަރައި ނުގަނެވޭނެކަން ވެސް އޭނާއަށް އިޙްސާސްވިއެވެ.

"މައާލްއަށް އެނގޭތަ؟ މޫނު ބަލާލާ އެންމެ ފަހު ވަގުތުގެ ހަނދާން އެއީ މުޅި އުމުރަށް ހިތުގައި ބިންވަޅު ނެގޭނެ ހަނދާނެއް. އެ ހަނދާން ފިލުވާލުމަކީ ފަސޭހަކަމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ނާދިރުކަމެއް. އަހަރެންގެ ހިތާ ސިކުނޑީގައި އަދިވެސް މަންމަގެ ހަނދާންތައް ވޭ. ކަފުނުގެ ތެރޭގައި އޮތްއިރު… އެ މަންޒަރު..... މިހާރުވެސް ހީވަނީ ފެންނަހެން. އެ ދުވަހު މައާލްއަށް މައާލްގެ މަންމައާއި ބައްޕަގެ މޫނު ބަލައިލުމުގެ ނަސީބު ލިބުނު ނަމަ، މުޅި އުމުރަށް މައާލްއަަށް އެ މީހުންގެ އެ ސިފަ ސިފަވާނެ. އެކްސިޑެންޓުގެ ސަބަބުން ގައިގެ އެތަން މިތަން މަށައިގެން ގޮސް، މޫނު ހަލާކުވެފަ. މައާލްއަށް އެމަންޒަރު ބަލަން ކެތްވާނެތަ؟ އެ ދެމީހުންގެ އެ ސިފަ ފެންނަން މައާލް ބޭނުންވާނެތަ؟ މުޅި އުމުރު ދުވަހު އެ ހަނދާންތަކުން މިންޖު ނުވެވި އުޅެން ބޭނުންވާނެތަ؟" ރާދިންގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އެ ދުވަހުން ފަށައިގެން މިއަދާ ޖެހެންދެންވެސް މައާލް އެންމެ ހިތްދަތިވާ ކަމަކީ ފަހު ފަހަރަށް އެ ދެމީހުންގެ މޫނު ބަލައިނުލެވުންކަން ރާދިންއަށް އެނގެއެވެ.

"މިހާރު މައާލްގެ ހަނދާނުގައި ވާނީ އެމީހުންގެ ހިނިތުންވުން." މައާލް އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިތަން ފެނި ރާދިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ކޮންމެ ކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅަށް."

"ތެންކިއު… ހިތުން ކޮންމެވެސް ވަރަކަށް ބަރުކަން ފިލައިފި އިޙްސާސް ކުރެވިއްޖެ. " މައާލް ބުނެލިއެވެ. މައާލް ހަނދާންވީ އޭނާގެ ގާތުގައި ތަކުރާރުކޮށް މުނީރު ބުނާ ވާހަކައެވެ. ރާދިންއަކީ ގޯސް ޒުވާނެއް ނޫންކަމެވެ. ރަޙުމު ކުޑަ މީހެއްވެސް ނޫންކަމެވެ. ގޮތްދޫނުކުރި ނަމަވެސް، ރާދިންގެ ހިތަކީ ވެސް ލޯތްބާއި ކުލުނާއި ޙަމްދަރުދީގެ އިޙްސާސްތައް އޭގެ އެންމެ ފުން މިނުގައި ވާ އެއްޗެއްކަމުގައި މައާލްގެ ހިތް ބުނަމުން ދިޔައެވެ.

"ޔޫ އާ ވެލްކަމް…"

"އަހަރެން ސުވާލެއް ކޮށްލަންތަ؟"

"ކީކުރަން މައާލް ސުވާލުކުރަނީ؟ މައާލްއަށް އެ ހައްޤެއް ނޯންނާނެ!" ރާދިން އެހެން ބުނެލާފައި މައާލްގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރު ބަލައިލިއެވެ. މައާލް ތުންފަތުގައި ދަތް އަޅައިލިތަން ފެނި ރާދިން ކުޑަކޮށް ހީލިއެވެ.

"ބުނެބަލަ!" އޭނަ އެހިއެވެ.

"އަހަރެން… އަހަރެން ބުނީ… ރާދިއު… ރާދިއު އާ ރާދިންއާ ދެމީހުން އައިޑެންޓިކަލް ޓްވިންސް ދޯ… ހަމަ އެއްވައްތަރުވާނެ؟ އެއްވެސް ތަފާތެއް ނުހުންނާނެތަ؟" ފުރަތަމަ ވާހަކަ ފެށިއިރު ކުޑަކޮށް އަޅައަޅައިގަންނަ ގޮތެއް ހުރިނަމަވެސް، ފަަހު ޖުމްލަތައް ބުނެލިއިރު އެ އަޑުގައި ހުރި ޝައުގުވެރިކަން ރާދިންއަށްވެސް ދެނެގަނެވުނެވެ.

"އިނގިލީގެ ކުރި ތަފާތު ވާނެ ހަމަގައިމުވެސް." ރާދިން ކޮށްލި ސަމާސާއިން މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެހާވެސް ވައްތަރޭތަ ތި ބުނީ؟" މައާލް ސުވާލުކޮށްލިއެވެ. މައާލް ހުރީ ރާދިން ސިފަކޮށްލަން ވަރަށް ބޭނުންވެފައެވެ. ރާދިއުގެ ކިބައިގައި ހުންނަ ހުރިހާ ފިރިހެންވަންތަ ސިފަތަކެއް ރާދިންގެ ގައިގައިވެސް ހުންނާނެ ބާއެވެ؟ ރާދިއުއަކީ އޭނާއަށް ކަމުދާ ޒުވާނެކެވެ. އެ ފިރިހެންވަންތަ ކަމަށް އޭނާގެ ހިތް ލެނބިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ރާދިއުއެކޭ އެއްގޮތަށް ރާދިންގެ އެ ސިފަތައް ހުންނަނަމަ، ރާދިންގެ ސޫރަވެސް އެވަނީ އޭނާއަށް ފެނިފައެއް ނޫންހެއްޔެވެ؟

"ދޮންބެ މަތިން ވަރަށް ހަނދާންވޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"މަދުމަދުން ދިމާވިނަމަވެސް، ރާދިއު އަހަރެންގެ ހިތުން ވަރަށް އަވަަހަށް ޖާގައެއް ހޯދި. އެ މަޑުމައިތިރިކަމާ ހިތްހެޔޮ މިޒާޖު. ކައިވެނި ރާދިރު އާ ހަމަޖެހިފައި ވާ ވާހަކަ ބުނީމަވެސް ހިތަކަށް ނާރާ އެއްވެސް އެއްޗެއް. ރުޅިއެއްވެސް ނާދެ. މަންމަމެން ނިންމާނީ އެންމެ ރަނގަލަށްކަން އަހަރެން ގަބޫލުކުރީ. ރާދިއު އާ ދިމާވީމަ އެނގުނު ކީއްވެގެންކަން އެ ނިންމުން މަންމަމެން ނިންމީ.." މައާލް ބުނެލިއެވެ.

"ވަރަށް ލޯބިވޭ ދޯ މަންމަމެން ދެކެ؟"

"ދޭ އާ މައި އެވްރީ ތިންގް..." މައާލް ބުނެލިއެވެ.

"ތިރިއަށް ދާން އެމާއަށް ގޮވާލަންތަ؟" މައާލް ބޯ ޖަހައިލިއެވެ. އެމާ އައުމުން މައާލް ތިރިއަށް ދިޔައިރު، އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. ރާދިން އޭނާއާ ވާހަކަދެއްކި ގޮތުން އުންމީދުގެ ހުޅުކޮޅެއް އޭނާގެ ހިތުގައި ރޯވެއްޖެއެވެ. މީހެއްގެ އެހީތެރިކަމަށް ބޭނުންވާ ފަހަރުތަކުގައި ރާދިންގެ ފަރާތުން އޭނާއަށް އަބަދުވެސް އެބަ އެހީތެރިކަން ލިބެއެވެ. ކިތަންމެ ނޫންކަމަށް ހެދުނުނަމަވެސް، ރާދިންއަށް އޭނާ އެކަނި ހާލަށް ދޫކޮށްލަން ނުކެރޭކަން މައާލްއަށް އެނގެއެވެ. ރާދިންގެ ގައިގައި މުނީރު ބުނި ފަދަ ސިފަތަކެއް ހުރިކަން ޔަޤީންވި މައާލްގެ ހިތުގައި އާ ވިންދެއް ހޭލަމުންދިޔަކަން ޚުދު އޭނާއަށް ވެސް ރާކާނުލިއެެވެ. ރާދިންގެ ހިތްވަރުގެ ބަސްތައް ހީވަނީ ފާރުވެފައިވާ މޭގައި އަޅައިލަދިން މަލަން ގަނޑެއްހެންނެވެ.

"ދަރިފުޅާ!" މުނީރުގެ އަޑު އިވުމާއެކު މައާލް ހުއްޓުނެވެ. ސޯފާގައި މައާލް ބައިންދާފައި އެމާ ދިޔައެވެ.

"ޒާހިދު ބުނި ބާކީ ލިޔުންތައް މިރޭގެ ވަގުތެއްގައި ހިފައިގެން އަންނާނެ ވާހަކަ. ރާދިންގެ ކައިރީގައި ބުނެލައްޗޭ!"

"ލައްބަ!" މައާލް ޖަވާބު ދިނެވެ.

"ކޮބާތަ ރާދިން މިހާރު؟"

"ކޮޓަރީގައި އެބައޮތް…" މައާލް ޖަވާބު ދިނެވެ. އޭނާއާ މުނިރުއާ ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިއްބެވެ.

*****

އެރޭ ޒާހިދު ލިޔުންތައް ގެނެސްދިނެވެ. މައާލްއާ ހުރިހާ އެއްޗެއް ހަވާލުކޮށްފައި ދިޔުމުން މުނީރު ރާދިންއާއި މައާލްއާ ދެމީހުންނަށް ފަރުވާތެރިކަމާއެކު ބަލައިލާފައި ވާހަކަ ފެއްކިއެވެ.

"މައާލް! ވިޔަފާރިއާ މެދު ގޮތެއްނިންމަން އެބަޖެހޭ… މައާލް އަށް ފެންނަނީ ކިހިނެއް؟" މުނީރު އޭނާގެ ނިންމުން އިއްވައިލުމުގެ ކުރިން މައާލްގެ ވިސްނުން ހުރި ގޮތެއް ބަލަން ބޭނުންވިއެވެ.

"ބައްޕައަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔައިމަ އަޅުގަނޑަށް އޯކޭ ހަމަ." މައާލް ބުނެލިއެވެ.

'ބައްޕައަށް ފެންނަނީ ރާދިން ވިޔަފާރިއާ ހަވާލުވާން. އެނގޭ މިކަހަލަ މަސައްކަތެއް ދުވަހަކުވެސް ނުކުރާތީ އުނދަގޫވާނެކަން. އެކަމަކު ލަފާއާ މަޝްވަރާ ދޭން ބައްޕަވެސް ހުންނާނަން. ދެން ޒާހިދު ވެސް ހުންނާނެ. ކުންފުނީގައި އޭނާއަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ. މައާލްގެ މައްސަލައެއް ނެތިއްޔާ މިގޮތަށް މިކަންތައް ކުރަން ބައްޕައަށް ފެންނަނީ…" މުނީރު ބުނެލިއެވެ.

"އަޅުގަނޑު… އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް." ރާދިން އިތުރު އެއްޗެއް ނުބުނެއެވެ. މައާލް އެތަނުގައި އިނީތީ މުނީރުވެސް އިތޔުރު އެއްޗެއް ބުނާކަށް ގަސްތެއް ނުކުރެއެވެ. މައާލް މެން ދިޔުމުން އޭނާ މަޑުކޮށްލީ ނޫސްތައް ކިޔައިލުމުގެ ބޭނުމުގައެވެ.

****

"މައާލް ކީއްވެތަ އެއްބަސްވީ؟ އެހާ ބޮޑު ޒިންމާއެއް ނަގާކަށް އަދި އަހަންނެއް ބޭނުމެއް ނޫން." ކޮޓަރިއަށް ދިޔަގޮތަށް ރާދިން ހިތްހަމަނުޖެހުމާއެކު، ބުނެލިއެވެ.

"ބައްޕަގެ އެ އެދުމަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނޫން ރާދިން. އެއީ އެންމެ ރަނގަޅު ގޮތް ވީމަ ބައްޕަ އެ ގޮތަށް އެ ނިންމީ…" މައާލް ހިތްވަރުކޮށްފައި ބުނެލިއެވެ.

"އަހަންނަށް ނަސޭހަތް ދޭން މައާލް ތީ ކާކު؟" ރާދިން ރުޅި އަންނަ ގޮތްވިއެވެ.

"ބައްޕަ ބޭނުން ނޫން ކިތަންމެ ކަމެއް އަހަރެން ރާދިން ބުނީމަ އެބަ ކުރަންތަ؟ މިގެއިން ދިޔުންވެސް. ވީއިރު މިކަންތައް ރާދިން ކޮށްދިނިއްޔާ…. "

"އަހަންނަކަށް ނޭނގެ އެއްވެސް އެއްޗެއް. ބައްޕަކައިރީގައި ބުނޭ ކުންފުނި އަހަންނާ ހަވާލުކުރާކަށް ބޭނުމެއް ނޫނޭ…" ރާދިން ބުނެލިއެވެ. އެއަށްފަހު، މައާލްއަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ރާދިން ކޮޓަރިން ނުކުމެލިއެވެ. ތިރިއަށް ދިޔުމަށްފަހު، ގެއިން ނުކުންނަ މައި ދޮރާ ދިމާލަށް ރާދިން ގިނގައިގަތެވެ. ބޮޑުކޮޓަރީގައި އިން މުނީރު ގެ ލޮލުގައި ރާދިން އަޅައިގަތުމާއެކު، އޭނާ ރާދިންއަށް ގޮވައިލިއެވެ. ރާދިން އައިސް ސޯފާގައި އިށީނެވެ.

"ބައްޕައަށް އެނގޭ އެ ޚިޔާލު ރާދިންއަށް ކަމުނުދާކަން. އެވަރުގެ ޒިންމާއެއް ނަގަން ބޭނުންނުވާނެކަން. އެކަމަކު މީ ބައްޕަގެ އެންމެ ފަހުގެ ނިންމުން. މީގެފަހުން ބައްޕަ ރާދިންއަށް މިހާރު މިކުރާހެން ހަރަދުކުރުމުގެ ފުރުސަތެއް ނުދޭނަން. ރާދިންވެސް ޒިންމާދާރުވެގެން އަމިއްލަ ބޭނުންތައް އަމިއްލައަށް ފުއްދަން ދަސްކުރަން ޖެހޭނެ"

މުނީރުގެ ނިންމުން ބަދަލުނުވާނެކަން ރާދިންއަށް އެނގުމާއެކު، އޭނާ އިތުރު އެއްޗެއް ނުބުނިނަމަވެސް، މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އެކަން މުނީރަސް ވެސް އެނގުނު ނަމަވެސް، ރާދިންއަށް އޭނާގެ ނިނމުމުގައި ކޮޅުފައިން ޖަހަން ނުކެރޭނެކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ.

ރާދިންއާ ވާހަކަ ދައްކާލާފައި މުނީރު ގޮސް ކޮޓަރިއަށް ވަނުމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. ނަފުސުގައި އުފެދުނު އުދާސްކަން ދުރުކޮށްލާނެގޮތެއް ނޭނގި ރާދިންއަށް ނިތުގައި އަތް ހިންގާލެވުނެވެ. އޭނާ ބޭނުންވީ އެ ވާހަކަތައް މީހަކާ ހިއްސާކުރާށެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އޭނާ ފޯނު ނަގާ އަނޫފްއަށް ގުޅައިލިއެވެ.

"އަނުއްޕެ ކަލޭ ކޮންތާކު؟" ރާދިން ސުވާލުކޮށްލިއެވެ.

"މަ ފްރީކޮށް ހަމަަ، ހިނގާ ކޮފީއަކަށް…"

"އެބަ ދަން" ކެފޭގެ ނަން ބުނެފައި ރާދިން ގެއިން ނުކުމެ ސަައިކަލަށް އަރާ ދުއްވައިލިއެވެ.

ރާދިން ގޮސް ކެފޭއަށް ވަތްއިރު، އެތަނުގައި އަނޫފް އިނެވެ.

"ކަލޭ ކީއްވެފަ ތިހުރީ؟ އަންހެނުން މައްސަލައެއްތަ އަނެއްކާ؟" އަނޫފް ސުވާލުކޮށްލިއެވެ. އޭނާގެ އަޑުގައި ލާނެތްކަން ވިއެވެ.

"ބޯ ނުގޮވާ ވަރެއް ނޫނެއްނު. " ހިތްހަމަނުޖެހުމާއެކު ރާދިން ބުނެލިއެވެ.

"އޭތް ރުޅި ނައިސް ވެގެން އުޅޭ ގޮތް ކިޔައިދީބަލަ!" އަނޫފް ބުނެލުމާއެކު، ރާދިން ހުރިހާ ވާހަކައެއް ކިޔައިދިެނެވެ.

"މައާލްއަށް ބިރުދެއްކި ދާނެ. އެކަމަކު ބައްޕަ ގޮތް ދޫނުކުރާނެކަން އަހަންނަށް ޔަޤީން. އަނެއްކޮޅުން އަހަންނަށް ބޭނުންވާ ވަރަށް ފައިސާއެއްވެސް ޚަރަދެއް ނުކުރެވޭނެ. ކަލޭ ވެސް ތިހެން ނީނދެ ޚިޔާލެއް ދީބަލަ! " ރާދިން ހުރީ ގޮސް ހުސްވެފައެވެ. އެއްވެސް ޙާލެއްގައި އެ ފަދަ ޒިންމާއެއް ނަގާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މިނިވަންކަމާއެކު އުޅެލުމަށެވެ. ރާދިންއަށް ނުވިސްނުނު ކަމަކީ ޒިންމާ ނެގުމަކީ އަދި އަޅުވެތިކަން ނޫންކަމެވެ. ހަރުދަނާވުމަކީ ކިހާ މުހިންމުކަމެއް ކަމުގައެވެ.

"ތިވީ މާ ރަނގަޅަކަށްނު. ކަލޭގެ ސިކުނޑިގަ ތެތްކަމެއް ނެތް ދޯ… ރުޅި މަޑުކޮށްފަ ކުޑަކޮށް ވިސްނާލަބަލަ!"

"މަށަށް އަދި ގެޓެއް ނުވި…" ރާދިންއަށް އަނޫފް ދައްކާ ވާހަަކަ ފަހުމް ވާގޮތެއް ނުވިއެވެ.

"އަހަރެން ދެންތަ ޚިޔާލެއް؟" އަނޫފް ބުނެލިއެވެ.

"ދީބަލަ!"

އަފޫފް އޭނާގެ ޚިޔާލު ފާޅުކޮށްލުމާއެކު ރާދިން ދެބުމަ ގޮށްޖަހާލިއެވެ.

"ކަލޭ ތިއުޅެނީ މަ އަނދަވަޅަކަށް ވައްޓާލަންތަ؟" އަނޫފްގެ ޚިޔާލު ރާދިންއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.

ކޮމެންޓް 0