"ފެންނަމުން މިދާހާ މަންޒަރަކުން އަނގައިންބަސްހުސްނުވާ ވަރެއް ނޫނެއްނު." އަނޫފް ބުނެލިއެވެ.
"ކިޔަވަން ފުރުމުގެ ކުރިން އެންމެ ފުރަތަމަ އޭނަ އެހެން މީހަކާ އެކީ ފެނުނު ދުވަހު މަށަށް ވެސް ވީ ތިހެން. މަ ހީކުރީ މިހާރު އެ އުޅުން ބަދަލުވީކަމަށް. އެކަމަކު ޔަޤީންވެއްޖެ ނޫންކަން. އެ ވާހަަކަ ރާދިންގެ ކައިރީގައި ބުނީތީ އަހަރެމެންގެ ޒަމާންވީ ރަޙްމަތްތެރިކަމަށް އަސަރުކުރީ. އެހެންވީމަ މަ މިހުންނަނީ އެއްޗެއް ނުބުނަންކަމަށް." ނަސީފް ބުނެލިއެވެ.
"ކަލޭއަށް ކަންތައްކުރާނެ ގޮތް ނޭނގޭތީ އޭ އެއީ…" އަނޫފް ބުނެލިއެވެ.
"ރާދިންއަށް ގުޅަނީތަ؟" ނަސީފްއަށް ބުނެވުނެވެ.
"މަ މީ މޮޔައެއްތަ؟ އޭނަ ގެނެސްފިއްޔާ މިތަން ފަޅާލާނެއެއްނު. އެމީހުން ނުކުންނަންދެން މަޑުކުރާނީ. ފޮޓޯއެއް ނަގާނީ…" އަނޫފް އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.
"މަށަށް ތި ޚިޔާލު ކުރިން ނައީ ކީއްވެ؟" ނަސީފްއަށް ބުނެވުނެވެ.
"މަގޭ ސިކުނޑި ވޯކް ކުރަނީ ކަލޭމެންނަށް ވުރެ ރަނގަޅަށް."
"ކަލޭ ދެން ކޮންމެހެން މާ މޮޅުވާނެކަމެއް ނެތް." ނަސީފް ހީގަތެވެ.
އެމީހުން އެތަނުގައި ތިބޭތާ އެތައް އިރެއް ވީފަހުން ސަޖާ ނުކުތެވެ. އަނޫފް ހުޝިއާރުކަމާއެކު ސަޖާގެ ފޮޓޯއެއް ނަގާ އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. ނަސީބަކުން ސަޖާއަށް އެމީހުންނެއް ނުފެނެއެވެ. އޭނާގެ މުޅި ސަމާލުކަން ހުރީ އެ ފިރިހެން ޒުވާނާއަށް ކަހަލައެވެ.
"ޕިސް ޕިސް. މަގޭ ހިތަށް އަރާ ގޮސް ކުރިމައްޗަށް އަރާފަ ފިސާރި ރަނގަޅަށް ލަދުގަންނުވާލަފާނަމޭ…" އަނޫފްއަށް ބުނެވުނެވެ.
"ހަހަ! ކަލޭ އަބަދުވެސް ކީއްވެ ސައިޑް ބިޓުން ގެންގުޅެން އެހާ ދެކޮޅީ." ނަސީފް ސުވާލުކޮށްލިއެވެ.
"ހެހެ! މަ އަދި އެއްވެސް މީހަަކަށް ނުކިޔާދޭ ކަންތައްތައް ހުރެދާނެއެއްނު." އަނޫފް ބުނެލިއެވެ.
"ކަލޭ ކަމެއް ސިއްރުކުރަނީ؟ އަނެއްކާ ރާދިންއަށް ވެސް ނޭނގޭ ކަމެއްތަ؟" އަނޫފްއާއި ރާދިންއާއި ދެމީހުންގެ އެކުވެރިކަން އޭނާއަށް އެނގޭތީ ނަސީފް ސުވާލުކޮށްލިއެވެ.
"އެއީ މަގޭ ދޮންތަގެ ކަމެކޭ… މަގޭ ހުރިހާ ކަމެއް ރާދިންއަށް އެނގޭނެ! އެކަމަކު ދޮންތަގެ އެ ވާހަކައެއް އެއްވެސް މީހަކާ ހިއްސާނުކުރަން." އަނޫފް ބުނެލިއެވެ.
"ކިހިނެއްވީ... އަސްލު؟" މީގެ ކުރިން ލާނެތް ގޮތަަކަށް ވާހަކަ ދެއްކި އަނޫފް ކުއްލިއަކަށް ސީރިއަސްވުމާއެކު، ނަސީފް ސުވާލުކޮށްލީ އޭނާގެ ހުރިހާ ސަމާލުކަމެއް އަނޫފްއަށް ހުއްޓާލައިގެން އިނދެއެވެ.
"އަހަންނަށް އެނގޭ މަ ވެސް އުޅެނީ އެންމެ ރަނގަޅަށް ނޫންކަން. އެކަމަކު އަންހެން ކުއްޖަކަށް ޗީޓްކުރުން މަށަށް ބަލައެއް ނުގަނެވޭ. އަނެއްކާ ރައްޓެހިވުން އެއީ މަޖަލަކަށް ކުރާ ކަހަލަ ކަންތައްތަކެއް ނޫން. މަ އެހެން ކަންތައްތަކުގެ މިހެން ވިސްނުން ނުހުއްޓަސް މީހުނާ ރައްޓެހިވެގެން، ނޫނީ މީހުންނާ އިނުމަކީ މަޖަލަކަށް ކުރާ ކަންތައްތަކެއް ނޫން!"
"ބޮޑު ކަމެއްތަ ވީ؟"
"އާނ! މަގޭ ދޮންތަ އިނީ ލޯބިވީ މީހާއާ. އިނދެގެން ފިރިމީހާ ބޭނުންވެގެން ވަކިން އެޕާރޓްމެންޓަކަށް ބަދަލުވީ… އޭރު ދޮންތައަކަށް ނޭނގުނު ފުންމާލެވުނީ ކިހާ ވަރުގަދަ އަނދަވަޅަކަށްކަމެއް. ފައިސާ ހުރި މުއްސަންޖެއް އެއީވެސް. އެކަމަކު ކައިވެނީގެ ފަހުން ފިރިއެއްގެ ފަރާތުން އަންހެނަކަށް ލިބެން ޖެހޭ އޯގާތެރިކަމަކާއި ހިމާޔަތެއް ދޮންތައަށް ނުލިބުނު. ކުރިމަތީގައި އެހެން އަންހެނުން ގެއަށް ވައްދައިގެން އެހެން އަންހެނުންނާއި ގުޅުން ހިންގަމުން ދިޔައިރު ދޮންތައަށް ކުރާނެ އަސަރާ މެދު އޭނަ ވިސްނައެއް ނުލި. އެންމެ ފަހުން ޑިޕްރެޝަންއާއި އެންޒައިޓީގެ ޝިކާރައަކަށްވެ ދޮންތަ އަމިއްލަ ނަފްސަށް ގެއްލުން ދޭން ފެށީ! އެއީ އާއިލާއަށް އެކަން އެނގުނު ހިސާބަކީ. އެ ހިސާބުން ބައްޕަމެން ދޮންތަ ގެނައީ. ވަރިވުމަށްފަހު، މިއަދާ ހަމައަށް ވެސް ދޮންތަ އިތުރު މީހަކާ ނީނދޭ. އެއްވެސް ފިރިހެނަކަށް ދޮންތައެއް އިތުބާރެއް ނުކުރާނެ! އޭގެ ފަހުންވެސް އިތުރު މީހަކާ ކައިވެނި ކުރުވަން ބައްޕަމެން މަސައްކަތް ކުރި. އެކަމަކު ހިލާ އެކަމަކަށް އެއްބަހެއް ނުވި. މިހާރުވެސް ނަފްސާނީ މައްސަލަތައް ކޮންމެވެސް ވަރަަކަށް ހުރޭ! މަށަށް އެނގޭނީ އެކަމުގެ ސަބަބުން ދޮންތަ އުޅުނު ޙާލު. މަ ބުނިން ރާދިން ކައިރީގައި މައާލްގެ ކުށެއްނެތި ރާދިންވެސް ކުރަނީ ރަނގަޅުކަމެއް ނޫނޭ! ސަޖާ ގެއަށް ގެންދިޔުން އެކަންޏެއް ނޫން. އެންމެންގެ ތެރޭގައި މައާލް ފަޞީހަތްވެސް ކުރީ. އެ އަންހެން ކުއްޖާވެސް ކެތް ގަދައީ… އަމިއްލަ ގޭގައި ފިރިމީހާ ހިލޭ އަންހެނެއް ގޮވައިގެން އުޅޭކަން އެނގުނީމަ ހިތް ފަޅައިގެން ދާނެއެއްނު…" އަނޫފް ވާހަކަ ދައްކާ ނިންމާލަމުން އެއީ މައާލްގެ ގެ ކަމުގައި ބުނީ ގަސްތަކު ނޫނެވެ. އޭނާއަށް ބުނެވުނީއެވެ.
"ކީކޭ؟ މައާލްގެ ގެ އޭ؟" ނަސީފްއަށް ވެސް ހައިރާންކަމެއް ލިބުނެވެ. ރާދިން އެ ފަދަ އެއްވެސް ވާހަކައެއް ހިއްސާނުކުރާކަން އެނގި، ނަސީފްއަށް އޮޅުވާލަން އުޅުނު ނަމަވެސް، ނަސީފް ހުޝިއާރުކަމާއެކު، އެކަން ފާހަގަކޮށްލިއެވެ. އެހެންކަމުން އަނޫފްއަށް މަޖުބޫރުވީ އެ ވާހަކަ ބުނުމަށެވެ.
"އާނ. އެއީ މައާލްގެ ގެ."
"އެކަމަކު އެހެން ކިހިނެއްވާނީ؟" ނަސީފްއަށް ބުނެވުނެވެ.
"ޝާކިރު އެނގެއެއްނު. ސްޓާރ ގްރޫޕް ގެ ބޮޑުމީހާ… އެއީ މައާލްގެ ބައްޕަ! އެއީ އަސްލު މައާލްގެ ބައްޕަގެ ގެ. އެމީހުން ރާއްޖޭން ބޭރަށް ބަދަލުވީ އެ ގެ ކުއްޔަށް ދީފަ. އެކްސިޑެންޓެއްގައި މައާލްގެ ލޮލުގެ ފެނުން ގެއްލުނީ. ގެއްލުނުތާ މާ ގިނަ ދުވަހެއްނުވެ ރާދިންއާ އިނީ. މައާލް އާ ރާދިން އަކީ ކަޒިންސް. މަ ބޭނުމެއް ނޫން އެ އަންހެން ކުއްޖާއަށް ދެރައެއް ލިބޭކަށް. " އަނޫފް އަނެއްކާވެސް ބުނެލިއެވެ.
"ވާއު. މަށަށް އަދި ތިއެއް ނޭނގެޔޭ…" ނަސީފް ބުނެލިއެވެ.
"ކީކުރާނީ… ރާދިންއަށް ނުވިސްނެނީ. ރާދިން ހެދިހާ ގޮތަކަށް ވަރިހަމަވެގެން އެ އަންހެން ކުއްޖާ ހުންނާތީ އަހަރެންވެސް ހައިރާންވޭ!" އަނޫފް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.
"ހިނގާ ދަމާ!" އަނޫފް ގޮނޑިން ތެދުވެލިއެވެ. ނަސީފް ވެސް އަނޫފްއާއެކު ކޮފީ ޝޮޕުން ނުކުތްތަނާ އާއިލާ މީހަކު ގުޅައިގެން އޭނަ ދާން ޖެހުނެވެ. ނަސީފް ދިޔުމުން އަނޫފްވެސް ދިޔައީ އޭނަގެ ގެއަށެވެ.
*****
އެރޭ ރާދިން ނިދީވެސް އެހެން ކޮޓަރިއެއްގައެވެ. އޭނާ މައާލްއާއެކު އެއް ކޮޓަރިއެއް ހިއްސާކުރަން ބޭނުންނުވީކަމެއް ނޫނީ ނުކެރުނީކަމެއް ނޭނގެއެވެ. ނިދަން ވަނުމުގެ ކުރިން އޭނާ އޭވާއަށް ގުޅާފައި މައާލްއަށް ބަލަން އެދުނެވެ.
ހެނދުނު ރާދިން އޮފީހަށް ދާން ހޭލާފައި ގޮސް ކޮޓަރިއަށް ވަތްއިރު މައާލް ފެންނާކަށް ނެތެވެ. ފާޚާނާގައިވެސް ނެތެވެ. އެކަމަކު ރާދިންގެ ސޫޓާއި އެއްޗެހި ނަގާފައި އޮތެވެ. އެއަށް ބަލަން ހުރުމަށްފަހު، އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. އޮފީހަށް ދާން ތައްޔާރުވެގެން ރާދިން ތިރިއަށް ދިޔުމާއެކު، ގްރޭސީ، ސައި ތައްޔާރުކޮށްފައި ކަމަށް ބުނެލިއެވެ. ރާދިން ކާކޮޓަރިއަށް ދިޔައީ އެތަނުގައި މައާލް އިނީއޭ ހިތައެވެ. އެހެންނަމަވެސް، އޭނާއަށް ހައިރާންކަމެއް ލިބުނީ މައާލް ނެތުމުންނެވެ.
"މެޑަމް ކޮބާ؟" ރާދިން ގްރޭސީއާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ގްރޭސީ އަދަބުވެރިކަމާއެކު ޖަވާބު ދެމުން ބުނީ މައާލް ގޭގެ ފަހަތުގައިވާ ބަގީޗާގައި ކަމުގައެވެ.
ރާދިން ސައި ބުއިމުގެ ޚިޔާލު ދޫކޮށްލާފައި ގޮސް ބަގީޗާއަށް ނުކުތްއިރު، ފަތާ ފެންގަނޑު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން މައާލް އިނެވެ. ރާދިން ގޮސް މައާލްގެ ފުރަގަހުގައި ހުއްޓުމާއެކު މައާލް ހީކުރީ އޭވާ ކަމަށެވެ.
"ރާދިން ދިޔައިތަ؟ ސައި ބުއިތަ؟" މައާލްގެ އެ ސުވާލާއެކު ރާދިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ އަންހެން ކުއްޖާގެ ކޮންމެ ޖުމްލައަކުން ރާދިންއަށް ތަފާތު އިޙްސާސްއެއް ކުރުވަމުން ދިޔައެވެ. އޭނާގެ އަނިޔާވެރިކަމާއެކުވެސް މައާލް ވީ ވަރަކުން އޭނާގެ ޒިންމާ އެބަ އަދާކުރެއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތުގައި ޚާއްސަ ގަދަރެއް އުފެދެމުން ދިޔައެވެ. ހަމަ ހަޤީގަތުގައިވެސް ރޭގައި ކުރެވުނު ކަންތަކަށް މާފަށް އެދެން ރާދިން ބޭނުންވިއެވެ.
"އޭވާ!" އޭވާ އެއްޗެއް ނުބުނުމުން މައާލް ދެފަހަރަކު ގޮވާވެސް ލިއެވެ.
"ޔެސް މޭމް…" ރާދިންގެ ކައިރިއަށް އައިސް ހުއްޓުނު އޭވާގެ އަތުގައި ކޮފީ ތައްޓެއް ހުއްޓެވެ. އޭގެން އާވި އަރަމުން ދިޔައިރު، ކޮފީގެ މީރުވެސް މުޅިތަނަށް ފެތުރިގެން ދިޔައެވެ.
"ރާދިން ސައި ބުއިތަ؟" އޭނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެއާއެކު އޭވާއަށް ބަލައިލެވުނީ ރާދިންއަށެވެ. ރާދިން ބޯ ޖަހައިލީ އާއެކޭ ބުނާށޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު އޭވާ އެ ސުވާލަށް ޖަވާބު ދިނެވެ. އޭވާގެ އަތުން މައާޅް ކޮފީ ތަށި ނަގަމުން ވާހަކަ ދެއްކަމުން، އޭވާގެ ގާތުގައި އެތަނުން ގޮނޑިއެއްގައި އިށީނުމަށް ބުނެލިއެވެ.
"އޭވާއަށް ފަތަން އެނގޭތަ؟ އަހަންނަކަށް ނޭނގޭ…." މައާލް ވާހަކަ ދެއްކުމާއެކު، އޭނާ ހިނިތުންވެލާ އޭނާއަށް ވެސް ނޭނގޭކަމަށް ބުނެ އެ ސުވާލަށް ޖަވާބު ދިނެވެ.
މައާލްއާއި އޭވާގެ ޖަވާބު އަޑު އަހަން ހުރުމަށްފަހު، ރާދިން މަޑުމަޑުން އެތަނުން ދާން ހިނގައިގަތެވެ. އޮފީހަށް ދިޔުމުގެ ކުރިން އޭނާ ކާކޮޓަރިއަށް ވަދެ ނާސްތާ ވެސް ކުރިއެވެ.
އޮފީސް ނިންމާފައި ރާދިން ދިޔައީ ގެއަށެވެ. ސަޖާ ގުޅާފައި އެ ގެއަށް އަންނަން ބުނުމުންވެސް، ރާދިން ބޮލުގައި ރިއްސާކަމަށް ބުނެ ބަހަނާއެއް ދައްކާލިއެވެ. ދެން ސަޖާ އެދުނީ އޭނާއަށް ލާރި ޖަމާކޮށްދިނުމަށެެވެ.
"މި ފޮނުވަނީ.." އެހެން ބުނެލާފައި އޭނާ ލާރި ސަޖާއަށް ޓްރާންސްފަރކޮށްލިއެވެ. ކޮޓަރިއަށް ވަތް ރާދިން މައާލްއާ އަނގައިން ވެސް ބުނެލުމެއް ނެތި ފާޚާނާއަށް ވަދެ ފެންވަރާލައިގެން ކޮޓަރިން ނުކުމެލިއެވެ. އެއަށްފަހު އޭނާ ގޮސް ވަނީ ކުރިންވެސް އޭނާ ނިދި ކޮޓަރިއަށެވެ. އެނދުމަތީގައި އޮށޯވެލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ފޯނުން ހުޅުވައިލީ ގޭމެކެވެ. ގޭމުކުޅެން އޮންނަތާ އިރުކޮޅެއްވީ ފަހުން، އަނެއްކާވެސް ސަޖާ ގުޅައިފިއެވެ. ރާދިން ފޯނު ނުނެގުމުން ދެން ކުރީ މެސެޖެކެވެ. އޭނާ އެގޭގައި ހުރިކަމަށް ބުނެއެވެ. އެއާއެކު ރާދިންއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ކޮޓަރިން ނުުކުމެގެން އޭނާ ބޮޑުކޮޓަރިއާ ދިމާލަށް ހިނގައިގަތެެވެ. އޭނާގެ ލޮލުގައި ސަޖާ އަޅައިގަތުމާއެކު، ރާދިން ބާރު ބާރަށް ގޮސް ސަޖާގެ ކުރިމަތީގައި ހުއްޓުނެވެ.
"ސަޖާ… ކީކުރަނީ؟" ރާދިންއަށް ސުވާލުކޮށްލެވުނުއިރު، އެ އަޑުގައި ކަންބޮޑުވުން ވިއެވެ.
"އަހަރެމެން ދެމީހުން އެއްބަސްވީމެއްނު އަހަންނަށް ބޭނުންވަގުތަކު މިގެއަށް ވަދެ ނިކުމެވޭ ގޮތަށް. މައާލްއަށް ހުރިހާކަމެއް ސިއްރުކުރަން އެވެސް ޝަރުތެއްނު." ސަޖާ ކަމެއް ހަނދާންކޮށްލަދިނެވެ.
"ސަޖާ! އަހަރެން ހަމަ ހަޤީގަތުގަވެސް ބޮލުގަ ރިއްސާތީއޭ… ވަރަށް ވަރަށް ރިއްސާ އެބަ. އެހެންވެ އަރާމުކޮށްލަން ބޭނުމީ. އަހަރެން މިރޭ ސަޖާ ކައިރިއަށް ދާނަން. އޯކޭ؟ އަންގާ ނުލާ ތިގޮތަށް ނައިސްފާނަންތަ؟" ރާދިން ހުރީ ހިތްހަމަ ނުޖެހިފައިނަމަވެސް، އޭނާ ބެލީ މަޑުމައިތިރިކަމާއެކު ސަޖާއަށް ވިސްނައިދެވޭތޯއެވެ. ސަޖާވެސް އިތުރަށް ރާދިން ރުޅިއަރުވަން ބޭނުން ނުވާފަދައެވެ. އޭނާ އެ ގެއިން ނުކުމެގެން ދާން ހިނގައިގަތެވެ. ގޭޓުން ނުކުމެފައި ސަޖާ އޭނާގެ ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅައިިއެވެ. މާ ލަސްތަކެއް ނުވެ ސައިކަލެއްގައި ޒުވާނަކު އައިސް އޭނާގެ ކައިރިއަށް މަޑުކޮށްލިއެވެ.
"މިގެ ކައިރީގައި ކީކުރަނީ؟" އެގެއަށް ނަޒަރު ހިންގާލުމާއެކު، އެ ޒުވާނާ އަހައިލިއެވެ.
"އަނެއްހެން ހިނގަމުން އައިސް މަޑުކޮށްލައިގެން ހުރީ ހަމަ." ސަޖާ ބުނެލިއެވެ.
"ސައިކަށް އަރާ…" އެ ޒުވާނާ ބުނެލުމާއެކު ސަޖާ ގޮސް ސައިކަލަށް އެރިއެވެ.
*****
އެގާރަޖަހާ ބޮޑުވެއްޖެއެވެ. ޓެރެސްގައި ހުރެފައި ރާދިން ގޮސް ކޮޓަރިއަށް ވަތްއިރު މައާލް ފާޚާނާއިން ނުކުންނަނީއެވެ. މައާލްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތުމާއެކު ރާދިންއަށް ސުވާލުކޮށްލެވުނެވެ.
"މައާލް! ނުނިދަންތަ؟"
"ނިދި ނައިސްގެން މިއުޅެނީ…" މައާލް ބުނެލިއެވެ.
"އަހަރެން ނެތީމަތަ…" ރާދިން އެހެން ބުނެލާފައި ގޮސް މައާލްގެ އަތުގައި ހިފައްޓާލިއެވެ. މައާލް އެ އަތް ފޮޅުވައިލަން އުޅުނުނަމަވެސް، ރާދިންގެ ބަސްތަކާއެކު އޭނާ މަޑުޖެހުނެވެ.
"އައި އެމް ސޮރީ މައާލް، އައި ރިއަލީ އޭމް!" ރާދިން މަޑުމަޑުން ބުނެލިއެވެ. އޭނާ މައާލް ގެނެސް އެމޭގައި ޖައްސާލުމާއެކު، މައާލްގެ ހިތުގެ ހިނގުން ބާރުވިއެވެ.
"އަހަރެން ދެން އެހެން ނުހަދާނަން. އަހަންނަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކުރަން." ރާދިން ބުނެލިއެވެ. އެ އަޑުން އޭނާ ދެރަވެފައި ހުރިކަން ދޭހަވެއެވެ.
"އަނެއްކާ އެ އަމަލު ތަކުރާރުކުރަންޏާ ރާދިން އަހަރެންގެ ގާތުން މާފަށް ނޭދޭ… ހެޔޮނުވާނެ!" މައާލްއަށް އިސްޖަހައިލެވުނެވެ.
"ދެން ނުވާނެ އެހެންނެއް." ރާދިން މައާލްގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ. މައާލްގެ އެމްބަރ ކުލައިގެ ދެލޮލާއި ހަތަރު ކަޅި ހަމަކޮށްލި ރާދިން އެ މޫނުގައި ފިރުމާލިއެވެ. މައާލްގެ ދެލޮލުގައި އެ ހުރި ރިހުން އޭނާގެ ހިތަށް ތަދުކުރުވިއެވެ. މައާލްގެ ލޮލާ ދިމާލުގައި އިނގިލި ޖައްސާލުމަށްފަހު، އެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު، ރާދިން ބަލައިލިއެވެ. މައާލްގެ ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުމާއެކު، ރާދިންގެ ހިތުގެ ތެޅުން އަވަސްވީ އެ ހާދިސާ މަތިން ހަނދާންވެފައެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން ރާދިންއަށް ދަތިވުމާއެކު އޭނާ މައާލްއާ ގާތްވެލިއެވެ. ރާދިންގެ ހޫނުނޭވާ މައާލްގެ މޫނަށް އެޅެން ފެށުމާއެކު، މައާލްގެ ނަފްސަށް ވެސް އެކަން އެނގުނު ފަދައެވެ. މުޅި މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރާދިންގެ އެ ބީހުން އޭނާއަށް އިޙްސާސްކުރެވުމާއެކު، ކުރީގެ ހާދިސާ މަތިން ހަނދާންވެ މައާލްއަށް ރާދިންގެ މޭގައި އަތް އަޅާ ކޮށްޕާލެވުނެވެ. ރާދިން ސިހުނު ނަމަވެސް މައާލްއަށް ވީ ގޮތް އޭނާއަށް ފަހުމްވީ މައާލްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނައާއި އެ އަތުގައިވި ތުރުތުރު އެޅުން ފެނިފައެވެ.
"ސޮރީ…" ރާދިން މައާލް ގެނެސް މޭގައި ޖައްސާލަމުން ބުނެލިއެވެ. މައާލްވެސް ދުރުވާކަށް ނޫޅުނެވެ.
"މައާލް އަހަންނާ ދުރަށްދާން ބޭނުންވަންޏާ އަހަރެން ނުހިފައްޓާނަން." ރާދިންއަށް ބުނެވުނެވެ. މައާލް އޭނާއާ ދުރުނުވުމުން ރާދިން ހިތްހަމަޖެހުނެވެ. އެއީ މައާލް އޭނާއަށް ދިން ދައުވަތެއް ކަމުގައި އޭނާ ގަބޫލުކުރިއެވެ. މައާލްގެ ދުރުކޮށްލުމަށްފަހު، އިރުކޮޅަކު ވިސްނަން ރާދިން ހުއްޓެވެ. އެއަށްފަހު އުނަގަނޑުގައި ހިފާ ކައިރިކޮށްލުމާއެކު އޭނާ ލޯބިވެތި ހަދިޔާއެއް މައާލްއަށް ދިނެވެ. މައާލްގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. ރާދިންގެ އެ އޯގާތެރިކަމުން އެވަގުތު އެ އަތުގެ ތެރެއަށް ވިރިގެންދާން މައާލް ބޭނުންވިއެވެ. އޭނާ ރާދިންއަށް ފުރުސަތު ދިނެވެ. ދުރުވާކަށް ނޫޅުނެވެ. ފިރިމީހާއަށްޓަކައި އޭނާ ހިނިތުންވެލިއެވެ. ރާދިންވެސް މައާލްގެ ދައުވަތު ގަބޫލުކުރީ އުފަލާއެކުގައެވެ.
ހަޤީގަތުގައި މިރޭ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ރާދިންއަށް ބާރެއް ނުފޯރުވުނެވެ. މައާލްގެ ނާޒުކު ހަށިގަނޑު އެ އަތުގެ ތެރޭގައި ވީ ހިނދު ދުނިޔޭގެ ހުރިހާކަމެއްގެ މަތިން ރާދިން ހަނދާންނެތިފައިވާ ފަދައެވެ.
އަމިއްލަ ފިރިމީހާގެ ކިބައިން ފެނުނު އޯގާތެރިކަމުގެ ސަބަބުން މައާލްގެ ހިތްވެސް އުފަލުން ނަށަމުން ދިޔައެވެ. މައާލް އޭނާގެ އަމިއްލަ ނަފްސަށް ވައުދުވީ ރާދިންގެ ކިބައިގައިވާ ރުޅިއާ، ނޭދެވޭ ހުރިހާ ސިފައެއް މަޑުމަޑުން ރާދިންއާ ދުރުކޮށްލުމަށެވެ. އެހެންނަމަވެސް މައާލްއަށް ނޭނގޭ ކަމަކީ އެއީ ކިހާ އުނދަގޫވާނެކަމެއް ކަމަށާއި ކޮންމެ ވަގުތަކުވެސް އެ ދެމީހުންގެ ޙަޔާތަށް ތޫފާނުގެ ކޮޅިގަނޑެއް އަތުވެދާނެކަމެވެ.