އިޝާނަމާދު ކޮށްލައިގެން ރާދިން އައިއިރު، މައާލްވެސް ނަމާދުކޮށް ނިމިއްޖެއެވެ. މައާލްއާއެކު ގޮސް ސޯފާގައި އިށީނުމާއެކު އެ އަތުގައި ރާދިން ހިފައްޓާލިއެވެ. އެއަށްފަހު، އޭނާ ފުންކޮށް މައާލްއަށް ބަލައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ.
"އަހަރެން ފަހަރެއްގައި މާލެއިން ބޭރަށް ދާން ޖެހިދާނެ"
"ކޮން އިރަކު؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.
"އަންނަ ހަފްތާގައި ދާގޮތަށް އޮތީ. އެކަމަކު ލަސްކުރެވޭތޯ މި ބަލަނީ… ނޫނީ ޖެހޭނީ މާހިލް ފޮނުވަން. އެކަމަކު އަލަށް ހުޅުވާ ރިސޯޓެއް ވީމަ އަހަރެންވެސް ބޭނުން ގޮސްލަން." ރާދިން ބުނެލިއެވެ.
"އެހެންވިއްޔާ ރާދިން ގޮަސްލަންވީނު…" މައާލް ވިސްނާލިއެވެ.
"އޭރުން މައާލް އެކަނި ވާނީ… އަހަންނާއެކު ދާނަންތަ؟" ރާދިންގެ ސުވާލާއެކު މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ނޫނޭ. ފިރިމީހާ ދާ ކޮންމެ ތާކަށް އަނބިމީހާ ދޭތަ؟ އެހެން ނޫނަސް ތި ދަނީ މަސައްކަތެއްގައެއްނު. އެހާ ގިނަ ދުވަހެއް ނުވާނެއެއްނު. ވާނެތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.
"ހަފްތާއެއް ހާ ދުވަސް ވާނެ ހެން ހީވަނީ… އެހެންވީމަ މައްސަލައަކީ…" ރާދިންއަށް ވިސްނެނީ މައާލްއާ ދޭތެރޭގައެވެ.
"އެ އޯކޭ ވާނެ. އަހަންނަށް ކެތް ވާނެޔޭ. ރާދިން އަތް ކެތްނުވާނީތަ؟" ލާނެތްގޮތަކަށް މައާލް ބުނެލުމުން ރާދިންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ.
"ހާދަ ލާނެތްވެގެން ތިއުޅެނީ…" އެހެން ބުނެލާފައި ރާދިން ކޮށްލި ކަމަކުން މައާލް ލަދުން ވިރޭ ވަރުވިއެވެ. އިރުކޮޅެއްގެ ފަހުން ދެމީހުން ދުރުވެލިއިރު، މައާލްގެ މޫނުވަނީ ރަތްވެފައެވެ. މައާލްގެ އެ ލަދު ރަކިކަން ރާދިންއަށް ވަރަށް ކަމުދިޔައެވެ.
*****
ބޭރުން އައިސް އެޕާރޓްމެންޓަށް ވަތް ސަޖާގެ މޫނުމަތި ވަނީ މިލާފައެވެ. ހީވަނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެ ހާސްވެފައި ހުރިހެންނެވެ. އެއައި ގޮތަށް އައިސް ސޯފާގައި އިށީނުމާއެކު، އޭނާ އަތުގައި އޮތް ކަރުދާސްގަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭގައިވީ އެއްޗެއް އަދިވެސް އެއްފަހަރު ކިޔާލުމާއެކު، އަތުގެ ތެރޭގައި ބޮނޑިކޮށްލިއެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ސަޖާގެ ސިކުނޑީގެ ހާސްކަމުގެ ސަބަބުން އޭނާ ވަނީ ހަދާނެގޮތް ހުސްވެފައެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު ފެނިލިއެވެ. މޫނާ ނިތުގައި އަތް ހިންގާލުމާއެކު، ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، ސަޖާގެ ހިތުގައިވާ ނުތަނަވަސްކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. މީހާގެ ނަފްސަށް މީގެ ކުރިން ނުވާފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. ހަމައެއާއެކު، އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެސް ވެރިވެފައިވެއެވެ. މީހާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ކޮންމެވެސް ކަމަކާ ހުރެ އެ ހިތަށް އިންތިހާ ދަރަޖައިގެ ހާސްކަން ވެރިވެފައިވެއެވެ. މީހާ އިންގޮތުން ހީވަނީ ސިކުނޑީގެ މަސައްކަތްވެސް މަޑުޖެހިފައިވާހެންނެވެ. ސަޖާގެ މޫނުމަތިން މިއަދު ފެންނަމުން އެދަނީ މީގެކުރިން ދުވަހަކުވެސް ފެނުނު އަސަރުތަކެއް ނޫނެވެ.
އަތުގައި ބޮނޑިކޮށްފައިވާ ކަރުދާސްގަނޑު އެއްލާލުމަށްފަހު، އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ރަނގަޅު ގޮތެއް ވިސްނޭތޯ ސިކުނޑީއަށް ބާރުލަމުން އޭނާ ދިޔައެވެ. ސޯފާއިން ތެދުވެގެން ގޮސް ފްރިޖް ހުޅުވާލުމާއެކު، ނެގި ފެންފުޅި ތުމުގައި ޖެހިއެވެ. ފެންބޮއި ނިމިގެން މޭޒު ދޮށުގައި ހުރި ގޮނޑީގައި ސަޖާ އިށީނެވެ. އޭނާ ފައިސާ ބޭނުމެވެ. ފައިސާ ނެތި އެއްކަމެއްވެސް ދެނެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، އެހާ ގިނަ އަދަދެއްގެ ފައިސާ އޭނާ ހޯދަނީ ކިހިނެއް ހެއްޔެވެ؟ ރަޒާން އެއްވެސް ސުވާލެއް ކުރުމެއްނެތި އެހާ ބައިވަރު ފައިސާ އޭނާއަށް ދޭނެހެއްޔެވެ؟ ނޫނެކެވެ. އޭނާ ކޮންމެވެސް އެހެން ގޮތެއް ވިސްނަން އެބަ ޖެހެއެވެ. ސިކުނޑިއަށް ރަނގަޅު ވިސްނުމެއް ނާންނާތީވެސް ސަޖާ އަމިއްލަ ނަފްސަށް އަޑުލިއެވެ.
"ސަޖާ… ކަލޭގެ ދުވަސް ތި ދިޔައީ… އެއްޗެއް ވިސްނަބަލަ…" ސަޖާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. އެހެންނަމަވެސް، ކޮންމެވެސް މީހެއްގެ އަތުން ފައިސާ ނެގުން ނޫން ޚިޔާލެއް އޭނާއަކަށް ނައެެވެ. އެހެންކަމުން އެކަމާ ހައްތަހާ ރުޅި ގަދަވުން ނޫންކަމެއް ވެސް ނުވިއެވެ. މޭޒުމަތީގައި ތަރުކާރީއާއި މޭވާ އަޅާފައިހުރި، ބާސްކެޓްގައި ޖެހިޖެހީނުން އެއްލާލުމަށްފަހު، ސަޖާ ހަޅޭއްލަވައިގަތެވެ. އެއަށްފަހު ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު އޭނާ ވިސްނި ނަމަވެސް، ސިކުނޑީގައިވީ ހުސްކަމަށް އެއްވެސް ބަދަލެއް ނައެވެ.
ރޭގަނޑު ރަޒާން ގުޅުމުން ސަޖާ ބުނީ އޭނާ ބަލިވެ އުޅޭކަމުގައެވެ. އެހެންކަމުން ބޭރަށް ނުދެވޭނެކަމުގައެވެ. ސަޖާ އެހެން ބުނުމުން ރަޒާން އެގެއަށް އައެވެ.
"ކިހިނެއްވީ؟ ހުން އައީތަ؟" އެނދުގައި އޮތް ސަޖާގެ ނިތުގައި އަތް ޖައްސާލަމުން ރަޒާން ބުނެލިއެވެ.
"ނޫން. ހަމަ ބޮލުގަ ރިއްސަނީ…" ސަޖާ ކުރު ޖަވާބެއް ދިނެވެ.
"ކޮންކަމަކާ ވިސްނަނީތަ؟" ރަޒާން އިތުރު ސުވާލުކޮށްލިއެވެ.
"ކަމަކާ ވިސްނަނީކީ ނޫން.. ރަޒާން އަހަރެން ދެކެ ލޯބިވޭތަ؟" އެނދުގެ އެއްފަރާޠުގައި އިށީން ރަޒާންއަށް ސަޖާ ބަލައިލިއެވެ.
"ޝައްކުވަނީތަ؟" ރަޒާންވެސް ސަޖާއަށް ބަލައިލިއެެވެ.
"ނޫން… އެހެންވިއްޔާ އަހަންނަށް ޓަކާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަންތަ؟" ސަޖާ ދެވަނަ ސުވާލު އަމާޒުކޮށްލިއެވެ.
"ގަބޫލެއް ނުކުރެވޭތަ؟" އޭގެ ބަދަލަށް ރަޒާން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
"ނޫން. އެހެންނެއް ނޫން. އެކަމަކު މިސާލަކަށް، ކަނޑަށް ފުންމާލަން ބުނިއްޔާ އެކަން ކުރާނަންތަ؟ ނޫނީ އަހަރެން ބުނީ ލައްކައެއްހާ ރުފިޔާ ދޭށޭ އޭރަށް ދޭނަންތަ؟" ސަޖާގެ އެ ސުވާލާއެކު ރަޒާންއަށް ހީނލެވުނެވެ. ސަޖާގެ ހަޤީޤީ މަޤްސަދެއް އޭނާއަކަށް ނޭނގުނެވެ.
"ކަނޑަށް ފުންމާލެވިދާނެ. ދެން ފައިސާ…. އެހާ ބައިވަރު ފައިސާ ދެންޏާ، ސަޖާގެ ލޯބިވެރިޔާގެ ހައިސިއްޔަތުން ކުރާކަމެއް އެނގެން ޖެހޭނެއެއްނު." ރަޒާން ބުނެލިއެވެ.
"ތި ބުނަނީ ކުރާކަމެއް ނޭނގި ނުދޭނަމޭތަ؟" ސަޖާގެ އަޑަށް ބަދަލުއައެވެ. އޭނާއަށް އަވަސް އަވަހަށް އެ ސުވާލުކޮށްލެވުނެވެ.
"ނޫން… އަނެއްކާ ފައިސާ ބޭނުންވީތަ؟" ސަޖާއަށް އައި ބަދަލު ރަޒާންއަށް ފާހަގަ ކުރެވުނެވެ.
"ނޫން އެހެންނެއް ނޫން. ހަމަ ސުވާލުކޮށްލީ… ހިތަށް އެރި އެއްޗެއް ހަމަ." ސަޖާ އޮޅުވާލިއެވެ. ރަޒާންއަށް ހަޤީޤަތް ހާމަކުރާކަށް ސަޖާގެ ޒަމީރު އެއްބަސް ނުވީ ކީއްވެކަމެއް ނޭނގެއެވެ.
"ކީއްވެ ތި ސުވާލުތިކުރީ؟ ސަޖާ ބޭނުންވާކަމެއް އަހަރެންގެ ކައިރީގައި ބުނެބަލަ، ކޮންމެ ކަމެއްވެސް ކޮށްދީފާނަމޭ ސަޖާއަށްޓަކައި…" ރަޒާންގެ ވާހަކައިން އޭނާގެ ޙާލަތު ރަޒާންއަށް ކިޔައިދޭން ސަޖާގެ ޒަމީރު އެވަގުތު މަޖުބޫރުކުރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އިތުރު މީހެއްގެ އެހީތެރިކަމަށް އެބަ ބޭނުންވެއެވެ. ރަޒާން އޭނާ ދެކެ އެހާ ލޯބިވަންޏާ އޭނާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެެ.
"އެހެންވިއްޔާ… އަހަރެން ބޭނުން…." އެ ހިސާބަށް ބުނެފައި ސަޖާ ހުއްޓާލިއެވެ. އޭނާގެ ސިކުނޑި އިންޒާރެއް ދިނީއެވެ. އެ ހަޤީޤަތް ރަޒާންއަށް ހާމަކުރަން ދެކޮޅު ހެދީއެވެ. އިރުކޮޅަކު ވިސްނަން އިން ސަޖާގެ ސިކުނޑިއަށް އެކި އެކި ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ވިސްނި ވަރަކަށް އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. ޝައިތާނާގެ ވަސްވާސްތައް އެ ސިކުނޑިއަށް ވަންނަމުން ދިޔަ ވަރަކަށް ނުބައި ވިސްނުންތަކުން އެ ސިކުނޑި ތޮށްޖެހެމުން ދިޔައެވެ. އެހެންނަމަވެސް ގިނައިރު އޭނާއަށް އެހެން އިނދެވޭ ގޮތެއް ނުވިއެވެ.
"ސަޖާ…ސަޖާ…" ވިސްނުންތަކަށް ސިކުނޑި ދޫކޮށްލައިގެން އިން ސަޖާ ސިހުނީ ރަޒާން ދެތިން ފަހަރަށް ގޮވާލުމުންނެވެ. ރަޒާންއަށް ބަލައިލުމަށްފަހު، ސަޖާ އަވަސް އަވަހަށް ބޯޖަހައިލިއެވެ.
"ކޮން ޚިޔާލަކަށް ގެއްލިފަ؟ އަހަރެން ކޮންޗެއް ބޭނުމީ؟" ރަޒާން ބޭނުންވީ ސަޖާކުރިން ބުނި ވާހަކަ ފުރިހަމަކޮށްލުމަށެވެ.
"އަހަރެން ބޭނުމޭ އުމުރަށް ރަޒާންއާއެކު، ރަޒާންގެ މީހެއްގެ ގޮތުގައި ދިރިއުޅެން. ދުވަހަކުވެސް ރަޒާންއާ ވަކި ވާކަށް ބޭނުމެއް ނޫން… އެކަމަކު…"
"އެކަމަކު ކީއް؟" ސަޖާ އެހެން ބުނެފައި ހުއްޓާލުމުން ސަޖާގެ އަތުގައި ހިފާލުމާއެކު ރަޒާން ސުވާލުކޮށްލިއެވެ. އޭނާގެ މޫނުމަތިން ދޭހަވަނީ އޭނާ ސަޖާގެ ވާހަކަ ކަނުލާ އަޑު އަހަން އިންކަމެވެ.
"އަހަރެން ބޭނުން… އަހަރެން ބޭނުން އެ ރާދިންއަށް… އޭނާއަށް ހިތުން ނުފިލާވަރުގެ ލަނޑެއް ދޭން. އޭނާގެ އަންހެނުންނާ އޭނާ ވަކިކުރުވަން. އަހަރެން ޙާލުގަ ޖައްސާފަ އޭނާއަށް އެހާ އަރާމުގަ އުޅެވިގެން ނުވާނެ. އިނގޭތަ؟ އޭނައޭ އަހަރެން ވަޒީފާއަކަށް ދިޔުން މަނާކުރީ… އިތުރަށް ކިޔަވަން ބޭނުންވެގެން އެ ވާހަކަ ދެއްކީމަ ބުނީ އަންހެން ކުދިން އެހާ މޮޅަށް ކިޔަވާނެކަމެއް ނެތޭ. ނުކިޔެވިޔަސް އުމުުރު ދުވަހަށް އަހަރެން ބަލާނަމޭ… އަހަރެންގެ މުޅި މުސްތަގްބަލް ބަނަކޮށްލި މީހަކީ އެއީ… އަހަންނަށް ހަމަ ޖެހުމެއް ނުލިބޭ… ޕްލީޒް ރަޒާން… އަހަންނަށް އެހީވެދީ… އެ ދެމީހުން ދުރުކުރުވަން ބޭނުމީ… އަހަންނަށް ލިބުނު ދެރަ އޭނައަށް ލިބެން ބޭނުމީ…" ވާހަކައިގެ ވަކި ހިސާބަކުން ރޯން ފެށި ސަޖާ ހަދަހަދައިގެން ވާހަކަ ދައްކަމުން ދިޔައެވެ. ދޮގަކަށްފަހު ދޮގެއް ހަދަމުން އޭނާ ދިޔައީ، އޭނާގެ މަޤްސަދު ހާސިލް ކުރުމަށް މަގު ކޮށަމުންނެވެ. އަމިއްލަ އެދުމަށްޓަކައި ދޮގާ ފިތުނައިގެ ތެރެއަށް ނަފްސު ވިއްކާލުމަށްވެސް ސަޖާ ހުރީ ތައްޔާރަށެވެ. ފަހުން ވާނެ ގޮތަކަށް ވިސްނާލުމެއްނެތި، ވަގުތީ އުފަލަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވުމަށް އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ. ހަޤީގަތް ހާމަވުމަށްފަހު، ދެން ކަންތައް ވެގެން ދާނެ ގޮތަކާ މެދު ވެސް ވިސްނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް ސަޖާގެ ސިކުނޑިވަނީ ނުބައިވަސްވާސްތަކުން ބަދެވި ހައްޔަރުވެފައެވެ.
"ތިކަމުގައި އަހަންނަށް ކޮށްދެވޭނީ ކީއް؟ ރަޒާން ސަޖާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.
"ކޮންމެ ގޮތަކުން ކަންތައްކޮށްގެންވެސް... ރަޒާން… ހެޔޮނުވާނެ. އަހަންނަށް މިކަން ކޮށްލަދީ." ސަޖާ ރޮމުން އާދޭސްކުރަން ފެށިއެވެ. ރަޒާންގެ ކުރިމަތީގައި ނިކަމެތި ގޮތް ހުސްވެފައިވާ މީހެއްގެ ގޮތުގައި ސަޖާ އޭނާގެ އަމިއްލަ ނަފްސު ދައްކަމުން ދިޔަ ނަމަވެސް، ހަޤީޤަތަކީ އެޔެއް ނޫނެވެ. އޭނާގެ ނުބައި ރޭވުންތެރިކަން ރަޒާންއަށް ފަހުމްވާގޮތް ނުވުމާއެކު، ސަޖާގެ ކޮންމެ ވާހަކައަކަށް އޭނާގެ ސިކުނޑި ދިޔައީ ހެއްލެމުންނެވެ. ސަޖާގެ އެ ހިތްދަތިކަން ދުރުކޮށްދޭން ރަޒާން ބޭނުންވިއެވެ. އެފަދަ ހިތްދަތިކަމެއްގައި އޭނާ ލޯބިވާ ކުއްޖާ ވާތަން ބަލާކަށް ކެތެއް ނުވާނެއެވެ. ކޮންމެ ގޮތެއްވިޔަސް ސަޖާއަކީ އޭނާގެ ލޯތްބެވެ. މާޒީގެ ހިތިކަން ހަނދާނުން ފުހެލާފައި ކުރިއަށް ދާން ސަޖާ ބޭނުންވަނީ އެފަދަ ގޮތަކަށް ކަންތައް ކުރަން ކަމުގައި ވާނަމަ އެކަން ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.
"ދެން ނުވިސްނާ… ހުއްޓާލާ ދެން…" ސަޖާގެ ކަރުނަތައް ފުހެލަދިން ރަޒާން ބުނެލިއެެވެ. ސަޖާ ނޭފަތް އެތެރެއަށް ދަމާލުމާއެކު، ހަމަޖެހިލިއެވެ.
"އެއްެޗެއް ކައިފިންތަ؟" ރަޒާން ސުވާލުކޮށްލުމާއެކު ސަޖާ ނޫނެކޭ ބުނެ ދެކޮޅު ހެދިއެވެ.
"ހިނގާ ބޭރަށް ދާން…" ރަޒާންގެ އެދުމަށް ސަޖާ ދެކޮޅެއް ނުހެދިއެވެ. އޭނާ ތައްޔާރުވެލިއެވެ. އެއަށްފަހު ދެމީހުން ދިޔައީ ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލުމަށެވެ.
***
ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެެ. ރާދިން، މައާލްއާއެކު ކާރުގައި ދުއްވާލަން ނުކުތެވެ. އެމީހުންގެ މަޤްސަދަކަށްވީ ހުޅުމާލޭގައި ދުއްވާލާފައި މާލެ އައުން ކަމަށް ވިޔަސް ވަކި ހިސާބަކުން ރާދިންގެ ޚިޔާލު ބަދަލުވިއެވެ.
"ހިނގާބަލަ އެއްޗެއް ކާލަން ދާން." ރާދިން ބުނެލިއެވެ. މައާލް ވެސް ދެކޮޅެއް ނުހަަދައެވެ.
ރާދިން ކާރު މަޑުކޮށްލީ "ޑެލީޝިއަސް" ކިޔާ ރެސްޓޯރެންޓެއްގެ ކައިރިއަށެވެ. އެއްފަރާތުގައިވާ ޕާކިންގ އޭރިޔާގައި ކާރު ޕާކުކޮށްލާފައި އޭނާ ދޮރު ހުޅުވާލާފައި ނުކުތެވެ. އެއަށްފަހު ގޮސް މައާލް އިން ދިމާ ކާރު ދޮރު ހުޅުވާލާފައި މައާލް އަތުގައި ހިފާލިއެވެ.
މައާލް ކާރުން ފޭބުމުން އޭނާ މައާލްގެ އުނަގަނޑުގައި ހިފައްޓާލައިގެން ހުރެ މަގު ހުރަސްކޮށްލިއެވެ. އެތެރެއަށް ވަނުމަށްފަހު، ރާދިން ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ރެސްޓޯރެންޓްގެ ތެރޭގައި ފުދޭވަރަކަށް މީހުން ގިނަކަމުން ބައެއް މީހުންގެ ނަޒަރުތައް އެމީހުންނަށް އަމާޒުވާގޮތްވިއެވެ. މީހުންގެ ސިއްރު ނަޒަރުތަކާއި ސިއްރުވާހަކަތަކުގެ މާނަ ރާދިންއަށް ފަހުމްވިއެވެ. އެހެންނަމަވެސް އޭނާ އަޅަައެއް ނުލައެވެ. އެތަނުގައި ގިނައީ ލޯބިވެރިން ނޫނީ ދެމަފިރިންނެވެ. އެލުވާފައިވާ ޗާނދަލިޔާގެ ސަބަބުން ތަނުގައިވާ އޮރެންޖްކުލައިގެ އައްޔާއި އިންޓީރިއާގެ ހިތްގައިމުކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުންދިޔައެވެ. އެ މާހައުލަށް އިތުރު ދިރުމެއް ގެނެސް ދެމުން ދިޔައީ ތަނުގައި ޖަހާފައިވާ ލުއިލުއި މިއުޒިކެވެ. މަޑުމައިތިރި އެ މިއުޒިކުގެ ސަބަބުން ތަނަށް އާދަޔާ ޚިލާފް މަސްތުކަމެއް ވެރިކުރުވާހެން ހީވެއެވެ. ހީވަނީ، އެތަނަށް އަންނަމުން ދާ ޖޯޑުތަކަށް ޚާއްސަކޮށް ޖަހާފައިވާ މިއުޒިކެއްހެންނެވެ.
މައާލްގެ އުނަގަނޑުގައި ހިފައްޓާލައިގެން ސިޑިން މައްޗަށް ރާދިން އަރަން ފެށިއެވެ. އެ މަންޒަރު ފެނުނީ ރަޒާންއާއެކު ތިރިއަށް ފައިބަން އައި ސަޖާއަށެވެ. ރަޒާން ހުރީ ފޯނެއްގައިކަމުން، އޭނާއަށް ރާދިންމެންނަށް ސަމާލުކަން ދެވޭ ގޮތްނުވިއެވެ. އޭރު ސަޖާގެ ރުޅިވެރިކަން ވަނީ ކެކި އަރަން ފަށާފައެވެ. އެދާ ގޮތަށް ގޮސް މައާލް ސިޑިން ކޮށްޕާލާ ވައްޓާލަން ވެސް އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް، ސަޖާ ކެތްތެރިވިއެވެ. ދެއަތް މުށްކަވާލައިގެން ހުރެ އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
އިސް އުފުލާލާއި، ބަލައިލި ރާދިންގެ ލޮލުގައި ސަޖާ އަޅައިގަތުމާއެކު، އޭނައަށްވެސް ޝޮކެއް ލިބުނެވެ. ފަނޑުއަލީގެ ތެރެއިން ސަޖާގެ ރުޅިވެރިކަން، އޭނާއަށް ފާހަގަވިއެވެ. ނުތަނަވަސް ވީނަމަވެސް، އެކަން މޫނުމަތިން ނުދައްކާވޭތޯ ރާދިން މަސައްކަތްކުރިއެވެ. ސަޖާގެ ކައިރީގައި ހުރި ޒުވާނާއަށް ނަޒަރު ހުއްޓާލުމާއެކު، އެއީ ކާކުކަން ރާދިންއަށް އެނގުނެވެ. އެއީ އަނޫފް ފޮނުވި ފޮޓޯތަކުގައިވާ ޒުވާނާއެވެ.
ރަޒާންއާއެކު ތިރިއަށް ފައިބަމުން ދިޔަ ސަޖާ މައާލްއާ އަރާ ހަމަވެފައި މައާލްގެ ގައިގައި ޖެހިގަތެވެ. އެއާއެކު މައާލް ކުޑަކޮށް އަރި އަޅައިލިނަމަވެސް، ރާދިންގެ ސަބަބުން އޭނާއަށް ގެއްލުމެއް ނުވިއެވެ. އެމީހުން ފަސް ދިނުމުންވެސް ރާދިން ސަޖާއަށް ބަލައިލިއެވެ. ސަޖާގެ އެ އަމަލަކީ ގަސްތުގައި ކުރިކަމެއްކަން އޭނާއަށް އެނގުނެވެ. އެއްޗެއް ނުބުނީ މަސްލަހަތަަށް ވިސްނާލާފައެވެ. އަދި މައާލްއަށް ގެއްލުމެއް ނުވާތީއާ ވެސް އެކުގައެވެ. މައާލްއަށް ކަމެއްވީނަމަ، އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލްއެއް ނުކުރެވުނީހެވެ. ރުޅިވެރިކަން އެއްފަރާތްކޮށްލުމަށްފަހު، ރާދިން މައާލް ގޮވައިގެން ގޮސް ރެސްޓޯރެންޓުގައި ދެމީހުންނަށް ޚާއްސަކުރެވިފައިވާ މޭޒެއްގައި އިށީނެވެ. ވެއިޓަރު މެނޫ ގެނެސް ދިނުމުން އޭނާ މެނޫގައިވާ އެއްޗެހި މައާލްއަށް ކިޔައިދޭން ފެށިއެވެ.
ތިރިއަށް ފޭބުމަށްފަހު، ގޮސް ރަޒާންއާއެކު ކާރަށް އަރާ އިށީން ސަޖާ ރުޅިގަނޑު މައިތިރިކޮށްލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެކަން ކުރުން އޭނާއަށްވީ އުނދަގޫކަމަކަށެވެ. ސިފަވަނީ ރާދިންއާ މައާލްއެވެ. މައާލްގެ ތުންފަތްމަތީގައިވީ ހިނިތުންވުމާއި، މައާލްގެ އުނަގަނޑުގައި ހިފައްޓާލާފައިވާ ރާދިންގެ އަތެވެ.
"އަހަންނަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ ރަޒާން ބުނިން ދޯ…" ސަޖާ ބުނެލިއެވެ.
'ޔެސް އޮފްކޯޒް ލަވް…" މާ ބޮޑު ވިސްނާލުމެއްނެތި ކާރު ދުއްވާލަމުން ސަޖާއަށް ބަލައިލަމުން ރަޒާން ބުނެލިއެވެ. އޭރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ މަގުމައްޗަށް ހުއްޓިފައެވެ.
"އެހެންވިއްޔާ މިބުނާ ކަންތައް އަހަންނަށް ކޮށްދޭން ކެރޭނެތަ؟" ސަޖާގެ އަޑުގައިވީ ސީރިއަސްކަން ދެނެގަނެވުނު ރަޒާން ސަޖާއަށް ބަލައިލަމުން އާއެކޭ ބުނެ ޔަޤީންކަން ދިނެވެ. ރަޒާން ދިން ޔަޤީންކަމާއެކު، ސަޖާ ވާހަކަދެއްކިއެވެ. ސަޖާވަނީ ރާދިންއާ މައާލްގެ ދިރިއުޅުމަށް ޒަހަރު ލުމަށް ކެތްމަދުވެފައެވެ. ކޮންމެ ގޮތަކުން ނަމަވެސް އެކަން ކުރަން އޭނާ ހުރީ ތައްޔާރަށެވެ. މިފަހަރު އޭނާ ބޭނުންކުރާ ހަތިރާރުވެގެން ދާނީ އޭގެން ރެކިގަންނަން ރާދިންއަށް ފަސޭހަ ހަތިޔާރަކަށް ނޫނެވެ. ރާދިން ޖެހޭނީ އޭނާގެ ކުރިމަތީގައި ބަލި ޤަބޫލުކުރާށެވެ. ރާދިން ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ އެހާ ފަސޭހައިން އޭނާގެ ކިބައިން ސަލާމަތް ވެވިދާނެކަމަށްހެއްޔެވެ؟ ނޫނެކެވެ.
"އަހަރެން ރާދިންގެ ކިބައިން ބަދަލުހިފާނެ ގޮތަކާ މެދު ވިސްނައިިފިން… އެކަމަށް ރަޒާންގެ އެއްބާރުލުން ބޭނުންވޭ…" އެހެން ބުނެލާފައި ސަޖާ އޭނާގެ ހިތުގައި ރޭވިފައިވާ ގޮތް ރަޒާންއާ ހިއްސާކޮށްލުމާއެކު، ރަޒާންގެ މޫނުމަތިން ފެނުނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ.