އެގެއަށް ވަދެފައިވެސް އެމީހުން ތިބީ ހައިރާންވެފައެވެ. ހަޤީގަތް އެނގެނީ ހަމައެކަނި އަނޫފްއަށެވެ. އަނޫފް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރިއިރު، އޭނާ ހުރީ އެމީހުން އުޅޭ ގޮތުން މަޖާވެފައެވެ. ހަޤީގަތް އެނގުމުން ވާނެ ގޮތް އޭނާއަށް އަންދާޒާކޮށްލެވެއެވެ. އެންމެން ސޯފާތަކުގައި އިށީނދެ ހަމަޖެހިލިއެވެ. އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ރާދިންއަށް ސިހުނީ ލީވާންގެ ލޯބިވެރިޔާ ސުމާއާއެކު އައިސް ވަތް ސަޖާ ފެނުމުންނެވެ.

ރާދިންގެ ހުރިހާ ހިއްސުތަކެއްވެސް ގަނޑުވިފަދައެވެ. އެތަނުން ސަޖާ ފެނުމާއެކު، އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ ކޮޓަރި ހުންނަ ދިމާލަށެވެ. މައާލް ނުނިކުންނާނެކަން އެނގުނު ނަމަވެސް، އޭނާގެ ހިތަށް ބިރުވެރިކަން ވަނީ ވެރިވެފައެވެ. ޚާއްސަކޮށް އެ ދިމާލަށް އަންނަމުން ދިޔަ ސަޖާގެ މޫނުމަތީގައިވި ކުލަވަރުތައް މާނަ ކުރާނެ ގޮތެއް ނޭނގުނު ރާދިންއަށް އެއްޗެއް ބުނަން ނޭނގިފައި ހުރެވުނުއިރު، އަނޫފްގެ މޫނުމަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ.

"އޭތް! ކަލޭ ބުނީ ސަޖާގެ ކައިރީގައި ނުބުނާ ވާހަކަ! ކީއްވެ އޭނަ އެއައީ…" ހަމައެކަނި ރާދިންއަށް އަޑު އިވޭވަރަށް އަނޫފް ބުނެލިއެވެ.

"މަށެއް ނުބުނަމޭ. މަށަށް ކިހިނެއްތަ އެނގޭނީ އޭނަ ސުމާއާއެކު އަންނާނެކަމެއް. މަދެކެ ރުޅި އައި ގޮތަށް ރަނގަޅަކަށް ވާހަކަ އެއް ވެސް ނުދައްކައޭ…" ރާދިން ބުނެލިއެވެ.

"އޭނަ ރަނގަޅު މަޤްސަދެއްގައެއް ނޫންކަންނޭނގެ އެ އައީ. މައާލްއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާއޯ…" އަނޫފްގެ އެ ވާހަކައާއެކު، ރާދިން އިތުރަށް ނުތަނަވަސް ވާގޮތްވިއެވެ.

"އެހެން ހަދާކަށް އޭނާއަކަށް ނުކެރޭނެ! އަހަންނަށް ޔަޤީން ހަމަ!" ރާދިންއަށް ބުނެވުނީ އެވަރަށެވެ. ސަޖާ އައިސް އެ އެންމެންގެ ކައިރީގައި މަޑުކޮށްލިއވެ.

"މަ ފެނުނީމަ ހާދަ ހައިރާނެއް ތިވީ ރާދިން. މަގޭ ކައިރީގައި ނުބުނެ އެހެން އެންމެނަށް އިންވައިޓް ކޮށްގެން ހީވަނީތަ އަހަރެން ނައިސް ހުންނާޔޭ." ރާދިން އޭނާއަށް ބަލައިލި ގޮތުން ސަޖާއަށް އޭނާގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަަން ދަތިވިއެވެ. އޭނާ ވަށައިގެން އެގެއަށް ބަލައިލިއެވެ. ރާދިން އޭނާ އެކަނިކޮށްލާފައި އެ މައާލް ގޮވައިގެން އުޅެނީ މި ގަނޑުވަރުގައިހެއްޔެވެ؟ ރާދިންގެ ހާދަ ގޮތެއް ނެތެވެ. ރާދިން ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ އެހާ ފަސޭހައިން އޭނާގެ ކިބައިން ސަލާމަތް ވެވިދާނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. ރާދިންއަށް އަދިވެސް ޖެހޭނީ އޭނާ ޖަހާހާ ބެރަކަށް ނަށާށެވެ. އޭނާއަށް ބޭވަފާތެރިވެފައި އެހެން މީހަކާ އެކީ އުފަލުގައި އުޅޭކަށް ރާދިންއަށް ލާހިކެއް ނޫނެވެ.

"ނޫނޭ ސަޖާ…" އެންމެންގެ ތެރޭގައި ސަޖާއާ ޖަދަލުކުރާކަށް ރާދިން ބޭނުމެއް ނުވިއެވެ.

"އެބަ އަންނަން އިނގޭ… " އެންމެން ގާތު އިށީންނަން ބުނެފައި ރާދިން ސަޖާގެ އަތުގައި ހިފައިގެން ދުރަށް ޖެހިލިއެވެ. ބޭރު ދޮރުން ނުކުމެފައި އޭނާ ސަޖާގެ އަތުން ދޫކޮށްލިއެވެ.

"އެންމެންގެ ތެރޭގައި ކީއްވެ ތިހެން ތި ވާހަކަ ދައްކަނީ؟" ރާދިން ސުވާލުކޮށްލިއެވެ.

"ކިހިނެއްވީ؟ އަހަރެން އެހެން ނުބުނިއްޔާ އެހެން މީހަކަށް ނޭނގޭނީތަ؟ އެންމެން ގެނެސް މި ގަނޑުވަރަށް ވައްދާފަ، މަގޭ ކައިރި ނުބުނީމަ އެމީހުންނަކަށް ނޭނގޭނެތަ އަހަރެމެން މައްސަލަޖެހިގެން އުޅޭކަމެއް؟" ސަޖާ ބުނެލިއެވެ.

"ސަޖާ! ކިހިނެއް ތި ވާހަކަ ދައްކަނީ؟ އަހަރެން ކިހާ ވަރަކަށް ސަޖާގެ ކައިރިއަށް ގޮސް އާދޭސް ކުރިންތަ؟ އެއިން އެއްވެސް ފަހަރު ސަޖާ އަހަންނަށް ފުރުސަތެއް ދިނިންތަ؟ ނުދެމެއްނު. ސަޖާ އަހަރެން ކައރިން އެދުނީ މައާލް ވަރިކުރަން. ސަޖާ ކިތަންމެ ރުޅި އަޔަސް އަދި އެއް އެކަން ކުރެވޭކަށް އަހަންނަކަށް ނެތް."

"އަހަންނަށް މާ ރަނގަޅަށްވެސް އެނގޭ ރާދިންއަށް އެކަން ނުކުރެވޭނެކަން. އެހެންވީމައެއްނު އެ އަންހެނާ ގެނެސް މި ގަނޑުވަރުގައި ރާނީއެއްހެން ގެންގުޅޭނީ. ލޯބިވަނީ އަހަރެން ދެކެއޯ. އެކަމަކު އަހަރެން އުޅެން މިޖެހެނީ ކުޑަ ގޮޅިއެއްގަ. ލޯބިނުވާ މީހާއަށް ހުރިހާ ޚިދުމަތެއް ލިބޭހެން ބޮޑު މެހެލްއެއްގައި." ސަޖާ ދަތްކުނޑި ވިކައިލިއެވެ.

"އެކަމަކު ސަޖާ! ކިހިނެއްތަ ވީ؟ އަމިއްލައަށް ވިސްނާލީމަ ވެސް ނޭނގޭތަ އަހަރެން މައާލްއާ އެކީ އެކަނި ބަދަލުވި ސަބަބެއް؟ މަށަށް މިނިވަންކަމާއެކު ސަޖާގެ ކައިރިއަށް ބޭނުން ވަގުތަކު ގޮސް، ވަގުތު ދޭން ފުރުސަތު ހޯދަންވެގެން. ބައްޕަ ކައިރީގައި އަހަރެން ހުއްޓާ އެ ފުރުސަތު ލިބޭނެހެން ސަޖާއަށް ހީވޭތަ؟ މަ މައާލްއަށް ބިރުދައްކައިގެން ވަކިން ބަދަލުވީ. ދެން މި ގަނޑުވަރަށް މައާލް ގެނައިއްޔޭ ކިޔާއިރު ވިސްނާލަބަލަ! މަގޭ ބައްޕަ މައާލް ގޮވައިގެން އެޕާރޓްމެންޓަކަށް ގޮސް އުޅެން ގަބޫލުވާނެތަ؟ މަ ބޭނުންވެގެންތަ މިތަނުގައި އޭނަ ގޮވައިގެން މިއުޅެނީ. މަ އުޅެނީ އަބަދުވެސް މަށާ ސަޖާއަށް ރަނގަޅު ގޮތެއް ހޯދަން. އެވަރު ނުވިސްނިގެން އައިސް އަހަރެންގެ އެކުވެރިން ކުރިމަތީގައި ކޮންމެހެން މަގޭ އަގު ވައްޓާލަން އުޅޭނެކަމެއް ނެތް." ރާދިންގެ ގާތަށް ރުޅި އައެވެ.

"އަހަރެންގެވެސް އޮންނަނީ ހިތެކޭ. ކިހިނެއް ކެތްވާނީ މިހެން އަބަދު އުޅެން." ސަޖާ ފަސް އެނބުރުނެވެ. އައިސްފައި ހުރި ރުޅިން ކަރުނަތައް އެ ދެ ލޮލުގެ ތެރެއަށް ޖަމާކުރުންވެސް އޭނާއަށް ވީ އުނދަގޫކަމަށެވެ. އަޑަށް ހިތާމަވެރިކަން ގެނައި ނަމަވެސް، ކަރުނައެއް ނައެވެ. ސަޖާގެ ބަސްމަގު ބަދަލުވެގެން ދިޔުމާއެކު ރާދިން ފުންނޭވާއެއް ލިޔެވެ.

"އައި އެމް ސޮރީ…" ސަޖާ އެހެން ބުނެލާފައި ފަސް އެނބުރުނެވެ. އޭނާ ރާދިންގެ ގައިގައި ބައްދާލާފައި ތަކުރާރުކޮށް މާފަށް އެދުނެވެ.

މައާލް ވަރިކޮށްފައި އަހަރެންވެސް މިގޭގައި ގެންގުޅޭނެކަމަށް ވައުދުވޭ ރާދިން." ސަޖާ ބުނެލިއެވެ.

"މިގެއަށް ވުރެ ރީތި މާ ބޮޑު ގެއެއްވެސް ލިބިދާނެ!" ރާދިންވެސް އިތުރަށް ޖަދަލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ސަޖާ ދުރުކޮށްލާފައި ވާހަކަ ދެއްކިއެވެ.

"އަހަރެމެެން ދެމެެދު މައާލްގެ ސަބަބުން މައްސަލަޖެހެންވީ ކީއްވެ؟ އަހަރެމެން ދެމެދު ގުޅުމެއް އޮންނަ ނަމަވެސް އެންމެ ރަނގަޅު. ދެން ތިހެން ވެގެން ނުވާނެ! އިނގޭ! އަހަރެން މިރޭ ސަޖާއަށް ދައުވަތު ނުދިނީ ސަޖާ އަހަރެންގެ މޫނު ދެކެން ބޭނުންނުވާތީ…" ރާދިން ބުނެލިއެވެ. ހަޤީގަތުގައި އޭނާ ހުރީ ސަޖާ ރުޅިއައިސް ހުއްޓައި އެގެއަށް ނުގެންނަން ވެގެންނެވެ. އަންނަ ރުޅީގައި މައާލްއަށް ހަަޤީގަތް ކިޔައިދޭންވެސް ސަޖާ ފަސް ނުޖެހޭނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. އޭނާ ހުރީ ސަޖާ ހަމަޖެހުމުން އެގެއަށް ގެންނަން ނިންމައިގެންނެވެ.

މައްސަލަ ހައްލުކޮށްފައި ދެމީހުން އެތެރެއަށް ވަތްއިރު، އެހެން އެންމެން އުޅެނީ ޓީވީ އަޅުވައިގެންނެވެ. އެކި އެކި ސަކަރާތުގައި އެންމެން އުޅުނެވެ. ވިޝާމްގެ އިތުރުން، އަނޫފް ނޫން އެހެން އެންމެންގެ ލޯބިވެރިންވެސް އެތަނުގައި ތިއްބެވެ.

ކުޑަކޮށް ނިދިފައި އޮތް މައާލްއަށް ހޭލެވުނުއިރު، އޭނާގެ ބޮލުގައި ރިހުމެއްގެ އަސަރު ހުއްޓެވެ. އޭނާ އެނދުން ތެދުވެލުމަށްފަހު، ރާދިންއަށް ދެފަަހަރަކު ގޮވައިލިއެވެ. ހުޅުވާފައިހުރި ޓީވީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު ރާދިން ބޭރުގައިވީކަން އޭނާއަށް އެނގުނެވެ. އެނދުން ތެދެވެފައި، ތަންތަނުގައި ހިފައްޓަމުން ގޮސް މައާލް ކޮޓަރީގެ ދޮރު ހުުޅުވައިލިއެވެ. އޭރު ޖަހާފައިހުރި ލަވައިގެ އަޑުން މުޅިތަނަށް ގުޑުން އަރާފައިވާފަދައެވެ. އެ އަޑުން މައާލްގެ ބޮލުގެ ރިހުން އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ.

"ރާދިން! ރާދިން!" ރާދިންއަށް ގޮވަމުން މައާލް ހިނގައިގަތީ ބޮޑު ކޮޓަރިއާ ދިމާލަށެވެ.

ރިމޯޓް އޮތީ ނަސީފް އަތުގައެވެ. އެންމެ ފުރަތަމަ އެ ދިމާލަށް އަންނަމުން ދިޔަ މައާލް އަޅައިގަތީ އޭނާގެ ލޮލުގައެވެ. ޓީވީގެ އަޑު މަޑުކޮށްލުމާއެކު، ނަސފް ރަނގަޅަށް މައާލްއަށް ބަލައިލިއެވެ.

"އޭ. ކީއްވެ މަޑުކުރީ…." ސުމާގެ އަތުގައި ހިފަހައްޓައިގެން ނަށަމުން ދިޔަ ލީވާން، ބުނެލިއެވެ. އެންމެންގެ ނަޒަރު މައާލްއަށް ހުއްޓޭކަށް ގިނައިރެއް ނުނެގިއެވެ. ރާދިންގެ އަތުގައި ހިފައްޓާލައިގެން ރާދިންގެ އުނގުމަތީގައި ކަހަލަ ގޮތަކަށް އިން ސަޖާގެ ނަޒަރު ވެސް އެ ދިމާލަށް ހުއްޓުނެވެ. އެންމެންގެ އަޑު ވަގުތުން މަޑުވިއެވެ. ފަހަރަކު މީހަކަށް އެކަކު އަނެކަކުގެ މޫނަށް ބެލެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

"ރާދިން! ބަޔަކު އުޅެނީތަ؟ ރާދިން…" މައާލް އަނެއްކާވެސް ގޮވައިލިއެވެ. ރާދިން އެއްޗެއް ނުބުނުމުން އޭނާ ކުޑަކޮށް ހާސްވާ ގޮތްވިއެވެ.

"މައާލް! ކީއްކުރަން ނިކުތީ؟" ރާދިން ސަޖާ ދުރުކޮށްލާފައި، ތެދުވެގެން ގޮސް މައާލްގެ ކުރިމަައްޗަށް ހުއްޓި ސުވާލުކޮށްލިއެވެ.

"އަހަރެން…" އެެހެން ބުނެލާފައި މައާލް ރާދިންގެ އަތުގައި ހިފައްޓާލިއެވެ. އެ މަންޒަރު ފެނުނު ސަޖާގެ ދެ ބުމަ ގޮށްޖެހުނެވެ. ރާދިން މައާލްގެ އަތް އޭނާގެ އަތުން ނައްޓައިލިއެވެ، އެ އަމަލުން މައާލް އަށް ހައިރާންކަން ވެރިވިއެވެ.

އަނޫފްއަށް ވެސް ބެލެނީ ފަހަރަކު މީހެއްގެ މޫނަށެވެ. އެންމެންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އޭނާއަށް ފަހުމްވަމުން ދިޔައެވެ. ފުންނޫވާއެއް ލަމުން ނިތުގައި އަތް ޖައްސާލެވުނީ އެހެންވެއެވެ. އެންމެން އެގެއަށް ގެންނާތީ އަނޫފް އެ ވާހަކަ ރާދިންއާ ދެއްކިއެވެ. މައާލް ފެނުމުން އެމީހުންގެ ސުވާލުތައް ރާދިންއާ އަމާޒުވާނެކަމަށް ބުނިނަމަވެސް، ރާދިން އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

"ހިނގާ ރޫމަށް…" އެހެން ބުނެލާފައި ރާދިން މައާލްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"ބަޔަކު އުޅެނީތަ ރާދިން؟" ދަމުން ދަމުން މައާލް ސުވާލުކުރިނަމަވެސް، ރާދިން ޖަވާބެއް ނުދިނެވެ.

"އިޒް ޝީ ބްލައިންޑް؟" ލީވާންއަށް ސުވާލުކޮށްލެވުނެވެ.

"ޝީ އިޒް… އޯ ގޯޑް…" ނަސީފްއަށް ވެސް ބުނެވުނެވެ.

"އަނުއްޕެ. ކަލޭއަށް އެނގޭދޯ…" ނަސީފް އަނޫފްއަށް ބަލައިލުމުން އަނޫފް އެއްޗެއް ނުބުނެއެވެ.

"އެނގޭތީ އޭނަ އެއްޗެއް ނުބުނަނީ." ޒިޔާދު ބުނެލިއެވެ. އެންމެން ވާހަކަ ދެއްކީ ރާދިންއާ މައާލް ލޯމަތިން ގެއްލުމުންނެވެ. އެ ހުރިހާއިރު އެއްޗެއް ނުބުނެ އިން ވިޝާމްއަށް އޭރުވެސް ބެލެމުން ދިޔައީ ރާދިންއާ މައާލްއާ ދިޔަ ދިމާލަށެވެ.

"ޝީ އިޒް… ބިއުޓިފުލް…" ޚިޔާލީ ދުނިޔެއެއްގައި އިނދެ ވިޝާމްއަށް ބުނެވުނެވެ.

"ދޯ… ރާއްޖެ ކުއްޖެއްތަ؟" ވިޝާމްގެ ކޮނޑުގައި ޖަހާލަމުން ޒިޔާދު އަނޫފްއަށް ބަލައިލިއެވެ.

"ބުނެބަލަ! ކަލޭއަށް އެނގޭނެ. އޭނަގެ ލޯ ދެކުނިންތަ؟ އަނދިރިޔަސް އެ ލޯ….." ސުމާއަށް ވެސް އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ.

"ޝީޒް މޯލްޑިވިއަން. އެވަރު މަށަށް ވެސް އެނގެނީ. އިތުރު އެއްޗެއް ނޭނގެ." އަނޫފް ބުނެލިއެވެ. އެ އެންމެންގެ ވާހަކަތައް އަޑު އަހަން އިން ސަޖާގެ ރުޅިގަނޑު ހިލެމުން ދިޔައެވެ.

ކޮމެންޓް 0