"ތި އަހަންނަށް ގެނެސްދިނީ ތީގެ ވެރިމީހާ." މައާލް ބުނެލުމާއެކު، ރާދިން އަށް ޝޮކެއް ލިބިގެން ދިޔައެވެ.

ހިތުގެ ތެޅުން ބާރުވުމާއެކު, ރާދިންގެ ހިއްސުތައްވެސް މަޑުޖެހިލިއެވެ.

"މާލް… ކާ.. ކާކު؟" ރާދިންއަށް ސުވާލުކޮށްލެވުނީ ވެސް އަޅައަޅައިގަންނަމުންނެވެ.

"ތީގަ އޮތީ ކީކޭތަ؟" ކަރުނަތައް ހުއްޓުވަން މަސައްކަތްކުރަމުން މައާލް ސުވާލުކޮށްލިއިރު، އޭނާގެ ހިތަށް ފުން އަސަރުތަކެއް ކޮށްފައިވެއެވެ. ރާދިންގެ އެ ޖެހިލުންވުމާ ހަމަހިމޭންކަމުން މައާލްއަށް ޖަވާބު ލިބުނު ނަމަވެސް، އެ ހަޤީގަތް ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ނުދަންނަ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތަކަށް ވުރެ ބޮޑަށް ފިރިމީހާއަށް އިތުބާރުކުރަން މައާލް ބޭނުންވަނީއެވެ. އެހެންނަމަވެސް ނިއުޅެމުންދާ ހަޤީގަތުން އެކަން ކުރަން ދަތިވަނީއެވެ.

ރާދިންއަށް ތި މީހަކު އެނގޭތަ؟" މައާލް ރާދިންއާ ސުވާލުކޮށްލި ނަމަވެސް، ރާދިންގެ ފަރާތުން ހިމޭންކަން ނޫން އެއްޗެއް އޭނާއަކަށް ނުލިބުނެވެ. އެ ހިމޭންކަމުގެ މާނަ މައާލްއަށް ފަހުމްވިއެވެ.

"ބުނޭ އެނގޭ ހޭ…"

"މިއީ… މިއީ…" ރާދިންގެ ދޫ ބަންދުވިއެވެ. މައާލްގެ ދެލޮލުގެ ތެރެއިން ކަރުނަތައް ފައިބަން ފެށީ އޭނާގެ ކުރިމަތީގައެވެ.

"ތީ… އެ އަންހެނާގެ… ސަޖާގެ….. އޭނަގެ ޕްރެގްނޭންސީ ރިޕޯޓް.. އޭނަ އެ ދެއްކީ ތެދު ވާހަކަތަ؟ އޭނައާ ރާދިން… ރާދިންއާ ގުޅުމެއް އޮވޭތަ؟" ފަހު ޖުމްލަ ބުނެލިއިރު، އެ އަޑު ތުރުތުރު އަޅަމުން ދިޔަލެއް ބޮޑުކަމުން ވާހަކަ ދައްކަން މައާލްއަށް ދަތިވިއެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަމިއްލަ އިޙްސާސްސްތައް ކޮންޓްރޯލް ނުކުރެވުނުއިރު، މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ.

"އަހަންނާ އިނދެގެން ހުރެގެން، އަހަރެންގެ ނުކުޅެދުންތެރިކަމުގެ ފައިދާ ރާދިންއަށް ނަގަން އެނގުނީ ތިހެންތަ؟ އެ ދުވަހު… އެދުވަހު ހޮސްޕިޓަލުންވެސް ދިމާވީ އޭނައާ…އެއީ ނަރުސް ކުއްޖެއް ނޫން. އޭނަ ރާދިންގެ ދަރިއަކަށް ބަނޑުބޮޑުވި އިރު އަހަރެން…" މައާލްއަށް ގިސްލެން ފެށިއެވެ.

"މާލް… މީ ހަޤީގަތެއް ނޫނޭ… ޕްލީޒް… އަޑު އަހާބަލަ.." ރާދިން މައާލްގެ އަތުގައި ހިފައްޓާލަން އުޅުނު ނަމަވެސް، އެ ފުރުސަތެއް މައާލް ނުދިނެވެ. ރާދިންގެ އަތް އޭނާގެ އަތުގައި ބީހުމާއެކު، އޭނާ އެ އަތް ދަމައިގަތެވެ.

"އަހަރެންގެ ގައިގައި އަތް ނުލާތި. ވިޝާމް އަހަންނާ ބެހެން އުޅުނު ދުވަހުވެސް މިތަނުގައި ހުރީ އެ އަންހެން ކުއްޖާ. ރާދިން ދިޔައީ މިގެއަށް ވެސް އެ އަންހެނާ ގެންނަމުން. ލަދެއް ނުގަނޭތަ؟ ބުނެބަލަ މީ ދޮގެކޭ… އެ އަންހެނާއަށް ވަކިން އެޕާރޓްމެންޓެއް ހިފާދީފަ ބޭނުން ވަގުތަކު ގޮސް އޭނަ ކައިރީގަ… ރާދިން އޮންނައިރު…" އިތުރަށް ވާހަކަ ކުރިއަށް ގެންދާކަށް މައާލްއަށް ކުޅަދާނައެއް ނުވިއެވެ. ވާހަކަ މެދު ކަނޑާލުމާއެކު، މައާލް ކަރުނަތައް ފުހެން މަސައްކަތް ކުރިއެވެ.

"އަހަންނާ އޭނައާ…"

"ހެޔޮ ރާދިން. ހުއްޓާލާ! އިތުރު ދޮގުތަކެއް އަޑު އަހާކަށް ބޭނުމެއް ނޫން. ޔޫ ބިޓްރެއިޑް މީ. އަހަރެންގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނެގީ… ބުނެބަލަ! އެ އަންހެނާ އާ ރާދިންއާ އެފަދަ ގުޅުމެއް ނުހިނގާތަ؟ އެޔަޤީންކަން ދޭން ކެރޭނެތަ؟" މައާލް ހިތްވަރުކޮށްފައި ވާހަކަ ދެއްކިނަމަވެސް، ވަކި ހިސާބަކުން އެ އަޑު ކުރެހިގެން ދިޔައެވެ. ކޮޅަށް ހުންނަން ދަތިވުމާއެކު، އޭނާއަށް އެނދުގައި އިށީނދެވުނުއިރު، ރާދިންގެ ބޭވަފާތެރިކަމުން އޭނާގެ މުޅި ނަފްސު ހީވަނީ ފުނޑުފުނޑުވެދާނެހެންނެވެ. ރާދިންއާ މެދު އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކުރާނެހާ ހިތްވަރުވެސް ނުލިބިފައި މައާލްއަށް އިނދެވުނެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

ގަޑިއިރެއް ކުރިން

އޭނާގެ ޕްރެގްނޭންސީ ރިޕޯޓް ހިފައިގެން "ސްޓާރ ޕެލެސް"ގެ ގޭޓު ކުރިމައްޗަށް ހުއްޓުނު ސަޖާ ދޮރުވާނަކަށް ހުރި މީހާއަށް ގޮވާލިއެވެ. އެގެއަށް އޭނަ ފާރަލާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަދު އެތަނުގައި ހުރީ އާއްމުކޮށް ހުންނަ ދެމީހުންގެ ތެރެއިން މީހެއް ނޫނެވެ. އެކަކު ޗުއްޓީއަށް ދިޔުމުން ރާދިން އެތަނަށް ވަގުތިީ މީހަކު ވަނީ ހަމަޖައްސާފައެވެ. އޭނާ ގޮވާލުމާއެކު އެމީހާ އަތުވެއްޖެއެވެ.

"އެތެރެއަށް ވަދެވޭނެތަ؟" ސަޖާ ސުވާލުކޮށްލުމާއެކު، އޭނަ ދެކޮޅު ހެދިއެވެ.

"ގުޅާފަ އެބަ ބުނަން." އެހެން ބުނެލާފައި އޭނާ ހިނގައިގަތީ ގެއަށް ގުޅާލަން ނަމަވެސް، ސަޖާ ގޮވާލުމާއެކު، މަޑުޖެހިލިއެވެ. އަތުން އިޝާރާތްކޮށްލުމާއެކު، އޭނާ އަނެއްކާވެސް ސަޖާ ކައިރިއަށް އައެވެ.

"އަހަރެން މައާލްއަށް އެއްޗެއް ދޭންވެގެން." ސަޖާ އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދައްކާލިއެވެ. މައާލްގެ ނަން ސަޖާއަށް އެނގުމުން ދޮރުވާނަކަށް ހުރި މީހާއަށް އެދެމީހުން އެކަކު އަނެކަކު ދަންނަކަމުގައި ހީކުރެވުނެވެ. އެހެންނަމަވެސް، އަންގާފައިވާ ގޮތަށް ކަންތައް ކުރުމުގެ ގޮތުން އޭނާ ގޭތެރެއަށް ގުޅައިލިއެވެ.

އޭރު މައާލް އިނީ ސޯފާގައެވެ. އޭނާގެ ގާތުގައި އޭވާ އިނެވެ.

"މޭމް… ސަޖާއެއް. މޭމް ހޯދަން ވެގެން." ގޭގައި އުޅޭ ނޯކަރު ކުއްޖެއް ފޯނު ނެގުމާއެކު، ބުނެލިއެވެ.

"ސަޖާއޭ… ނުދަންނަން. ކީކުރަން އައީ މީހެއް؟" މައާލްއަށް އެ ނަން މީގެ ކުރިން ވިޝާމްގެ ފަރާތުން ގޯނާ ލިބުނު ރޭ އަޑު އިވުނު ނަމަވެސް، އެކަމެއް އޭނާގެ ހަނދާނަކަށް ނައެވެ. އޭނާ އެމީހަކު ވައްދަން ބުނެލިއެވެ. ހުއްދަ ލިބުމާއެކު، ސަޖާ ގޮސް ގޭތެރެއަށް ވަނެވެ. އޭވާގެ ނަޒަރު ސަޖާއަށް ހުއްޓުމާއެކު، އޭނާގެ މޫނުމަތިން ހާސްކަން ފެނިލިއެވެ.

"މައާލް ދޯ…" މައާލްގެ ގާތަށް އައިސް ހުއްޓިފައި ސަޖާ ބުނެލިއެވެ. ސަޖާގެ އަޑު މީގެ ކުރިން އިވިފައި ވިނަމަވެސް، ސީދާ ކޮންތަނަކުން ކަމެއް ބުނާކަށް އޭނާއަކަށް ނޭނގުނެވެ.

"އަހަރެން ދަންނަންތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"އާނ. ވަރަށް ރަނގަޅަށް." ވަގުތުން ސަޖާ ޖަވާބު ދިނެވެ. މައާލްއަށް ވެރިވި ހައިރާންކަމާއެކު، ސަޖާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނިލިއިރު، އޭވާ ކަންބޮޑުވިއެވެ.

"މައާލް ހަނދާނެއްނެތްތަ؟ ކައިވެނިކުރި ދުވަހުވެސް އަހަރެން އައިމެއްނު. އަދި ހޮސްޕިޓަލުގައި އޮތްއިރުވެސް، މައާލް ވިޝާމްއާއެކު ކޮޓަރީގަ ހުރިއިރުވެސް. އަހަރެެންގެ އަޑު ނޭނގުނު ދޯ.." ސަޖާ ވަކިވަކިން ހުރިހާ ދުވަހެއްގެ ވާހަކަ މައާލްގެ ކައިރީގައި ބުނަމުން ދިޔައެވެ.

"ރާދިންގެ އެކުވެރިއެއްތަ؟ ދެން ހޮސްޕިޓަލުން… ނާރސް.." ހައިރާންކަމާއެކު، މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ލޯމައްޗަށް މަންޒަރު ނުފެންނާތީ ނޭނގެނީ ދޯ. ގެޓު ނުވޭތަ؟ އަހަރެންމީ ނަރުހެއްވެސް އަދި ރާދިންގެ އެކުވެރިއެއް ވެސް ނޫނޭ. އަހަރެން މީ ރާދިންގެ ލޯބިވެރިޔާ… އަހަރެންގެ ނަމަކީ ސަޖާ…" ޖެހިލުމެއްނެތި ސަޖާ ބުނެލިއެވެ.

"ނުވާނެ ތިހެންނެއް. ކާކު ތީ؟ ތި ކަހަލަ ހަޑިހުތުރު ވާހަކަދައްކާނެކަމަށް ނެތް. ހަމަ މިހާރު ނުކުމޭ މިގެއިން." މައާލްއަށް އޭނާގެ ރުޅިވެރިކަން ކޮންޓްރޯލްއެއް ނުކުރެވުނެވެ. އެ ކަމުންވެސް ސަޖާ ޖެހިލުމެއް ނުވިއެވެ. އޭނާ މައާލްއަށް ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.

"ރާދިންއަށް ހާދަ އިތުބާރެކޭ ތިކުރަނީ؟ ކަލެއަަށް ނޭނގުނަސް، ކަލެއާ އިންފަހުންވެސް އޭނަ އެތަކެއް ރެއެއް އަހަންނާ އެކު ހޭދަކުރި…"

"ނުކުންނާށޭ. އަހަރެމެން ދެމީހުން ދޭތެރެ ޖައްސަން ކޮންމެ އެއްޗެއް ކިޔަސް ގަބޫލެއް ނުކުރާނަން." މައާލްގެ ހިތުގެ ހިނގުން އަވަސްވެފައިވާއިރު، އޭނާވަނީ ރުޅިއައިސް ރަތްވެފައެވެ.

"އަޅެ އަހާބަލަ ރާދިން ކައިރީ މީ ދޮގެއްތޯ؟ ރާދިންއަކަށް ނުކެރޭނެ ދެކޮޅު ހަދާކަށް. ކަލޭ ކޮޓަރިއަށް ލާ ބަންދުކޮށްފައި އޭނަގެ އުނގުތެރޭގައި އިންނަނީ މަށޭ… އަދިވެސް ގަބޫލެއް ނުކުރާނަންތަ؟ އެހެންވިއްޔާ މި އޮތީ ރިޕޯޓް. އަހަރެން ބަނޑު ބޮޑު ކަމުގެ. އެވެސް ރާދިންގެ ދަރިއަކަށް. ކަލޭގެ ފިރިމީހާގެ ދަރިއަކަށް." ސަޖާގެ ވާހަކައާއެކު އެތަނުގައި ބޮމެއް ގޮވި ފަދައެވެ. އޭވާއަށް ދެލޯ ބޮޑުކޮށްލެވުނުއިރު، މައާލްގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ކޮޅަށް ހުންނަންވެސް މައާލްއަށް ދަތިވިއެވެ.

"ހުސް ދޮގު ތީ… ހުސް ދޮގު…" މައާލް އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެ އަންހެނާ އެ ހަދަނީ ދޮގެވެ. އޭނާގެ ރާދިން އޭނާއަށް ބޭވަފާތެރިއެއް ނުވާނެއެވެ. ރާދިން ލޯބިވަނީ އޭނަ ދެކެއެވެ. ރާދިން އެއް އެހެން އަންހެނަކާ އެފަދަ ގުޅުމެއް ނުބާއްވާނެއެވެ.

"އެހެންވިއްޔާ ރާދިން އައިމަ ރާދިންއާ ސުވާލުކުރޭ، ދާދި އިހަކަށް ދުވަހު އެފަދަ ގުޅުމެއް އަހަންނާ ނުބާއްވަންތޯ؟ އޭރުން ތި ތި ސުވާލުގެ ޖަވާބު ލިބޭނެ." ސަޖާ އޭނާއާ ރާދިންއާ އޮތް ގުޅުން ހާމަކުރަމުން ދިޔައިރު، އޭވާއަށް ހުރެވުނީ އެތަނުން ގުޑާލަން ނޭނގިފައެވެ. މައާލް ހީވަނީ ދެންމެ ދެންމެ އަރި އަޅާލަފާނެހެންނެވެ. މައާލް އާ އިނީ މަޖުބޫރުންކަމަަށާއި މައާލްއާ އިނުމުގެ ފަހުންވެސް، އޭގެ ކުރިން އެ ދެމީހުން ދެމެދު އޮތް ގުޅުން ހަމަ އެގޮތުގައި އޮތްކަމަށް ސަޖާ ބުންޏެވެ.

"މިއޮތީ ރިޕޯޓް. މި ދައްކާފަ ރާދިންއާ ސުވާލުކުރޭ…" އެހެން ބުނެލާފައި ސަޖާ މައާލްގެ އަތަށް އޭނާގެ ޕްރެގްނޭންސީ ރިޕޯޓް ލައިދީފައި ނުކުންނަން ހިނގައިގަތެވެ. މައާލް އަރިއަޅާލުމާއެކު، ޙުޝިއާރުވެ ހުރި އޭވާ މައާލް ހިފެއްޓިއެވެ. އެހެންނަމަވެސް، ހަށިގަނޑުގެ ވަރުނެތް ޙާލު މައާލްއަށް ހުރި ދިމާލަށް ތިިރިވެވުނެވެ. މުޅި ޖިސްމުވެސް ހީވަނީ ވޭނުގެ ތެރޭގައި ފުނޑުފުނޑު ވެދާނެހެންނެވެ. އޭވާގެ އަތް ފޮޅުވާލުމާއެކު، ގިސްލަ ގިސްލާފައި މައާލްއަށް ރޮވެން ފެށުނެވެ. އަމިއްލަ ފިރިމީހާ އޭނާއަށް ބޭވަތާތެރި ވީހެއްޔެވެ؟ ރާދިންގެ ފަރާތުން އޭނާއަށް ލިބުނު ލޯތްބާއި އޯގާތެރިކަމަކީ، ކުޑަ ހިނދުކޮޅެއްގެ ކަމެއްހެއްޔެވެ؟

ކޮޅަށް ތެދުވެގެން އޭނާ ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަންނަން އުޅުމުން އޭވާ މައާލްއަށް އެހީތެރިވެދިނެވެ. ވަކި ހިސާބަކުން އޭވާގެ އަތުން ދޫކޮށްލާފައި މައާލް ގޮސް ކޮޓަރިއަށް ވަނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރެމުން ދިޔައިރު، އެ ކަރުނަތައް ހުއްޓުވުމުގެ ގާބިލްކަމެއް އޭނާގެ ނެތެވެ. މީގެ ކުރިން ދުވަހަކު ނުވާހާ ދެރަ އޭނާވިއެވެ. ރޮއި ރޮއިވަރުބަލިވި މައާލް ގޮސް އެނދުގައި އިށީނދެ ކަރުނަތައް ފުހެލިއެވެ. އޭނާގެ އަތުގައި އޭރުން ރިޕޯޓް އޮތެވެ.

* * * * *

ސަޖާގެ ވާހަކަތައް ހަނދާންވެ ވޭނާ ތަކުލީފު ލިބެމުން ދިޔަ މައާލްގެ ހިތްވަނީ ބަލިކަށިވެފައެވެ.

ގިސްލަމުން ރޮމުން ދިޔަ މައާލްގެ ކަރުނަތަކުން ރާދިންގެ ހިތް ތޮރުވަމުން ދިޔަނަމަވެސް، އެއީ، މައާލް ތަހައްމަލް ކުރަމުން އެދާ ވޭނާ އެއްފަދަ ކުރެވޭނެ ތަދެއް ނޫންކަން ރާދިންއަށް އެނގެއެވެ. އަތުގައި އޮތް ރިޕޯޓަށް އޭނާއަށް އަދިވެސް އެއްފަހަރު ބަލައިލެވުނެވެ. މައާލްއަށް ބަލައިލިއިރު ހުއްޓާ ނުލާ އިނދެ އޭނަ ރޮމުން ދިޔައެވެ.

"ރާދިން އަހަންނަށް އެހާ އަނިޔާވެރިވީ އޭނައާ ރައްޓެހިވެގެން އުޅެނިކޮށް އަހަރެން ރާދިންއާ އިންނަން އެއްބަސްވީމަތަ؟ އަހަރެން ރާދިންއާ އިނީމަތަ؟ ކުޑަ ދުވަސްކޮޅަކަށް ލޯބި ދީފައި މިގޮތަށް އަހަރެންގެ ހިތް ހަލާކުކޮށްލަންތަ ރާދިން ބޭނުންވީ؟" ގިސްލުމުގެ ތެރެއިން މައާލްއަށް ސުވާލުކޮށްލެވުނުއިރު، އެ އަޑުން ޝަކުވާ ނޫން އެއްޗެއް ރާދިންއަކަށް ދޭހައެއް ނުވިއެވެ.

"މާލް! ނޫން." ރާދިން އެއްޗެއް ބުނަން އުޅުނު ނަމަވެސް، ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. މައާލްގެ ކަރުނަތައް އޭނާގެ ނަފްސު ހިމޭންކުރުވަމުން ދިޔައެވެ. އެހެންނަމަވެސް، އެ ކަރުނަތައް ހުއްޓުވަން ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނެވެ.

"އަހަރެން ނުކުޅެދޭ މީހަކަށް ވީމަ. ރާދިން އަށް ބޭނުންވާ ހުރިހާ ކަމެއް ނުކޮށްދެވޭތީ ދޯ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރީ… ހާދަ ބޮޑު އޮޅުވާލުމެކޭ. ރާދިން އަހަރެންދެކެ ލޯތްބެއް ނުވޭ… " ދިރިހުއްޓާ މަރުވަމުން ދިޔަ އިޙްސާސްއެއް މައާލްްއަށްކުރުވިއެވެ.

ނޫން މާލް. އައި ލަވް ޔޫ… އައި ރިއަލީ ޑޫ…" އެހުރި ގޮތަށް ހުރެ ރާދިންއަށް ބުނެވުނުއިރު، އޭނާގެ ލޮލުގެ ތެރެއަށް ވެސް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

"އައި އެމް ސޮރީ… އޭރު އަހަންނަށް ނުވިސްނުނީ. އެކަމަކު އޭނައާ އަހަރެން ގުޅުން ކަނޑާލީމޭ. މައާލްދެކެ ލޯބިވީމޭ…" ރާދިން އަށް ބުނެވުނެވެ.

"ހުސް ދޮގު. ރާދިން އަހަރެންގެ އުފާތައް ފޭރިގަތްފީމު." މައާލްގެ އެ ޖުމްލައާއެކު، ޓައިލްސްތަކު މަތީގައި ކަކޫ ޖަހާލައިގެން ރާދިން އިށީދެ މައާލްގެ އަތުގައި ހިފައްޓާލަން އުޅުނު ނަމަވެސް އެ ފުރުސަތެއް މައާލް ނުދިނެވެ.

"އަހަރެންގެ ގައިގައި އަތް ނުލާތި." މައާލް ރޮމުން ދިޔަނަމަވެސް، އެ އަޑުގައި ރުޅިވެރިކަމާއި، އަމުރުވެރިކަން ވެއެވެ.

"ތިހެން ނަހަދާ. ޖަސްޓް ގިވް މީ އަ ޗާންސް ޓު އެކްސްޕްލެއިން…" ރާދިން އެހެން ބުނެލި ނަމަވެސް މައާލް ދެފަރާތަށް ބޯ ހޫރާލީއެވެ. ރާދިންގެ އަޑު އެހުމުގެ ހިތްވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ.

"އަހަރެން ވަރިކުރޭ ރާދިން."

ކޮމެންޓް 0