"މައާލް!..." ރާދިންގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ އަސަރެއް ވެއެވެ. އޭނާގެ ހަނދާންނަށް އަންނަން ފެށީ ދެންމެ އޭނާއާއި މުނީރާ ދެކެވުނު ވާހަކަތަކެވެ. އެއާއެކު އޭނާއަށް ކެތް ނުކުރެވުނެވެ. މައާލް އޭނާގެ އަތު ތެރެއަށް ގެނެސް ހައްޔަރުކޮށްލުމަށް އެދި އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. އެހިތުގެ އެދުމަށް އިޖާބަ ދިނުމާއެކު ރާދިން ގޮސް މައާލްގެ ގައިގައި ބައްދާލިއެވެ.
ހީވާކަހަލައެވެ. އެ ދެމެދަށް ވައިރޯޅިއެއްވެސް ވަންނަން ރާދިން ބޭނުންނުވާފަދައެވެ. އޭނާގެ ދެއަތުގެ ތެރޭގައި ރާދިން މައާލް ގައިދުކޮށްލީ އުމުރު ދުވަހަށް ހިމާޔަތް ދޭނަމޭ ބުނާ ފަދައަކުންނެވެ. އެހިތުގައި މައާލްއާ މެދު އުފެދެމުން ދިޔަ ޝުއޫރުތަކާއި، އިޙްސާސްތައް އިންތިހާއަށް އިތުރުވަމުން ދިޔުމާއެކު، އޭނާގެ އެތެރެ ހަށީގައިވި ޖަޒުބާތުތައް ރާދިންގެ ހިތާ ސިކުނޑީގެ މައްޗަށް ކުރި ހޯދަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް މައާލްއާ އިތުރަށް ގާތް ވެވުނީއެވެ.
އެ މަންޒަރު ބަލަން ހުރި އޭވާ އިސްޖަހާލުމާއެކު، އެތަނުން ދިޔުމަށް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. މޭރީ އޭނާގެ ގާތު ދެއްކި ވާހަކަތެކެވެ. ރާދިންއާ އެހެން އަންހެން ކުއްޖަކާ ގުޅުން އޮންނަ ނަމަ، މައާލް އާ އެހާ ލޯބިން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މޭރީއަށް އޮޅުނީހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއްގައި ހުރެގެން އޭވާ ގޮސް ޚާދިމުންގެ ބަޔަށް ވަތްއިރު އެތަނުގައި މޭރީ އިނެވެ. އެ ސުވާލު މޭރީއާ ކުރަން އުޅެފައިވެސް އޭވާ އެ ޚިޔާލު ދޫކޮށްލީއެވެ.
އެތައް އިރަކު މައާލް އޭނާގެ ގަޔާއި ކައިރިކޮށްލައިގެން ރާދިން ހުއްޓެވެ.
"ރާދިން!" އެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެއެވެ.
"އަހަރެން މައާލްއާ އެކު ހުންނާނަން. އަބަދުވެސް…" ރާދިންގެ ދުލުން ބޭރުވި ބަސްތަކާއެކު، މައާލްގެ ހިތް އުފަލުން ނަށާލިއެވެ. ރާދިންއަށްޓަކައި އެހިތުގައި ކުރިފަޅާ ހެދެމުން ދިޔަ ލޯބި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ލޯތްބާއި ކައިވެނީގެ ހަޤީޤީ މާނައިގައި އެ ދެހިތާ ރޫޙާ ޖިސްމުވެސް ވަނީ ގުޅި ލާމެހިފައެވެ. މައާލްގެ ހިތުގައި ރާދިންއާ މެދު އުފެދިފައިވަނީ މީގެ ކުރިން އެހެން އެއްވެސް ފިރިހެނަކާމެދު އެހިތުގައި އުފެދިފައިނުވާ ފަދަ މާތް ޤަދަރަކާއި އިޙްސާސްތަކެކެވެ. އެ އިޙްސާސްތަކުގެ ބާރުގައި ދަގަތްފާނަށް ދަގަނޑު ދަމާހެން އޭނާ ގެންގޮސް ރާދިންއާ ކައިރިކުރުވައެވެ. ހިތުގެ ޖަޒުބާތުތަކުގެ ކުރިމަތީގައި އިސްޖަހާލަން މައާލްއަށް ވަނީ މަޖުބޫރުވެފައެވެ. ރާދިން ގެއްލިދާނެތީ އެ ގުޅުން ވަކި ހައްދެއްގެ ތެރޭގައި ބާއްވަން ބައެއްފަހަރު ސިކުނޑި އިންޒާރު ދިނެއްކަމަކު، އެކަމަށް ތަން ނުދެނީ ރާދިންއަށްޓަކައި އެހިތުގައިވާ އުންމީދާއި، ފުން ލޯތްބެވެ. ފިރިމީހާގެ ކޮންމެ އެދުމަކަށް ކިޔަމަން ތެރިކަމާއެކު ބޯ ލެނބެނީ އެހެންވެގެންނެވެ. ރާދިން އޭނާއާ ގާތްވާ ކޮންމެ ފަހަރަކު، ހިތުގައިވާ ބިރު ފިލައިގެންދަނީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ރާދިން އޭނާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އޭނާގެ ހިތުގައި އެވަގުތުތަކުގައި އުތުރެން ފަށައެވެ. ރާދިންގެ އަތުގެ އެންމެ ބީހިލުމަކާއެކުވެސް، އެ އަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވަނީ އެހެންވެގެންނެވެ.
"އަހަރެން ދޫކޮށްވެސް ނުލާނީތަ؟" އަނެއްކާވެސް މައާލް ސުވާލުކޮށްލިއެވެ.
"އަހަރެން މައާލް ދޫކޮށްލާކަށް ބޭނުމެއް ނުވެޔޭ ބުނެފިއްޔާ! އިތުރު ޝަކުވާއެއް ނުކޮށް ތިހެން އަހަރެންގެ އަތުތެރޭގައި ބުނި އިރެއް ވަންދެން ހުންނާނަންތަ؟" ރާދިން ވެސް މައާލްއާ އަމާޒުކޮށްލީ ސުވާލެކެވެ.
"ދެން ޖެހޭނީ ހުންނަން، ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހޭނެއެއްނު."
"ހަމައެކަނި އެހެންވެގެންތަ ހުންނާނީ؟ ކިޔަމަންތެރިވާން ޖެހޭތީ؟ އިތުރު ސަބަބެއް ނެތް؟" ރާދިން އަދިވެސް ހުރީ އެ އަތުގެ ތެރޭގައި މައާލް ހައްޔަރުކޮށްލައިގެންނެވެ.
"ރާދިންއަށް ނޭނގޭތަ އަދިވެސް، އަހަރެން ލޯބިވާތީއޭ މިހުންނަނީ…" މައާލްގެ އެ ޖުމްލައާއެކު، ރާދިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވުމާއެކު، އޭނާގެ އެތެރެހަށީގައިވެސް ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. ގަބޫލުކުރަން ބޭނުން ނުވިނަމަވެސް، ރާދިންއާއި މައާލްގެ ގުޅުން ވަނީ ހީކުރިވަރަށް ވުރެ ގާތްވެފައެވެ. ބޭނުން ނުވިޔަސް މައާލްއާ މެދު އިޙްސާސްތަކެއް އެހިތުގައި ވެއެވެ. މައާލް ދުރުކޮށްލުމާއެކު، ރާދިން އެ ނިތުގައި ބޮސް ދިނެވެ. މައާލްގެ ކޯތާފަތާއި މޫނަށް ވެރިވި ރަތްކަމުން ރާދިންގެ ހިނިތުންވުން ފުޅާވިއެވެ. މައާލްގެ ލަދުވެތިކަމަކީ އަބަދުވެސް އެ ރީތިކަން އިތުރުކޮށްދޭ ސިފައެކެވެ. އެ މައުސޫމްކަމާއި ނިޔަނެތިކަން އަބަދުވެސް އޭނާއަށް ކަމުދެއެވެ. އެއީ އޭނާއަށް ސަޖާގެ ފުށުން ފެންނަ ސިފަތަކެއް ނޫނެވެ.
"ރާދިން ބަނޑުހައެއް ވެސް ނުވޭތަ؟ އަދި މިރޭ ނުވެސް ކަމެއްނު" ރާދިންގެ ކުދި ކުދި ގޯނާތަކުން މައާލްގެ ލަދުވެރިކަން އިތުރުވަމުން ދިޔައެވެ. މައުޟޫ އަނބުރާލަން މައާލް އުޅުނީ ކީއްވެގެންކަން ރާދިންއަށް އިނގުމާއެކު އޭނާގެ ގާތަށް ލާނެތް ހިންޏެއް އައެވެ.
މައާލްއަށް ބަލަން ހުރުމަށްފަހު، ރާދިން ކޮށްލި ކަމަކުން މައާލްއަށް ސިހުން ލިބުނު ނަމަވެސް އޭނާ ވެސް އެކަމަށް ދެކޮޅެއް ނުހަދައެވެ. ރާދިންގެ ކޮންމެ އަމަލަކަށް އޭނާ ހުރީ ރުހިގެންނެވެ.
ރާދިން ދުރުވެލުމަށްފަހު، މައާލް ގޮވައިގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. އޭނާގެ ކައިރީގައި އަރާމު ނިންޖަކުން ނިދާފައި އޮތް މައާލްއަށް ބަލައިލުމާއެކު، މައާލްގެ އޮމާން ކޯތާފަތުގައި ރާދިން ފިރުމާލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. ގުޅަނީ ސަޖާއެވެ. ނުނަގަން ހުރެފައިވެސް ރާދިން ފޯނު ނެގީ ސަޖާ ކޮށްލި މެސެޖުގެ ސަބަބުންނެވެ. ފޯނު ނުނަގައިފިއްޔާ ގޭ ދޮށަށް އައިސް ހަޅޭއްވެސް ލަވާނަމޭ ބުނެފައި މެސެޖްކުރުމުން ރާދިން ޖެހިލުންވީ ސަޖާ ބުނާ ގޮތަކަށް ވިއްޔާ ކަންތައް ކުރާނެކަން އެނގޭތީއެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުތުމާއެކު ރާދިން ވާހަކަ ދެއްކިއެވެ.
"އަހަރެން ރާދިން މަތިން ހަނދާންވާތީ މިގުޅަނީ… އަހަންނާ ދިމާކޮށްލަބަލަ!" ސަޖާ ބުނެލިއެވެ.
"މިގަޑީގަތަ؟ މާދަން އަހަރެން ގުޅާނަން." ރާދިން ހުރީ ދާހިތަކުން ނޫނެވެ. އެހެންނަމަވެސް ސަޖާ ރޯން ފެށުމުން އޭނާ ހަތިޔާރު ބަހައްޓާފައި، ތައްރާރުވެލައިގެން ސަޖާމެން ގެއަށް ދިޔައިރު، ސަޖާ ހުރީ ބޭރަށް ދާން ތައްޔާރުވެގެންނެވެ.
"އަހަރެން ބޭނުމީ ދުއްވާލަން ދާން." ސަޖާ އެދުނެވެ. ރާދިން ވެސް ދެކޮޅު ނުހެދީ ސަޖާއާއެކު، އެ ގޭގައި އެކަހެރިކަމާއެކު، އެރޭގެ ވަގުތުތައް ހޭދަކުރަން ބޭނުންނުވުމުންނެވެ.
ސައިކަލު ދުއްވަމުން ވަކި ހިސާބަކަށް ދެވުމާއެކު، ސަޖާ އޭނާގެ މައުޟޫއަށް ވާހަކަ އަނބުރަން ފެށިއެވެ.
"ރާދިން! މައާލްގެ އެ މުދާތަކުން އޭނާއަށް ކުރެވޭނެ ފައިދާއެއް ނެތެއްނު. ރާދިން ވީނު އެ އެއްޗެހި ރާދިންގެ ނަން މައްޗަށް ބަދަލުކޮށްލަން." ސަޖާ އެހެން ބުނުމުން ރާދިން ނުހުރުނުނަމަވެސް އެއްޗެއް ނުބުންޏެވެ.
"ކީއްވެ އެއްޗެއް ނުބުނީ."
"އެއީ މައާލްގެ އެއްޗެއް. އަހަރެން ނޫޅެން….."
"ކޮބާ މައްސަލައަކީ. މާދަންވެސް ރާދިން މައާލް ވަރިކޮށްލާފަ އަންނާނީ އަހަރެން ކައިރިއަކަށްނު. އެހެންވީމަ އެ މުދާގަނޑު އަހަރެމެންނަށް ލިބިއްޖެއްޔާ އުމުރު ދުވަހު މަސައްކަތް ނުކޮށްވެސް ބޭނުން ގޮތަކަށް ބޭނުން ކޮންމެ ކަމެއްކޮށްގެން އަހަރެމެން ދެމީހުންނަށް އުޅެވޭނެ." ސަޖާގެ ވާހަކަތަކުން ރާދިން ރުޅި އަންނަ ގޮތްވިއެވެ.
"ސަޖާ ބޭނުންވަނީ ހަމައެކަނި ފައިސާތަ؟ އަހަންނާ އެކީ ތިއުޅެނީ އެބޭނުމުގަތަ؟" ފުރަތަމަ ފަހަރަށް ރާދިންއަށް ސަޖާއާ ދިމާލަށް އެފަދަ އެއްޗެއް ބުނެވުނެވެ.
"އެހެން ބުނެފިންތަ؟ އެ މައާލްއޭ ކިޔައިގެން އެއްޗެއް ބުނާއިރަށް ރާދިންއަށް ތި އަރާ ފޯރިއެއް. ހާދަ ވަރެކޭ އޭނައާ ހެދި ތި ހުންނަނީ…" ސަޖާ ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.
"މައާލް މި ދޭތެރެއަށް ނުވައްދާ ސަޖާއަށް އެއްވެސް ވާހަކައެއް ބުނެވޭ ކަމަކަށް ނުވޭ، އޭނަ ބައްޕަ ވެސް އުމުރު ދުވަހު ކުރި މަސައްކަތޭ އެއީ. އޭނަ ނުކުޅެދުނު ދުވަހު ހުރިހާ މުދާތައް އަތުލަންތަ މަ ވީ؟"
"އެ ފައިސާ އޭނަ އަތުގެ ހުއްޓަސް ކުރެވޭނެ ބޭނުމެއް އެބަ އޮތްތަ؟ ކިތަންމެ ކުޑަ ކަމަކުވެސް އޭނަ ޖެހޭނީ ރާދިންގެ އެހީތެރިކަމަކަށް ނޫންތަ އެދެން. އެހެންވީމަ ކީއްތަވާނީ ރާދިންގެ ނަން މައްޗަށް ބަދަލުކުރަން އެހުރިހާ މުދަލެއް…އަހަރެން މި ވާހަކަ މި ދައްކަނީ ހަމައެކަނި މަށަށް ރަނގަޅަކަށް ނޫން. އޭގެން ރާދިންއަށްވެސް ވާނީ ފައިދާ..."
ސަޖާގެ ވިސްނުން ހުރި ނެތްގޮތް ރާދިންއަށް ރަނގަޅަށް އެނގުމާއެކު، އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ސަޖާގެ ވާހަކަތައް ހުރި ގޮތުން އޭނާ ސަޖާ ދެކެ ހައްތަހާ ރުޅި އަންނަ ގޮތްވިއެވެ.
"މަ ދެކެ މިހާރު ތިހާ ރުޅި ތި އަންނަނީ އެ މައާލްއާ ހިތާވީމަ."
އެންމެފަހުން އެރޭގެ ބައްދަލުވުން ވެސް ނިމުނީ ޒުވާބަކުންނެވެ. ސަޖާ ގެއަށް ލާފައި ގޮސް ރާދިންވެސް ކޮޓަރިއަށް ވަދެ އެއްޗިސް ބަދަކުކޮށްލައިގެން އަނެއްކާވެސް އޮށޯތީއެވެ. އެހެންނަމަވެސް، އޭރު އޭނާގެ ސިކުނޑީގައިވަނީ ހާސްކަމެވެ. ސަޖާގެ ވިސްނުން އިނގުމާއެކު އޭނާ ސަޖާ ދެކެ ފޫހި ވާގޮތްވިއެވެ. ސަޖާގެ ބޭނުމަކީ ފައިސާ ހެއްޔެވެ؟ އެހެންވިޔަސް އެފަދަ ގޮތަކަށް ލަދެއް ނެތި އެހާ ބޮޑުކަމަކު އެދެން ކެރޭނީވެސް ހާދަ ގޮތެއް ނެތީމައެވެ.
*****
ޖެހިގެން އައި ދުވަހު ރާދިން އޮފީހަށް ގޮސް އެންމެ ފުރަތަމަވެސް ބައްދަލުކުރީ ޒާހިދާއެވެ. އޭނާ އަމިއްލައަށް ހޯދި ހޯދުންތަކުން ޒާހިދާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުނެވެ. އޮތްހާވެސް އެއްޗަކީ އެ ހިތުގެ ތެރޭގައި ޒާހިދާ މެދު އޮތް ޝައްކެވެ. ރާދިން ރުޅިވެރިކަމާއެކު، ވާހަކަ ދެއްކުމުން މިފަހަރުވެސް ޒާހިދު އިސްކުރީ ކެތްތެރިކަމެވެ. ރާދިންގާތު އޭނާ ދައްކަން ބޭނުންވާ އެތަކެއް ވާހަކަތަކެއް ހުރިނަމަވެސް، އެ ވާހަކަތައް ދެއްކޭނީ ރާދިން އޭނާއަށް ފުރުސަތެއް ދިނުމުންނެވެ.
"ދެން އިތުރު ސަބަބެއް އެބައޮތްތަ؟"
"އަހަރެން މި ކުންފުނީގެ ލާރިތައް ބޭނުންވަންޏާ އެކަންތައް ވަރަށް ފަސޭހައިން ކުރެވުނީސް. އެހާވަރުން ހުރިހާ ކަމެއް އަވަސް އަރުވާލާފައި މައާލްގެ ނަން މައްޗަށް ބަދަލުކުރީމަވެސް ރާދިންއަށް އަދިވެސް ނުވިސްނެނީތަ؟ އަހަރެންމީ ފައިސާއާ ހެދި ދަހިވެތިވެގެން އުޅޭ މީހެއް ނޫނޭ!" ޒާހިދު ބުނެލިއެވެ.
"ހިތަށް އެރީ މައާލްގެ ނަން މައްޗަށް މުދާތައް ބަދަލުކޮށްފަ މައާލްގެ ބައްޕަ ބްލެކްމައިލް ކޮށްގެން ހެދި އެއްބަސްވުމުން އުމުރު ދުވަހު ފައިދާ ނެގޭނެކަމަކަށްނު."
"އަޑު އަހަން ބޭނުން ނޫން މީހަކަށް ކިޔައިދުނުމުގެ ވެސް ނެތް ބޭނުމެއް." ޒާހިދަށް ބުނެވުނެވެ.
"ކިޔައިދީބަލަ ދެން. ކީއްވެ ނުބުނެވިގެން ތިއުޅެނީ؟" ރާދިން އެންމެ ފަހުން ހަތިޔާރު ބެހެއްޓީ، ޒާހިދު ބުނާ އެއްޗެއް އަޑު އަހާލުމުގެ ނިޔަތުގައެވެ.
"އިށީނދެބަލަ!" ޒާހިދު ބޭނުންވީ ހަމަޖެހިގެން ވާހަކަ ދައްކާށެވެެ. ރުޅިވެރިކަން މޫނުމަތިން ފާޅުވަމުން ދިޔަ ރާދިން އިށީނދެލިއެވެ. އެއާއެކު، ޒާހިދުވެސް އިށީނދެލިއެވެ.
"ރާދިންއަށް ހަޤީގަތުގައި ތި އެނގެނީ ކުޑަކުޑަ މިންވަރެއް. ރާދިންމެންގެ ކައިވެންޏަށްފަހު، މައާލްގެ ހަޤީގަތާ ބެހޭގޮތުން އަހަރެން މުނީރާ ވާހަކަ ދެއްކިން. އެ ހަޤީގަތް މައާލްއަށް ނޭނގޭތީ އަހަންނަށް މިހުރިހާ ދުވަހު މިކަންތައް ކުރަން މަޖުބޫރުވީ. އޭރު އެ ހަޤީގަތް މައާލްއަށް އެނގުނު ނަމަ އަހަރެން މިކަންތައް މިގޮތަކަށް ނުކުރީމުސް. މައާލްގެ ކައިވެނީގެ ކުރިން މައާލްގެ އަސްލު ބައްޕައާއި ވާހަކަ ދެއްކީވެސް އަހަރެން. ހަނދާންވޭތަ ކައިވެނި ކުރެވުނު ހަފްލާއަށް އަހަރެން ދިޔުމުން މުނީރު އަހަންނާ ވާހަކަ ދެއްކިކަން؟. އެއީ އެކަމުގަ. މައާލްގެ ބައްޕަ ބޭނުންނުވީ އެ ހިސާބުންވެސް ހަޤީގަތް ހާމަކުރަން. ކުރެވުނު ގޮތަކަށް ސިއްރުކޮށްދޭން ބުނީ. އެކަން ނުވާނެކަން ވެސް އެނގޭ، ކައިވެނި ކޮށްދޭ ވަގުގު އެނގޭނެ ހަޤީތެއް އެއީ. އެހެންނަމަވެސް މައާލް ހާސްވެފައި އިން ވަރުން އެކަމަށް ސަމާލުކަން ނުދިނުމުން މުނީރަށާއި އަހަންނަށް ވެސް ހަމަޖެހުން ލިބުނީ….. ރާދިން… އަހަރެން ކުންފުނީގެ އެކައުންޓުން ލާރި ނަގާ ސަބަބާ އޭގެ ބޭނުން ޝާކިރާއި އަހަރެން ފިޔަވާ އިތުރު މީހަކަށް ނޭނގޭނެ، މައާލްގެ ބައްޕަ ނިޔާވުމަށްފަހު އެ ކަންތައް އެނގޭ އިތުރު މީހަކު ނުވެސް ހުންނާނެ، ރާދިންގެ ބައްޕައަށް ވެސް އެ ހަޤީގަތެއް ނޭނގެނެ. އެންމެ ކުރިން ފަށައިގެންވެސް ޝާކިރުމެން ސިއްރުކުރަން ބޭނުންވި ހަޤީގަތަކީ މިއީ. މއާލްއަކީ އެމީހުންގެ ދަރިއެއް ނޫންކަން. މިކަން އެނގޭ މަދުބަޔެއްގެ ތެރެއިން މީހަކު އެކަމުގެ ނާޖާއިޒް ފައިދާ ނަގަނީ. މައާލްއަށް ކަންތައްތައް އެނގެން ފެށިއިރުން އެމީހާ ޝާކިރު ބްލެކްމެއިލް ކުރަން ފެށީ އޭނާ ބޭނުންވާ ވަރަކަށް ފައިސާ ނުދީފިނަމަ މައާލްއަށް ހަޤީގަތް ހާމަކުރާނެކަމަށް ބުނެ. އެގޮތް ޝާކިރުމެން ބޭނުންނުވީމަ ކޮންމެ މަހަކު އެމީހަކު ބޭނުންވާ ވަރަކަށް ފައިސާ ފޮނުވަން ޖެހެނީ. ޝާކިރު ވަރަށް މަސައްކަތް ކުރި އެެއީ ކާކުކަން ހޯދަން ވެސް. އެކަމަކު އެކަން އޮތީ ނުވެފަ. ރާއްޖޭން ބޭރު އަންހެނެއްގެ އެކައުންޓަށް ލާރު ޖަމާކުރަނީ… އެއީ ކާކުކަމެއް ވެސް ނޭނގެ. ފުރަތަމަ އެއްލައްކަ. ދެން ދެ ލައްކަ. އެހެން އިތުރުވަމުން ގޮސް މިހާރު ފަހެއް. ޝާކިރު......"
"ހަޤީގަތް ހާމަކުރީމަ ދެން…" އެ ހިސާބުން ރާދިން އެ ވާހަކަ މެދުކަނޑާލިއެވެ.
"ރާދިން! ތީ އެހާ ފަސޭހަކަމެއް ނޫން! ޝާކިރުމެން ބޭނުންވީ ކައިވެނީގެ ކުރިން މައާލްއަށް ހަޤީގަތް ހާމަކުރަން. އަދި މައާލްގެ އަސްލު ބައްޕައާ ބައްދަލުކުރުވަން. އެމީހުން ތިބީ އެގޮތަށް ނިންމައިގެން ކަން އަހަންނަށް އެނގެނީ. ލާރި ވެސް އެމީހަކަށް ދެމުން ދިޔައީ އެ ހަޤީގަތް މައާލްއަށް ކިޔައިދެވުނީމަ އެކަންތައް ނިމޭނެތީ. އެކަމަކު އޭގެ ކުރިން އެމީހުން ނިޔާވީ. ޝާކިރުމެންގެ ވަސިއްޔަތެއް އެއީ އެމީހުންނަށް އެކަން ނުކުރެވިއްޖެނމަ ދެން އެކަން ކުރަން ޖެހޭނީ މައާލްގެ އަސްލު ބައްޕަކަމަށް. އަހަރެން އެ ވާހަކަ މައާލްގެ އަސްލު ބައްޕައާ ދެއްކީމަ އޭނަ އެއްބަސްނުވީ… ކައިވެނީގެ ފަހުންވެސް ކަންތައް ވީ ގޮތް ކިޔައދީފައި އެކަމަށް އެދުނިން. އެކަމަކު އަލިމަގެއް ނުފެނުުނު." ޒާހިދު ރާދިންއާ އެ ވާހަކަތަައް ހިއްސާކުރިއެވެ.
"ޝައްކުވާ މީހަކު އެބަ ހުރިތަ؟" އިވުނު ވާހަކަތަކުން ބޯ ހާސްވެ ހިމޭންވެފައި އިން ރާދިންއަށް ވާހަކަ ދެއްކުނީ އިރުކޮޅެއް ފަހުންނެވެ.
"ނޭނގެ. ކިތަންމެ މަދު މީހަކަށް އެނގުނުނަނަވެސް، އެމީހުންގެ ފަރާތުން އިތުރު މީހަކަށް ނޭނގޭ ކަމެއް ކިހިނެއް އެނގެނީ…" ޒާހިދަށް ބުނެވުނެވެ. ރާދިން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ޒާހިދުގެ ތެދުވެރިކަން އޭނާގެ ދެލޮލުން އެކަނިވެސް ހާމަކޮށްދެމުން ދިޔައެވެ.
"ކީއްވެ މައާލްގެ ބައްޕަ ގަބޫލުނުވާންވީ؟" ރާދިންގެ ސިކުނޑީގައި އުތުރިއަރަމުން ދިޔައީ އެ ސުވާލެވެ. ރާދިންގެ މޫނުމަތިން މިހާރު ފެންނަނީ ލަދުވެތިކަމާއި ދެރަވެފައިހުރި ފަދަ އަސަރުތަކެކެވެ. އޭނާއަށް ޒާހިދަށް ޝައްކުކުރެވުނީ މާ ވަރަކަށެވެ.
"އެމީހަކާ ޑީލްކުރުމަކީ ޝާކިރަށް ފަސޭހަކަމަކަށް ނުވި. އެހެންވީމަ އޭނަ އަހަންނާ އެކަންތައް ހަވާލުކުރަން ވެގެން އެ ހުއްދަ ދިނީ. ނުހައްޤުން ކުންފުނީގެ އެންމެ ލޯ ލާރިއެއްެސްއަހަރެން ނަގާފައެއް ނޯންނާނެ!" ޒާހިދު ބުނެލިއެވެ.
"އަހަރެން… އަހަންނަށް މާފުކުރޭ… އަހަރެން ދަނީ…" ރާދިން ކުއްލިއަކަށް ގޮނޑިން ތެދުވެލިއެވެ. އިތުރަށް އެތަނުގައި އިންނަން ބޭނުންނުވީކަމެއް ނޫނީ ނުކެރުނީކަމެއް ނޭނގެއެވެ. އެތަނުން ނުކުންނަން ހިނގައިގަތް ރާދިންއަށް ގޮވާލާ ޒާހިދު ވާހަކަ ދެއްކިއެވެ.
"ރާދިންގެ ހަޤީގަތް އެނގުނީމަ ޚުދު އަހަރެންވެސް ބޭނުމެއް ނޫން މިކަން މިގޮތަށް ކުރާކަށް. ރާދިން ބޭނުންވަންޏާ އެގްރީމެންޓް ބާތިލްކުރަންވީ. އަހަރެންގެ މައްސަލައެއް ނެތް. މައާލްގެ ބައްޕައަކީ ކޮންމެ މީހަކަށް ވިޔަސް މިއަދު މައާލްއަކީ ރާދިންގެ ޒިންމާއެއް." ޒާހިދުގެ އެ ބަސްތައް އަޑު އަހަން ހުރުމަށްފަހު، ރާދިން ގޮސް ނުކުމެލިއެވެ. އޭނާ މައްޗަށް އަރާ ވަނީ އެޕާރޓްމެންޓަށެވެ. އެއަށްފަހު ސޯފާ މައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު، އަނެއްކާވެސް ރާދިން ތިރިއަށް ފައިބާ ގޮސްވަނީ ޒާހިދުގެ ކެބިންއަށެވެ. ރާދިން ހީވަނީ ސިކުނޑިއަށް ބާރުބޮޑުވެ ހަދާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއްހެންނެވެ. އޭނާގެ ސިކުނޑިވެސް މަސައްކަތް ކުރަނީ ލަހުންހެން ހީވެއެވެ.
"މައާލްގެ އަސްލު ބައްޕަ ވީ ކޮންތާކު؟"
ޒާހިދުގެ ކެބިންއަށް ގޮސް ރާދިން އޭނާ ބޭނުންވި މައުޟޫމާތުތައް ހޯދައިގެން ދިޔައީ "މޫން ވެލީ" އަށެެވެ. ދިޔައިރު އޭނާގެ ބައްޕަ ސްޓަޑީގައި ކޮންމެވެސް މަސައްކަތެއްގައި އުޅެއެވެ.
"ދަރިފުޅާ ރާދިން!" ރާދިން ފެނުމާއެކު، މުނީރަށް ހައިރާންކަމެއް ލިބުނީ ހެނދުނުގެ އެގަޑީގައި ރާދިން އެ ގެއަށް އައުމުންނެވެ. އަދި ރާދިންގެ މޫނުމަތިން ފެނުނު ހާސްކަމުންނެވެ.
"ބައްޕާ! އަޅުގަނޑު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން…" ރާދިން ބުނެލިއެވެ.
"އިށީނދޭ…"
"އަޅުގަނޑު ބޭނުން މައާލްގެ ބައްޕައާ ބައްދަލުކުރަން، އެކަމުގެ ހުއްދަ ދެއްވާ!" އިށީނދެ ހަމަޖެހިލުމަށްފަހު، ރާދިން ބުނެލިއެވެ. ރާދިންގެ އެ ޚިޔާލާ މުނީރު ދެކޮޅެއް ނުހެދިއެވެ. އެހެންނަމަވެސް އޭނާ ރާދިންއާ އޭނާގެ ޚިޔާލުވެސް ހިއްސާކޮށްލިއެވެ.
"ރާދިންގެ ތި ނިންމުމަކީ ރަނގަޅު ނިންމުމެއް. އެކަމަކު، އިތުރަށް މައާލްގެ ބައްޕައަށް ވަގުތު ބޭނުންވަންޏާ ވަގުތުކޮޅެއް ދިނުން މައްސަލައެއް ނެތް. އެހެންވިޔަސް، އޭނައަށް ވިސްނައިދޭން ޖެހޭނެ މައާލްއަށް ވެސް ހަޤީގަތް އެނގެން ޖެހޭނެކަމުގައި. ދަރިފުޅުގެ ފަރާތުން ތި ފެންނަ ހަރުދަނާކަމަށް ބައްޕަ މިއަދު ފަޚުރުވެރިވަން. ބައްޕައަށް އެނގޭ މިކަމުގައި ރާދިންއަށް އިތުބާރު ކުރެވިދާނެކަން. މައާލްއަށް ދެރަގޮތެއް ވާން ރާދިން ވެސް ނޭނދޭނެކަން."
މުނީރުއާ ވާހަކަ ދައްކާލާފައި ރާދިން ދިޔައީ އޮފީހަށެވެ. ބާކީ ވަގުތުތަކުގައި ފުދޭވަރަކަށް ބުރައެވެ. އެކީ އޮފީސް ނިންމާލާފައި ރާދިން ގެއަށް ގޮސް ވަތްއިރު، ސޯފާގައި މައާލް އިނެވެ. ކައިރީގައި އިން އޭވާ ރާދިން އައި ވާހަކަ ބުނެލާފައި ދުރަށް ދާން ހިނގައިގަތުމުން މައާލްވެސް ތެދުވެލިއެވެ. ރާދިން އައިސް މައާލްގެ ކައިރިއަށް ހުއްޓިފައި މައާލްގެ އިސް އުފުލުވާލިއެވެ. އަދި ފަރުވާތެރިކަމާއެކު އެ މޫނަށް ބަލައިލިއެވެ. އެ މޫނަށް ކިތަންމެ ވަރަކަށް ބެލިޔަސް ރާދިން ފޫއެްސެއް ނުވެއެވެ.
މައާލްގެ ދެލޮލުގެ މަހިނޫރާ އެ ރީތިކަމުން ރާދިންގެ ހިއްސުތަކަށް ވެސް އެނގުން ވެލިއެވެ. ޚާއްސަކޮށް ރޭގެ އުފާވެރި ވަގުތުތައް މަތިން ހަނދާންވުމުން އޭނާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އިތުރަށް މައާލްއާ ގާތްވާން ބޭނުންވާން ފެށިއެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަންވެސް ރާދިން ބޭނުން ނުވާފަދައެވެ. މައާލްގެ އުނަގަނޑުގައި ހިފާ ޖެހި ލުއްކާއެކު މައާލް ކައިރިކޮށްލާ ރާދިން މައާލްގެ ތުންފަތަށް ލޯބިވެތި ހަދިޔާއެއް ދިނެވެ. ލަދުގަތްނަމަވެސް މައާލްއަށްވެސް އެ ޢަމަލުގައި ބައިވެރިވެވުނެވެ. އޭނާ ވެސް ހުރީ ރާދިންގެ އެއަތުގެ ހިމާޔަތުގައި ވާން ބޭނުުންވެފައިކަމަށްވީތީއެވެ. ރާދިންގެ ކައިރިން ދުވި ސެންޓްގެ ވަހާއެކުވެސް އޭނާގެ ހިއްސުތައް އިތުރަށް ދީވާނާ ކުރުވަން ފެށިއެވެ. އެއީ އޭނާއަށް ވަރަށް ޚާއްސަ ސެންޓެކެވެ. ނޫނެވެ. ހަމައެކަނި ސެންޓެއް ނޫނެވެ. އެއީ ރާދިންގެ ވަހެވެ.
ދެމީހުންނަށް ސިހިފައި ދުރުވެވުނީ އެއްޗެއް ވެއްޓި ތެޅުނު އަށެވެ.
"ކޯންޗެއް ރާދިން؟ ކިހިނެއްވީ؟" މައާލް އޭރުވެސް ހުރީ ރާދިންގެ އަތުގައި ހިފައްޓާލައިގެންނެވެ.
ރާދިން އަޑު އައި ދިމާލަށް ބަލައިލުމާއެކު، އޭނާއަށް ފެނުނީ އެ ދިމާލަށް ބަލަހައްޓައިގެން ރުޅި އައިސް ތުރު ތުރުއަޅަމުން ދިޔަ ސަޖާއެވެ. އޭރު އެތަނުގައި ހުރި މޭޒު ކައިރީގައި އޭގެ މަތީގައި މާތަކެއް ޖަހާފައި ހުރި މުށި ވާޒް އެއް ވެއްޓި ތެޅިފައި އޮތެވެ.