ރާދިންއާ ދުރުވެލުމަށްފަހު، ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ސަޖާ ބުނެލިއެވެ.

ސަޖާގެ އެ ވާހަކައާއެކު، ރާދިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

"ސަޖާ… ލިސެން ޓު މީ…" ރާދިން ބޭނުންވީ ސަޖާއަށް ވިސްނައިދޭށެވެ.

"ތި ބުނަން އުޅެނީ އެހެންވީމަ ނުވާނެޔޭ ދޯ…" ސަޖާ ވަގުތުން ބުނެލިއެވެ.

"ނޫނެކޭ.. ޖަސްޓް...... ސަމް ޓައިމް… ޕްލީޒް…" ރާދިން ބުނެލިއެވެ.

"އޯކޭ! އަހަރެން ރާދިންއަށް ވަގުތު ދޭނަން. އޭގެ ބަދަލުގަ އަހަރެންގެ ވެސް ޝަރުތެއް އެބައޮތް…" ސަޖާ ރާދިންއަށް ބަލައިލިއެވެ.

"ކިޔާބަލަ! އެނީތިންގ ފޯ ޔޫ…" ރާދިން ބޭނުންވީ އެ ދެމެދުގައިވީ ނުތަނަވަސްކަން ނެތިކޮށްލާށެވެ.

"އަހަރެން ބޭނުން ވަގުތަކު ރާދިންއާ ބައްދަލުކުރެވެންވާނެ!" ސަޖާ އޭނާ ބޭނުންވާ ގޮތަށް މައުޟޫ އަނބުރަމުން ދިޔައެވެ.

"އެކަމަކު ސަޖާ…"

"ކިހިނެއްވީ؟ ނުވާނީތަ؟ އަހަރެން ބުނެފާނަން އެކަން ވާނެ ގޮތެއް…" އޭނާގެ މަޤްސަދު ހާސިލްކުރުމަށް މަގު ކޮށަމުން، ދިޔަ ސަޖާ ވާހަކަ ދެއްކީ ވިސްނުންތެރި ކަމާއެކުގައެވެ.

"ބުނެބަލަ!"

"އަހަރެން ބޭނުންވަގުތަކު ތިގެއަށް ވަދެ ނިކުމެވޭނެ ގޮތް ހަދަންވީ. ރާދިން މަތިން ހަނދާންވީމަ އަހަރެން ދާނަން. އަދި އިތުރު ޝަކުވާއެއް ވެސް ނުކުރާނަން. " ސަޖާ އެފަދަ ނިންމުމެއް ނިންމީ ކީއްވެކަމެއް ރާދިންއަކަށް ނޭނގުނެވެ. އަދި އެ ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު މަޤްސަދުވެސް ވިސްނައިގަތުމުގެ ބާރެއް ރާދިންގެ ސިކުނޑިއަށް ލިބިފައެއް ނުވެއެވެ.

"އެކަމަކު އޭރުން ކިހިނެއްވާނީ؟" ރާދިންއަށް ބުނެވުނެވެ. އޭނާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ނަފްސުގައި އުފެދުނު އުދާސްކަން ބޭރުކޮށްލަށް ބޭނުންވެފައި ހުރިވަރުންނެވެ.

"ނުވާނީތަ؟ އެންމެ ރަނގަޅު! އެހެންވިއްޔާ މިހާރު މިވަގުތު މައާލް ވަރިކުރޭ… ރާދިންއަށް ވަރަށް ރަނގަޅަށް އެނގޭނެ ހަޤީގަތްވެސް ކިޔައިދޭން އަހަރެން ފަސްނުޖެހޭނެކަން." ސަޖާ ރާދިންއަށް ބިރުދެއްކީ މައާލް އެދޭތެރެއަށް ވައްދަމުންނެވެ.

"އެންމެ ރަނގަޅު! އެކަމަކު އަހަރެންގެވެސް އެބައޮތް ޝަރުތެއް." ރާދިން ބުނެލިއެވެ.

"މީގަ ރާދިން ގޮތް ކިޔާކަށް ނުޖެހޭ ކަންނޭނގެ. އެކަމަކު އަހަރެން އަޑު އަަހަން މިހުރީ. ކިޔާބަލަ!" ސަޖާ ހަށަމަށް އަތް އަރުވައިލިއެވެ. އޭރުވެސް އެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔަައެވެ.

"ގެއަށް ދިޔަޔަސް މައާލްއަށް އެއްވެސް ހަޤީގަތެއް އަންގައިގެން ނުވާނެ! އަދި އޭނައަށް ޝައްކުވާ އިތުރުކަމެއް ވެސް ކޮށްގެން ނުވާނެ! ހަނދާންކުރާތި އެފަދަ ކަމެއް ކޮށްފިއްޔާ އަހަންނަށްވެސް ދެން ކަންތައް ކުރަންވީ ގޮތް އެނގޭނެ!" ރާދިން ވެސް އިންޒާރުގެ ބެލުމަކުން ސަޖާއަށް ބަލައިލައިފިއެވެ.

"އޯކޭ! އެންމެ ރަނގަޅު!" ސަޖާ ބުނެލިއެވެ. މިވަގުތަށް އެވަރުވެސް ފުދެއެވެ. އޭނާގެ މަޤްސަދު ފުރިހަމަވާނީ ކެތްތެރިކަމާވެސް އެކުގައެވެ.

"އައި ލަވް ޔޫ… އަހަންނަށް އެނގޭ ރާދިން އަހަރެންގެ މިއެދުމާ ދެކޮޅު ނުހަދާނެކަން. އަހަރެން މިހެން މިބުނީ އެންމެ ހިނދުކޮޅަކު ވެސް ރާދިންއާ ދުރުގަ ހުންނަން ކެތް ނުވާތީ. ކިހިނެއްތަ އެ މައާލްގަނޑު އެ ގަނޑުވަރުގައި ރާނީއެއްހެން އުޅޭއިރު އަހަންނަށް އެހެން ނޫޅެވެންވީ…" ރާދިންގެ ގައިގައި ބައްދާލަމުން އަޑަށް މަޑުމައިތިރިކަން ގެންނަން މަސައްކަތް ކުރަމުން ސަޖާ ވާހަކަ ދެއްކިއެވެ.

"ސަޖޫއަށްވެސް އުޅެވޭނެއޭ އަދި…" ރާދިން ބުނެލީ މަޑުމަޑުންނެވެ.

"އައި ލަވްޔޫ ރާދިން!"

"ލަވް ޔޫ ޓޫ. އެކަމަކު ސަޖޫ. އެ ވަޅި އެ ކީއްކުރަން ނެގި އެއްޗެއް؟ އަހަރެން ނައި ނަމަ ހަމަ އަސްލުވެސް ސަޖޫ އަމިއްލަ ނަފްސަށް ގެއްލުން ދޭނަންތަ؟ އެއްކަލަ ރޭގެ ފަހުން އަހަރެން ހާދަ ބިރު ގަނެޔޭ…" ރާދިންއަށް ބުނެވުނެވެ. ރާދިންގެ އެވާހަކައާއެކު، ސަޖާގެ ތުންފަތް މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

"އޭރު މާ ބޮޑަށް ދެރަވީމަ… ދެން އެހެންނެއް ނުވާނެ!" ސަޖާ ރާދިންގެ އުނަގަނޑުގައި ވަށާލާފައިވާ އަތަށް ބާރުކޮށްލިއެވެ. އެއަށްފަހު އޭނާ ރާދިންގެ ގައިގައި ބާރަށް ބަައްދާލިއެވެ. ސަޖާ ދުރުކޮށްކާލަށް ރާދިންވެސް ނޫޅުނެވެ. އޭނާ ވެސް އެ ހުރި ގޮތަށް ހުރީއެވެ. ސަޖާއަށް ފުރުސަތު ދީގެންނެވެ. އެހެންނަމަވެސް ދެންމެ އެ ނިންމި ނިންމުމާމެދު އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދެމުން ދިޔައެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މައާލްއާ ސަޖާގެ ދެމެދު ތާށިވެފައި ހުރީ އޭނާއެވެ.

"އެއްޗެއް ކާނަންތަ؟ އަހަރެން އޯޑަރު ކޮށްގެން ސޫޕް ގެނެސްފަ ހުންނާނެ." ސަޖާ ބުނެލިއެވެ. ރާދިން ބޯ ޖަހައިލިއެވެ.

ސަޖާއާއެކު ގޮސް މޭޒު ދޮށުގައި އިށީނދެފައި ރާދިން ސަޖާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އަތްކުރު ޓީޝާޓްކޮޅުގައި ސަޖާ ހުރިއިރު ލާފައިހުރީ ކުރުކުރު ސޯޓެކެވެ. އެއްޗެހި ނަގަން ހަރަކާތްތެރިވަމުން ދިޔައިރު، ޓީޝާޓްކޮޅު މައްޗަށް އަރަމުން ދިޔުމުގެ ސަބަބުން ސަޖާގެ ބަނޑު ހާމަވަމުން ދިޔައެވެ. ރާދިން އިސްޖަހައިލިއެވެ.

"މިހުރީ…" މޭޒުމައްޗަށް އެއްޗެހި އަރުވާފައި ސަޖާ ވެސް ގޮނޑިއެއް ދަމާލާފައި އިށީނދެލިއެވެ.

"ރާދު…" ރާދިން ސޫޕް ތަށި ކައިރިކޮށްލާފައި ސަމުސަލުން ނަގާ ސޫޕްކޮޅެއް ބޮއިލިއެެވެ.

"ހޫމް…. މީރު ވަރަށް." ރާދިން ބުނެލިއެވެ.

"ރާދު!" އަނެއްކާވެސް ސަޖާ އޭނާއަށް ގޮވައިލިއެވެ. ހީވާކަހަލައެވެ. ސަޖާ ބޭނުންވަނީ ރާދިންގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓާލާށެވެ.

"އާނ…" ރާދިން ކެއުން މަޑުޖައްސާލާފައި ސަޖާއަށް ބަލައިލިއެވެ.

"ރާދު! އަހަންނަށް އޭރު ދިން ލާރި ހުސްވެއްޖެ. އިތުރު އެއްޗެއް ގަންނާކަށް ލާރިއެއް ނެތް…" ސަޖާ އިސްޖަހައިލި ނަމަވެސް، ހިތުގައިވަނީ މަކަރުވެރިކަމެވެ.

"ކިހާވަރެއް ބޭނުންވަނީ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"ފައިވްއެއް…"

"ފައިވް ހަންޑްރެޑް އެއް މިގަޑީގައި ވެސް ދެވިދާނެ!" ރާދިން ބުނެލިއެވެ.

"ފައިވް ތައުޒަން…" ސަޖާ އެ އިން ގޮތަށް އިނދެ ބުނެލިއެވެ.

"ކީއްކުރަން އެހާ ބައިވަރު…"

"ރާދިން އަހަންނަށް އިތުބާރެއް ނުކުރަންތަ؟ އަހަރެން ގަންނަނީ ކޮންމެހެން ހަމަ ބޭނުންވާ އެއްޗެހި. އެހާ އަގު ބޮޑުކޮށް ރާދިންއަށް ސޫޓް ގަތީމަ ހުސްވީ. ކީއްވެތަ އަބަދު ސުވާލުކުރަނީ؟" ސަޖާގެ އަޑުގައިވަނީ ހިތާމައެވެ.

"އެހެންނެއް ނޫނޭ… އޯކޭ އަހަރެން ދޭނަން."

"ރާދުއަށް ނުކުރެވެންޏާ އަހަރެން އަނެއްކާވެސް ވަޒީފާއަށް ދާން ފަށާނީ…" ސަޖާ ބުނެލިއެވެ.

އެހެންނެއް ނޫނޭ…. މިރޭ ގެނެސްދޭނަން އިނގޭ!" ރާދިން ސަޖާގެ އަތުގައި ހިފައްޓާލިއެވެ. ސަޖާ ހިނިތުންވެލިއެވެ.

ކައި ނިމިގެން ސަޖާގެ ކައިރީގައި މަޑުކޮށްލާފައި، ރާދިން ގެއަށް ދިޔައީ ބާރަ ޖަހާ ބޮޑުވެފައި ހުއްޓައެވެ. އޭނާ ގޮސް ވަތްއިރު ވެސް މައާލް އޮތީ ނިދާފައެވެ. އާފުރެމުން ރާދިންވެސް ގޮސް ފާޚާނާއަށް ވަނީ ނިދި އައިސްފައި ހުރުމުން ފެންވަރާލައިގެން ނުކުމެ ނިދާލުމުގެ ބޭނުމުގައެވެ.

*****

އެ ދުވަހުގެ ފަހުން އޭނާގެ އެކުވެރިން އެގެއަށް ގެނައުމަކީ އާދައެއްކަމުގައި ރާދިން ހެދިއެވެ. އެމީހުން އަންނަ ރެއަކު ވިއްޔާ މައާލްއަށް އޮންނަނ ކޮޓަރިން ނުކުތުން މަނާކޮށްފައެވެ. ކިތަންމެ ބާރަށް ލަވަޖަހާ އަޑު ގަދަކުރިނަމަވެސް، އެއަށް އެއްޗެއް ބުނުން މައާލްއަށް މަނައެވެ. އެމީހުން އަންނަން ފެށުމުން ރާދިންއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިކަން މައާލްއަށް ފާހަގަކުރެވުނެވެ. ހަމައެއާއެކު އެފަދަ ރޭތަކުގައި އެމީހުންގެ ފަރާތުން މައާލްއަށް ރައްދުވާ ބަސްތަކަކަކީވެސް އޭނާއަށް ހަނދާނުން ފުހެލަން ފަސޭހަ ބަސްތަކެއް ނޫނެވެ. ރާދިންގެ އެކުވެރިންގެ ނިޔަތާ މެދު މައާލްގެ ހިތުގައި ޝައްކު އުފެދުނެވެ. ރަނގަޅު އެކުވެރިންނަމަ އެމީހުންގެ ރަޙްމަތްތެރިއެއްގެ އަންހެނުންނާ އެގޮތަށް ދިމާކޮށެއް ނުހަދާނައެވެ.

އެންމެފަހުން އެގޮތަށް ދިމާވި ރޭގައިވެސް އޭނާއަށް ނުކުމެވުނުއިރު ރާދިންއެއް ނެތެވެ. އެމީހުންގެ ތެރެއަށް އޭނާ ނިކުތުމުން އޭނާއާ ދިމާކުރަން ފެށުމުން މައާލްގެ ދެލޮލަށް ކަރުނަތައް ޖަމާވީ އޭނާގެ ހިމާޔަތުގައި ރާދިން ނެތްކަން އެނގުމުންނެވެ. އެހެންނަމަވެސް އެ އެންމެންގެ ތެރެއިން އެކަކު އޭނާގެ ހިމާޔަތުގައި ތެދުވެ އޭނާ ކޮޓަރިއަށް އައުމަށް އެހީތެރިވެދިނެވެ. އޭނާ ޝުކުރު އަދާކުރުމުން މައްސަލައެއް ނޫންކަމަށް ބުނެ އޭނާ ދިޔުމުން މައާލްވެސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ.

އެއީވެސް އެފަދަ ރެއެކެވެ. ރާދިންއާ އޭނާގެ އެކުވެރިން ދަންވަރު ލަވަ ޖަހާ އަޑު ގަދަ ކުރަން ފެށީ މައާލް ދަމު ނަމާދަށް ތެދުވި ގަޑީގައެވެ. އެމީހުންގެ އެ ސަކަރާތް ނިންމާތޯ މައާލް ފަނަރަ މިނެޓް މަޑުވެސް ކޮށްލިއެވެ. ކަބަޑުގައި އޮތް ފޯނު ނަގާފައިވެސް ރާދިންގެ ނަންބަރަށް ގުޅާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ރާދިން ނުކިކުތުމަށް ބުނެ އިންޒާރު ދިން ފަހުން މައާލް ބަލަނީ ދެން ނުވެގެން ނޫނީ އެމީހުންގެ ތެރެއަށް ނުނިކުމެ ވޭތޯއެވެ.

"އޭތް ރާދިން… ކޮބާ ކަލޭގެ އަންހެނުން. އޭނަވެސް ގެނެބަލަ!" ލީވާން ބުނެލިއެވެ.

އެއަޑަށް ވިޝާމްއަށް ބަލައިލެވުނީ ސަޖާ އޭނާގެ އުނގުތެރޭގައި ބައިންދައިގެން އިން ރާދިންއަށެވެ. ވިޝާމް ނޫނީ އެހެން ހުރިހާ އެންމެންގެ ވެސް ލޯބިވެރިން އެތަނުގައި ތިއްބެވެ. އަނޫފް ރައްޓެހިވެގެން އުޅޭ ކުއްޖާވެސް އެ ހަފްތާގައި ރާއްޖެ އައުމުން މިހާރު އެމީހުންނާއެކު އެ އަންހެން ކުއްޖާވެސް އާދެއެވެ.

"އާނ. ގެނެސްބަލަ! ކަލޭ ސަޖާ ގެންގުޅެންޏާ މަށަށް ދެން އެ ކުއްޖާ ދޭންވީނު." ވިޝާމް ބުނެލިއެވެ. މިހާރަކަށް އައިސް ވިޝާމް މައާލްގެ ވާހަކަ އެގޮތަށް އެންމެންގެ ތެރޭގައި ދައްކައެވެެ. އެކަމުން ރާދިންއަށް އުނދަގޫވެގެން އޭނަ އެވާހަކަ ބުނަން ވެސް ބުނެފިއެވެ. ވިޝާމްއާ މެދު ކޮންމެވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް ރާދިންގެ ހިތުގައި އުފެދިފައިވެއެވެ.

"އޭނަ ނުވައްދާށޭ މަ ބުނީމެއްނު މިދޭތޭރެއަށް." ރާދިން ބުނެލިއެވެ.

"އެހެން ކިހިނެއްވާނީ؟ އަންހެނުން އެކަނިކޮށްފަ ކަލޭ ވެސް ސަޖާ ގޮވައިގެން ތިއުޅެނީ… ދެން ކިހިނެއްވީ؟ މަށަށް އެ މަންޖެ ދިނީމަ އެންމެންނަށް މީހުން ހަމަވާނެ ދޯ…" ވިޝާމް ބުނެލިއެވެ. ހަޤީގަތުގައި އެ ދުވަހު މައާލް ފެނުނުފަހުން އޭނާއަށް މައާލްގެ ދެލޮލާ އެ އަންހެންވަންތަ ކަން މަތިން ހަނދާން ނައްތާލުން ވެގެން ދިޔައީ އުނދަގޫކަމަކަށެވެ. އެ އަންހެން ކުއްޖާ ދުށުމަށް އޭނާގެ ހިތް އެދެން ފެށިއެވެ.

"އޭތް. ކަލޭ…" އެހެން ބުނެލާފައި ރާދިންއަށް ބަލައިލެވުނީ ސަޖާއާ ދިމާލަށެވެ.

"އާނ. އެ ބުނީވެސް ތެދެއް. ކަލާ ގެ ކައިރީވެސް ބިޓެއް އެބައިން. ދެން އެ މަންޖެ ނެރެ ބައިންދަބަލަ ވިއްޓު ކައިރީގަ." ޒިޔާދުވެސް ވިޝާމްއާ އެއްބައިވިއެވެ. އެެއާ ވިއްދައިގެން ލީވާންވެސް ވާހަކަ ދެއްކިއެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟" ރާދިން ގާތަށް ރުޅިއައެވެ. އަނޫފް ވެސް އެއްޗެއް ނުބުނެ މަޑުކޮށްލީ ބުނާނެ އެއްޗެއް ނޭނގުނީމައެވެ.

"ކިހިނެއްވީ؟ ލޯބިވެވުނީތަ އެ ކުއްޖާ ދެކެ. އެވަރުން ފޮރުވަނީ. ދެން ކީކުރަން ސަޖާ އުނގުތެރެއަށް ލައިގެން ތި އިންނަނީ…" ވިޝާމް އެހެން ބުނެލުމާއެކު. ރާދިންގެ ލޭ ކެކިގަތެވެ.

"އޭތް. ތީ ދެން ކޮން ކަމެއް؟ އަހަރެމެން މިތަނަށް އައީ ޒުވާބުކުރަންތަ؟ ކަމޯން. އެންމެ ދެ ދުވަހު ފެނުނު އަންހެން ކުއްޖެއްގެ ސަބަބުން އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ގެއްލުނީމަ ކަޑައެއްނު." އަނޫފް ބުނެލިއެވެ. އޭނާ ބެލީ އެ ޙާލަތުގެ ކޮންޓްރޯލް އޭނާގެ އަތަށް ގެނެވޭތޯއެވެ. ނަސީބަކުން ވިޝާމްވެސް އިތުރު އެއްޗެއް ނުބުނެއެވެ.

"ބޭބީ… ހިނގާބަލަ ބޭރަށް…" ސަޖާ ރާދިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރާދިން ބޯ ޖަހާލާފައި ސަޖާ ގޮވައިގެން ތެދުވިއެވެ.

"ޔޫ ގާއިޒް އެންޖޯއި. އަަހަރެމެން އެބަ އަންނަން." ރާދިންއާ ސަޖާ އާ ހިނގައިގަތީ ބޭރަށެވެ. އެ ދެމީހުން ގޯތިތެރެއަށް ނުކުމެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޖައްސާލިއެވެ.

"ރީތި ހަނދުވަރެއް ދޯ…" ސަޖާ ރާދިންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"އާނ… ސަޖޫ ކަހަލަ ހަމަ…" ރާދިން ބުނެލިއެވެ. އޭނާ ސަޖާގެ ކޯތާފަތުގައި ވެސް އަތް ޖައްސާލިއެވެ. ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅިތަކުން ދެމީހުންނަށްވެސް އަރާމުވިއެވެ.

"ހާދަ ފިންޏޭ…" އެހެން ބުނެލުމަށްފަހު، ސަޖާ ދިޔައީ ރާދިންއާ އޭނާއާ ދެމެދު ވީ ދާއިރާ އިތުރަށް ހަނި ކުރަމުންނެވެ. ކޮންމެ ކަމެއްގައިވެސް އިސްނަގަނީ ސަޖާއެވެ. ރާދިންއެއް ވެސް އެކަމަށް ހުރަހެއް ނާޅައެވެ. އޭނާ އިނީ ސަޖާއަށް ފުރުސަތު ދީގެންނެވެ.

*****

މުސައްލަ ފަތުރާލާފައި އޭގެ މަތީގައި ހުއްޓުމަށްފަހު ވެސް މައާލްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެހާ އަޑު ގަދަކޮށް ލަވަ ޖަހަމުން ދިޔަ އިރު އޭނާ ނަމާދު ކުރާނީ ކިހިނެއްހެއްޔެވެ؟

ދޮޅިވެސް އަޅާލައިގެން ހުރެ މައާލް ގޮސް ކޮޓަރި ދޮރުފަތް ހުޅުވައިލިއެވެ. އެއަށްފަހު، އޭނާ ރާދިންއަށް ގޮވިއެވެ. އޭރުވެސް ލަވައިގެ އަޑުން މުޅި ގޭތެރެ ވަނީ ގުގުމާލާފައެވެ.

އޭނާ މަޑުމަޑުން ސިޓިން ރޫމާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އޭނާ ދިޔައީ ރާދިންއަށް ގޮވަމުންނެވެ، ވަކި ހިސާބަކުން މައާލް މަޑުޖެހުނުނަމަވެސް، ހިތްވަރުކޮށްފައި އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ބޮޑުކޮޓަރިއަށް އައިސް ހުއްޓުނު މައާލް ފެނުމާއެކު، ވިޝާމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހަމައެއާއެކު އެހެން އެންމެންގެ ލޮލުގައިވެސް މައާލް އަޅައިގަންނާކަށް ގިނަ އިރެއް ނުނެގިއެވެ. އަނޫފް އޭނާގެ އަތުގައި އޮތް ރިމޯޓުން ޓީވީގެ އަޑު މަޑުކޮށްލިއެވެ. ފަޔާ ހިސާބަށް ފޮރުވޭވަރުގެ ގަޔަށް ދޫ ދިގު ދޮޅިއެއް އަޅައިގެން މައާލް ހުރިއިރު، ވެސް އެ ރީތިކަން ފަނޑެއް ނުވެއެވެ. އެ ދެލޮލުގެ ވިދުން ފަނޑެއް ނުވެއެވެ.

"ރާދިން! އެބަހުރިންތަ؟ އަހަރެން ކަމަކު…" މައާލް އެހެން ބުނެލުމާއެކު، ވިޝާމް އިން ތަނުން ތެދުވިއެވެ.

އަނޫފްއަށް މައާލްގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލެވުނެވެ. އެވަގުތު މައާލް ދޮޅި އަޅައިގެން ކުރަނީ ކީއްބާއޭ އޭނާގެ ހިތަށް އެރިނަމަވެސް، ފަހަރެއްގައިވެސް އެގަޑީގައި މައާލް ނަމާދު ކޮށްފާނެޔޭ އޭނާގެ ހިތަކަށް ނާރައެވެ. އޭނާ ހީކުރީ ނިދާ އެއްޗެހީގައި ހުރެ ނުނިކުންނަންވެގެން މައާލް ދޮޅި އަޅައިގެން ނުކުތީ ކަމަށެވެ.

"ހޭ ލަވް…" ވިޝާމްގެ އަޑު ޖެހުމާއެކު، މައާލް ފޫހިވިއެވެ. އޭނާއާ އެންމެ ގިނައިން ދިމާކުރަނީ އެ އަޑުގެ ވެރިޔާއެވެ.

"ރާދިން ނެތީތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ރާދިން ނެތަސް އަހަރެމެން މިތިބީނު ސްވީޓީ… އާދެބަލަ!" ވިޝާމް މައާލްއާ ކައިރިއަށް ޖެހިލިއެވެ.

"އޭ ތެދެއް…" ލީވާން ވެސް ހިނިގަނޑެއް ޖަހާލިއެވެ.

"ވިޝާމް އެހުރީ އިންތިޒާރުގަޔޯ…" ޒިޔާދުވެސް ބުނެލިއެވެ.

"ދަނީ…" މައާލް އެނބުރުނެވެ. އޭނާ ހިނގައިގަތް ނަމަވެސް، ސިހުން ގެނުވީ ވިޝާމް އޭނާގެ އަތުގައި ހިފާ އަނބުރުވާލުމުންނެވެ.

*****

ރާދިން ސަޖާ ދުރުކޮށްލީ ކުއްލިއަކަށެވެ. އެއަށްފަހު އޭނާ ތެދުވިއެވެ.

"ރާދު ކިހިނެއްވީ؟" ސަޖާ ވެސް ތެދުވަމުން ސުވާލުކޮށްލިއެވެ.

"ވަރަށް ފިނިވެއްޖެ! ހިނގާ އެތެރެއށް…" ރާދިން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތެވެ. ސަޖާވެސް ރާދިންގެ ފަހަތުން ގޮސް ގެއަށް ވަނެވެ.

ބޮޑު ކޮޓަރިއަށް ދިޔަ ރާދިންގެ ލޮލުގައި މައާލްއާއި، މައާލްގެ އަތުގައި ހިފައްޓައިގެން ހުރި، ވިޝާމް އަޅައިގަތެވެ. އެއާއެކު އޭނާގެ ލޭ ކެކިގަތެވެ. މައާލް ގަދަ ހެދިނަމަވެސް، ވިޝާމް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"ވިޝާމް! ތީ ކޮން…" އަނޫފް ތެދުވަމުން އެ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ރާދިން އެތަނުގައި ނެތްކަމީ ނަސީބެކެވެ. އޭނާއަށް އިތުރުކަމެއް ނުކުރެވި އުޅެނިކޮށް ސިހުނީ ބާރު މިނުގައި އައި ރާދިން ވިޝާމްގެ ގަމީހުގެ ގިރުވާނުގައި ހިފާ ދުރަށް ހޫރާލި ގޮތުންނެވެ.

"އަތް ނުލާ އަނގައިން ކިޔާ އެއްޗެއް ކިޔާނީ ވިއްޓު ކަލޭވެސް. މިތާ އެންމެންވެސް. " އިންޒާރުބެލުމަކުން ރާދިން އެންމެންނަށް ބަލައިލިއެވެ. އެއަށްފަހު އޭނާ މައާލްއަށް ބަލައިލިއެވެ.

"ރާދިން!"

"ކޮން ރާދިންއެއް. ހަމަ މިހާރު ހިނގާ!" މައާލްއަށް އެއްޗެއް ބުނަން ފުރުސަތެއް ނުދީ ރާދިން މައާލްގެ އަތުގައި ހިފެއްޓުމަށްފަހު، ބާރު ބާރަށް ދަމާފައި ކޮޓަރިއާ ދިމާލަށް މައާލް ގެންދަން ފެށިއެވެ.

"ތަންކޮޅެއް މަޑުން ރާދިން!" މައާލްގެ ޙާލަތަށް ވެސް ވިސްނާލުމެއްނެތި ރާދިން ހިނގަމުން ދިޔައީ ބާރަށް ކަމުން މައާލް އަށް ދާން ޖެހުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. އެ މަންޒަރު ސަޖާއަށް ފެނުމާއެކު އޭނާގެ އަތް މުށްކެވުނެވެ.

އެދިޔަ ގޮތަށް ގޮސް ރާދިން މައާލް ހޫރައިލީ އެނދުމައްޗަށެވެ. މައާލްގެ ހިތް ތެޅެމުން ދިޔައެވެ. ބިރުންނެވެ. ހަދާނެ ގޮތް ނޭނގިގެންނެވެ.

 

"އަހަރެން ކިތަށް ފަހަރު ބުނަންވީ ނުނިކުންނާށޭ!" މައާލް ހުރި ގޮތާ އެތަނުގައި ފަތުރާލާފައި އޮތް މުސައްލަ ވެސް ރާދިންއަށް ނުފެންނަ ފަދައެވެ. މައާލްގެ ދެލޮލަށް ކަރުނަތައް ޖަމާވިނަމަވެސް، އޭނާ މިރޭ ބޭނުންވީ ރާދިންއާ ކުރިމަތިލާށެވެ. އެނދުމަތިން ތެދުވެ، މައާލް ރާދިންއާ ކުރިމަތިލާން ނިންމީ އަތުގެ ނުފުށުން ކަރުނަތައް ފުހެމުންނެވެ. ރާދިންއަށް އޭނާއަށް އެގޮތަށް އަނިޔާވެރި ވެވިގެނެއް ނުވާނެއެެ. އޭނާ އަކީ ރާދިންގެ އަންހެނުންނެވެ. އެއްއިރު ލޯބި ދީފައި އަނެއް ހަތަރު ފަހަރު އެ ހިތަށް ޒަޚަމްދިނުމުގެ ހައްގެއް ރާދިން އަކަށްވެސް ނޯންނާނެއެވެ. އަމިއްލަ ނަފްސަށް ޓަކައި ފުރަތަމަ ފަހަރަށް ތެދުވަން މައާލް ނިންމިއެވެ.

ކޮމެންޓް 0