މުނީރުއާ ސައީދުވެސް މައާލް އަންނަމުން ދިޔަ ދިމާލަށް ބަލައިލުމުން ރާދިންއަށް ވެސް އެ ދިމާލަށް ނަޒަރު ހިންގައިލެވުނެވެ. ފުރިހަމައަށް ޒީނަތްތެރިވެގެން ހުރި މައާލް ފެނި ރާދިންއަށް މައާލްއާ ނަޒަރު ވަކިކޮށްލަން ނުކުޅެދުނެވެ.
މައާލް ލާފައިހުރީ ރޯޔަލް ބްލޫ ކުލައިގެ ދިގު ހެދުމެކެވެ. އެ ހެދުމުގެ ބަނޑާ ދިމާލުން ވިދާ ޒާތުގެ ބަންދެއް އަޅުލާވާފައިވާއިރު މަތީގައިވާ ލޭސް ބައި ޖަރީ ކުރެވިފައިވަނީ ރިހިކުލައިގެ ވިދުން ހިމެނޭ ރޭނދާއަކުންނެވެ. ހެދުމުގެ އަތްވެސް ވަނީ ހަމަ އެ ރޭނދާގަނޑުންނެވެ. ކަރުގައި ރިހިކުލައިގެ ހާރެއް އަޅާފައިވާއިރު ކަންފަތުގައި ޖަހާފައިވަނީ ވެސް ރިހިކުލައިގެ އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު އިސްތަށިގަނޑުގެ ތިރީބަޔަށް ބުޅިކަމެއް ގެނެސްފައިވާއިރު ހިތްގައިމެވެ. އެ ހިތްގައުމުކަމަށް އިތުރު ދިރުމެއް ގެނެސްދެނީ ބޮލުގައި އަޅާފައިވާ ރިހި ކުލައިގެ ވިދާ ޓިއާރާ ހެޑްބޭންޑުންނެވެ. ބަންދުން ފެށިގެން މޭ މައްޗަށް މައާލްގެ ހެދުން ހުރީ ގަޔަށް ހިފާލާފައި ނަމަވެސް، ބަންދުން ފެށިގެން ތިރިއަށް ދޫކޮށްލާފައިވާ ހެދުމުގެ ފުޅާ ބަޔަށް ވަނީ ހިތްގައިމުގޮތަކަށް ރޫޖެހިފައެވެ. މައާލް އަރާފައިހުރީ ނުލާއި ރިހިކުލަ ހިމެނޭ އުސް ފައިވާނަކަށެވެ. އެހެންޏާ މޭކަޕެއްގައި ނުފެންނަ މައާލް މިއަދު ފެންނަނީ ފުރިހަމަ މޭކަޕެއްގައެވެ. ތުންފަތުގައި ރަތްކުލަ ޖައްސާލާފައިވާއިރު އެ ތުންފަތެކޭ ފަރިވެ ފޮޅިފައި އިން ފިނިފެންމަލެކޭ ތަފާތެއް ނެތެވެ. އެ މޫނުގެ ހިތްގައިމުކަން އިންތިހާއެވެ. މައާލް ގޮވައިގެން އައިސް ރާދިންއާ ދާދިގާތުގައި ބަހައްޓައިލި އިރުވެސް ރާދިންއަށް ބެލެނީ މައާލްއަށެވެ. އެހުރިހާކަމެއްގެ ތެރެއިންވެސް ވަކީން ޚާއްސަ ސަމާލުކަމެއް މައާލްގެ ދެލޮލަށް ރާދިން ހުއްޓައިލިއެވެ. މަސްކަރާ އަޅާފައިވާ އެސްފިޔަތަކާއި، އަނދުން އަޅާލާފައިވާ އެ ބޮޑު ދެލޮލުގެ ތެރެއިން މައާލްގެ "އެންބަރ" ކުލައިގެ ކަޅި ފެންނަނީ ވަރަށް ވެސް ހުވަފެނީ ގޮތަކަށެވެ. އެހެންޏާ އެ ދެލޮލުގައި އެ ހުންނަ ސިހުރަވީ ޖާދުލަށްވުރެ އެ ބާރު މިރޭ ވަކިން ގަދަހެން ރާދިންއަށް ހީވެއެވެ. އެ ދެ ލޮލުގެ މަހިނޫރުގެ ބާރުގެ އަލީގައި ހީވަނީ އޭނާގެ މުޅި ޖިސްމުވެސް ގައިދު ކޮށްލާފައިވާހެންނެވެ. އެހެނަސް އެ ދެލޮލުން އޭނާއަށް އުފާވެރިކަމެއް ނުފެނެއެވެ. ފެންނަނީ މީގެ ކުރިން އޭނާއަށް ފެނިފައިނުވާ ފަދަ ހުސްކަމެކެވެ. ނުތަނަވަސްކަމެކެވެ. ކަޅިވެސް ޖަހާ ނުލާ މައާލްއަށް ބަލަހައްޓައިގެން ހުރި ރާދިންއަށް، ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު، މުނީރު ގޮވައިލުމުންނެވެ.
ރާދިން ގާތު މައާލް ކައިރީގައި ހުންނަން ބުނެފައި، މުނީރުއާ ސައީދުއާ ދެމީހުން ދުރަށް ޖެހިލިއިރު، ލޯޔަރު ޒާހިދުވެސް އައިސް ވަންނަނީއެވެ. މުނީރު އެ ދިމާލަށް ހިނގައިގަތެވެ. މައާލްއާ ރާދިންއަށް އެކަނި ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި ރީނާއާއި ސާދާ އާ ދެމީހުންވެސް ދުރަށް ޖެހިލިއެވެ. އެއާއެކު، ރާދިންއަށް އަނެއްކާވެސް ބަލައިލެވުނީ މައާލްއަށެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔަ މައާލް ހުރީ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ރާދިންގެ ލޯ މައާލްގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވާލެފިވާ އަނގޮޓިއަށް ހުއްޓުނެވެ. އެއީވެސް ބައްޕަގެ އެދުމުގެ މަތިން އޭނާ މައާލްއަށް ދިން އަނގޮޓިއެކެވެ. މައާލްގެ ޖާދޫގައި ޖެހި ރާދިންއަށް ހިނދުކޮޅަކަށް ނަމަވެސް ސަޖާގެ މަތިން ހަނދާން ނެތުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާއަށް ސަޖާ މަތިން ހަނދާންވުމާއެކު، އޭނާގެ މަޖުބޫރީ ޙާލަތު ވިސްނުނެވެ. އެއާއެކު އޭނާގެ ރުޅިގަނޑު ހިލިގެން ދިޔައެވެ. މައާލްގެ ނުތަނަވަސްކަމަށް ވިސްނައިލުމެއްވެސް ނެތި ރާދިން، މައާލްގެ އަތުގެ މަސްގަނޑުގައި ހިފާލާ މައާލްގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެ ގޮތުގައި މިނެޓެއް ހާއިރު ދިޔައެވެ. އެއާއެކު މައާލްގެ ނަފުސު އެކީ ހަރުކަށިވެގެން ދިޔައެވެ.
"ރާ... ރާދިން..." މައާލްއަށް ރާދިންގެ ނަން ކިޔައިލެވުނީވެސް ހާސްކަމާއެކުގައެވެ. މިވަގުތު ރާދިންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ކިތަންމެ އެނގެން ބޭނުންވިނަމަވެސް އެއީ ނުވާނެކަމެއްކަން މައާލްއަށް އެނގެއެވެ. އޭނާއަށް ރާދިންގެ އިޙްސާސްތައް ދެނެގެނެވުނީ ރާދިންގެ އެ ހަރުކަށި އަޑުންނެވެ. މައާލް ދުރަށް ފިޔަވަޅެއް އަޅައިލިނަމަވެސް، ރާދިން އެ ފުރުސަތެއް މައާލްއަކަށް ނުދިނެވެ.
"ދުރަށް ދިޔަޔަސް އެނބުރި އަންނަން ޖެހޭނީ މިރާދިން ކައިރިއަށް." ރާދިން މައާލްގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. ރާދިންގެ އެ ބީހިލުމާއެކު، މައާލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ރާދިންގެ އެ އަމަލުން އޭނާއަށް ނުތަނަވަސްކަން ވެރިވީއެވެ. ހާސްވީއެވެ. އެކަމަކު ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އޭނާ ޖެހޭނީ މިކައިވެނި ކުރާށެވެ. މަންމައާއި ބައްޕަގެ ހައްޤުގައެވެ.
ރާދިން އޭނާ ލާފައިހުރި ނޫކުލައިގެ ސޫޓް ރަނގަޅުކޮށްލަމުން، މުނީރަށް ބަލައިލިއެވެ. އޭރު މުނީރު ޒާހިދު ކައިރީގައި ކޮންމެވެސް ވާހަކައެއްގައި ހުއްޓެވެ. އެހެން ހުރެފައި ފޯނު ނަގާ ކަންފަތުގައި ޖައްސައިލިތަން ވެސް ފެނުނެވެ. މުނީރުގެ އަމަލުތަކުން ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް ރާދިންއަށް ފާހަގަ ކުރެވުނުނަމަވެސް، އެ ފޯނު ކޯލު ނިންމާލުމާއެކު، ހަށިފުރާ ނޭވާއެއް އޭނާ ލިތަން ފެނުނެވެ.
"ދަރިފުޅާ މިހާރު ގާޒީ އަންނަން އުޅޭނެ. އަދި ހެކިވެރިންވެސް." ޒާހިދުގެ ކައިރީގައި އިރުކޮޅަކު ހުރުމަށްފަހު، ރާދިންގެ ކައިރިއަށް އައިސް ހުއްޓެމުން މުނީރު ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އިތުރުބަޔަކު އެތަނަށް އަތުވެއްޖެއެވެ. އެތަނުން އެކަކަކީ މުނީރު ދަންނަ މީހެއް ނޫނެވެ. އެހެންނަމަވެސް އެ މީހާ ފެނުމާއެކު، އެއީ ކާކުކަން މުނީރަށް އެނގިގެން ދިޔައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އެ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެމީހާގެ ނަޒަރު ވަށައިގެންވާ އެ ތަނަވަސް ބޮޑު ކޮޓަރިތެރެއަށް ހުއްޓެމުން ދިޔައެވެ. ބޮޑުކޮޓަރި ތެރޭގައި ބަހައްޓާފައިހުރި ބައެއް އެއްޗެހީގެ ތަރުތީބަށް ބަދަލުގެނެވިފައިވަނީ ގިނަ މީހުންނަށް ތިބެވޭނޭ ގޮތަށެވެ. އަދި އެތެރެ ޒީނަތްތެރިކުރެވިފައިވަނީ ރޯޔަލް ބްލޫކުލައިގެ މާތަކާއި ބުކޭތަކުންނެވެ. މަތީގައި އެލުވާފައިހުރި ޗާނދަލިޔާގެ އޮރެންޖް އަލީގެ އިތުރުން ތަނުގައިވި ހުދުއަލިކަން އެކުވެ ހުވަފެނީ އަލިކަމެއް މުޅި ތަނަށް ފެތުރިފައިވެއެވެ.
"އައްސަލާމް ޢަލައިކުމް..." އެމީހާގެ ކައިރިއަށް ހުއްޓުމަށްފަހު، މުނީރު ސަލާމް ގޮވައިލަމުން އަތް ދިއްކޮށްލާ އޭނާގެ ކުޑަ ތަޢާރަފެއް ވެސް ދިނެވެ. އެމީހާ ސަލާމަށް ޖަވާބުދެމުން، މުނީރުގެ އަތުގައި ހިފާ ސަލާމްކޮށްލުމަށްފަހު، ތަޢާރަފްވެލިއެވެ.
"އަހަންނަކީ ރާޒީ..." އޭނާ ބުނެލިއެވެ. ބަލާބެލުމަށް ރާޒީގެ އުމުރު މުނީރާ ދާދި އެއްވަރުވާނެއެވެ. ރާޒީ ހިނިތުންވެލިއެވެ.
"އެއީ މައާލް. ދެން އެހުރީ އަޅުގަނޑުގެ ދަރިފުޅު..." މުނީރު މައާލްއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. މައާލްއަށް ބަލަން ހުރުމަށްފަހު، ރާޒީ އޭނާގެ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އަދި އޭނާ ސަލާމަތްތެރިކަމާއެކު، އޭނާގެ މަންޒިލަށް ފޯރައިފިކަމުގައި ބުނެލިއެވެ. އެއަށްފަހު، އޭނާ ފޯނު ބާއްވަމުން މުނީރަށް ބަލައިލިއެވެ. މުނީރު އެތެރެއަށް އައުމަށް އަތުން އިޝާރާތްކޮށްލިއެވެ. އޭނާވެސް ހިނިތުންވެލަމުން އެތެރެއަށް ވަނެވެ.
ޣާޒީ އައުމާއެކު، ހެކިވެރިންނާއެކު، ރާދިންއާއި މައާލް ވެސް މޭޒު ދޮށުގައި އިށީނެވެ. އެއް ހެކިވެރިއަކަށް އިނީ ސަޢީދެވެ. ސައީދަކީ ރާދިންއަށް އެނގޭ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް ނަމަވެސް ދެން އިނީ މީގެ ކުޑައިރުކޮޅެއްކުރިން މުނީރު ވާހަކަ ދައްކަން ހުރި މީހާއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ރާދިންއަށް ފެނިފައިވާ މީހެއް ނޫނެވެ. ކައިވެނި ކުރާ ވަގުތު ޖެހުނުއިރު އަންނަން ބުނި މެހެމާނުންތައް ވެސް އަތުވެއްޖެއެވެ. ކޮންމެ މީހަކުވެސް ރާދިންއާ މައާލްގެ ޖޯޑަށް ތައުރީފް ކުރަމުން ދިޔައެވެ. ބައެއް މީހުން މުނީރު އެ ނިންމުން ނިންމި ސަބަބާ ބެހޭގޮތުން މުނީރާ ސުވާލުކުރަމުން ދިޔައީ، މައާލްގެ ލޯފަންކަން އެނގުނީމައެވެ. މައާލްއަކީ ޝާކިރުއާއި ފަހުމާގެ ދަރިއެއްކަން މުނީރުގެ ބައެއް އެކުވެރިންނަށް އެނގޭތީ އެ އެކުވެރިންގެ ބައެއް ސުވާލުތައްވެސް މުނީރާ އަމާޒުވިއެވެ. ވިޔާފާރީގެ ތެރެއިން މުނީރާ އެކުވެރިވި ހިލްމީ އާއި އޭނާގެ އަންހެނުން ޞަފޫރާގެ ސުވާލުތަކަށް މުނީރު ޖަވާބުދެމުން ދިޔައެވެ. މުނީރުގެ ވާހަކަތަައް ނިމުމުން ޞަފޫރާ ވާހަކަ ދެއްކިއެވެ.
"އަނެއްކާ ޝާކިރުގެ މުދާ ގަނޑުގެ ބޭނުމުގަ ހުރި ހަމައެކަނި އަންހެން ދަރިފުޅު ނުކުޅެދޭ ކުއްޖަކާ ކައިވެނިކުރުވަނީތަ؟" އެއްވެސް ވިސްނުމެއްނެތި ޞަފޫރާ ބުނެލި ވާހާކައާއެކު، މުނީރަށް ބަލައިލެވުނީ ހިލްމީއަށެވެ. ލަދުވެތިކަމާއެކު ހިލްމީ އިސްޖަހައިލިއެވެ. އޭނާގެ އަންހެނުންނަކީ އަނެކުންގެ އިޙްސާސްތަކަށް ބެލުމެއްނެތި ދުލަށް އައިހާ އެއްޗެއް ފާޅުކުރާ އަންހެނެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، އެފަދަ ތަނެއްގައި، އެފަދަ ގޮތަކަށް، އެފަދަ ވާހަކައެއް، ބުނެފާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހީކޮށްފައެއް ނުވެއެވެ.
"ޞަފޫ... ހިނގާބަލަ އެކޮޅަށް." އަވަސް އަވަހަށް މުނީރުގެ ކޮނޑުގައި އަތުން ޖަހާލުމަށްފަހު، ހިލްމީ ދުރަށް ހިނގައިގަތީ މުނީރުގެ ކުރިމަތީގައި އިތުރަށް ހުންނަން ނުކެރިގެންނެވެ. މުނީރަކީ ހިތްތިރި އޯގާތެރިމީހެއްކަން އޭނާއަށް އެނގެއެވެ. މުދަލުގެ ދަހިވެތިކަމުގައި އެފަދަ ކަމެއް މުނީރު ނުކުރާނެކަން ވެސް އޭނާއަށް އެނގެއެވެ.
"ޞަފޫ... ކީކޭތަ ތިބުނީ؟" އަންހެނުންގެ އެ ސިފައާ މެދު އަބަދުވެސް ހިލްމީ ހިތްހަމަ ނުޖެހެއެވެ. އެހެންނަމަވެސް އޭނާ ކެތްކުރަނީ ޞަފޫރާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޞަފޫރާގެ އެ ސިފައިގެ ސަބަބުން ޢާއިލާގެ ތެރޭގައި މައްސަލަޖެހޭ ފަހަރުތައްވެސް މަދެއް ނޫނެވެ. ކިތަންމެ ވަރަކަށް ނަޞޭހަތް ދިނަސް އެއީ ޞަފޫރާގެ ކިބައިން ނުފިލާނޭ ގޯސް އާދައެއްކަން ހިލްމީއަށް ވެސް އެނގެއެވެ. ހިލްމީ ހިތްހަމަ ނުޖެހިފައި ޞަފޫރާއާ ވާހަކަ ދައްކަމުން ދުރަށް ހިނގައިގަތުމުން މުނީރަށް ބަލައިލެވުނީ މައާލްއާ ރާދިންއަށެވެ.
ރީނާ މައާލްގެ ބޮލުގައި މަޑުނޫކުލައިގެ ފޮތިކޮޅެއް އަޅައިލަދީ އިސްތަށިގަނޑު ނިވާކޮށްލިއެވެ. އޭރު ފޮޓޯގްރާފަރ ވެސް އެ ހުރިހާ މަންޒަރެއް އޭނާގެ ކެމެރާގެ ލެންސުގައި ރައްކާކުރުމުގައި އަވަދި ނެތި އުޅެއެވެ.
ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔަ ވަގުތުވެސް އެ ކިޔާ އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއް މައާލްއަކަށް ނުވިއެވެ. އޭނާއަށް ވިސްނެނީ ރާދިންއާ މެދުގައެވެ. މިދުނިޔޭގައި ނެތް އޭނާގެ މައިންބަފައިންނާ މެދުގައެވެ. އަމިއްލަ ޙާލާ މެދުގައެވެ. ކައިވެނީގެ ފަހުން އޭނާ އުޅެން ޖެހޭނޭ ޙާލާ މެދުގައެވެ. ރާދިންގެ އިންޒާރުތަކާ މެދުގައެވެ. ނުތަނަވަސްވެފައިއިން މައާލް އިނީ އިސްޖަހާލައިގެންނެވެ.
ރާދިންއަށް ވެސް މައާލްއަށް ބަލައިލެވުނެވެ. މައާލް އިނީ އިންތިހާއަށް ނުތަނަވަސްވެފައިކަން އޭނާއަށް އެނގެއެވެ. މިއިން ދުވަހަކު ނުވާވަރަށް ކަން އޭނާއަށް ރޭކާލީ މައާލްގެ ތުރުތުރު އަޅަމުންދިޔަ ދެއަތާއި ތުންފަތެވެ. ހިތްވަރުކުރަން މައާލް މަސައްކަތް ކުރަމުން ދިޔަތަން އޭނާއަށް ފެނުނެވެ. މައާލް ހިތްހަމަ ޖައްސުވައިދޭން އެއްޗެއް ބުނަން ހިތަށް އެރީ ކީއްވެކަމެއް ރާދިންއަކަށް ނޭނގުނެވެ. އެހެންނަމަވެސް އެ ޖަޒުބާތުތައް އެއްކިބާކޮށްފައި، އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ.
ޣާޒީ ކައިވެނި ކޮށްދޭން ފެށުމާއެކު، މައާލްގެ ނޭވާ އަވަސްވިއެވެ. ވަށައިގެންވީ މާހައުލު މަތިންވެސް ހަނދާންނެތި ޣާޒީ ކިޔަމުން ދިޔަ އެއްޗެއް ވެސް ނޭނގުނެވެ. ކޮންމެވެސް އެއްޗެއް ކިޔާކަން އެނގެއެވެ. އެހެންނަމަވެސް އެ ކިޔާއެއްޗެއް އަޑު އަހަން އޭނާގެ ކަންފަތް ވެސް ދެކޮޅު ހަދާ ފަދައެވެ. އިސްއުފުލައިލި ރާދިންގެ ލޮލުގައި، ވެދެގެން އައިސް ސީދާ އޭނާއާ ކުރިމައްޗަށް ވާގޮތަށް މޭޒުގެ ތަންކޮޅެއް ދުރުގައި ހުއްޓުނު ސަޖާ އަޅައިގަތުމާއެކު، އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. ޣާޒީ ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއް ރާދިންއަކަށް ނުވެއެވެ. އޭނާއަށް މައާލްއަށް ބަލައިލެވުނެވެ. އެއަށްފަހު، އަނެއްކާވެސް ބަލައިލެވުނީ ސަޖާއަށެވެ. ހިތުގައި ނުތަނަވަސްކަމާއި ހާސްކަމުގެ ޖަރުބާތުތައް އުތުރިއަރަން ފެށިއެވެ. އެހާވަރުން ސަޖާގެ ގާތުގައި ކަމެއްނުކޮށް މަޑުން ހުންނަން ބުނުމުން މިތަނަށްވެސް އައީ ހެއްޔެވެ؟ ސަޖާގެ މޫނުމަތިން ރުޅިވެރިކަން ފެނުނުނަމަވެސް އެ ދެލޮލުން ވޭންވެސް ރާދިންއަށް ފެނުނެވެ. ސަޖާގެ ޕްލޭންއަކީ ކޮބައިހެއްޔެވެ؟ ސަޖާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މި އެންމެންގެ ތެރޭގައި އޭނާގެ ބައްޕަގެ އަގު ވެއްޓޭކަމެއް ސަޖާކޮށްފިނަމަ އޭނާ ހަދާނީ ކިހިނެއްހެއްޔެެވެ؟ ރާދިންގެ ސިކުނޑި އެކިއެކި ޚިޔާލުތަކުން ފުނިޖެހެމުން ދިޔައެވެ.
"އަނބި ޤަބޫލުކޮށްފިންތަ؟"