"ހާދަ ރުޅިއެއް ތިއަންނަނީ އަހަރެން ދެކެ ލަވް. ރާދިން އެއް ނާންނާނެ މިރެއަކު. އަހަންނާ ވާހަކަ ދައްކާލުން މާ ރަނގަޅުވާނެ!" މައާލްގެ އަތުގައި ހިފައްޓައިގެން ހުރެ ވިޝާމް ވާހަކަ ފެއްކިއެވެ.

"ހަމަ މިހާރު ދޫކުރޭ!" މައާލް ބުނެލިނަމަވެސް، އެ އަޑަށް ވިޝާމް ސަމާލުކަމެއް ނުދިނެވެ. އޭނާ މައާލްގެ އަތުން ދުލެއްވެސް ނުކުރިއެވެ. ހީވާކަހަލައެވެ. ވިޝާމް ހުރީ އެވަގުތުގެ ފައިދާ އޭނާ ބޭނުންވާ ގޮތަކަށް ހިފާށެވެ. ވިޝާމްގެ އެ އަމަލުތަކަށް ނިމުން އައީ އޭވާ އައި ގޮތަށް އައިސް މައާލް ވިޝާމްއާ ދުރުކޮށްލުމުންނެވެ. އޭވާ ރުޅިވެރިކަމާއެކު ބަލައިލަމުން ރާދިންގެ ކައިރީގައި ހުރިހާ ވާހަކައެއް ބުނާނަމޭ ބުނެލިއެވެ. އިންޒާރުގެ ބެލުމަކުން ބަލައިލުމަށްފަހު، ވިޝާމް އެތަނުން ދާން ހިނގައިގަތުމުން، އޭވާ މައާލްއާ ސުވާލުކޮށްލިއެވެ.

"މެޑަމް އޯކޭ؟" އެ ސުވާލަށް މައާލް ހަމަ އެކަނި ބޯ ޖަހައިލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ވިޝާމް ގޮސް އޮބާލަންދެން ބަލަން ހުރުމަށްފަހު، އޭވާ މައާލް ގޮވައިގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އޭރު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ގޭގެ ނޯކަރު ކުއްޖެއްކަމުގައިވާ މޭރީ އޭނާގެ ގާތުގައި ބުނެފައިވާ ވާހަކައެކެވެ. މޭރީ ބުނީ ރާދިންއާއި އެގެއަށް އަންނަ އަންހެން ކުއްޖަކާ ނޭދެވޭ ގުޅުމެއް އޮންނަ ވާހަކައެވެ. ރާދިންއާ އެ އަންހެން ކުއްޖާގެ ގައިގޯޅި މަންޒަރުތަކެއްވެސް ފެނިފައިވާ ކަމުގައެވެ. ޚުދު އޭވާއަށްވެސް އެކަންތައްތަކަށް ޝައްކުވެއެވެ. އެހެންނަމަވެސް އޭނާ ހިމޭންކަން ޚިޔާރުކުރީ އޭނާއާއި ރާދިންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުންނެވެ. އެ ވަޒީފާ އޭނާއާއި ހަވާލުކުރުމުގެ ކުރިން ރާދިންވަނީ އޭނާ އުޅޭ ނޫޅޭގޮތް މައާލްއަށް ނުކިޔައިދޭން ބުނެފައެވެ. އަދި ފެންނަ މަންޒަރުތައް ނުފެންނަކަމަށް ހަދަން ބުނެފައެވެ. އެގޭ ތެރޭގައި ހިނގާ އެއްވެސް ކަމެއް ހަތަރު ފާރުން ބޭރުވެގެން ނުވާނެކަމުގައި ބުނެ ރާދިން ވަނީ އޭނާއަށް އިންޒާރެއް ދީފައެވެ. އެ ހުރިހާކަމެއްގެ ފަހަތުގައިވަނީ ރާދިންގެ އެ ފަދަ ގޮތެއްނެތް އަމަލުތަކެއްކަމެއް އޭރު އޭނާއަކަށް ނޭނގެއެވެ.

މިރޭ އެވާހަކަ މައާލްއާ ހިއްސާކުރަންވެސް އޭވާ ބޭނުންވިއެވެ. އެހެންނަމަވެސް، މައާލްގެ ކައިރީގައި ބުނާނީ ކީކޭކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަކީ އެގޭގެ ނޯކަރެކެވެ. ހަމައެކަނި މައާލްއަށް ޚިދުމަތްކުރަން ބަހައްޓާފައި ހުންނަ މީހެކެވެ. އެމީހުންގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ތެރެއަށް ނުވަންނަން ހިތު ލައިގެން ހުރިނަމަވެސް، މައާލްއާ ދޭތެރޭ ބޭއިންސާފުން ކަންވަމުންދާތަން ބަލަން ހުންނަން އޭވާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކަ މައާލް ގަބޫލުނުކޮށްފިނަމަ ވަޒީފާ ގެއްލި ބިކަވާނީވެސް ހަމަ އޭނާއެވެ. ވުމާއެކު އެންމެ ރަނގަޅު ގޮތަކީ ހަނު ހުރުމެވެ.

މައާލް އާއެކު ގޮސް ކޮޓަރިއަށް ވަނުމަށްފަހު، އޭވާ އެދުނީ ނިދާލުމަށެވެ. މައާލް އެނދުގައި ބާއްވާފައި އޭވާ ބަގީޗާއަށް ނުކުމެލީ ރާދިން މެން އުޅޭ ނޫޅޭ ގޮތެއް ބަލައިލުމުގެ ބޭނުމުގައެވެ. ރާދިންމެން ސަކަރާތުގައި އުޅޭތަން ބަލަން ހުރުމަށްފަހު، އޭވާ އެތެރެއަށް ވަނީ ރާދިންގެ އެކުވެރިޔާގެ ފަރާތުން މައާލްއަށް ކުރިމަތިވީ އުނދަގޫ، ވަގުތެއް ހޯދައިގެން ރާދިންއާ ހިއްސާކުރަން ހިތުލައިގެންނެވެ.

ބާބިކިއު ނިންމާލާފައި އެތައް އިރަކު ސަކަރާތްޖަހަން ތިބެފައި އެންމެން ގެއަށް ދިޔައިރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ރާދިން ސަޖާ ގެއަށް ލާފައި އައިސް އިރުކޮޅަކު ސޯފާގައި މަޑުކޮށްލިއެވެ. އެއަށްފަހު، އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ނިދިފައި އޮތް މައާލްގެ ކައިރިއަށް ޖެހިލާ އެ ނިތުގައި އަތް ޖައްސާލީ ހުން ހުރިތޯ ބަލައިލުމުގެ ނިޔަތުގައެވެ. ހުން ނެތުމުން ހިތްހަމަ ޖެހުނުނަމަވެސް، މައާލް ހުރީ ރޯގާ ޖެހިފައިކަން ރާދިންއަށް އެނގުނެވެ. އޭނާ އޭސީ ދަށްކޮށްލާފައި ގޮސް ފެންވަރާލައިގެން ނުކުމެ އެނދުގެ އެއްފަރާތުގައި އޮށޯވެލިއެވެ. އެހެން އޮތްއިރު އިރުކޮޅަކާ މައާލްއަށް ބަަލައިލެވެއެވެ. އެމޫނުމަތިން އެ ފެންނަ މައުސޫމްކަމުގެ ސަބަބުން އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.

ސާދާގެ ވާހަކަތަށް ހަނދާންވުމާއެކު އެ ވާހަކަތަކާ މެދު ރާދިންއަށް ފުންކޮށް ވިސްނެން ފެށިއެވެ. ސާދާ އެބުނީ ތެދެކެވެ. އޭނާ މައާލްގެ މައުސޫމްކަމުގެ ފައިދާ ނަގަނީއެވެ. މައާލްގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގަނީއެވެ. މައާލް އޭނާއަށް ފުރިހަމައަށް އިތުބާރުކުރާ އިރު އޭނާއަށް ސަޖާއާއެކު އެ އުޅެވެނީ ރަނގަޅަކަށް ނޫނެވެ. އަދި އެވެސް މައާލްގެ ގޭގައެވެ. އެ އިތުބާރު ގެއްލިއްޖެނަމަ ދެން އަނބުރާ އޭނާއަށް ލިބިދާނެހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް މައާލް އަކީ އޭނާގެ އަނބިމީހާއެވެ. މައާލްއާ މެދު އެ ހިތުގައިވެސް އިޙްސާސްތަކެއް އެބަ ވެއެވެ. އެއީ ލޯބިކަން ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ރާދިން އެ ހިތަށް ވިސްނައިދެނީ އެއީ ހަމައެކަނި ހަމްދަރުދީއާ އިންސާނިޔަތު ކަންކަމުގައެވެ. އެހެންނަމަވެސް އޭނާއަށް ނޭނގުނުކަމަކީ ދާދި އަވަހަށް އެ ހިތުގައި މައާލްއާ ދޭތެރޭގައި ވަނީ ލޯބިކަން އެ ހިތަށް އިލްހާމުވެގެން ދާނެކަމެވެ.

ނިތުގައި އަތް ޖައްސާލައިގެން ނުނިދިފައި އޮތް ރާދިންގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ހާސްކަމުގެ ސަބަބުން ހަތަރުފަރާތުން މީހާ ފިތިގެން ދާ ފަދަ އިޙްސާސްއެއް ރާދިންއަށް ކުރުވިއެވެ. ސިކުނޑިއާއި ހިތާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި އޭނާގެ ނަފްސު ވެސް ހީވަނީ އޮޔާދާހެންނެވެ. އެއްފަރާތުގައި ހުރީ މައާލްއެވެ. އަނެއްފަރާތުގައި ސަޖާއެވެ.

*****

ޖެހިގެން އައި ދުވަހަކީ ބަންދު ދުވަހެއްކަމުން ރާދިންވެސް އޮފީހަކަށް ނުދެއެވެ. ހަވީރު ވީފަހުން އޭނާ ބަގީޗާއަށް ނުކުމެލިއެވެ. ސްވިމިން ޕޫލް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، މައާލްއާ ދެމީހުން އޭގެ ތެރޭގައި ހޭދަކުރި އުފާވެރި ވަގުތުގެ މަތިން ހަނދާންވެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި ކޮފީ ޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީނދެލުމަށްފަހު، ރާދިން ފޯނު ނެގިއެވެ. އޭރު އަނޫފްގެ މެސެޖެއް އޭނާއަށް ލިބިފައި އޮތެވެ. "ފްރީވެގެން" ހަބަރެއް ވާން ބުނެފައި އޮތްތަން ފެނި އޭނާ ފޯނުން އަނޫފްއަށް ގުޅައިލަން އުޅެފައި ވެސް މަޑުޖެހިލީ އޭވާއާއެކު، އެ ދިމާލަށް އަންނަމުން ދިޔަ މައާލް ފެނިފައެވެ. މައާލް އައުމާއެކު އޭނާ ގޮނޑީގައި މައާލް ބެއިންދިއެވެ. އެއްވެސް އެއްޗެއް ބޭނުންތޯ އޭވާ އެހުމާއެކު މައާލް އަދި ރާދިންވެސް އިތުރު އެއްޗެއް ބޭނުން ނުވާކަމުގައި ބުނުމުން އޭވާ އެތަނުން ދިޔައީވެސް ރާދިންއަށް ފުން ނަޒަރަކުން ބަލާލާފައެވެ. އެ ވާހަކަ ރާދިންގެ ކައިރީގައ ބުނަން ބޭނުންވިޔަސް އަދި އޭނާއަށް ފުރުސަތެއް ނުލިބެއެވެ.

ރާދިންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް މައާލްއާ ވަތްކެއްނުވެއެވެ. އަނޫފް ދެއްކި ވާހަކަތައް ވެސް އޭނާގެ ސިކުނޑީގައިވެއެވެ. މައާލް ދުވަހަކުވެސް އޭނާ ދެކެ ލޯބިވާ ވާހަކައެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އަނޫފް ބުނި ހެން މައާލްގެ އެތަކެއް އިޝާރާތެއް އޭނާއަށް ލިބިފައިވެއެވެ. އޭނާގެ ފަރާތުން އޯގާތެރިކަމުގެ ފިރުމުމެއްގެ އަސަރު މައާލްގެ ހަށިގަނޑަށް ވެރިވާ ކޮންމެ ފަހަރަކު އެ އަތުގެ ތެރޭގައި މައާލް ބޮނޑިވެލާ ގޮތާއި އެ ތުންފަތަށް ވެރިވާ ހިނިތުންވުމެވެ. މައާލް ގެ ހިތުގައި އޭނާއަށް ދެވިފައިވާ އިޙްތިރާމާއި ގަދަރެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާގެ އެއްވެސް ނޭދެވޭ ސިފައެއް ފާޅުނުކުރުމާއި، އޭނާ ގެ ކޮންމެ އެދުމެއް ވީވަރުން ކޮށްދިނުމެވެ. ހައްތަހާވެސް އޭނާއަށް ކަމުދާ ސިފަތެކެވެ.

ރާދިން މައާލްއާ ވާހަކަ ދައްކަމުން ދައްކަމުން ތެދުވެލިއެވެ. އެއަށްފަހު، އޭނާ މައާލްގެ އަތުގައި ހިފައިގެން ބަގީޗާގައި ހިނގަން ފެށިއެވެ.

"މައާލް ބުނީމެއްނު ވަރަށް ހިތްހަމަ ޖެހޭ ކަމެކޭ މީ…" ރާދިން ބުނެލިއެވެ.

"ހަނދާންހުރޭދޯ ރާދިން!" މައާލް ގެ އަޑުން އުފާވެރިކަން ރާދިންއާށް އިޙްސާސްވިއެވެ.

"އަނބިމީހާ ވީމަ ހަނދާން ބަހައްޓަން ވާނެއެއްނު" ރާދިން ބުނެލީ ވަރަށް ފުންކޮށް މައާލްއަށް ބަލައިލަމުންނެވެ.

ހިނގަމުން ހިނގަމުން ގޮސް ރާދިން ހުއްޓުނީ ޕޫލް ކައިރީގައެވެ. އޭނާ މައާލްއާ ކުރިމަތިލުމަށްފަހު، އިސްޖަހާލައިގެން ހުރި މައާލްގެ އިސް އުފުލުވާލިއެެވެ. އެއަށްފަހު އިރުކޮޅަކު އެ ދެލޮލަށް ބަަލަން މަޑުކޮށްލިއެވެ. ހިތުތެރޭގައިވަނީ އެކުވެރިޔާގެ ވާހަކަތަކެވެ. މައާލް ދުވަހަކުވެސް އޭނާ ދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ.

"މީހަކު މީހަކު ދެކެ ލޯބިވާކަން އެނގޭނީ ކިހިނެއް؟" ކުއްލިއަކަށް ރާދިން ކޮށްލި ސުވާލާއެކު ކުޑަ ހައިރާންކަމެއް މައާލްއަށް ލިބުނެވެ.

"ބައިވަރު ކަންތަކުން. ލޯބިވާ ވާހަކަ ބުންޏަކަސް ނުނިމޭނެ. އަމަލުން އެކަން ދައްކަން ޖެހޭނެ. ލޯބިވަންޏާ އެކަން ނުބުންޏަސް ވެސް އަނެކާއަށް އިޙްސާސްވާނެ ބައިވަރު ކަންތައް ހުންނާނެ!" މައާލް ބުނެލިއެވެ. އެ ވާހަކަތަކާ މެދު އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ރާދިން މައާލް ގެ އުނަގަނޑުގައި ހިފާ އޭނާއާ ކައިރިކޮށްލިއެވެ. މައާލް ދުރުވާން ނޫޅުނުނަމަވެސް، އެ އަމަލުން މައާލްގެ ނޭވާ އަވަސްވެގެން ދިޔަކަން ޚުދު ރާދިންއަށް ވެސް ފާހަގަ ކުރެވުނެވެ. މައާލްގެ ދެލޮލުގައި ވިދަމުންދާ މަހިނޫރުގެ ބާރުގައި ރާދިންގެ ހިއްސުތައް ހޭލަމުން ދިޔަ ވަގުތު އޭނާ މައާލްއާ ސުވާލެއްކޮށްލިއެވެ.

"މައާލް އަހަރެން ދެކެ ލޯބިވޭތަ؟"

"ރާ…. ދިން…" ރާދިންގެ ފަރާތުން އުންމީދުވެސް ނުކުރާ ސުވާލެއް ކުރިމަތިވުމުން މައާލްއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.

"ބުނެބަލަ! ޑޫ ޔޫ ލަވް މީ…" އޭނާގެ ސުވާލު ރާދިން ދެވަނަ ފަހަރަށް ތަކުރާރުކޮށްލުމާއެކު، މައާލްއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ.

"ކީއްވެ އިސްޖަހަނީ؟ އަހަންނަށް މައާލްގެ ތި ދެލޮލަށް ބަލާލުމުގެ ފުރުސަތު ދީބަލަ!" ރާދިން ބުނެލިއެެވެ.

"ކުއްލިއަކަށް…"

"ބުނެބަލަ! ޑޫ ޔޫ ލަވް މީ؟" ރާދިންގެ އެ ސުވާލަށް މައާލް ބޯ ޖަހައިލީއެވެ. ހައިރާންވިނަމަވެސް، އޭނާއަށް ވެސް އެހިތުގައިވަނީ ލޯބިކަން މިހާރު ފަހުމްވެއެވެ. ޖަވާބު ދޭން ލަދުގަތްނަމަވެސް، މައާލް ހިތްވަރުކޮށްފައި ބުނެލިއެވެ. ރާދިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މައާލް އޭނާ ދެކެ ލޯބިވަންޏާ ދެން ހަދާނީ ކިހިނެއްހެއްޔެވެ. ސަޖާ މަތިން ހަނދާންވެ ނުތަނަވަސްވީ ހިނދުކޮޅަކަށެވެ.

"އާ. ރާދިން! އަހަރެން ރާދިން ދެކެ ލޯބިވޭ… އައި ލަވް ޔޫ…" އެ ވިސްނުންތަކުން ސިކުނޑި މިންޖުކުރުވީ މައާލްގެ އަޑުންނެވެ. އެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ ޖާދޫއެއް ވާހެންވެސް ރާދިންއަށް ހީވިއެވެ. އޭނާ މަޑުމަޑުން މައާލް ގެނެސް އޭނާގެ މޭގައި ފޮރުވާލިއެވެ. އެގޮތުގައި އެތަކެއް އިރަކު އޭނާ ހުއްޓެވެ. އެހެން ހުރިއިރު އޭނާ ވިސްނީ އެ ހިތުގައި މައާލްއާ މެދު ވަނީ ކީކޭކަމުގައެވެ. އެ ހިތުގައި މައާލްއާ މެދު ވާ އިޙްސާސްތަކާ މެދުގައެވެ. އެ ސުވާލުގެ ޖަވާބުގައި، ހިތުން، ލޯތްބޭ ބުނިނަމަވެސް، އެކަން ގަބޫލުކުރަން ރާދިން ދެކޮޅު ހަދަމުން ދިޔައެވެ.

"އަހަރެންގެ އުޅުމުންވެސް ރާދިންއަށް ޔަޤީންނުވާތީތަ ތި އަހަނީ… އަހަންނަށް އެނގޭ އެންމެ ފުރަތަމަ އަހަރެންގެ ކައިވެނި ހަމަ ޖެހުނީ ރާދިއު އާކަން. އަހަންނަށް އޭނަ ކަމުވެސް ދިޔަ. ވަރަށް ގާތް ގުޅުމެއް އުފެދުނު. އެ ވެދާނެ ލޯބިކަމަށްވެސް. ނޫނީ ދުވަހަކުވެސް ފިރިހެނަކާއި މެދު އެފަދަ ނަޒަރަކުން ނުދެކޭތީ މަންމަމެން ދެއްކި މީހާ ވީމަ ހިތުގައި އުފެދުނު ޖަޒްބާތަކަށްވެސް ވުން ގާތް. އެކަމަކު މިހާރު އަހަންނަށް ޔަޤީންކަމާއެކު ބުނަން ކެރޭ އަހަރެން ރާދިން ދެކެ ލޯބިވާކަމަށް. އޭރު ލޯބިވުމަކީ އަލުން ލޯބިވާން ނޭނގެންޖެހޭ ސަބަބެއް ވެސް ނޫނެއްނު." މައާލް ރާދިންއާ ދުރުވެލިއެވެ.

މައާލްގެ އެ ވާހަކައިގެ ފަހުން ރާދިންގެ ދޫ ހިމޭންވިއެވެ. އޭނާ މައުޟޫ އަނބުރާލީ އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުންނުވާތީއެއް ނޫނެވެ. އެކަމަކު ޚުދު އޭނާގެ ހިތުގައި ވާ އިޙްސާސްތައް ޔަޤީން ނުކުރެވޭތީއެވެ.

ދެމީހުން އެތަނުގައި އެތައް އިރަކު ތިބެފައި ގެއަށް ދާން ހިނގައިގަތީ މަޣްރިބް ނަމާދަށް ބަންގި ގޮވުމުންނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ރާދިންއާ މައާލްއާ ދެމެދު އޮތް ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އެކަމާ މައާލް ހުންނަނީ ހިތްހަމަޖެހިފައެވެ. އެ ދެމެދުގައި ވާ ދާއިރާ ހަނިވެއްޖެއެވެ. ދެމީހުން އެކަކު އަނެކަކަށް ބޭނުންވާން ފެށިއެވެ. ރާދިންގެ އަނގައިން ލޯބިވެޔޭ ނުބުންޏަސް އޭނާގެ އަމަލުތައް އެހާ އޯގާތެރިއެވެ.

ވިއްސާރަ ދުވަހެކެވެ. އޮފީހަށް ގޮސް ވަތް ރާދިންއަށް ފައިނޭންސް ޑިޕާރޓްމެންޓްގެ ފަރާތުން ކަންބޮޑުވާން ޖެހޭ ފަދަ ޚަބަރެއް ލިބުނެވެ. އެންމެ ފަހުން އެ ކުންފުނިން ހިންގަން ހަމަޖެހުނު ޕްރޮޖެކްޓުގެ ފައިނޭންސް މައްސަލައެއް ދިމާވެ އެ ޕްރޮޖެކްޓް މަޑުޖެހުނު ވާހަކައެވެ. ރާދިން އޭނާގެ ކެބިންއަށް ޑިޕާޓްމެންޓްގެ ހެޑް ހާޟިރުކޮށްފައި އެކަމާ ބެހޭ ގޮތުން އޮޅުން ފިލުވިއެވެ.

"ޒާހިދު ކައިރީގައި ބުނޭ އެ ޕްރޮޖެކްޓް ހަވާލުކުރިފަހުން ފައިނޭންސް ޑިޕާރޓްމެންޓުން އެއަށް ދޫކޮށްފައިވާ ފައިސާ އެނގޭގޮތަށް ހުރިހާ ސްޓޭޓްމެންޓްއެއް ބަލަން.."

"ޒާހިދު މިއަދު ނުދުރުވޭ…"

"އެހެންވިއްޔާ އަހަރެން ވެސް ބަލާލާނަން. އެ އެއްޗެހި މިހާރު މެއިލްކޮށްލަދީ…"

އޯކޭ ބޮސް…"

"އަދި މަޑުކޮށްބަލަ! ވެގެންވަންޏާ ފާއިތުވެ ދިޔަ ހަމަހުގެ ހުރިހާ ފައިސާގެ މުވާމަލާތެއް ފޮނުވާލަދީ. ކުންފުނިން ނަގާ، ޖަމާކުރިކަމުގެ ހުރިހާ އެއްޗެއް އެނގޭހެން. އަދި އެއީ ކޮން ކަމަކަށްކަންވެސް. " ރާދިން ޑިޕާރޓްމެންޓް ގެ ހެޑަށް އަމުރުކުރިއެވެ.

އެ ހުރިހާ އެއްޗެއް ހޯދުމަށްފަހު، ރާދިންއަށް މެއިލްކުރުމާއެކު އޭނާ، ފަހަރަކު އެއްޗެއް ބަލަން ފެށިއެވެ. އެ ޕްރޮޖެކްޓުގެ ކަންތައްތައް ބަލަމުން ދިޔަ ރާދިންއަށް ވަރަށް އާދަޔާ ޚިލާފް ކަމެއް ފާހަގަ ކުރެވުނެވެ. ފާއިތުވެ ދިޔަ ހަ މަސް ދުވަހުވެސް ކޮންމެ މަހަކު ކުރާ ބޭނުމެއް ނޭނގޭހެން ލައްކައިން ކުންފުނީގެ އެކައުންޓުން ރުފިޔާ ނަގާފައިވެއެވެ. ފުރަތަމަ ތިން މަހު ނަގާފައިވަނީ ހަތަރު ލައްކަ ރުފިގާއެވެ. ފަހު ތިން މަހުގައި ކޮންމެ މަހަކު ފަސް ލައްކަ ރުފިޔާއެވެ.

"ކޮން ބަޔަކަށް މި…"

"އާއްމުކޮށް ބޮޑެތި ފައިސާއާ ގުޅޭ ހުރިހާކަމެއްގައި ޑީލް ކުރާނީ ބޮސް… ޝާކިރު ބޮސް… ހުއްދަ ނުލިބި އެހާ ބައިވަރު ނުނެގޭނެ އެކައުންޓަކުން އިތުރަށް އެނގޭނީ ޒާހިދު ސާރއަށް. އަޑު އަހަން ޒާހިދު ސާރއަށް ހުއްދަ އޮވެޔޭ ކިޔާ އަޑު. އެކަމަކު ނޭނގޭ ހަޤީގަތެއް."

ރާދިން ޒާހިދުއަށް ގުޅަން އުޅެފައިވެސް މަޑުޖެހިލިއެވެ. ކުރިން ދުވަހު ޒާހިދު އޭނާ ފެނުމުން ލައްޕާލި ބްރިފްކޭހުގައި ހުރީ ފައިސާކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެއްވެސް ކަމަކަށް އެ ދުވަހު ޝައްކު ނުކުރީ ކުންފުނީގެ ބޭނުމަށް ނަގާ ފައިސާއޭ ހިތާއެވެ. ކުއްލިއަކަށް ރާދިންގެ ހިތުގައި ޝައްކު އުފެދެން ފެށުމުން އޭނާ ޒާހިދަށް ގުޅަން ބޭނުންނުވީ އަމިއްލައަށް އެކަންތައް ބަލާލާށެވެ.

"އެހެންވިއްޔާ އަހަންނަށް ގެނެސްދީ ފާއިތުވެދިޔަ ދެ އަހަރުގެ ރިޕޯޓްވެސް." ރާދިން އެހެން ބުނެލާފައި އޭނާ ފޮނުވާލިއެވެ. އެ ދުވަހުގެ ބާކީ ބައި ޕްރޮޖެކްޓްގެ ކަންތަކާ ޑީލް ކުރަން ހަދައިގެން އެ މައުލޫމާތުތަކެއް ރާދިންއަކަށް ނުލިބުނެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ވަނުމާއެކު އެ މައުލޫމާތުތައް ފައިނޭންސްއިން އޭނާއަށް ފޮނުވިއެވެ. ރާދިން އެއަށް ބެލިއިރު، ފާއިތުވި ދެ އަހަރު ވެސް ހަމަ އެގޮތަށް ފައިސާ ނަގާފައި ހުއްޓެވެ. އިތުރަށްވެސް ރާދިން ބެލިއެވެ. އެއަށްފަހު، އޭނާ އެ އެއްޗެހި ޕްރިންޓް ނަގައިގެން ހިނގައިގަތީ ޒާހިދުގެ ކެބިންއަށެވެ. އެތެރެއަށް ވަނުމަށްފަހު، ރާދިން ފައިލްތައް ޒާހިދުގެ މޭޒުމަތީގައި ބެހެއްޓިއެވެ.

"މީ ކޯންޗެއް ރާދިން؟" އެހެން ބުނެލާފައި ޒާހިދު އެ އެއްޗެއްސަށް ބަލަން ފެށިއެވެ. އެއާއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ. ގޮނޑިން ތެދުވުމާއެކު އޭނާ ރާދިންއަށް ބަލައިލިއެވެ.

"ވަރަށް ސާފުކޮށް އެނގޭ ކުންފުނީގެ އެކައުންޓުން ލާރި މަދުވަމުންދާކަން. އެކަމަކު ކޮންކަމަކު ކީއްކުރަން ކަމެއް ނޭނގޭ. އެ ސާފުކޮށްލަދީބަލަ!" ރާދިންގެ އަޑުގައި ނުރުހުންތެރިކަން ވެއެވެ.

"މައާލްގެ ބައްޕަ ނޫން މީހަކަށް ހުއްދަ އޮވޭތަ ފައިސާއާ ގުޅޭ މިފަދަ ކަންތައްތަކުގައި…" ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އިތުރު މީހަކު ނެގި ލާރިއެއް ނޫން މީ. އެ ވެސް އަހަރެން ބަލައިފިން.. ޒާހިދު ނަގާފަ ހުރި ލާރި.. ކޮބާ ބޭނުމަކީ" ރާދިން އޭނާ ބެލިމިންވަރުވެސް ހާމަކޮށްލަމުން ބުނެލީ ޒާހިދުގެ ހިމޭންކަމުން ...އުނދަގޫވެގެންނެވެ.

"މުދަލާއި ފައިސާ ބޭނުންވަނީތަ؟ މައާލް ބައްޕަ ނިޔާވީމަ އެކަމުގެ ނާޖާއިޒް ފައިދާ ނަގަނީތަ؟"

"ރާދިންއަށް ތިހެން އަހަންނާ ދިމާލަށް ނުބުނެވޭނެ. އަހަންނަށް ކުންފުނީގެ ފައިސާއާ ގުޅޭ ހުރިހާ ކަމެއް ކުރެވޭނެ! އެ ފުރުސަތު ރާދިންއަކަށް ވެސް އަދި އެއް ނެތް. އެކަމަކު އަހަންނަށް އެބަ އޮތް. "

"އަހަރެން ކަމާބެހޭ ފާރަތްތަކާ ވެސް ވާހަކަ ދައްކާކަން."

"ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކާ ކޯޓަށް ދިޔަޔަސް ކުރެވޭނެ ކަމެއް ނޯންނާނެ!" ޒާހިދު ބެލީ ވީހާވެސް މަޑުމައިތިރިކަމާއެކު، ވާހަަކަ ދެއްކޭތޯއެވެ.

"ޒާހިދުއަށް ކީއްވެގެން މި ހުރިހާކަމެއް ކުރެވެނީ. އެކަމަށް މައާލް ބައްޕަ ހުއްދަ ދިންތަ؟" ރާދިންގެ ރުޅި އަދިވެސް މަޑެއް ނުވެއެވެ. ޒާހިދު އުޅެނީ އޭނާގެ އަމިއްލަ ޖީބަށް ބަރުކުރާށެވެ. ހަމަ ހިލާ އޭނާ އެ ފުރުސަތެއް އޭނާއަކަށް ނުދޭނެއެވެ. ޒާހިދު ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަޑު އަހާކަށް ރާދިން ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޒާހިދަށް މަޖުބޫރުވީ އޭނާގެ ސިއްރެއް ރާދިންގެ ކުރިމަތީގައި ހާމަކޮށްލާށެވެ.

"އިތުރު ކަންތައްތައް އޮޅުން ފިލުވަން ބޭނުމިއްޔާ އާދޭ އަހަންނާއެކު." އެހެން ބުނެލާފައި ޒާހިދު ކެބިންއިން ނުކުމެ ލިފްޓާ ދިމާލަށް ހިނގައިަގެތެވެ. ލިފްޓުން އޭނާ އެރީ އެންމެ މައްޗަށެވެ. ޝާކިރުގެ އެޕާރޓްމެންޓަށެވެ. އެތަނަށް ވަނުމަށްފަހު، ޝާކިރުގެ ސްޓަޑީއަށް ވަނުމަށްފަހު އޭނާ ފޮތް ހަރުގަނޑު ދުރުކޮށްލިއެވެ. އެއަށްފަހު ފާރުގައި އިން ބައި ކަހާލާފައި އެތެރޭގައި ހުރި ސޭފް ރާދިންއަށް ދައްކާލިއެވެ. ރާދިންއަށް ހައިރާންކަމެއް ލިބުނެވެ. އެހާ ސިއްރުން ގެންގުޅެނީ ކޯންޗެއްތޯ ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ.

ކޯޑު ޖެހީވެސް ރާދިންއަށް ދައްކައިގެންނެެވެ. އެ ހުޅުވާލާފައި ބައެއް ފައިލްތައް ނަގައިގެން ގޮސް މޭޒުމަތީގައި ބަހައްޓަމުން އެއަށް ބަލާލަން އޭނާ ރާދިންގެ ކައިރީގައި އެދުނެވެ. އަދިވެސް ހައިރާންވެފައި ހުރި ރާދިންއަށް ބެލެނީ ސޭފް އަށެވެ.

ރާދިން ގޮސް އެންމެ މަތީގައި އޮތް ފައިލް ހުޅުވާލިއެވެ.

 

ކޮމެންޓް 0