ރާދިން ބަލަން ހުއްޓާ އެ މީހަކު، އިންތަނުން ތެދުވެގެން އައިސް އިށީނީ މާހިލް އިން މޭޒުގެ ކައިރީގައި ހުރި ގޮނޑީގައެވެ. އެއާއެކު، މާހިލްއަށް ވެސް އިސް އުފުލާލާ އެމީހަކަށް ބަލައިލެވިއްޖެއެވެ. އެއީ މެދު އުމުރުގެ މީހެކެވެ. އެއީ ހަމަ ގައިމުވެސް ކޮންމެވެސް ތަނަކުން ފެނުނު މީހެކެވެ. ރަނގަޅަށް ހަނދާންކޮށްލުމާއެކު، އެމީހަކު ފެނުނުތަންވެސް މާހިލްގެ ހަނދާނަށް އަތުވެއްޖެއެވެ.

އެއީ އެއް ދުވަހެއްގައި ބައްޕަގެ ސްޓަޑީއިން ނުކުމެގެން ދިޔަ ފިރިހެން މީހާއެވެ.

"އަހަންނަށް ތި މީހަކު، އެނގޭ އެއް ދުވަހެއްގައި އަހަރެމެން ގެއިން…" އެހެން ބުނެލާފައި މާހިލް މަޑުޖެހިލިއެވެ. އޭނާގެ ހަނދާން އޭނާ އެހާ ރަނގަޅަށް ހުންނަނީ އެ ދުވަހު އޭނާގެ ބައްޕަގެ ހާސްކަން ގުޅިފައިވީ އޭނާއާކަން އެނގުނީމައެވެ.

އެ މަންޒަރު ބަލަން ހުރި ރާދިންގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އެ ދިމާލަށް ދިޔުމުގެ ޙިޔާލު ދޫކޮށްލާފައި އެމީހުންނަށް ފެނުމުގެ ކުރިން އޭނާ ނުކުތީ ބޭރަށެވެ. އެއަށްފަހު، އޭނާ މާހިލްއަށް ގުޅައިލިއެވެ.

"މާހިލް…މާހިލް އެބަޖެހޭ ކުޑަކަމަކު އަންނަން." ރާދިން ބުނެލިއެވެ.

"އޯކޭ.. މިދަނީ…" އެހެން ބުނެލާފައި މާހިލް ފޯނު ބޭއްވިއެވެ.

"ސޮރި. އެކަމަކު އަހަރެން ދާން ޖެހިއްޖެ." ކުރިމަތީގައި އިން މީހާއަށް ބަލައިލާފައި އެހެން ބުނެލާފައި މާހިލް ތެދުވަން އަވަސްވެގަތުމުން، އެމީހާ ވާހަކަ ދެއްކިއެވެ.

"އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބައްދަލުވެލަން. ކޮންމެހެންވެސް މާހިލް އަޑު އަހާލަން ޖެހޭ ވާހަކައެއް މީ… " އޭނާގެ ބައްޕައަށް އެމީހަކު އެނގޭތީ އޭނާގެ ނަން އެނގުނުގޮތާ ބެހޭގޮތުން މާ ބޮޑު ހައިރާންކަމެއް ނުލިބުނު ނަމަވެސް، އެ ބުނި ބަސްތައް މާހިލްގެ ސަމާލުކަން އަތުލިއެވެ. އެހެންނަމަވެސް، އެވަގުތު އިތުރު ސުވާލެއް ކުރަން ވަގުތު ނެތުމާއެކު، އޭނާ "އެކްސް ކިއުޒް މީއޭ" ބުނެލުމަށްފަހު، ތެދުވެ ހިނގައިގަތެވެ. މާހިލް ގޮސް އޮބާލަންދެންވެސް އޭނާގެ ނަޒަރު މާހިލްއާ ވަތްކެއްނުވެއެވެ. ބަލަން އިންގޮތުން ހީވަނީ ބޮޑު ރޭވުމެއް ރާވާހެންނެވެ. މޭޒުމަތީގައި ދެ އިނގިލިން ޖަހަމުން ދިޔައިރު، އިރުއިރުކޮޅަކާ ދެބުމަ ގާތްކޮށްލައެވެ. ހީވަނީ ރުޅިއައިސްފައިވާހެންނެވެ.

އޮފީހަށް ދިޔައިރު، ރާދިން ވީ އޭނާގެ ކެބިންގައިކަމުން މާހިލް ލަސްނުކޮށް ދިޔައީ ރާދިންއާ ބައްދަލުކުރާށެވެ.

މާހިލްގެ އިންތިޒާރުގައި އިން ރާދިންއަށް މާހިލް އައިސް ގޮނޑީގައި އިށީނުމުންވެސް ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. އެހެންކަމުން އެހެން އިނދެލާފައި އިރުކޮޅެއްފަހުން ރާދިން ދިއްކޮށްލީ ލިޔުންތަކެކެވެ. އެ އެއްޗެއްޗާ ބެހޭގޮތުން ވާހަކަ ދައްކާކަން ބޭނުންވާކަމަށް ރާދިން ބުންޏެވެ.

"ކުރީ ދުވަހުވެސް އަހަރެެންގެ ޚިޔާލެއް ދިނީމެއްނު…"

"އެ ނޫން އިތުރު ގޮތެއް ހަދައިފިއްޔާ ގެއްލުންތަ ވާނީ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު މާހިލް ބޯ ޖަހައލިއެވެ. ރާދިންގެ މޫނުމަތިން ފެނުނު ހާސްކަމާއެކު ރާދިން އެ އުޅެނީ ކޮންމެވެސް އެހެން ކަމަކާ ކަންބޮޑުވެގެންކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާ އެކަމާ ސުވާލުކޮށްލިއެވެ.

"ދެންމެ… ދެންމެ މާހިލްއާއެކު އިން މީހާ ކުރިންވެސް އެނގޭތަ؟ އޭނަ އާ ބެހޭގޮތުން މާހިލްއަށް އެނގެނީ ކޯންޗެއް؟ އޭނަ ކީކުރަން މާހިލް ކައިރިއަށް ދިޔައީ؟" ރާދިންއަށް އެއްފަހަރާ އެތައް ސުވާލެއްކޮށްލެވުނެވެ. އޭނާއަށް މީގެ ކުރިން ދުވަހެއްގައިވެސް އެމީހަކު އެތާ ކައިރީގައި އެ ދެމީހުންނަށް ބަލަން ހުއްޓާ ފެނިފައިވެއެވެ. ރާދިންގެ ސުވާލާއެކު މާހިލްއަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

"ރާދިންއަށް ފެނުނުތަ؟" މާހިލްއަށް ސުވާލުކޮށްލުމާއެކު ވީ ގޮތް ރާދިން ކިޔައިދިނެވެ.

މާހިލް އިތުރަށް ހައިރާންވީ އެ ދެމީހުންނަށް ވެސް އެކަކު އަނެކަކު ދަންނަކަން އެނގުމުންނެވެ. އަދި އޭނާގެ ބައްޕައާ ވެސް ގުޅުމެއް އޮތްކަން ހަނދާންވުމުންނެވެ. ވެގެން މިއުޅެނީ ކީއްކަން ނޭނގުނުނަމަވެސް އޭނާއަށް ޔަޤީންވީ ބައްޕައެކޭ އެއްގޮތަށް ރާދިންއާ އެމީހާއާ ކޮންމެވެސް ގުޅުމެއް ވާކަމެވެ.

"އެއީ ކާކުކަން އަހަންނަށް ކިޔައިދީބަލަ، ހީވަނީ ރާދިން ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅޭހެން. އަހަންނަށް އެހީތެރިކަމެއް ދެވޭނީ އެނގުނީމައެއްނު." މާހިލް ވާހަކަ ދެއްކީ ގާތްކޮށެވެ. މި ވީ ދުވަސްކޮޅުގައި ރާދިން އޭނާއާ ގިނަ ކަންތައްތަކެއް ހިއްސާކުރި ނަމަވެސް، ބައެއްކަންތައްތައް ސިއްރުކުރާހެން ހީވަނީ ރާދިން ކޮންމެވެސް ކަމަކު ވަކިން އޭނާގެ ބައްޕައާ ބައްދަލުކުރާތީއެވެ. އެއީ ކޮން ވާހަކަތަކެއްކަން އެނގެން ބޭނުންވިޔަސް ސުވާލުކުރަން އޭނާއަކަށް ނުކެރެއެވެ. ރާދިންގެ އަމިއްލަ ސިއްރުތަކެއް ހުރެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ.

"ފުއާދު….. އޭނާގެ ނަމަކީ ފުއާދު." ރާދިން ހާމަކޮށްލިއެވެ.

"އޭނައާ ރާދިންއާ އޮތީ ކޮން ގުޅުމެއް." މާހިލްއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނުއިރު، ރާދިންގެ ޖަވާބުން އޭނާ އިތުރަށް ހައިރާންވިއެވެ.

"އެއީ މައާލްގެ ބޮޑުބޭބެ. މައާލް ބައްޕަގެ އެއްބަފާ ކޮއްކޮ… މާ ބޮޑު ގުޅުމެއް މައާލްމެންނާ އެއް އިރެއްގައިވެސް އޮތް މީހެއް ނޫން."

މާހިލްއަށް އިރުކޮޅަކު ރާދިންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ރާދިންގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެކެވެ. ރާދިންގެ އެ ނަޒަރާއި، އެ މޫނުމަތީގައިވާ އަސަރުތަކުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި އޭނާގެ ސިކުނޑިން އިޝާރާތްކޮށްލިއެވެ.

"އެހެންވީމަ އޭނަ އެގޮތަށް އަހަންނާ ވަކިން ބައްދަލުކުރުމުގެ މަޤްސަދެއް އެބައޮތް ދޯ…" އޭނާގެ ވިސްނުން ތޫނު ސިކުނޑިއަށް ވެރިވަމުން ދިޔަ ޙިޔާލުތަކުން މާހިލްއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ރާދިންގެ ޖަވާބަކަށް އޭނާ އިންތިޒާރުކުރަމުން ދިޔައިރު، ރާދިން ނުބުންޏެއްކަމަކު ކޮންމެވެސް ވަރަކަށް ވީ ގޮތް އޭނާއަށް ފަހުމްވެއްޖެއެވެ.

"އޭނަގެ މަޤްސަދަކީ މައާލްގެ ބައްޕަގެ މުދާގަނޑު… މި ހުރިހާ އެއްޗެއް." ރާދިންގެ އަޑުގައި ނުރުހުންތެރިކަން ވެއެވެ. ހަމަ އެއާއެއްވަރަށް ހާސްކަންވެސް މެއެވެ.

"އޭނަ ބޭނުންވަނީ ކޮންމެވެސް މީހަކު އޭނަގެ ކޮޅަށް އަރަން. އެކަން ކުރެވޭނީ، ކުންފުނީގެ ތެރެއަށް، ވަދެގެންކަން އޭނާއަށް އެނގޭ. އެހެންވީމަ އޭނައަށް ފުރުސަތު ނުދޭންވެގެން މިއަދު އަހަރެން މާހިލް މި ގެނައީ… މާހިލްގެ ސިކުނޑިއަށް އޭނަ ލާނީ ކޮންފަދަ ވިހައެއްކަމެއްވެސް ނޭނގެ. މާހިލްއަށް އެނގޭތަ؟ އޭނަ މާހިލް ބައްޕައާވެސް ބައްދަލުކުރި. މާހިލް ބައްޕަގެ ފަރާތުން އޭނާގެ މަޤްސަދު ހާސިލް ނުވާނެކަން އެނގުނީމަ މިހާރު އޭނަ އެ ދިމާކުރީ މާހިލްއާ." ރާދިންގެ ވާހަކަތައް މާހިލްއަށް ގަބޫލުކުރެވޭކަށް ގިނަ އިރެއް ނުނަގައެވެ.

"އަހަރެން ވަރަށް ރަނގަޅަށް ހަނދާންހުރޭ އޭނަ އަހަރެންގެ ބައްޕައާ ބައްދަލުކުރި ދުވަސް. އެހެންވީމަ ރާދިންގެ ވާހަކަތައް އަހަންނަށް ގަބޫލުކުރެވޭ. އެދުވަހު ބައްޕަގެ މޫނުމަތިން ފެނުނު ހާސްކަން ވެސް ހަނދާންއެބަހުރި." ރާދިން އެހެން ބުނުމުން އޭނާއަށް ފުއާދު ފެނުނު ދުވަހުގެ ވާހަކަ މާހިލް ކިޔައިދިނެވެ.

"ރާދިން ހާސްނުވޭ، އަހަރެން އޭނަގެ މަޅީގައި ނުޖެހޭނަން." މާހިލް އެ ޔަޤީންކަން ރާދިންއަށް ދިނުމުން ރާދިންއަށް ހަމަޖެހުމެއް ލިބުނެވެ. އެއީ އޭނާ އެންމެ ބިރުގަންނަ ކަންތަކެވެ. ޒާހިދަށް އިތުބާރުކުރެވޭ މީހަކަށް އެ މަޤާމު ދިނީވެސް އެހެންވެގެންނެވެ. އަދި ޚާއްސަކޮށް ޒާހިދުގެ ދަރިއަކަށް ވީތީއެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބާ މާހިލްއަށް ފޯނު ކޯލެއް އައެވެ. އޭނާ މީޓިންއަކަށް ދާން ޖެހުނީއެވެ.

މާހިލް ދިޔުމާއެކު ރާދިން އަނެއްކާވެސް ޚިޔާލުގެ ކަނޑެެއްގައި ޣަރަޤުވިއެވެ. ކުރަން ހުރި ބައިވަރު ކަންތައް އެބަ ހުއްޓެވެ. މައާލް ގޮވައިގެން ފަރުވާއަށް ރާއްޖޭން ބޭރަށް ވެސް ދާން ޖެހެއެވެ. ކުންފުނިން ފައިސާ ދޭން ޖެހޭ މީހަކުވެސް ހޯދަން ޖެހެއެވެ. އަދި މައާލްގެ ހަޤީގަތް މައާލްއަށް ކިޔައިދޭންވެސް އެބަ ޖެހެއެވެ. ވިސްނިވަރަކަށް އޭނާގެ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. މޭޒުގައި ބޯ އަޅައިލެވުނީ ބޮލުގައި ރިއްސަން ފެށުމުންނެވެ. ކުރަން ހުރި އެއްވެސް މަސައްކަތަކަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އެންމެފަހުން ސެކެޓްރީ ލައްވާ ކޮފީއެއް ގެނައެވެ. އެ ބޯން އިންދާ އޭގެ އިރުކޮޅަކުން ސެކެޓްރީ އައިސްފައި ޕްރޮޖެކްޓެއްގެ ކަމަކު ރާދިން، މާލެއިން ބޭރަށް ދެ ހަފްތާއެއްހާ ދުވަހު ދާން ޖެހިދާނެ ކަމަށް ބުންޏެވެ.

"ލަސްކުރެވޭކަށް ނެތްތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"އަލަށް ހަދާ ރިސޯޓް ހުޅުވުމުގެ ކުރިން އެކޮޅަށް ކޮންމެހެންވެސް ދާން އެބަޖެހޭ…" ސެކެޓްރީ ބުންޏެވެ.

"އަދިވެސް ބަލާލާ ލަސްކުރެވޭތޯ. އެންމެ ލަސް ޑޭޓެއް އަހަންނަށް އަންގާތި." އެހެން ބުނެލާފައި ރާދިން އޭނާ ފޮނުވާލިއެވެ.

ދިހައެއް ޖަހާލިއިރު، އުޑުމަތި ބަނަކޮށްލައިފިއެވެ. ވައިވެސް ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ. ރީތިވެގެން ބޭރަށް ދާން ނުކުތް މައާލްއަށް ފިނިކަން އިޙްސާސް ވިއެވެ.

"ވިއްސާރަ ހަދާފަ އޮތީ… މިގަޑީގައި މެޑަމް އޮފީސް ގޮއިންތަ؟" އޭވާ ސުވާލުކޮށްލީ ދެބަސް މަސްހުނި ކޮށްލައިގެންނެވެ.

"ކާރުގައި ދާނީ… ޑްރައިވަރު ނާދޭތަ އަދި؟" މައާލް ސުވާލުކޮށްލިއެވެ. ގިނަ އިރެއްނުވެ ޑްރައިވަރު އައިސް އެމީހުންގެ ކައިރިއަށް ހުއްޓުނެވެ. މިހާރު ރާދިންވަނީ ގެއަށް ޑްރައިވަރެއް ވެސް ހަމަޖައްސާފައެވެ. އޭނާ ބިޒީ ދުވަސްދުވަހު މައާލް ބޭނުންވެއްޖެނަމަ، ފޫހިވުމުން ކާރުގައި ތަންތަނަށް ގޮސްލިޔަސް އެންމެ ރަނގަޅުކަމުގައި ރާދިން ބުންޏެވެ. ހަޤީގަތުގައި ރާދިން ބޭނުންވީ މައާލް ގިނަގިނައިން މީހުންގެ ތެރެއަށް ނުކުމެ އުޅުމަށެވެ. މައާލް ގޭގެ ހަތަރު ފާރުގެ ތެރޭގައި ހޭދަކުރާ ވަގުތުތައް މަދުކުރުމެވެ. އެހެންކަމުން ހުސްވަގުތުތަކުގައި ޚުދު އޭނާވެސް މައާލް ގޮވައިގެން ބޭރަށް ދެއެވެ. އެކުގައި ތަންތަނަށް ކާން ގޮސްހަދައެވެ. ހިތް އުފާކޮށްލަން އެކިއެކި މައިޒާންތަކެއް ދެއެވެ.

ޑްރައިވަރު ދޮރުފަތް ހުޅުވާލުމާއެކު، މައާލް ކާރަށް އެރިއެވެ. ކާރުގެ މިސްރާބުހުރީ އޮފީހާ ދިމާލަށެވެ. އެ ހިސާބަށް އައުމުން ޑްރައިވަރު ކައިރީގައި ކާކު ޕާކުކޮށްލަން ބުނެލާފައި މައާލް އޭވާގެ އެހީތެރިކަމާއެކު އޮފީހަށް ވަންނަ ދޮރާ ދިމާލަށް ދިޔައެވެ. ސެކިއުރިޓީ މައާލް ހުއްޓުވީ އެއީ ކާކުކަން އޭނާއަށް ނޭނގޭތީއެވެ. މައާލްގެ ރީތިކަމާއި ދޮންކަމާއި، އެ ދެލޮލުގެ ކުލައިން އެއީ ދިވެއްސެއް ވައްތަރެއް ވެސް ނުޖަހައެވެ.

"މީ މައާލް… ރާދިންގެ ވައިފް…" މައާލްއަށް އެހެން ބުނެވުނުއިރު، މާހިލް އޮފީހުން ނުކުންނަން ވެގެން އެ ހިސާބާ އަރާ ހަމަވަނީއެވެ. މައާލްގެ އަޑު އިވުމާއެކު، އޭނާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އެއީ ލޯފަން އަންހެން ކުއްޖެކެވެ. ރާދިންގެ ފަރާތުން އޭނާގެ އަނބިމީހާ އަދި ޝާކިރުގެ ދަރިފުޅުގެ ނަން އެނގުނުނަމަވެސް، މައާލް ލޯ އަނދިރިކަމެއް އޭނާއަކަށް ނޭނގެއެވެ. ސެކިއުރިޓީއަށް މާހިލް ލޮލުން ކުރި އިޝާރާތް ފަހުމްވުމާއެކު، އޭނާ މައާލް ވަންނަން ތަންދެއްކީ އަދަބުވެރިކަމާއެކު ނަމަވެސް އޭނާގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ.

"އަހަރެންމީ. ލޯޔަރު މާހިލް…" މާހިލްއަކީ ކާކުކަން މައާލްއަށް ވަނީ ރާދިންގެ ވާހަކަތަކުން އެނގިފައެވެ. ރާދިން ކުންފުނީގެ ހުރިހާކަމެއްކަހަލަ ގޮތަކަށް އޭނާއާ ހިއްސާކުރެއެވެ. ހަޤީގަތުގައި މާހިލް ނުކުތީ ކަމަކު ބޭރަށް ދާންނަމަވެސް، އޭނާ ބޭނުންވީ މައާލް ރާދިންގެ ކައިރިއަށް ގެންގޮސްފައި ދިޔުމަށެވެ. މާހިލް މައާލްމެން ގޮވައިގެން ހިނގައިގަތްއިރު، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ، ކުދިންތައް މައާލްގެ ރީތިކަމަށް ތައުރީފް ކުރަން ފަށައިފިއެވެ. އެ އަންހެން ކުއްޖާއާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގުނަސް، މާހިލް އެމީހުންނާއެކު ދިޔުމުން ޚާއްސަ ބައެއްކަން އެންމެނަށް ވެސް އެނގިއްޖެއެވެ. އެންމެންގެ ލޮލުގައިވެސް އެންމެ ބޮޑަށް އަޅައިގަތީ މައާލްގެ "އެންބަރ" ކުލައިގެ ކަޅިއެވެ.

"ސަޕްރައިޒް ވިޒިޓެއްތޯ؟" މާހިލް ލިފްޓަށް އަރަމުން ސުވާލުކޮށްލިއެވެ. އެއާއެކު މައާލް އެއްޗެއް ނުބުނިނަމަވެސް، އެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމުން އޭނާއަށް އެކަން ޔަޤީންވިއެވެ. މައްޗަށް އަރާ ރާދިންގެ ކެބިން ދައްކާލާފައި މާހިލް ދިޔުމުން މައާލް ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭވާ މަޑުކޮށްލީ ބޭރުގައެވެ.

ދޮރު ހުޅުވާލުމާއެކު، އަލަށް ހުޅުވާ ރިސޯޓްގެ ލިޔުންތަކެއް ބަލަން އިން ރާދިން ދޮރާ ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ހައިރާންކަން ލިބުނު ރާދިން ފައިލް ލައްޕާލާފައި ގޮނޑިން ތެދުވިއެވެ.

"މާލް…" ރާދިން އަވަސް އަަވަހަށް ގޮސް މައާލްގެ އަތުގައި ހިފައްޓާލިއެވެ. ކަޅުކުލައިގެ ލެގިންސްއަކާއި ފެހިކުލައިގެ ޓޮޕްއެއްގައި ހުރި މައާލްގެ ފުރިހަމަކަމަށް އެ ވަގުތުކޮޅުވެސް ރާދިންއަށް ތައުރީފްކޮށްލެވުނެވެ. އޭނާ މައާލްގެ ކަންފަތް ދޮށުގައި އެވާހަކަ ބުނެލިއެވެ. މައާލް ހިނިތުންވެލިއެވެ.

"ތެންކިއު…"

"މާލް ކީކުރަން ތިއައީ؟ ފޫހިވީ؟ ވިއްސާރަވެސް ހަދާފަ އޮތީ..." އެހާ ބޮޑަށް ނުތަނަވަސްވެފައި ހުއްޓާ މައާލް ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ހުރިހާ ކަމެއްގެ މަތިން ރާދިން ހަނދާންނެތުނެވެ. އޭނާ މައާލްގެ އަތުގައި ހިފާލައިގެން ގޮސް ސޯފާގައި ބެއިންދިއެވެ.

"އޭވާ ކޮބާ؟" މައާލް އަޔަސް އަންނާނީ އޭވާ އާއެކުކަން ރާދިންއަށް އެނގެއެވެ. އެހެންކަމުން އޭނާ ސުވާލުކޮށްލިއެވެ.

"ބޭރުގައި…" މައާލް ޖަވާބުދިނެވެ.

"އެބަ އަންނަން އިނގޭ…" އެހެން ބުނެލާފައި ދޮރު ހުޅުވާލާފައި ރާދިން އޭވާ ގާތު އެދުނީ، ޑްރައިވަރާއެކު އޭވާ ގެއަށް ދިޔުމަށެވެ. އޭނާ މައާލް ގޮވައިގެން ދާނެކަމުގައެވެ. އޭވާ ފޮނުވާލާފައި ރާދިން އައިސް މައާލްގެ ގާތުގައި އިށީނެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެފައި، އޭނާ މައާލް ގޮވައިގެން ކެބިންއިން ނުކުންނަން ހިނގައިގަތެވެ. މައާލް އެގޮތަށް އައުމުން ހައިރާންވިނަމަވެސް، އެގޮތަށް އިސްވެ އޮފީހަށް އައުމުން އޭނަ އުފާވިއެވެ. މީގެ ކުރިން އޮފީހަށް އަންނަން ބުނުމުން މައާލް އެއްބަސް ނުވުމުން އެކަމަށް އޭނަ މަޖުބޫރެއް ނުކުރެއެވެ.

"ކޮންތާކަށް ތި ގެންދަނީ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"މާލްވެސް އަހަންނަށް ސަޕްރައިޒެއްނު ދިނީ. އެހެންވީމަ މީ އަހަރެންގެ ޓާރން… ގޮސްފަ ކިޔައިދޭނަން…" އެހެން ބުނެލާފައި، ރާދިން މައާލް ގޮވައިގެން ދިޔައީ އެޕާރޓްމެންޓަށެވެ. އެތަނަށް ވަނުމަށްފަހު، ރާދިން ދޮރު ފޮތިތައް ކަހާލުމާއެކު ތަނަށް އަލިވެގެން ދިޔައެވެ. ރާދިން މައާލްގެ އަތުގައި ހިފާލައިގެން ގޮސް ސޯފާގައި ބައިންދާފައި އެތަނަކީ ކޮން ތަނެއްކަން ކިޔައިދިނެވެ. އޭނާ އެތަން މައާލްއަށް ސިފަކޮށްލަދިނެވެ.

"ރާދިން މަސައްކަތެއްވެސް ނެތީތަ؟" ގިނައިރުވާން ފެށުމުން މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ޔެސް… އެއްވެސް މަސައްކަތެއް ނެތް… މާލް ބޭނުމިއްޔާ ހިނގާ އެންމެނަށް އިންޓްރޮޑިއުސް ވެލަން." ރާދިން މައާލްގެ އަތުގައި ހިފާލިއެވެ.

"ނޫން. އެހެން ދުވަހަކުން…" މައާލް ޖެހިލުންވިއެެވެ. އޭނާ އަދި ވަގުތު ބޭނުންވެއެވެ.

"ޕްރޮމިސް މީ. އެންމެނަށް ވެސް އެމީހުންގެ އަސްލުވެރިމީހާ އެނގެން ޖެހޭނެ އެއްނު." ރާދިން މައާލްއާ ސަމާސާކޮށްލިއެވެ.

"ތީ ދެން ކާކު؟ ރާދިންއޭ ތީ މިތާގެ ވެރިއަކީ…" މައާލް ބުނެލިއެވެ.

"އެހެންވިޔަސް އޯކޭ. އެހެން ދުވަހަކުން… އެޓްލީސްޓް އަހަރެންގެ އަންހެނުންގެ ގޮތުގައި އިންޓްރޮޑިއުސް ކޮށްލަން ވާނެ ޗާންސް އެއް ދޭން. އިނގޭ…" މައާލްގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލުމާއެކު، ރާދިން ބުނެލިއެވެ. އެއާއެކު މައާލްގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ.

ދެމީހުން ގެއަށް ދާންވެގެން އުޅެނިކޮށް ރާދިންއަށް ކަމެއް ޖެހުނެވެ.

"ޑްރައިވަރަށް ގުޅަންތަ މާލްއަށް ލަސްވަންޏާ…" އެކަނި އިންނަންވުމުން މައާލް ފޫހިވެދޭނަކަމަށް ވިސްނާލާފައި ރާދިން ބުންޏެވެ. "ހީވަނީ އޮފީސް ނިމޭ ގަޑިއަށް ހެން އަހަންނަށް ގެއަށް ދެވޭނީ…"

"ނޫން. މަޑުކުރާނީ…" މައާލް އެހެން ބުނުމުން އެ ދުވަހު ބާކީ ބައި ރާދިން މަސައްކަތްކުރީ އެތަނުގައި އިނދެގެންނެވެ. އެހެން އިންއިރު، ރާދިން އިރުއިރުކޮޅަކާ މައާލްއަށް ކޮންމެވެސް ގޯނާއެއް ކޮށްލައެވެ. ސަމާސާކޮށްލައެވެ.

ނިމިގެން ގެއަށް ދާން ވެގެން ރާދިން ނުކުތީ، މައާލްއާ އެކީގައެވެ. އެންމެ ތިރީގައި ހުންނަ ރިޝެޕްޝަން އޭރިޔާއާ ދިމާލުން ދަނިކޮށް އެތަނުގައި އުޅޭ މެނޭޖަރަކަށް ރާދިންއާ މައާލްއާ ފެނިގެން ސުވާލުކުރުމުން އެއީ އޭނާގެ އަންހެނުންގެ ގޮތުގައި ރާދިން މައާލް ތައާރަފްކޮށްލަދިން އަޑު ރިޝެޕްޝަންގައި އުޅޭ ކުއްޖަކަށް އަޑު އިވުމާއެކު، އެ ދެމީހުން ދިޔަ މަންޒަރު ބަލަން ހުރެފައި، އޭނާ ގޮސް އެ ވާހަކަ ދައްކަން ފެށިއެވެ.

"އޭަނަ އަންހެނުން ވިއްޔާ އެ ވާނީ ޝާކިރުގެ ދަރިއަކަށްނު. ހާދަ ރީއްޗޭ އޭނަ. އެކަމަކު ލޯ އަނދިރި ދޯ…" އެއްކުއްޖަކު ބުނެލިއެވެ.

"ލޯ އަނދިރިޔަސް އެމީހުން ވަރަށް އުފަލުން އުޅޭ ވައްތަރުޖަހަނީ… ނޫންތަ؟ އެކަހަލަ މީހުން ހޯދަންޖެހޭނީ ފިރިންނަށް. " އެހެން ކުއްޖަކު ބުނެލިއެވެ.

***

މައާލް ގޮވައިގެން ސައިކަލާ ހިސާބަށް ގޮސްފައި ރާދިން ވާހަކަދެއްކިއެވެ.

"ސައިކުގަ ދާން ޖެހޭނީ އޯކޭ؟" މައާލް އާއެކޭ ބުނެލިއެވެ. ރާދިން ސައިކަލަށް އަރާފައި މައާލްއަށް ވެސް އެހީތެރިވިއެވެ. މައާލް އެރުމުން އޭނާ ސައިކަލު ދުއްވާލިއެވެ.

"ބާރަށް ހިފައްޓާތި…" ރާދން ބުނެލިއެވެ. މައާލް ރާދިންގެ އުނަގަނޑާ ދިމާލުގައި އަތް ވަށާލިއެވެ. އެއަތަށް ބަލައިލަމުން ރާދިން ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. ގޭގެ ގޭޓުން ވަދެވުމުން ރާދިން ސައިކަލު މަޑުކޮށްލުމާއެކު، މައާލް ފޭބިއެވެ. ރާދިންވެސް ސައިކަލުން ފޭބުމަށްފަހު، މައާލް ގޮވައިގެން ގޮސް ގެއަށް ވަނެވެ. ފެންވަރާލައިގެން ދެމީހުން ޓެރެސްއަށް ނުކުމެލާފައި އެތަކެއް ވާހަކައެއް ދައްކަން ތިއްބެވެ. ތިރިއަށް ދިޔައީ ބަންގިވެސް ގޮވިފަހުންނެވެ.

އިޝާނަމާދު ކޮށްލައިގެން ރާދިން އައިއިރު، މައާލްވެސް ނަމާދުކޮށް ނިމިއްޖެއެވެ. މައާލްއާއެކު ގޮސް ސޯފާގައި އިށީނުމާއެކު އެ އަތުގައި ރާދިން ހިފައްޓާލިއެވެ. އެއަށްފަހު، އޭނާ ފުންކޮށް މައާލްއަށް ބަލައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ.

ކޮމެންޓް 0