"އިޒް ޝީ…. ބްލައިންޑް؟"
އެ އަޑުން ފާޅުވަމުން ދިޔައީ ހައިރާން ކަމެވެ. މޫނުމަތިން ފެންނަނީ ޤަބޫލުކުރަން އުނދަގޫވެގެން އުޅޭ ފަދަ އަސަރުތަކެކެވެ.
"އާނ." ފުންނޭވާއެއް ދޫކޮށްލާފައި، ރާދިން ބުނެލިއެވެ. އަނޫފް އެ ދިމާލަށް ބަލައިލިއެވެ.
"އިޒް ޝޯ މޯލްޑިވިއަން؟" އަނޫފްއަށް ސުވާލުކޮށްލެވުނެވެ. މައާލްގެ ސިފަތައް ވައްތަރީ ބޭރުމީހަކާއެވެ. ހަމުގެ ކުލައިން ފެށިގެން، ގޮސް ހުރިހާ ސިފަތކެކެވެ. މައާލްއަކީ ރީތި އަންހެން ކުއްޖެކެވެ. ރާއްޖެއިން އެފަދަ ރީތިކަމެއް އެއީ އާއްމުކޮށް ފެންނަކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އަނޫފްއަށް ވެސް އަޅައިގަތީ ލޮލު ގެ ކުލައެވެ. އެންބަރ ކުލައިގެ ދެލޯ ބޮޑުވެފައި ޖާދުލެއް ފަދައެވެ. ދިގު އެސްފިތަކުގެ ހިޔާ އެ ދެލޮލަށް އެޅިފައިވާ ގޮތުން ވެސް އެ ދެލޮލުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.
"ދެ ދިވެހިންނަށް ލިބިފައިވާ ދަރިއެެއް… ކިހިނެއްވީ؟" އެފަދަ ސުވާލެއް އޭނާއާ އަމާޒުވާން ޖެހުނު ސަބަބު އެނގުނު ނަމަވެސް، ރާދިން އަނޫފްއާ ސުވާލުކޮށްލިއެވެ.
"އޭނަގެ އެއްވެސް ސިފައެއް ރާއްޖެ ކުއްޖަކާ ވައްތަރެއް ނޫން. ހަމައެކަނި އެ ކަޅުކަން ގަދަ އިސްތަށިގަނޑު… ދެން އެ ލޯ ވެސް…. ރާދިން! މީތަ ކަލޭ އަންހެނުން ފޮރުވައިގެން އުޅޭ ސަބަބަކީ؟ އަދި ކިރޔާ މި އެނގުނީ…" ހައިރާންކަން ފޮރުވަމުން އަނޫފް ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.
"ކަލޭއަށް ހީވަނީ އެހެންވެގެންހެންތަ މަ މިއުޅެނީ؟ އުޅެން ބޭނުންނުވަންޏާ މީހުންނަށް ދައްކާކަށްވެސް ބޭނުމެއް ނުވާނެ ދޯ!" ރާދިން ބުނެލިއެވެ.
"މުނީރު އަންކަލް ރާދިންގެ ކައިވެނި ލޯފަން ކުރުވަފާނެޔެކޭ އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން." އަނޫފް ބުނެލިއެވެ.
"ބައްޕަމެން އެންމެ ފުރަތަމަ އުޅުނީ އަހަންނަކާ ނޫނޭ ކައިވެނިކުރުވަން…"
"ދެން ކާކާ؟"
"ދޮންބެއާ…. ދޮންބެ ނިޔާވީމަ……" ރާދިން އެ ހިސާބަށް ބުނެފައި ހުއްޓާލި ނަމަވެސް، އަނޫފްއަށް އޭނާ އެ ބުނަން އުޅޭ އެއްޗެއް ފަހުމްވިއެވެ.
"އެ ކުއްޖާ ލޯ އަނދިރިއިރު؟" އަނޫފްގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ.
"ނޫން. އޭރު އޯކޭ! މައާލްގެ ލޯ އަނދިރިވީ އެކްސިޑެންޓުގައި. ދޮންބެއާ މައާލްއާ މައާލްގެ މައިންބަފައިން އެކީ އެކްސިޑެންޓްވީ. އޭގެން ސަލާމަތްވީ މައާލް އެކަނި. " ރާދިން އޮޅުން ފިލުވައިދިނެވެ.
"އެހެންތަ؟"
"އާނ… މައާލްގެ އާއިލާގައި އިތުރު މީހަކު ނުހުންނާނެ! މަންމަ އަދި މައާލްގެ ވެސް މައިންބަފައިންގެ ވަސިއްޔަތެއް އެއީ އަހަރެމެން އާއިލާއާ މައާލް ގުޅުވުން."
"ސޯ ބޭސިކަލީ ތިބުނަނީ މިކަންތައް ކުރަން މަޖުބޫރުވީ އެންމެން އެކަމަށް ވަސިއްޔަތްކުރީމައޭ… ރާދިއު އަށް ވެސް ތަ؟" އަނޫފް ސުވާލުކުރަމުން ދިޔައީ ރާދިންވެސް އޭނާ ކުރާ ސުވާލަށް ޖަވާބު ދެމުން ދިޔައީތީއެވެ.
"ރާދިއުއާއި މައާލްގެ ވެސް މައްސަލައެއް އެ ކައިވެންޏާ މެދު ނެތް. އެ ދެމީހުންވެސް ދިމާވެފަ ހުރީ. އެކަކު އަނެކަކަށް ދެމީހުންވެސް ކަމުދޭ… " ރާދިން ބުނެލިއެވެ. އަނޫފްއަށް ކަންތައްތައް ސިއްރުކުރާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ކުރާ ކޮންމެ ސުވާލަކަށް ރާދިން ޖަވާބު ދެމުން ދިޔައީ އެހެންވެގެންނެވެ.
"ސޯ ކޮމްޕްލިކޭޓެޑް… އެކަމަކު މި ގެ… ރާދިންމެން މި ގެ ގަތީތަ؟" އަނޫފް ވަށައިގެން ބަލާލަމުން ކޮށްލި ސުވާލާއެކު، ރާދިންގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުމުން ދޭހަކުރާނެ އެއްޗެއް ނޭނގި އަނޫފްއަށް ހުރެވުނުއިރު، އޭނާ ދިޔައީ ރާދިންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރު ދިރާސާކުރަމުންނެވެ.
"މީ މައާލްގެ ގެ…" ރާދިން ބުނެލިއެވެ.
"އޭތް… މައާލްގެ ގެއޭ.. މަށަށް އެނގިގެން މިގޭގައި އުޅުނީ ޖަރުމަން ބައެއް…" އަނޫފް ބުނެލިއެވެ.
"މީ މައާލްގެ ބައްޕަގެ ގެ. އެމީހުން މައާލް ކުޑައިރު މައާލް ގޮވައިގެން ރާއްޖޭން ބޭރަށް ބަދަލުވީ. އޭގެ ފަހުން މިގެ ހުރީ ކުއްޔަށް ދީފަ. އަޑު އަހަމެއްނު އެކްސިޑެންޓްގައި ނިޔާވި ޝާކިރުގެ ވާހަކަ އެއީ މައާލްގެ ބައްޕައަކީ… އަދި އަހަރެންގެ ބޮޑުބޭބެ ވެސް މެ" އަނޫފްއަށް ވިސްނައިލެވުނީ ދެނެވެ.
"އޯ ގޯޑް! އޭނައަކީ މިލިއަނަރެއްނު. ރާއްޖޭން ބޭރުގަވެސް އެހާ ވިޔަފާރި ފުޅާވާނެ!" އަނޫފްއަށް ބާރަށް ބުނެވުނުއިރު އޭނާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.
"މިހާރު މިލިއަނަރަކީ މައާލްއެއްނު. މައާލް ބައްޕަ ނިޔާވިއިރު، ހުރިހާ މުދަލެއް ހުރީ މައާލްގެ ނަން މައްޗަށް ބަދަލުކޮށްފަ!" ރާދިން ބުނެލިއެވެ.
"ވާއު... ބޭނުންވަރަކަށް ލާރި އުކޭނެއެއްނު ދެން…" އަނޫފް ރާދިންގެ ކޮނޑުގައި ޖަހާލަމުން މަޖަލަކަށް ބުނެލިއެވެ. ރާދިން ހީލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.
"ބައިދަވޭ މައާލް ކިހިނެއް؟ އިޒް ޝީ އޯކޭ އަނެއްކާ… މިބުނީ، ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވީމަ އަސްލު ވަރަށް ބޮޑަށް މެންޓަލީ މީހާ ވީކް ވާނެ! ހިތްވަރު ގަދަ މީހުން އެކަން ނުދެއްކިޔަސް، އެތެރެއިން ދޭ ވިލް ބީ ބްރޯކެން. އެކަން ދެނެގަންނަން ޖެހޭނީ އެންމެ ކައިރީގައި ތިބޭ މީހުން… "
"ކަލޭ ނަފްސާނީ އިލްމުވެރިއަކަށް ވީ ކޮން އިރަކު…" ރާދިން ޓީވީއާ ދިމާލަށް ދަމުން ބުނެލިއެވެ.
"ކަންތައް އެނގޭނެއެއްނު. މަވެސް އެކްސްޕީރިއެންސްކުރިން ތިކަންތައް…"
"ކޮން ކަމެއް ކަލޭ އެކްސްޕީރިއެންސް ކުރީ؟" ރާދިން އަނޫފްއަށް ބަލައިލިއިރު، އެ މޫނުމަތިން އޭނާއަށް ފެނުނީ މީގެ ކުރިން ނުފެންނަ ފަދަ އަސަރުތަކެކެވެ. ސީރިއަސްކަމާއި ކޮންމެވެސް ކަމަކާ ދެރަވެފައި ހުރި ކަހަލަ އަސަރުތަކެއް ފެންނަމުން ދިޔައެވެ.
"އޭ ހަމަ ހީވާ އެއްޗެއް މިބުނީ. ދެން ހިނގާ މިކަން ކުރަން އުޅެން…" އަނޫފް މަސައްކަތް ފަށަން އަވަސްވެގަތެވެ. ހީވަނީ އެ މައުޟޫއަށް މާ ބޮޑަށް ވާހަކަ ދައްކަން ބޭނުން ނުވަނީ ހެންނެވެ. ރާދިންވެސް އިތުރު އެއްޗެއް ނުބުނެ، މަސައްކަތައިގެން މަސްއޫލުވިއެވެ. މަސައްކަތް ކުރަމުން ދިޔަވަގުތު ވެސް އަނޫފް އިރުއިރުކޮޅަކާ ރާދިންއަށް ބަލައިލައެވެ. ހީވަނީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން ބޭނުންވެެގެން އުޅެނީ ހެންނެވެ.
*****
ހުރިހާކަމެއް ނިންމާލާފައި ރާދިންއާއި އަނޫފް އެރީ ޓެރެސްއަށެވެ. އޭރު ގަޑިން ބާރަޖަހަނީއެވެ. ރޭގަނޑުގެ ވަގުތަށް ވުމުން ކޮންމެވެސް ކަހަަލަ ތެތްފިނިކަމެއް ފަޒާގައި ހިފާލާފައިވެއެވެ. އެތަނުގައި ކޮފީޓޭބަލް ކައިރީގއި ހުރި ގޮނޑީގައި އިށީންނަމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއީ ހިތްގައިމު، ތަނަވަސް ބޮޑު ޓެރެސްއެކެވެ. އުދޯއްޔަކާއި، ސޯފާތަކާއި ގޮނޑިތަކުގެ އިތުރުން ކޮފީ ޓޭބަލްއެއް ހުރިއިރު، އެތަނުގައި ތަފާތު ވައްތަރުގެ ގަސްތައްވެސް ޕޮޓްތަކުގައި ހައްދާފައިވެއެވެ.
"ބޮޑު ޓެރެސްއެއް ދޯ… ނިދާލަންވެސް ސަޅި ހަމަ!" އަނޫފް ބުނެލިއެވެ. ހޫނުވެފައި ހުރުމުގެ ސަބަބުން އޭނާގެ މޭމަތީގައި ތަތްލާފައި ހުރި ޓީޝާޓުގައި ހިފާލަމުން އޭނާ ވެސް އައިސް މޭޒު ދޮށުގައި އިށީނެވެ.
"ކަލޭ ނިދަން ވީނު ދެން. ކޮން އިރަކުންތަ ބިޓު މާލެ އަންނަނީ؟" ރާދިން އަނޫފްއާ ސުވާލުކޮށްލިއެވެ.
"ނޭނގެ މިފެށޭ ހަފްތާގައި އަންނާނެ ކަންނޭނގެ. އެކަހަަލަ އެއްޗެއް ބުނި. އައިސްދާނެ ނުބެނެވެސް، ކޮންމެ ފަހަަރަކުވެސް އެކަހަލަ ކަމެއް ކުރާނީ…" އަފޫފް ބުނެލިއެވެ.
"އަނުއްޕެ ކަލޭ ވާ ކެތްގަދަ އިނގޭ. ތިހެން ލޯންގް ޑިސްޓޭންސް ރިލޭޝަންއެއްގައި މަށަކަށް ނޫޅެވޭނެ! މަ މޮޔަވާނެ!" ރާދިން ބުނެލިއެވެ.
"އެކަން މަށަށް ވުރެ ރަނގަޅަށް އެނގޭނީ ކާކަށް؟ ސަޖާއަށް ވަކިން އެޕާރޓްމެންޓެއް ދީފައި އެ ހުންނަނީވެސް އެހެންވެގެނެއްނު. ބޭނުން އިރަކު ދެވޭނެ. " އަނޫފް ބުނެލިއެވެ.
އެފަދަ ވާހަކަތަކެއްގައި ތިއްބާ ކޮފީ ހިފައިގެން، އެގޭގައި އުޅޭ ނޯކަރެއް ކަމުގައިވާ ގްރޭސީ އަތުވެއްޖެއެވެ. ކޮފީ މަގުތައް މޭޒުމަތީގައި ބަހައްޓާލާފައި ގްރޭސީ ދިޔުމުން އަނެއްކާވެސް އެދެމީހުން އަމިއްލަ ވާހަކަތަކުގައި މަސްއޫލުވިއެވެ.
"ނޫމާން ދިޔަޔަސް، އަހަރެމެންނަށް އެއްވެސް ދަތިކަމެއް ނޯންނާނެ ދެނެއް. މިގޭގައި އަހަރެމެން އެންމެންނަށް ހަމަ ކުރިން އުޅުނުހެން އުޅެވޭނެ…" ރާދިން ފަޚުރުވެރިވެލާފައި ބުނެލިއެވެ.
"އޭ ދޯ ކަލޭ މިގެއަށް އައި ބޭނުމަކީ؟ ސަޖާވެސް ގެންނާނަންތަ އަނެއްކާ؟" އަނޫފް އަނެއްކާވެސް އަހާލިއެވެ.
"ތީ ދޯ ޕޮއިންޓަކީ" ރާދިން އޭނާގެ ޝަހާދަތް އިނގިލި ބޮލުގައި ޖައްސާލިއެވެ.
"ކަލޭގެ އަންހެނުންނާ ސަޖާއާ… ތީ ރަނގަޅު ގޮތެއް ނޫން…" އަނޫފް ބުނެލިއެވެ.
"ކީއްވެ ރަނގަޅު ނުވާނީ. މަގޭ އަންހެނުންނެއް ނޫޅޭނެ މީހުން ތެރެއަށް ނިކުމެއެއް. އެއީ މަޑުމައިތިރި ޓައިޕް... އަހަރެމެންނާ ވަރަށް ތަފާތު ވާނެ!" ރާދިން ބުނެލިއެވެ.
"އެހެންވީމަ ކަލޭ ވަކިން ބަދަލުވީ އުޅޭ ނޫޅޭ ގޮތް ބައްޕައަށް ސިއްރުކުރަން ދޯ… ކަލޭ ދުވަހަކު ނުވާނެ އިސްލާހެއް..." ރާދިންގެ ވިސްނުން ހުރި ގޮތް އެނގުމާއެކު، އަނޫފް ހިނިގަނޑެއް ޖަހާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
ކޮފީ ބޮޮއިގެން އަނޫފް ގެއަށް ދިޔުމުން ރާދިން ވަނީ ކޮޓަރިއަށެވެ. ފެންވަރަން ވަތްއިރު މައާލް ހޭލާ އޮތްނަމަވެސް، އޭނާ ނުކުތްއިރު އޮތީ ނިދިފައެވެ. މައާލްއަށް ގޮވަން ނުހަދާ އޭނާ ވެސް ސޯފާގައި ޖައްސާލިއެވެ. ވެފައިހުރި ވަރުބައްޔާއެކު އޭނާ ސަޖާއަށް ގުޑް ނައިޓް މެސެޖެއް ފޮނުވާލުމަށްފަހު، ނިދަން އަވަސްވެގަތް ނަމަވެސް، އެކަމަށް ތަން ނުދިނީ ސަޖާގެ ފޯނު ކޯލެވެ.
"ދެންމެތަ ތި ނިމުނީ މަސައްކަތްކޮށް؟" ސަޖާ ސުވާލުކޮށްލުމުން، ރާދިން އާއެކޭ ބުނެލުމަށްފަހު، މައާލްއަށް ބަލައިލިއެވެ.
"ދެން މިހާރު ކީކުރަނީ؟ އެ މައާލް ކައިރީގައި ދޯ…"
"ނޫން ލޯބީ… " ރާދިން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އިރުއިރުކޮޅަކާ، އޭނާ މައާލްއަށްވެސް ބަލައިލައެވެ.
"ދެން އަހަރެން ކައިރިއަށް ނާންނާނަންތަ؟"
"މާދަން ދާނަން." ރާދިން އެހެން ބުނެލިނަމަވެސް، ސަޖާ އެއްބަހެއް ނުވިއެވެ. އެންމެފަހުން ސަޖާ ރޯން ފެށުމުން ރާދިންއަށް ޖެހުނީ ނުކުމެގެން ދާށެވެ.
ހެނދުނު މައާލް ހޭލިއިރު ރާދިން ނެތްކަން އޭނާއަށް އެނގުނެވެ. ގޭގެ ބައެއް ކަންތައްތަކުގައި ކުޑަކޮށް ބިޒީކަމަށް ރާދިން ބުނެފައިވާތީ މައާލް އެކާމާ މާބޮޑަށް އަޅާނުލިނަމަވެސް، ނުބުނެ ރާދިން ދިޔުމުން ކުޑަކޮށް ހިތުގައި ޝަކުވާ އުފެދުނެވެ. މިވީ ދުވަސްތަކުގައި ރާދިންގެ ފަރާތުން އޭނާއަށް ލިބުނު އޯގާތެރިކަމުގެ ސަބަބުން ރާދިންގެ އެ އަޅާލުމާ އެހީތެރިކަމަށް އޭނާއަށް އެދެވެއެވެެ. ރާދިންއަށްޓަކައި އެ ހިތުން ޖާގައެއް ހުސްވަމުންދިޔައީ މައާލްއަށް ރޭކާވެސް ނުލައެވެ. އެ ހިތުގައި ރާދިންއަށްޓަކައި އިހްސާސްތަކެއް އުފެދެމުން ދިޔައެވެ. އޭނާގެ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ރާދިން ބަލަމުން ދެއެވެ. އެހާ އަޅާލައެވެ. އޯގާތެރިއެވެ. އެކަމުގެ ސަބަބުން މައާލްއަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ.
ދިހައެއް ޖަހަން އުޅެނިކޮށް މުނީރު އެގެއަށް އައިއިރު މައާލް އިނީ ސޯފާގައެވެ.
"ސައި ބޯން ވީނުުންތޯ ބައްޕާ!" މައާލް ހިނިތުންވެލިއެވެ.
"ނޫނޭ. ސައި ބޮއިގެން މިއުޅެނީ. މިއަދު އޮތް މީޓިން ނިންމާލާފަ ދެން އިތުރު ކަމެއް ނެތީމަ މިއައީ ރާދިންއާ ވެސް ބައްދަލުކޮށްލަން ޖެހިފަ އޮތީމަ. ކޮބާތަ؟ އަދިވެސް ނިދަނީތަ؟" މުނީރު ސުވާލުކޮށްލިއެވެ.
"ނޫން. ކުޑަ ކަމަކު ބޭރަށް ދިޔައީ…" މައާލް ބުނެލިއެވެ.
"ރާދިން ދަރިފުޅަށް ވަގުތު ދޭތަ؟"
"ލައްބަ!" މި ވީ ދުވަސްތަކުގައި ރާދިންގެ ފަރާތުން ލިބުނު އޯގާތެރިކަން ހަނދާންކުރަމުން މައާލް ބުނެލިއިރު، އޭނާ ހިތްހަމަޖެހިފައި ހުރި މިންވަރު އެ މޫނުމަތިން އެކަނިވެސް ދޭހަވެއެވެ. މައާލްގެ މޫނުމަތިން ފެނުނު އަސަރުތަކުން މުނީރު ހިތްހަމަޖެހުނެވެ. ރާދިން އާދޭތޯ މުނީރު އެތައް އިރަކު މަޑުކުރިއެވެ.
"ރާދިން އައިމަ ބުނާތި ބައްޕަ އައި ވާހަކަ!" މުނީރު ބުނެލިއެވެ. މައާލްއަށް އިތުރު ސުވާލެއް މުނީރާ ކުރާކަށް ނުކެރުނެވެ. މުނީރު ދައްކަން އުޅެނި ކޮން ވާހަކައެއް ހެއްޔެވެ؟ ސީދާ ރާދިން ހޯދަނީ ކީއްވެހެއްޔެވެ؟ މައާލް ކުޑަކޮށް ނުތަނަވަސްވީކަން މުނީރަށް ދެނެގަނެވުމާއެކު، އޭނާ ވާހަކަ ދެއްކިއެވެ.
"ކީއްވެ މާ ހާސްވީ؟ ހާސްވާން ޖެހޭ ވަރުގެ ވާހަކައެއް ނޫނޭ…" ހިނިތުންވެލާ މައާލްގެ ހާސްކަން ފިލުވާލަދިނުމުގެ ނިޔަތުގައި މުނީރު ބުނެލިއެވެ. އެއަށްފަހު އޭނާ ދިޔައީ މައާލް ގާތު ކަމެއް ބޭނުންވެއްޖެނަމަ އޭނަގެ ގާތުގައި ބުނަން އެދިފައެވެ.
އެ ދުވަހު ހަތަރު ދަމުވެސް މައާލް ހޭދަކުރީ އެކަންޏެވެ. ރާދިން ގެއަކަށް ނާދެއެވެ. އިޝާނަމާދު ކޮށްލައިގެން މައާލް ޤުރުއާން އަޑު އަހަން އޮއްވާ އޭވާ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ.
"މެޑަމް، ބޮސްގެ ފާދަރ އެބަހުރި " އޭވާ އަކީ މީގެކުރިން ރާއްޖޭގައި މަސައްކަތްކުރި ޕިލިޕީންސްގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ އަކީ ތައުލީމީ ކުއްޖެކެވެ. ކުޑަކުޑަކޮށް ދިވެހި އެނގެއެވެ. މައާލް ހާސްވިއެވެ.
"މިދަނީ…"
"ބޮސްގެ ވާހަކަ ވެސް އަހަނީ…"
"އޭވާ! ސައިޑް ކަބަޑުތެރޭގައި އޮތް ފޯނު ނަގާ ރާދިންގެ ނަންބަރަށް ގުޅާލާފަ އަހަރެން އަތަށް ފޯނު ދީބަލަ!" މައާލް ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. އޭވާ ފޯނު ނަގާ ރާދިންގެ ނަންބަރަށް ޑައިލްކޮށްލާފައި މައާލް އަތަށް ދިނެވެ. އެއީ ރާދިން އޭނާއަށް ދީފައިވާ ފޯނެކެވެ. ކަމެއްވެއްޖެނަމަ ގުޅަން ބުނެފައި ރާދިން ފޯނެއް މައާލްއަށް ދިނީ އަނެއްކާވެސް ކުރިން ދިމާވިފަދަ ކަމެއް ދިމާވެދާނެތީ ބިރުންނެވެ.
*****
ސަޖާގެ ކައިރީގައި ސޯފާގައި އިިނދެފައި ރާދިން ދިޔައީ ފެންފުޅިއެއް ބަލައެވެ. އޭރު އޭނާގެ ބޯ ހުރީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ. މޫނުމަތީގައި ނިދީގެ އަސަރު ހުރުމުން ދޭހަކޮށްދެނީ ހޭލިތާ އަދި މާ ގިނައިރު ނުވާ ކަމުގައެވެ. ސޯފާމަތީގައި އޮތް ރާދިންގެ ފޯނު ރިންގް ވުމާއެކު، ސްކްރީނަށް އަރާފައިވާ ނަން ސަޖާ ކިޔައިލިއެވެ. ފެނުނު މައާލްގެ ނަމާއެކު ސަޖާގާތަށް ރުޅިއައެވެ. އޭނާ ފޯނު ހިފައިގެން ތެދުވިއިރު، ރާދިން ފެންފުޅި ހިފައިގެން އަންނަނީއެވެ.
"ކާކު؟" ރާދިން ސުވާލުކޮށްލުމުން ސަޖާ ފޯނުގެ ސްކރީްން ރާދިންއަށް ދައްކައިލިއެވެ. ރާދިން އޭނާގެ އަތަށް ފޯނު ދޭން އިޝާރާތްކޮށްލުމުން ސަޖާ ދެކޮޅު ހެދިއެވެ.
"ކީކުރަންތަ މީނަ މި ގުޅަނީ.."
"ވެދާނެ ކަމެއް ވީކަމަށް… ދީބަ ފޯނު." ސަޖާ ހުރީ ރުޅިއައިސްފަކަން ރާދިންއަށް އެނގުނެވެ.
"އަހަރެން ކައިރީގައި ހުންނަ އިރު އޭނަ ނުޖެހޭނެ ރާދިންއަށް ގުޅާކަށް. ވީކަމެއް އަހަރެން ވެސް ބާލަލަން ބޭނުން…" ރުޅި އައިސް ރަތްވެފައި ހުރި ސަޖާ ފޯނު ނެގިއެވެ. ކަންތައްވަނީ ހަމައެކަނި މައާލްއަށް ހެއްޔެވެ؟ މައާލްއަށް ކަމެއް ވެދާނެތީ ރާދިން އެހާ ހާސްވާން ވޭހެއްޔެވެ؟ އޭނާ ގުޅާއިރު، މައާލްގެ ކައިރީގައި ހިރެ ފޯނު ނުނެގެންޏާ އޭނާގެ ކައިރީގައި ހުރެވެސް ރާދިންއަށް މައާލްގެ ފޯނު ނެގޭކަށް ނުޖެހޭނެއެވެ. އެހުރިހާ ހަނދާންތަކަކުން އޭނާގެ ރުޅިގަނޑުގައި އަލިފާން ރޯވަމުން ދިޔައެވެ. ރާދިން ނޫނެކޭ ބުނެބުނެ އޮއްވާ ސަޖާ ފޯނު ނަގާ ވާހަކަ ދެއްކިއެވެ.
"ހަލޯ"